(6 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކުޑަ ހިނދުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެއަށްފަހު ފަނޑިޔާރު ވިލިއަމްސް ބަލައިލީ ޑޭވިޑާ ދިމާއަށެވެ. "ޑޭވިޑް-"
"އާދެ-؟"
އަނެއްކާވެސް ހިނދުކޮޅަކަށް ހިމޭންވެފައި އޮތުމަށް ފަހު އިވުނީ ފަނޑިޔާރު ވިލިއަމްސްގެ އަޑެވެ. "އަޅުގަނޑަށް މަޢާފް ކުރައްވާ-؟"
ކޯޓުގައި ފަނޑިޔާރު ނިޔާ އިއްވަނީއެވެ. "މި ކޯޓަށް މައްސަލައިގައި ޙާޒިރުކުރެވުނު އޭޝްލީ ޕެޓަރސަންއާ ބެހޭ ގޮތުން ޑޮކްޓަރ ސަލެމް ދެއްވައިފައިވާ ބަޔާން ރަނގަޅު ކަމަށް ދެ ފަރާތުގެ ވަކީލުން ވެސް އެއްބަސްވެ ވަޑައިގަނޭ- ޑޮކްޓަރ ސަލެމް ވަނީ ވަރަށް ރަނގަޅަށް އޭޝްލީ ބައްލަވައިފައި- އެހެންވީމާ މި ކޯޓުން މި ނިންމަނީ އޭޝްލީ ޕެޓަރސަން ކުށްވެރިނުވާ ކަމަށް- އެއީ އޭނާ ޖަރީމާ ހިންގައިފައިވަނީ ސިކުނޑީގެ ޙާލަތު ރަނގަޅަށް ހުއްޓައި ނޫންކަމަށް ސާބިތުވާތީ- މި ކޯޓުން މި ޙުކުމްކުރަނީ އޭޝްލީ ޕެޓަރސަންއަށް ފަރުވާދޭން އެ ކަމާ ބެހޭ ހަސްފަތާލަކަށް ނުވަތަ އެ ފަދަ އިދާރާއަކަށް ފޮނުވަން- މި ހިސާބުން ޝަރީޢަތުގެ މަޖްލިސް ނިމުނީ-"
ޑޭވިޑް ތެދުވެއްޖެއެވެ. ހުރިހައި ކަމެއް ނިމުނީއެވެ. އޭނާއާއި، ސަންޑްރާއާ ދެ މީހުންނަށް އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުޞަތު އަނެއްކާވެސް ލިބުނީއެވެ.
އޭނާ ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ބަލައިލައިފައި އުފާވެރި ރާގަކަށް ބުނެލިއެވެ. "އަޅުގަނޑުގެ އަންހެނުން ވަރަށް އަވަހަށް ވިހާނެ-"
ޑޮކްޓަރ ސަލެމް ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އަހަރެންގެ ލަފައެއް އެބައޮތް- އެ ކަން ޑޭވިޑަށް ކުރެވޭނޭ ކަމެއް އަހަންނަކަށް ނޭނގޭ- ކުރެވިއްޖެއްޔާ އޭޝްލީއަށް ވަރަށް ބޮޑަށް ފައިދާކުރާނެ-"
"އެއީ ކޮން ކަމެއް-؟"
"ކަނެކްޓިކަޓް ސައިކިއޭޓްރިކް ހޮސްޕިޓަލަކީ އެމްޕީޑީގެ ވަރަށް ގިނަ މީހުންނަށް ފަރުވާދީފައިވާ ހަސްފަތާލެއް- އެހެން އެއްވެސް ހަސްފަތާލަކުން އެހައި ގިނަ މީހުންނަކަށް ފަރުވާދެވިފައި ވާނެހެންނެއް ހިއެއްނުވޭ- އަހަރެންގެ ވަރަށް ގާތް ޑަކްޓަރެއް އެ ތާނގައި މަސައްކަތްކުރޭ- އެއީ ޑޮކްޓަރ އޮޓޯ ލުވިސަން- ކޯޓާ ވާހަކަދައްކައިގެން އެ ތަނަށް އޭޝްލީ ގެންދެވިއްޖެއްޔާ ވަރަށް ރަނގަޅުވާނެ-"
"ޝުކުރިއްޔާ-" ޑޭވިޑް ބުނެލިއެވެ. "އަހަރެން މަސައްކަތްކުރާނަން-"
ޑޮކްޓަރ ޕެޓަރސަން ބުނެލިއެވެ. "ޑޭވިޑް- ޝުކުރު އަދާކުރާނޭ ގޮތެއް އަހަރެންގެ ވިސްނުމަކަށް ނާދޭ-"
ޑޭވިޑް ހިނިތުންވެލިއެވެ. "ޝުކުރު އަދާކުރައްވާނެ ކަމެއް ނެތް- އަޅުގަނޑު ދަރަންޏެއް އަދާކުރީއެއްނޫންތޯ-؟"
"ވަރަށް މޮޅު- ކޯޓުގައި ކުރި މަސައްކަތަށް އަހަރެން ސާބަސްދެން- އަހަރެން ހުރީ ވަރަށް ބިރުން..."
