(19 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ރަނގަޅު- ދެން އަންނާނީ ރަނގަޅު ވަމުން- ކަލޭގެ މަންމައަކީ ވަރަށް ހިތްވަރުގަދަ އަންހެނެއް-"
ޑޭވިޑް އުފަލުން ފޮޅިއްޖެއެވެ. މަޑުމަޑުން ކަލާނގެއަށް ޝުކުރު ކޮށްލެވުނެވެ.
ޑޮކްޓަރ ޕެޓަރސަން ބުނެލިއެވެ. "ކަލޭގެ ފުރިހަމަ ނަމެއް އަދިވެސް އަހަންނަކަށް ނޭނގޭ-"
"ޑޭވިޑް- ޑޭވިޑް ސިންގަރ-"
"ޑޭވިޑް- އަހަރެން މި އޮޕަރޭޝަން ކުރަން ނިންމީ ކީއްވެގެންކަން ކަލެއަށް އެނގޭތަ-؟"
"ނޫން..."
"އެއީ ދެ ސަބަބެއް އޮވެގެން- ކަލޭގެ މަންމަ އޮތް ޙާލަށް ބަލައި އިރު އަހަންނަށް ވެގެން ދިޔައީ ބޮޑު ޗެލެންޖަކަށް- ދެވަނަ ސަބަބަކީ ކަލޭ-"
"އަޅުގަނޑޭތޯ...؟"
"އާނ- ކަލޭ- ކަލޭ އިއްޔެ ކަންތައް ކުރި ގޮތަކީ އަހަރެން ކަލޭގެ ޢުމުރުގައި ކަންތައް ކުރާނޭ ގޮތް- އެހައި ޖެހިލުން ކުޑަކޮށް ކަލޭ އެޅި ފިޔަވަޅަކީ ދެވަނަ ސަބަބު-" އޭނާގެ ވާހަކައިގެ ރާގު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. "އަހަންނަށް ފީ ދޭނޭ ވާހަކަ ބުނީމެއް ނުން-؟"
ޑޭވިޑްގެ ކޮނޑު އެލިއްޖެއެވެ. "ލައްބަ- ކޮންމެވެސް ދުވަހަކުން..."
"ކޮންމެވެސް ދުވަހަކުން ކީއްކުރަން- މިހާރު ދޭން ވީއެއް ނުން-؟"
ޑޭވިޑްއަށް ބުނެވުނެވެ. "މިހާރު އޭތޯ-؟"
"އާނ- ދޭނޭ ގޮތް އަހަރެން ކިޔައި ދޭނަން- ކަލެއަށް ކާރު ދުއްވަން އެނގޭތަ-؟"
"ލައްބަ..."
"އެންމެ ރަނގަޅު- އަހަރެން މިހާރު މި ކާރު ދުއްވަދުއްވައި ވަރުބަލިވެއްޖެ- އެހެންވީމާ އެއް އަހަރު ވާންދެން އަހަރެންގެ ކާރު ދުއްވައިދީ- ހެނދުނު އަހަރެން ގެންގޮސް އޮފީހަށް ލައިފައި، އިރުއޮއްސި ހައެއް ނޫނީ ހަތެއް ޖަހާ އިރު ގެނެސް ގެއަށް ލައިދިނީމާ ނިމުނީ- އެއް އަހަރު ފުރިހަމަވީމާ އަހަރެންގެ ފީ ހަމަވީ ކަމަށް ބަލާނީ-"
ޑޮކްޓަރ ޕެޓަރސަންގެ ފީ އޭނާ ދެއްކި ގޮތަކީ އެއީއެވެ. އެއް އަހަރު ވާންދެން ކޮންމެ ދުވަހަކު އޭނާ އެ ދަތުރު ކުރިއެވެ. އޭގެ ބަދަލުގައި ޑޮކްޓަރ ޕެޓަރސަން އޭނާގެ މަންމަގެ ފުރާނަ ސަލާމަތްކޮށްދިނެވެ.
