(26 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"މި އެއްޗެތި ބަލައިލަބަލަ- ސަރުކާރުން ވަރަށް ގިނަ ޞިއްޙީ މާހިރުން ކޯޓަށް ގެންނާނެ- އެ ހުރިހާ އެންމެންނަކީ އޭޝްލީއަށް މެދުވެރިވެފައިވާ މައްސަލައިގެ މާހިރުން-"
"އެ މީހުންގެ ވާހަކަތަކާ ކުރިމަތިލާނީ ކިހިނެއް-؟" ސަންޑްރާ އަހައިލިއެވެ.
"އެ މީހުން މަރައިލި ވަގުތު އެ ތަންތާނގައި އޭޝްލީ އުޅުނު ކަމަށް އަހަރެމެން އެއްބަސްވާނީ- އެކަމަކު އެ މީހުން މަރައިލީ އޭނާ ނޫންކަމަށާއި، އޭނާގެ ހަށިގަނޑުގައި ފޮރުވިގެން އުޅޭ އެހެން މީހެއް ކަމަށް ވަކާލާތުކުރާނީ-"
ޑޭވިޑްގެ ހިތަށްއެރިއެވެ. "ޖޫރީން އަހަރެންގެ ވާހަކަ ޤަބޫލުކުރާނެ ބާވައެވެ؟"
* * *
ޝަރީޢަތް ފެށުމުގެ ފަސް ދުވަސް ކުރިން ފަނޑިޔާރު ވިލިއަމްސްގެ އޮފީހުން ޑޭވިޑާ ގުޅައިފައި ވިލިއަމްސް އޭނާއާ ބައްދަލުކުރަން ބޭނުން ވާހަކަ ބުންޏެވެ.
ޑޭވިޑް ފުރަތަމަ ދިޔައީ ޖެސީ ކިލަރއާ ބައްދަލުކުރަން އޭނާގެ އޮފީހަށެވެ. "ފަނޑިޔާރު ވިލިއަމްސްއަކީ ކޮންކަހަލަ މީހެއް-؟" ޑޭވިޑް އަހައިލިއެވެ.
ޖެސީ ގޮނޑީގައި ލެނގިލިއެވެ. "ބޯއި ސްކައުޓްގައި އުޅުނިންތަ-؟"
"އާނ..."
"ސްކައުޓްގެ މޮޓޯ ހަނދާން އެބަހުރިތަ-؟ އަބަދުވެސް ތައްޔާރަށް ހުންނާށޭ-"
"އާނ-"
"ޓެސަރ ވިލިއަމްސްގެ ކޯޓަށް ވަންނަ އިރު ތައްޔާރަށް ހުންނާތި- އެއީ ވަރަށް މޮޅު އަންހެނެއް- އެ ހިސާބަށް އައިސްފައި އެހެރީ ވަރަށް ބުރަ މަސައްކަތުން- އޭނާ އެހެރީ ވޮޝިންގޓަނުން ނުލާހިކު ރަނގަޅު ވަޒީފާއެއް ލިބުނީމާ ވެސް ޤަބޫލުނުކޮށް- އެއީ އާދަޔާ ޚިލާފު އަންހެނެއް-"
"އެހެންތަ-؟" ޑޭވިޑް އަހައިލިއެވެ.
"ޝަރީޢަތް އޮތީ ސެންޓާ ކްލާރާ ކައުންޓީގައިތަ-؟"
"އާނ-"
"އެހެން ވެއްޖެއްޔާ ދައުލަތުގެ ފަރާތުން ދާނީ މިކީ ބްރެނާން-"
"އެއީ ކޮންކަހަލަ މީހެއް-"
"އެއީވެސް އާދައިގެ މީހެއް ނޫން- ދެ ފުށް އެއްވަރަކަށް ހަރުކަށި މީހެއް- އޭނާގެ މުޅި ޢާއިލާއަކީ ވެސް އެ ކުރާ ކަމެއްގައި އެންމެ މަތީ ހަރުފަތުގައި އުޅޭ މީހުން- ބައްޕައަކީ ފޮތް ޝާއިޢުކުރުމުގެ މަސައްކަތްކުރާ މީހެއް- މަންމައަކީ ޑަކްޓަރެއް- އަންހެން ކޮއްކޮއަކީ ކޮލެޖެއްގެ ޕްރޮފެސަރެއް- ކޮލެޖްގައި އުޅުނު ދުވަސްވަރު ބްރެނާންއަކީ ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެއް- ޤާނޫނު ކިޔެވިއިރު އުޅެނީ ކްލާހުގެ އެއްވަނައިގައި-" އޭނާ ފުންނޭވާއެއްލިއެވެ. "ޑޭވިޑް- އެއީ ވަރަށް މޮޅު ވަކީލެއް- ވިސްނައިގެން އުޅޭތި- އޭނާ ފުރަތަމަ ހަދާ ގޮތަކީ ހެކިން ހަފުސްކޮށްލަނީ- ޙަމަލާދޭނީ އޭގެ ފަހުން- ވަރަށް ފަސޭހައިން މީހުން ވާވައްދައިލުމަކީ އޭނާ ކުރާ ކަމެއް... ފަނޑިޔާރު ވިލިއަމްސް ކަލެއާ ބައްދަލުކުރަން އުޅެނީ ކީއްކުރަން-؟"