"އަޅުގަނޑު ވެސް ބިރުގަތް-"
"އެކަމަކު މިހާރު މިއޮތީ ނިމިފައި- އިންޞާފުގެ ކޮޅަށް ނިމުނީ- އަހަރެންގެ ދަރިފުޅަށް ފަރުވާކުރާނޭ ފުރުޞަތު ލިބިއްޖެ- އިރާދަކުރެއްވިއްޔާ އޭނާ މުޅިން ރަނގަޅުވާނެ-"
"އާދެ- ރަނގަޅުވާނެ-" ޑޭވިޑް ބުންޏެވެ. "ކަނެކްޓިކަޓްގައި ހުންނަ ވަރަށް ރަނގަޅު ހަސްފަތާލެއްގެ ވާހަކަ ޑޮކްޓަރ ސަލެމް ބުނި- އެ ތާނގައި ތިބެނީ އެމްޕީޑީގެ ތަޖުރިބާ ލިބިފައި ތިބި ޑަކްޓަރުން-"
ޑޮކްޓަރ ޕެޓަރސަން އިރުކޮޅަކު އަނގައިން ނުބުނެ ހުއްޓެވެ. "ޑޭވިޑް- ވާހަކައެއް ބުނަންތަ-؟ އޭޝްލީއަކީ މި ކަހަލަ ކަމަކާ ކުރިމަތިލާންޖެހޭ ކުއްޖެއް ނޫން- އެއީ އެއަށްވުރެ މާ ރަނގަޅުކުއްޖެއް-"
"އަޅުގަނޑު ވެސް އެއްބަސްވަން- ފަނޑިޔާރާ ވާހަކަދައްކައިގެން ވީހައިވެސް އަވަހަކަށް ކަނެކްޓިކަޓަށް ފޮނުވޭތޯ އަޅުގަނޑު ބަލާނަން-"
ކޯޓުގެ ޙުކުމް ޢާންމުކޮށް އެނގުމާއެކު މީޑިއާ މޮޔަވެގެން ދުއްވައިގެންފިއެވެ. ސައުވީސް ގަޑިއިރު ނުވަނީސް ޑޭވިޑް ބަޠަލަކަށްވެ ނިމިއްޖެއެވެ. އޭނާ ކާމިޔާބުކުރީ ކާމިޔާބުކުރުން މުސްތަޙީލު ޤަޟިއްޔާއެކެވެ.
އޭނާ ސަންޑްރާއާ ގުޅައިލިއެވެ. "ސަންޑްރާ- އަހަރެން..."
"އަހަންނަށް އެނގޭ- ދެންމެއަކު ޓީވީން ގޮވައިފި- އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ- ވަރަށް ބޮޑަށް..."
"މި ކަންތައްގަނޑު ނިމުނީތީ އަހަރެން މިހިރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި- އަހަރެން ހަމަ މިރޭ ދަތުރު ފަށާނަން- މި އަންނަނީ..."
