ލަންކާއަށާއި ތައިލެންޑަށް މަސް ވިއްކާކަށް ބޭނުމެއް ނޫން: މިނިސްޓަރ ޒަހާ

ލަންކާއަށާއި ތައިލެންޑަށް ރާއްޖޭގެ މަސް ވިއްކަން ބޭނުން ނުވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ 33 ވަނަ ޖަލްސާގައި ހުވަރަފުށީ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަލީމް ސުވާލު ކުރެއްވީ ސްރީ ލަންކާއަށް ބޭރުގެ އެއްވެސް ގައުމަކުން މަސް އެތެރެ ކުރުން ހުއްޓާލަން އެ ގައުމުން ނިންމަން އުޅޭ ކަމަށް ފެތުރިފައިވާ ޚަބަރަކާ ގުޅިގެންނެވެ. ލަންކާއިން އެފަދަ ނިންމުމެއް ނިންމައި ރާއްޖޭގެ މަސް އެ ގައުމަށް އެތެރެ ކުރުން ހުއްޓާލައިފި ނަމަ އެއްވެސް ކަހަލަ ގެއްލުމެއް ވާނެތޯ ސަލީމް ސުވާލު ކުރެއްވިއެވެ.

ޖަވާބުގައި ޒަހާ ވިދާޅުވީ ސްރީ ލަންކާއަށް ދިވެހި މަސް އެތެރެ ކުރުން ހުއްޓާލުމަކީ ކަންބޮޑުވާ ކަމެއް ނޫން ކަމަށާއި އެއީ ގެއްލުމެއްވެސް ވާނޭ ކަމެއް ނޫން ކަމުގައެވެ.

"އަޅުގަނޑުމެން ކަންބޮޑެއް ނުވޭ ރާއްޖޭގެ މަސް ސްރީލަންކާއަށް ނުގެންދެވޭތީކީ. އަޅުގަނޑުމެން އަމާޒު ކުރަނީ އަގު ބޮޑު ބާޒާރަށޭ." ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ މަސްވެރިންނަށް ވީހައިވެސް ބޮޑު އަގެއް ހޯއްދަވައި ދެއްވާށެވެ.

ޒަހާ ޖަވާބު ދެއްވާން ފެއްޓެވުމުން ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ނިޒާމީ ނުކުތާއެއް ނަންގަވައިގެން ވާހަކަފުޅު ދެއްކެވިއެވެ. ޖާބިރު ވިދާޅުވީ ވަރަށް ބޮޑަށް ހައިރާންފުޅު ވެއްޖެ ކަމަށެވެ. އަދި އަގުބޮޑުކޮށް މަސް ވިއްކަވަނީ ކޮން ތަނަކަށްތޯވެސް ޖާބިރު ސުވާލު ކުރެއްވިއެވެ.

ޖާބިރުގެ ނިޒާމީ ނުކުތާ ރިޔާސަތުން ބަލައި ނުގަތް ނަމަވެސް މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވެސް ވިދާޅުވީ އޭނާވެސް ހައިރާންފުޅު ވެއްޖެ ކަމުގައެވެ.

ނިޒާމީ ނުކުތާއަށް ފަހު ވާހަކަފުޅު ދައްކަވަމުން ޒަހާ ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާނީ ހިކި ކަނޑު މަހަކީ އަޅުގަނޑުމެންނަށް މާ ބޮޑު އަގެއް ލިބޭ އެއްޗެއް ނޫނޭ. އަގު އެއް ކުރެވިގެން އެއަށްވުރެ ބޮޑެތި ބާޒާރަށް އަޅުގަނޑުމެންނަށް ފޮނުވޭނެއޭ. އަޅުގަނޑުމެން ބޭނުމެއް ނޫނޭ ގަނޑުކުރި މަސް ތައިލެންޑް ބާޒާރަކަށްވެސް އަދި ލަންކާ ބާޒާރަކަށްވެސް ފޮނުވާކަށެއް."

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.