"އަހަންނަކަށް ނޭނގޭ- އަހަންނަށް އެނގިފައި އޮތް ވަރަކީ އޭނާ ޕެޓަރސަން މައްސަލައާ ގުޅިގެން ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭކަން-"
ޖެސީ ކިލަރ ތުންއަނބުރައިލިއެވެ. "ތިޔައީ އާދައިގެ ކަމެއް ނޫން- ދާން އޮތީ ކޮން ދުވަހަކު-؟"
"ބުދަދުވަހު ހެނދުނު-"
"ބަލައިގެން އުޅޭތި-"
"ޝުކުރިއްޔާ- ޖެސީ- އަހަރެން އުޅޭނީ ބަލައިގެން-"
ސެންޓާ ކްލާރާ ކައުންޓީ ކޯޓުގެ ޢިމާރާތަކީ ހަތަރު ބުރީގެ ވަރަށް ރީތި ޢިމާރާތެކެވެ. ޢިމާރާތުގެ އެތެރެއަށް ވަންނަ އިރު އެންމެ ފުރަތަމަ ފެންނަނީ ޔުނިފޯމުގައި ހުންނަ ގާޑެކެވެ. އޭނާ އިންނަނީ މޭޒެއްގެ ދޮށުގައި އިށީނދެގެންނެވެ. ލިފްޓާ ހަމައަށް ދެވެނީ މެޓަލް ޑިޓެކްޓަރެއްގެ ތެރެއިން ލައިފައެވެ. ޢިމާރާތުގައި ހުންނަނީ ހަތް ކޯޓެވެ. ކޮންމެ ކޯޓެއްގައި ވަކި ފަނޑިޔާރުން ތިބެއެވެ.
ޑޭވިޑް ފަނޑިޔާރު ޓެސާ ވިލިއަމްސްއާ ބައްދަލުކުރަން ދިޔައީ ބުދަދުވަހުގެ ހެނދުނު ދިހައެއް ޖެހިއިރުއެވެ. އޭނާ އެ ކޮޓަރިއަށް ވަން އިރު މިކީ ބްރެނާން ވެސް ހުއްޓެވެ. އެއީ ޢުމުރުން ފަންސާހަކަށް އަހަރު ވެފައިވާ މީހެކެވެ. ޓެސާ ވިލިއަމްސްއަކީ ސާޅީހުގެ ފަހުގެ އަހަރުތައް ގުނަމުންދާ މީހެކެވެ. އެއީ ކަޅުއަންހެނެކެވެ. އެހެންނަމަވެސް ވަރަށް ރީތިވެސް މީހެކެވެ.
"މިސްޓަރ ސިންގަރ- އަޅުގަނޑުގެ ނަމަކީ ޓެސާ ވިލިއަމްސް- އަޅުގަނޑަކީ މި ކޯޓުގެ ފަނޑިޔާރު- މި ހުންނެވީ މިސްޓަރ ބްރެނާން-"
އެ ދެ މީހުން އަތާއަތްޖޯޑުކޮށް ސަލާންކޮށްލިއެވެ.
"މިސްޓަރ ސިންގަރ- އިށީންނަވާ- އަޅުގަނޑު މި ނަންގަނެލީ ޕެޓަރސަން މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާލަން- އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ޑޭވިޑް އޮތީ އޭޝްލީ ކުށްވެރިނުވާ ކަމަށް ހުށަހަޅުއްވައިފައި- ސަބަބެއް ކަމަށް ބުނުއްވާފައި އޮތީ ސިކުނޑީގެ މައްސަލައެއް ހުރުން-"
"އާދެ-"
ވިލިއަމްސް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އަޅުގަނޑު ތިޔަ ދެ ބޭކަލުންނަށް ނަންގަނެލީ ސަރުކާރުގެ ބަޖެޓުން ޚަރަދުވެގެންދާނޭ ބޭކާރު ފައިސާ ސަލާމަތްކުރެވޭތޯ ބަލަންވެގެން- އަދި އަޅުގަނޑުމެންނަށް އެއްވެސް ކަމަކާ ނުލައި ކުރަންޖެހޭ މަސައްކަތުން ސަލާމަތްވެވޭތޯ ބަލަންވެގެން- މި ކަހަލަ ވާހަކަދެއްކުމަކީ އަޅުގަނޑު އާދަވެގެން ކޮށް އުޅޭ ކަމެއްވެސް ނޫން- އެކަމަކު މި މައްސަލައިގައި ވާހަކަދެއްކުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ފެންނާތީ ނަންގަނެލީ-"
ޑޭވިޑް އަޑުއަހަން ހުރީއެވެ. ޙައިރާންވެފައެވެ. އެ ކިޔާ އެއްޗެއް އޭނާއަކަށް މާ ރަނގަޅަކަށް ނުވިސްނެއެވެ.
