ދެ ދުވަހުގެ ތެރޭގައި އިންޑިއާގެ އެއްލައްކަ 24 ހާހަށްވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ފައްސި ވެއްޖެ

އިންޑިއާގެ ޔުނިއަން ހެލްތު މިނިސްޓްރީން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ދެ ދުވަހުގެ ތެރޭގައި އިންޑިއާގެ އެއްލައްކަ 24 ހާހަށްވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ފައްސިވެފައިވާކަން އެނގިއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެތެރޭގައި އިންޑިއާގެ 61537 މީހުން ކޮރޯނާ ވައިރަހަށް ފައްސި ވެފައިވެއެވެ. އަދި ހުކުރުދުވަހު ނެރުނު ރިޕޯޓުތަކަށް ބަލާއިރު 62538 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ. އެއީ އެއްދުވަހުގެ ތެރޭގައި އިންޑިއާގެ އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ހެލްތު މިނިސްޓްރީން ނެރުނު ހިސާބުތަކަށް ބަލާއިރު ދެ ދުވަހުގެ ތެރޭގައި އިންޑިއާގެ އެއްލައްކަ ހަތަރުހާހަށް ވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ފައްސިވެފައި ވާއިރު، ފާއިތުވި ހަފުތާގެ އެހެން ދުވަސްތަކަށް ބަލާއިރު ކޮންމެ ދުވަހަކުހެން 50 ހާހަށްވުރެ ގިނަ މީހުންކޮރޯނާ ވައިރަހަށް ފައްސިވެފައި ވެއެވެ.

ހުކުރު ދުވަހުގެ ރިޕޯޓުތަކަށް ބަލާއިރު 62 ހާސް މީހުން ކޮރޯނާ ވައިރަހަށް ފައްސިވެ އެއްދުވަހުގެ ތެރޭގައި އެންމެ ގިނަ މީހުން ފައްސިވުމުގެ ހިތާވެރި ރިކޯޑު އިންޑިއާގައި ގާއިމުވެގެން ދިޔައިރު، އިންޑިއާގައި ކޮރޯނާ ވައިރަހަށް ފައްސިވީ މީހުންގެ އަދަދު ތިން ހަފުތާގެ ތެރޭގައި ދެގުނައަށް އިތުރުވެފައިވާކަން ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ޖުލައި 17 ވަނަ ދުވަހު 10 ލައްކަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް ރެކޯޑު ކުރެވިފައިވާއިރު، އޭގެ ތިންހަފުތާ ފަހުގެ ރެކޯޑުތަކުން ދައްކަނީ 20 ލައްކަ މީހުންނަށް ވައިރަސް ޖެހިފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން މައުލޫމާތު ދިން ގޮތުގައި މިދިޔަ ހަފުތާގެ ތެރޭގައި އިންޑިއާގައި ކޮރޯނާ ވައިރަސް ފެތެރެމުން ދިޔައީ ކަންބޮޑުވާންޖެހޭހާ ބާރު މިނެއްގައެވެ. އަދި އިންޑިއާގައި ޓެސްޓު ކުރެވޭ އަދަދު ކަމަށް ޑަބްލިއުއެޗްއޯއިން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.  

ތަފާސްހިސާބުތަކަށް ބަލާއިރު 190 ދުވަހުގެ ތެރޭގައި އިންޑިއާގެ 20 ލައްކަ މީހުންނަށް ވަނީ ކޮރޯނާ ވައިރަސް ޖެހިފައެވެ.

ކޮރޯނާ ވައިރަހަށް މީހަކު ޓެސްޓް ކުރަނީ: ޓެސްޓު ކުރެވޭ މީހުންގެ އަދަދު މަދު

އިންޑިއާއިން ކޮރޯނާ ވައިރަސް ޖެހުނު މީހަކު ފުރަތަމަ ފެނިފައި ވަނީ 30 ޖެނުއަރީގައި ކެރެލާ ސްޓޭޓުންނެވެ.

ދިވެހިން ބޭސް ފަރުވާއަށް ގިނަގިނައިން ދަތުރު ކުރާ ޓްރިވެންޑްރަމާއި ކޮޗިންއަކީ ކެރެލާގެ މުހިއްމު ދެ ރަށެވެ.

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު އިންޑިއާގައި ލައްކައަކަށް އެރީ މޭ މަހުގެ 19 ގައެވެ. އެ އަދަދު ފަސްލައްކަ ފަހަނަޅައި ދިޔައީ ޖޫން މަހުގެ ތެރޭގައެވެ. 

ތަފާސްހިސާބަށް ބަލާއިރު އިންޑިއާގައި މިހާރު އެންމެ ބާރަށް ވައިރަސް ފެތުރެމުން ދަނީ އަދި އެންމެ ގިނަ މީހުން ބަލީގައި މަރުވަމުން ދަނީ ވެސް މަހާރާޝްޓްރާ، އަންދުރަ ޕްރަދޭޝް، ކަރުނާޓަކާ، ޓަމިލް ނާޑޫ، އުއްތަރު ޕްރަދޭޝް، މި ފަސް ސްޓޭޓުގައެވެ.

މިއަދު މެންދުރު ފަހު 4.30 ގެ ޚަބަރު ތަކަށް ބަލާއިރު އިންޑިއާގެ 20 ލައްކަ 94 ހާސް 908 މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު ވައިރަހުގެ ޝިކާރައަކަށް ވެގެން  42 ހާސް 629 މީހުން މަރުވެފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.