ހުވަފެން - 12

(12 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އޭނާ އަޅުގަނޑާ އަޅައިގަނެގެން އުޅޭ- އެކަމަކު އަޅުގަނޑެއް އޭނާއަކާ އެއްވެސް ގުޅުމެއް ނުބާއްވަން- އަޅުގަނޑު އޮންނާނީ އޭނާއަށް ވެސް އަޅުގަނޑު އޭނާޔާ ނުރުހޭކަން އަންގައިފައި-"

ބްލޭކް ބޯޖަހައިލިއެވެ. "އޭނާ އޮފީހުގައި ބަހައްޓައިފައި ދިޔަ ލިޔުންތައް ދެއްވަން ދުރުވިކަން ވަރަށް ރަނގަޅު- ރުޅިއަންނަ މީހުންނަށްޓަކައި ބުރަ އުފުލާ މީހުންނަކީ ވަރަށް މަދުން ފެންނަ ބައެއް-"

ކޮން ލިޔުންތަކެއް ހެއްޔޭ އޭޝްލީއަށް އަހައިނުލެވުނީ ކިރިޔާއެވެ. އެކަމަކު ކުއްލިއަކަށް ހަނދާން ވެއްޖެއެވެ. "އެއީ... އެއީ ބުރައެއް ނޫން- ދިޔަ މަގުމަތީގައި އެ ތަނަށް ވަންނާކަށް އުނދަގުލެއް ނުވާނެ-"

"ލައްބަ- ޓިބްލްއަށް ހަދާފައި އޮތް ގޮތަށް ހަދާނީ އޭނާ ދެކެ ވަރަށް ބޮޑަށް ރުޅި އަންނަ މީހެއް-"

އޭޝްލީ އަނގަޔަކުން ނުބުނެއެވެ.

"އަޅުގަނޑު އެންމެ ރުޅި އަންނަނީ ކޮން އެއްޗެއް ދެކެ ކަން އެނގި ލައްވާތޯ-؟" ބްލޭކް އަހައިލިއެވެ. "އަޅުގަނޑު އެންމެ ބޮޑަށް ރުޅި އަންނަނީ ނުނިމި ހުންނަ މައްސަލަ ދެކެ- ޚާއްޞަކޮށް ޤަތުލުގެ މައްސަލަ- އެހެން އެ ވަނީ ޤާތިލުންގެ ވިސްނުން ތޫނު ކަމުންނޭ އަޅުގަނޑުގެ ހިތަކަށް ނާރާ- އަޅުގަނޑުގެ ހިތަށް އަރަނީ އެއީ ފުލުހުންގެ މޮޔަކަމުން ވާ ކަމެކޭ- މިހައި ތަނަށް އަޅުގަނޑުގެ ނަސީބު އޮތީ ވަރަށް ރަނގަޅަށް- ޙަވާލުވި ކޮންމެ މައްސަލައެއް ބަރާބަރަށް ނިންމަން-" އޭނާ ތެދުވެއްޖެއެވެ. "މި މައްސަލަ ވެސް ނިންމުމަކީ އަޅުގަނޑުގެ އަޒުމް- ހަތިޔާރެއް ނުބަހައްޓާނަން- އަޅުގަނޑަށް ބޭނުން ހިފޭ ކަހަލަ ކަމެއް އެނގިލައްވައި ފިއްޔާ އަޅުގަނޑާ ގުޅުއްވާނަން- އެހެންނޫންތޯ-؟"

"ލައްބަ- ގުޅާނަން-"

އޭނާ ނުކުމެގެން ދިޔަ ތަން ބަލަން ހުރި އިރު އޭޝްލީގެ ހިތުގައި ހިނގަމުން ދިޔައެވެ. އޭނާ އެ އައީ އިންޒާރެއް ކުރަން ހެއްޔެވެ؟ އޭނާ އެ ބުނާ ވަރަށް ވުރެ ބޮޑު އެއްޗެއް އޭނާއަށް އެނގޭ ބާވައެވެ؟

ޓޮނީ އިނީ އިންޓަރނެޓްގައެވެ. އެއް ކަންފަތް ކަނޑައިލައިގެން ގެންދިޔަޔަސް ނޭނގޭހައި ބޮޑަށް އޭގެ ތެރެއަށް ވަދެފައެވެ. އޭނާ އެންމެ ވާހަކަދައްކާ ހިތްވަނީ ޖީން ކްލައުޑީއާއެވެ. އެކަމަކު އެހެން މީހުންނާ ވާހަކަދެއްކުން ވެސް އޭނާ ހުއްޓައެއް ނުލައެވެ. ލިބޭ ކޮންމެ ފުރުޞަތެއް އޭނާ ހޭދަކުރަނީ ކޮމްޕިއުޓަރުގެ ކައިރީގައެވެ.