ވިލިއަމްސް ބްރެނާންއާ ދިމާއަށް ބަލައިލިއެވެ. "ކޯޓުގައި މައްސަލަ ފެށުނު ގޮތުގެ ތަފްޞީލު އަޅުގަނޑު ކިޔައިފިން- މި މައްސަލައަކީ ޝަރީޢަތަށް ދާންޖެހޭ ވަރުގެ މައްސަލައެއް ކަމަކަށް އަޅުގަނޑެއް ނުދެކެން- އެހެންވީމާ އަޅުގަނޑު ބޭނުންވަނީ ދައުލަތުން ހުށަހަޅާ ގޮތަށް އޭޝްލީ ކުށްވެރިވާ ކަމަށް މައްސަލަ ނިންމަން-"
ޑޭވިޑް ބުނެލިއެވެ. "ތިޔައީ ވާނޭ ކަމެއް ނޫން-"
އެ ދެ މީހުން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ.
"މިސްޓަރ ސިންގަރ..."
"އޭޝްލީއަކީ ކުށްވެރިއެއް ނޫން- ޖަލުގައި އޭނާ ދޮގުހަދާތޯ ބަލަން ކުރި ޓެސްޓަކުން އޭނާ ވަނީ ފާސްވެފައި- އެއީ އޭނާގެ ކުށެއް ނެތް ކަމުގެ ހެއްކެއް..."
"އެއީ ހެއްކެއް ނޫން- އެ ކަމަކުން އެއްވެސް ކަމެއް ސާބިތެއް ނުވޭ- އަދި އެ ކަހަލަ ޓެސްޓުތަކަކީ ކޯޓަށް ޤަބޫލުކުރެވޭ ކަހަލަ އެއްޗެއް ނޫންކަން ޑޭވިޑަށް އެނގިލައްވާނެ- މި މައްސަލަ މިހާރު މި އޮތީ ވަރަށް ބޮޑަށް މަޝްހޫރުވެފައި- އެހެންވީމާ މައްސަލަ ވަރަށް ދިގުލާނެ ކަމަށް އަޅުގަނޑަށް އެބަ ހީކުރެވޭ-"
"އާދެ..."
"އަޅުގަނޑު މި ދާއިރާގައި އުޅޭތާ އެތައް އަހަރެއް ވެއްޖެ- ކުށްވެރިން ކުށްވެރިނުވާ ކަމަށް އެ މީހުންގެ ދިފާޢުގައި ވަކީލުން ދައްކާ ވާހަކަ އިވިއިވި ކަންފަތް މި ހުންނަނީ ފުރިފައި- އަމިއްލަ ދިފާޢުގައި ދޭ ޙަމަލާއެއްގެ ސަބަބުން މީހަކު މަރުވީމާ އެއީ ގަސްތުގައި ކުރި ކުށެއް ނޫނޭ ބުނެވިދާނެ- އެއީ ބުއްދި ޤަބޫލުކުރާ ކަމެއް- ސިކުނޑި ހަލާކުވެ، މޮޔަވުމުގެ ސަބަބުން މީހަކު މަރައިލީތީ އެ މީހާ ކުށްވެރި ނުވެއޭ ބުނުމަކީ ވެސް ޤަބޫލުކުރެވޭ ކަމެއް- އެކަމަކު މީހުން މަރަނީ ތިމަންނާއެއް ނޫނޭ، ތިމަންގެ ހަށިގަނޑުގައި އުޅޭ އެހެން މީހެކޭ ބުނާ ވާހަކަ އަޅުގަނޑަކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވޭ- އެ މީހުން މަރައިލީ އޭޝްލީ- އެހެން ނޫނީ އޭނާއެއް ނޫން- އެހެން ބަޔަކު އޭނާގެ ހަށިގަނޑުގައި ތިބެގެން މީހުން މަރާ ވާހަކަ އަޑުއަހާކަށް އަޅުގަނޑެއް ބޭނުމެއް ނުވޭ- އޭނާ ކުށްވެރިވާ ކަމަށް ޤަބޫލުކޮށްފައި މައްސަލަ ނިންމައިލީމާ ސަރުކާރަށް ފަސޭހަ..."
