ހުވަފެން - 15

(16 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މިހާރު މި ދަނީ-"

ސެރީނާ ވެސް ތެދުވެއްޖެއެވެ. "ކީކޭ-؟ މި އަންނަނީއޭ-؟ ކައި ނުނިންމާ ބޭރަށް ދަނީތަ-؟"

"މި ކަހަލަ ކުއްލި ކަންތައް ދިމާވީމާ ނުގޮހެއް ނުވާނެ- ނިމުނުހާ އަވަހަކަށް އަންނާނަން- އޭނާ ފިސްތޯލަ އުރައަށް ލައްވަމުން ބުނެލިއެވެ. ކާއެއްޗެތި ވަރަށް މީރު-"

* * *

ބްލޭކް ވަންނަން އޭޝްލީ ދޮރު ހުޅުވައި ދިނެވެ. އޭނާގެ މޫނުގެ ކުލަ ވަނީ ބަދަލުވެފައެވެ. އަދިވެސް ތުރުތުރު އެޅުމެއް ނުހުއްޓެއެވެ.

ސޭމް ބްލޭކް އެޕާޓްމަންޓަށް ވަދެ ބޮޑުކޮޓަރީގެ ތެރެއަށް ނަޒަރު ހިންގައިލިއެވެ. "މި ތާނގައި އިތުރު އެހެން މީހަކު އެބަ އުޅޭތޯ-؟"

"މި ތަނަށް މީހަކު ވަން-" އޭޝްލީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. "އެ ތާނގައި..." އޭނާ ފާޚާނާއާ ދިމާއަށް އިޝާރަތް ކޮށްލިއެވެ.

ޑެޕިއުޓީ ބްލޭކް ފާޚާނާއަށް ވަދެއްޖެއެވެ. އަދި ލޯގަނޑުގައި ލިޔެފައި އޮތް ޢިބާރާތް ކިޔައިލިއެވެ. "ކަލޭ މަރުވާނެ-"

އޭނާ އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "މިއީ ކާކު ކުރި ކަމެއްތޯ-؟"

"ނޭނގޭ-" އޭޝްލީ ބުނެލިއެވެ. "މިއީ އަޅުގަނޑުގެ އެޕާޓްމަންޓް- އެހެން އެއްވެސް މީހެއްގެ އަތަކު ތަޅުދަނޑިއެއް ނޯންނާނެ- މީހަކު މި ތަނަށް ވަނީ- އަހަރެންގެ ފަހަތުން އަޅައިގަނެގެން ވެސް މީހަކު އުޅޭ- މީހަކު އަހަރެން މަރައިލަން އުޅެނީ-" އޭނާއަށް ރޮވިއްޖެއެވެ. "އަހަރެން މޮޔަވެދާނެ-"

އޭނާ ރޮނީއެވެ. ޑެޕިއުޓީ ބްލޭކް އޭނާގެ ބުރަކަށީގައި ފިރުމައިލިއެވެ. "ހަމަޖެހިލައްވާ- ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެ- އަޅުގަނޑުމެން މީގެ ފަހުން މި ތަން ބަލަހައްޓާނަން- ފަހަތުން އަންނަ ކަމަށް ތިޔަ ބުނުއްވާ މީހަކު ވެސް ހޯދާނަން-"

އޭޝްލީ މާނޭވާއެއް ލިއެވެ. "މަޢާފް ކުރައްވާތި- މިއީ އަޅުގަނޑަކަށް ދިމާވާ ކަހަލަ ކަންތައްތަކެއް ނޫން- އެހެން ވީމާ..."

"ކުޑަކޮށް ވާހަކަ ދައްކާލަން ހިންގަވާ-" ސޭމް ބްލޭކް ބުނެލިއެވެ.

އޭނާ ގަދަކަމުން ހިނިތުންވެލިއެވެ. "ހިންގަވާ-"

"މި ގޭގައި ސައި ހުންނާނެ ތޯ-؟"

ދެ މީހުން ސައި ބޮމުން ވާހަކަ ދައްކަމުން ދިޔައެވެ. "މިސް ޕެޓަރސަން- މި ކަމެއް ފެށުނީ ކޮން ދުވަހަކު ތޯ-؟"

"މީގެ ހައެއްކަ މަސް ދުވަސް ކުރިން- އަޅުގަނޑުގެ ފަހަތުން މީހަކު އަންނަހެން ފުރަތަމަ ހީވާން ފެށީ- ފުރަތަމަ އެ ކަން އޮތީ ހަމައެކަނި ހިއެއްގެ ގޮތުގައި- ފަހުން ޔަގީންވެއްޖެ- އެކަމަކު އަޅުގަނޑަކަށް އެ މީހަކު ނުއެއް ފެނޭ- އެއް ދުވަހަކު މީހަކު އަޅުގަނޑުގެ އޮފީހުގައި ހުންނަ ކޮމްޕިއުޓަރުގައި އެއްޗެއް ކުރަހައިފައި ބެހެއްޓި އޭގައި ހުރީ އަޅުގަނޑުގެ ފޮޓޯއަކާ ވަޅިއެއް ހިފައިގެން ހުރި އަތެއް- ފޮޓޯއިން ދައްކާފައި ހުރީ އެ ވަޅި އަޅުގަނޑުގެ ގަޔަށް ހަރައިލާ ތަން-"

"އެއީ ކާކު ކުރި ކަމެއް ކަމެއް އެނގިއެއް ނުލައްވާތޯ-؟"

"ނޭނގޭ-"

"މިއަދުގެ ކުރިން މީހަކު މި އެޕާޓްމަންޓަށް ވަންތޯ-؟"

"ލައްބަ- މީގެ ކުރިން އެއް ދުވަހަކު ވަން- އެ ދުވަހު މި ތާނގެ ހުރިހާ ބޮތްކެއް ދިއްލައިފައި ދިޔައީ- އޭގެ ފަހުން ވެސް އެއްދުވަހަކު ވަން- އެ ދުވަހު އޮތީ ސިނގިރޭޓްބުރިއެއް ބާއްވައިފައި- އަޅުގަނޑު ސިނގިރޭޓެއް ނުބޮން- މީހަކު ވަދެ އަޅުގަނޑުގެ އަލަމާރި ވެސް ހާވައިފައި ހުރީ- އޭނާ ފުންނޭވާއެއް ލިއެވެ. މިހާރު މި އޮތީ..."