"ޓޮނީ-؟ ހާދަހާ ލަހެއް ވެއްޖެއޭ- އަހަރެން މި ޗެޓް ރޫމްގައި އިންތިޒާރު ކުރާތާ ވަރަށް ގިނައިރު ވެއްޖެ-"

"އަހަންނަށް އިންތިޒާރު ކުރުމަކީ ގެއްލުމަކަށް ނުވާނެ- ކަލޭގެ ވާހަކަ ކިޔައިދީ- ކުރަނީ ކޮން މަސައްކަތެއް-؟"

"އަހަރެން މަސައްކަތް ކުރަނީ ބޭސްފިހާރައެއްގައި- އަހަރެން ކަލެއަށް ހެޔޮވާނަން- ކަލޭ މަސްތުވާ އެއްޗެތީގެ ބޭނުންކުރަންތަ-؟"

"ރައްކާވޭ-"

"ޓޮނީ- ތިޔައީ ހަމަ ޓޮނީތަ-؟"

"އާނ- އަހަރެން މިއީ ކަލޭގެ ހުވަފެންތަކުގެ ތަޢުބީރު- ތިޔައީ މާރކްތަ-؟"

"އާނ-"

"ކަލޭ އިންޓަރނެޓަށް ނުވަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ-"

"އަހަރެން ތަންކޮޅެއް ބުރަކޮށް އުޅެން ޖެހުނީ- ޓޮނީ- އަހަރެން ކަލެއާ ބައްދަލުކުރަން ބޭނުން-"

"ކަލޭ ކުރަނީ ކޮން މަސައްކަތެއް-؟"

"އަހަރެން މަސައްކަތް ކުރަނީ ލައިބްރަރީ އެއްގައި-"

"އެހެންތަ-؟ ހާދަހާ ރަނގަޅޭ- އެ ހުރިހާ ފޮތަކާ..."

"ދެ މީހުން ބައްދަލުކުރާނީ ކޮން ދުވަހަކު-؟"

"ނޮސްޓްރަޑާމަސް އާ ސުވާލު ކުރޭ-"

"ހަލޯ ޓޮނީ- އަހަރެންގެ ނަމަކީ ވެންޑީ-"

"ހަލޯ ވެންޑީ-"

"ކަލެއަކީ ވަރަށް މަޖާމީހެއް ފާޑު ޖަހާ-"

"އާނ- އަހަންނަކީ މަޖާކުރާ ހިތްވާ މީހަކީން-"

"އަހަރެންގެ އެހީ ލިބުނީމާ މިހާރަށް ވުރެ މަޖާކޮށް އުޅެވޭނެ-"

"އަހަރެން ހަދަންވީ ކިހިނެއް-؟"

"ކަލެއަކީ އާ ކަންތައްތައް ތަޖުރިބާ ކުރަން ކެރޭ މީހެއް ކަމަށް އަހަރެން ހީކުރަން- އަހަރެން ބޭނުންވަނީ ކަލެއާ އެކީ ރަނގަޅު ވަގުތުކޮޅެއް ހޭދަކޮށްލަން-"

"ޝުކުރިއްޔާ- އަހަރެން ބޭނުންވާ އެއްޗެއް ކަލޭގެ އަތަކު އޮތް ހެންނެއް ހިއެއް ނުވޭ-"

ދެން އައީ ޖީން ކްލައުޑީ ޕޭރެންޓެވެ.