ކާރު ދުއްވަން އުޅުނު އެއް އަހަރުގެ ތެރޭގައި ޑޭވިޑަށް ވަރަށް ރަނގަޅަށް ޑޮކްޓަރ ޕެޓަރސަން ދަސްވިއެވެ. ދޭތެރެ ދޭތެރެއިން ގަދަ ރުޅިއެއް އައި ކަމުގައި ވިޔަސް އޭނާއަކީ ޑޭވިޑަށް މިހައިތަނަށް ފެނުނު އެންމެ އަމިއްލަ އެދުން ކުޑަ މީހާއެވެ. އޭނާ ވަރަށް ގިނަ މީސް މީހުންނަށާއި، ޖަމާޢަތްތަކަށް އެހީވެއެވެ. ހަސްފަތާލުތަކަށް ގޮސް ހިލޭ މަސައްކަތް ކޮށްދެއެވެ. ދަތުރު މަތީގައި ވަރަށް ގިނަ ވާހަކަ ދެކެވެއެވެ.
"ޑޭވިޑް- ކަލޭ ކިޔަވަނީ ކޮންކަހަލަ ޤާނޫނެއް-؟"
"ޖިނާޢީ ޤާނޫނު-"
"އެއީ ކީއްކުރަން- މީހުން މަރާ މީހުން ސަލާމަތް ކޮށްދޭންތަ-؟"
"ނޫން- އެއްވެސް ކުށެއް ނެތި ނުބައި ބައެއްގެ މަޅީގައި ޖެހޭ މީހުން ވެސް އުޅެއެއް ނޫންތޯ-؟ އަޅުގަނޑު ބޭނުންވަނީ އެ ކަހަލަ މީހުންނާ އެހީވާން-"
އެއް އަހަރު ފުރިހަމަވީ ދުވަހު ޑޮކްޓަރ ޕެޓަރސަން އޭނާއާ ސަލާން ކޮށްލައިފައި ބުނެލިއެވެ. "ހިސާބު ނިމުނީ- މިއަދުން ފެށިގެން އަނެއްކާވެސް ދެ މީހުން އެއްވަރު ވީ-"
ޑޭވިޑް ޑޮކްޓަރ ޕެޓަރސަން ނުދެކޭތާ އެތައް އަހަރެއް ވެއްޖެއެވެ. އެހެން ނަމަވެސް އޭނާގެ ނަން ދޭތެރެ ދޭތެރެއިން އިވެއެވެ. ނުވަތަ ފެނެއެވެ.
އެއިޑްސް ޖެހިފައި ތިބޭ ކުޑަކުދިންނަށް ހިލޭ ފަރުވާ ދޭ ޚާއްޞަ ކްލިނިކެއް ޑޮކްޓަރ ޕެޓަރސަން ހުޅުއްވައިފި...
ޕެޓަރސަން މެޑިކަލް ސެންޓަރ ހުޅުއްވައި ދެއްވަން ޑޮކްޓަރ ޕެޓަރސަން ކީނިޔާއަށް ވަޑައިގެންފި...
ޕެޓަރސަން ޚައިރާތު ފަންޑުގެ ޢިމާރާތުގެ މަސައްކަތް މިއަދު ފެށިގެން ކުރިއަށް އެބަ ދޭ...
ހުރިހާ ދިމާއަކުން ވެސް ފެންނަނީ އޭނާއެވެ. ބޭނުން ޖެހިފައި ތިބޭ މީހުންނަށް އެހީވުމަކީ އޭނާގެ އުފަލެކެވެ.
