މާލޭ ސަރަޙައްދުގެ ގެސްޓްހައުސް އޮކްޓޯބަރ 15 ގައި ނުހުޅުވޭނެ 

މާލެ ސަރަޙައްދުގެ މީހުންނަށް ރަށްރަށުގެ ގެސްޓްހައުސްތަކަށްވެސް ނުދެވޭނެ 

އަންނަމަހު 15 ގައި ރާއްޖޭގެ ޓޫރިސްޓް ގެސްޓް ހައުސްތައް ހުޅުވާލުމަށް ނިންމައިފައި ވީނަމަވެސް މާލޭ ސަރަޙަދުގެ ގެ ގެސްޓްތައް ހުޅުވައެއްނުލާނެއެވެ. ގެސްޓް ހައުސްތައް ހުޅުވާލެވެނީ ގާތްގަޑަކަށް ހަތްމަސް ދުވަސް ފަހުންނެވެ. ކޮވިޑާ ގުޅިގެން ގެސްޓް ހައުސްތައް ބަންދު ކުރީ މާރޗް 17 ގައެވެ. 

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމްގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ ގެސްޓް ހައުސްތައް ހުޅުވާލުމަށް ހުއްދަ ދެއްވިކަމުގައި ވިއަސް ގްރޭޓަރމާލެ ސަރަޙައަދުގެ ގެސްޓް ހައުސްތައް ހުޅުވާލުމަށް ހުއްދަ ނުދެއްވާނެކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ އަދިވެސް މާލެ ސަރަޙައްދުގައި ބަލި ފެތުރެމުން ދިއުމެވެ. އަދި މާލެ ސަރަޙައްދުގެ މިހުންނަށް ރަށްރަށުގެ ގެސްޓް ހައުސްތަކަށް ވެސް މި ޙާލަތުގައި ދިއުމުގެ ހުއްދަ ނުދެއްވާނެކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ.  

"ރަށްރަށުގެ ގެސްޓް ހައުސްތައް ހުޅުވުނަސް، ގްރޭޓަރމާލޭ އޭރިޔާއިން ރަށްރަށުގެ ގެސްޓްހައުސްތަކަށް ލޯކަލް ޓޫރިޒަމެއް ޙުޅުވައެއް ނުލެވޭނެ. އޭގެ މާނައަކީ ގްރޭޓަރ މާލޭ އޭރިއާއިން ގޮސް މީހުންނަށް ރަށްރަށުގެ ޓޫރިސްޓް ގެސްޓް ހައުސްތަކުގައި ނުތިބެވޭނޭ. އަދި އެހުއްދަ ދޭގޮތަކަށް ނޫން ހަމަޖެހިފައިވަނީ" ޑރ ޝަހީދު ވިދާޅުވިއެވެ. 

އެޗްޕީއޭގެ އުޞޫލުގައި ވާގޮތުން ގެސްޓްހައުސް ހުންނަ ރަށަކަށް އެހެންރަށެއްގެ މީހަކު ޒަރޫރީ ބޭނުމެއްގައި ގޮސްވެސް ޓޫރިސްޓް ގެސްޓް ހައުސްއެއްގައި ހުރެއްޖެނަމަ އެނބުރި ރަށަށް ގޮސް ކަރަންޓީން ވާންޖެހެއެވެ. ޑރ ޝަހީދު ވިދާޅުވީ ގެސްޓް ހައުސްތައް ހުޅުމާއެކު ޒަރޫރީ ބޭނުންތަކަށް ރަށްރަށުންދާ މީހުންނަށް ކުއްޔަށް ކޮޓަރި ދިނުމުގެ އުޞޫލެއް ވެސް ގެންގުޅެވިދާނެކަށެވެ. ގެސްޓް ހައުސްތައް ހުޅުވާލުމަށް ފަހު ޓޫރިސްޓް ގެސްޓްހައުސް ހުންނަ ރަށްރަށުގެ މީހުން އާންމު ތަންނުގައި މާސްކް އެޅުން މަޖްބޫރުވާނެއެވެ. އަދި ޒަރޫރީ ބޭނުންތަކަށް އެރަށްރަށަށް ދާމީހުންވެސް މާސްކް އެޅުން މަޖްބޫރުވާނެ ކަމަށްގައިޑް ލައިންނާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން ޑރ. ޝަހިދު ވިދާޅުވިއެވެ. 