"ކުރިން ހިތާވެލެއްވި އެއްވެސް ފިރިހެނަކު އުޅޭނެތޯ-؟ މި ނަންގަތީ ރުޅިއައިސްގެން މި ކަހަލަ ކަމެއް ކޮށްފާނޭ މީހަކު އުޅޭނެތޯއޭ-؟"

"ނޫން-" އޭނާ ބޯހޫރައިލިއެވެ.

"އެއްވެސް މީހަކަށް މާލީ ގެއްލުމެއް ލިބިދާނޭ ކަހަލަ ކަމެއް ދުވަހަކު ވެސް ކުރެއްވިންތޯ-؟"

"ނޫން-" ޗިކާގޯގައި ދިމާވީ ކަންތައްތަކުގެ ވާހަކަ ކިޔައިދީފާނަމޭ އޭނާގެ ހިތަށްއެރިއެވެ. އެކަމަކު އޭނާގެ ބައްޕައާ މެދު ޝައްކު ކޮށްފާނެތީ ކިޔައިދޭން ނުކެރުނީއެވެ.

"މިރޭ އެކަނި އޮންނާކަށް އަޅުގަނޑަކަށް ނުކެރޭނެ-" އޭޝްލީ ބުނެލިއެވެ.

"އެންމެ ރަނގަޅު- އަޅުގަނޑު އޮފީހަށް ފޯނުކޮށްފައި ކޮންމެވެސް މީހަކު..."

"ނޫން- އަޅުގަނޑަކަށް އެހެން މީހަކަށް އިތުބާރެއް ނުކުރެވޭނެ- ބްލޭކަކަށް އިރު އަރަން ދެން މިތާނކު މަޑެއް ނުކުރެއްވޭނެތޯ-؟"

"އަޅުގަނޑަކަށް..."

"މަޑުކޮށްދެއްވާ-" އޭނާ އަނެއްކާވެސް ތުރުތުރު އަޅަން ފަށައިފިއެވެ.

ބްލޭކް އޭނާގެ ލޮލަށް ބަލައިލިއެވެ. އެހައި ބޮޑަށް ބިރުގެންފައި ހުރި މީހަކު އޭނާ ދުވަހަކު ވެސް ނުދެކެއެވެ.

"މިރޭ ދުރުވެ މަޑުކޮށް ލެއްވޭ ކަހަލަ ތަނެއް ނެތްތޯ-؟ ރައްޓެއްސަކު ނޫނީ ތިމާގެ މީހަކު..."

"މި ކަންތައްގަނޑެއް މި ހިންގަނީ އަޅުގަނޑުގެ ރައްޓެއްސަކަށް ވެއްޖެއްޔާ ހަދާނީ ކިހިނެއްތޯ-؟"

ބްލޭކް ބޯޖަހައިލިއެވެ. "އެންމެ ރަނގަޅު- އަޅުގަނޑު މަޑުކޮށްލާނަން- ހެނދުނު އޮފީހަށް ގޮސް، މި ތާނގައި ސައުވީސް ގަޑިއިރު މީހަކު ފޯރިއަށް ބަހައްޓާ ގޮތަށް ހަމަޖައްސާނީ-"

"ޝުކުރިއްޔާ-" އޭޝްލީގެ އަޑުން އޭނާގެ ހިތްހަމަ ޖެހުނު ވަރު އެނގެއެވެ.

ބްލޭކް އޭނާގެ ކޮނޑުގައި ޖަހައިލިއެވެ. "ފިކުރު ނުކުރައްވާ- އަޅުގަނޑު މި މައްސަލަ ބަލާނަން- މިއީ ކާކު ކުރާ ކަމެއްތޯ ހޯދާނަން- އެ މީހަކަށް ސަލާމަތެއް ނުވެވޭނެ- އަޅުގަނޑު ޝެރިފް ޑޮވްލިންގއާ ގުޅައިފައި މި ކަންތައްތަކުގެ ވާހަކަ ނަންގަނެލާނަން-"

އޭނާ ފޯނުން ޝެރިފާ ފަސް މިނިޓެއްހާ އިރު ވާންދެން ވާހަކަދެއްކިއެވެ. އޭގެ ފަހުން އޭޝްލީއާ ދިމާއަށް ބަލައިލައިފައި އަހައިލިއެވެ. "އަޅުގަނޑު އަންހެނުންނަށް ފޯނުކޮށްލިޔަސް އެންމެ ރަނގަޅުތޯ-؟"

"ލައްބަ-"

ޑެޕިއުޓީ ބްލޭކް ގެއަށް ފޯނުކޮށްލިއެވެ. "ހަލޯ- ސެރީނާ- އަހަންނަކަށް މިރެއަކު ގެއަކަށް ނާދެވޭނެ- ޓީވީ..."

