ކާނާގެ ޔަޤީންކަން ހޯދައި ދިނުމަށް 44 ރަށަކުން ހިލޭ ދަނޑުބިން ދޫކުރަނީ

ރާއްޖޭގެ ރައްޔިތުންނަށް ކާނާގެ ޔަޤީންކަން ހޯއްދަވައި ދެއްވުމުގެ ގޮތުން 44 ހަތަރު ރަށަކުން ހިލޭ ދަނޑުބިން ދޫކުރަން ހަމަޖައްސަވައިފިއެވެ.

 މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަނޑުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ މިއީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް ކާނާގެ ޔަގީންކަން ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. އެގޮތުން ބިން އޮތް ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ދަނޑު ބިންތައް ދޫކުރަން ހަމަޖައްސަވައިފައިވަނީ ތިން އަހަރުގެ މުއްދަތަށް އެއްވެސް ކުއްޔަކާ ނުލައެވެ.

ކާނާގެ ޔަގީންކަން އިތުރުކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށުން 25 އިންސައްތައާ ގާތަށް ކާބޯތަކެތި ނެރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. ކާނާގެ ޔަޤީން ކަށަވަރު ކުރުމުގެ އިތުރުން ދިވެހީންގެ ފުދުންތެރިކަން އިތުރުކުރުމަކީ ވެސް މި ދަނޑު ބިންތައް ދޫކުރުމުގެ މަޤްޞަދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަނޑުވެރިކަމާބެހޭ ވަޒީރު ވިދާޅުވީ ރަށްރަށުން ބިން ދޫކުރެވެމުންދާނީ ސަރުކާރުން އެކުލަވާލާ އުސޫލުތަކަކާއި އެއްގޮތަށް ކަމަށެވެ.  އެ އުސޫލުތައް ކަނޑައަޅާނީ އެގްރިކަލްޗަރ މިނިސްޓްރީއާއި ޕްލޭނިން މިނިސް ގުޅިގެން ކަމަށެވެ. ދަނޑުވެރިކަމަށް ބިން ދޫކުރެވޭ ފަރާތްތަކާއި ރަށްރަށުގެ ކައުންސިލްތަކާއި ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެވޭނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ދަނޑު ބިންތަކެއް ދޫކުރުމަށްވުރެ ނަތީޖާ ޙާޞިލްވާގޮތަށް އެކަން ކުރަން ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން އެވުޒާރާއިން ކަނޑައަޅާ ގައިޑްލައިނާ އެއްގޮތަށް ކާބޯތެކެތި ހައްދާތޯ ކަށަވަރު ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. އެމަޢްލޫމާތު ހޯއްދެވުމަށް ހަމަޖައްސަވައިފައިވަނީ ކައުންސިލްތައް މެދުވެރިކޮށެވެ.

މިޕްރޮގަރާމްގެ ދަށުން 17 ބާވަތެއް ހެއްދުމަށް ވަނީ ނިންމަވައިފައެވެ. އެކަމަށް ބޭނުންވާ މުޑުވައްވެސް މިނިސްޓްރީގެ ފަރާތުން ގެންދަވަނީ ތައްޔާރު ކޮށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސަވަމުންނެވެ. އަދި ބޭނުންވާ ފަންނީ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުންވެސް ލިބެން ހުންނާނެކަން ވަޒިރު ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.