މުޅި މާލޭގައި ކޮވިޑް އުތުރި އަރަނީ - ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް

މާލޭގައި ކޮވިޑް-19 ފެތުރިގައި އޮތް މިންވަރު ދައްކުވަ

ވެރިރަށް މާލޭގައި ކޮވިޑް ފެތުރެމުންދާ މިންވަރު ޓެކްނިކަލް އެޑަވައިޒަރީ ގްރޫޕް (ޓެގް)ގެ ފަރާތުން ދެއްވައި ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމުގެ ޢިޝާރާތެއް ކުރައްވައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގްގެ މެމްބަރ ޑރ. ޝަހީދު ވަނީ މާލެ ސަރަޙައްދުގައި ބަލި ފެތުރެމުންދާ މިންވަރު ވީޑިއޯ ޗާޓަކުން ދައްކަވައިފައެވެ. މި ވީޑިއޯ ޗާޓުން ފެންނަ ގޮތުން މިހާރު އެންމެ ބޮޑަށް ބަލި ފެތުރެމުންދަނީ މާފަންނުގައެވެ. އެޗާޓުން ދައްކާ ގޮތުން ބްލޮކެއް ގޮތަށް މައްޗަށް އަރަމުންދަނީ އެއް ގެއަކުން ބަލިޖެހޭ މީހުން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. ޖުލައިމަހު ބަލި ފެތުރެމުން ދިޔަ ވަރާއި ބަލާއިރު އޯގަސްޓްގައި ބަލިފެތުރޭ މިންވަރު ބޮޑުތަނުން އިތުރުވަމުންދާކަން ޗާޓުން ވަނީ ދައްކުވައިދީފައެވެ.

ހުޅުމާލޭގައި ވެސް ބަލި ފެތުރޭ މިންވަރު އިތުރު ވެފައި ވީނަމަވެސް މާލެއަށްވުރެ ފެތުރޭ މިންވަރު ދަށްކަމަށް ޑރ. ޝަހީދު ފާހަގަ ކުރެއްވި އެވެ. މާލެއާއި ހުޅުމާލެއާ އަޅާބަލާއިރު ވިލިމާލޭގައި ބަލި ފެތުރެމުން އަންނަ މިންވަރު ދަށެވެ. ވިލިމާލޭގެ ބަލި ފެތުރޭ މިންވަރު ދަށީ އާބާދީ މަދުވެފައި ދިރިއުޅޭ ޖާގަ ތަންކޮޅެއް ހާމަކޮށް ތަނަވަސް ވުމުންކަމަށް ވެދާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. ވިލިމާލޭގައި ބަލި ފެތުރުން ދަށް ނަމަވެސް، ބަލިފެތުރޭ މިންވަރު އިތުރުވިޔަ ނުދިނުމަށް އެޅިފައިވާ ޔަވަޅުތަކަށް ޢަމަލުކުރުން ވަރަށް މުހިންމު ކަން ފާހަގަ ކުރެއްވިއެވެ.

"ކޮންމެ ރަށަކީ ވެސް މުހިންމު ރަށެއް. މަދުން ފެތުރިފަ އޮތިއްޔާ އަޅާފައިހުރި ފިޔަވަޅުތައް ހަރުދަނާކޮށް، އެއާ އެއްގޮތަށް ކުރިއަށް ދިއުން ވަރަށް މުހިންމު އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި،" ޑރ. ޝަހީދު ވިދާޅުވިއެވެ.

މިހާރު އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތީ މާލެ އާއި ހުޅުމާލޭގައި ކަމަށް ވާތީ، އެ ދެ ސަރަހައްދުގައި ދިރިއުޅޭ މީހުން މިހާރަށް ވުރެ ބޮޑަށް އަޅައިފައިވާ ފިޔަވަޅުތަކާ އެއް ގޮތަށް ޢަމަލުކުރުމަށް ޑރ. ޝަހީދު އިލްތިމާސްކުރެއްވިއެވެ.

ވޭތުވެދިޔަ މަހެއްހާ ދުވަހު އޭގެ ކުރީ މަސްދުވަހާ އަޅާބަލާއިރު ދެގުނައަށް އެނދު ތައް ފުރިފައިވާކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ. މިދިޔަ ހަފާތާއަސް ބެލިޔަސް ބޭނުންކުރަން ހުރި އެނދުގެ 60 އިންސަތަ ވަނީ ފުރުފައިކަން ފާހަގަ ކުރެއްވިއެވެ. ފްލޫ ކްލިނިކްތަކަށް ދައްކައިގެން ޕޮޒިޓިވްވި މީހުންގެ ޢަދަދު ހުރީ 18 އިންސައްތައިގައިކަން ފާހަގަ ކުރެއްވިއެވެ. މިހަފްތާއަށް ބެލި ޔަސް ކޮންމެ ދުވަހަކު މީހަކު މަރުވާ ކަން ފާހަގަ ކުރެއްވިއެވެ. މިދިޔަ ހަފްތާގެ މުޅިސްކޯ އުޅެނީ ނުވައެއްގައި ކަން ވެސް ފާހަގަ ކުރެއްވިވެ. ސްކޯ 10 އަކަށް އަރައިފިއްޔާ ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން ލޮކްޑައުންނަކަށް ވެސް ދާން ޖެހިދާނެކަމަށް ވިދާޅުވިއެވެ. މިހާރުއަޅައިފައި ފިޔަވަޅު ތަކަކީވެސް މިސަބަބަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކެއްކަމަށް ޑރ  ޝަހީދު ފާހަގަކުރެއްވިއެވެ.  

"ފަހަކާއި ދިހަޔަކާއި ދޭތެރޭގައި ހުއްޓަސް ވަރަށް ބޮޑެތި ރެސްޓްރިކްޓިވް ފިޔަވަޅުތައް އަޅަންޖެހޭ. އަޅުގަނޑުމެން މިގެންގުޅޭ ސްކޯރިންސިސްޓަމަށް ބަލާއިރު 10 އަކަށް ގޮސްފިއްޔާ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ. އޭގެ ތެރޭގައި ލޮކްޑައުންއެއް ވެސް ގެންނަން ޖެހިދާނެ" ޑރ ޝަހީދު ވިދާޅުވިއެވެ.

އިއްޔެ އަލަށް ބަލި ޖެހުނު 135 މީހުންނާއެކު ޖުމްލަ 7,047 މީހަކަށް ރާއްޖޭގައި ވަނީ ކޮވިޑް ޖެހިފަ އެވެ. މިހާރު ބަލިޖެހިފައި ތިބި 2580 މީހުންގެ ތެރެއިން 173 މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މިހާތަނަށް ކޮވިޑްގައި 28 މީހަކު ވަނީ މަރުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.