ޑޭވިޑަށް ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ސަންޑްރާގެ އަޑަށެވެ. "ޑޭވިޑް- ކިހިނެއްވީ-؟"
އޭނާ ޓީވީއާ ދުރަށް ޖެހިލިއެވެ. "މީހުން މެރުމުގެ ކުށުގައި ޑޮކްޓަރ ޕެޓަރސަންގެ ދަރިފުޅު ހައްޔަރުކުރި ވާހަކަ ދެންމެ ޓީވީން ގޮވައިފި-"
ސަންޑްރާ ޙައިރާންވެފައި ބުނެލިއެވެ. "އެހެން ނުވާނެ- ތިޔައީ ހާދަހާ ދެރަ ކަމެކޭ-"
"ޑޮކްޓަރ ޕެޓަރސަންގެ ސަބަބުން އަހަރެންގެ މަންމަ އިތުރު ހަތް އަހަރު ދުނިޔޭގައި އިން- އެކަހަލަ ރަނގަޅު މީހަކާ ދޭތެރޭ މި ކަހަލަ ކަމެއް ވުމަކީ ވަރަށް ދެރަ ކަމެއް- ސަންޑްރާ- އެއީ މިހައި ތަނަށް އަހަންނަށް ފެނުނު އެންމެ ރަނގަޅު މީހާ- އެ ކަހަލަ މީހަކަށް އެހައި ނުބައި ދަރިއަކު ލިބުނީ ކިހިނެއް ބާވައޭ އަހަރެންގެ ހިތަށް އަރާ-" އޭނާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. "މިއަދު ދެވޭނީ ގަޑިޖެހިގެން ހެން ހީވަނީ-"
"އަދި ސައެއްވެސް ނުބޮމެއް ނުން-"
"ސައި ބޮވޭ ވަރަށް ވުރެ ފިކުރު ބޮޑުވެއްޖެ-" އޭނާ ޓީވީއާ ދިމާއަށް ބަލައިލިއެވެ. "މި ކަންތައް ވެސް މި ދިމާވީ... މިއަދަކީ އަހަރެން ޙިއްޞާދާރަކަށް ވާން..."
"ހާސްނުވޭ- ޙިއްޞާދާރަކަށް ވާނެ- ހަމަ ޔަޤީން-"
"ތިޔަ ހައި ބޮޑު ޔަޤީންކަމެއް ބާއްވާކަށް ނުވާނެ- އުއްމީދުކޮށްގެން ތިބޭ މީހުންނަށް ލަނޑު ލިބެނީ މަދެއް ކޮންނެއް ނޫން- އަހަރެމެންގެ ކުންފުނީގައި ވެސް އެއީ އާދަވެގެން ހިނގާ ކަމެއް-"
ސަންޑްރާ ހިނިތުންވެލިއެވެ. "ޑޭވިޑް ކަހަލަ މީހަކު ހުރުމަކީ އެ މީހުން އުފާކުރަންޖެހޭނޭ ކަމެއް-"
ޑޭވިޑް ސަންޑްރާ ގަޔާ ކައިރި ކޮށްލިއެވެ. "ޝުކުރިއްޔާ- ތިޔަ ކަހަލަ ވާހަކަ ދައްކާނޭ މީހަކު ހުރުމަކީ ހާދަހާ ހިތްހަމަޖެހޭ ކަމެކޭ-"
"އަހަރެން އަބަދުވެސް ހުންނާނަން- ޚަބަރެއް ވީހައި އަވަހަކަށް އަހަންނަށް އަންގާތި-"
"ކަށަވަރެއް ނުން- މި ކަން ފާހަގަކުރަން ދެ މީހުން ކޮންމެވެސް ތަނަކަށް ދާނީ-"
އެ ޢިބާރާތް އޭނާގެ ސިކުނޑީގައި ތަކުރާރު ވެގެން ދިޔައެވެ. މީގެ އަހަރުތަކެއް ކުރިން އޭނާ އެހެން މީހެއް ގާތު ހަމަ އެހެން ބުންޏެވެ. "މި ކަން ފާހަގަކުރަން ދެ މީހުން ކޮންމެވެސް ތަނަކަށް ދާނީ..."
އޭނާގެ އަތުން އެ މީހާ މަރުވީއެވެ.
ކިންސެއިޑް، ޓަރނަރ، ރޯޒް އެންޑް ރިޕްލީގެ އޮފީސް ހުންނަނީ ތިން ބުރި އަށެވެ. ޑޭވިޑް ސިންގަރ އޮފީހަށް ވަދެގެން ދިޔަ އިރު، އެ ތާނގެ މުވައްޒަފުންގެ މޫނުމަތިން ފެނުނު ހިނިތުންވުމާއި، ސަލާން ގޮވައިލުމާއި، ބަލައިގަތުމުގައި އެހެން ދުވަހާ ތަފާތު ގޮތެއް ހުރި ކަމުގައި އޭނާއަށް ފާހަގަކުރެވުނެވެ. އެއީ އެ މީހުންގެ ކުރިމަތިން އެ ދަނީ މުސްތަޤްބަލުގެ ޙިއްޞާދާރެއް ކަން އެނގޭތީ އައި ބަދަލެއް ކަމަށް ވެދާނެއެވެ.
