ހުވަފެން - 22

(25 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކަލޭ ތިޔަ ނުކުންނަނީ މި ޤަރުނުގެ އެންމެ ބޮޑު ޤަޟިއްޔާއާ ޙަވާލުވެގެން- މިހާރަކު މަސައްކަތް ކުރާނޭ އޮފީހެއް ނެތް- ކޭސް ފައިލު ނުވަތަ ރިސަރޗް ފައިލުތައް ބެލޭނޭ ގޮތެއް ނެތް- އަތުޖެހޭ ހިސާބަކު ޖިނާޢީ ޤާނޫނާ ބެހޭ އެއްވެސް ފޮތެއް ނެތް- ފެކްސް މެޝިނެއް ނެތް- ސަންޑްރާއާ ކަލެއާ ދެ މީހުން ބޭނުންކުރާ ބާކޮމްޕިއުޓަރުގަނޑު އަހަރެން ދުށިން- މިހާރު މި ބޭނުންކުރާ ޤާނޫނީ ސޮފްޓްވެއަރ އެ ކޮމްޕިއުޓަރަކު މަސައްކަތެއް ނުކުރާނެ- އިންޓަރނެޓަށް ވަދެވޭނޭ ގޮތެއް ވެސް ނުހުންނާނެ- ދެން ހަދާނީ ކިހިނެއްހޭ މި އަހަނީ އެހެން ވެގެން-"

"މައްސަލައެއް ނެތް-" ޑޭވިޑް ބުނެލިއެވެ.

"އާނ- މައްސަލައެއް ނެތް- އަހަރެންގެ އޮފީސް ޢިމާރާތުގައި ހުސްއޮފީހެއް ހުންނާނެ- ކަލޭ ބޭނުންކުރަންވާނީ އެ އޮފީސް- ބޭނުންވާ ހުރިހާ އެއްޗެއް އެ ތާނގައި ހުންނާނެ-"

ޑޭވިޑަށް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ. "ޖެސީ- އަހަންނަކަށް..."

"ނޫނެކޭ ބުނެގެން ނުވާނެ-" ކިލަރ ހީނލިއެވެ. "ދަރަންޏެއްގެ ގޮތުގައި ބާއްވައިފައި ފަހުން އަދާކުރިޔަސް ހެޔޮ- ކަލެއަކީ އެއްވެސް މީހެއްގެ ދަރަންޏެއް ބާއްވާ މީހަކީމެއް ނޫނެއްނުން-؟" އޭނާ މެނޫ ނަގައި ބަލައިލިއެވެ. "ބަނޑުހައިވެއްޖެ- ކަމާ ހިނގާ- ބިލަށް ފައިސާ ދައްކަން ޖެހޭނީ ކަލެއަށް-"

ޑޭވިޑް ދެން ދިޔައީ ސެންޓާ ކްލާރާ ކައުންޓީ ޖަލަށް އޭޝްލީއާ ބައްދަލުކުރާށެވެ.

"އޭޝްލީ ކިހިނެއް-؟"

"ރަނގަޅު-" އޭޝްލީގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވާން ހުއްޓެވެ. "ބައްޕަ މިއަދު ހެނދުނު ދުރުވި- ޑޭވިޑް އަހަރެން މި ތަނުން ސަލާމަތްކޮށްދޭނެއޭ ބުނުއްވި-"

އެހައި ބޮޑު ޔަޤީންކަމެއް އަހަންނަށް ލިބޭނެ ނަމައެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. "އަހަންނަށް ކުރެވުނުހާ މަސައްކަތެއް ކުރާނަން- އޭޝްލީއަށް ތިޔަ ދިމާވެފައިވާ ޙާލަތަކީ ގިނަ މީހުންނަށް އެނގޭ ކަހަލަ ޙާލަތެއް ނޫން- މައްސަލައަކީ އެއީ- އެކަމަކު އަހަރެމެން މަސައްކަތްކުރީމާ މީހުންނަށް ވިސްނައިދެވިދާނެ- ދުނިޔޭގެ އެންމެ މޮޅު ޑަކްޓަރުން ގެނެސްގެން ބަޔާން ނަގާނީ-"

"އަހަރެން ބިރުގަނޭ-" އޭޝްލީ މަޑުމަޑުން ބުނެލިއެވެ.