"ނޫން- ތިޔަ ގޮތަށް ކަންތައް ކުރާކަށް އަޅުގަނޑެއް ބޭނުމެއް ނުވޭ-"
ވިލިއަމްސް ޑޭވިޑާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. "ތިޔަ ގެންގުޅުއްވަނީ ވަރަށް ގޮތް ދޫނުކުރައްވާ ކަހަލަ ގޮތެއް- ތިޔައީ ވަރަށް ގިނަ މީހުންނަށް ކަމުދާ ސިފައެއް- އެކަމަކު އަޅުގަނޑަކަށް ކަމަކުނުދޭ-"
"އަޅުގަނޑު..."
"ތިޔަ މަސައްކަތްކުރައްވަނީ ތިން މަސް ދުވަހަށް ނޫނީ އެއަށްވުރެ ގިނަ ދުވަހަށް ދެމިގެންދާ ކަހަލަ މައްސަލައެއްގެ ތެރެއަށް އަޅުގަނޑުމެން ވައްދަވަން-"
ބްރެނާން ބޯޖަހައިލިއެވެ. "އަޅުގަނޑު ތިޔަ ވާފަކަފުޅާ އެއްބަސްވަން-"
"ތިޔަހެން ހީކުރެއްވޭ ކަމަށް ވަންޏާ އަޅުގަނޑު އެ ކަމާ ދެރަ..."
"މިސްޓަރ ސިންގަރ- މި މައްސަލަ ކޯޓަށް ހިނގައްޖެއްޔާ އޭޝްލީ މަރުވާނެކަން އަޅުގަނޑަށް ކަށަވަރު-"
"ކީކޭތޯ-؟ މައްސަލަ އަދި ނުފެށެނީސް ޙުކުމްކުރައްވަނީތޯ-؟"
"ނުފެށެނީސް ޙުކުމްކުރަނީއޭތޯ-؟ އޭނާއާ ދެކޮޅަށް ފެންނަން ހުރި ހެކިތައް ބެއްލެވިންތޯ-؟"
"އާދެ- އަޅުގަނޑު..."
"އޭޝްލީ ޕެޓަރސަންގެ އިނގިލީގެ ނިޝާން އެ ހުރިހާ ތަނަކުން ފެނުނު- ޑީއެންއޭ ޓެސްޓުން ޙާދިސާތައް ހިނގި ތާނގައި އޭނާ އުޅުނުކަން ސާބިތުވޭ- މިހައި ރަނގަޅަށް ސާބިތުވާ ކުށެއް އަޅުގަނޑު މިއިން ދުވަހަކު ނުދެކެން- މައްސަލަ ކޯޓަށް ގެންދަވައިފިއްޔާ މި މައްސަލަ ވެގެންދާނީ ޗަރުކޭހަކަށް- އެކަން އެހެން ވިޔަ ދިނުމަކީ އަޅުގަނޑު ކުރާނޭ ކަމެއް ނޫން- އަޅުގަނޑުގެ ކޯޓުގައި ޗަރުކޭސް ބޭއްވުމަކީ އަޅުގަނޑު ރުހޭ ކަމެއް ނޫން- އެހެންވީމާ މި މައްސަލަ މި ހިސާބުން ނިންމަވައިލައްވާ- އަޅުގަނޑު އަދި އެއްފަހަރު ނަންގަނެލާނަން- އޭޝްލީ ކުށްވެރިވާ ކަމަށް ޤަބޫލުކުރައްވައިފައި މައްސަލަ ނިންމަވައިލައްވާ-"
ޑޭވިޑް ގޮތްދޫނުކުރާ ރާގަކަށް ބުނެލިއެވެ. "އަޅުގަނޑު އެހެންނެއް ނުހަދާނަން-"
ވިލިއަމްސް އޭނާއާ ދިމާއަށް ކަޅިއަޅައިލިއެވެ. "އެންމެ ރަނގަޅު- އެހެން ވެއްޖެއްޔާ މިއަންނަ ހަފްތާގައި ބައްދަލުކުރާނީ-"
ޑޭވިޑަށް މުޅިން އާ ދުޝްމަނަކު ލިބުނީއެވެ.
