(23 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ތިޔައީއަކީ މުޅިން ރަނގަޅު ގޮތެއް ނޫން-"
"އަހަންނަށް އެނގޭ- އަހަރެން ޑޮކްޓަރ ޕެޓަރސަން ގާތު ބުނީވެސް ހަމަ ތިޔަހެން- އެކަމަކު އޭނާ ޤަބޫލެއް ނުވި-"
"ކިންސެއިޑް ގާތު ބުނެފިންތަ-؟"
"މާދަމާ ހެނދުނު އަހަރެން އޭނާއާ ބައްދަލުކުރާނަން-"
"ކިހިނެއް ވާނެހެން ހީވަނީ-؟"
"ވާނެ ގޮތް މިހާރު ވެސް އެނގޭ- އަހަރެން މި މައްސަލައާ ޙަވާލުވާކަށް އޭނާ ބޭނުމެއް ނުވާނެ- އަހަރެން ދޫނުކޮށް ހިފަހައްޓައިފިއްޔާ މުސާރަ ނުލިބޭ ޗުއްޓީއެއް ނަގަން ބުނާނެކަން ހަމަ ކަށަވަރު-"
"މާދަމާ މެންދުރު ކާންވާނީ އަހަންނާ އެކީގައި- ރުބިކަންއަށް އަންނާތި-"
ޑޭވިޑް ބޯޖަހައިލިއެވެ. "އެންމެ ރަނގަޅު-"
އެމިލީ ފޮތިގަނޑަކުން މޫނުފޮހެމުން ބަދިގެއިން ނުކުމެގެން އަތުވެއްޖެއެވެ. ޑޭވިޑާއި، ޖެސީ މިލަރ ކޮޅަށް ތެދުވެއްޖެއެވެ.
"ދެން މާގިނައިރެއް ނުވާނެ- މުޅިން ތައްޔާރުވެ ނިމެނީ- ސަންޑްރާ ބަދިގޭގައި އެބަ އުޅޭ-" އޭނާ ހަރުގަނޑުން ތަބަކެއް ނަގައިގެން އަނެއްކާވެސް ބަދިގެއަށް ވަދެއްޖެއެވެ.
ކިލަރ ޑޭވިޑާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "ކަލޭމެން ދެ މީހުންނަކީ އަހަރެމެން ދެމަފިރިންގެ ވަރަށް ގާތް ދެ މީހުން- އެހެންވީމާ އަހަރެން ވަރަށް ރަނގަޅު ނަސޭޙަތެއް ދޭނަން- އެ ކަންތަކުގެ މަތިން ހަނދާން ނައްތައިލާ-"
ޑޭވިޑް އަނގަޔަކުން ނުބުނެއެވެ.
"އެއީ މާ ކުރީގެ ކަމެއް- އެއީ ކަލޭގެ ކުށެއް ވެސް ނޫން- ޑޭވިޑް- އެއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ގޮތެއް-"
ޑޭވިޑް ކިލަރއާ ދިމާއަށް ބަލައިލިއެވެ. "އެކަމަކު އެކަން ދިމާވީ އަހަންނަށް- އޭނާ މަރައިލީ އަހަރެން-"
* * *
އަނެއްކާވެސް އެ މަންޒަރު ފެންނަން ފަށައިފިއެވެ. ޑޭވިޑް އިނީ ހަމަޖެހިލައިގެން އިށީނދެގެންނެވެ. އެކަމަކު ކުރިމަތީގައި ނިއުޅެމުންދަނީ މާޒީގެ މަންޒަރުތަކުގެ ފީތާއެކެވެ.
