(21 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭނާ ބޯ އެއްފަރާތަށް އެލުވައިލައިފައި ބުނެލިއެވެ. "އަހަރެންގެ ނަމަކީ އޭޝްލީއެއް ނޫން-"
ޑޮކްޓަރ ރޮއިސް ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. އެއަށް ފަހު އަނެއްކާވެސް އަހައިލިއެވެ. "އެހެން ވެއްޖެއްޔާ ކިޔަނީ ކޮން ނަމެއް-؟"
"ޓޮނީ- ޓޮނީ ޕްރެސްކޮޓް-"
އޭޝްލީ އެ އުޅެނީ އަހަރެމެން ވާވައްދަން ވެގެންނެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. އެކަމަކު މި ކުޅިގަނޑު އޭނާއަށް ކުޅެވޭނީ ކިހައި އިރެއް ވާންދެން ހެއްޔެވެ؟
"އޭޝްލީ-" ޑޮކްޓަރ ރޮއިސް ގޮވައިލިއެވެ.
"ޓޮނީ-"
"އެންމެ ރަނގަޅު ޓޮނީ- އަހަރެން ބޭނުންވަނީ..."
"ފުރަތަމަ އަހަރެން ބޭނުންވާ ކަންތައްތައް އަޑުއަހާ- އަހަރެން ބޭނުންވަނީ މި ތަނުން ނުކުންނަން- ކަލޭމެންނަށް އަހަރެން މި ތަނުން ނެރެދެވިދާނެތަ-؟"
ޑޮކްޓަރ ރޮއިސް ބުންޏެވެ. "އެކަން އެނގޭނީ އަހަރެންގެ ސުވާލުތަކަށް ޖަވާބުދިނީމާ- އަހަރެން..."
"ކަލޭ ބޭނުންވަނީ އެ މީހުން މަރައިލީ ކާކުތޯ އޮޅުންފިލުވާކަށްނުން-؟ ގްލޯބަލްގެ ރާނީ ހައްޔަރުކުރީ އެ މީހުން މެރި ކަމަށް ތުހުމަތު ކުރެވިގެންނެއްނުން-؟ އަހަރެން ވަރަށް ގިނަ ވާހަކަ ކިޔައިދީފާނަން-"
އޭޝްލީގެ ކުލަވަރު އަނެއްކާވެސް ބަދަލުވާން ފަށައިފިއެވެ. ގޮނޑީގެ ތެރެއަށް ކުރުގެޅެން ފަށައިފިއެވެ. މޫނުމައްޗަށް މަޑުމައިތިރިކަމުގެ ކުލަވަރު ފެތުރެން ފަށައިފިއެވެ. މަޑުމަޑުން ގޮސް އަނެއްކާވެސް އެހެން މީހަކަށް ބަދަލުވެއްޖެއެވެ.
ކުއްލިއަކަށް އިޓަލީވިލާތުގެ ރާގުގައި ވާހަކަދައްކަން ފަށައިފިއެވެ. "ޓޮނީ- އިތުރު ވާހަކަ ނުދައްކާތި..."
ޑޭވިޑް ޙައިރާންވެފައި ބަލަން ހުއްޓެވެ.
"ޓޮނީ އޭ-؟" ޑޮކްޓަރ ރޮއިސް އަހައިލިއެވެ.
މަޑުމައިތިރި އަޑަކުން އޭނާ ވާހަކަދެއްކިއެވެ. "ޑޮކްޓަރ ރޮއިސް- ކަލޭމެންގެ ވާހަކަ މެދު ކަނޑައިލެވުނީތީ މަޢާފްކުރާނެ ކަމަށް ހީކުރަން-"
ޑޮކްޓަރ ރޮއިސް އަހައިލިއެވެ. "ކަލެއަކީ ކާކު-؟"
"އަހަންނަކީ އެލެޓް- އެލެޓް ޕީޓަރސް-"
ކަލާނގެ ކުޅަދުންވަންތަކަމެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. މިއީ ކުޅިވަރެއް ނޫނެވެ. ހަމަ ޙަޤީޤަތެވެ. އޭނާ ޑޮކްޓަރ ރޮއިސްއާ ދިމާއަށް ބަލައިލިއެވެ.