ފަނަރަވަނަ ބާބު
މުޅި ރަށް ފުރިހަމަ ކާނިވަލަކަށް ވެއްޖެއެވެ. ދުނިޔޭގެ އެތަން މިތަނުން ނޫސްވެރިން އަންނަނީ ވަކިވަރެއް ބަލައިގެންނެއް ނޫނެވެ. ހުރިހައި ހޮޓަލެއް ވަނީ ފުރިބާރުވެފައެވެ. ބައެއް ނޫސްވެރިންނަށް ޖެހުނީ ކައިރީގައި އޮތް ސެންޓާ ކްލާރާއާއި، ސަނީވޭލްއާއި، ޕާލޯ އަލްޓޯއިން ކޮޓަރި ހޯދާށެވެ. ޑޭވިޑަށް ރިޕޯޓަރުންގެ ފުށުން ސަލާމަތްވެވެނީ ހަމަކިރިޔާއެވެ.
"މިސްޓަރ ސިންގަރ- އޭޝްލީ ޕެޓަރސަންގެ މައްޗަށް ކުށް ސާބިތުވޭތޯ...؟"
"އޭޝްލީ ޕެޓަރސަންއާ ސުވާލުކުރައްވާނަންތޯ...؟"
"ދައުލަތުގެ ފަރާތުން މި މައްސަލަ އަނބުރާ ގެންދާށޭ އެންގެވި ވާހަކަ އެއީ ތެދެއްތޯ...؟"
"ޑޮކްޓަރ ޕެޓަރސަން ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރައްވާނަންތޯ...؟"
"އަޅުގަނޑުގެ މަޖައްލާއަށް އޭޝްލީގެ އިންޓަރވިއުއެއް ލިބޭ ގޮތް ހައްދަވައި ދެއްވައިފިއްޔާ ފަންސާސް ހާސް ޑޮލަރު އަރުވާނަން..."
* * *
މިކީ ބްރެނާން ވެސް އުޅެން ޖެހުނީ ރިޕޯޓަރުންގެ ސުވާލުތަކުން ސަލާމަތް ނުވެވިގެންނެވެ.
"މިސްޓަރ ބްރެނާން- މި ޝަރީޢަތާ ބެހޭ ގޮތުން ކޮންމެވެސް މަޢުލޫމާތެއް ދެއްވަފާނަންތޯ...؟"
މިކީ ބްރެނާން ހިނިތުންވެލައިފައި ޓީވީ ކެމެރާއާ ދިމާއަށް ބަލައިލިއެވެ. މުޅި މައްސަލައިގެ ޚުލާސާ އަޅުގަނޑު ދަންނަވާނީ އެންމެ ޖުމްލައަކުން... "މި މައްސަލަ ނިމޭނީ އަޅުގަނޑުގެ ކޮޅަށް... އެ ނިމުނީ... އިތުރު ވާހަކައެއް ނެތް..."
އޭޝްލީގެ ސިކުނޑި ރަނގަޅު ނޫންކަމަށް ޤަބޫލުކުރައްވަންތޯ...؟"
"ދައުލަތުން ބުރަވަނީ މަރަށް މަރު ހިފުމުގެ މައްޗަށްތޯ...؟"
"މިއީ މުޅިން ނިމިފައި އޮތް މައްސަލައެކޭ ބުނުއްވިންތޯ...؟"
ޑޭވިޑް ސެން ހޯޒޭއިން އޮފީހެއް ކުއްޔަށް ހިފީ ކޯޓާ ކައިރި ތަނެއް ބަލައިގެންނެވެ. އެ އޮފީހުގެ ބޭނުމަކީ އޭނާ ހާޒިރުކުރަން ބޭނުން ހެކިންނާ ވާހަކަދެއްކުމާއި، ޝަރީޢަތަށް ތައްޔާރުވުމުގެ މަސައްކަތްކުރުމެވެ. އޭނާ ގަސްތުކޮށްފައި އޮތީ ޝަރީޢަތް ފެށެންދެން ސަންޑްރާ ޖެސީ ކިލަރގެ އޮފީހުގައި މަސައްކަތްކުރަން ބަހައްޓާށެވެ. އެއީ އެ ކޮޅުން ނިންމަން ޖެހޭ ބައެއް ކަންތައްތައް ހުރުމާވެސް އެކުގައެވެ. ޑޮކްޓަރ ސަލެމް އޭނާއާ އެކީ ސެން ޖޯސްއަށް އައެވެ.
