ޔާސީރު ޔަޙުޔާ ޤައުމަށް ނުފޮނުވި ވަނީ ޔަމަނުގެ ޙާލަތު އޮތްގޮތުން: ހޯމް މިނިސްޓަރ

ޓެރަރިޒަމްގެ ބޮޑެތިކުށް ތުހުމަތު ކުރެވޭ ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަޙުޔާ އޭނާގެ ޤައުމަށް ނުފޮނުވިފައިވަނީ އެ ޤައުމުގެ މިހާރުގެ ޙާލަތު އޮތްގޮތުން ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ޙަމީދާއި ޗީފް ސުޕްރިންޓެންޑެންޓް މުޙައްމަދު ބަޝީރާ އެކު މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ޔަމަނުގެ ޙާލަތު މިހާރު އޮތީ ޓްރެވެލް ޑޮކިޔުމެންޓެއް ވެސް ހެދޭފަދަ ޙާލަތެއްގައި ނޫން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޔާސިރު ޔަޙުޔާގެ ޕާސްޕޯޓުވީތަން އޭނާއަށް އެނގޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެވީތަން ނޭނގޭ ކަމަށް އޭނާ ބުނަމުންދާހާ ހިނދަކު އެކަމާ އިތުރަށް ކުރެވޭނެ ކަމެއްނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ޔާސިރު ރާއްޖެއަށް އެތެރެވިއިރު އޭނާއާ ބެހޭ މަޢުލޫމާތު ފުލުހުންނަށް ކޮންމެވެސް ވަރަކަށް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ޓެރަރިޒަމްގެ ޤާނޫނު އޭރު އޮތްގޮތުންނާއި ސަރުކާރުގެ ޕޮލިސީ އޭރު އޮތްގޮތުން އެކަމަށް އެވަގުތު ފިޔަވަޅެއް އެޅިފައިނެތީ ކަމަށް ޢިމްރާން ވިދާޅުވިއެވެ.

ޔާސިރު ޔަޙުޔާއަކީ ޓެރަރިޒަމްގެ ބޮޑެތި ކުށްކުރާކަމުގެ ތުހުމަތުކުރެވޭ މީހެއްކަމަށް އިންޓަރނޭޝަނަލް މީޑިއާއިން ވެސް ހާމަކޮށްފައިވެއެވެ. އެފަދަ މީހަކު ރާއްޖެ އެތެރެވެ އެކި މީހުންނާ ބައްދަލުކޮށް ޓެރަރިޒަމާ ގުޅުންހުރި ތަފާތު ޙަރަކާތްތައް ހިންގާކަމުގެ ތަހުމަތު ކުރެވުމުން އޭނާ ވަގުތުން ރާއްޖެއިން ފުރައިގެން ދިޔުމަށް އޭރުގެ ސަރުކާރުން އޭނާއަށް އެންގިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމާ ދެކޮޅު ހަދައި އޭނާ ރާއްޖެއިން ނުފުރައި މަޑުކުރުމުން އޭނާގެ ވިސާ ކެންސަލް ކުރި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އޭނާ މިހާރު ހުންނަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ މިނިވަންކަމާއެކު އޭނާ ދޫކޮށްފައި ބަހައްޓައިފިކަމަށްވާނަމަ ރާއްޖޭގެ ސަލާމާތަށް ނުރައްކާވެ ގެއްލުން ވެދާނެ ކަމަށް ފެންނާތީ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް އޭނާ ފޮނުވައިލެވޭނެގޮތެއްވާއިރަށް ފޮނުވައިލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޔާސިރަކީ ޢަރަބިޓީޗަރަކަށް އުޅުނު މީހެކެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔައީ 2017 ވަނަ އަހަރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.