"ކިހިނެއް-؟"

"ރަނގަޅު- ކަލޭގެ ޙާލު ކިހިނެއް-؟"

"މި ދުވަސްކޮޅު ކަލޭގެ މަތިން ވަރަށް ބޮޑަށް ހަނދާންވޭ- ކޮންމެހެންވެސް ބައްދަލުކޮށްލަން ބޭނުންވޭ-"

"އަހަރެން ވެސް ކަލެއާ ބައްދަލުކުރަން ބޭނުން- ދެ މީހުންގެ ގުޅުން ބަދަހިކުރަން އެއީ ވަރަށް މުހިންމު ކަމެއް- ކެބެކްގައި އޮންނަ ކޮމްޕިއުޓަރ ކޮންވެންޝަންގައި ބައިވެރިވާން ކަލޭމެންގެ ކުންފުންޏެއް ނާދޭތަ-؟"

"ނޭނގޭ- އެއީ ކޮން ދުވަހަކު އޮތް ކަމެއް-؟"

"އަދި ތިން ހަފްތާ ފަހުން- ވަރަށް ގިނަ ބޮޑެތި ކުންފުނިތަކުން އެ ކޮންވެންޝަނުގައި ބައިވެރިވޭ- ކަލޭމެންގެ ކުންފުނިން ވެސް ބައިވެރިވާނެ ކަމަށް ހީކުރަން-"

"އަހަރެން ވެސް އުއްމީދުކުރަން-"

"އެންމެ ރަނގަޅު- މާދަމާ އަދި ބައްދަލުކުރާނަން-"

ވިދިގެން އައި ދުވަހު ޝޭން މިލަރ އޭޝްލީ ހުންނަ ގޮޅިއަށް އައިސް އަހައިލިއެވެ. "އޭޝްލީ- ކެބެކްގައި ބާއްވަން އުޅޭ ބޮޑު ކޮމްޕިއުޓަރ ކޮންވެންޝަނެއްގެ ޚަބަރު އެހިންތަ-؟"

އޭނާ ބޯޖަހައިލިއެވެ. "އާނ އެއީ ބައިވެރިވާން ރަނގަޅު ތަނެއްހެން ހީވޭ-"

"އަހަރެން މި އައީ ތިޔަ ކަމާ ބެހޭ ގޮތުން ވާހަކަދައްކައިފައި-"

"ހުރިހާ ކުންފުންޏަކުން ވެސް ބައިވެރިވޭ-" އޭޝްލީ ބުނެލިއެވެ. "ސައިމަންޓެކް، މައިކްރޯސޮފްޓް، އެޕަލް- ކެބެކް ސިޓީގައި  ވަރަށް ބޮޑު ރަސްމިއްޔާތެއް ބާއްވާ ކަމަށް ވެސް ޚަބަރު ލިބޭ-"

ޝޭން މިލަރ ހިނިތުންވެލިއެވެ. "އަހަރެން ބަލާނަން-"

އޭގެ އަނެއް ދުވަހު ހެނދުނު ޝޭން މިލަރ، އޭޝްލީއަށް ގޮވައި އޭނާގެ އޮފީހަށް ގެނެސްފައި އަހައިލިއެވެ. "ކެބެކް ސިޓީގައި ކްރިސްމަސް ހޭދަކުރާ ހިތްވޭތަ-؟"

"އަހަރެމެން ބައިވެރި ވަނީތަ-؟ ވަރަށް ރަނގަޅު-" އޭޝްލީ ވަރަށް އުފާވިއެވެ. މީގެ ކުރިން އޭނާ ކްރިސްމަސް ހޭދަކުރަނީ ބައްޕައާ އެކީގައެވެ. އެކަމަކު މި އަހަރު ބައްޕައާ އެކީ ހޭދަކުރާ ހިތެއް ނުވެއެވެ.

"ފިނިމޫސުމުގައި ލާހެދުން ހޯދާފައި ބަހައްޓާތި-؟"

"މައްސަލައެއް ނެތް-"

ޓޮނީ އިނީ އިންޓަރނެޓް ޗެޓް ރޫމެއްގައެވެ. "ޖީން ކްލައުޑީ- އަހަރެމެންގެ ކުންފުނިން ބަޔަކު ކެބެކަށް ފޮނުވަން ހަމަޖައްސައިފި- އަހަރެން ވެސް އެ މީހުންގެ ތެރޭގައި ހިމެނޭ-"

"ވަރަށް އުފާކޮށްފިން- އަންނާނީ ކޮން ދުވަހަކު-؟"

"އަދި ދެ ހަފްތާ ފަހުން- އަހަރެމެންގެ ކުންފުނިން ފަނަރަ މީހުން ފޮނުވާ-"

"އެ ދުވަސްކޮޅު ވަރަށް އުފާވެރި ދުވަސްކޮޅަކަށް ވާނެހެން ހީވަނީ-"

"އާނ-" ވަރަށް އުފާވެރި ދުވަސްކޮޅަކަށް ވާނެއެވެ.