"ކޮން ކަމަކާ-؟"

"އަހަރެންގެ ހަށިގަނޑުގައި އެހެން ދެ މީހަކު އުޅޭކަން އެނގުނީމާ- އަދި އެ ދެ މީހުންގެ އެއްވެސް ކަމެއް އަހަންނަށް ނޭނގޭތީ ބިރުގަންނަނީ-" އޭނާގެ އަޑު ތުރުތުރުއަޅައެވެ. "އެ ދެ މީހުން ބޭނުން ކޮންމެ ވަގުތަކު ބޭނުން ކަމެއް ކުރެވިދާނެ- އަހަންނަކަށް އެއިން ކަމެއް މަނައެއްވެސް ނުކުރެވޭނެ- އެހެންވީމާ ހަމަ ބިރު ގަންނަނީ-" އޭނާގެ ލޯ ކަރުނައިން ފުރިއްޖެއެވެ.

ޑޭވިޑް މަޑުމަޑުން ބުނެލިއެވެ. "އެއީ މީހުންނެއް ނޫން- އޭޝްލީ- އެއީ ސިކުނޑިއަށް މެދުވެރިވާ ޙާލަތެއް- އެއީ އޭޝްލީގެ ބައެއް- ރަނގަޅު ފަރުވާއެއް ދެވުނީމާ އެ ކަން މުޅިން ރަނގަޅުވެދާނެ-"

ޑޭވިޑް އައިސް ގެއަށް ވަނުމާ އެކު ސަންޑްރާ އޭނާގެ ގައިގައި ބައްދައިލައިފައި ބުނެލިއެވެ. "ޑޭވިޑަށް ޓަކައި އަހަރެން ފަޚުރުވެރިވަމޭ ބުނެވުނުތަ-؟"

"އެޔޯ-؟ އަހަރެންގެ ވަޒީފާ ގެއްލުނީމާ ފަޚުރުވެރިވަނީތަ-؟"

"އެއީވެސް އެއް ކަމެއް... އޭތް- އެއްކަލަ ކްރޮވްދަރ ގުޅި- ގެ ވިއްކަން އުޅުނު މީހާ- އޭނާ ބުނީ ހުރިހާ ލިޔުމެއް މިހާރު ހުރީ ތައްޔާރަށޭ- ފަސްދޮޅަސް ހާސް ޑޮލަރު ދީފައި އޭގައި ސޮއިކުރަންވީއޭ- އެކަމަކު އަހަރެމެންނަކަށް މިހާރަކު އެ..."

"މަޑުކޮށްލާ... ކުންފުނީގެ ޕެންޝަން ފަންޑުގައި އަހަރެންގެ ނަމުގައި އެހައި ވަރުގެ ފައިސާކޮޅެއް ހުންނާނެ- ދިރިއުޅެން ބޭނުންވާނޭ ޚަރަދުކުރަން ޑޮކްޓަރ ޕެޓަރސަން ފައިސާދޭނެ- އެހެންވީމާ އަދިވެސް ގެ ގަނެވިދާނެ-"

"ޑޭވިޑް- ދެން އަޅާނުލާ- ދަރިފުޅު ހަލާކުކުރަން އެހައި ބޮޑު ގެއެއްގައި ގެންގުޅޭނެ ކަމެއް ނެތް-"

"އޭތް- އަދި އުފާވެރި ޚަބަރެއްވެސް އެބަ އޮތޭ- ޖެސީގެ އޮފީސް ޢިމާރާތުގައި ހުރި އޮފީހެއް..."

"އަހަންނަށް އެނގޭ- ދެންމެ އެމިލީ ގުޅި- އަހަރެމެން މި އުޅެނީ ޖެސީގެ އޮފީހަށް ބަދަލުވާން-"

"އެހެންތަ-؟" ޑޭވިޑް އަހައިލިއެވެ.