ވަދެގެން ދިޔަ އިރު އެ ދުވަހު ނުވަތަ އެ ހަފްތާގެ ތެރޭގައި ޙިއްޞާދާރުންނަށް ވާނޭ މީހުންގެ ތެރެއިން އެކަކަށް ލިބޭނޭ އޮފީސް ކޮޓަރި ހުރަސްކުރަން ޖެހުނެވެ. އެ ކޮޓަރިއާ ދިމާއަށް ބަލައި ނުލައެއް ޑޭވިޑަކަށް ނުދެވުނެވެ.
އިރުކޮޅަކު ބަލަން ހުރެފައި އޭނާ ގޮސް އޭނާގެ އޮފީސް ކޮޓަރިއަށް ވަދެއްޖެއެވެ.
"މެސެޖެއް އެބަ އޮތް-" އޭނާގެ ސެކްރެޓަރީ ހޮލީގެ ރާގު ވެސް މިއަދު މުޅިން ތަފާތެވެ.
"ކޮބާ-؟"
"ފަހެއް ޖަހާ އިރު ޑޭވިޑާ ބައްދަލު ކުރައްވަން މިސްޓަރ ކިންސެއިޑް ބޭނުންވެލައްވާ ވާހަކަ ދެންމެ އެންގެވި-" ހޮލީ ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުންވެލިއެވެ.
"ވަރަށް ރަނގަޅު-" އެ އުޅެނީ އަހަރެންގެ އުއްމީދުތައް ފުރިހަމަ ވާށެވެ.
ހޮލީ ޑޭވިޑްގެ މޫނަށް ބަލައިލައިފައި ބުނެލިއެވެ. "މިސްޓަރ ކިންސެއިޑްގެ ސެކްރެޓަރީ ޑޮރޮތީއާ އެކީ ކޮފީ ބޯން އަޅުގަނޑު ދިޔައިން- އޭނާ ބުނިގޮތުގައި މިސްޓަރ ކިންސެއިޑްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޑޭވިޑްގެ ނަން-"
ޑޭވިޑް ހީނލިއެވެ. "ޝުކުރިއްޔާ- ހޮލީ-"
"ކޮފީ ގެންނަންތޯ-؟"
"އަވަހަށް ގެނޭ-"
ޑޭވިޑް ގޮސް އޭނާގެ ގޮނޑީގައި އިށީނދެއްޖެއެވެ.
މިއަދަކީ އެ ދުވަހެވެ. އެންމެ ފަހުން އެ ދުވަސް އައީއެވެ. އޭނާއަށް ހިނިތުންވެލެވުނެވެ. "ފަހެއް ޖަހާ އިރު ޑޭވިޑާ ބައްދަލު ކުރައްވަން މިސްޓަރ ކިންސެއިޑް ބޭނުންވެލައްވާ ވާހަކަ ދެންމެ އެންގެވި... މިސްޓަރ ކިންސެއިޑްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޑޭވިޑްގެ ނަން-"
ސަންޑްރާއަށް ފޯނުކުރާނަމޭ އޭނާގެ ހިތަށްއެރިއެވެ. އެކަމަކު ހުރިހައި ކަމެއް ހަމަޖެހުނީމާ ގުޅާނީއޭ ހިތާ މަޑުޖައްސައިލީއެވެ.
ވިދިގެން އައި ދެ ގަޑިއެއްހައި އިރު ޑޭވިޑް ހޭދަކުރީ މޭޒުމަތީގައި ހުރި މައްސަލަތައް ބެލުމުގައެވެ. އެގާރަ ޖެހި ތަނާ ހޮލީ އައިސް ވަދެފައި ބުނެލިއެވެ. "ޑޮކްޓަރ ޕެޓަރސަން އޭ ކިޔާ ބޭކަލަކު ދުރުވެ އެބަ ހުންނެވި- އޭނާ ދުރުވީ އެޕޮއިންޓްމަންޓެއް ނު..."