"ޑޭވިޑް-؟"
"އާނ..."
"ޑޭވިޑް... އާތް..."
"އާނ- ކިހިނެއްވީ-؟"
"... އާތް... އަހަރެމެންނަށް ކުއްޖަކު ލިބެނީ- ވިހަން..."
"މަޑުކުރޭ- އަހަރެން އަންނަންދެން މަޑުކުރޭ-" ޑޭވިޑް ހަޅޭއްލަވައިގަތެވެ.
ޖެފްރީ ސިންގަރގެ ބަރުދަނުގައި ހުރީ ތިނެއް ޕޮއިންޓް ފަހެއް ކިލޯއެވެ.
"އަހަރެމެންގެ ދަރިފުޅު ވައްތަރީ ޑޭވިޑާ-" ސަންޑްރާ ބުނެލިއެވެ.
"އެހެންތަ-؟" ޑޭވިޑް ހިނިތުންވެލިއެވެ.
"ހުރިހައި ކަމެއް ރަނގަޅަށް ނިމިގެން ދިޔައީތީ އަހަރެން ވަރަށް އުފާކޮށްފިން-"
ޑޭވިޑް މާނޭވާއެއްލިއެވެ. "އަހަރެން މުޅިން އުއްމީދު ކަނޑައިލި ބައެއް ވަގުތު ވެސް ދިޔަ-"
"އަހަރެން އެންމެ ހިނދުކޮޅަކަށް ވެސް އުއްމީދު ކަނޑައެއް ނުލަން-"
ޑޭވިޑް ސަންޑްރާގެ އަތުގައި ހިފައިލިއެވެ. "އަހަރެން ކުޑައިރުކޮޅަކުން އެބައަންނަން- އޮފީހުގައި ބައެއް ކަންތައްތައް ހަމަޖައްސައިލަންވެފައި އެބަހުރި-"
ޑޭވިޑް ކިންސެއިޑް، ޓަރނަރ، ރޯޒް އެންޑް ރިޕްލީގެ އޮފީހަށް ވަނުމާއެކު އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިއެވެ.
"މަރުހަބާ ޑޭވިޑް..."
"ވަރަށް މޮޅު..."
"ފެންވަރު އެބަހުރިކަން ދައްކައިލައިފީމު..."
ޑޭވިޑް ގޮސް ވަނީ އޭނާގެ އޮފީސް ކޮޓަރިއަށެވެ. ހޮލީއެއް ނެތެވެ. އޭނާ މޭޒުމަތި ހަމަޖައްސަން ފަށައިފިއެވެ.
"ޑޭވިޑް..."
ޑޭވިޑް އެނބުރި ބަލައިލިއެވެ. އެއީ ޖޯސެފް ކިންސެއިޑެވެ.
ކިންސެއިޑް މަޑުމަޑުން ހިނގައިފައި ޑޭވިޑްގެ ކައިރިއަށް އަތުވެއްޖެއެވެ. "ކީއްކުރަނީ-؟"
"އަޅުގަނޑު މޭޒުމަތި ސާފުކުރަނީ- އަޅުގަނޑު ވަނީ ވަޒީފާއިން ވަކިކުރައްވައިފައެއްނޫންތޯ-؟"
ކިންސެއިޑް ހިނިތުންވެލިއެވެ. "ވަކިކޮށްފައޭ-؟ އެހެންނެއްނުވާނެ- ތިޔަ ވާނީ އޮޅުމަކަށް-" އޭނާ ބުނެލިއެވެ. "އަހަރެމެން މި އުޅެނީ ޑޭވިޑް ޙިއްޞާދާރަކަށް ހަދަން- މިއަދު ހަވީރު އަހަރެމެން ނޫސް ބައްދަލުވުމެއް ވެސް ބާއްވާނަން- އެ ބައްދަލުވުމުގައި ޑޭވިޑް ވާހަކަދައްކާނެ-"
ޑޭވިޑް އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެހެންތޯ-؟"
ކިންސެއިޑް ބޯޖަހައިލިއެވެ. "ކަށަވަރެއްނުން-"
ޑޭވިޑް ބުންޏެވެ. "އެ ނޫސް ބައްދަލުވުން ކެންސަލްކޮށްލައްވާ- ޖިނާޢީ ދާއިރާއަށް އަނެއްކާވެސް ވަންނަން އަޅުގަނޑު ގަސްތުކޮށްފިން- ޖެސީ ކިލަރ ހުރީ އަޅުގަނޑު ޙިއްސާދާރަކަށް ހަދަން ތައްޔާރަށް- ޖިނާޢީ މައްސަލަތައް ބަލަން ފެށީމާ ޙަޤީޤީ ކުށްވެރިން ފާހަގަކޮށް ދެނެގަންނާން ފަސޭހަވާނެ- އެހެންވީމާ ތިޔަ ބުނުއްވާ ޙިއްޞާ އެހެން ދިމާއަކަށް އެއްލަވާ-"
ޑޭވިޑް އޮފީހުން ނުކުމެގެން ހިނގައްޖެއެވެ.
