(18 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ފޯނު ބާއްވައިފައި އިރުކޮޅަކު ވިސްނަން އިނެވެ. ދެން އިސް އުފުލައި ބަލައިލައިފައި ބުނެލިއެވެ.
"އެއީ އެފްބީއައި އޮފީހުން އައި ކޯލެއް- މަރުވި މީހުންގެ ހަށިގަނޑުގައި ހުރި އިނގިލީގެ ނިޝާން އެ މީހުން ވަރަށް ރަނގަޅަށް ބަލައިފި- ކެބެކް ސިޓީގައި ޖީން ކްލައުޑީ ޕޭރެންޓް މަރުވި ދުވަހު އޭނާއާ އެކީ ޓޮނީ ޕްރެސްކޮޓޭ ކިޔާ އަންހެން ކުއްޖަކު އުޅުނު-"
"ދެން...؟"
"ސެން ފްރެންސިސްކޯގައި ރިޗަރޑް މެލްޓަން މަރުވި ދުވަހު އޭނާ އުޅުނީ އިޓަލީ އަންހެން ކުއްޖެއް ކަމަށް ވާ އެލެޓް ޕީޓަރސް އާ އެކީ-"
އެންމެން ބޯޖަހައިލިއެވެ.
"ރޭ ސޭމް ބްލޭކް މަރުވުމުގެ ކުރިން އުޅުނީ އޭޝްލީ ޕެޓަރސަންގެ ގޭގައި- އޭނާއާ އެކީ-"
"ރަނގަޅު-"
ޝެރިފް ޑޮވްލިންގ ފުންނޭވާއެއް ލިއެވެ. "އޭޝްލީ ޕެޓަރސަންއާއި..."
"ހޫނ...؟"
"ޓޮނީ ޕްރެސްކޮޓާއި..."
"ހޫނ...؟"
"އެލެޓް ޕީޓަރސް އާ..."
"ހޫނ..."
"މި ތިން މީހުންނަކީ އެކަކު-"
ދެވަނަބައި
އެގާރަވަނަ ބާބު
ރޮބަރޓް ކްރޮވްދަރއަކީ ބިން ވިއްކުމުގެ ވިޔަފާރި ހިންގާ މީހެކެވެ. އޭނާ ދޮރު ހުޅުވައިލައިފައި ބުނެލިއެވެ. "މިއީ ހާމަ ފެންޑާ- މި ތަނުން ކޮއިޓް ޓަވަރ ވަރަށް ރީތިކޮށް ފެނިވަޑައިގަންނަވާނެ-"
އެ ޒުވާން ދެމަފިރިން މަޑުމަޑުން ހިނގައިފައި ގޮސް ހާމަ ފެންޑާގެ އެއްކޮޅަށް ހުއްޓުނު ތަން އޭނާ ބަލަން ހުއްޓެވެ. އެ ތާނގައި ތިބެގެން ބަލައިލީމާ ސެން ފްރެންސިސްކޯ ފެންނަނީ ޢަޖާއިބު ވާހައި ރީތި ގޮތަކަށެވެ. އެކަމަކު އެ މީހުން ތިބީ މޫނުމަތިން އުފާވެރިކަން ނުދައްކަން ނިންމައިގެންނެވެ. އެއީ އެއްޗެއް ގަންނަން އުޅޭ މީހަކު ކޮށްގެން ވާނޭ ކަމެއް ނޫނޭ ގިނަ މީހުން ބުނެއެވެ. ވިއްކާ މީހާއަށް ގަންނަ މީހުންގެ ޝައުޤުވެރިކަން ހުރި މިންވަރެއް އެނގުމަކީ ނުރައްކާތެރި ކަމެއް ކަމަށް ދެކޭ މީހުން ވަރަށް ގިނައެވެ.
ކްރޮވްދަރގެ ހިތަށްއެރިއެވެ. މި ތަނާ އަޅައި ބަލައި އިރު މިހާރު ކިޔައިފައި އޮތް އަގު ރަނގަޅެވެ. އޭނާ ޖެހިލުންވަނީ މި ދެމަފިރިންނަށް އެ އަގު ދެވިދާނެ ބާވައޭ ހިތަށް އަރައިފައެވެ. އެ ދެމަފިރިންގެ ތެރެއިން ފިރިހެންމީހާއަކީ ޤާނޫނީ ވަކީލެކެވެ. ޒުވާން ވަކީލުންނަކަށް މާ ގިނަ ފައިސާއެއް ނުލިބެއެވެ.
އެ ދެމަފިރިންނަކީ ވަރަށް ރީތި ދެ ޒުވާނުންނެވެ. އެކަކު އަނެކަކު ދެކެ ނުހަނު ބޮޑަށް ލޯބިވާކަން އެނގޭހައި ވެއެވެ. ފިރިހެން މީހާގެ ނަމަކީ ޑޭވިޑް ސިންގަރއެވެ. އޭނާގެ އަނބިމީހާގެ ނަމަކީ ސަންޑްރާއެވެ.
ސަންޑްރާގެ ބަނޑާ ދިމާއަށް ކުޑަކޮށް ފުފިފައި ހުރިހެން ރޮބަރޓް ކްރޮވްދަރއަށް ހީވެގެން ބުނެލިއެވެ. "މެހްމާނުންނަށް ހުރި ދެވަނަ ކޮޓަރި ކުޑަކުއްޖަކު ބާއްވާ ތަނަކަށް ވަރަށް ރަނގަޅުވާނެ- މި ގެ މިހިރަ ކޮށްޓާ ޖެހިގެން ދެ ކޮށި ދޫކޮށްފައި ކުޑަކުދިން ކުޅޭ މައިދާނެއް އޮންނާނެ- މި ހިސާބުގައި ދެ އިސްކޫލު ހުންނާނެ-" އެ ދެ މީހުން އެކަކު އަނެކަކާ ދިމާއަށް ބަލައިލައިފައި ސިއްރުސިއްރުން ހިނިތުންވެލީ ތަން އޭނާއަށް ފެނުނެވެ.