"ހަނދާން ނެތުނީތަ-؟ ޑޭވިޑް އިނދެގެން ތިޔަ އުޅެނީ ވެސް ޤާނޫނު ކިޔަވައިގެން ހުރި މީހަކާއޭ- އަހަރެން މަސައްކަތްކޮށްދޭނަން-" އޭނާ ބަނޑުގައި އަތްޖައްސައިލިއެވެ. "ވިހަން ވަންދެން އަހަންނަށް މަސައްކަތް ކުރެވިދާނެ-"

"މިސިޒް ސިންގަރ ދެކެ އަހަރެން ލޯބިވާ މިންވަރު ވަޒަންކޮށްލަން އެނގޭނެތަ-؟"

"ނޭނގޭ- އެކަމަކު އެ ކަން ދައްކާލަން އަދި ވަގުތު އެބައޮތް-"

އޭގެ އަނެއް ދުވަހު ޑޭވިޑް ޖެސީ ކިލަރގެ އޮފީސް ޢިމާރާތުގައި ހުރި ހުސްއޮފީހަށް ބަދަލުވެއްޖެއެވެ. އެއީ ހުރިހައި އެއްޗެއް ހަމައަށް ހުރި އޮފީހެކެވެ. އެ ޢިމާރާތުގައި ހުރި ފަސް އޮފީހުން އެއް އޮފީހެވެ.

"އަހަރެމެން މިހިރީ މި ތާނގެ ޖާގަ ތަންކޮޅެއް ބޮޑުވާނެ ގޮތް ހަދައިފައި-" ޖެސީ ބުނެލިއެވެ. "ހުރިހާ އެއްޗެއް ހަމައަށް ހުންނާނެ- ޖެހިގެން އެހެރަ ދޮރުން ވަދެވޭނީ ޤާނޫނީ ފޮތް ބަހައްޓައިފައި ހުންނަ ކޮޓަރިއަށް- ފެކްސް މެޝިނާއި، ކޮމްޕިއުޓަރު މިހިރީ- އެއްޗެއް މަދިއްޔާ އަންގައިލާތި-"

ޝުކުރިއްޔާ- ޑޭވިޑް ބުނެލިއެވެ. "ޖެސީ- އަހަރެން ވަރަށް ބޮޑަށް އު..."

ޖެސީ ހިނިތުންވެލިއެވެ. "ކަލޭ ފަހުން ފައިސާ ދޭނަމެއްނުން-؟ ހަނދާން ނެތުނީތަ-؟"

ސަންޑްރާ އައީ ތަންކޮޅެއް ފަހުންނެވެ. "އަހަރެން ތައްޔާރު-" އޭނާ ބުނެލިއެވެ. "ފަށަންވީ ކިހައި ހިސާބަކުން-؟"

"ފުރަތަމަ ކުރަންވީ ކަމަކީ މަލްޓިޕްލް ޕަރސަނަލިޓީއާ ބެހޭ ހުރިހާ ޤަޟިއްޔާއެއްގެ ފައިލު ހޯދަންވީ- އިންޓަރނެޓްގައި ވަރަށް ގިނަ މަޢުލޫމާތު ހުންނާނެ- އެނގޭ ހުރިހައި ތަނަކަށް ވަދެ ބަލައިފައި ދެން ކުރަން އޮތް ކަމަކީ މި ބަލީގެ ޚާއްޞަ ޑަކްޓަރުންނާ ގުޅުން- އެ މީހުންނާ ގުޅައިގެން ހެކިބަހަށް ކޯޓަށް ގެންނަން ހަމަޖައްސަންވީ- އެ މީހުންނާ ވާހަކަދައްކައިގެން މައްސަލަ އަހަރެމެންގެ ކޮޅަށް އަނބުރައިލެވޭ ވަރުގެ މަޢުލޫމާތެއް ލިބޭތޯ މަސައްކަތް ކުރަންވީ- ޖިނާޢީ ކޯޓުގެ އުޞޫލު އޮންނަ ގޮތް ބަލައިފައި ރަނގަޅަށް ތައްޔާރުވާންވީ- އަދި ޑިސްޓްރިކްޓް އެޓަރނީގެ ހެކިންގެ ނަންތައް ހޯދައި އެ މީހުންގެ ބަޔާން ވެސް އަތުލަންވާނެ- އޭނާގެ ހުރިހާ ސިއްރެއް އަތުލައިގަންނަންވާނެ-"