އޭޝްލީ ގޮޅީގައި އޮވެގެން ވިސްނަމުން ދިޔައެވެ. އެ މީހުން ޙުކުމްކުރީ އަހަރެން މަރާށެވެ. އެއީ ވަރަށް ދިގު، ވޭންދެނިވި މަރެކެވެ. މޮޔަ މީހުންނާ އެކީ އެތައް ދުވަހެއް ހޭދަކުރަންޖެހޭނެއެވެ. އެއިން ކޮންމެ ދުވަހަކު އަހަރެން އެތައް ފަހަރަކު މަރުވާނެއެވެ. މިއަދު އަހަރެން އެއްއެތިފަހަރުން މަރައިލިނަމަ މާފަސޭހަވީހެވެ. އޭނާ ވިސްނަމުން ދިޔައީ ކުރިއަށް އޮތް އުންމީދެއް، ނިމުމެއް ނެތް އަހަރުތަކާ މެދުގައެވެ. އޭނާ ގިސްލަގިސްލައިފައި ރޯންފަށައިފިއެވެ.
ގޮޅީގެ ދޮރު ހުޅުވިއްޖެއެވެ. ދޮރުން ވަދެގެން އައީ އޭނާގެ ބައްޕައެވެ. ބައްޕަ ގޮޅީގެ ތެރެއަށް ވަދެފައި އިރުކޮޅަކު ބަލަން ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ.
"ދަރިފުޅާ..." އޭނާ އޭޝްލީގެ ކައިރީގައި އިށީނދެއްޖެއެވެ. "ދަރިފުޅު ދުނިޔޭގައި ހުންނާނެ- މަރެއް ނުވާނެ-" އޭނާ ބުންޏެވެ.
އޭޝްލީ ބޯހޫރައިލިއެވެ. "އަޅުގަނޑު ދިރިހުންނާކަށް ބޭނުމެއްނޫން-"
"ތިޔަހެން ނުބުނޭ ދަރިފުޅާ- ދަރިފުޅުގެ މައްސަލައަކީ ޞިއްޙީ މައްސަލައެއް- އެއީ ބައްޔެއް- އެ ބައްޔަށް ފަރުވާކޮށްގެން ރަނގަޅުކުރެވިދާނެ- ބައްޕަ ރަނގަޅުކުރާނަން- ރަނގަޅުވީމާ ދަރިފުޅު އައިސް ދިރިއުޅޭނީ ބައްޕަގެ ކައިރީގައި- ބައްޕަ ދަރިފުޅު ބަލަހައްޓާނަން- ކޮންމެފަދަ ކަމެއް މެދުވެރިވިޔަސް ބައްޕަޔާ ދަރިފުޅާ ދެ މީހުން ތިބޭނީ އެކަތިގަނޑަކަށް- އެއްވެސް މީހަކަށް ދެބަފައިން ވަކިކޮށެއް ނުލެވޭނެ-"
އޭޝްލީ އެއްވެސް އެއްޗެކޭ ނުބުނެ އިށީނދެގެން އިނީއެވެ.