އެ ގޭގެ މަތީބުރީގައި ހުންނަނީ ބޮޑު ނިދާކޮޓަރިއަކާއި، މެހްމާނުންނަށް ހުންނަ ކުޑަކޮޓަރިއެކެވެ. ދެ ކޮޓަރީގައި ވެސް ފާޚާނާ ހުރެއެވެ. ތިރީގައި ހުންނަނީ ބޮޑުކޮޓަރިއާއި، ކާގެއާއި، ބަދިގެއާއި، ލައިބްރަރީއާއި، މެހްމާނުންގެ ކޮޓަރިއަކާއި، ދެ ފާޚާނާއެވެ. ކޮންމެ ކޮޓަރިއަކުން ވެސް ބޭރު ފެނެއެވެ.
ރޮބަރޓް ދުރުގައި ބަލަން ހުރީއެވެ. އެ ދެ މީހުން ސިއްރުސިއްރުން ވާހަކަތަކެއް އެބަ ދައްކައެވެ.
"އަހަންނަށް ވަރަށް ރީތި-" ސަންޑްރާ ބުނެލިއެވެ. "ކުޑަކުއްޖަކަށް ވަރަށް ހިތްފަސޭހަ ތަނަކަށް ވާނެ- އެކަމަކު އަހަރެންގެ ހިތަށް އަރަނީ އަހަރެމެންނަށް ގަނެވޭ ވަރުގެ ތަނަކަށް ވާނެ ބާވައޭ- ހަ ލައްކަ ޑޮލަރަކީ ހާދަހާ ބޮޑު ޢަދަދެކޭ-"
"އަދި ޢިމާރާތް ބަލަހައްޓަން ހިނގާ ޚަރަދު ވެސް އޮންނާނެ-" ޑޭވިޑް ބުންޏެވެ. "މިއަދަކު އަހަރެމެންނަކަށް އެހައި ފައިސާއެއް ނުދެވޭނެ- އެކަމަކު ބުރާސްފަތި ދުވަހު ދެވިދާނެ- ޖިންނި އަރާނީ އެ ދުވަހު- އެ ދުވަހުން ފެށިގެން އަހަރެމެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާނެ-"
"އަހަންނަށް އެނގޭ-" ސަންޑްރާ އުފާ ވެލައިފައި ބުނެލިއެވެ.
"ގަންނާނީތަ-؟"
ސަންޑްރާ ފުންނޭވާއެއްލިއެވެ. "އާނ-"
ޑޭވިޑް ހިނިތުންވެލިއެވެ.
ދެ މީހުން އަތުގުޅުވައިލައިގެން މަޑުމަޑުން ހިނގައިފައި ރޮބަރޓް ހުރި ތަނަށް އަތުވެއްޖެއެވެ. "އަހަރެމެން މި ގެ ގަންނާނީ-"
"މަރުޙަބާ- މިއީ ސެން ފްރެންސިސްކޯގައި ހުރި އެންމެ ރީތި ގެތަކުގެ ތެރެއިން ގެއެއް-"
"އާނ-"
"ތިޔަ ދެކަނބަލުންގެ ނަޞީބު ވަރަށް ގަދަ- މި ގެ ގަންނަން ބޭނުން އެހެން މީހުން ވެސް އެބަ އުޅޭ-"
"އެންމެ ފުރަތަމަ ދޭން ވަނީ ކިހައި ވަރެއް-؟"
"ފުރަތަމަ ދައްކަވަން ޖެހެނީ ދިހަ ހާސް ޑޮލަރު- އެ ފައިސާ ދެއްކެވީމާ އަޅުގަނޑު ލިޔުންތައް ތައްޔާރުކޮށްލާނަން- ލިޔުމުގައި ސޮއިކުރައްވާ ދުވަހު އިތުރު ފަސްދޮޅަސް ހާސް ޑޮލަރު ދައްކަވަން ވާނެ- އޭގެ ފަހުން ބޭންކުގެ ލަފާގެ މަތިން މަހަކު ދައްކަވަން ޖެހޭ ވަރެއް ކަނޑައަޅާނީ-"
ޑޭވިޑް ސަންޑްރާއާ ދިމާއަށް ބަލައިލިއެވެ. "އެންމެ ރަނގަޅު-"
"އަޅުގަނޑު ހަމަ މި ވަގުތުން ފެށިގެން ލިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތް މި ފަށަނީ-"
"އަދި ގެ ބަލައިލިޔަސް އެންމެ ރަނގަޅުތަ-؟"
ރޮބަރޓް ހިނިތުންވެލިއެވެ. "ކިތަންމެ ވަރަކަށް ބެއްލެވިޔަސް ވަރިހަމަ- މިއީ ތިޔަ ދެ ކަނބަލުންގެ ގެއެއް ނޫންތޯ-"
"ޑޭވިޑް- އަހަންނަށް އަދިވެސް ހީ ކުރެވެނީ މި އުޅެވެނީ ހުވަފެނެއްގެ ތެރޭގައޭ-"
"މިއީ ޙަޤީޤަތެއް-" ޑޭވިޑް އޭނާ ގަޔާ ކައިރި ކޮށްލިއެވެ. "ސަންޑްރާގެ ހުރިހައި ހުވަފެނެއް ހަޤީޤަތަށް ހަދަން އަހަރެން ބޭނުން-"
"މިހާރު މި ދަނީ ވަމުންނެއް ނުން-"
އެ ދެ މީހުން މިހައި ތަނަށް އުޅެނީ މެރީނާ ޑިސްޓްރިކްޓްގައި ހުންނަ ދެ ކޮޓަރީގެ އެޕާޓްމަންޓެއްގައެވެ. އެކަމަކު ސަންޑްރާ ވިހެއީމާ އެ ތާނގައި އުޅެން ދަތިވާނެތީ އެހެން ތަނެއް ހޯދުމުގެ މަސައްކަތް ފެށީއެވެ. ބުރާސްފަތި ދުވަސް އަންނަންދެން އޭނާއަކީ މުއްސަނދި މީހަކަށް ނުވާނެއެވެ. އެކަމަކު އެ ދުވަހުން ފެށިގެން ހުރިހައި ކަމެއް ބަދަލުވާނެއެވެ. އެ ދުވަހަކީ އޭނާ މަސައްކަތްކުރާ ޤާނޫނީ އިދާރާ ކިންސެއިޑް، ޓާރނަރ، ރޯޒް އެންޑް ރިޕްލީގެ ޙިއްޞާދާރަކަށް އޭނާ ހަމަޖެހޭ ދުވަހެވެ.