"އޭނާއަށް އަހަރެމެންގެ ހެކިންގެ ލިސްޓެއް ވެސް ފޮނުވަންވާނެ- އޭޝްލީއާ ސުވާލުކުރާނަންތަ-؟"

ޑޭވިޑް ބޯހޫރައިލިއެވެ. "އޭނާއަށް ހުރީ ވަރަށް ބޮޑަށް އަސަރުކޮށްފައި- ޝަރީޢަތުގެ ސަބަބުން އޭނާގެ ހާސްކަން ބޮޑުވެގެންދާނެ- މިއީ ކުރިއަތުލަން ފަސޭހަ މައްސަލައަކަށް ނުވާނެ-"

ސަންޑްރާ ހިނިތުންވެލިއެވެ. "އެކަމަކު ޑޭވިޑް ކުރިއަތުލާނެ- އަހަންނަށް އެނގޭ-"

ޑޭވިޑް ކިންސެއިޑް، ޓަރނަރ، ރޯޒް އެންޑް ރިޕްލީގެ އެކައުންޓަންޓާ ގުޅައިލިއެވެ.

"ހާރވީ- މިއީ ޑޭވިޑް ސިންގަރ-"

"ހަލޯ ޑޭވިޑް- ޑޭވިޑް އަހަރެމެންނާ ދުވަސްކޮޅަކަށް ވަކިވާ ވާހަކަ އެހިން-"

"އެއީ ތެދެއް-"

"ތިޔަ އުޅެނީ ވަރަށް ބޮޑު މައްސަލައެއް ބޮލުގައި އަޅައިގެން- ހުރިހާ ނޫހެއްގައި މި ދުވަސްވަރު އޮންނަނީ ތިޔަ ވާހަކަ... ތިޔަ ގުޅީ ކީއްކުރަން-؟"

ޑޭވިޑް ބުންޏެވެ. "ޕެންޝަން ފަންޑުގައި އަހަރެންގެ ނަމުގައި ފަސްދޮޅަސް ހާސް ޑޮލަރު ހުންނާނެ- ހާރވީ- އަހަރެން ގަސްތުކޮށްގެން ހުރީ އެ ފައިސާ ނަގާކަށް ނޫން- އެކަމަކު ސަންޑްރާއާ ގެއެއް ގަނެފި- އެ ގެއަށް އަގު ދޭން އެބަޖެހޭ-"

"އާ ގެއެކޭ-؟ މަރުޙަބާ-"

"ޝުކުރިއްޔާ- ފައިސާކޮޅު ކިހައި އަވަހަކަށް ލިބިދާނެތަ-؟"

އޭނާ ކުޑަކޮށް ޖެހިލުންވެފައި ހުރެގެން ވާހަކަދެއްކިއެވެ. "އަހަރެން ބަލައިފައި ފަހުން ގުޅާލިޔަސް އެންމެ ރަނގަޅުތަ-؟"

"އާނ- މައްސަލައެއް ނެތް-" ޑޭވިޑް އޭނާއަށް ފޯނު ނަންބަރު ދީފިއެވެ.

"އަހަރެން ވަރަށް އަވަހަށް އެބަ ގުޅަން-"

"ޝުކުރިއްޔާ-"

ހާރވީ ފޯނު ބާއްވައިފައި ދެން ނެގީ އިންޓަރކަމްގެ އަތްގަނޑެވެ. "ކިންސެއިޑަށް ނަންގަނޭ އަހަރެން ބައްދަލުކޮށްލަން ބޭނުމޭ-"

އޭގެ ބައި ގަޑިއިރު ފަހުން އޭނާ އިނީ ޖޯސެފް ކިންސެއިޑްގެ އޮފީހުގައެވެ. "ހާރވީ- ކިހިނެއްވީ-؟"

"ޑޭވިޑް ސިންގަރ އަޅުގަނޑާ ގުޅައިފި- އޭނާ އާ ގެއެއް ގަނެގެން އަގު ދައްކަންވެގެން ޕެންޝަން ފަންޑުން ފަސްދޮޅަސް ހާސް ޑޮލަރު ބޭނުން ވާހަކަ ބުނި- އޭނާއަށް އެ ފައިސާ ދިނުމަކީ އަޅުގަނޑުމެންނަކަށް މަޖުބޫރު ކަމެއް ނޫން- އޭނާ އެހެރީ މުސާރަ ނުހިނގާ ޗުއްޓީއެއްގައި- އެހެންވީމާ..."