އޭޝްލީ ކޮންމެ ދުވަހަކު ޚަބަރު ބަލައެވެ. ނޫސް ކިޔައެވެ. އެކަމަކު ޑެނިސް ޓިބްލްގެ މަރުގެ ޙާދިސާގެ ތަޙްޤީޤު ކުރިއަކަށް ނުދެއެވެ. އޭނާގެ ހިތް ގަރާރު ވެއްޖެއެވެ. މަރުގެ ޙާދިސާއާ އަހަންނާ ނުގުޅުވާ ކަމަށް ވަންޏާ، ބައްޕަ އަކާވެސް ގުޅުވޭކަށް ނޯންނާނެއެވެ. ވަރަށް ގިނަ ފަހަރަށް ބައްޕައާ ސުވާލު ކޮށްފައިނަމޭ ވެސް ހިތަށްއަރައެވެ. އެކަމަކު ކުރާކަށް ނުކެރެއެވެ. ބައްޕަގެ ކުށެއް ނެތްކަމަށް ވެއްޖެއްޔާ ވަރަށް ރުޅި އަންނާނެއެވެ. އެ ކަހަލަ ކަމަކާ ޝައްކު ކޮށްފިއްޔާ ދުވަހަކު ވެސް ބައްޕަ އޭނާއަކަށް މަޢާފެއް ނުކުރާނެއެވެ. ބައްޕަގެ ކުށެއް އޮތިއްޔާ އަހަރެން އެ ކަން ފަޅާއަރުވާކަށް ބޭނުމެއް ނުވެއެވެ. އެ ކަން އެނގޭކަށް ވެސް ބޭނުމެއް ނުވެއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އަހަންނަކަށް އެ ވާހަކައެއް އަޑެއް ނޭހޭނެއެވެ. ބައްޕަ އެ ކަހަލަ ނުބައި ކަމެއް ކުރިއްޔާ ކުރާނީ އޭޝްލީގެ ހެވަށެވެ. އޭނާ ސަލާމަތް ކުރުމުގެ ނިޔަތުގައެވެ. މި ކްރިސްމަސްގައި ބައްޕައާ ކުރިމަތިލާކަށް ނުޖެހޭނެއެވެ.

އޭޝްލީ ސެން ފްރެންސިސްކޯއަށް، އޭނާގެ ބައްޕައަށް ފޯނުކުރިއެވެ. "ބައްޕާ- މި އަހަރު ކްރިސްމަސް ބައްޕައާ އެކީ އަޅުގަނޑަކަށް ހޭދައެއް ނުކުރެވޭނެ- ކުންފުނީގެ ފަރާތުން އަޅުގަނޑު ކެނެޑާގައި އޮންނަ ކޮންވެޝަނަކަށް ފޮނުވަނީ-"

ވަރަށް ގިނަ އިރު ވާންދެން ހިމޭނުން ހުރުމަށް ފަހު އޭނާގެ ބައްޕަ ބުނެލިއެވެ. "އޭޝްލީ- ތިޔައީ ވަރަށް ދެރަކަމެއް- ކޮންމެ އަހަރަކު ވެސް މި ދުވަސްކޮޅަކީ ދެ މީހުން އެކީގައި ހޭދަކުރާ ދުވަސްކޮޅެއް-"

"އެކަމަކު އަޅުގަނޑަކަށް..."

"އަހަރެންގެ ހުރިހައި ވެސް މީހަކީ ކަލޭ- އެކަން ކަލެއަށް ރަނގަޅަށް އެނގޭނެ-"

"ލައްބަ- އަޅުގަނޑަށް އެނގޭ- އަޅުގަނޑުގެ ވެސް ބައްޕަ ނޫން މީހަކު ނެތް-"

"ރަނގަޅު- މުހިންމު ކަމަކީ އެ ކަން ހަނދާން ބެހެއްޓުން-"

އެއީ މީހަކު މަރައިލާހައި މުހިންމު ކަމެއް ހެއްޔެވެ؟

"ތިޔަ ކޮންވެޝަނެއް އޮތީ ކެނެޑާގެ ކޮން ތަނެއްގައި-؟"

"ކެބެކް ސިޓީގައި- އެއީ..."