ޑޮކްޓަރ ރޮއިސް ވައިއަޑުން ބުނެލިއެވެ. "މިއީ އޭޝްލީގެ ހަށިގަނޑުގެ ތެރޭގައި އުޅޭ އިތުރު ދެ މީހުން-"
ޑޭވިޑަކަށް އެ ކިޔާ އެއްޗެއް ވިސްނުނު ކަމަކަށް ނުވިއެވެ. "އެއީ ކޮން ބައެކޭ-؟"
"އަހަރެން ފަހުން ކިޔައިދޭނަން-"
ޑޮކްޓަރ ރޮއިސް އަނެއްކާވެސް އޭޝްލީއާ ދިމާއަށް އެނބުރިލިއެވެ. "އޭޝްލީ... ނޫން... އެލެޓް- ކަލޭ ނޫން އެހެން މީހަކު ތިޔަ ތާނގައި އެބައުޅޭތަ-؟"
"އާނ- އޭޝްލީއާ ޓޮނީއާ ދެ މީހުން އެބައުޅޭ-" އެލެޓް ޖަވާބުދިނެވެ.
"ކަލޭގެ ވާހަކަ ތިޔަ ހުންނަނީ އިޓަލީވިލާތުގެ ރާގަކަށް-"
"އާނ- އަހަރެން ވިހެއީ ރޯމުގައި- ކަލޭ ދުވަހަކު ވެސް ރޯމަށް ދިޔައިންތަ-؟"
"ނޫން- އަހަންނެއް ނުދަން-"
މިއީ ޙަޤީޤަތެއް ކަމަކަށް އަހަންނަކަށް ޤަބޫލެއް ނުކުރެވެއެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ.
"ކަލޭ ޓޮނީ ދަންނަންތަ-؟"
"އާނ- ދަންނަން-"
"އޭނާގެ ވާހަކަ ހުންނަނީ އިނގިރޭސި ރާގަކަށް-"
"ޓޮނީ ވިހެއީ ލަންޑަނުގައި-"
"އެންމެ ރަނގަޅު- އެލެޓް- ޤަތުލުގެ ޙާދިސާތަކުގެ ވާހަކަދައްކަން އަހަރެން ބޭނުން- އެ މީހުން މަރައިލީ ކާކުކަން ކަލެއަށް..."
އޭޝްލީގެ މޫނުގެ ކުލަވަރު އަނެއްކާވެސް ބަދަލުވާން ފަށައިފިއެވެ. އެއްވެސް އެއްޗެކޭ ބުނުމުގެ ކުރިން އޭޝްލީ މިހާރު އެ އިނީ ޓޮނީއަށް ބަދަލުވެފައިކަން ޑޭވިޑަށާއި، ޑޮކްޓަރ ރޮއިސްއަށް އެނގިއްޖެއެވެ.
"ކޮއިފުޅާ- ކަލޭ ތިޔަ ވަގުތު ނަގައިލަނީ-"
މި ފަހަރުގެ ވާހަކަ ހުރީ އިނގިރޭސި ރާގަށެވެ.
"އެލެޓަކަށް އެއްވެސް ކަމެއް ނޭނގޭނެ- ކަލޭމެން ވާހަކަދައްކަން ޖެހޭ މީހަކީ އަހަރެން-"
"އެންމެ ރަނގަޅު ޓޮނީ- އަހަރެން ވާހަކަދައްކާނީ ކަލެއާ- އަހަރެން ކަލެއާ ދެ ތިން ސުވާލެއް ކޮށްލާނަން-"
"ކުރަންޖެހޭ ސުވާލު ހުންނާނެކަން އަހަންނަށް އެނގޭ- އެކަމަކު އަހަރެން ވަރުބަލިވެއްޖެ-" އޭނާ މޯޅިއަކަށް ދެމިލިއެވެ. "އަހަރެން މި ވަގުތު ބޭނުންވަނީ ނިދައިލަން-"
"ޓޮނީ- އަދި ނިދާކަށް ނުވޭ- އަހަރެންގެ ވާހަކަ އިހަށް އަޑުއަހާ- ކަލޭގެ އެހީ..."
އޭނާގެ މޫނަށް ހަރުކަށިކަމުގެ ކުލަވަރު ފެތުރިގެން ހިނގައްޖެއެވެ. "އަހަރެން ކަލެއާ އެހީވާންވީ ކީއްވެގެން-؟ އެ ރާނީ އަހަންނަކަށް ވެސް އަދި އެލެޓަކަށް ވެސް އެއްވެސް އެހީއެއް ނުވޭ- އޭނާ ކުރާހައި ވެސް ކަމަކީ އަހަރެމެން މަޖާކޮށްލަން އުޅުނީމާ އެ ކަމަށް ހުރަސްއެޅުން- އަހަރެން މިއިނީ ވަރަށް ފޫހިވެފައި- އޭނާ ދެކެ ވެސް ފޫހިވެފައި- އަޑުއިވިއްޖެތަ-؟" އޭނާ ހަޅޭއްލަވައިގަތެވެ.
