މާލިއްޔަތު ޤަވާއިދުގެ އިޞްލާޙުކުރަނީ

ސިންގަލް ސޯސް ޕްރޮކިޔުމަންޓް ނިޒާމު މިހާރު އޮތް ގޮތް ބަދަލުކުރެވޭނެ: ފިނޭންސް މިނިސްޓަރ

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ދައުލަތުގެ މާލިއްޔަތު ޤަވާއިދުގެ އިޞްލާޙު ކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭން މިނިސްޓަރ ވިދާޅުވީ ދައުލަތުގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް މިހާރު ކުރެވެމުންދާ އެންމެ މުހިންމު އެއް މަސައްކަތަކީ މާލިއްޔަތުގެ ޤަވާޢިދު އިޞްލާޙު ކުރުން ކަމަށެވެ. ޤަވާއިދަށް ގެންނަވާ އިޞްލާޙުތަކުގެ ތެރޭގައި ސިންގަލް ސޯސް ޕްރޮކިޔުމަންޓް ނިޒާމު މިހާރު އޮތްގޮތް ވަރަށް ބޮޑަށް ބަދަލުކުރެވޭނެކަމަށް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރު އޮންނަ އުޞޫލު ބަދަލުކޮށް ޓެންޑަރ ބޯޑްގެ އެންޑޯޒްމަންޓަކާއެކު ކުރިއަށް ގެންދެވޭނެ ގޮތަށް ބަދަލު ގެންނަވާނެކަމަށް ވިދާޅުވިއެވެ. މާލީޔަތުގެ ޤަވާއިދު އިޞްލާޙު ކުރައްވަމުން ދެންދަވަނީ ފިނޭން މިނިސްޓްރީއާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނަލް އޮފީސް ގުޅިގެން ކަމަށް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ.  

މިހާރު އޮންނަ ގޮތުން ވަކޮ ޙާލަތްތަކެއްގައި ފިނޭންސް މިނިސްޓަރގެ ހުއްދައާއެކު އެ އޮފީހެއްގެ ބިޑް ކޮމެޓީން ސިންގަލްސޯސް ޕޮރޮކިޔުމަންޓް އުޞޫލުން ޚަރަދުތައް ކުރެވޭނެއެވެ. ހެލްތް މިނިސްޓްރީން ކޮވިޑާ ގުޅިގެން ކޮށްފައިވާ ޚަރަދު ތައް ސިންގަލްސޯސް ޕްރޮކިޔުމަންޓްގެ ދަށުން ކޮށްފައިވަނީ ހެލްތްމިނިސްޓްރީގެ ބިޑް ކޮމެޓީންނެވެ. އެޚަރަދު ތައް ކުރުމުގައި ބޮޑެތި ގޯސްތަކެއް ހަދައިފައިވާ ކަމަށް އެޚަރަދުތަކާ ގުޅޭ ގޮތުން ހަދައިފައިވާ އޮޑިޓް ރިޕޯރޓުން ފާހަގައެވެ. އެންމެ ބޮޑު ގޯހެއް ހަދައިފައިވަނީ ކޮވިޑާ ގުޅިގެން ހޯދަންޖެހޭ ވެންޓިލޭޓަރު ތަކުގެ ހޯދުމުގައި ކަމަށް އޮޑިޓް ރިޕޯރޓުން ފާހަގަ ކުރެވެއެވެ. ޚާއްޞަ ގޮތެއްގައި ޕާފޯމަންސް ގެރެންޓީއެއް ނުނަގައި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި އެއްބަސްވުމުގެ 90  އިންސައްތަ އަށް ވާ 30.9 މިލިއަން ރުފިޔާ ދޫކޮށްފައި ވުން ފާހަގަ ކުރެވެއެވެ.

މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ ކުރިއާ އަޅާބަލާއިރު ދައުލަތުގެ މާލީނިޒާމުހަރުދަނާ ކުރުމަށް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފައިވާކަމަށެވެ. އެގޮތުން މާލިއްޔަތުގެ މައްސަލަ ބަލާ ކޮމެޓީއާއި ބީލަމުގެ މައްސަލަ ބަލާ ކޮމެޓީއާއި އިންޓަރނަލް އޮޑިޓިންގެ މެކޭނިޒަމް ވަރުގަދަކުރުންހިމެނޭކަން ފާހަގަކުރެއްވިއެވެ. ކޮވިޑާ ގުޅިގެން ވެސް ޚަރަދުތައް ކުރެވެމުން ދިޔައީ ޕަބަލިކް ފައިނޭންސް ގެ އަސާސަތަކާއެގޮތަށްކަން ޔަޤީންކުރެއްވުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައިފައިވާކަން ތަކުރާރުކޮށް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ. އެކްސްޕެންޑިޗަރ އޮތަރައިޒޭޝަން ކޮމެޓީއެއް އުފައްދައި ކުރެވޭ ޚަރަދުތައް ދައުލަތަށް ގެއްލުން ނުވާނެގޮތަށް ކުރެވޭތޯ ބަލަހަޓަމުން ގެންދެވިކަމަށް ވިދާޅުވިއެވެ. ޖަވާބު ދާރީވުމާއި ޓްރާންސް ޕޭރަންސީ މެކޭނިޒަމްވެސް ކުރިއަށްވުރެ މާބޮޑަށްވަރުގަދަކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. ޕަބްލިކް ޕްރޮކިޔިމަންޓްތަކާއި އެވޯޑިން ސަމަރީވެސް ބަރާބަރަށް ޕަބްލިޝްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ.

ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ކަންތަކެއް ގޯސްކޮށް ގޮސްފައިވާ ފާހަގަ ކުރެވުމަކީވެސް މާލީ ނިޒާމު ރަނގަޅަށް ފަންކްޝަން ކުރެވޭކަމުގެ ހެއްކެއް ކަމަށް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ.  

"އަޅުގަނޑުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ދައުލަތުގެ ޕްރޮކިޔުމަންޓް ނިޒާމާއި ދައުލަތުގެ ފައިނޭންޝަލް ނިޒާމުގެ ތެރެއިން ހުންނަ ރިސްކުތައް ކުޑަކުރުމަށް މަސައްކަތްކުރުން. އަޅުގަނޑަށް އެއްވެސް ވަރަކަށް ރައްޔިތުންނަށްވެސް އަދި މާލިއްޔަތު ކޮމެޓީއަށްވެސް ގެރެންޓީއެއް ދެވޭކަށް ނެތް ޒީރޯ ޕަސަންޓް ކޮރަޕްޝަނޭ  އޮންނާނީ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.