"އެހެންތަ-؟ އެއީ ވަރަށް ރީތި ރަށެއް- އަހަރެން އެ ތަނަށް ނުދާތާ ތިން އަހަރު ވެދާނެ- މި ދުވަސްކޮޅަކީ ހަސްފަތާލުގައި ވެސް މަސައްކަތް ލުއި ދުވަސްކޮޅެއް- އެހެންވީމާ އަހަރެންވެސް ކެބެކަށް އަންނާނަން- ދެ މީހުން އެކީގައި ކޮންމެވެސް ތަނަކަށް ކާން ދާނީ-"

އޭޝްލީ އަވަސްއަވަހަށް ބުނެލިއެވެ. "ނޫނޭ- އަޅުގަނޑަކަށް..."

"ދަރިފުޅު ހުންނަ ހޮޓަލަކުން ބައްޕައަށް ވެސް ކޮޓަރިއެއް ހިފައިފައި ބަހައްޓާ- ޒަމާނުއްސުރެ ހިފަހައްޓަމުން އައި އާދައެއް ހުއްޓައިލާކަށް ނުވާނެ-"

އޭނާ މަޑުމަޑުން ބުނެލިއެވެ. "އެންމެ ރަނގަޅު-"

އަހަންނަށް ބައްޕައާ ކުރިމަތިލާން ކެރޭނެ ހެއްޔެވެ؟

އެލެޓް އިނީ ވަރަށް އުފަލުންނެވެ. އޭނާ ޓޮނީއާ ދިމާއަށް ބުންޏެވެ. "އަހަރެން ދުވަހަކު ވެސް ކެބެކް ސިޓީއަކަށް ނުދަން- އެ ތާނގައި އާރޓް ގެލަރީއާއި، ދާރުލްއާޘާރު ކަހަލަ ތަންތަން ހުރޭތަ-؟"

"އާނ ހުރޭ-" ޓޮނީ ބުންޏެވެ. "އެ ތާނގައި ހުރިހާ އެއްޗެއް ވެސް ހުންނާނެ- ފިނިމޫސުމުގެ ކުޅިވަރުތައް ވެސް ވަރަށް ކުޅޭނެ- ސްކީކުރުމާއި، ސްނޯ މަތީގައި ދުއްވުމާއި..."

އޭޝްލީ ތުންއަނބުރައިލިއެވެ. "ފިނިމޫސުން ދެކެ އަހަރެން ވަރަށް ރުޅި އާދޭ- އަހަންނަކީ ކުޅިވަރު ކުޅޭ ހިތްވާ މީހަކީމެއް ނޫން- އަންގި އަރުވައިގެން ހުއްޓަސް އަހަރެންގެ އަތް އައްސިވޭ- އަހަރެން ބޭނުންވަނީ ދާރުލްއާޘާރު ކަހަލަ ތަންތަން ބަލައިލަން-"

ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސްގެ ޖަމާޢަތް ދަތުރުކުރި ބޯޓު ޖީން-ލެސާޖް އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ ޑިސެމްބަރުމަހުގެ އެކާވީސް ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެ ތަނުން އެ މީހުން ދިޔައީ ކެބެކް ސިޓީގެ ޝެޓޫ ފްރޮންޓާސް އަށެވެ. ފިނިކަން އޮތީ އިންތިހާއަށް ގޮސްފައެވެ. ހުރިހާ މަގެއް ފެންނަނީ ހުދުކުލައިގައެވެ.

ޖީން ކްލައުޑީ އޮތީ އޭނާގެ ގޭގެ ފޯނު ނަންބަރު ޓޮނީއަށް ދީފައެވެ. ކޮޓަރިއަށް ވަދެވުމާ އެކު އޭނާ އެންމެ ފުރަތަމަ ކުރި ކަމަކީ ޖީންއަށް ފޯނުކުރުމެވެ. "ލަހުން ގުޅީމާ އުނދަގޫވޭތަ-؟"

"ނޫނޭ- ކަލެއާ މި ތަނުން ބައްދަލު ވެވޭ ގޮތް ވަނީ ކަމަށް ޤަބޫލުކުރަން ވެސް ދަތި- ބައްދަލުވާނީ ކޮން ދުވަހަކު-؟"