ޑޮކްޓަރ ރޮއިސް ބުނެލިއެވެ. "އަހަރެން މި އުޅެނީ އޭޝްލީ އާދައިގެ ޙާލަތަށް ގެންނަން-"
ޑޭވިޑް ހުރީ ދާހިއްލާ ފޯވެފައެވެ. "އާނ-"
ޑޮކްޓަރ ރޮއިސް އޭޝްލީއާ ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. "އޭޝްލީ... އޭޝްލީ... ހުރިހާ ކަމެއް ރަނގަޅު- ލޯމަރައިލާ- މަތީ އެސްފިޔަ މިހާރު ވަރަށް ބަރުވާނެ- މިހާރު ތިޔަ އިނީ މުޅިން ހަމަޖެހިފައި- އޭޝްލީ- މިހާރު ސިކުނޑި ހުންނާނީ މުޅިން ހަމަޖެހިފައި- ހަށިގަނޑު ޤަރާރުވެފައި- އަހަރެން ފަހަކާ ހަމައަށް ގުނާއިރު ހޭލަންވާނެ- އެކެއް..." އޭނާ ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "ދޭއް..."
އޭޝްލީ ތެޅިގަތެވެ. ބަލަބަލައި ތިއްބާ މޫނުގެ ކުލަވަރު ބަދަލުވާން ފަށައިފިއެވެ.
"ތިނެއް..."
މޫނުމައްޗަށް މަޑުމައިތިރިކަމުގެ ކުލަވަރު ފެތުރިއްޖެއެވެ.
"ހަތަރެއް..."
އޭނާ އެނބުރި އަންނަނީކަން އެ ދެ މީހުންނަށް ރަނގަޅަށް އެނގެއެވެ. އެ ވަގުތު ގައިން ދިޔައީ ހީބިހިނަގައިގެންނެވެ.
"ފަހެއް..."
އޭޝްލީ ލޯހުޅުވައިލިއެވެ. ވަށައިގެން ހޯދައި ބަލައިލިއެވެ. "އަހަރެން އެއްވެސް ވާހަކައެއް ދެއްކިންތަ-؟ ބޭނުން ހިފޭ ކަހަލަ މަޢުލޫމާތެއް ލިބުނުތަ-؟"
ޑޭވިޑްގެ ހިތަށްއެރިއެވެ. ޤުދުރަތުގެ ޢަޖާއިބުގެ ބޮޑުކަމާއެވެ. އޭނާއަކަށް އެއްވެސް ކަމެއް ނޭނގެއެވެ. ހަމަ ޙަޤީޤަތުގައި ވެސް ނޭނގެނީއެވެ. "އޭޝްލީ- އާނ- ވާހަކަދެއްކި- އަހަރެން މި ވަގުތު ޑޮކްޓަރ ރޮއިސްއާ އެކަނި ހުރެގެން ވާހަކަދައްކައިލަން ބޭނުން-"
"އެންމެ ރަނގަޅު-"
"އަހަރެން އަދި ފަހުން ބައްދަލުކުރާނަން-"
ޖަލު ބަލަހައްޓާ މީހާ އައިސް އޭޝްލީ ގޮވައިގެން ހިނގައްޖެއެވެ.