އެއީ ވަރަށް ފަސޭހަ ޤަޟިއްޔާއެކެވެ. ޑޭވިޑް ބުނެލިއެވެ. "ޖެސީ- މި މައްސަލައާ ޙަވާލުވާނީ އަހަރެން-"
ހެލަން ވުޑްމަންއަކީ ވަރަށް ރީތި އަންހެނެކެވެ. އޭނާގެ މައްޗަށް އުފުލިފައިވަނީ އޭނާގެ މުއްސަނދި ދޮންމަންމަ މަރައިލި ކަމުގެ ދަޢުވާއެވެ. އެ ދެ މީހުންނަކީ ޢާންމު ތަންތާނގައި ވަރަށް ގިނައިން އަރައިރުންވާ ދެ މީހުންނެވެ. އެކަމަކު ހެލަންއާ ދެކޮޅަށް ހުރި ހެކިތަކަކީ މާ ބޮޑު ބުރަދަނެއް ހުރި ހެކިތަކެއް ނޫނެވެ. ޑޭވިޑް ޖަލަށް ގޮސް ހެލަންއާ ބައްދަލުކުރިއެވެ. ދެތިން ދުވަހަކު ވާހަކަދެއްކުނު އިރު ޑޭވިޑަށް ހުރީ ދުރުނުވެވޭ ވަރަށް ހެލަންއާ ގާތްވެވިފައެވެ. އެންމެ ފަހުން ޤާނޫނީ ވަކީލުން ޢާންމުކޮށް ހިފަހައްޓާ ގަވާއިދަކާ ޚިލާފު ވެސް ވެވިއްޖެއެވެ. އެއީ މުލްޒިމަކާ ހިތާވުމެވެ.
މައްސަލަ ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށެވެ. އިދިކޮޅު ވަކީލު ހުށަހެޅި ހެކިތައް ޑޭވިޑް މުގުރައިލީ ފަސޭހަކަމާ އެކީގައެވެ. ހެލަންގެ ކުށެއް ނެތްކަމަށް ޖޫރީން ވެސް ޤަބޫލުކޮށްފިއެވެ. އެ ދުވަހު ކުއްލިއަކަށް ވަރަށް އާދަޔާ ޚިލާފު ކަމެއް ހިނގައިފިއެވެ. ހެލަން ކުރިން ބުނެފައި އޮތް ގޮތުގައި އޭނާގެ ދޮންމަންމަ މަރައިލި ރޭ އޭނާ އިނީ ރައްޓެއްސަކާ އެކީ ބައިސްކޯފަށް ގޮހެވެ. އެ ދުވަހު އެ ބުނާ ރައްޓެއްސަކު ކުއްލިއަކަށް ކޯޓަށް އައިސް އެއީ ދޮގެކޭ ބުނެފިއެވެ. އަދި ދޮންމަންމަ މަރައިލެވުނު ކަމަށް ބުނާ ވަގުތު އެ ގޭ ދޮށުން ހެލަން ދުށް ކަމަށް އެހެން މީހަކު ހެކިބަސްދީފިއެވެ. ހެލަންގެ އިތުބާރު މުޅިން ގެއްލިއްޖެއެވެ. އެންމެ ފަހުން ފަނޑިޔާރު ޙުކުމްކުރީ އޭނާ މަރާށެވެ. ޑޭވިޑްގެ ރުޅި އިންތިހާއަށް ހިނގައްޖެއެވެ.
"ހެލަން- އެހެން ހެދީ ކީއްވެގެން-؟" ޑޭވިޑް ރުޅިއައިސްގެން ގޮސް ތުރުތުރު އަޅައެވެ. "އަހަންނަށް ދޮގުހެދީ ކީއްވެގެން-؟"
"ޑޭވިޑް- ދޮންމަންމަ މަރައިލީ އަހަންނެއް ނޫން- އަހަރެން ގެއަށް ދިޔައިރު އޭނާ އޮތީ މަރައިލައިފައި- އަހަރެންގެ ވާހަކަ ޤަބޫލުކުރޭ- ބައިސްކޯފަށް ދިޔަ ވާހަކައަކީ އަހަރެން ހެދި ވާހަކައެއް -"
ޑޭވިޑް އަޑުއަހަން ހުރީއެވެ. އެއިން އެއްވެސް ވާހަކައެއް ޤަބޫލު ނުކުރާކަން އޭނާގެ މޫނުމަތިން ފާޅުވެއެވެ.
"ޑޭވިޑް- އަހަރެން މި ބުނަނީ ތެދެއް-؟"
"އެހެންތަ-؟" ޑޭވިޑްގެ އަޑުގައި އެކުލެވިފައިވަނީ މަލާމާތުގެ އަސަރެވެ. އޭނާ ރުޅި އައިސްގެން ނުކުމެގެން ހިނގައްޖެއެވެ.