އޭނާ ޙައިރާންވެފައި ހޮލީއާ ދިމާއަށް ބަލައިލިއެވެ. "ޑޮކްޓަރ ޕެޓަރސަން އޭ-؟"
"ލައްބަ-"
ޑޭވިޑް ތެދުވެއްޖެއެވެ. "އަވަހަށް ދުރުވާށޭ ނަންގަނޭ-"
ޑޮކްޓަރ ޕެޓަރސަން ދުރުވެއްޖެއެވެ. އިޙްސާސްތައް ފޮރުވޭތޯ ޑޭވިޑް މަސައްކަތް ކުރިއެވެ.
"ހަލޯ ޑޭވިޑް-"
"ޑޮކްޓަރ ޕެޓަރސަން- އިށީންނަވާ-" އޭނާ މަޑުމަޑުން ގޮސް ގޮނޑިއެއްގައި އިށީން ތަން ޑޭވިޑް ބަލަން ހުއްޓެވެ. "އަޅުގަނޑު ޚަބަރު އެހިން- އެއީ ވަރަށް ހިތާމަވެރި ޚަބަރެއް-"
ޑޮކްޓަރ ޕެޓަރސަން ބޯޖަހައިލިއެވެ. "އާނ- އެއީ ވަރަށް ބޮޑު ސިހުމެއް ލިބުނު ކަމެއް-" އޭނާ އިސް އުފުލައި ބަލައިލިއެވެ. "އަހަރެން މި އައީ ކަލޭގެ އެހީއެއް ބޭނުން ވެގެން-"
"ލައްބަ- އަވަހަށް ބުނުއްވާ-" ޑޭވިޑް އަވަސްއަވަހަށް ބުނެލިއެވެ. "އަޅުގަނޑަށް ކުރެވެން އޮތް ކޮންމެ ކަމެއް ކޮށްދޭނަން-"
"އަހަރެންގެ ދަރިފުޅުގެ ވަކީލަކަށް ކަލޭ ވާންވީ-"
ޑޭވިޑަށް ވާހަކަ ދެއްކުނީ އިރުކޮޅެއް ފަހުންނެވެ. "ތިޔައީ އަޅުގަނޑަށް ކުރެވޭނޭ ކަމެއް ނޫން- އަޅުގަނޑަކީ ޖިނާޢީ ވަކީލަކީމެއް ނޫން-"
ޑޮކްޓަރ ޕެޓަރސަން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އޭޝްލީއަކީ ކުށްވެރިއެއް ނޫން-"
"އަޅުގަނޑު މި ނަންގަތީ އެހެންނެއް ނޫން- އަޅުގަނޑަކީ ވިޔަފާރީގެ މައްސަލަތަކާ ވަކާލާތުކުރާ މީހަކީން- އަޅުގަނޑު ރަނގަޅު ޖިނާޢީ ވަކީލަކު..."
"މިހައި ތަނަށް ބާރަ ވަރަކަށް ވަކީލުން އަހަންނާ ގުޅައިފި- އޭޝްލީގެ މައްސަލަ ހިފަން ބޭނުން ވަކީލުން ބައިވަރު-" އޭނާ ގޮނޑީގައި ލެނިގިލިއެވެ. "ޑޭވިޑް- އެއިން އެއްވެސް މީހަކީ އަހަރެންގެ ދަރިފުޅަކަށް ހެވެއް އެދިގެން އުޅޭ މީހެއް ނޫން- މިއީ ވަރަށް މަޝްހޫރުވެގެން ދާނޭ މައްސަލައެއް- އެހެންވީމާ އެންމެންވެސް ބޭނުންވަނީ މި މައްސަލައިގެ އެހީގައި މަޝްހޫރުވާން- އެއިން އެކަކުވެސް އޭޝްލީއާ މެދަކު ވިސްނައެއް ނުލާނެ- އެކަމަކު އަހަރެން ވިސްނަން- އަހަރެންގެ ހުރިހައި ވެސް މީހަކީ އެއީ-"
ޑޭވިޑްގެ ހަނދާނަށް އައީ އޭނާގެ އަމިއްލަ ޢިބާރާތެވެ. "މަންމަ ސަލާމަތް ކޮށްދެއްވާށެވެ. މަންމަ ނޫން މީހަކު އަޅުގަނޑަކަށް ނެތެވެ." "ތިޔަ ކަންތަކާ އެހީވާން އަޅުގަނޑު ބޭނުން- އެކަމަކު..."