"މިހާރު ދަރިފުޅުގެ ހިތަށްއަރާ އެއްޗެއް ބައްޕައަށް އެނގޭ- ހިތްވަރު ދެރަނުކުރޭ- ހުރިހައި ކަމެއް މަޑުމަޑުން ގޮސް ހަމަޔަކަށް އެޅިދާނެ- ބައްޕަގެ ދަރިފުޅު މުޅިން ރަނގަޅުވެގެން ބައްޕަގެ ގެއަށް އަންނާނެ-" ޑޮކްޓަރ ޕެޓަރސަން މަޑުމަޑުން ތެދުވެއްޖެއެވެ. "ބައްޕަ ސެން ފްރެންސިސްކޯއަށް ޖައްސައިލަން އެބަޖެހޭ-" އޭޝްލީ އެއްޗެކޭ ބުނޭތޯ އޭނާ މަޑުކޮށްލިއެވެ.
އޭޝްލީ އަނގަޔަކުން ނުބުނެއެވެ.
"ދަރިފުޅު ވަރަށް ރަނގަޅު ސައިކިއޭޓްރިކް ސެންޓަރަކަށް ފޮނުވޭތޯ މަސައްކަތް ކުރާނަމޭ ޑޭވިޑް ބުނި- ބައްޕަ ދަރިފުޅާ ބައްދަލުކުރަން އެ ތަނަށް އަންނާނަން- އެންމެ ރަނގަޅުތަ-؟"
އޭނާ ބޯޖަހައިލިއެވެ. "ލައްބަ-"
"އެންމެ ރަނގަޅު ދަރިފުޅާ-" އޭނާ އޭޝްލީގެ ގައިގާ ބައްދާލިއެވެ. އަދި ކޮލަށް ދޮނެއް ދިނެވެ. "ދަރިފުޅަށް މި ދުނިޔޭގެ އެއްވެސް ތަނަކުން ލިބޭނޭ އެންމެ ރަނގަޅު ފަރުވާ ދެވޭތޯ ބައްޕަ މަސައްކަތް ކުރާނަން- ބައްޕަގެ ކުޑަކުޑަ ދަރިފުޅު ގެއަށް ގެންދަން ބައްޕަ ބޭނުން-"
ބައްޕަ ނުކުމެގެން ދިޔަ ތަން ބަލަން އޭޝްލީ އިންއިރު ހިތަށްއަރައެވެ. އަހަރެން މިހާރު މަރުނުވަނީ ކީއްވެގެން ހެއްޔެވެ؟ އެ މީހުން އަހަރެން މަރައިނުލާން އުޅެނީ ކީއްވެގެން ހެއްޔެވެ؟
ޑޭވިޑް އޭނާއާ ބައްދަލުކުރަން އައީ އޭގެ އެއްގަޑިއިރު ފަހުންނެވެ.
"ކޮބާ- އެންމެ ފަހުން އަހަރެމެންނަށް ކާމިޔާބު ލިބުނީއެއްނުން-؟" ޑޭވިޑް އޭނާއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. "އޭޝްލީ- ޙާލު ރަނގަޅުތަ-؟"
"މޮޔައިން ބަލަހައްޓާ ތަނަކަށް ދާކަށް އަހަރެން ބޭނުމެއް ނޫން- އަހަރެން ބޭނުމީ މަރުވާން- މިހެން ދިރިއުޅުމަކީ އަހަންނަކަށް ކުޅަދާނަ ކަމެއް ނޫން- ޑޭވިޑް- އަހަންނާ އެހީވޭ- ހެޔޮނުވާނެ- އަހަންނާ އެހީވޭ-"
"އޭޝްލީ- އަހަރެން މި އުޅެނީ އެހީވާން- ވެދިޔަ ތަނުގެ މަތިން ހަނދާން ނައްތައިލާ- ކުރިމަގަށް ވިސްނާ- ބިރުވެރި ހުވަފެންތަކުގެ ނިމުން އަންނާނެ-" ޑޭވިޑް އޭނާގެ އަތުގައި ހިފައިލިއެވެ. "މިހާ ތަނަށްވެސް އޭޝްލީ އަހަންނަށް އިތުބާރުކުރީމެއްނުން-؟ މީގެ ފަހުންވެސް އިތުބާރުކުރަމުން ގެންދޭ- އޭޝްލީ ހަމަ އާދައިގެ ދިރިއުޅުމެއް އުޅޭނޭ ކަމުގެ ޔަގީންކަން އަހަންނަށް އެބަ އޮތް-"
އޭޝްލީ އަނގަޔަކުން ނުބުނެއެވެ.