"ކީކޭ-؟ ގެއަކަށް ނާދެވޭނެއޭ-؟ ކޮން ތާނކު ތިޔަ އުޅެނީ-؟ އަނެއްކާ ކަލޭ ހިތާވެގެން އުޅޭ ނާސިއެއްގެ ފޫބުޑަށް ވަނީތަ-؟"

ސެރީނާ ހަޅޭއްލަވާ އަޑު އޭޝްލީއަށް ރަނގަޅަށް އިވެއެވެ.

"ސެރީނާ..."

"އަހަންނަށް އޮޅުވައިލަން އުޅޭނެ ކަމެއް ނެތް-"

"ސެރީނާ..."

"ކަލޭމެން ފިރިހެނުންނަށް އެނގޭނީ އެންމެ ކަމެއް! އަންހެނުންގެ ފަހަތުން ދުވުން ނޫން ކަމެއް ކުރާކަށް ނޭނގޭނެ-"

"ސެރީނާ..."

"ދެން އަހަންނަކަށް ކުޅިބަލާކަށް ނުހުރެވޭނެ-"

"ސެރީނާ..."

"ރަނގަޅު އަންބަކަށް ވެގެން އުޅުނީމާ އަހަންނަށް ލިބޭ އަގަކީ މިއީތަ-؟"

ސެރީނާގެ ވާހަކަ ދިހަ ވަރަކަށް މިނިޓަށް ދިގުދެމިގެން ދިޔައެވެ. ބްލޭކަކަށް ވާހަކަ ދައްކާނޭ ފުރުޞަތެއް ނުލިބުނެވެ. އެންމެ ފަހުން ކުރާނޭ ކަމެއް ނެތިގެން ފޯނު ބޭއްވީއެވެ.

"މަޢާފް ކުރައްވާތި- އެއީ އޭނާގެ ގޮތެއް ނޫން- ކޮންމެވެސް ކަމަކާ ރުޅި އައިސްފައި ހުރި ވަގުތަކަށް ވީމާ..."

އޭޝްލީ ހިނިތުންވެލިއެވެ. "އަޅުގަނޑަށް ވިސްނޭ-"

"އަޅުގަނޑު މި ނަންގަންނަނީ ތެދަށް- ސެރީނާ އެހެން އުޅެނީ ބިރުން-"

އޭޝްލީ ކުޑަކޮށް ޙައިރާންވިއެވެ. "ބިރުންނޭތޯ-؟"

އޭނާ ކުޑަ އިރުކޮޅަކު ހިމޭނުން ހުރެފައި ވާހަކަދައްކަން ފެށިއެވެ. "ލައްބަ- ސެރީނާ މަޑުމަޑުން މަރުވަމުން ދަނީ- އޭނާއަށް ހުރީ ކެންސަރު ޖެހިފައި- ފުރަތަމަ އުނދަގޫވާން ފެށީ މީގެ ހަތް އަހަރު ކުރިން- އަޅުގަނޑުމެންގެ ކައިވެންޏަށް ފަސް އަހަރު ވެއްޖެ-"

"ކުރިން އެނގި..."

"ލައްބަ- އިން އިރުވެސް އަޅުގަނޑަށް އެނގޭ- އެކަމަކު އެއީ އަޅުގަނޑަކަށް ބޮޑު މައްސަލައަކަށް ނުވޭ- އަޅުގަނޑު އޭނާ ދެކެ ލޯބިވަން-" އޭނާ ހުއްޓައިލައިގެން ހުރެފައި އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. "މި ފަހަކަށް އައިސް މާ އުނދަގޫ ބޮޑުވާން ފެށީ- އޭނާ މަރުވާކަށް ބޭނުމެއް ނުވޭ- މަރު ދެކެ ބިރުގަންނަނީ- އަދި އަޅުގަނޑު އޭނާ ދޫކޮށްފައި ހިނގައިދާނެތީ ވެސް ބިރުގަންނަނީ- ހަޅޭއްލަވަނީ ބިރު ނުގަންނަކަން ދައްކަން ވެގެން-"

"އަޅުގަނޑު ވަރަށް ހިތާމަކުރަން-"

"އެއީ ވަރަށް ރަނގަޅު އަންހެނެއް- އެއީ ހިތްހެޔޮ މަޑުމައިތިރި މީހެއް- މި ނަންގަތީ ކުރީގެ ވާހަކަ-"

އޭޝްލީ ބުނެލިއެވެ. "އަޅުގަނޑާ ހެދި ބުރައެއް އުފުއްލަވަން..."

"ނޫން- އެއީ އެއްވެސް ކަމެއް ނޫން-" އޭނާ ވަށައިގެން ހޯދައިލިއެވެ.

"މި ގޭގައި ހުންނާނީ އެންމެ ނިދާކޮޓަރިއެއް- އެތާނގައި ބްލޭކް ނިދިކުރައްވާ- އަޅުގަނޑު މިތާ ގޮނޑީގައި ނިދާފާނަން-" އެޝްލީ ބުންޏެވެ.

"އަޅުގަނޑަށް ރަނގަޅީ ގޮނޑި-" ބްލޭކް ބުނެލިއެވެ.

އޭޝްލީ ބޮޑުކޮޓަރީގައި ހުރި ގޮނޑީގައި ފޮތިގަނޑެއް އަޅައިދީފިއެވެ. "މި ވަރުން..."