"އޭޝްލީ އަދި އެއްފަހަރު ހިޕްނޮޓައިޒްކުރަން އަހަރެން ބޭނުން-" ޑޭވިޑް ބުންޏެވެ. "ޝަރީޢަތް ފެށުމުގެ ކުރިން އޭނާގެ ފުށުންނާއި، އޭނާގެ ހަށިގަނޑުގައި އުޅޭ އަނެއް ދެ މީހުންގެ ފުށުން ލިބެން ހުރި ހުރިހައި މަޢުލޫމާތެއް އަހަރެން ބޭނުން-"
އެ މީހުން އޭޝްލީއާ ބައްދަލު ކުރީ އެ ޝަރީޢަތަށް ގެންނަ މީހުން އެ ރަށުގައި ބަންދުކޮށްފައި ބައިތިއްބަން ހަމަޖައްސައިފައިވާ ޚާއްޞަ ތަނެއްގައެވެ. އޭޝްލީ ބަލައިލުމާއެކު އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައިކަން އެނގެއެވެ. އެހެން ނަމަވެސް އޭނާ ދިޔައީ އެކަން ފޮރުވޭތޯ މަސައްކަތް ކުރަމުންނެވެ. ޑޭވިޑަށް އޭނާ ފެންނަނީ ޝިކާރަވެރިއެއްގެ ބައްތީގެ އަލީގައި ޖެހި، ސަލާމަތްނުވެގެން ކޮޅުކޮޅުމައްޗަށް ދުވަމުންދާ ފުއްލާއެއްގެ ގޮތުގައެވެ.
"އޭޝްލީ- ޑޮކްޓަރ ސަލެމް ހަނދާން އެބަހުރިތަ-؟"
އޭނާ ބޯޖަހައިލިއެވެ.
"އޭނާ އައީ އަދި އެއްފަހަރު އޭޝްލީ ހިޕްނޮޓައިޒްކުރަން ވެގެން- އެންމެ ރަނގަޅުތަ-؟"
އޭޝްލީ ބުންޏެވެ. "އޭނާ އަނެއް ދެ މީހުންނާ... ވާހަކަ ދައްކާނެތަ-؟"
"އާނ- މައްސަލައެއް އޮތީތަ-؟"
"ނޫން- މައްސަލައެއް އޮތީއެއް ނޫން- އެކަމަކު އަހަ... އަހަރެން އެ މީހުންނާ ވާހަކަދައްކާކަށް ބޭނުމެއް ނޫން-"
"އެންމެ ރަނގަޅު- އޭޝްލީ އެ މީހުންނާ ވާހަކަ ނުދެއްކިޔަސް އެންމެ ރަނގަޅުވާނެ-"
"މިއީ އަހަރެން ކުރާ ހިތްވެގެން ކުރާ ކަމެއް ނޫން-" އޭޝްލީ ރުޅިވެރި ކަމާއެކު ބުނެލިއެވެ.
"އެ ކަން އަހަންނަށް އެނގޭ-" ޑޭވިޑް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. "ހާސްނުވޭ- ވަރަށް އަވަހަށް ހުރިހައި ކަމެއް ނިމިދާނެ-"
އޭނާ ޑޮކްޓަރ ސަލެމްއާ ދިމާއަށް ބަލައިލައިފައި ބޯޖަހައިލިއެވެ.
"އޭޝްލީ- ހަމަޖެހިގެން އިށީނދޭ- މިއީ ވަރަށް ފަސޭހަ ކަމެއް- އެކަން އަބަދުވެސް ހަނދާންކުރާތި- ލޯމަރައިލާ- މުޅިން ހަމަޖެހިލާ- އަހަރެންގެ އަޑުއަހާ- އެހެން އެއްވެސް އަޑަކަށް ސަމާލުކަން ނުދޭތި- މިހާރު ވަރަށް ބޮޑަށް ނިދިއަންނާނެ- ލޮލަށް ބަރުވަނީ- މިހާރު ބޭނުންވަނީ ރަނގަޅަށް ނިދައިލަން... ނިދާ..."
ދިހަ މިނިޓް ވީއިރު އޭޝްލީ އިނީ ޑޮކްޓަރ ސަލެމްގެ ކޮންޓްރޯލްގެ ދަށަށް އައިސްފައެވެ. އޭނާ ޑޭވިޑަށް އިޝާރާތްކޮށްލީމާ ޑޭވިޑް އޭޝްލީ އިން ގޮނޑީގެ ކައިރިއަށް ޖެހިލިއެވެ.
"އަހަރެން އެންމެ ފުރަތަމަ ބޭނުންވަނީ އެލެޓާ ވާހަކަދައްކަން- އޭނާ އެބަ އުޅޭތަ-؟"
އޭޝްލީގެ މޫނުގެ ކުލަވަރު ބަދަލުވާން ފަށައިފިއެވެ. ކުރީ ފަހަރެކޭ މުޅިން އެއް ގޮތަށެވެ. އޭނާ ވާހަކަދައްކަންފެށީ ހަމަ ކުރީ ފަހަރެކޭ އެއްގޮތަށް އިޓަލީގެ ރާގުގައެވެ.
