ދަނޑުވެރިކަންކޮށްގެން ދިވެހީންނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ދަނޑުވެރިން އުފައްދާ ހުރިހާއެއްޗެއް ސަރުކާރުގެ ކުންފުންޏަކުންގަނެ އެ މާކެޓު ކޮށްދެއްވާނެ ކަމަށެވެ. އެހެންވީމާ ދަނޑުވެރިންނަށް މިހާރު އެއްވެސް ރިސްކެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެއީ މިހާރު ދަނޑުވެރިކަން ކުރާ މީހުން ނޫނަސް އަލަށް ދަނޑުވެރިކަން ކުރަން ފަށާ ޒުވާނުންނަށް ވެސް އޮތް ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކަން މިދެނީ ރާއްޖޭގައި ހެއްދޭ ހުރިހާ ދަނޑުވެރިކަމުގެ ބާވަތްތައް އަޅުގަނޑުމެން ގަންނާނަމޭ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ސެންޓްރަލީ ޕްރޮސެސްކޮށްފައި ދެން އެމާކެޓަށް ގެންދިޔުމުގެ ޒިންމާ ނަގާނަމޭ ސަރުކާރުގެ ސެންޓްރަލް ކުންފުންޏަކުން. އެހެންވީމާ ރާއްޖޭގެ ހުރިހާ ފަރާތަކަށް ދަނޑުވެރިކަން ކޮށްގެން ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން މިހާރު އަޅުގަނޑުމެން ބޭނުންވަނީ ދޭން،" މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ދަނޑުވެރިކަން ކުރަން ބޭނުވާ އަދި ވިޔަފާރީގެ ރިސްކު ނަގަން ކެރޭ ހުރިހާ ފަރާތްރަކަށް ސަރުކާރުން އެފުރުސަތު ހުޅުވާފައިވާ ކަމަށެވެ. އެހެންނަމަވެސް ދަނޑުވެރިކަމުގެ ބާވަތްތައް ސަރުކާރުން ގަންނަ ކަމަށްވާނަމަ އެ ރިސްކު ވެސް މީހާރު ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާރު ރިސްކެއް ނެތެއް ނޫންތޯ. އަޅުގަނޑުމެން މިބުނަނީ ދަނޑު ހައްދާށޭ. ދަނޑުން، ދަނޑުވެރިކަމުން އެލިބޭ ޕްރޮޑިޔުސް އަޅުގަނޑުމެން ގަންނާނަމޭ. ގަނެފަ ސެންޓްރަލީ ޕްރޮސެސް ކޮށްފައި އެ މާކެޓަށް ގެންގޮސް ކަސްޓަމަރާ ހަމައަށް ގެންދިޔުމުގެ ޒިންމާ އަޅުގަނޑުމެން ނަގާނަމޭ. ސަރުކާރުން ބޭނުން ނުވޭ ދަނޑު ހައްދައި ދަނޑުވެރިކަން ކުރާކަށް. އަޅުގަނޑުމެން މިދެނީ ޔަގީންކަމެއް ކޮންމެ ދަނޑުވެރިއަކަށް ވެސް ދަނޑުވެރިޔާ ހައްދާ ތަކެތި ގަނެގެން ސަރުކާރުގެ އެ ސެންޓްރަލް ކުންފުންޏަކުން ގަނަގެން މާކެޓަށް ގެންގޮސްދޭނެ ކަމުގެ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދަނޑުވެރިކަން ކުރުމުގެ ޝައުގުވެރިކަންހުރި އެންމެންނަށް އެސްޑީއެފްސީ މެދުވެރިކޮށް މިހާރުވެސް ވަރަށް ފަސޭހަކޮށް ލޯންތައް ލިބޭނެ ކަމަށެވެ. އަދި ސަރުކާރުން ތައާރަފްކުރާ ސްޓިމިއުލަސް ޕެކޭޖު ގައި ވެސް އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދިނުމަށް 400 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވއެވެ.
ވަރަށް ރަގަޅު ކަމެއް. އެ އާއި އެކު ދަނޑުވެރިކަންކުރާނެ ވަސީލަތްތަށް ވެސް ފަސޭހައިން ރައްރަށަށް ލިބޭނެ އިންތިޒާމް ހަމަޖައްސަންޖެހޭ.