"ތިމަން ޑޭވިޑަށް އިތުބާރުކުރަމޭ ބުނޭ-"
އޭޝްލީ ފުންނޭވާއެއްލިއެވެ. "އަހަރެން ޑޭވިޑަށް އިތުބާރުކުރަން-"
ޑޭވިޑް ހީނގަތެވެ. "ވަރަށް ބަސްއަހާ ކުއްޖެއް- މިއީ މުޅިން އައު ދިރިއުޅުމެއްގެ ފެށުން-"
ޖެސީ މިލަރ ގޭގެ ހަތަރު ފަރާތަށް ވަރަށް ރަނގަޅަށް ބަލައިލިއެވެ. "މިއީ ދެމަފިރިއަކަށް ވަރަށް ރަނގަޅު ގެއެއް-"
"ޝުކުރިއްޔާ-" ސަންޑްރާ ބުނެލިއެވެ. އެ ވަގުތު ނާރސަރީގެ ތެރެއިން އަޑެއް އިވުނެވެ. "ޖެފްރީ އޮތް ގޮތެއް ބަލައިލައިފައި އަހަރެން އެބައަންނަން-" އޭނާ ޖެހިގެން ހުރި ކޮޓަރިއަށް ވަދެއްޖެއެވެ.
ޖެސީ މިލަރ ބަލަމުން ދިޔައީ މޭޒުމަތީގައި ހުރި ރީތި ފޮޓޯ ފްރޭމަށެވެ. އެ ފްރޭމުގައި ހުރީ ތުއްތު ޖެފްރީގެ ފޮޓޯއެކެވެ. "މިއީ ވަރަށް ރީތި ފްރޭމެއް- ކޮންތާނކުން ހޯދި އެއްޗެއް-"
"ތިޔައީ ފަނޑިޔާރު ވިލިއަމްސް ފޮނުވި އެއްޗެއް-"
ޖެސީ ހިނިތުންވެލިއެވެ. "ނާ ރަނގަޅަށްތަ-؟" އޭނާ ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އަނެއްކާވެސް އަހަންނާ އެކީ މަސައްކަތްކުރަން އައީތީ ވަރަށް ބޮޑަށް އުފާކޮށްފިން-"
"އަހަރެންވެސް މި ހުންނަނީ ވަރަށް އުފަލުން-"
"އަރާމުކޮށްލަން ކުޑަ ދުވަސްކޮޅެއް ބޭނުން ވާނެތާ-؟ އެހެންވީމާ ކުޑަ ދުވަސްކޮޅަކަށް މަޑު..."
"އާނ- އަހަރެމެން ޚިޔާލުކޮށްގެން މި އުޅެނީ އޮރެގަންއަށް ސަންޑްރާގެ މައިންބަފައިންނާ ބައްދަލުކޮށްލަން ދާން ކަމަށް- އެއީ..."
"އާނ- އަދި މި ހުންނަނީ ހަނދާންނެތިފައޭ- މިއަދު ހެނދުނު އާމައްސަލައެއް ލިބިއްޖެ- އެއީ އުފަން ދެ ދަރިން މަރައިލި ކަމުގެ ކުށުގައި ހައްޔަރުކުރެވުނު އަންހެނެއްގެ މައްސަލަ- އަހަންނަށް ހީވަނީ އެ އަންހެންމީހާގެ ކުށެއް ނެތްހެން- އެކަމަކު ނަސީބު ދެރަކަމުން އަހަރެން ވޮޝިންގޓަނަށް ދާން އެބަޖެހޭ- އެހެންވީމާ ޑޭވިޑް އެ އަންހެން މީހާޔާ ބައްދަލުކޮށްލާ މަޢުލޫމާތު..."