ކިންސެއިޑް، ޓާރނަރ، ރޯޒް އެންޑް ރިޕްލީއަކީ ޒުވާނުން މަސައްކަތް ކުރަން އެހައި ފަސޭހަ ތަނެއް ނޫނެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ބާރުގަދަވެފައި ތިބޭ ވަކީލުންގެ ސަބަބުން ޒުވާން ވަކީލުންނަށް ފުރުޞަތެއް ލިބެނީ ވަރަށް މަދުންނެވެ. އެކަމަކު ޑޭވިޑަކީ ފަސޭހައިން ހަތިޔާރު ބަހައްޓާ މީހެއް ނޫނެވެ. އެހެންވީމާ ހިތްވަރުކޮށްފައި ހިފަހައްޓައިލީއެވެ. އެންމެ ފަހުން މި އޮތީ ބުރަ މަސައްކަތުގެ ފޮނިމޭވާ ލިބޭ ދުވަސް ކުޑަތަން ވެފައެވެ.
ގެ ބަލައި ނިމިގެން ދެ މީހުން ދިޔައީ ބާޒާރުކޮށްލާށެވެ. ބާޒާރުން އެ މީހުން ގަތީ މުޅިން ވެސް ވިހަން އުޅޭ ދަރިފުޅަށް ބޭނުންވާނޭ ތަކެއްޗެވެ. އެ ކުއްޖާއަށް ކިޔާނޭ ނަމެއް ވެސް އެ މީހުން އޮތީ ކަނޑައަޅައިފައެވެ. އެއީ ޖެފްރީއެވެ.
"ކުޅޭ އެއްޗިހި ވެސް ގަންނަމާ-" ޑޭވިޑް ބުނެލިއެވެ.
"އަދި ވަރަށް ވަގުތު އެބަ އޮތް-" ސަންޑްރާ ހީނގަތެވެ.
ބާޒާރުކޮށް ނިމިގެން ދެ މީހުން ދިޔައީ ރަށުތެރޭގައި ބުރެއް ޖަހައިލާށެވެ. އަތިރިމަތީގައި ހިނގައިލައި، ހިތްފަސޭހަ ކޮށްލާށެވެ. އެއީ ހޮނިހިރު ދުވަހެވެ. ޤާނޫނީ ވަކީލުންނަށް ހުސް ދުވަހެކެވެ. އުފާކުރުމުގެ ދުވަހެކެވެ.
ޑޭވިޑާއި، ސަންޑްރާ ބައްދަލުވީ ތިން އަހަރު ކުރިން ކުޑަކުޑަ ޕާޓީ އަކުންނެވެ. ޑޭވިޑް ޕާޓީއަށް ދިޔައީ އޭނާގެ އިދާރާއާ ޤަޟިއްޔާއެއް ޙަވާލުކުރި މީހެއްގެ އަންހެން ދަރިއަކު ގޮވައިގެންނެވެ. ސަންޑްރާއަކީ އޭނާގެ އިދާރާއާ ދެކޮޅު ޤާނޫނީ އިދާރާއެއްގައި މަސައްކަތްކުރާ ކުއްޖެކެވެ. ޕާޓީގެ ތެރޭގައި އޭގެ ކުރިން ހިނގައިފައި އޮތް މައްސަލައަކާ ބެހޭ ގޮތުން ޑޭވިޑާއި، ސަންޑްރާއާ ދެމެދު ޒުވާބެއް ހިނގީއެވެ. އެހެން މީހުން ކުޅިބަލަން ތިބީއެވެ. ޒުވާބު ދިޔައީ ހޫނުވަމުންނެވެ. އެންމެ ފަހުން ދެ މީހުންނަށް ވެސް އިޙްސާސް ކުރެވުނު ގޮތުގައި މި ޒުވާބަކީ އެ މައްސަލަ ހިނގި ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކުރެވޭ ޒުވާބެއް ނޫނެވެ. މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް އެ މީހުންނަށް ވަރިހަމައެވެ. މި ޒުވާބަކީ އެކަކު އަނެކަކަށް ތިމާގެ ފެންވަރު އަންގަން ކުރެވޭ ޒުވާބެކެވެ.
އޭގެ އަނެއް ދުވަހު ޑޭވިޑް ސަންޑްރާއަށް ފޯނުކުރިއެވެ. "އެއްކަލަ ނުނިމި އޮތް މައްސަލަ ނިންމައިލަން އަހަރެން ބޭނުން- އެއީ ވަރަށް މުހިންމު ކަމެއް-"
"އަހަރެން ވެސް ބޭނުން-" ސަންޑްރާ ބުނެލިއެވެ.