އެ ރޭގެ ވަގުތެއްގައި ހެލަން ޖަލުގެ ގޮޅީގައި އަމިއްލައަށް މަރުވީއެވެ.
އޭގެ އެއް ހަފްތާ ފަހުން ގެއަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްގެން ތަޙްޤީޤުކުރުމުގެ ތެރޭގައި ހެލަންގެ ދޮންމަންމަ މަރައިލީ އޭނާ ކަމަށް އެ މީހަކު އެއްބަސްވެއްޖެއެވެ.
އޭގެ އަނެއް ދުވަހު ޑޭވިޑް ޖެސީ ކިލަރގެ ޤާނޫނީ އިދާރާއިން ވަކިވެއްޖެއެވެ. އޭނާ ހިފެހެއްޓޭތޯ ކިލަރ މަސައްކަތް ކުރިއެވެ.
"ޑޭވިޑް- އެއީ ކަލޭގެ ކުށެއް ނޫން- އޭނާ ދޮގުހެދީ- އެހެން..."
"މައްސަލައަކީ އެއީއެއްނުން-؟ އަހަރެން އޭނާ ލައްވާ ދޮގުހެއްދީ- އަހަންނަކަށް އަހަރެންގެ ވަޒީފާ ރަނގަޅަކަށް އަދައެއް ނުކުރެވުނު- އޭނާ ދެއްކީ ތެދުވާހަކައެއްތޯ ބަލާކަށް އަހަންނެއް ނޫޅެމެންނުން-؟ އޭނާ ދެއްކި ހުރިހައި ވާހަކައެއް އަހަރެން ޤަބޫލުކުރީ- އޭނާ މަރުވީ އެހެންވެގެން-"
ދެ ހަފްތާ ވީ އިރު ޑޭވިޑަކީ ކިންސެއިޑް، ޓަރނަރ، ރޯޒް އެންޑް ރިޕްލީގެ މުވައްޒަފެކެވެ.
"އެހެން މީހެއްގެ މަރުގެ ޒިންމާ ބޮލުގައި އަޅަންޖެހޭ ފަދަ ކަމެއް މީގެ ފަހުން ދުވަހަކުވެސް އަހަންނެއް ނުކުރާނަން-" ޑޭވިޑް ޢަޒުމް ކަނޑައެޅިއެވެ.
މިހާރު އޭނާ އެހެރީ އޭޝްލީ ޕެޓަރސަންގެ ދިފާޢުގައި ތެދުވެއެވެ.
ސާދަވަނަ ބާބު
ހެނދުނު ދިހައެއް ޖެހި ތަނާ ޑޭވިޑް ގޮސް ޖޯސެފް ކިންސެއިޑްގެ އޮފީހަށް ވަދެއްޖެއެވެ. އޭރު ކިންސެއިޑް އިނީ ލިޔުންތަކެއްގައި ސޮއިކުރާށެވެ. ޑޭވިޑް ވަނީމާ އިސްއުފުލައި ބަލައިލިއެވެ.
"ހޫނ... ޑޭވިޑް- އިށީނދޭ- އަހަރެން ވަރަށް އަވަހަށް ނިމިދާނެ-"
ސޮއިކޮށް އަވަދިވެގެން އޭނާ ޑޭވިޑާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ. "ތިޔަ އައީ ހެޔޮ ޚަބަރަކާއިގެން ކަމަށް ހީކުރަން-"
ޑޭވިޑް އަނގަޔަކުން ނުބުނެއެވެ. "ޑޭވިޑް- މި ތާނގައި ކަލޭގެ މުސްތަޤްބަލު އޮތީ ވަރަށް އުޖާލާކޮށް- އެ މުސްތަޤްބަލަށް އަނދިރި ހިޔަންޏެއް އެޅޭ ފަދަ ކަމެއް ނުކުރާނެ ކަމަށް އަހަރެން ހީކުރަން- ކުންފުނިން މި ދަނީ ކަލެއަށް ޓަކައި ވަރަށް ރަނގަޅު މަޝްރޫޢެއް ރާވަމުން-"
ޑޭވިޑް ހިމޭނުން އިނދެގެން ވިސްނަމުން ދަނީއެވެ.