ޑޭވިޑް ގޮނޑިއެއްގެ މައްޗަށް ވެއްޓިގެންފިއެވެ. "އެއީ... އެއީ ކޮން ކުޅިގަނޑެއް-؟"
ޑޮކްޓަރ ރޮއިސް ފުންނޭވާއެއް ލިއެވެ. "އަހަރެން މި ދާއިރާގައި މަސައްކަތް ކުރާތާ މިވީ ދިގު މުއްދަތުގެ ތެރޭގައި މިހައި ސާފުކޮށް އޮޅުންފިލަން އޮތް މައްސަލައަކާ ދިމައެއް ނުވޭ-"
"ކީކޭ-؟"
"މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއޭ ކިޔާ އެއްޗެއްގެ ވާހަކަ ދުވަހަކުވެސް އެހިންތަ-؟"
"އެއީ ކޯޗެއް-؟"
"އެއީ އެއް ހަށިގަނޑެއްގައި އެއް ޝަޚްސިއްޔަތަށް ވުރެ ގިނަ ޝަޚްސިއްޔަތު އުޅޭ އުޅުމަށް ކިޔާ ނަމެއް- މިއީ މީހުންނަށް އެނގިގެން ވާހަކަ ދެކެވޭތާ ދުއިސައްތައެއްހައި އަހަރު ވެފައިވާ ކަމެއް- މި ކަމެއް ފެށެނީ ކުޑައިރު ދިމާވާ ބިރުވެރި ނުވަތަ ނޭދެވޭ ކަމެއްގެ ސަބަބުން- އެ މައްސަލަ ފޮރުވަން ހަދާ ގޮތަކީ މުޅިން އެހެން ޝަޚްސިއްޔަތަކު އުފަންކުރުން- ބައެއް ފަހަރަށް އެކެއްގެ ހަށިގަނޑުގައި ބާރަ ވަރަކަށް ޝަޚްސިއްޔަތު އުޅޭ ތަން ވެސް އާދޭ-"
"އެއިން ކޮންމެ ޝަޚްސިއްޔަތަކަށް އެހެން ޝަޚްސިއްޔަތާ ބެހޭ ކަންކަން އެނގޭނެތަ-؟"
"ބައެއް ފަހަރަށް އެނގޭނެ- އަނެއްބައި ފަހަރަކަށް ނޭނގޭނެ- ޓޮނީއާއި އެލެޓަށް އެކަކު އަނެކަކު އެނގޭ- އެކަމަކު އޭޝްލީއަކަށް އެ ދެ މީހުންނެއް ނޭނގޭ- މި ގޮތަށް އިތުރު ޝަޚްސިއްޔަތު އުފެދެން މެދުވެރިވަނީ އުފުލަންޖެހޭ ވޭން ނުވަތަ ހިތާމައަށް ކެތްނުކުރެވުނީމާ- ދިމާވާ ކޮންމެ ބޮޑު މައްސަލައަކާ އެކު އިތުރު ޝަޚްސިއްޔަތަކު އުފަންވުމަކީ އެކަށީގެންވާ ކަމެއް- މިހާތަނަށް ފެނިފައި ހުރި ލިޔުންތަކަށް ބަލައިއިރު ސާބިތުވެފައިވާ ގޮތުގައި އެއް ޝަޚްސިއްޔަތު އަނެއް ޝަޚްސިއްޔަތާ ވަރަށް ބޮޑަށް ތަފާތުވާނެ- ބައެއް ޝަޚްސިއްޔަތު ސޭކުވާނެ- ބައެއް ޝަޚްސިއްޔަތު ވަރަށް ބުއްދިވެރިވާނެ- އެކި ޝަޚްސިއްޔަތު އެކި ބަހުން ވާހަކަދެއްކުމަކީ އެކަށީގެންވާ ކަމެއް- މި ކަން އެކަންޏެއް ނޫން- ހުރިހާ ކަމެއް ވެސް މުޅިން ތަފާތުވުމަކީ އެކަށީގެންވާ ކަމެއް-"
"މިއީ ވަރަށް ޢާންމު ބައްޔެއްތަ-؟"
"ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ދުނިޔޭގެ އާބާދީގެ އެއް އިންސައްތައަށް ވަނީ މި ބަލި ޖެހިފައި- ސިކުނޑީގެ ބަލިމީހުންގެ ހަސްފަތާލުތަކުގައި ތިބޭ މީހުންގެ ވިހި އިންސައްތައަކީ މި ބަލި ޖެހިފައި ތިބޭ މީހުން ކަމަށް ވެސް ތަޖުރިބާކާރުން ބުނޭ-"
ޑޭވިޑް ބުންޏެވެ. "އެކަމަކު ބަލައިބެލުމަށް އޭޝްލީ ފެންނަނީ މުޅިން އާދައިގެ..."
"މި ބަލި ޖެހޭ މީހުން ތިބެނީ މުޅިން އާދައިގެ ޙާލަތުގައި- އާދައިގެ ޙާލަތުން އެހެން ޙާލަތަކަށް ބަދަލުވަނީ ފޮރުވިފައި ތިބޭ އެހެން ޝަޚްސިއްޔަތުތައް ހޭލީމާ- ނުވަތަ ނުކުތީމާ- އެ ޝަޚްސިއްޔަތުގެ ބާރު ބަލިމީހާއަށް ފޯރާކަށް ވަކި ވަގުތެއް ނޯވޭ- އަދި އެ ޙާލަތުގައި ދެމިހުންނާކަށް ވަކި ދިގުމިނެއް ވެސް ނޯވޭ- އެއް ގަޑިއިރު... ނުވަތަ އެއް ދުވަހު... ނުވަތަ އެތައް ދުވަހެއް ވާން ދެން ވެސް ހުރެދާނެ- އެ ވަގުތު ހިނގާ އެއްވެސް ކަމެއް ފަހަކުން ހަނދާނެއް ނުހުންނާނެ-"
"އެހެން ވެއްޖެއްޔާ ޓޮނީއާއި، އެލެޓްގެ އެއްވެސް ޢަމަލެއް އޭޝްލީއަކަށް ނޭނގޭނެތާ-؟"
"އާނ- ނޭނގޭނެ-"
ޑޭވިޑް ޙައިރާންވެފައި އަޑުއަހަން ހުރީއެވެ.
