ކޮންމެ ދުވަހަކު އިންޑިއާގައި 75 ހާހަށްވުރެ ގިނަ މީހުނަށް ވައިރަސް ޖެހޭތާ ތިން ދުވަސް ވެއްޖެ

އިންޑިއާގެ ކޮވިޑް-19ގެ ހާލަތު ވަރަށް ނުރައްކާތެރި ދަރަޖައަކަށް ހިނގައްޖެއެވެ. ފާއިތުވެދިޔަ ބުދަ، ބުރާސްފަތި، ހުކުރު ދުވަހުގެ ހިސާބުތަކަށް ބަލާއިރު ކޮންމެ ދުވަހަކު 75 ހާހަށްވުރެ ގިނަ މީހުންނަށް ވަނީ ވައިރަސްގެ އަސަރުކޮށްފައެވެ.

އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހެމުން ދަނީ ވެސް އިންޑިއާގައެވެ.

ބުދަ ދުވަހު ވެސް އިންޑިއާގައި ވަނީ 75 ހާހަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައެވެ.

އެއް ދުވަހުގެތެރޭގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައި ވާކަން ރެކޯޑު ކުރެވިފައިވަނީ ބުރާސްފަތި ދުވަހުގައެވެ. އެދުވަހު އިންޑިއާގެ 77266 މީހުންނަށް ކޮވިޑް- ޖެހުނެވެ. އެއީ ދުނިޔޭގެ ރެކޯޑެކެވެ. އޭގެ ކުރިން އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް ކޮވިޑު-19 ޖެހުނީ އެމެރިކާގައެވެ. އެއީ 77255 މީހުންނަށެވެ.

ހުކުރު ދުވަހުވެސް އިންޑިއާގެ 76472 މީހުންނަށް ކޮވިޑް-19 ޖެހި، އެ ބަލީގައި 1021 މީހުން މަރުވެފައިވާކަމަށް ޔުނިއަން ހެލްތު މިނިސްޓްރީގެ ރެކޯޑުތަކުން ދައްކައެވެ.  ކޮވިޑް-19 ގެ ސަބަބުން އިންޑިއާގެ އިގުތިސާދު ވަނީ ވަރަށް ބޮޑަށް އަޑިއަޅައި ބޮޑު ވޭނަކަށް ވެފައެވެ.

ބައެއް ދިރާސާތަކުން ދައްކާގޮތުގައި އިންޑިއާގެ އިގުތިސާދީ ހާލަތު މިހާރުވަނީ 1979 އަހަރުތަކަށްވުރެ ދަށަށް ގޮސްފައެވެ.

ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިގުތިސާދު އަޑިއެޅީ ކޮރޯނާވައިރަހާ ހެދި ފުރަބަންދު ކުރުމުންނެވެ. އަނެއްބަޔަކު ޝަކުވާކުރާ ގޮތުގައި ހިފެހެއްޓުމެއްނެތި މުޅި ގައުމަށް ކޮވިޑް-19 ފެތުރެމުންދަނީ އެކަށީގެންވާ ގޮތަށް ފުރަބަންދު ނުކުރެވުމުގެ ސަބަބުންނެވެ.

ތަޖުރިބާކާރުން ލަފާކުރާގޮތުގައި އަންނަ އަހަރުގެ ފުރަތަމަ ތިންމަސްދުވަހާހަމައަށް ދާއިރު އިންޑިއާގެ އިގުތިސާދު ވަރަށް ނާޒުކު ހާލަތަކަށް ވެއްޓޭނެއެވެ.

މުޅިދުނިޔެއިން ތިންވަނައަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވަނީ އިންޑިއާގައެވެ. އިންޑިއާއަށްވުރެ ކުރީގައި އުޅެނީ އެމެރިކާއާއި ބުރެޒިލްއެވެ. މިއަދު އިރުއޮއްސުނު އިރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިހާތަނަށް 3463972 މީހުން ކޮވިޑް-19 އަށް ފައްސިވެ 62550 މީހުން މަރުވެފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.