"މިރޭ ކޮންމެވެސް ތަނަކަށް ކާން ދަމާ-؟"
ސަންޑްރާ ކުޑަކޮށް ޖެހިލުންވިއެވެ. އެހެން މީހަކާއެކީ ކާން ދާން އޭނާ އޮތީ ވަޢުދުވެފައެވެ. "އެންމެ ރަނގަޅު- މިރޭ ދާނީ-"
އެ ރެއިން ފެށިގެން ދެ މީހުން އެކީގައި އުޅެން ފަށައިފިއެވެ. އެއް އަހަރު ވީ އިރު ދެ މީހުން ތިބީ އިނދެގެންނެވެ.
ކިންސެއިޑް، ޓާރނަރ، ރޯޒް އެންޑް ރިޕްލީގެ އިސް ޙިއްޞާދާރު ޖޯސެފް ކިންސެއިޑް އޭނާއަށް ދެ ދުވަހުގެ ޗުއްޓީއެއް ދިނީއެވެ.
ޑޭވިޑްގެ މުސާރައަކީ އަހަރަކު ސާޅީސް ފަސް ހާސް ޑޮލަރެވެ. ސަންޑްރާ ވެސް ވަޒީފާ ދޫކޮށެއް ނުލައެވެ. ބަލިވެއިނުމާ ގުޅިގެން ދެ މީހުންގެ ޚަރަދު ބޮޑުވެގެން ދާނެކަން އެނގެއެވެ.
"މާ ގިނަ ދުވަސްތަކެއް ނުވެ އަހަންނަށް ވަޒީފާ ދޫކޮށްލަން ޖެހިދާނެ-" ސަންޑްރާ ބުންޏެވެ. "އެހެން މީހަކު އަހަރެމެންގެ ދަރިފުޅު ބަލައި ގޮތް ވުމަކީ އަހަރެން ބޭނުން ގޮތެއް ނޫން- ދަރިފުޅު ބަލާނީ އަހަރެން-"
"މައްސަލައެއް ނެތް- ވަޒީފާ ދޫކޮށްލިޔަސް އުޅެވޭވަރު ވާނެ-" ޑޭވިޑް ބުނެލިއެވެ. ޤާނޫނީ އިދާރާގެ ޙިއްޞާގެ ކަންތައް ހަމަޖެހުނީމާ ދެ މީހުންގެ ދިރިއުޅުން މުޅިން ހަމަޖެހިގެން ހިނގައިދާނެއެވެ.
ޑޭވިޑް އިހަށް ވުރެ ގިނަ ވަގުތު މަސައްކަތް ކުރަން ފަށައިފިއެވެ. އޭނާގެ ފުށުން ފެންނަ ކަމެއްގެ ސަބަބުން ލިބެން އޮތް ފައިދާ ގެއްލުމަކަށް ވުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ.
ބުރާސްފަތި ދުވަހު ހެނދުނު އޮފީހަށް ދާން ތައްޔާރުވަމުން ދިޔަ އިރު ޑޭވިޑް ދިޔައީ ޓީވީ ޚަބަރު ވެސް ބަލަމުންނެވެ.
"މިހާރު މި ދަންނަވައިލަނީ ދާދި ދެންމެއަކު ލިބުނު ޚަބަރެއް- ސެން ފްރެންސިސްކޯގެ މަޝްހޫރު ޑަކްޓަރެއް ކަމަށް ވާ ޑޮކްޓަރ ސްޓީވަން ޕެޓަރސަންގެ އަންހެން ދަރިފުޅު އޭޝްލީ ޕެޓަރސަން މިއަދު ހައްޔަރުކޮށްފިއެވެ. އެއީ ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ހިނގައިފައިވާ ޤަތުލުގެ ޙާދިސާތަކަކަށް ތުހުމަތު ކުރެވިގެންނެވެ. ފުލުހުން މިހާރު ދަނީ ތަޙްޤީޤު..."
ޑޭވިޑަށް ޓީވީ ސްކްރީނަށް ބަލަހައްޓައިގެން ގާވެފައި ހުރެވިއްޖެއެވެ.
"އޭޝްލީ ޕެޓަރސަން ހައްޔަރުކުރިކަން ހާމަކުރެއްވީ ޝެރިފް މެޓް ޑޮވްލިންގ- އޭނާ ބުނުއްވި ގޮތުގައި ޤަތުލުގެ ޙާދިސާތައް ހިންގައިފައި ވަނީ ވަރަށް ރަޙުމްކުޑަ ގޮތަކަށް- މަރައިލައިފައިވާ އެއްވެސް މީހެއްގެ ޖިންސީ ގުނަވަނެއް ނެތްކަމަށް ޚަބަރު ލިބޭ- ޝެރިފް ބުނުއްވާ ގޮތުގައި ހައްޔަރު ކުރެވުނު މީހާއަކީ މި ކުށް ކުރި މީހާ ކަމާ މެދަކު ޝައްކެއް ނެތް- އެހައި ވަރަށް ހެކި ލިބިފައިވާ ކަމަށް އޭނާ ބުނުއްވާ-"
"ޑޮކްޓަރ ސްޓީވަން ޕެޓަރސަން..." ޑޭވިޑްގެ ޚިޔާލީ ދުރުމީއަށް ފެންނަން ފެށީ މާޒީގެ ހަނދާންތަކެކެވެ.
އޭރު އޭނާގެ ޢުމުރަކީ އެކާވީސް އަހަރެވެ. އެ ދުވަސްވަރު އޭނާ އުޅުނީ ޤާނޫނު ކިޔަވަން އިސްކޫލުގައެވެ. އެއް ދުވަހަކު އޭނާ އިސްކޫލުން ގެއަށް އައި އިރު މަންމަ އޮތީ ތަޅުންގަނޑު މައްޗަށް ވެއްޓިފައެވެ. ހަމަހެއެއް ނެތެވެ. އޭނާ ފުލުހުންނަށް ގުޅީމާ ހަސްފަތާލުން އެމްބިއުލަންސް އައިސް މަންމަ ގެންދިޔައީ ސެން ފްރެންސިސްކޯ މެމޯރިއަލް ހޮސްޕިޓަލަށެވެ. މަންމަ ބަލައިފައި ޑަކްޓަރަކު ނުކުންނަން ދެން އޭނާ ހުރީ އައިސީޔޫގެ ބޭރުގައި މަޑުކޮށްގެންނެވެ.