"އެހައި އަގު ބޮޑު ގެއެއް ބަލަހައްޓަން ކިހައި ވަރަކަށް ޚަރަދުވާނެކަން އޭނާއަށް އެނގޭބާ-؟"

"ހިއެއް ނުވޭ- އަޅުގަނޑު ބުނާނަން މި ވަގުތު ފައިސާ ދެވޭކަށް ނެ..."

"ފައިސާ ދީ-"

ހާރވީ ޙައިރާންވެފައި ކިންސެއިޑްގެ މޫނަށް ބަލައިލިއެވެ. "އެކަމަކު އަޅުގަނޑުމެންނަކަށް ދޭކަށް..."

ކިންސެއިޑް ކުރިއަށް ގުދުވެލަމުން ވާހަކަދެއްކިއެވެ. "ހާރވީ- އޭނާގެ ކަށްވަޅު އަމިއްލައަށް ކޮނުނަދީ- އަހަރެމެން އެ ކަމަށް މަގުފަހިކޮށްދޭނަން- އެ ފައިސާ ދިނުމާ އެކު އޭނާ އަހަރެމެންގެ މިލްކަކަށް ވީ-"

ހާރވީ އުޑެލް ޑޭވިޑާ ގުޅައިލިއެވެ. "ޑޭވިޑް- ޕެންޝަން ފަންޑުގައި ހުރި ފައިސާ ތިޔަ ނަގަނީ މާ އަވަހަށް- އެކަމަކު މައްސަލައެއް ނެތް- ބޭނުން ކޮންމެ އެއްޗެއް ދޭށޭ ކިންސެއިޑް ބުނުއްވައިފި-"

* * *

"މިސްޓަރ ކްރޮވްދަރ- މިއީ ޑޭވިޑް ސިންގަރ-"

"ލައްބަ- އަޅުގަނޑު މި ހުންނަނީ އިންތިޒާރުގައި-"

"މާދަމާ ބަންދުވުމުގެ ކުރިން އަހަރެން ފޮނުވާ ފަސްދޮޅަސް ހާސް ޑޮލަރު ލިބޭނެ-"

"ވަރަށް ރަނގަޅު- އެ ގެ ގަންނަން ބޭނުން ކިތަންމެ ބަޔަކު އެބަ ތިބި- ކުރިންވެސް ނަންގަތީމެއްނޫންތޯ-؟ އެކަމަކު އަޅުގަނޑު ހަމަ ހިފަހައްޓައިގެން ހުރީ- އެ ގޭގައި ތިޔައިގެ ދެ ކަނބަލުން ވަރަށް އުފާވެރި ދިރިއުޅުއްވުމެއް ހޭދަކުރައްވާނެކަން އަޅުގަނޑަށް ޔަޤީން-"

އާނއެކެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. އެކަމަކު އެހެން ވާނީ ހާދަހާ ގިނަ މުޢުޖިޒާތެއް ވެސް ހިނގައިގެންނެވެ.

އޭޝްލީ ޕެޓަރސަންގެ މައްޗަށް ރަސްމީކޮށް ދަޢުވާ އުފުލުން އޮތީ ސެންޓާ ކްލާރާގެ ސުޕްރީމް ކޯޓުގައެވެ. ދަޢުވާގެ މައްސަލަ އެތައް ދުވަހެއް ވާންދެން ދެމިއޮތެވެ. މަރުގެ ޙާދިސާތައް ހިނގައިފައިވަނީ އެކި ރަށްރަށުގައި ކަމަށްވާތީ މައްސަލަ ބާރަށް ހިނގައިގަތުމަކީ މާ ފަސޭހަ ކަމަކަށް ނުވިއެވެ.

