ހަލުވިކަމާއެކު ފެތުރޭ ނޮވެލް ކޮރޯނާ ވައިރަސްއިން ޖައްސާ ބަލި ކޮވިޑް- 19 ޖެހިގެން އިއްޔެ އިންޑިޔާގައި ރިކޯޑް އަދަދަކަށް މީހުން މަރުވުމާއެކު، އެގަމުގައި މި ބަލި ޖެހިގެން މަރުވި މީހުންެގެ އަދަދު ޗައިނާއަށްވުރެ އިތުރުވެއްޖެއެވެ.
މިއަދު ހެނދުނު 8 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 7:30) ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، ކޮވިޑް- 19 ޖެހިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 175 މީހުން މަރުވެފައި ވެއެވެ. އަދި އިންޑިޔާގައި މި ބަލި ޖެހިގެން މަރުވި މީހުންގެ ޖުމްލަ ވަނީ 4706 އަަށް އަރާފައެވެ. މިއާއެކު، އިންޑިޔާގައި މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ ޗައިނާއަށްވުރެ އިތުރުވެފައެވެ. ޗައިނާގެ ރަސްމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮވިޑް- 19 ޖެހިގެން އެ ގައުމުގައި މަރުވެފައި ވަނީ 4634 މީހުންނެވެ.
ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާ މިހާރުވެފައި ވަނީ ކޮވިޑް- 19 އެންމެ ހަލުވިކޮށް ފެތުރޭ އެއް ގައުމަށް ވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 7466 މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްވެފައި ވާއިރު، އިންޑިޔާގައި މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1 ލައްކަ 65 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.
އިންޑިޔާގެ ވިޔަފާރީގެ މަރުކަޒު ކަމުގައިވާ މުމްބާއީ އެ ސްޓޭޓެއްގައި އޮންނަ މަހާރާޝްޓްރަ ސްޓޭޓަކީ ކޮވިޑް- 19 ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސްޓޭޓެވެ. އިންޑިޔާގައި މި ބަލި ޖެހުނު މީހުންގެ %36 އަކީ އެ ސްޓޭޓްގެ މީހުން ކަމަށް ވާއިރު، އިންޑިޔާގައި މި ބަލީގައި މަރުވި މީހުންގެ %42 އަކީ މަހާރާޝްޓްރަ ސްޓޭޓުގައެވެ. ފާއިތުވި ދެ ދުވަހުގެ ތެރޭގަ އެ ސްޓޭޓުން 2500 މީހުން ބައްޔަށް ޕޮޒިޓިވްވެފައި ވެއެވެ.
18 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މުމްބާއީއަކީ ކޮވިޑް- 19 ގެ އަސަަރު އެންމެ ބޮޑަށް ކޮށްފަަައިވާ ރަށެވެ. މުޅި އިންޑިޔާގައި ކޮވިޑް- 19 އަށް ޕޮޒިޓިވް މީހުންގެ ފަސްބައިކުޅަ އެއްބަޔަކީ މުމްބާއީގެ މީހުންނަށް ވާއިރު، އެރަށުގައި ބަލިޖެހިގެން އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު ވަނީ ހޮސްޕިޓަލުތަކުގައި ހުރި އެނދުތަކަށްވުރެ އިތުރުވެފައެެވެ. ބައެއް ހޮސްޕިޓަލުގައި އެެއް އެނދެއްގައި ދެ މީހުން އެޑްމިޓްކޮށްފައި ވާއިރު، ބައެއް މީހުން ބިންމަތީގައި ބައިތިއްބައިގެން ވެސް ފަރުވާދެމުން އެބަދެއެވެ.
ކޮވިޑް- 19 އާއި ގުޅިގެން އިންޑިޔާއިން ލިބޭ ހިތްހަމަޖެހޭ ޚަބަރަކީ އެގައުމުގައި ބަލިން ރަނގަޅުވާ މީހުންގެ ރޭޓް މަތިވުމެވެ. ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި އެގައުމުގައި މި ރޭޓް ހުރީ %42.88 ގައެވެ. މި ގޮތުން މިހާތަނަށް 70 ހާހަށްވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މުޅި ދުނިޔޭގަައި ކޮވިޑް- 19 ޖެހިފައިވާ މީހުންގެ އަދަދު 5 ލައްކަ 80 ހާހަށްވުރެ އިތުރުވެފައި ވާއިރު، މި ބަލީގައި މިހާތަނަށް 36 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.