"މަންމަ ރަ... ރަނގަޅު ވާނެތޯ-؟"
ޑަކްޓަރު ޖެހިލުންވެ ހުރެ ވާހަކަދެއްކިއެވެ. "ދެންމެ ހިތުގެ ޑަކްޓަރަކު އޭނާ ބަލައިފި- އޭނާގެ ހިތުން ލޭ ފޮނުވާ މައިހޮޅިއެއް ހުރީ ފަޅައިގެން ގޮސްފައި-"
"ދެން ވާނީ ކިހިނެއްތޯ-؟" ޑޭވިޑް އަހައިލިއެވެ.
"އަހަރެމެންނަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތް- ހިތް ބަދަލުކުރެވޭ ވަރަށް ވުރެ އޭނާ މާ ބަލި- ގަޔަކު އެހައި ވަރެއް ނެތް- ހިތުގެ އޮޕަރޭޝަނަކީ އަދި މުޅިން އާކަމަކަށް ވާތީ، އެ ކަން ވާނީ ވަރަށް ބޮޑު ނުރައްކަލަކަށް-"
ޑޭވިޑް އަނބުރައި ނުގަތީ ކިރިޔާއެވެ. "ކިހައި ވަގުތެއް އެބަ..."
"މާ ގިނަ ދުވަހެއް ނުވާނެ- ހީވަނީ ހަފްތާއެއް ހައި ދުވަހަށް އޮވެދާނެ ހެން-"
ޑޭވިޑް ހާސްވެއްޖެއެވެ. "މަންމަ ރަނގަޅުކޮށްދެވޭނޭ އެއްވެސް މީހަކު ނެތްތޯ-؟"
"ނެތް- ކިރިޔާ ވެސް ކަމެއް ކުރެވޭނޭ މީހަކަށް ހުރީ ޑޮކްޓަރ ސްޓީވަން ޕެޓަރސަން- އެކަމަކު އޭނާ މި ދުވަސްކޮޅު..."
"ސްޓީވަން ޕެޓަރސަންއަކީ ކާކުތޯ-؟"
"ޑޮކްޓަރ ޕެޓަރސަންއަކީ މިނީ ހާރޓް ސާރޖަރީއޭ މި ކިޔާ ހިތުގެ އޮޕަރޭޝަން ފުރަތަމަ ކުރި މީހާ- އެ އީޖާދުގެ އެންމެ އިސް މީހާ- އެކަމަކު އޭނާގެ މަސައްކަތް އޮންނަ ގޮތުން..."
ޑޭވިޑް ގޮސް އޮބާލައިފިއެވެ.
އޭނާ ފޯނު ބޫތަކަށް ވަދެ ޑޮކްޓަރ ސްޓީވަން ޕެޓަރސަންގެ އޮފީހަށް ފޯނުކޮށްފިއެވެ. "ޑޮކްޓަރ ޕެޓަރސަންއާ ބައްދަލުކޮށްލަން އަޅުގަނޑު ބޭނުން- އެއީ އަޅުގަނޑުގެ މަންމަ..."
"މަޢާފްކުރައްވާ- މި ދުވަސްކޮޅު އެއްވެސް އިތުރު އެޕޮއިންޓްމަންޓެއް ހެދޭކަށް ނެތް- އެންމެ އަވަހަށް ވަގުތެއް ލިބެން އޮތީ ހަ މަސް ދުވަސް ފަހުން-"
"ހަ މަސް ވާންދެން އަޅުގަނޑުގެ މަންމައެއް ނޯންނާނެ-!" އޭނާ ހަޅޭއްލަވައިގަތެވެ.
"އަޅުގަނޑަށް ކުރެވޭނޭ ކަމަކީ އެހެން..."
ޑޭވިޑް ފޯނު ބާއްވައިފިއެވެ.
އޭގެ އަނެއް ދުވަހު ޑޭވިޑް ދިޔައީ ޑޮކްޓަރ ޕެޓަރސަންގެ އޮފީހަށެވެ. އޮފީސް އޮތީ ފުރި ބާރުވެފައެވެ. އޭނާ ރިސެޕްޝަން ކައުންޓަރުގެ ކައިރިއަށް ހިނގައްޖެއެވެ. "ޑޮކްޓަރ ޕެޓަރސަންއާ ބައްދަލުކޮށްލަން އަޅުގަނޑު ބޭނުން- އަޅުގަނޑުގެ މަންމަ އޮތީ ވަރަށް ބަލި..."
ރިސެޕްޝަނިސްޓް އިސް އުފުލާ އޭނާއާ ދިމާއަށް ބަލައިލިއެވެ. "އިއްޔެ މި ތަނަށް ފޯނު ކުރެއްވިން- އެހެންނޫންތޯ-؟"
"ލައްބަ-"
"އަޅުގަނޑު ނަންގަތީމެއް ނޫންތޯ ވަގުތެއް ނެތޭ-"
"އަޅުގަނޑު މަޑުކޮށްލާނަން-" ޑޭވިޑް ބޮޑާހާކާ ކަހަލަ ގޮތަކަށް ބުނެލިއެވެ.
"ނޫން- މަޑުކުރައްވާނެ ކަމެއް ނެތް- މިހާރު ޑޮކްޓަރު..."