ތިންވަނަބައި
ބާވީސްވަނަ ބާބު
ކަނެކްޓިކަޓް ސައިކިއޭޓްރިކް ހޮސްޕިޓަލް ހުންނަނީ ވެސްޓްޕޯރޓްގެ އުތުރުން ފަނަރަ މޭލު ދުރުގައެވެ. އެ ތަނަކީ 1910 ވަނަ އަހަރު ޑަޗް މުއްސަންޖަކު އެޅި ގެއެކެވެ. ގެ ހުރި ގޯތީގެ ބޮޑުމިނަކީ ސާޅީސް އޭކަރެވެ. އެ ތާނގައި ބޮޑު ގެއަކާއި، ވޯކްޝޮޕަކާއި، އަސްތަބަލަކާއި، ފަތާފެންގަނޑެއް އޮވެއެވެ. ސަރުކާރުން މި ގެ ގަތީ 1925 ވަނަ އަހަރުއެވެ. އެ ތާނގައި މިހާރު ފަންސާސް މީހުންގެ ޖާގަ ހުރެއެވެ. ބަލިމީހުން ތިބޭ ބައި ހުންނަނީ އުސްފާރު ރާނައި، ކަށިނަރު ދަމައި ވަކިކޮށްފައެވެ. މައިދޮރުމަތީގައި ފާރައަށް މީހަކު ހުރެއެވެ. ހުރިހައި ކުޑަދޮރެއް ހުންނަނީ ދަގަނޑު ތޭރި ލައްވައި ނުނުކުމެވޭ ގޮތް ހަދާފައެވެ. އެއްފަރާތުގައި ވަކިން ހުންނަ ޢިމާރާތެއްގައި ތިބެނީ އާދަޔާ ޚިލާފަށް ބޮޑަށް ސިކުނޑި ގޯސް މީހުންނެވެ.
ސައިކިއޭޓްރިކް ކްލިނިކްގެ ވެރި ޑޮކްޓަރ އޮޓޯ ލުވިސަންގެ އޮފީހުގައި މި ވަގުތު އޮތީ ވަރަށް މުހިންމު ބައްދަލުވުމެކެވެ. ޑޮކްޓަރ ގިލްބަރޓް ކެލަރއާއި، ޑޮކްޓަރ ކްރެއިގް ފޯސްޓަރ މަޝްވަރާކުރަމުން ދަނީ އެ ދުވަހު އެ ތަނަށް އަންނަ އައު ބަލި މީހަކާ ބެހޭ ގޮތުންނެވެ.
ގިލްބަރޓް ކެލަރއަކީ ޢުމުރުން ސާޅީހަށް ވުރެ މައްޗަށް ގޮސްފައިވާ މީހެކެވެ. އޭނާއަކީ މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއާ ބެހޭ މާހިރެކެވެ.
އޮޓޯ ލުވިސަންއަކީ ކަނެކްޓިކަޓް ސައިކިއޭޓްރިކް ހޮސްޕިޓަލްގެ ސުޕްރިންޓެންޑަންޓެވެ. އޭނާގެ ޢުމުރަކީ ހަތްދިހަ އަހަރެވެ.
ޑޮކްޓަރ ކްރެއިގް ފޯސްޓަރ ވަނީ ކެލަރއާ އެކީ އެތައް އަހަރަކު މަސައްކަތްކޮށްފައެވެ. އޭނާ މިހާރު ދަނީ މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއާ ބެހޭ ފޮތެއް ލިޔަމުންނެވެ. މި ތިން މީހުންވެސް ތިބީ އޭޝްލީގެ ރެކޯޑްތައް ބަލާށެވެ.