ކެބެކް ފުލުސް އޮފީހުން އައި ޑިޓެކްޓިވްގައި ފޮންޓޭން އާއި، ބެޑްފޯޑުގެ ޑިޓެކްޓިވް އީގަންއާއި، ސެން ފްރެންސިސްކޯ ފުލުސް އޮފީހުން ކެޕްޓަން ރުޑްފޯޑާއި، ސެން ހޯޒޭގެ ފުލުހުންގެ ވެރިޔާ ރޮޖަރ ޓޮލަންޑް ބައިވެރިވާ ބައްދަލުވުމެއް ސެން ފްރެންސިސްކޯގައި ބޭއްވުނެވެ.

ފޮންޓޭން ބުންޏެވެ. "އަހަރެމެން ބޭނުމީ ކެބެކްގައި ޝަރީޢަތް ބާއްވަން- އެއީ އޭނާ ކުށްވެރިވާ ކަމުގެ ފުރިހަމަ ހެކި އަހަރެމެންނަށް ލިބިފައިވާތީ- އެ ތާނގައި ބާއްވައިފިއްޔާ އޭނާއަކަށް ބޯދަމައެއް ނުގަނެވޭނެ-"

ޑިޓެކްޓިވް އީގަން ބުނެލިއެވެ. "އަހަރެމެންނަށް ވެސް ހެކި ލިބިފައި އެބަހުރި- އޭނާ މަރައިލި ފުރަތަމަ މީހަކީ ޖިމް ކްލެއަރީ- އެހެންވީމާ ޝަރީޢަތް ބާއްވަން އެންމެ ރަނގަޅުވާނީ އަހަރެމެންގެ ރަށުގައި-"

ސެން ފްރެންސިސްކޯ ފުލުސް އޮފީހުގެ ކެޕްޓަން ރުޑްފޯޑް ބުންޏެވެ. "ބޭކަލުންނޭ- އަހަރެމެން އެންމެންނަށް ވެސް އޭނާ ކުށްވެރިކުރެވޭ ވަރަށް ހެކި ލިބިފައި އެބަހުރި- އެކަމަކު މަރައިލި މީހުންގެ ތެރެއިން ތިން މީހުން މަރައިފައިވަނީ ކެލިފޯނިއާގައި- އެހެންވީމާ ޝަރީޢަތް ބޭއްވުން އެންމެ ރަނގަޅު ތަނަކީ ކެލިފޯނިއާ-"

"އަހަރެން އެއްބަސްވަން-" ޝެރިފް ޑޮވްލިންގ ބުންޏެވެ. "އޭގެ ތެރެއިން ދެ މީހުން މަރައިފައިވަނީ ސެންޓާ ކްލާރާގައި- އެހެންވީމާ ޝަރީޢަތް ބާއްވަން އެންމެ ރަނގަޅު ތަނަކީ މިއީ-"

މި މީހުންގެ ޒުވާބު އެތައް އިރަކަށް ދެމިގެން ދިޔައެވެ. އެންމެ ފަހުން އެންމެން އެއްބަސްވީ ސެން ހޯޒޭގެ ހޯލް އޮފް ޖަސްޓިސްގައި ޝަރީޢަތް ބާއްވާށެވެ. ބެޑްފޯޑާއި، ކެބެކްގައި ހިނގި ދެ ޙާދިސާ އިހަށް ފަހަށް ޖައްސައިލަން ވެސް އެންމެން އެއްބަސްވިއެވެ.

ދަޢުވާ ހުށަހެޅުން އޮތް ދުވަހު ޑޭވިޑް، އޭޝްލީގެ ކައިރީގައި ކޯޓުގައި ހުއްޓެވެ.

ފަނޑިޔާރު ސުވާލުކުރެއްވިއެވެ. "މައްސަލައާ މެދު ބުނަނީ ކީކޭ-؟"

"އޭޝްލީ ކުށްވެރިނުވާ ކަމަށް- ކުށްވެރިނުވަނީ ސިކުނޑީގެ ޙާލަތަށް ބަލައިފައި-"

ފަނޑިޔާރު ބޯޖައްސަވައިލެއްވިއެވެ. "އެންމެ ރަނގަޅު-"

"ފައިސާ ބަހައްޓައިފައި އޭޝްލީ މިނިވަންކުރަން އަޅުގަނޑު ބޭނުން-"

ދައުލަތުގެ އެޓަރނީ ފުންމައިގެން ތެދުވެއްޖެއެވެ. "އަޅުގަނޑު އެ ކަމާ ދެކޮޅުހަދަން- މި ދަޢުވާއަކީ އަނިޔާވެރި ތިން ޤަތުލެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއް- މިނިވަންކޮށްފިއްޔާ އޭނާ ފިލާނެ-"

އެއީ ދޮގެއް- ޑޭވިޑް ބުންޏެވެ. "އެހެން ހަދަން ޖެ..."

