އިންޑިއާއިން ފުރަތަމަފަހަރަށް އެއްދުވަހުގެތެރޭގައި އެއްމިލިއަން މީހުންގެ ސާމްޕަލް ނަގައިފި

އިންޑިއާގެ އެކި ސަރަހައްދުތަކުން ކޮވިޑް-19އަށް ޓެސްޓުކުރަން 1023836 މީހުންގެ ސާމްޕަލް ހުކުރު ދުވަހު ނަގައިފިއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި މީގެ ކުރިން އިންޑިއާއިން 24 ގަޑިއިރުގެތެރޭގައި ކޮވިޑް-19އަށް ޓެސްޓު ކުރަން އެއްމިލިއަން ސާމްޕަލް ނަގާފައެއް ނުވެއެވެ.

ހެލްތު މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވިގޮތުގައި ސާމްޕަލް ނެގި މީހުންގެ ނަތީޖާތައް ލިބުމުން ކޮވިޑް-19އަށް މިހާރު އިންޑިއާއިން ފައްސިވާކަން އެނގޭ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ފާއިތުވި 24 ގަޑިއިރުގެ ރެކޯޑުތަކަށްބަލާއިރު އިންޑިއާއިން 69878 މީހުން ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ. ފާއިތުވި ހަތަރު ދުވަހަށްބަލާއިރު ވިދިވިދިގެން ކޮންމެ ދުވަހަކު ވަނީ 60 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ފައްސިވެފައެވެ.

މިއަދު އިރުއޮއްސި ހަތެއްގެ ރިޕޯޓުތަކަށް ބަލާއިރު އިންޑިއާގެ30  ލައްކައަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް-19 ޖެހި، 56259 މީހުން އެ ބަލީގައި ވަނީ މަރުވެފައެވެ.

އިންޑިއާއިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު މި އޮގަސްޓުމަހުގެ ކޮންމެ ދުވަހަކު އިންޑިއާއިން 50 ހާހަށްވުރެ ގިނަ މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.