ހުވަފެން - 3

(3 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ބައްޕާ..."

"ކަލޭ މި ދެމެދަށް ނުވަދެ ހުރޭ-" އޭނާގެ ރުޅި މިހާރު ވަނީ ސައްތައަށް އަރާފައެވެ. "ކްލެއަރީ- މި ތަނުން ފެއްސިގެން ދޭ- މީގެ ފަހުން ދުވަހަކުވެސް އަހަންނަށް ފެނިގެން ނުވާނެ-"

"އަޅުގަނޑާ އޭޝްލީއާ ދެ..."

"ޖިމް..."

"އޭތް- ކަލޭ ހަމަ މިހާރު ކޮޓަރިއަށް ދޭ-"

"އަޅުގަނޑު..."

"މީގެ ފަހުން އަހަންނަށް ކަލޭ މި ހިސާބުން ފެނިއްޖެއްޔާ ކަލޭގެ ގައިގައި ހުރިއްޔާ ހުރި ކަށްޓެއް ފުނޑާލާނަން-"

ބައްޕަ އެހައި ބޮޑަށް ރުޅި އައިސްފައި ހުއްޓައެއް އޭޝްލީ ދުވަހަކުވެސް ނުދެކެއެވެ. ޒުވާބުގަނޑު ނިމުނީ ވަރަށް އަޑުގަދަ ވެފައެވެ. ނިމުނު އިރު ޖިމްއެއް ނެތެވެ. ހިނގައްޖެއެވެ.

ބައްޕައަށް އެހެން އަހަންނަށް ބޭނުން ގޮތެއް ހެދުމުގެ ފުރުޞަތެއް އަހަންނެއް ނުދޭނަމެވެ. އޭޝްލީގެ ހިތަށްއެރިއެވެ. ބައްޕަ އެ އުޅެނީ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލާށެވެ. އޭނާ އެނދުގައި އިށީނދެގެން އިނދެ ވިސްނަމުން ދިޔައެވެ. ޖިމްއަކީ އަހަރެންގެ މުސްތަގުބަލެވެ. އަހަރެން ބޭނުންވަނީ އޭނާޔާ އެކު އުޅޭށެވެ. މިއީ އަހަރެން އުޅެން ބޭނުން ތަނެއް ނޫނެވެ. އޭނާ ތެދުވެގެން ގޮސް ދަބަހަށް އަންނައުނާއި، ބޭނުންވާ ބައެއް ތަކެތި އަޅަން ފަށައިފިއެވެ. ތިރީހަކަށް މިނިޓް ފަހުން އޭޝްލީ ހުރީ ގޭގެ ކިބަޅިފަރާތު ދޮރުން ނުކުމެ، މަގުމަތީގައެވެ. މިސްރާބު ޖަހައިފައި ހުރީ ބާރަ ވަރަކަށް ކޮށި ހައި ތަން ދުރުގައި ހުރި ޖިމް ކްލެއަރީގެ ގެއާ ދިމާއަށެވެ. މިރޭ އަހަރެން އޮންނާނީ އެ ގޭގައެވެ. ހެނދުނުގެ ރޭލުން ދެ މީހުން އެކީ ޗިކާގޯއަށް ދާނީއެވެ. އެކަމަކު ޖިމްގެ ގެއާ ކައިރިވަމުން ދިޔަ ވަރަކަށް އޭޝްލީގެ ޚިޔާލު ދިޔައީ ބަދަލުވަމުންނެވެ. ނޫނެކެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. ހުރިހައި ކަމެއް ގޯހުން ގޯހަށް ދާ ގޮތް ހަދާކަށް ނުވާނެއެވެ. އަހަރެން ޖިމްއާ ބައްދަލުކުރާނީ މާދަމާ ހެނދުނު ރޭލު އިސްޓޭޝަނުންނެވެ.

އޭނާ އެނބުރި ގެއާ ދިމާއަށް ހިނގައިގެންފިއެވެ.

ރޭގަނޑު ހަތަރު ދަން އޭޝްލީ ހޭދަކުރީ ޖިމްއާ އެކީ ދިރިއުޅުން ވޭތުކުރާނޭ އުފާވެރި ގޮތާ މެދު ވިސްނަން އޮވެގެންނެވެ. ފަތިހު ފަސްގަޑިބައި ވީތަނާ އޭނާ ފޮށި ހިފައިގެން މަޑުމަޑުން، ސިއްރުސިއްރުން ގެއިން ނުކުމެއްޖެއެވެ. ރޭލު އިސްޓޭޝަނަށް ދިޔައީ ބަހުގައެވެ. އޭނާ ދިޔައިރު އަދި ޖިމްއެއް ނާދެއެވެ. އޭނާއަށް އާދެވުނީ މާ އަވަހަށެވެ. އޭޝްލީ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. ބައްޕައަށް އޭނާ ނެތްކަން އެނގިއްޖެއްޔާ ވަރަށް ބޮޑަށް ރުޅި އަންނާނެއެވެ.