ޑޭވިޑް ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ފަހަރަކު މީހަކު ޑަކްޓަރުގެ ކޮޓަރިއަށް ވަންނަ ތަން ބަލަން އޭނާ އިނެވެ. އެންމެ ފަހުން އޭނާ އެކަނިވެއްޖެއެވެ.
ހަވީރު ހައެއް ޖެހީމާ ރިސެޕްޝަނިސްޓް ބުނެލިއެވެ. "މަޑުކުރެއްވުމުގެ ބޭނުމެއް ނެތް- ޑޮކްޓަރ ޕެޓަރސަން ގެއަށް ދުރުވެއްޖެ-"
* * *
އެ ތަނުން ޑޭވިޑް ދިޔައީ ހަސްފަތާލަށް މަންމަގެ ޙާލު ބަލައިލާށެވެ.
"އެތެރޭގައި މަޑުކުރެއްވޭނީ އެންމެ މިނިޓަކަށް-" އޭނާ އައިސީޔޫއަށް ވަންނަން ހުއްދަ ދެމުން ނަރުހަކު ބުނެލިއެވެ.
ޑޭވިޑް މަޑުމަޑުން އެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭނާގެ ލޯ ވަނީ ކަރުނައިން ފުރިފައެވެ. މަންމަގެ އެ ތަން މިތަނަށް ހުރީ ހޮޅި ގުޅައިފައެވެ. އެއްވެސް ޙަރަކާތެއް ނެތެވެ. ލޯ ވަނީ މެރިފައެވެ.
ޑޭވިޑް އެނދުގެ ކައިރިއަށް ޖެހިލިއެވެ. "މަންމާ- މިއީ ޑޭވިޑް- އަހަރެން މަންމައަކަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަން- މަންމަ ވަރަށް އަވަހަށް ރަނގަޅުވެދާނެ-" އޭނާގެ ލޮލުން ކަރުނަ ފައިބަނީއެވެ. "މަންމައަށް އަޑުއިވޭތަ-؟ އަހަރެމެން ދެ މީހުން ވެގެން މި ބައްޔާ ހަނގުރާމަ ކުރާނީ- މަންމައާ އަހަންނާ ވަކިކުރާކަށް އެކަކަށް ވެސް ނުކެރޭނެ- އަހަރެން މި އުޅެނީ މި ދުނިޔޭގައި ހުރި އެންމެ މޮޅު ޑަކްޓަރު ލައްވާ މަންމައަށް ބޭސް ކުރުވަން- މަންމަ ހިފަހައްޓާލާ- އަހަރެން މާދަމާ އަންނާނަން-" އޭނާ ގުދުވެފައި މަންމަގެ ކޮލުގައި ބޮސްދިނެވެ.
މާދަމާ ވާ އިރު މަންމަ ދުނިޔޭގައި އޮންނާނެ ބާވައެވެ؟
އޭގެ އަނެއް ދުވަހު ޑޭވިޑް ދިޔައީ ޑޮކްޓަރ ޕެޓަރސަންގެ އޮފީސް ހުންނަ ޢިމާރާތުގެ ބިމު އަޑީގައި ހަދާފައި ހުންނަ ބަޔަށެވެ. އެޓެންޑެންޓަކު ކާރު ޕާކުކުރަން އުޅެއެވެ.
އޭނާ ޑޭވިޑްގެ ކައިރިއަށް އަތުވެއްޖެއެވެ. "ކިހިނެއްވީތޯ-؟"
"އަހަރެން މިހިރީ އަހަރެންގެ އަންހެނުން ނުކުންނަންދެން-" ޑޭވިޑް ބުނެލިއެވެ. "އޭނާ ވީ ޑޮކްޓަރ ޕެޓަރސަންގެ ކޮޓަރީގައި-"
އެޓެންޑަންޓް ހިނިތުންވެލިއެވެ. "އެއީ ވަރަށް މޮޅު ޑަކްޓަރެއް-"
"އޭނާގެންގުޅުއްވާ މާ މޮޅު، މާ ރީތި ކާރެއްގެ ވާހަކަ އެއްދުވަހަކު ބުނުއްވި-" ޑޭވިޑް ބުނެލިއެވެ. "އެއީ ކެޑިލަކް ކާރެއްތަ-؟"
އެޓެންޑަންޓް ބޯހޫރައިލިއެވެ. "ނޫން-" އޭނާ ދުރުގައި އޮތް ރޯލްސް ރޮއިސް ކާރަކަށް އިޝާރަތް ކޮށްލިއެވެ. "އެ ތާނގައި އެ އޮތް ރޯލްސް ރޮއިސްއަކީ ޑޮކްޓަރ ޕެޓަރސަންގެ ކާރު-"
ޑޭވިޑް ބުންޏެވެ. "އެހެންތަ-؟ އެކަމަކު ކެޑިލަކެއް އޮންނަ ވާހަކަ ވެސް ބުނުއްވި-"
"ވެދާނެ-" އެ ތަނަށް ވަދެގެން އައި ކާރެއް ޕާކްކުރުވަން އޭނާ ހިނގައްޖެއެވެ.
ޑޭވިޑް މަޑުމަޑުން ހިނގައިފައި ރޯލްސް ރޮއިސް ކާރު އޮތް ތަނަށް ހިނގައްޖެއެވެ. އެއްވެސް މީހަކު ބަލަން ނެތް ކަން ގައިމުވީމާ އޭނާ ކާރުގެ ފަހަތު ދޮރު ހުޅުވައިފައި އަރާ ފަހަތު ސީޓުގެ ކުރިމަތީ ބިން މަތީގައި އޮށޯވެއްޖެއެވެ. އެއީ ވަރަށް ދަތި ތަނެކެވެ. އެކަމަކު އޭނާ ކެތްކޮށްގެން އޮތީއެވެ.