އޮޓޯ ލުވިސަން ބުނެލިއެވެ. "މި އަންހެންމީހާއަކީ ވަރަށް އަވަދިނެތި އުޅުނު މީހެއްތާ- ޢުމުރުން އެންމެ އަށާވީސް އަހަރު ވީ އިރު މި އޮތީ ފަސް މީހުން މަރައިލައިފައި-" އޭނާ އަނެއްކާވެސް ކުރިމަތީގައި އޮތް ކަރުދާސްގަނޑަށް ބަލައިލިއެވެ. "އޭނާގެ ވަކީލު މަރައިލަން މަސައްކަތްކުރި ކަމަށް ވެސް މީގައި އެބަ އޮތް-"
"ތިޔައީ ހުސް ހުވަފެން-" ގިލްބަރޓް ކެލަރ ބުނެލިއެވެ.
އޮޓޯ ލުވިސަން ބުންޏެވެ. "އަހަރެމެންނަށް ރަނގަޅަށް މައްސަލަ ސާފުވާންދެން އޭނާ ބާއްވާނީ ސެކިއުރިޓީ ވޯޑް އެކެއްގައި-"
"އޭނާ އަންނަނީ ކޮން ދުވަހަކު-؟" ޑޮކްޓަރ ކެލަރ އަހައިލިއެވެ.
އެ ވަގުތު އިންޓަކަމުން ޑޮކްޓަރ ލުވިސަންގެ ސެކްރެޓަރީގެ އަޑުއިވިއްޖެއެވެ. "އެ މީހުން އޭޝްލީ ޕެޓަރސަން ގޮވައިގެން އެބަ އާދޭ-
އޭނާ އެތެރެއަށް ވައްދާނީތޯ-؟"
"އާނ- ވައްދާ-" ލުވިސަން އިސް އުފުލައި ބަލައިލިއެވެ. "ތިޔަ ސުވާލުގެ ޖަވާބު ލިބިއްޖެ ކަމަށް ހީކުރަން-"
އެއީ ބިރުވެރި ދަތުރެކެވެ. ޝަރީޢަތް ނިމުނީމާ އޭޝްލީ ގެންގޮސް އަނެއްކާވެސް ލީ އެއްކަލަ ގޮޅިއަށެވެ. ގެންދަން ޖެހޭ ތަނަކަށް ގެންދިއުމުގެ ކަންތައްތައް ހަމަޖެހެންދެން އޭނާ އޮތީ އެތާނގައެވެ. ކަންތައްތައް ހަމަޖެހުނީ ތިން ދުވަހުންނެވެ.
އޯކްލަންޑްގައި އޮންނަ އެއަރޕޯޓަށް އޭނާ ގެންދިޔައީ ޖަލުގެ ބަހެއްގައެވެ. އެ އެއަރޕޯޓުގައި ޑީސީ 6 ގެ މަތިންދާބޯޓެއް އޮތެވެ. އެއީ ނޭޝަނަލް ޕްރިޒަނަރ ޓްރާންސްޕޯރޓޭޝަން ސިސްޓަމްގެ ބޯޓެކެވެ. އެކި ތަންތަނަށް ކުށްވެރިން އުފުލަން ޔޫއެސް މާޝަލް ސަރވިސަސްގެ ފަރާތުން ދުއްވާ ބޯޓުފަހަރުގެ ތެރެއިން ބޯޓެކެވެ. އެ ބޯޓުގައި ސައުވީސް ކުށްވެރިން ތިއްބެވެ. އެންމެން ތިބީ އަނދަގޮނޑިޖަހައި، ބިޑިއަޅުވައިފައެވެ. އޭޝްލީގެ އަތުގައި ހުރީ ބިޑިއަޅުވައިފައެވެ. ގޮނޑީގައި އިށީނީމާ އަނދަގޮނޑީގެ ބިޑި ފައިގައި އަޅުވައިފިއެވެ.
(ނުނިމޭ)
Vaahaka up nuve varah lasvee fahareh ...Naeem heyohaaluga hunnevikamah ummeedhu kuran?