ފަނޑިޔާރު ޑޭވިޑްގެ ވާހަކަ ފުރިހަމަ ކުރިޔަކަ ނުދެއްވިއެވެ. "އަޅުގަނޑު މި ފައިލު ވަރަށް ރަނގަޅަށް ބަލައިފިން- އެހެންވީމާ އެއްގޮތަކަށް ވެސް އޭނާ މިނިވަން ކުރެވޭކަށް ނޯންނާނެ- ޝަރީޢަތް ފެށެންދެން އޭނާ އިންނަން ޖެހޭނީ ސެންޓާ ކްލާރާ ކައުންޓީ ޖަލުގައި-"

ޑޭވިޑް މާނޭވާއެއްލިއެވެ. "އާދެ-" އޭނާ އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "ހާސްނުވޭ- ހުރިހައި ކަމެއް ވެސް ހިނގާނީ ރަނގަޅަށް- އޭޝްލީގެ އެއްވެސް ކުށެއް ނެތް- އެ ކަން ހަނދާން ނައްތައިނުލާތި-"

ޑޭވިޑް އައިސް އޮފީހަށް ވަނުމާއެކު ސަންޑްރާ ބުނެލިއެވެ. "މިއަދުގެ ނޫސްތައް ބަލައިފިންތަ-؟ ނޫސް ތަކުން އޭޝްލީއަށް ނަމެއް ވެސް ދީފި- "މީހުން ކަތިލާ ޑައިނު-" ޓީވީން ވެސް ދެވަނަ ވާހަކައެއް ނުދައްކާ-"

"މައްސަލަ ހޫނު ވާނެ ކަން އަހަންނަށް ކުރިން ވެސް އެނގޭ-" ޑޭވިޑް ބުނެލިއެވެ. "އަދި ކިރިޔާ މި ފެށުނީ... ކޮބާ... ކުރަން ހުރި ކަންތައްތަކާއިގެން ކުރިއަށް ދަމާ ހިނގާ-"

ޝަރީޢަތް ފެށޭނީ އަށް ހަފްތާ ފަހުންނެވެ.

ވިދިގެން އައި އަށް ހަފްތާ އަކީ ހޭބޯނާރާ މަސައްކަތްކުރަން ޖެހުނު އަށް ހަފްތާއެވެ. ޑޭވިޑާއި ސަންޑްރާއާ ދެ މީހުން މުޅި ދުވާލު ހަތަރުދަމާއި، ރޭގަނޑުގެ ދެ ދަން ހުސްކޮށްލަނީ މަސައްކަތުގައެވެ.

ކޭސް ފައިލުތައް ބަލައިގެން މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއާ ގުޅޭ ހުރިހާ މައްސަލައެއް ދިރާސާކުރަމުން ދިޔައެވެ. ގިނައިން ހުރީ މީހުންގެ ޢިއްފަތްތެރިކަން ފޭރިގަތުމާއި، މީހުން މެރުމާއި، ވައްކަންކުރުމާއި، ތަންތަން ހުޅުޖެހުން ފަދަ ބޮޑެތި މައްސަލަތަކެވެ.

"އަހަރެމެން އޭޝްލީ ސަލާމަތްކުރާނަން-" ޑޭވިޑް ބުނެލިއެވެ.

ސަންޑްރާ ހެކިބަހަށް ގެންނަ މީހުންގެ ނަންތައް އެއްކޮށްގެން އެ މީހުންނަށް ފޯނުކުރަން ފަށައިފިއެވެ.