"ބަރާބަރު- އަޅުގަނޑު މާ ގިނަ ވަގުތަކު ނުއެއް ނިދާނަން-" އޭނާ ކުޑަދޮރުތަކާއި، މައިދޮރު ރަނގަޅަށް ތަޅުލެވިފައި ހުރިތޯ ބަލައިލިއެވެ. އަދި މައިދޮރު ތަޅުލާފައި ހުރި ކަމުގައި ވިޔަސް ތަންޑު ވެސް އަޅުވައިލިއެވެ. "ރަނގަޅު- މިހާރަކު އެއްވެސް މައްސަލައެއް ނެތް" އޭނާ އުރައިގައި އޮތް ފިސްތޯލަ ނަގާ ބޮޑުގޮނޑީގެ ކައިރީގައި ހުރި ތިރިގޮނޑިއެއްގެ މަތީގައި ބާއްވައިލިއެވެ. "މިރޭ ހިތްހަމަޖައްސަވައި ލައްވައިގެން ނިދިކުރައްވާ- މާދަމާ ހެނދުނު އަޅުގަނޑުމެން ހުރިހައި ކަމެއް ހަމައަކަށް އަޅުވައިލާނަން-"

އޭޝްލީ ބޯޖަހައިލިއެވެ. އަދި މަޑުމަޑުން އައިސް ބްލޭކްގެ ކޮލުގައި ބޮސް ދީފައި ބުނެލިއެވެ. "ޝުކުރިއްޔާ-"

އޭޝްލީ ނިދާކޮޓަރިއަށް ވަން ތަން ބަލަން ބްލޭކް އިނެވެ. އެއަށް ފަހު ތެދުވެގެން ގޮސް އަނެއްކާވެސް ދޮރުތައް ބަލައި ފާސްކޮށްލިއެވެ. މި ރެއަކީ ވަރަށް ދިގު ރެއަކަށް ވާނެއެވެ. އޭނާގެ ހިތަށްއެރިއެވެ.

ވޮޝިންގޓަންގައި ހުންނަ އެފްބީއައިގެ މައިއޮފީހުގައި ސްޕެޝަލް އޭޖެންޓް ރަމިރޭޒް އެ ސެކްޝަނުގެ ވެރިޔާ ރޮނަލްޑް ކިންގްސްލީއާ ވާހަކަދައްކަނީއެވެ.

"ބެޑްފޯޑާއި، ކަޕަޗީނޯއާއި، ކެބެކާއި، ސެން ފްރެންސިސްކޯގައި ހިނގި މަރުގެ ޙާދިސާތަކުގެ ޑީއެންއޭ ރިޕޯޓާއި، އިނގިލީގެ ނިޝާނުގެ ރިޕޯޓު ލިބިއްޖެ- އެންމެ ފަހުގެ ޑީއެންއޭ ރިޕޯޓު ލިބުނީ ހަމަ ދެންމެ- މި ހުރިހާ ތަނަކުން ފެނިފައި ވަނީ އެކެއްގެ އިނގިލީގެ ނިޝާން- ޑީއެންއޭ ވެސް ބަރާބަރަށް ދިމާވޭ-"

ކިންގްސްލީ ބޯޖަހައިލިއެވެ. "އެހެން ވެއްޖެއްޔާ އެ ހުރިހާ އެންމެން ވެސް މަރައިލައިފައި ވަނީ އެކަކު ކަން އެބަ އެނގޭތާ-؟"

"ލައްބަ- މުޅިން ކަށަވަރު-"

"އެ ކަލޭގެ އަތުލައިގަންނަމާ ހިނގާ-"

އަނެއް ދުވަހު ހެނދުނު ހައެއް ޖެހި އިރު އޭޝްލީގެ އެޕާޓްމަންޓް ހުންނަ ޢިމާރާތުގެ ފުރަގަހުގައި އޮންނަ ހަނި މަގެއްގެ މަތީގައި ޑެޕިއުޓީ ސޭމް ބްލޭކް މަރައިލައިފައި އޮއްވާ ފެނިއްޖެއެވެ. ފެނުނީ އެ ޢިމާރާތުގެ ސުޕުރިންޑެންޓެއްގެ އަނބިމީހާއަށެވެ.

އޭނާ މަރައިލައިފައި އޮތީ ވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ޙަމަލާ ދީގެންނެވެ. ޖިންސީ ގުނަވަނެއް ނެތެވެ.

 ދިހަވަނަ ބާބު

އެ ތާގައި ތިބީ ފަސް މީހުންނެވެ. ޝެރިފް ޑޮވްލިންގއާއި، އާދައިގެ ހެދުމުގައި ތިބި ދެ ސިފައިންނާއި، ޔުނިފޯމުގައި ތިބި ދެ ފުލުހުންނެވެ. އެ މީހުން ތިބީ ބޮޑުކޮޓަރީގެ ގޮނޑިއެއްގައި އިށީނދެގެން އިނދެ ރޮމުންދާ އޭޝްލީއާ ދިމާއަށް ބަލާށެވެ.

ޝެރިފް ޑޮވްލިންގ ބުނެލިއެވެ. "މިސް ޕެޓަރސަން- އެހެން އެއްވެސް މީހަކަށް އަޅުގަނޑުމެންނަކަށް މިއަދަކު އެހީއެއް ނުވެވޭނެ-"

އޭޝްލީ އިސް އުފުލައި ބަލައިލައިފައި ބޯޖަހައިލިއެވެ. ދެ ތިން ހަތަރު ފުން ނޭވާއެއް ލުމަށް ފަހު ބުނެލިއެވެ. "އަޅުގަނޑު... އަޅުގަނޑު މަސައްކަތް ކުރާނަން-"

"އަލުން ފަށައިގެން ކުރިއަށް ދަމާތޯ-؟ ޑެޕިއުޓީ ބްލޭކް ރޭ ނިދަން އޮތީ މި ތާނގައި- އެހެންނޫންތޯ-؟"