ހަ ގަޑި ފަނަރަ ހިނގިތަނާ ކޮންމެވެސް މީހަކު އައިސް ކާރުގެ ކުރިއަށް އަރައިފިއެވެ. އިރުކޮޅަކުން އިވުނީ ކާރު އިސްޓާޓުކުރި އަޑެވެ. ދެވަނަ ސިކުންތުގައި މަޑުމަޑުން ދުއްވައިލައިފިއެވެ.
ކާރު ގަރާޖުން ނުކުމެއްޖެއެވެ. ގޯޅިއެއް އެޅިހެން ޑޭވިޑަށް ހީވިއެވެ. އޭނާ ދެ މިނިޓެއްހައި އިރު އޮވެފައި ތެދުވެއްޖެއެވެ.
ޑޮކްޓަރ ޕެޓަރސަންއަށް ލޯގަނޑުން އޭނާ ފެނިއްޖެއެވެ. އޭނާ މަޑުމައިތިރިކަމާ އެކު ބުނެލިއެވެ. "އަހަރެންގެ އަތަކު ފައިސާއެއް ނެތް-"
"މަގުގެ އެއްފަރާތަށް ކާރު ހުއްޓައިލާ-"
ޑޮކްޓަރ ޕެޓަރސަން ބޯޖަހައިލިއެވެ. އޭނާ މަޑުމަޑުން ދުއްވާފައި ގޮސް ކާރު މަގުގެ އެއްފަރާތަށް މަޑުކުރި އިރު ޑޭވިޑް އިނީ އޭނާއާ ދިމާއަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލާށެވެ.
"އަހަރެންގެ އަތުގައި މިހާރު ހުރި ހުރިހާ ފައިސާއެއް އަހަރެން ދީފާނަން-" ޑޮކްޓަރ ޕެޓަރސަން ބުންޏެވެ. "ކަލޭ މި ކާރު ވެސް ގެންދޭ- މައްސަލަ ހޫނުކުރުމުގެ..."
ޑޭވިޑް ކުރީ ގޮނޑިއަށް ހިނގައްޖެއެވެ. "އަޅުގަނޑު މި ކާރެއް ބޭނުމެއް ނޫން- އެއްވެސް އެއްޗެއް ބޭނުމެއް ނޫން-"
ޑޮކްޓަރ ޕެޓަރސަންގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެންނާން ހުއްޓެވެ. "ދެނޯ-؟ މިއީ ކީއްކުރަން ކޮށްގެން އުޅޭ ކަމެއް-"
"އަޅުގަނޑުގެ ނަމަކީ ސިންގަރ- އަޅުގަނޑުގެ މަންމަ އޮތީ މަރުއެނދުގައި- އަޅުގަނޑު ބޭނުމީ ދުރުވެ މަންމަ ސަލާމަތް ކޮށްދެއްވުން-"
ޑޮކްޓަރ ޕެޓަރސަންގެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ އަސަރާއެކު ރުޅިވެރިކަމުގެ އަސަރު ވެސް ވެރިވެގެން ދިޔައެވެ.
"އަހަރެންގެ އޮފީހަށް ގުޅައިފައި ވަގު..."
"ތިޔަ ހުރިހާ ކަމެއް ކުރާނޭ ވަގުތެއް އަޅުގަނޑަކަށް ނެތް-" ޑޭވިޑް ވަރަށް ބާރަށް ބުންޏެވެ. "މަންމަ މަރުވަނީ- އެކަމަކު މަންމަ މަރުވިޔަ ދިނުމަކީ އަޅުގަނޑު ކުރާނޭ ކަމެއް ނޫން-" ޑޭވިޑް ރުޅިގަނޑު މައިތިރި ކުރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. "އެހެން ޑަކްޓަރަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތް- އަޅުގަނޑަށް އޮތް ހައި ވެސް އުއްމީދަކީ ތިޔައީ-"
ޑޮކްޓަރ ޕެޓަރސަން ޑޭވިޑްގެ މޫނަށް ބަލައިލިއެވެ. "އޭނާއަށް ކިހިނެއްވީ-؟"
"ހިތުގެ މައި ހޮޅިއެއް ފަޅައިގެން ދިޔައީ- ޑަކްޓަރުންނަކަށް އޮޕަރޭޝަން ކުރާކަށް ނުކެރުނު- އެމީހުން ބުނާ ގޮތުގައި އެ ކަން ކުރެވޭނީ ހަމައެކަނި ޑޮކްޓަރ ޕެޓަރސަންއަށް-"
ޑޮކްޓަރ ޕެޓަރސަން ބޯހޫރައިލިއެވެ. "އަހަންނަކަށް ވަގުތެއް..."
"ވަގުތު ނެތަސް އަޅުގަނޑަށް ވަރިހަމަ- މި ދައްކަނީ އަޅުގަނޑުގެ މަންމަގެ ވާހަކަ- މަންމަ ސަލާމަތް ކޮށްދެއްވަންވާނެ- އަޅުގަނޑުގެ އެ ނޫން މީހަކު މި ދުނިޔެއަކު ނެތް-"
ހިމޭންކަން ވެރިވެއްޖެއެވެ. ޑޭވިޑް ލޯމަރައިލިއެވެ.
"ކަލޭގެ މަންމަ ސަލާމަތްވާނޭ ކަމުގެ އެއްވެސް ޔަޤީންކަމެއް އަހަންނެއް ނުދޭނަން- އެކަމަކު އަހަރެން ބަލާނަން- އޭނާ އޮތީ ކޮން ތާނކު-؟"
ޑޭވިޑް ލޯހުޅުވައިލިއެވެ. "ސެން ފްރެންސިސްކޯ މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި-"
"މާދަމާ ހެނދުނު އަށެއް ޖަހާއިރު އަހަރެން ދާނަން- އެ ތަނުން އަހަންނާ ބައްދަލުކުރާތި-"
ޑޭވިޑަށް އަޑު ނެރެވުނީ ވަރަށް އުނދަގުލުންނެވެ. "އަޅުގަނޑު... އަޅުގަނ..."