"މި ބަލީގެ އެންމެ މަޝްހޫރު މީހަކަށް ވެގެން ދިޔައީ ބްރިޑީ މާރފީ- މި ބަލި ޢާންމުންގެ ސަމާލުކަމަށް އައީ އޭނާއަށް މި ބަލި ޖެހުނީމާ- އޭގެ ފަހުން އެތައް ބަޔަކަށް މި ބަލި ޖެހުނު- ބައެއް މީހުންނަށް ބްރިޑީއަށް ވުރެ މާ ބޮޑަށް މި ބަލީގެ އަސަރުކުރި- އެކަމަކު އޭނާގެ ވާހަކަ މަޝްހޫރުވީ ވަރަކަށް އެކަކުގެ ވާހަކައެއްވެސް މަޝްހޫރެއް ނުވޭ-"
"ތިޔައީ... ތިޔައީ ޤަބޫލުކުރަން ހާދަހާ ދަތި ވާހަކައެކޭ-"
"މިއީ އަހަރެން ވަރަށް ޝައުޤުވެރިވާ ކަމެއް- މި ބަލީގެ ބައެއް ކަންތައްތައް އެއްގޮތަކަށް ވެސް ބަދަލެއް ނުވެއޭ ބުނެވިދާނެ- މިސާލަކަށް އޭޝްލީގެ ހަށިގަނޑުގައި އުޅޭ އަނެއް ދެ މީހުންގެ ނަމުގެ ފެށޭ އަކުރު އޮންނަނީ ހަމަ އޭޝްލީގެ ނަމުގެ ފެށޭ އަކުރާ އެއްގޮތަށް- އޭޝްލީ ޕެޓަރސަން- އޭ އަކުރަކާއި، ޕީ އަކުރެއް- އެލެޓް ޕީޓަރސް- ޓޮނީ ޕްރެސްކޮޓް-"
"ޓޮނީ..." ޑޭވިޑް ކުރަން އުޅުނު ސުވާލު ނުކޮށް ދޫކޮށްލިއެވެ. ޓޮނީއަކީ ނަމެއް ކުރުކޮށް ކިޔާ ގޮތްކަން ހަނދާންވީމައެވެ. "އެންޓޮއިނެޓް... ޓޮނީ... ދޯ-؟"
"އާނ- މި ގޮތަށް އުޅޭ ވަކި ޝަޚްސިއްޔަތުގެ އަމިއްލަ އުސޫލުތަކެއް ހުންނަ ވާހަކަ މީހުން ކިޔާތީ އަހަންތަ-؟"
"އާނ-"
"އެއްގޮތަކުން ބަލައިއިރު އަހަރެމެން އެންމެންނަކީ ވެސް މި ބުނި ކަހަލަ އުސޫލުތަކެއް ގެންގުޅޭ ބައެއް- ނުވަތަ އެއް ޝަޚްސިއްޔަތަށް ވުރެ ގިނަ ޝަޚްސިއްޔަތު ގެންގުޅޭ ބައެއް- މިސާލަކަށް ވަރަށް ހިތްހެޔޮ، ރަނގަޅު މީހަކު ވަރަށް ނުބައި ކަމެއް ވެސް ކޮށްފާނެ- ނުލަފާ މީހަކު ވަރަށް ރަނގަޅު ކަމެއް ވެސް ކޮށްފާނެ- އިންސާނާގެ ވިސްނުމާއި، ފިކުރާއި، ޢަމަލަކަށް ވަކި ޙައްދެއް ނޯވޭ-"
ޑޭވިޑްގެ ސިކުނޑި ހަލުވިކަމާ އެކު މަސައްކަތް ކުރަމުން ދިޔައެވެ. "އެ މީހުން މަރައިލީ އޭޝްލީ ކަމަށް ވަންޏާ..."