"ލަ... ލައްބަ- އެއީ އަޅުގަނޑު އެދިގެން- ބިރުން ހަދާނޭ ގޮތެއް ނެތިގެން އަޅުގަނޑު އޭނާޔާ ގުޅީ-"

"މި އެޕާޓްމަންޓްގައި ހުންނަނީ އެންމެ ނިދާކޮޓަރިއެއް- އެހެންނޫންތޯ-؟"

"ލައްބަ-"

"ޑެޕިއުޓީ ބްލޭކް އޮތީ ކޮންތާނކުތޯ-؟"

އޭޝްލީ ބޮޑުގޮނޑިއަށް އިޝާރާތް ކޮށްލިއެވެ. އެ ގޮނޑީގައި ބާލިހަކާއި، ފޮތިގަނޑެއް އޮތެވެ. "އޭނާ... އޭނާ ނިދީ އެ ތާނގައި-"

"މިސް ޕެޓަރސަން ނިދިކުރެއްވީ ކިހައި އިރަކުތޯ-؟"

އޭޝްލީ އިރުކޮޅަކު ވިސްނާލާފައި ޖަވާބު ދިނެވެ. "އަޅުގަނޑަށް ހީވަނީ އޭރު މެންދަން ވެދާނެހެން- އަޅުގަނޑު ހުރީ ވަރަށް ބޮޑަށް ހާސްވެފައި- ދެ މީހުން އިރުކޮޅަކު ސައިބޯން ތިބެފައި އަޅުގަނޑު ބާލީހާއި، ފޮތިގަނޑު ގެނެސްދީފައި ގޮސް ނިދީ-" އޭނާ އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

"އޭގެ ފަހަކުން ބްލޭކް ދެކެއެއް ނުލައްވަންތޯ-؟"

"ލައްބަ- ނުދެކެން-"

"ކޮޓަރިއަށް ވެންނެވި ގޮތަށް ނިދި ކުރެއްވީތޯ-؟"

"ނޫން- އަޅުގަނޑަކަށް ނުނިދުނު- އެންމެ ފަހުން ޖެހުނީ ނިދާބޭސް ކާން- ބޭސްކައިގެން ނިދި ގޮތަށް އަޅުގަނޑަށް ހޭލެވުނީ އަޅުގަނޑުގެ ކޮޓަރިއާ ދިމާއަށް ފުރަގަހުން އަންހެނަކު ވަރަށް ބާރަށް ހަޅޭއްލަވައިގަތީމާ-" އޭނާ ތުރުތުރު އަޅަން ފަށައިފިއެވެ.

"ކޮންމެވެސް މީހަކު މި ތަނަށް ވަދެ، ބްލޭކް މަރައިލީ ކަމަށް ވެދާނެތޯ-؟"

"އަޅު... އަޅުގަނޑަކަށް ނޭނގޭ-" އޭޝްލީ ބުނެލިއެވެ. "ކޮންމެވެސް މީހަކު މި ތަނަށް ވަދޭ- ރޭ އަޅުގަނޑުގެ ފާޚާނާގެ ލޯގަނޑުގައި ލިޔެފައި ވެސް ހުރި-"

"ލައްބަ- ބްލޭކް ތިޔަ ވާހަކަ ފޯނުން އަޅުގަނޑު ގާތު ބުނި-"

"އޭނާއަށް ކޮންމެވެސް އަޑެއް އިވިގެން ބަލައިލަން ބޭރަށް ދިޔައީ ކަމަށް ވެދާނެ-" އޭޝްލީ ބުންޏެވެ.

ޝެރިފް ޑޮވްލިންގ ބޯހޫރައިލިއެވެ. "އޭނާ އޮރިޔާމުން ބޭރަށް ދާނެހެންނެއް އަޅުގަނޑަކަށް ހިއެއް ނުވޭ-"

އޭޝްލީ ރޯން ފަށައިފިއެވެ. "އަޅުގަނޑަކަށް ނޭނގޭ- އަޅުގަނޑަކަށް ނޭނގޭ-" އޭނާ މޫނުގައި ދެ އަތް އެޅިއެވެ.

ޝެރިފް ޑޮވްލިންގ ބުނެލިއެވެ. "މި ތަން ރަނގަޅަށް ބަލައި ފާސްކުރަން އަޅުގަނޑު ބޭނުން- އެންމެ ރަނގަޅުތޯ-؟"

"ލައްބަ- ބައްލަވާނެ ވަރަކަށް ބައްލަވާ-"

އޭނާ އެ ތާނގައި ތިބި ސިފައިންގެ ދެ މީހުންނާ ދިމާއަށް ބޮލުން އިޝާރާތް ކޮށްލިއެވެ. އޭގެ ތެރެއިން އެކަކު ގޮސް ނިދާކޮޓަރިއަށް ވަދެއްޖެއެވެ. އަނެއް މީހާ ދިޔައީ ބަދިގެއާ ދިމާއަށެވެ.