"ހަނދާން ކުރާތި- އަހަރެން އެއްވެސް ޔަޤީންކަމެއް ނުދެން- މި ގޮތަށް ދެކަމުހާޖަތަށް ދެވޭ ވަރަށް ބިރު ގެންނެވުމަކީ އަހަރެން ރުހޭ ކަމެއް ނޫން- ދެން ފަހަރަކުން ފޯނުގެ ބޭނުން ހިފަން ހަނދާން ކުރާތި-"
ޑޭވިޑް އަނގަޔަކުން ނުބުނެއެވެ.
ޑޮކްޓަރ ޕެޓަރސަން އަހައިލިއެވެ. "މިހާރު ކިހިނެއްވީ-؟"
"އަދި އެހެން މައްސަލައެއްވެސް އެބަ އޮތް-"
"އެހެންތަ-؟"
"އަޅު... އަޅުގަނޑުގެ އަތަކު ފައިސާއެއް ނެތް- އަޅުގަނޑަކީ ޤާނޫނޫ ކިޔަވާ ކުއްޖަކީން-"
ޑޮކްޓަރ ޕެޓަރސަން އޭނާއާ ދިމާއަށް ކަޅިއަޅައިލިއެވެ.
ޑޭވިޑް އަވަސްއަވަހަށް ބުނެލިއެވެ. "ފައިސާ ހޯދާފައި ދައްކާނޭ ކަމަށް އަޅުގަނޑު ހުވާކޮށްފާނަން- އެ މަސައްކަތުގައި މުޅި ޢުމުރު ދުވަސް ހޭދަކުރަން ޖެހުނަސް އަޅުގަނޑު ފައިސާ ހަމައަށް ދައްކަން މަސައްކަތް ކުރާނަން- ވަރަށް ބޮޑު ފީއެއް ނަންގަވާކަން އަޅުގަނޑަށް އެނގޭ- އަޅުގަނ..."
"ކޮއިފުޅާ- ކަލެއަކަށް އެއްވެސް ކަމެއް އެނގޭ ހެންނެއް އަހަންނަކަށް ހިއެއް ނުވޭ-"
"އަޅުގަނޑު ދާނޭ އެހެން ތަނެއް ނެތް- އާދޭސްކޮށްފައި މި ނަންގަންނަނީ... އަޅުގަނޑުގެ މަންމަ ސަލާމަތް ކޮށްދެއްވާ-"
އަނެއްކާ ވެސް ހިމޭން ވެއްޖެއެވެ.
"ޤާނޫނު ކިޔަވާތާ ކިތައް އަހަރު ވެއްޖެ-؟"
"މިއީ ފުރަތަމަ އަހަރު-"
"އެކަމަކުވެސް އަހަންނަށް ދޭން ޖެހޭ ފީ ދެވޭނޭ ކަމުގެ ޔަޤީން ކަން އެބަ އޮތްތަ-؟"
"އަޅުގަނޑު މި ކުރަނީ ހުވާ-"
"ކާރުން ފައިބާ-"
ގެއަށް އައިސް ވަނުމާ އެކު ފުލުހުން އައިސް އޭނާ ހައްޔަރުކުރާނޭ ކަން އޭނާއަށް އެނގެއެވެ. މީހަކަށް ބިރު ދެއްކުމާއި، އަމުރެއް ނެތި މީހެއްގެ ކާރަށް އެރުމާއި... މިހެން ގޮސް އެތައް މައްސަލައެއް ފުލުހުން ޖައްސާނެއެވެ.
އެކަމަކު އެއިން އެއްވެސް ކަމެއް ނުވިއެވެ. ޑޮކްޓަރ ޕެޓަރސަން ހަސްފަތާލަށް ދާނެ ބާވައޭ އޭނާގެ ހިތަށްއެރިއެވެ.
އޭގެ އަނެއް ދުވަހު ޑޭވިޑް ހަސްފަތާލުގެ އައިސީޔޫއަށް ވަން އިރު ޑޮކްޓަރ ޕެޓަރސަން އޭނާގެ މަންމަ ބަލަން ހުއްޓެވެ.
ޑޭވިޑްގެ ހިތްތެޅެން ފަށައިފިއެވެ. ކަރުތެރެ ހިކިއްޖެއެވެ.
ޑޮކްޓަރ ޕެޓަރސަން އެ ތާނގައި ދެން ތިބި ޑަކްޓަރުންނާ ދިމާއަށް ބަލައިލިއެވެ. "އަވަހަށް އޮޕަރޭޝަން ކުރާ ކޮޓަރިއަށް މި މީހާގެންދޭ-"
އެ މީހުން އޭނާގެ މަންމަ ގެންދަން ފަށައިފިއެވެ. "އަޅުގަނޑު ގެ މަންމަ ރަ..."
"އަހަރެން މަސައްކަތް ކުރާނަން-"
ޑޮކްޓަރ ޕެޓަރސަން އޮޕަރޭޝަން ކުރާ ކޮޓަރިން ނުކުތީ ހަ ގަޑިއިރު ފަހުންނެވެ. ޑޭވިޑަށް އޭނާ ފެނުނީ ކައިރިއަށް އައިސް ހުއްޓުނީމައެވެ.
އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. "މިހާރު މަންމަ..." އޭނާއަކަށް ޖުމްލަ ނިންމައެއް ނުލެވުނެވެ.
(ނުނިމޭ)
V REETHi ANNE BYAH V iNTHIZAARU KURAN
vvv. reethi