ކިންސެއިޑް ހިނިތުންވެލިއެވެ. "ވަކީލަކު ހޯދައިދޭނޭ ވާހަކަ ޑޮކްޓަރ ޕެޓަރސަން ގާތު ބުނެފިންތަ-؟"
"ނޫން- އެ ޤަޟިއްޔާއާ ޙަވާލުވާން އަޅުގަނޑު ނިންމައިފިން-"
ކިންސެއިޑްގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުން ފުހެވިގެން ހިނގައްޖެއެވެ. "ތިޔައީ ހަމަ ރަނގަޅު ވާހަކައެއްތަ-؟ އެ އަންހެންމީހާއަކީ މީހުންމަރާ މީހެއް- އޭނާ ދިފާޢުކުރަން ތެދުވާ މީހަކު ވާނީ ހަމަ އޭނާ ކަހަލަ މީހަކަށް-"
"ޖޯސެފް- އަޅުގަނޑު މި ޤަޟިއްޔާއާ ޙަވާލުވީ ޙަވާލުވާ ހިތަކުންނެއް ނޫން- ޑޮކްޓަރ ޕެޓަރސަންއަށް އެހީވުމަކީ އަޅުގަނޑު ކުރަންޖެހޭ ކަމަކަށް ވާތީ- ކޮނޑުގައި އެޅިފައި އޮތް ވާޖިބަކަށްވާތީ- އޭނާއަށް އަޅުގަނޑު ދަރާ އޮތް ދަރަނި ފިލުވެން އޮތް ގޮތަކީ މިއީ ކަމަށްވާތީ-"
ކިންސެއިޑް ބަލަން އިނީއެވެ. ވާހަކަދައްކަން ފެށީ އެހެން އެތައް އިރަކު އިނދެފައެވެ. "ތިޔަހެން މުޅިން ނިންމައިފިއްޔާ އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް- މުސާރަ ނުލިބޭ ޗުއްޓީއެއް ނަގާ-"
ޙިއްސާދާރަކަށް ވުމުގެ ވާހަކަ މުޅިން ހުއްޓުނީއެވެ.
ޑޭވިޑް ބޯޖަހައިލިއެވެ. "އެންމެ ރަނގަޅު-"
"ކަލޭގެ މަސައްކަތާ ޙަވާލުވާން އަހަރެން ކޮލިންސްއަށް އަންގާނަން- ވީހައި އަވަހަކަށް ތިޔަ މައްސަލައިގެ ތެރެއަށް ވަންނަން ކަލޭ ބޭނުންވާނެކަން އަހަންނަށް އެނގޭ-"
އޭގެ ބައިގަޑިއެއްހައި އިރު ފަހުން ކިންސެއިޑް، ޓަރނަރ، ރޯޒް އެންޑް ރިޕްލީގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވިއްޖެއެވެ.
"އެ ކަހަލަ މައްސަލައެއްގެ ތެރެއަށް މި އިދާރާ ވަނުމަކީ އަހަރެން އެއްގޮތަކަށް ވެސް ރުހޭ ކަމެއް ނޫން-" ހެންރީ ޓަރނަރ ބުނެލިއެވެ.
