އީޔޫ އިން ފިޔަވަޅު އަޅާނެކަމުގެ ބިރެއް މިހާރަކު ނެތް: ފިޝަރީޒް މިނިސްޓަރ

ރާއްޖޭގެމަސް ޔޫރަޕަށް ބޭރުކުރުން ހުއްޓާލުމުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅާނެކަމުގެ ބިރެއް މިހާރަކު ނެތްކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅު ވެއްޖެއެވެ.

މިނިސްޓަރ ޒަހާ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ ޙަސަން ލަތީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ ޔޫރަޕަށް މަސްއެތެރެ ކުރުމުގައި އެޖަމާޢަތުން ޤަބޫލުކުރާ މިންގަނޑަށް މަސްވެރިކަމުގެ ސިނާއަތުގެ ކަންކަން ބަހައްޓަން ޖެހެއެވެ. ރާއްޖޭގެ މަސްވެރިކަމުގެ ގަވަރނަންސް ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކޮށް 2015 ވަނަ އަހަރުގެ ތެރޭގައި އެކަންކަން ހައްލު ކުރުމަށް އީޔޫއިން ރާއްޖެއަށް މުއްދަތުތަކެއް ދީފައިވާ ކަން މިނިސްޓަރ ޒަހާ ފާހަގަކުރެއްވިއެވެ. އޭރު ރަނގަޅު ކުރުމަށް އަންގަވައިފައިފާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި ރާއްޖޭ ކަނޑުތަކުގައި ޤަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވާ މަސްވެރި އުޅަނދުފަހަރަށް ފިޔަވަޅު އެޅުމާއި ރާއްޖޭގެ ކަނޑުގައި ހަރަކާތްތެރިވާ ކެރިއަރ އުޅަނދުގެ ޙަރަކާތްތައް މޮނިޓަރ ކުރުންފަދަ ކަންކަން ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. 2015 އަހަރު ދުވަހުގެ ތެރޭގައި ހަތަރު ފަހަރަކަށް އީޔޫގެ ވަފުދެއް ރާއްޖެއަށް އައިސް މަސްވެރިކަމުގެ ކަންކަން ހިނގަމުންދާ ގޮތް ބައްލަވައިފައިވާކަން މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައި އީޔޫއިން ރާއްޖެއަށް އައި ވަފުދުން ރާއްޖޭގައި ކުރެވޭ ލޭނުމަސްވެރިކަމުގެ ސިނާޢަތުގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިނގަމުންދާ ކަންކަން ރަނގަޅު ނުވެ ވަގުތުންފިޔަވަޅު އަޅަންޖެހޭ މިންވަރަށް ގޮސްފައިވާކަން ފާހަގަ ކުރައްވައިފައިވާކަން ފިޝަރީޒް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެފަދަ ކަންކަމުގެ ތެރޭގައި ޤާނޫނާ ޤަވާއިދުތަކާ ޚިލާފަށް އެއް އުޅަނދުން އަނެއް އުޅަނދަށް މަސްބަދަލުކުރުމާއި ހިޔުމަން ޓްރެފިކިންނާއި ސްލޭވަރިން ފަދަ ޤާނޫނާއި ޤަވާޢިދާ ޚިލާފު ގިނަ ކަންކަން ހިމެނޭކަމަށް މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް ވޭތުވެދިޔަ 12 ވަރަކަށް މަސްދުވަހުގެ ތެރޭގައި ކަންކަން ރަނގަޅު ކުރުމަށް ކުރެއްވިފައިވާ މަސައްކަތާ ގުޅިގެން ރާއްޖެއާ މެދު ފިޔަވަޅެއް އެޅުމުގެ ބިރެއް މިހާރު ނެތްކަން މިނިސްޓަރ ޒަހާ ފާހަގަ ކުރެއްވިއެވެ. އަދި މިދިޔަ ފެބުރުއަރީ 23 ން 25 ށް ރާއްޖެއަށް ވަޑައިގެންނެވި އީޔޫގެ ވަފުދުން ވެސް ރާއްޖޭން އެކަންކަން ޙައްލުކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތް ފާހަގަ ކުރެއްވިކަން މިނިސްޓަރ ޒަހާ ވިދާޅުވިއެވެ. އަދި މަސްވެރިކަމުގެ ޤާނޫނު އެކުލަވާލެއްވުމުގައި މަޖިލީހުން ކުރެއްވި މަސައްކަތް ޕުޅު ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.