"ބޮން ޖޯރްނޯ-"
"އެލެޓް- ކިހިނެއް-؟"
"ރަނގަޅު- މިހާރު މި އުޅެވެނީ އުނދަގޫ މައްސަލަގަނޑެއްގެ ތެރޭގައި-"
"އާނ- އެންމެންވެސް މި ތިބީ ހަމަ ތިޔަ މައްސަލަގަނޑުގެ ތެރޭގައި- އެކަކަށް ވެސް މި ކަމެއް ފަސޭހައެއް ނޫން-" ޑޭވިޑް ބުނެލިއެވެ. "އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ ހުރިހައި ކަމެއް މުޅިން ހަމައަކަށް އެޅިދާނެ-"
"އަހަރެންގެ އުންމީދަކީވެސް ތިޔައީ-"
"އެލެޓް- ދެތިން ސުވާލެއް ކޮށްލިއަސް އެންމެ ރަނގަޅުތަ-؟"
"މައްސަލައެއް ނެތް- ސުވާލުކުރޭ-"
"ޖިމް ކްލެއަރީ ދަންނަންތަ-؟"
"ނުދަންނަން-"
"ރިޗަރޑް މެލްޓަން ދަންނަންތަ-؟"
"އާނ-" އޭނާގެ އަޑުން ހިތާމައިގެ އަސަރު ފާޅުވެއެވެ. "އޭނާއަށް ވީ ގޮތް އެނގުނީމާ އަހަރެން ވަރަށް ބޮޑަށް ހިތާމަކުރިން- އެއީ ވަރަށް އަނިޔާވެރި ހާދިސާއެއް-"
ޑޭވިޑް ޑޮކްޓަރ ސަލެމްއާ ދިމާއަށް ބަލައިލިއެވެ. "އާނ- އެއީ ވަރަށް އަނިޔާވެރި ހާދިސާއެއް- އެންމެ ފަހުން އޭނާއާ ބައްދަލުވީ ކޮން ދުވަހަކު-؟"
"އެންމެ ފަހުން ބައްދަލުވީ ސެން ފްރެންސިސްކޯއިން- އަހަރެމެން ދެ މީހުން ދާރުލްއާސާރަކަށް ދިޔައިން އެ ތަނުން ނިމިގެން ރޭގަނޑު ކާންދިޔައީ- އޭނާއާއެކީ އޭނާގެ ގެއަށް ހިނގާށޭ އޭނާ ބުނި-"
"ދިޔައިންތަ-؟"
"ނުދަން- އެކަމަކު ދެވުނުނަމަ ރަނގަޅޭ ހިތަށް އެބަ އަރާ-" އެލެޓް ވަރަށް ދެރަވެފައި ބުނެލިއެވެ. "އަހަރެން ދިޔަނަމަ އޭނާގެ ފުރާނަ ސަލާމަތް ވީސްކަން ނޭނގެ-" އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. "އަހަރެން އޭނާއާ ވަކިވެގެން އައީ ކަޕަޗީނޯއަށް-"
"އެއީ އެންމެ ފަހުން އޭނާ ބައްދަލުވީ ދުވަސްތަ-؟"
"އާނ-"
"ޝުކުރިއްޔާ އެލެޓް-"
ޑޭވިޑް ތަންކޮޅެއް ބޮޑަށް ކައިރިއަށް ޖެހިލިއެވެ. "ޓޮނީ-؟ އެބަ އުޅެންތަ-؟ އަހަރެން ޓޮނީއާ ވާހަކަދައްކާލަން ބޭނުން-"
އެ ދެ މީހުން ތިބީ ބަލާށެވެ. އޭޝްލީގެ މޫނަށް އަނެއްކާވެސް ބަދަލު އަންނަން ފަށައިފިއެވެ. އެ ހުރިހައި ބަދަލެއް އައީ އެ ދެ މީހުންގެ ކުރިމަތީގައެވެ. އޭނާ ލަވަކިޔަން ފަށައިފިއެވެ.