"މާދަމާ ހެނދުނު އަހަރެމެން އެންމެން ދާނީ ކޮންވެންޝަން ސެންޓަރަށް- ކޮންމެވެސް އެތިފަހަރެއް ހަދައިގެން މެންދުރު ކާގަޑީގައި ބައްދަލު ކުރެވޭތޯ ބަލާނަން-"

"ވަރަށް ރަނގަޅު- ލޭ ޕެރިސް-ބްރެސްޓްއޭ ނަމަކަށް ކިޔާ ވަރަށް މަޝްހޫރު ރެސްޓޯރަންޓެއް ހުންނާނެ- އެކެއް ޖަހާއިރު އެ ތަނުން އަހަންނާ ބައްދަލުކުރާތި-"

"މައްސަލައެއް ނެތް-"

ކޮންވެންޝަން ބާއްވަން ހަމަޖައްސައިފައި އޮތީ ހަތަރު ބުރީގެ ބޮޑު ޢިމާރާތެއްގައެވެ. އެ ޢިމާރާތުގައި އެއްވެސް އުނދަގުލެއް ނެތި އެއް ހާސް މީހުންގެ ކޮންވެންޝަނެއް ބޭއްވިދާނެއެވެ. ހެނދުނު ނުވައެއް ޖެހިއިރު މުޅި ޢިމާރާތް އޮތީ ފުރިފައެވެ. ދުނިޔޭގެ އެތަން މިތަނުން އައިސް ތިބި ކޮމްޕިއުޓަރ މާހިރުން ވަދެ ތޮށްޖެހިފައެވެ. ހައެއްކަ ސެމިނާރ އެ ވަގުތު ހިނގަމުން ދިޔައެވެ. މަލްޓި މީޑިއާ ސްޓޯލްތަކުގައި ވެސް މަސައްކަތް ހިނގަމުން ދިޔައެވެ. ޓޮނީ އިނީ ފޫހިވެފައެވެ. ހުސްވާހަކައެވެ. އެއްވެސް ކަމެއް ނެތެވެ. އޭނާގެ ހިތަށްއެރިއެވެ. ބާރަގަޑި ސާޅީސްފަހެއް ހިނގި ތަނާ އޭނާ އެއްވެސް މީހަކަށް ނުފެނި، ޢިމާރާތުން ނުކުމެއްޖެއެވެ. ޓެކްސީއަކަށް އަރައި، ރެސްޓޯރަންޓަށް ދާން ބުނެފިއެވެ.

ޖީން ކްލައުޑީ އޭނާގެ އިންތިޒާރުގައި ހުއްޓެވެ. އޭނާ ޓޮނީއާ ސަލާންކޮށްލާފައި ބުންޏެވެ. "ޓޮނީ- މި ތަނަށް އައީތީ ވަރަށް ބޮޑަށް އުފާކުރަން-"

"އަހަރެން ވެސް އުފާވެއްޖެ-"

"މި ރަށުގައި ހޭދަކުރާ ދުވަސްކޮޅު އުފާވެރި ދުވަސްކޮޅަކަށް ހެދޭތޯ އަހަރެން މަސައްކަތް ކުރާނަން-" ޖީން ކްލައުޑީ ބުންޏެވެ. "މިއީ ވަރަށް ރީތި ރަށެއް-"

ޓޮނީ އޭނާއާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ. "އަހަރެން ހޭދަކުރާ ދުވަސްކޮޅު އުފާވެރިވާނެ ކަމުގެ ޔަޤީންކަން އެބަ އޮތް-"

"އަހަރެން ބޭނުންވަނީ ކަލެއާ އެކީ ވީހައި ގިނަ ވަގުތެއް ހޭދަ ކުރަން-"

"ވަގުތު އޮންނާނެތަ-؟ ގަހަނާ ފިހާރައަށް ހަދާނީ ކިހިނެއް-؟"

ޖީން ކްލައުޑީ ހިނިތުންވެލިއެވެ. "އަހަރެން ނެތަސް ފިހާރަ ހިނގާނެ-"

ވެއިޓަރަކު މެނޫ ހިފައިގެން އަތުވެއްޖެއެވެ.