"ޑެޕިއުޓީ ބްލޭކާ ދެއްކެވީ ކޮން ވާހަކައެއްތޯ-؟"

އޭޝްލީ މާނޭވާއެއް ލިއެވެ. "އަޅުގަނޑަށް ދިމާވާ މައްސަލަތަކުގެ ވާހަކަ އަޅުގަނޑު އޭނާއަށް ކިޔައިދިނިން- އޭނާއަކީ ވަރަށް..." އޭޝްލީ ޝެރިފާ ދިމާއަށް ބަލައިލިއެވެ. "މީހަކު އޭނާ މަރައިލަންވީ ކީއްވެގެންތޯ-؟"

"އަޅުގަނޑަކަށް ވެސް ނޭނގޭ- އެކަމަކު އެ ސަބަބެއް އަޅުގަނޑުމެން ހޯދާނަން-"

ބަދިގެއަށް ވަން ސިފައިންގެ މީހާގެ ނަމަކީ އެލްޓަންއެވެ. ކުޑަ އިރުކޮޅެއް ފަހުން އޭނާ ބަދިގޭގެ ދޮރުމައްޗަށް އަރާ ބުނެލިއެވެ. "ޝެރިފް- މި ކޮޅަށް ދުރުވެ ބައްލަވާ-"

"އަޅުގަނޑު އެބަ އަންނަން-"

ޝެރިފް ގޮސް ބަދިގެއަށް ވަދެއްޖެއެވެ. "ކިހިނެއްވީ-؟"

އެލްޓަން ބުނެލިއެވެ. "މިއީ އަޅުގަނޑަށް ސިންކުގެ ތެރެއިން ފެނުނު އެއްޗެއް-" އޭނާގެ އަތުގައި އޮތީ ލެއިން ތަތްތެޅިފައި އޮތް ވަޅިއެކެވެ. އޭނާ ހިފަހައްޓައިގެން ހުރީ ތިލައިގެ ކޮޅުގައެވެ. "މި ވަޅި މި އޮތީ އަދި ނުދޮވެ- މީގައި އިނގިލީގެ ނިޝާން ހުރުން އެކަށީގެންވޭ"

އަނެއް ސިފައިންގެ މީހާގެ ނަމަކީ ކޮސްޓޮފްއެވެ. އޭނާ ނިދާކޮޓަރި ފާސްކޮށް ނިމިގެން އައިސް ބަދިގެއަށް ވަދެއްޖެއެވެ. އޭނާގެ އަތުގައި އޮތީ ޖަވާހިރު ޖަހައިފައި އޮތް އެމެރަލްޑް އަނގޮޓިއެކެވެ. "އަޅުގަނޑަށް މި ފެނުނީ ނިދާކޮޓަރި ތެރޭގައި ހުރި ގަހަނާ ފޮށްޓަކުން- ކެބެކް ސިޓީގައި ޖީން ކްލައުޑީ ޕޭރެންޓް ޓޮނީ ޕްރެސްކޮޓަށް ދިން އަނގޮޓީގެ ސިފަޔާ މި އަނގޮޓި ވަރަށް ވައްތަރު-"

ތިން މީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ.

"މި ކަންތައްތައް ގުޅުވާނޭ ގޮތެއް އަހަންނަކަށް ނޭނގޭ-" ޝެރިފް މިހެން ބުނެފައި ވަޅިއާއި، އަނގޮޓި ހިފައިގެން ބޮޑުކޮޓަރި ތެރެއަށް ނުކުމެއްޖެއެވެ. "މިސް ޕެޓަރސަން- މިއީ ކާކުގެ ވަޅިއެއްތޯ-؟"

އޭޝްލީ ވަޅިއާ ދިމާއަށް ބަލައިލިއެވެ. "ތި... ތިޔައީ އަޅުގަނޑުގެ ވަޅިއަކަށް ވެދާނެ- ކިހިނެއް ވީތޯ-؟"

ޝެރިފް ޑޮވްލިންގ އަނގޮޓި ދައްކާފައި އަހައިލިއެވެ. "މި އަނގޮޓި މީގެ ކުރިން ދުވަހަކުވެސް ދެކެލެއްވިންތޯ-؟"

އޭޝްލީ ބަލައިލައިފައި ބޯހޫރައިލިއެވެ. "ނޫން-"

"އަޅުގަނޑުމެންނަށް މި ފެނުނީ ކޮޓަރި ތެރޭގައި ހުރި ގަހަނާ ފޮށްޓަކުން-"

އެ މީހުން ތިބީ އޭޝްލީގެ މޫނަށް ބަލާށެވެ. މޫނަކަށް އެއްވެސް ބަދަލެއް ނާދެއެވެ. "ކޮންމެވެސް މީހަކު އެ ތާނގައި ބޭއްވި އެއްޗަކަށް ވެދާނެ..."

"އެ ކަހަލަ ކަމެއް ކުރާނީ ކާކުތޯ-؟"

ފުލުހުންގެ މީހަކު ބޭރުން އައިސް ވަދެއްޖެއެވެ. "ޝެރިފް-"

"އާނ- ބޭކަރ" އޭނާ އަހައިލިއެވެ. "އެއްޗެއް ފެނުނީތަ-؟"

"ބޭރު ގޯޅި ތެރޭ ދޫލައިގައި ލޭ އެބަހުރި- ލިފްޓުގައި ވެސް ލޭ އެބަހުރި- އަޅުގަނޑަށް ލަފާކުރެވެނީ ބްލޭކްގެ މުޅަމަސްގަނޑު ފޮތިގަނޑަކަށް ލައިގެން ދަމައިފައި ގެންގޮސް ގޯޅި ތެރެއަށް އެއްލައިލީ ކަމަށް-"

ޝެރިފް ޑޮވްލިންގ އޭޝްލީއާ ދިމާއަށް އެނބުރުނެވެ. "އަޅުގަނޑަށް ޖެހޭނީ އޭޝްލީ ހައްޔަރުކުރަން- ހިމޭނުން ހުންނެވުމުގެ އިޚްތިޔާރު އޭޝްލީއަށް އެބަ އޮތް- އެއްވެސް އެއްޗެކޭ ބުނުއްވައިފިއްޔާ ކޯޓުގައި އޭޝްލީއާ ދެކޮޅަށް ބޭނުން ކުރެވިދާނެ- ވަކީލަކު ހޯއްދެވުމުގެ އިޚްތިޔާރު އެބަ އޮތް- އަމިއްލައަށް ހޯއްދެވެން ނެތިއްޔާ ސަރުކާރުން ވަކީލަކު ހޯދައިދޭނެ-"