"ޑޮކްޓަރ ނަކަމޯޓޯ- އަޅުގަނޑު މަސައްކަތްކުރަނީ ޑޭވިޑް ސިންގަރއާ އެކީގައި- އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ބޮހަނަންއޭ ނަމަކަށް ކިޔާ މީހަކަށް ސަރުކާރުން ކުރި ދަޢުވާއެއްގައި ޑޮކްޓަރ ނަކަމޯޓޯ ހެކިބަސްދެއްވި- ޑޭވިޑް ސިންގަރއަކީ އޭޝްލީ ޕެޓަރސަންގެ ވަކީލު... އެހެންތޯ-؟"

"ލައްބަ-؟"

"އެހެން ވެއްޖެއްޔާ ސެން ހޯޒޭއަށް ދުރުވެ ހެކިބަސްދެއްވުމުގައި އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ- އެހެންނޫންތޯ-؟"

"ޑޮކްޓަރ ބޫތު- އަޅުގަނޑު މި ގުޅަނީ ޑޭވިޑް ސިންގަރގެ އޮފީހުން- ޑޭވިޑް ސިންގަރއަކީ އޭޝްލީ ޕެޓަރސަންގެ ވަކީލު- ޑިކަރސަން މައްސަލައިގައި ޑޮކްޓަރ ބޫތު ހެކިބަސް ދެއްވީމެއްނޫންތޯ-؟ އަޅުގަނޑުމެން ވެސް މި އުޅެނީ ޑޮކްޓަރ ބޫތުގެ ތަޖުރިބާއާއި، ހެކިބަހުގެ ބޭނުންޖެހިގެން-"

"ޑޮކްޓަރ ޖޭމްސަން- މިއީ ސަންޑްރާ ސިންގަރ- އަޅުގަނޑުމެން މި އުޅެނީ..."

މިހެން ގޮސް އެތައް ބަޔަކާ ސަންޑްރާ ގުޅައިފިއެވެ. އެންމެ ފަހުން ބާރަ ވަރަކަށް ހެކިން ހަމަވެއްޖެއެވެ. ޑޭވިޑް އެ ލިސްޓަށް ބަލައިލައިފައި ބުނެލިއެވެ. "ވަރަށް ރަނގަޅު- ޑަކްޓަރުންނާ، އިސްކޫލެއްގެ ވެރިއަކާ... ޤާނޫނު ކިޔަވައިދޭ އިސްކޫލުތަކުގެ ވެރިންނާ..." އޭނާ ސަންޑްރާއާ ދިމާއަށް ބަލައިލިއެވެ. "އަހަރެމެންނަށް މި ދެވެނީ ރަނގަޅު މިޞްރާބަށް-"

ޖެސީ ކިލަރ ދޭތެރެދޭތެރެއިން ޑޭވިޑްގެ މަސައްކަތް ދާގޮތް ބަލައިލަން އެ ތަނަށް އާދެއެވެ. "މަސައްކަތް ކިހިނެއް-؟ އަހަރެންގެ އެހީއެއް ބޭނުންތަ-؟"

"ނޫނޭ- ހުރިހާ ކަމެއްވެސް ރަނގަޅު-"

ޖެސީ އޮފީހުގެ ތެރެއަށް ބަލައިލައިފައި އަހައިލިއެވެ. "ބޭނުން ހުރިހާ އެއްޗެއް އެބަހުރިތަ-؟"

ޑޭވިޑް ހިނިތުންވެލިއެވެ. "އާނ- ހުރިހާ އެއްޗެއް ހަމައަށް އެބަހުރި- އޭގެ ތެރޭގައި އަހަރެންގެ ރަޙްމަތްތެރިޔާ ވެސް ހިމެނޭ-"

ހޯމަދުވަހު ހެނދުނު ޑޭވިޑަށް ޕޯސްޓުން ޕާރުސަލެއް ލިބުނެވެ. އޭގައި ހުރީ ސަރުކާރަށް ލިބިފައި ހުރި ހެކިތަކާ ބެހޭ މަޢުލޫމާތެވެ. އެ އެއްޗެތި ބަލައިލުމާއެކު ޑޭވިޑްގެ ހިތްވަރު ކޮންމެވެސް ވަރަކަށް އެލޭ ގޮތް ވިއެވެ.

ސަންޑްރާ އިނީ އޭނާގެ މޫނަށް ބަލާށެވެ. "ކިހިނެއްވީ-؟"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.