ޖީން ކްލައުޑީ އަހައިލިއެވެ. "މި ރަށު މީހުން ކާ ކަހަލަ އެއްޗެތި ކާހިތްވޭތަ-؟"

"ގެނޭ-"

"އަހަރެން އޯޑަރު ކުރާނަން-" އޭނާ އޯޑަރުކޮށްފިއެވެ. "އަހަރެން މި އޯޑަރުކުރީ މި ރަށުގެ ވަރަށް މަޝްހޫރު ކެއުމަކަށް- އަސްދޫނި- ވަރަށް މީރުވާނެ-"

އެއީ ތެދެކެވެ. ވަރަށް މީރެވެ.

ކެއުމުގެ ތެރޭގައި އެކަކު އަނެކެއްގެ މާޒީގެ ވާހަކަ ކިޔައިދެމުން ދިޔައެވެ.

"ދުވަހަކު ވެސް މީހަކާ ހަމަ ނީންނަނީތަ-؟" ޓޮނީ އަހައިލިއެވެ.

"ނީންނަން- ކަލެޔޯ-؟"

"އަހަރެން ވެސް ނީންނަން-"

"ރަނގަޅު ފިރިހެނަކު ނުފެންނަނީ ދޯ-؟"

އެ ސުވާލުގެ ޖަވާބު ފަސޭހައިން ދެވޭނެނަމަ ކިހައި ރަނގަޅު ހެއްޔެވެ؟ "އާނ-"

ދެ މީހުންގެ ވާހަކަ ކެބެކް ސިޓީގެ މައްޗަށް އެނބުރިއްޖެއެވެ. އެ ރަށުގައި ހޭދަކުރާ ދުވަސްކޮޅު ކުރާނޭ ކަންތައްތަކުގެ ވާހަކަ ދެކެވެން ފަށައިފިއެވެ.

"ސްކީ ކުރަންތަ-؟"

ޓޮނީ ބޯޖަހައިލިއެވެ. "އާނ- އެއީ އަހަރެން ވަރަށް ކުރާ ހިތްވާ ކަމެއް-"

"އެ ކަހަލަ އެތައް ކުޅިވަރެއް މި ދުވަސްކޮޅު އޮންނާނެ- ބާޒާރު ކުރުމަކީވެސް މި ދުވަސްވަރު ވަރަށް ފޫހިފިލާ ކަމަކަށް ވާނެ..."

އޭނާގެ ވާހަކައިގައި މަޢުޞޫމް ގޮތެއް އެކުލެވިފައި ވެއެވެ. ޓޮނީއަކަށް މިހައި ވަރުގެ އުފަލެއް އެހެން އެއްވެސް މީހެއްގެ ފުށަކުން ނުލިބެއެވެ.

ޝޭން މިލަރއާ ވާހަކަދައްކައިގެން އޭނާގެ ޖަމާޢަތުގެ މީހުން ހެނދުނު ކޮންވެންޝަނަށް ގޮސްފައި، މެންދުރު ފަސް ހުހަށް އޮންނަ ގޮތަށް ހަމަޖައްސައިފިއެވެ.

"މި ތާނގައި ކުރާނޭ ކަމެއް އަހަންނަކަށް ނުވިސްނޭ-" އެލެޓް ޓޮނީއާ ދިމާއަށް ބުނެލިއެވެ. "ފިނިކަމުން ގޮސް ގަނޑުވާ ވަރުވޭ- ހުހަށް ލިބޭ ވަގުތު ކަލޭ ކުރާނީ ކޮން ކަމެއް-؟"

ޓޮނީ ހީނގަތެވެ. "އަހަރެން ހުރިހާ ކަމެއް ކުރާނަން-"

(ނުނިމޭ)

4 ޚިޔާލު

    • ވާހަކަ ރަނގަޅުވެގެން އައިސާ؛ñ

      މި ވާހަކަ ރަނގަޅު ވެގެން އައިސާ އުޅުއްވި.ތަރުޖަމާ ވަރަށް މޮޅޭ ވެސް އިހަށް ދުވަހު ބުނުއްވި?..އެކަމަކު މިއަދު ތި ދަންނަވަނީ ކުރިއަށް ނުގެންދަވަންތޯ؟ އެހެން ނަހައްދަވާ! ވާހަކައިގައި މިހާރު އެ ހިނގާ ކަންތަކުން ހިތްނުތަނަވަސް ވިޔަސް، ކުރިއަށް ހުރި ބައިތައް ދައްކާ މަންޒަރު ހިތްފަސޭހަ ވެސް ވެދާނެ ނޫންތޯ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.