"އޭނާއަކަށް އެ ކަމެއް ނޭނގޭ- އެ މީހުން މަރައިލީ އޭނާގެ ހަށިގަނޑުގައި އުޅޭ އެހެން މީހެއް- އެހެން ޝަޚްސިއްޔަތެއް-"
"ޔާ ރައްބީ! ތިޔަ ވާހަކަ އަހަރެން ކޯޓުގައި ދައްކާނީ ކިހިނެއް-؟"
ޑޮކްޓަރ ރޮއިސް ވަރަށް ފަރުވާތެރިކަމާ އެކު ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "މި މައްސަލައާ ޙަވާލު ނުވާނަމޭ ކުރިން ބުނީމެއްނުން-؟"
ޑޭވިޑް ބޯޖަހައިލިއެވެ. "ނުވާނަން- މި ބުނީ... އަދި ހަދާނޭ ގޮތެއް ނޭނގެއޭ- މި ވަގުތު އަހަރެން ވެސް މިހިރީ އެކަކަށް ވުރެ ގިނަ މީހުންނަށް ވެފައި-" ޑޭވިޑް އިރުކޮޅަކު ހިމޭނުން ހުރެފައި ކުއްލިއަކަށް އަހައިލިއެވެ. "މިއީ ފަސޭހަކުރެވޭ ބައްޔެއްތަ-؟"
"އާނ- މި ބަލިޖެހޭ ގިނަމީހުން މުޅިން ފަސޭހަކުރެވޭ-"
"ފަސޭހަ ނުކުރެވިއްޖެއްޔާ ވާނީ ކިހިނެއް-؟"
ޑޮކްޓަރ ރޮއިސް އަނގައިން ނުބުނެ އިރުކޮޅަކު ހުރެފައި ބުނެލިއެވެ. "ފަސޭހަނުވާ މީހުން ޢާންމުގޮތެއްގައި އަމިއްލައަށް މަރުވަނީ-"
"އޭޝްލީއަކަށް ތިޔައިން އެއްވެސް ކަމެއް ނޭނގޭތަ-؟"
"އާނ- އޭނާއަކަށް ނޭނގޭ-"
"އޭނާއަށް ތިޔަ ވާހަކަތައް ކިޔައިދީފާނަންތަ-؟"
"މައްސަލައެއް ނެތެއްނުން-"
"ނޫން-" އޭނާ ހަޅޭއްލަވައިގަތެވެ. އޭނާ ފާރުގައި މޫނުޖައްސައި ބާރުކޮށްލިއެވެ. ލޮލުން ފެންނަނީ ބިރުވެރިކަމުގެ އަސަރެވެ. "ތިޔައީ ހުސް ދޮގު- ތިޔަހެންނެއްނުވާނެ-"
ޑޮކްޓަރ ރޮއިސް ބުނެލިއެވެ. "އޭޝްލީ- މިއީ ތެދެއް- ޙަޤީޤަތާ ކުރިމަތިލާ- އަހަރެން ބުނި ފަދައިން ހިނގައިދިޔަ ކަންތައްތަކަކީ އޭޝްލީގެ ކުށެއް އޮވެގެން ހިނގި ކަންތައްތަކެއް ނޫން- އަހަރެން..."
"އަހަންނާ ކައިރި ނުވާތި-"
"އޭޝްލީއަށް ގެއްލުމެއް ދޭކަށް އެކަކު ވެސް ނޫޅޭ-"
"އަހަރެން ބޭނުންވަނީ މަރުވާން- އަހަރެން މަރުވާނޭ މަގެއް ދައްކައިދީ-" އޭޝްލީ އަޑުންއަޑުނަގާ ރޯން ފަށައިފިއެވެ.
ޑޮކްޓަރ ރޮއިސް ޖަލު ބަލަހައްޓާ މީހާއާ ދިމާއަށް ބަލައިލިއެވެ. "ބޭހެއް ދީގެން އޭނާ ނިންދަވާ- އޭނާ އަމިއްލައަށް މަރުވާން އުޅެފާނެ- ސަމާލުވެގެން ތިބޭތި-"
ޑޭވިޑް ޑޮކްޓަރ ޕެޓަރސަންއަށް ފޯނުކޮށްލިއެވެ. "އަޅުގަނޑު ބައްދަލުކޮށްލަން ބޭނުން-"
"އަހަރެން މި ހުންނަނީ ކަލޭގެ ފޯނެއްގެ އިންތިޒާރުގައި- އޭޝްލީއާ ވާހަކަދައްކައިފިންތަ-؟"
"ލައްބަ- ކޮންމެވެސް ތަނަކުން އަޅުގަނޑާ ބައްދަލު ކޮށްލެއްވިދާނެތޯ-؟"
"އަހަރެން އޮފީހުގައި އުޅޭނަން- އާދޭ-"
* * *
ސެން ފްރެންސިސްކޯއަށް އައި މަގުމަތީގައި ޑޭވިޑްގެ ހިތަށްއެރިއެވެ. އަހަރެން މި ޤަޟިއްޔާއަކާ ޙަވާލެއް ނުވާނަމެވެ. ޙަވާލުވެއްޖެއްޔާ އަހަންނަށް ލިބޭނޭ ގެއްލުން ވަރަށް ބޮޑެވެ.