އެކަމަކު ބައްޕަ ބޭނުންހައި ގޮތަކަށް އަހަންނަށް ހެދިޔަ ދޭކަށް ބޭނުމެއް ނޫނެވެ. ކޮންމެވެސް އެއް ދުވަހަކުން ބައްޕައަށް ޖިމްއަކީ ރަނގަޅު ކުއްޖެއްކަން އެނގޭނެއެވެ. އަހަންނަކީ ވަރަށް ނަޞީބުވެރި ކުއްޖެއްކަން ވެސް އެނގޭނެއެވެ. ހަ ގަޑި ބައި ވެއްޖެއެވެ... ހަ ގަޑި ސާޅީސް ހިނގައިފިއެވެ... ހަ ގަޑި ފަންސާސް ހިނގައިފިއެވެ... އަދިވެސް ޖިމްގެ ޚަބަރެއް ނުވެއެވެ. އޭޝްލީ ހާސްވާން ފަށައިފިއެވެ. އަނެއްކާ ކިހިނެއްވީ ބާވައެވެ؟ އޭނާ ގަސްތުކުރީ ޖިމްއަށް ފޯނުކުރާށެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. ހަ ގަޑި ފަންސާސް ފަހެއް ހިނގައިފިއެވެ... އޭނާ މިހާރު އަންނާނެއެވެ. ރޭލުގެ ކަށިގަނޑުގެ އަޑު މިހާރު އޭނާއަށް އެބަ އިވެއެވެ. އޭނާ ގަޑިއަށް ބަލައިލިއެވެ. ހަ ގަޑި ފަންސާސް ނުވައެއް ހިނގައިފިއެވެ. ރޭލު ދުއްވާލައިފިއެވެ. އޭނާ ތެދުވެ ފަރާތްފަރާތް ހޯދަން ފަށައިފިއެވެ. ޖިމްއަށް ކޮންމެވެސް ކަމެއް ވެއްޖެއެވެ. އެކްސިޑެންޓެއް ވީ ކަމަށް ވެސް ވެދާނެއެވެ. ދިހަ މިނިޓް ފަހުން އޭޝްލީ ހުރީ ޗިކާގޯއަށް ދާން ފުރި ރޭލު ގޮސް އޮބާލި ތަން ބަލާށެވެ. އެ ރޭލު އެ ދަނީ އޭނާގެ ހުރިހާ ހުވަފެނެއް ހިފައިގެންނެވެ. އޭނާ ބައި ގަޑިއިރު ވާންދެން އިންތިޒާރުގައި ހުއްޓެވެ. އޭގެ ފަހުން އަނެއްކާވެސް ފޯނުކޮށްފިއެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. ކުރާނޭ ކަމެއް ނެތިގެން އޭނާގެއާ ދިމާއަށް ހިނގައިގެންފިއެވެ.

މެންދުރު ވީ އިރު އޭޝްލީ އިނީ މަތިންދާ ބޯޓެއްގެ އަރާމު ގޮނޑިއެއްގައި އިށީނދެގެންނެވެ. އޭނާގެ ބައްޕައާ އެކީ ލަންޑަނަށް ދާ މަގުމަތީގައެވެ.

އޭނާ ދެ އަހަރު ވާންދެން ލަންޑަނުގައި ކިޔަވަން ހުއްޓެވެ. ކޮމްޕިއުޓަރު ކިޔަވަން ފެށީ އޭގެ ފަހުންނެވެ. އެއީ ޔުނިވަރސިޓީ އޮފް ކެލިފޯނިއާއިންނެވެ. ތިން އަހަރު ފަހުން އެ ޔުނިވަރސިޓީ ނިންމައިފައި އޭނާ ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ކޯޕަރޭޝަނަށް ވަނީއެވެ.