އޭނާ ޑޭވިޑާ ދިމާއަށް ބަލައިލައިފައި އަހައިލިއެވެ. "ލޯބިގަނޑާ- އަހަރެން މި ލަވަ ކިޔާހިތްވަނީ ކީއްވެގެންކަން އެނގޭތަ-؟"
"ނޭނގޭ-"
"އެއީ މިއީ މަންމައަށް ކަމުނުދާ ލަވައަކަށް ވާތީ- އަހަރެން މި ލަވަ ކިޔާތީ މަންމަ ވަރަށް ރުޅި އާދޭ- މަންމަ އަހަރެން ދެކެ ވެސް ރުޅިއާދޭ-"
"އެއީ ކީއްވެގެން-؟"
"މިހާރަކު މަންމައަކާ ސުވާލެއް ނުކުރެވޭނެއެއްނުންދޯ-؟" ޓޮނީ ހީނގަތެވެ. "މިހާރު އޮންނަނީއަކީ ސުވާލުކުރެވޭ ކަހަލަ ތަނެއްގައެއް ނޫން- އަހަރެން ކުރާ އެއްވެސް ކަމެއް މަންމައަކަށް ރަނގަޅެއް ނުވާނެ- ޑޭވިޑްގެ މަންމަ ކިހިނެއްތަ-؟"
"އަހަރެންގެ މަންމައަކީ ވަރަށް ރަނގަޅު މީހެއް-"
"އެހެން ވެއްޖެއްޔާ ޑޭވިޑަކީ ވަރަށް ނަސީބުގަދަ މީހެއް- ނޫންތަ-؟ މިއީ ހުސް ނަސީބުގެ ކުޅިވަރު- އެކި މީހުންނަށް އިރާދަކުރައްވަނީ އެކި ގޮތް- ނޫންތަ-؟"
"އިރާދައަކީ ޓޮނީ ގަބޫލުކުރާ ކަމެއްތަ-؟ ތިޔައީ ދީންވެރިއެއްތަ-؟"
"އަހަންނަކަށް ނޭނގެ- އިރާދައަކީ ވެސް އޮންނަ އެއްޗަކަށް ވެދާނެ- އެލެޓަކީ ވަރަށް ދީންވެރި ކުއްޖެއް- ގަވާއިދުން ފައްޅިއަށް ވެސް ދާނެ-"
"ޓޮނީ ދަންތަ-؟"
ޓޮނީ ހީނލިއެވެ. "އޭނާ ދަންޏާ އަހަރެން ދަން-"
"ޓޮނީ- މީހުން މެރުމަކީ ރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރަންތަ-؟"
"ނުކުރަން- އެއީ ކޮށްގެން ވާނޭ ކަމެއް ނޫން-"
"ދެން..."
"ކުރަން ނުޖެހެނީސް ކޮށްގެން ނުވާނެ-"
ޑޭވިޑާއި، ޑޮކްޓަރ ސަލެމް އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ.
"ތިޔަ ބުނީ ކީކޭ-؟"
ޓޮނީގެ ރާގު މުޅިން ބަދަލުވެއްޖެއެވެ. މިހާރު ވާހަކަދައްކަނީ ކުރެވުނު ކަމެއް ރަނގަޅު ކަމަށް ސާބިތުކޮށްދޭން ވާހަކަދައްކާ ރާގަށެވެ. "މި ބުނީ... މިސާލަކަށް އަމިއްލަ ނަފްސުގެ ދިފާޢުގައި މީހަކު މަރަން ޖެހިއްޖެއްޔާ މަރަންވީއޭ... މީހަކު އަނިޔާކުރަން އުޅެންޏާ..." އޭނާގެ އަޑުގައި ނަފްރަތުގެ އަސަރު ވެސް ހުއްޓެވެ. "ނޫނީ ހުތުރުކަމެއް ކުރަން އުޅެންޏާ..." އޭނާގެ އަޑުގަދަވާން ފަށައިފިއެވެ.
"ޓޮނީ..."
އޭނާ ރޯންފަށައިފިއެވެ. "އެ މީހުން އަހަންނާ އަޅައިގަނެގެން އުޅެނީ ކީއްވެގެން-؟ އެ މީހުން..." އޭނާ ހަޅޭއްލަވަނީއެވެ.
"ޓޮނީ..."
ހިމޭންކަން ވެރިވެއްޖެއެވެ.
"ޓޮނީ..."
ޖަވާބެއް ނުލިބުނެވެ.
ޑޮކްޓަރ ސަލެމް ބުނެލިއެވެ. "އޭނާ ހިނގައްޖެ- އޭޝްލީ ހޭލައްވަންވީ-"
ޑޭވިޑް މާނޭވާއެއް ލިއެވެ. "އެންމެ ރަނގަޅު-"
އޭގެ ކުޑައިރުކޮޅެއް ފަހުން އޭޝްލީ ހޭއަރައިފިއެވެ.
"ކިހިނެއް-؟" ޑޭވިޑް އަހައިލިއެވެ.
"ވަރުބަލިވެއްޖެ- އެއްވެސް މައް... މައްސަލައެއް ދިމާވިތަ-؟"
"ނުވޭ- އަހަރެމެން އެލެޓާ، ޓޮނީއާ ދެ މީހުންނާ ވާހަކަދައްކައިފިން- އެ މީހުން..."
(ނުނިމޭ)
Mee vaahakain mi bayyaa behey Gina kankanb dheyhavey v. molhu