ޖޯސެފް ކިންސެއިޑް ބުންޏެވެ. "އަހަރެމެން އެ މައްސަލައިގެ ތެރެއަށް ވަންނަނީއެއް ނޫން- ހެންރީ- އަހަރެމެން އެ ކުއްޖާއަށް މުސާރަ ނުހިނގާ ޗުއްޓީއެއް ދެނީ-"
ދެން ވާހަކަ ދެއްކީ އަލްބަރޓް ރޯޒްއެވެ. "އަހަރެން ދެކޭ ގޮތުގައި އޭނާ ހަމަ މިހާރު ވަޒީފާއިން ވަކިކޮށްލަންވީ-"
"އަދި ނުވޭ- އެހެން ހެދުމަކީ ބުއްދިވެރި ކަމަކަށް ނުވާނެ- ޑޮކްޓަރ ޕެޓަރސަންއަކީ އަހަރެމެންނަށް ލިބޭ ލާރިގޯންޏަކަށް ވުމަކީ ދުރު ކަމެއް ނޫން- ޑޭވިޑަކީ އަހަރެމެންގެ މުވައްޒަފެއްކަން އޭނާއަށް އެނގޭނެ- އެހެންވީމާ ޑޭވިޑް ދޫކުރީތީ އޭނާ ޝުކުރުވެރިވާނެ- މަސައްކަތް ކޮންމެ ގޮތަކަށް ނިމުނަސް ފައިދާވާނީ އަހަރެމެންނަށް- މައްސަލަ ރަނގަޅަށް ނިމިއްޖެއްޔާ ޑޮކްޓަރ ޕެޓަރސަން އަހަރެމެންގެ މީހަކަށް ވީ- އެ ހިސާބުން ޑޭވިޑް ޙިއްސާދާރަކަށް ހަދާނީ- މައްސަލަ ނުބައިކޮށް ނިމިއްޖެއްޔާ ޑޭވިޑް ވަޒީފާއިން ވަކިކޮށްލާނީ އަދި ޑޮކްޓަރ ޕެޓަރސަން މަޅިއަކަށް ފެއްތޭތޯ މަސައްކަތްކުރާނީ- ދެ ގޮތުން ކުރެ ގޮތަކުން އަހަރެމެންނަކަށް ގެއްލުމެއް ނެތް-"
އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެއަށް ފަހު ޖޯން ރިޕްލީ ބުނެލިއެވެ. "ޖޯސެފް- ތިޔައީ ވަރަށް މޮޅު ބުއްދިއެއް-"
ކިންސެއިޑާ ބައްދަލުކުރުމަށް ފަހު ޑޭވިޑް ދިޔައީ ޑޮކްޓަރ ޕެޓަރސަންއާ ބައްދަލުކުރަން އޭނާގެ އޮފީހަށެވެ. އަންނަ ވާހަކަ ކުރިން ބުނެފައި އޮތުމާއެކު ޑޮކްޓަރ ޕެޓަރސަން އޭނާގެ އިންތިޒާރުގައި ހުއްޓެވެ.
"ޑޭވިޑް- ކޮބާ ކިހިނެއް ނިންމީ-؟"
އަހަރެން މިހާރު ދޭ ޖަވާބެއްގެ ސަބަބުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާނެއެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. އެކަމަކު އެއީ ހެޔޮބަދަލެއް ނޫނެވެ. "އަޅުގަނޑު ޤަޟިއްޔާއާ ޙަވާލުވާން ނިންމައިފިން-"
ސްޓީވަން ޕެޓަރސަން މާނޭވާއެއް ލިއެވެ. "އަހަންނަށް އެނގޭ- އަހަންނަށް މާ ކުރިން ވެސް އެނގޭ-" އޭނާ އިރުކޮޅަކު ޑޭވިޑާ ދިމާއަށް ބަލަން ހުރެފައި ބުނެލިއެވެ. "އަހަރެންގެ ދަރިފުޅުގެ ފުރާނަ މިހާރު އޮތީ ކަލޭގެ އަތްމަތީގައި-"
"އަޅުގަނޑުގެ ކުންފުނިން އަޅުގަނޑަށް މުސާރަ ނުހިނގާ ޗުއްޓީއެއް ދީފި- އަޅުގަނޑު މި އުޅެނީ މި ރަށުގައި ހުރި އެންމެ މޮޅު ޖިނާޢީ ވަކީލުގެ އެހީ..."
ޑޮކްޓަރ ޕެޓަރސަން އަތްއުފުލައިލިއެވެ. "ޑޭވިޑް- އަހަރެން އޮންނާނީ މީގެ ކުރިން ވެސް ބުނެފައި- އެހެން އެއްވެސް މީހަކު މި މައްސަލައިގެ ތެރެއަށް ވައްދައިގެން ނުވާނެ-! އަހަރެން އޭޝްލީ މި ދޫކުރަނީ ކަލޭގެ އަތްމައްޗަށް- ހަމައެކަނި ކަލޭގެ އަތްމައްޗަށް-"
"ތިޔަކަން އަޅުގަނޑަށް އެނގޭ-" ޑޭވިޑް ބުނެލިއެވެ. "އެކަމަކު ޖެސީ ކިލަރއަކީ..."