ރިސޯރޓްތަކަށްދާ ފަތުރުވެރިންނާ ޚިލާފަށް ގެސްޓް ހައުސްތަކަށްދާ ފަތުރިން ރާއްޖެއައުމަށްފަހުވެސް އަދި ފުރުމުގެ ކުރިން ޕީސީއާރު ޓެސްޓް ހަދަން ޖެހެއެވެ. ރިސޯރޓް ތަކަށް ދާ ފަތުރުވެރިން ފުރުމުގެ ކުރިން ޓެސްޓް ހަދާކަށް ނުޖެހެއެވެ.  

ގެސްޓް ހައުސްތައް ހުޅުވުމަށް ތައްޔާރު ވުމުގެ ގޮތުން ޓާސްފޯސްތަކަށް އިތުރަށް މަޢުލޫމާތު ދީ ގައިޑް ލައިންތަކަށް އަހުލުވެރިކުރަންޖެހެއެވެ. ގައިޑްލައިންތައް ތަންފީޒުކޮށް މޮނިޓަރ ކުރަންޖެހެނީ ނގެސްޓް ހައުސްތައް ހުންނަ ރަށްރަށުގެ ޓާސްފޯސްތަކުންކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ. ގެސްޓް ހައުސްތައް ހުޅުވުމުގެ ކުރިން ކައުންސިލްތަކާއި ގެސްޓްހައުސްތައް ގުޅިގެން މީހުން ހޭލުން ތެރި ކުރުވަންވެސް ޖެހެއެވެ. 

ބައްޔަށް ޕޮޒިޓިވްވާ މީހުން ނާއި ކޮންޓެކްޓްވާ މީހުން އައިސޮލޭޓްކޮށް ކަރަންޓީނު ކުރެވޭނެ އިންތިޒާމުވެސް ގެސްޓްހައުސްތައް ހުޅުވުމުގެ ކުރިން ހަމަޖައްސަން ޖެހެއެވެ. ޑރ ޝަހީދު ވިދާޅުވީ ވަކި ގެސްޓް ހައުސެއް އެކަމަށް ނެގިދާނެ ކަމަށެވެ.  ނުވަތަ ގެއެއްވެސް ބެހެއްޓިދާނެކަމަށެވެ. ނަމަވެސް އެގެއަކީ މީހުން ދިރިއުޅޭ ތަނަކަށް ވެގެންނުވާނެކަމަށެވެ. އަދި ގެސްޓްހައުސްތައް ހުންނަ ރަށްރަށުގެ ހެލްތް ސެންޓަރ އިން ފްލޫ ކަލިނިކެއް ހިންގަންޖެހެއެވެ. އަދި އެތަނުގައި ޕީޕީއީ އާ ކޮވިޑް މެނޭޖް ކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި ސާމްޕަލް ނެގޭނެ އިންތިޒާމު ހަޖެހިފައި ހުންނަންޖެހެއެވެ. ޑރ. ޝަހީދު ވިދާޅުވީ ފްލޫކަލިނިކެއް ހިންގުމުގެ ބޭނުނަކީ ފަތުރުވެރިން ރަށަށް ދާނަމަ ކޯވިޑް 19 ފެނުމުގެ ރިސްކް އޮންނާނެތީކަމަށެވެ. އެހެންކަމުން އަލާމާތެއް ފެނިއްޖެނަމަ ފްލޫ ކްލިނިކަށް ދައްކައިގެން ޓެސްޓްހަދަންޖެހޭނެކަމަށެވެ. 

ގެސްޓް ހައުސްތައް ހިންގާ ރަށްރަށުގައި ދަތުރުފަތުރު ޚިދުމަތްދޭ ޓެކްސީ ފަދަ އުޅނަދުތަކުގައި ހުންނަންޖެހޭނީ ޚިދުމަތް ހޯދާ ފަރާތަކާ މެދު ޕަލާސްޓި ނުވަތަ ބިއްލޫރި ބޭނުންކޮށްގެން ވިއަސް ވަކި ކޮށްފައި ކަމަށެވެ.  

ގެސްޓް ހައުސްތައް ޚިދުމަތް ތައް ދިނުމަށް ހުއްދަ ދެއްވުމަށް ހަމަޖައްސަވައިފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކުގައި ހިމެނޭ އުޞޫލުތަކަށް ރިޢާޔަތްކޮށް އެތަންތަނުން ޚިދުމަތް ދިނުމިގައި ޢަމަލުކުރާނެޚާއްޞަ އެސްއޯޕީތަކެއް ނުވަތަ އުޞޫލުތަކެއްއެކުލަވާލައި އެއާރ އެއްގޮތަށް އެތަންތަނުގެ ކަންކަން އިންތިޒާމު ވެފައިވޭތޯ ބަލާ ކަށަވަރު ކުރުމަށް ފަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.