ލަންޑަނަށް ގޮސް އޭޝްލީ ޖިމް ކްލެއަރީ އަށް ވަރަށް ގިނައިން ސިޓީ ލިޔުނެވެ. އެކަމަކު ނުއެއް ފޮނުވައެވެ. ވީދާލައިފައި އެއްލައިލަނީއެވެ. އޭނާގެ ޚަބަރެއް ނުވާތީ އޭނާގެ ހިތުގައި އޭޝްލީގެ މައްޗަށް އޮތް ލޯތްބާއި، ގަދަރު ރަނގަޅަށް އެނގެއެވެ.

އޭޝްލީއަށް މާޒީގެ ތެރެއިން ނުކުމެވުނީ ބައްޕަގެ އަޑަށެވެ.

"ތިޔަ އުޅެނީ މާ ދުރުގައި- ތިޔަ ވިސްނަނީ ކޮން ކަމަކާ-؟"

އޭޝްލީ ބައްޕައާ ދިމާއަށް ބަލައިލިއެވެ. "ނުވިސްނަން-"

ޑޮކްޓަރ ޕެޓަރސަން ވެއިޓަރަށް ގޮވާ ގެނެސް ހިތްހެޔޮކަމާ އެކު ހިނިތުން ވެލައިފައި ބުނެލިއެވެ. "މެނޫ ގެނޭ- އަހަރެމެން މިހާރު މި ތިބީ ތައްޔާރަށް-"

 * * *

ޓައިމް މަޖައްލާގެ ބޭރުގަނޑަށް ފޮޓޯ އެރީތީ ބައްޕައަށް ތަހްނިޔާ ނުކިޔޭ ހަނދާން އޭޝްލީ ވީ އޮފީހަށް އާދެވުނު ފަހުންނެވެ.

އޭޝްލީ މޭޒާ ހަމައަށް އައިއިރު ޑެނިސް ޓިބްލް އޭނާގެ އިންތިޒާރުގައި ހުއްޓެވެ.

"ބައްޕައާ އެކީ ކާން ދިޔަ ވާހަކަ އަޑުއެހިން-"

މިއީ ބޮޑު ނުފޮރުއްޕާނެކެވެ. ހިނގާ ކޮންމެ ކަމެއް ބަލާނެއެވެ. "އާނ-"

"އެއީ އެހައި މަޖާ ކަމަކަށް ނުވާނެކަން ޔަގީން-" އޭނާ ތަންކޮޅެއް މަޑުމަޑުން ބުނެލިއެވެ. "އަހަންނާ އެކީ ކާން ނުދަނީ ކީއްވެގެން-؟"

"ޑެނިސް- އަހަރެން ކުރިންވެސް ބުނެފިން- އަހަރެން ބޭނުމެއް ނޫނޭ-"

އޭނާ ހީނގަތެވެ. "ފަހުން ބޭނުންވާނެ- އަހަރެން ބަލަން ހުންނާނަން-"

އޭނާ ފެނުނީމާ ކުޑަކޮށް ސިހޭގޮތް ވެއެވެ. ފަހަތުން އަޅައިގަނެގެން އެ އުޅޭ މީހަކީ ޑެނިސް ނޫން ބާވައޭ އަނެއްކާވެސް އޭޝްލީގެ ހިތަށްއެރިއެވެ... އޭނާ ބޯ ހޫރައިލިއެވެ. ނޫނެކެވެ. އެ ކަން ހަނދާން ނައްތާލައިފައި ކުރަން ހުރި ކަންތައްތަކައިގެން ކުރިއަށް ދާންވީއެވެ.

ގެއަށް ދިޔަ މަގުމަތީގައި އޭޝްލީ އޭނާގެ ކާރު އެޕަލް ޓްރީ ބުކް ހައުސްގެ ކުރިމައްޗަށް މަޑުކޮށްފައި ފައިބައިފިއެވެ. ފޮތްފިހާރަ ތެރެއަށް ވަނުމުގެ ކުރިން ފިހާރައިގެ ބިއްލޫރިގަނޑުން ބަލައިލިއެވެ. ފަހަތުން މީހަކު އާދޭތޯއެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އޭނާ ފިހާރައަށް ވަދެއްޖެއެވެ.