ޝެރިފްގެ އޮފީހަށް ވަދެފައި ޝެރިފް ޑޮވްލިންގ ބުނެލިއެވެ. "އިނގިލީގެ ނިޝާން ނަގައިފައި ގަވާއިދުން މައްސަލަ ރަޖިސްޓަރީ ކުރޭ-"

ރަސްމީ ކަންތައްތައް ހިނގަމުން ދިޔަ އިރު އޭޝްލީ މެޝިނެއްހެން ޙަރަކާތްތެރި ވީއެވެ. ހުރިހައި ކަމެއް ނިމުނީމާ ޝެރިފް ޑޮވްލިންގ ބުންޏެވެ. "އެންމެ ފޯނު ކޯލެއް ކުރުމުގެ އިޚްތިޔާރު އެބަ އޮތް-"

އޭޝްލީ އޭނާޔާ ދިމާއަށް ބަލައިލިއެވެ. "އަހަރެން އެކަކާ ވެސް ގުޅާކަށް ބޭނުމެއް ނޫން-" ބައްޕައާ ގުޅާކަށް އޭނާ ބޭނުމެއް ނުވެއެވެ.

އޭޝްލީ ގޮވައިގެން ގޮޅިއަށް ވައްދަން ދިޔަ އިރު ޝެރިފް ޑޮވްލިންގ ބަލަން ހުއްޓެވެ.

"އަހަންނަކަށް މިއިން އެއްވެސް ކަމެއް ރަނގަޅަކަށް ނުވިސްނޭ- އޭނާގެ ޕޮލިގްރާފް ޓެސްޓް ކަލޭމެން ދުށިންތަ-؟ އޭނާގެ ކުށެއް ނެތްކަމަށް އަހަރެން ހުވާ ވެސް ކޮށްފާނަން-"

ކޮސްޓޮފް އައިސް ވަދެއްޖެއެވެ. "ސޭމް މަރުވުމުގެ ކުރިން ޖިންސީގުޅުން ހިންގައިފައިވާ ކަމަށް އެނގެން އެބަހުރި-"

ޝެރިފް ޑޮވްލިންގ ކަރުކެހިލިއެވެ. "މަޑުކޮށްލާ-" އޭނާގެ ކޮއްކޮއަކަށް އަދި މިއިން އެއްވެސް ކަމެއް ނޭނގޭނެއެވެ. "އަހަރެން އެބައަންނަން-"

ވިހި މިނިޓް ފަހުން އޭނާ ހުރީ ސޭމް ބްލޭކްގެ ގޭގައެވެ.

"އައްދެ- އައްދޭ- މިއަދު އަނެއްކާ ކޮން ކޮޅަކުން އިރު އެރި ދުވަހެއް-؟" ސެރީނާ ހީނލިއެވެ. "ސޭމް ވެސް ބޭބެއާ އެކީ އައިތަ-؟"

"ނޫނޭ- އޭނާއެއް ނާދޭ- އަހަރެން މި އައީ ސުވާލެއް ކޮށްލަން-" އެއީ ފަސޭހަ ސުވާލަކަށް ނުވާނެއެވެ.

ސެރީނާ އޭނާއާ ދިމާއަށް ބަލައިލިއެވެ. "ކޮން ސުވާލެއް-؟"

"މި ދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ކަލެއާ، ސޭމްއާ ދެ މީހުން ޖި... ޖިންސީގުޅުމެއް ހިންގިންތަ-؟"

ސެރީނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ. "ކީކޭ-؟ އަހަރެމެން... ނުހިންގަން- ތިޔައީ ކީއްކުރަން ކުރާ ސުވާލެއް-؟ ސޭމް ދެން ނާންނާނީތަ-؟"

"މި ވާހަކަ ބުނާކަށް އަހަރެން ބޭނުމެއް ނުވޭ- އެކަމަކު އޭނާ...."

"އެ ކުއްޖާގަނޑާ ހިތާވެގެން އަހަރެން ދޫކޮށްލީ ދޯ-؟ އޭނާ އެހެން ހަދާނެކަން ކުރިންވެސް އަހަންނަށް އެނގޭ- އަހަރެން އޭނާ ކުށްވެރިއެއް ނުކުރާނަން- އަހަންނަކީ ރަނގަޅު އަންބަކީމެއް ނޫން- އަހަރެން..."

"ސެރީނާ- ސޭމް މަރުވެއްޖެ-"

"އަހަރެންގެ ކަމަކީ އަބަދު އޭނާޔާ ޒުވާބުކުރުން- އެކަމަކު އެއީ އަހަރެން އޭނާ ދެކެ ރުޅި އައިސްގެން ކުރާ ކަމެއް ނޫން- އަހަރެން މިހާރު ވެސް..."

އޭނާ ސެރީނާގެ އަތުގައި ހިފައި ތަޅުވައިލިއެވެ. "ސެރީނާ- ސޭމް މަރުވެއްޖެ-"

"އެއް ދުވަހަކު އަހަރެމެން އަތިރި މައްޗަށް ހިނގާލަން ގޮސް އުޅެނިކޮށް..."