ކޮންމެވެސް ރަނގަޅު ޖިނާޢީ ވަކީލަކު ހޯދާފައި އެ މީހަކާ މި ޤަޟިއްޔާ ޙަވާލުކުރާނީއެވެ. އެ ހިސާބުން އަހަރެންގެ މަސައްކަތް ނިމުނީއެވެ.
ޑޭވިޑް ދިޔަ އިރު ޑޮކްޓަރ ޕެޓަރސަން އޭނާގެ އިންތިޒާރުގައި، އޮފީހުގައި ހުއްޓެވެ. "އޭޝްލީއާ ވާހަކަދައްކައިފިންތަ-؟"
"ލައްބަ-"
"އޭނާގެ ޙާލު ރަނގަޅުތަ-؟"
އެ ސުވާލަށް އަހަރެން ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޑޭވިޑް ފުންނޭވާއެއް ލިއެވެ. "މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއޭ ކިޔާ ބައްޔެއްގެ ވާހަކަ އަޑުއައްސަވަންތޯ-؟"
ޑޮކްޓަރ ޕެޓަރސަން ތުންއަނބުރައިލިއެވެ. "ކޮންމެވެސް ވަރަކަށް..."
"އެއީ އެކެއްގެ ހަށިގަނޑުގައި އެކަކަށް ވުރެ ގިނަ ޝަޚްސިއްޔަތު އުޅޭ އުޅުމަށް ކިޔާ ނަމެއް- އެކި ފަހަރު ހަށިގަނޑުގެ މައްޗަށް ބާރު ހިންގާނީ އެކި ޝަޚްސިއްޔަތު- މައިޝަޚްސިއްޔަތަކަށް ނުވަތަ އަސްލު މީހާއަކަށް އޭނާގެ ހަށިގަނޑުގެ މައްޗަށް ބާރު ހިންގާ އެހެން ޝަޚްސިއްޔަތުތަކުގެ ޢަމަލުތަކެއް ނޭނގޭނެ- އޭޝްލީއަށް ވަނީ އެ ބަލި ޖެހިފައި-"
ޑޮކްޓަރ ޕެޓަރސަން ޙައިރާންވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. "ކީކޭ-؟ އަހަންނަކަށް ތިޔަ ވާހަކައެއް ޤަބޫލެއް ނުކުރެވޭ- ކަލެއަށް ހަމަ ކަށަވަރުތަ-؟"
"ޑޮކްޓަރ ރޮއިސް އޭނާ ހިޕްނޮޓައިޒްކޮށްގެން ސުވާލު ކުރިއިރު އަޅުގަނޑު އެ ތާނގައި ހުރިން- އޭނާގެ ހަށިގަނޑުގައި އިތުރު ދެ ޝަޚްސިއްޔަތު ޙަރަކާތްތެރިވޭ- ދޭތެރެދޭތެރެއިން އެ ދެ ޝަޚްސިއްޔަތުން ކުރެ ޝަޚްސިއްޔަތެއް އޭނާގެ މައްޗަށް ބާރު ހިންގާ-" ޑޭވިޑް މިހާރު ވާހަކަ ދައްކަމުން ދަނީ ވަރަށް ހަލުވިކޮށެވެ. "އޭޝްލީއާ ދެކޮޅަށް ލިބިފައި ހުރި ހެކިތައް ޝެރިފް އަޅުގަނޑަށް ދެއްކި- އެ މީހުން މަރައިލީ އޭނާ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތް-"
ޑޮކްޓަރ ޕެޓަރސަން ބުންޏެވެ. "އަސްތާ! އެހެން ވެއްޖެއްޔާ އެ މީހުން މަރައިލީ ހަމަ އޭޝްލީތާ-؟"
"ނޫން- އެ މީހުން މަރައިލީ ތިމަން ކަމެއް އޭޝްލީއަށް އެނގެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނޭ- އެ ޙާދިސާތައް ހިނގި އިރު އޭނާ އުޅުނީ އެހެން ޝަޚްސިއްޔަތެއްގެ ބާރުގެ ދަށުގައި- އޭޝްލީ އެ މީހުން މަރައިލަން ޖެހޭ އެއްވެސް ސަބަބެއް ނެތް- އޭނާ އުޅުނީ އަމިއްލަ އިޚްތިޔާރުގެ ދަށަކު ނޫން- އަޅުގަނޑަށް ހީވަނީ އޭނާގެ މައްޗަށް ކުށެއް ސާބިތުކުރުމަކީ ސަރުކާރަށް މާ ފަސޭހަ ކަމަކަށް ނުވާނެ ހެން-"
"އެހެންވީމާ ކަލެއަށް ޖެހޭނީ ދިފާޢުގައި..."
