އިންޑިޔާގެ ހާލަތު "ހިތްހަލާކުވާ ވަަރަށްވުރެ ވެސް ގޯސް": ޑަބްލިޔުއެޗްއޯ

އިންޑިޔާގައި އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންދާ ކޮވިޑް-19 ގެ ހާލަތު ކަންބޮޑުވާން ޖެހޭ މިންވަރަށް ގޯސް ކަމުގައި  ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޯސް އަަދަނޯމް ގެބްރަޔޭސަސް ވިދާޅުވެއްޖެއެވެ.

"އިންޑިޔާގެ ހާލަތު ހިތްހަލާކުވާ ވަރަށްވުރެވެސް ގޯސް" އިންޑިޔާގެ ހާލަތު ސިފަކުރައްވަމުން އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ޖަމްއިއްޔާއިން ދަނީ އިންޑިޔާއަށް އެހީތެރިވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ކަމުގައެެވެ.

ގެބްރަޔޭސަސް މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ އިންޑިޔާގެ ސިއްހީ ނިޒާމަށް ނުތަކާ ވަރަށް ކޮވިޑް-19 ގެ ހާލަތު ގޯސްވެ ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، މަރުވާ މީހުންގެ ހަށިތައް އަންދާތަނުގައި ކިއުޖެހިފައިވާ ދަނޑިވަޅެއްގައެވެ.

"ޑަބްލިޔުއެޗްއޯއިން މިދަނީ އަހަރުމެންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން." އެހެނިހެން ތަކެތީގެ އިތުރަށް އެތައް ހާސް އޮކްސިޖަން ކޮންސެންޓަަރަކާއި، ތައްޔާރީ ފީލްްޑް ހޮސްޕިޓަލާއި، ލެބޯޓަރީތަކަށް ބޭނުންވާ ސާމާނު ފޮނުވަމުން." ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނިގޮތުގައި ކޮވިޑްގެ ވަބާއާއި ކުރިމަތިލުމަށް އެ ޖަމްއިއްޔާއިން ވަނީ 2600 އަށްވުރެ ގިނަ ސިއްހީ ތަޖުރިބާކާރުން އިންޑިޔާއަށް ފޮނުވާފައެވެ.

1.3 ބިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑިޔާ މިހާރުވެފައި މިވަނީ، މިހާތަނަށް ދުނިޔޭގެ ކަންކޮޅުތަކުގައި ތިން މިލިއަނަށްވުރެ ގިނަ މީހުން މަރުވުމަށް މެދުވެރިވި ކޮވިޑް-19  އެންމެ ބާރަށް ފެތުރޭ ގައުމަށް ވެފައެވެ.

ޑަބްލިޔުއެޗްއޯގެ އިތުރުން އިނގިރޭސިވިލާތާއި، އެމެރިކާއާއި، އޮސްޓްރޭލިޔާއާއި، ސައޫދީ އަރަބިއްޔާ ފަދަ ގައުމުތަކުން ދަނީ އިންޑިޔާއަށް މިތަންވަޅު ބޭނުންވާ އަވަސް އެހީ ފޮނުވަމުންނެވެ.

ޑިރެކްޓަރ ޖެނެރަލް ޓެނޑްރޯސް ވަނީ ދުނިޔޭގައި މިވަތު ކޮވިޑް-19 ގެ ހާލަތު އޮތްގޮތް ވެސް ސިފަކުރައްވާފައެވެ.

"އެކަން (ކޮވިޑް-19 ގެ ހާލަތު) ތަސައްވަރުކޮށްލާއިރު، ފާއިތުވި އެއް ހަފުތާގައި އެކަނި (ޕްޒިޓިވްވި) ކޭސްތައް، މި ވަބާގެ ފުރަތަމަ ފަސް މަސްދުވަހުގެ ކޭސްތަކަށްވުރެ ގިނަ." އޭނާ ވިދާޅުވިއެވެ.

ޖުމްލަކޮށް ބަލާއިރު، ޕޮޒިޓިވްވި 32 މިލިއަން މީހުންނާ، މަރުވި 572 ހާސް މީހުންނާއެކު އަދިވެސް އެންމެ ހާލަތު ގޯހީ އެމެރިކާގައި ކަމަށް ވިޔަސް ފާއިތުވި 5 ދުވަހު ޖެހިޖެހިގެން 3 ލައްކަ އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، އެއް ދުވަހަށްވުރެ އަނެއް ދުވަހު ޕްޒިޓިވްވާ މީހުން އިތުރުވެ، އިންޑިޔާ މިހާރުވެފައި ވަނީ ކޮވިޑް-19 ގެ މަރުކަޒަކަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 3 ލައްކަ 50 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.