ފިހާރައިގެ މުވައްޒަފުންގެ ތެރެއިން ޒުވާން ފިރިހެން ކުއްޖަކު އައިސް އޭނާގެ ކައިރިއަށް ހުއްޓިއްޖެއެވެ. "ހޯއްދަވަނީ ކޯޗެއްތޯ-؟"

"މީހުން ފަހަތުން އަޅައި ގަނެގެން އުޅޭ މީހުންނާ ބެހޭ ގޮތުން ލިޔެފައި އޮތް ފޮތެއް ނެތްތަ-؟"

އެ ކުއްޖާ ޙައިރާންވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. "އަޅައިގަނެގެން އުޅޭ މީހުންނޭތޯ-؟"

ތިމާގެ މޮޔަކަން އޭޝްލީއަށް އިހްސާސް ކުރެވުނެވެ. އެހެންވީމާ އަވަސްއަވަހަށް ބުނެލިއެވެ. "އާނ- އަދި ބަގީޗާ ހެއްދުމާ ބެހޭ ފޮތަކާއި، އެފްރިކާގެ ޖަނަވާރާ ބެހޭ ފޮތެއް ވެސް ބޭނުން-"

"ފަހަތުން އަޅައިގަނެގެން އުޅޭ މީހުންނާއި، ބަގީޗާ ބެލެހެއްޓުމާއި، އެފްރިކާގެ ޖަނަވާރާ...؟"

"އާނ-" އޭނާ ޔަގީންކަމާ އެކު ބުނެލިއެވެ.

ފަހުން ވާނޭ ގޮތެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ފަހަރެއްގައި އަހަރެން ބަގީޗާ ހައްދަން ޖެހިވެސް ދާނެއެވެ. ނޫނީ އެފްރިކާއަށް ދަތުރެއް ކުރަން ވެސް ޖެހިދާނެއެވެ.

އޭޝްލީ ކާރާ ހަމަޔަށް އައި ތަނާ އަނެއްކާ ވެސް ވާރޭވެހެން ފަށައިފިއެވެ. ކާރު ދުއްވައިލި އިރު ހަމަ ބޯކޮށް ވެހެއެވެ. އޭނާ ބިއްލޫރިގަނޑުން ފެން ކަހާ ރަބަރު ޖައްސއިލިއެވެ. އެ ހިނގާ އަޑު ވަރަށް ބާރަށް އިވެއެވެ. އޭނާ ކަލޭ ބަލައި އަންނަނީއެވެ... ބަލައި އަންނަނީއެވެ... ބަލައި އަންނަނީއެވެ... އޭޝްލީ ރަބަރު ނިއްވައިލިއެވެ. ނޫނެކެވެ. އޭނާ ހިތާހިތާ ކިޔައިލިއެވެ. އެ އިވެނީ އެހެން އަޑެކެވެ. އެއްވެސް މީހަކު އެ ތާކު ނެތެވެ... އެއްވެސް މީހަކު އެ ތާކު ނެތެވެ... އެއްވެސް މީހަކު އެ ތާކު ނެތެވެ...

އޭނާ އަނެއްކާ ވެސް ރަބަރު ހިންގައިލިއެވެ. އޭނާ ކަލޭ ބަލައި އަންނަނީއެވެ... ބަލައި އަންނަނީއެވެ... ބަލައި އަންނަނީއެވެ...

އޭޝްލީ ގަރާޖުގައި ކާރު ޕާކުކޮށްފައި ލިފްޓުގެ ގޮބަށް ފިތައިލިއެވެ. ދެ މިނިޓް ވީ އިރު އޭނާ ހުރީ އެޕާޓްމަންޓާ ދިމާއަށް ގޮސްގޮހެވެ. އޭނާ އެޕާޓްމަންޓްގެ މައިދޮރު ހުޅުވައިލިއެވެ. ކުއްލިއަކަށް ހުރި ފިޔަވަޅު މައްޗަށް ގާވެއްޖެއެވެ.

އެޕާޓްމަންޓްގެ ހުރިހާ ބޮތްކެއް ހުރީ ދިއްލާފައެވެ.

ދެވަނަ ބާބު

އެ ތާކުން ތާކު ނުޖެހޭ ލަވަ އޭނާ ކިޔާ ހިތްވަނީ ކީއްވެގެންކަން ޓޮނީ ޕްރެސްކޮޓަށް އެނގެއެވެ. އޭނާގެ މަންމައަކަށް އެ ލަވައެއް ކަމަކު ނުދެއެވެ. "ތިޔަ ފީކަޅާ ލަވަކިޔުން ހުއްޓާލާ- އަޑު އެބަ އިވޭތަ-؟ ކަލެއަކީ ރީތި އަޑެއް ވެސް އޮންނަ މީހެއް ނޫން-"

"ލައްބަ- މަންމާ-" އެކަމަކު ޓޮނީއަކަށް އެ ލަވަ ކިޔުން ހުއްޓައެއް ނުލެވެއެވެ. ވައި އަޑުން ނަމަވެސް ކިޔައިލެވެއެވެ. އެއީ މާ ކުރީގެ ކަމެކެވެ. މަންމަ ރުޅި އަރުވާ ހަނދާން ވީމާ މިހާރު ވެސް ހިތުގައި ބާވަތެއްގެ ގިންޏެއް އުފެދެއެވެ.

ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސްގައި ޓޮނީ މަސައްކަތް ކުރަނީ ކުރާ ހިތަކުންނެއް ނޫނެވެ. އޭނާގެ ޢުމުރަކީ ބާވީސް އަހަރެވެ. އޭނާއަކީ ނުލަފާ، ކަންތައްތަކާ ކުރިމަތިލާން ކެރޭ، ޖެހިލުން ކުޑަ އަންހެން ކުއްޖެކެވެ. އެއްކޮޅުން ބަލާ އިރު އޭނާއަކީ އުއްބައްތިއެކެވެ. ކައިރީގައި ތިބޭ މީހުންނަށް އަލިކޮށްދިނުމަކީ އުއްބައްތީގެ ވާޖިބެވެ. އަނެއްކޮޅުން ބަލާ އިރު އޭނާއަކީ ފިތާފަށް ހުސްވާން ކައިރިވެފައި އޮތް ފަޓާހެކެވެ. އޭނާގެ މޫނު ހުންނަނީ ހިތެއްގެ ސިފައިގައެވެ. ލޯ ހުންނަނީ މުށި ކުލައިގައެވެ. ވަނާތައް ފުރިހަމަ، ރީތި ހަށިގަނޑެކެވެ. އޭނާ އުފަންވެފައި ވަނީ ލަންޑަނަށެވެ. ވާހަކަދައްކާ އިރު ލަންޑަނުގެ ރާގު ހުރެއެވެ. އޭނާއަކީ ހަށިގަނޑު ރަނގަޅު ކުއްޖަކަށް ވާތީ ކުޅިވަރަށް ވެސް ލޯބި ކުރެއެވެ. ޚާއްޞަކޮށް ފިނިމޫސުމުގެ ކުޅިވަރުތައް ކުޅޭހިތް ވެއެވެ.

ލަންޑަނުގައި ކޮލެޖަށް ގޮސް އުޅެނީ އަބުރުވެރި ހެދުމެއްގައެވެ. އެކަމަކު ރޭގަނޑު އަޅައި އުޅެނީ ނިވައިކަން ކުޑަ ހެދުމެވެ. ދަންވަރު ބުރު ޖެހުމަކީ އޭނާ ކުރާ ހިތްވާ ކަމެކެވެ. ރޭގަނޑު އޭނާގެ ވަގުތުތައް ހޭދަކުރަނީ ކްލަބްތަކުގައެވެ. މި ޒަމާނުގެ ކުދިންނާ އެކީ މަޖާކުރާށެވެ. އޭނާއަކީ އަޑު ރީތި ކުއްޖެކެވެ. ބައެއް ރޭރޭ ކްލަބްގައި ޕިޔާނާ ޖަހައިފައި ލަވަކިޔައިދިނީމާ މީހުން ތަރުޙީބު ދީ، ހިތްވަރު ދީ ހަދައެވެ. އޭނާ އެންމެ ބޮޑަށް ހިތްހަމަޖެހެނީ އެ ކަހަލަ ވަގުތުތަކުގައެވެ.

ކްލަބްތަކުގެ ތެރޭގައި ދެކެވޭ ވާހަކަ ހުންނަނީ މުޅިން އެއް ތައްގަނޑަކަށް ފެތިފައެވެ.

"ޓޮނީ- ކަލެއަކީ ވަރަށް މޮޅު ލަވަ ކިޔުންތެރިއެއް- އެ ކަން ކަލެއަށް އެނގޭތަ-؟"

"ޓާ-" (ޝުކުރިއްޔާ)

"ބޯނޭ އެއްޗެއް ގެނެސް ދެންތަ-؟"

އޭނާ ހިނިތުން ވެލައެވެ. "އާނ- ގެނެސް ދީ-"

ކޮންމެ ވާހަކައެއްވެސް ކުރިއަށް ގޮސް ނިމެނީ ދާދި އެއް ކަހަލަ ގޮތަކަށެވެ. އެ މީހަކު އޭނާގެ ކަންފަތްދޮށުގައި ވައިއަޑުން ބުނެލައެވެ. "އަހަރެންގެ ފްލެޓަށް މަޖާކޮށްލަން ދަމާ ހިނގާ-"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.