ޓްރެކްގެ ދަނޑުގައި ބުޅާނަޖިސްހުރެގެން، ޖެހޭ ބައްޔެއްގެ މައްސަލަ އެޗްޕީއޭގެ ސަމާލުކަމަށް އައިސްފައެއް ނުވޭ- އެޗްޕީއޭ

ޓްރެކްގެ ދަނޑުގައި ބުޅަލުގެ ނަޖިސްހުރެގެން، ޖެހޭ ބައްޔެއްގެ މައްސަލަ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭގެ) ސަމާލުކަމަށް އައިސްފައެއް ނުވާކަމަށް އެ އެޖެންސީން ވިދާޅުވެއްޖެއެވެ.

ވައިބަރ ގްރޫޕެއްގައި ޙިއްސާކޮށްފައިވާ މިމައްސަލައާ ބެހޭގޮތުން އެޗްޕީއޭގެ އިސް ބޭފުޅަކަށް ދަންނަވާ ލުމުން ވިދާޅުވީ އެމަޢުލޫމާތު އަދި އެއްވެސް ފަރާތަކުން އެޖެންސީއާ ޙިއްސާކޮށްފައި ނުވާކަމަށެވެ. އެހެންކަމުން އެކަން އެޗްޕީއޭގެ ސަމާލުކަމަށް އައިސްފައިނުވާކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ މެޑިކަލް ސާރވިސް އިން މިމަހު ހަވަނަ ދުވަހު ފުލުހުންގެ އެކިޑިޕާރޓްމަންޓްތަކަށް ފޮނުވައިފައިވާ ސިޓީއެއްގައި ވަނީ މިކަމަށް ސަމާލުކަންދިނުމަށް އިލްތިމާސް ކުރައްވައިފައެވެ.

އެސީޓީގައި ވަނީ ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގެ ވިނަގަނޑަކީ މީހުން ނޫޅޭ ވަގުތުތަކުގައި ބުޅާފަދަ ޖަނަވާރު ބޮޑުކަމުދާ ތަނެއް ކަމަށެވެ. ބުޅަލުގެ ނަޖިހުން އުފެދޭ ފަންޏެއްގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް އެފަނީގެ އަސަރުކޮށްގެން ބަލިޖެހޭކަމަށެވެ. މި ބަލިޖެހުމުގެ ސަބަބުން ގައިގެ ދެހަން ދޭތެރެއަށް މިފަނީގެ އަސަރުކޮށް ކުދިބިހިތަކެއްނަގައި، އެތަންތަން ރަތްވެ ހިރުވާނެކަމަށެވެ. އެހެންކަމުން މިފަދަ ޢަލާމާތެއް ފެނިއްޖެނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އިލްތިމާސްކުރާކަމަށެވެ.

ޓްރެކް ދަނޑުގެ ވިނަގަނޑު ބޭނުންކުރުމުގައި ސަމާލުކަން ދިނުމަށްވެސް ޕޮލިސް މެޑިކަލް އިން ވަނީ އިލްތިމާސް ކުރައްވައިފައެވެ. ވިނަގަނޑުމަތީގައި އޯށޯތުމަށް މެޓްފަދަ ތަކެތި ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ. ޓްރެކް ދަނޑު ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި މިކަން އަންގަވައި ދެއްވުމަށް ޕޮލިސް މެޑިކަލްސާރވިސް އިން ވަނީ އެދިފައެވެ.

ޕޮލިސް މެޑިކަލްސާރވިސް އިން މިކަން ފުލުހުންގެ އެކި ޑިޕާރޓްމަންޓްތަކަށް އަންގައިފައިވަނީ، ޓްރެކް ދަނޑަކީ ކޮންމެ ދުވަހަކުވެސް ފުލުހުންގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި މުވައްޒަފުންގެ އާޢިލާގެ މެމްބަރުން ކަސްރަތުކުރަން ބޭނުންކުރަމުންދާ ތަނަކަށް ވާތީ ކަމަށް ސިޓީ ފަށްޓަވަމުން ވަނީ ބަޔާންކޮށްފައެވެ.

ފުލުހުން ވިދާޅުވީ ކުޅިވަރު އެކުވެންޏަށްވެސް ފުލުހުން އެކަން އަންގަވައިފައިވާނެކަމަށެވެ. އެހެންކަމުން އެމައްސަލަ އެޗްޕީއޭގެ ސަމާލުކަމަށް އައިސްފައިވާނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.