ޑޭވިޑް އޭނާގެ ވާހަކަ މެދުކަނޑައިލިއެވެ. "އަޅުގަނޑު މި ޤަޟިއްޔާއަކާ ޙަވާލެއް ނުވާނަން- އަޅުގަނޑު މި އުޅެނީ މި ޤަޟިއްޔާ ޖެސީ ކިލަރއާ ޙަވާލުކުރަން ކަމަށް- އެއީ ވަރަށް މޮޅު ޖިނާޢީ ވަކީލެއް- އަޅުގަނޑު އޭނާއާ އެކީ މަސައްކަތް ކުރިން- އެއީ އެންމެ..."
"ނޫން-" ޑޮކްޓަރ ޕެޓަރސަންގެ އަޑުގައި އަމުރުވެރި ގޮތް ހުއްޓެވެ. "މި ޤަޟިއްޔާއާ ޙަވާލުވާންވާނީ ކަލޭ- އޭޝްލީ ދިފާޢުކުރާނީ ކަލޭ-"
ޑޭވިޑް ކެތްތެރިކަމާއެކު ވާހަކަދެއްކިއެވެ. "ރަނގަޅަށް ވިސްނަވާ- ތިޔަކަން ކުރަން އެންމެ ރަނގަޅު މީހަކީ އަޅުގަނޑެއް ނޫން- އޭޝްލީއަށް ބޭނުންވަނީ..."
"އަހަރެން އިތުބާރުކުރާ މީހަކަށް ހުރީ ކަލޭ އެކަންޏޭ މީގެ ކުރިންވެސް އަހަރެން އޮންނާނީ ބުނެފައި- ޑޭވިޑް- މި ދުނިޔޭގައި އަހަންނަށް ލިބިފައިވާ އެންމެ އަގު ބޮޑު މުދަލަކީ އަހަރެންގެ ދަރިފުޅު- އޭނާގެ ފުރާނަ ސަލާމަތްކޮށްދޭނީ ކަލޭ-"
"އަޅުގަނޑަކަށް ތިޔަކަމެއް ނުވާނެ- އަޅުގަނޑަކީ ޖިނާޢީ..."
"އެހެންނެއް ނުވާނެ- ކަލެއަކީ ކުރިން ޖިނާޢީ ވަކީލުކަން ކޮށްފައިވާ މީހަކީމެއްނުން-؟"
"ލައްބަ- އެކަމަކު..."
"އަހަރެން އެހެން މީހަކު ބޭނުމެއް ނޫން-" ޑޮކްޓަރ ޕެޓަރސަން ރުޅި ހިފެހެއްޓޭތޯ މަސައްކަތް ކުރާކަން ޑޭވިޑަށް ރަނގަޅަށް އެނގެއެވެ.
މިއީ މޮޔަކަމެކެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. "ޖެސީ ކިލަރއަކީ ވަރަށް މޮޅު..."
ޑޮކްޓަރ ޕެޓަރސަން އޭނާއާ ދިމާއަށް ގުދުވެލިއެވެ. މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. "ޑޭވިޑް- ކަލޭގެ މަންމައަކީ ކަލޭގެ ކުރިމަތީގައި އެންމެ އަގު ބޮޑު މީހާ- އޭޝްލީއަކީ އަހަރެންގެ ކުރިމަތީގައި އެންމެ އަގު ބޮޑު މީހާ- ކަލޭ އެއް ދުވަހަކު އަހަރެންގެ އެހީއަށް އެދިގެން އައި- އެ ދުވަހު ކަލޭގެ ފުރާނަ އަހަރެންގެ އަތްމައްޗަށް ދޫކުރީމެއްނުން-؟ އަހަރެން މިއަދު ކަލޭގެ އެހީއަށް އެދެނީ- އަހަރެންގެ ދަރިފުޅުގެ ފުރާނަ ކަލޭގެ އަތްމައްޗަށް ދޫކޮށްލަނީ- އަހަރެންގެ ދަރިފުޅުގެ ދިފާޢީ ވަކީލަކަށް ވުން އަހަރެން އެދޭ މީހަކީ ހަމައެކަނި ކަލޭ- މިއީ ކަލޭ އަދާކުރަންޖެހޭ ދަރަންޏެއް-"
(ނުނިމޭ)
V.reethi
Varsh reethi
?