އޭނާ އަނެއްކާ ވެސް ސެރީނާގެ ދެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. "ސެރީނާ- އަޑުއަހާބަލަ- ސޭމް މަރުވެއްޖެ-"

"އަހަރެމެން ދިޔައީ މަޖާކޮށްލަން-"

އޭނާ ސެރީނާގެ ލޮލަށް ބަލައިލިއެވެ. އޭނާއަށް އަޑުއިވިއްޖެއެވެ.

"އަހަރެމެން އަތިރިމަތީގައި ތިއްބާ މީހަކު އައިސް އަހަރެމެންގެ އަތުގައި ހުރިއްޔާ ހުރި ފައިސާއެއް ދޭށޭ ބުނީ- ސޭމް ބުނީ ފައިސާ ލިބޭނީ ކަލޭގެ އަތުގައި އޮތް ބަޑި ދެއްކީމައޭ-"

ޑޮވްލިންގ އަޑުއަހަން ހުރީއެވެ. ސެރީނާ މިހާރު ހުރީއަކީ ހަމަހެއަކު ނޫންކަން އޭނާއަށް އެނގެއެވެ. ވާހަކަ ދެއްކުމަކުން މިހާރު ކުރާނޭ ފައިދާއެއް ނެތްކަން އޭނާއަށް އެނގެއެވެ.

"އެއީ ސޭމްގެ ގޮތް- އޭނާ ހިތާވީ ކުއްޖާގެ ވާހަކަ ދައްކަބަލަ- އެ ކުއްޖާ ރީތިތަ-؟ އަހަރެން ވަރަށް ރީއްޗޭ ސޭމް އަބަދު ވެސް ބުނޭ- އެކަމަކު އެއީ ދޮގެއްކަން އަހަންނަށް އެނގޭ- އަހަންނަކީ ރީތި މީހަކީމެއް ނޫން- އޭނާ އެހެން ބުނަނީ އަހަރެން ދެކެ ލޯބިވާތީ، އަހަރެން ހިތްހަމަޖައްސަން- އޭނާ އަހަރެން ދޫކޮށްފައެއް ނުދާނެ- އޭނާ އެނބުރި އަންނާނެ- ބަލަން ހުރޭ- އޭނާ އަހަރެން ދެކެ ލޯބިވޭ-"

ޝެރިފް ޑޮވްލިންގ ކޮންމެވެސް ތަނަކަށް ފޯނުކޮށްލިއެވެ. "މި ތަނަށް އަވަހަށް ނަރުހަކު ފޮނުވާ-" އޭނާ ފޯނުން ވާހަކަތަކެއް ދައްކާފައި ކަނޑައިލިއެވެ. އަދި މަޑުމަޑުން އައިސް އޭނާގެ ކޮއްކޮގެ ކޮނޑަށް އަތްވައްޓައިލިއެވެ. "ހުރިހާ ކަމެއް ރަނގަޅުވެދާނެ-"

"އަހަރެމެން ދަތުރު ދިޔަ ދުވަހުގެ ވާހަކަ ކިޔައިދެވުނު ތަ-؟ އެ ދުވަހު..."

ނަރުހަކު އައީ ފަނަރަ މިނިޓް ވީ ފަހުންނެވެ. "މީނާ ރަނގަޅަށް ބަލަހައްޓާތި-؟"

ޝެރިފް ޑޮވްލިންގގެ އޮފީހުގައި އޮތް ބައްދަލުވުމެކެވެ.

"ލައިން އެކެއްގައި ކޯލެއް އެބަ އޮތް-"

ޝެރިފް ޑޮވްލިންގ ފޯނު ނަގައިފިއެވެ. "ކާކު-؟"

"ޝެރިފް- މިއީ ސްޕެޝަލް އޭޖެންޓް ރަމިރޭޒް- މި ވާހަކަދައްކަނީ އެފްބީއައިގެ މައިއޮފީހުން- އެއްކަލަ މީހުން މަރާ މީހާގެ މައްސަލައާ ގުޅޭ މަޢުލޫމާތު ލިބުނީމާ އަންގާލަން ވެގެން- އޭޝްލީ ޕެޓަރސަންގެ އިނގިލީގެ ނިޝާން އަހަރެމެންނަށް ނޭނގުނީ އޭނާގެ އެއްވެސް ކުށެއްގެ ރެކޯޑެއް ނެތީމާ- 1988 ވަނަ އަހަރުގެ ކުރިން ކެލިފޯނިއާގައި އެއްގަމުގައި ދުއްވާ އެއްޗެތީގެ ލައިސަންސް ހައްދާ އިރު ބޮޑުވާ އިނގިލީގެ ނިޝާނެއް ނުނަގާ-"

"ކުރިއަށް ގެންދޭ-"

"ފުރަތަމަ އަހަރެމެންނަށް ހީކުރެވުނީ ކޮމްޕިއުޓަރަށް އޮޅިގެން އުޅެނީ ކަމަށް އެކަމަކު..."

ޝެރިފް ޑޮވްލިންގ ފަރުވާތެރިކަމާ އެކު އަޑުއަހަން އިނެވެ. ރަމިރޭޒް ފަސް މިނިޓެއްހައި އިރު ވާންދެން ވާހަކަދެއްކިއެވެ. އެންމެ ފަހުން ޑޮވްލިންގ އަހައިލިއެވެ. "އެއްވެސް މައްސަލައެއް ނެތްކަން ހަމަ ޔަގީންތަ-؟ ހުރިހާ އެންމެން...؟ ތިޔައީ ހާދަހާ ޤަބޫލު ނުކުރެވޭ ކަހަލަ ވާހަކަ އެކޭ... އެހެންތަ...؟ އެންމެ ރަނގަޅު- ޝުކުރިއްޔާ-"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.