ޑޮކްޓަރ ޕެޓަރސަން ތެދުވެއްޖެއެވެ. "ޖެސީ ކިލަރ ވެސް އަދި އެހެން މީހެއްގެ ވާހަކަ ވެސް އަހަރެން އަހާކަށް ބޭނުމެއް ނޫން- ޑޭވިޑް- ޖިނާޢީ ވަކީލުންނަކީ އަހަރެން ދަންނަ ބައެއް- އެ މީހުން ބޭނުންވަނީ މަޝްހޫރުވާށާއި، މުއްސަނދިވާން- މިއީ އެ ކަހަލަ މައްސަލައެއް ނޫން- މިއީ އަހަރެންގެ ދަރިފުޅުގެ މައްސަލަ-"
ޑޭވިޑް ވާހަކަދައްކަން އުޅެފައި ހުއްޓައިލިއެވެ. ދައްކާނޭ ވާހަކައެއް މިހާރަކު ނެތެވެ. އޭނާގެ ޚިޔާލު އަނބުރައިލުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. މީހެއްގެ އެހީ ލިބުމަކީ ވަރަށް ބޮޑު ބާރަކަށް ވާނެއެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. އެއްވެސް މީހެއްގެ އެހީ ހޯދިޔަ ނުދޭން އޭނާ އެ އުޅެނީ ކީއްވެގެން ބާވައެވެ؟
"އަހަރެން މި ބުނި އެއްޗެއް ރަނގަޅަށް ވިސްނިއްޖެތަ-؟"
"ލައްބަ-" ޑޭވިޑް ބޯޖަހައިލިއެވެ.
"ދޭންޖެހޭ ފީއާއި، އެހެނިހެން ޚަރަދުގެ ކަންތައް އަހަރެން ހަމަޖައްސާނަން-"
"ނޫން- މިއީ އަޅުގަނޑު މުޅިން ހިލޭ ކުރާ ކަމެއް-"
ޑޮކްޓަރ ޕެޓަރސަން އޭނާއާ ދިމާއަށް އިރުކޮޅަކު ބަލަން ހުރެފައި އަހައިލިއެވެ. "ހަމަ މުޅިން ހިލޭތަ-؟"
"ލައްބަ- މުޅިން ހިލޭ-" ޑޭވިޑް ގަދަކަމުން ހިނިތުންވެލިއެވެ. "ކާރު ދުއްވަވަންތޯ-؟"
"މުސާރަ ނުހިނގާ ޗުއްޓީއެއްގައި ހުންނައިރު ޚަރަދުބަރަދު ބަލަހައްޓަން ފައިސާ ބޭނުންވާނެއެއްނުން-؟ އެހެންވީމާ ކޮންމެވެސް ވަރަކަށް ފައިސާ ދޭން އަހަރެން ބޭނުން-"
"އެންމެ ރަނގަޅު- ފެނިލައްވާ ގޮތަކަށް ހައްދަވާ-" ޑޭވިޑް ބުނެލިއެވެ.
"ޝަރީޢަތް ހިނގާ ދުވަސްވަރު ކާންޖެހޭނެއެއް ނޫންހެއްޔެވެ-؟"
ރުބިކަންގައި ޑޭވިޑްގެ އިންތިޒާރުގައި ޖެސީ ކިލަރ ހުއްޓެވެ.
"ކޮބާ ކިހިނެއްވީ-؟"
ޑޭވިޑް މާނޭވާއެއް ލިއެވެ. "ކަންތައްވީ ކުރިން ވެސް ހީކުރެވިފައި އޮތް ގޮތަށް- އަހަރެން މިހާރު މިހިރީ މުސާރަ ނުހިނގާ ޗުއްޓީއެއްގައި-"
"އެއީ ކޮންކަހަލަ ބައެއް-? އެ މީހުން..."
"އެ މީހުންގެ ކުށެއް ނެތް-" ޑޭވިޑް ޖެސީގެ ވާހަކަ މެދުކަނޑައިލިއެވެ. "އެއީ ވަރަށް އަބުރުވެރި ކުންފުންޏެއް-"
"ދެން ހަދާނީ ކިހިނެއް-؟"
"ކީކޭ-؟"
(ނުނިމޭ)
haadha kurey v. reethi dhenoiy bayah intizaaru kuranee