"ޤާނޫނު ކިޔަވައިގެން ކަލޭ ފުރަތަމަ ވަނީ ޖިނާޢީ މައްސަލަތަކާ ޙާވާލުވާ ކުންފުންޏަކަށްނުން-؟"
ޑޭވިޑްގެ ހިތުގެ ހިނގުން އަވަސްވާން ފަށައިފިއެވެ. "ލައްބަ- އެކަމަކު..."
"އެތައް އަހަރެއް ވާންދެން ޖިނާޢީ މައްސަލަތަކުގައި މަސައްކަތްކުރަން އުޅުނީމެއްނުން-؟"
ޑޭވިޑް ބޯޖަހައިލިއެވެ. "ލައްބަ- އަޅުގަނޑު މިހާރު އެ ކަން ދޫކޮށްލައިފިން- އެއީ ވަރަށް ކުރީގެ..."
"އެއީ އެހައި ކުރިއެއް ނޫން- އެންމެ ކުރާ ހިތްވާ ކަމަކީ އެއީއޭ ކަލޭ އަހަރެން ގާތު ބުނީމެއްނުން-؟ އެހެން ވެއްޖެއްޔާ އެ ކަން ހުއްޓާލައިފައި ވިޔަފާރި މުޢާމަލާތްތަކުގެ މައްސަލައިގެ ތެރެއަށް ވަނީ ކީއްވެގެން-؟"
ޑޭވިޑް އިރުކޮޅަކު ހިމޭނުން ހުރެފައި ބުނެލިއެވެ. "އެއީ އެހައި ބޮޑު ކަމެއް ވެގެންނެއް ނޫން-"
ޑޮކްޓަރ ޕެޓަރސަން ޖީބުން ސިޓީއެއް ނަގާ އޭނާގެ އަތަށް ފޯރުކޮށްލިއެވެ. ސިޓީ ފެނުމާއެކު އެއީ ކޮން ސިޓީއެއްކަން އޭނާއަށް އެނގިއްޖެއެވެ.
ޑޮކްޓަރ ޕެޓަރސަންއަށް،
އަޅުގަނޑާ މެދު ބެހެއްޓެވި އޯގާތެރި ކަމަށާއި، ކޮށްދެއްވި ހެޔޮފުޅު ކަމަށް ޝުކުރު ދަންނަވާނޭ ގޮތެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އަޅުގަނޑުގެ ފުށުން އެއްވެސް ކަމަކަށް ބޭނުންފުޅު ވެއްޖެއްޔާ އަންގަވައިލަ ދެއްވުން އެދެމެވެ. އެއްވެސް ސުވާލެއް ނުކޮށް، އެއްވެސް ޝަރުޠެއް ނެތި އަޅުގަނޑު އެ ކަމެއް ކޮށްދޭނަމެވެ.
ޑޭވިޑް އެ ސިޓީއާ ދިމާއަށް ބަލައިލިއެވެ.
"ޑޭވިޑް- އޭޝްލީއާ ވާހަކަދައްކައިލަން ހިނގައިދާނަންތަ-؟"
ޑޭވިޑް ބޯޖަހައިލިއެވެ. "ލައްބަ- އަޅުގަނޑު ވާހަކަދައްކައިލަން ހިނގައިދާނަން- އެކަމަކު..."
ޑޮކްޓަރ ޕެޓަރސަން ތެދުވެއްޖެއެވެ. "ޝުކުރިއްޔާ-"
އޭނާ ނުކުމެގެން ދިޔަ ތަން ޑޭވިޑް ބަލަން ހުއްޓެވެ.
"އެހެން ވެއްޖެއްޔާ އެ ކަން ހުއްޓައިލައިފައި ވިޔަފާރި މުޢާމަލާތްތަކުގެ މައްސަލައިގެ ތެރެއަށް ވަނީ ކީއްވެގެން-؟"
ޑޮކްޓަރ ޕެޓަރސަންގެ އަޑު ޑޭވިޑްގެ ކަންފަތުގައި ހަރުލައިފައި ހުރެއްޖެއެވެ.
އަހަރެން ޖިނާޢީ މައްސަލަތަކާ ޙަވާލުވުން ހުއްޓައިލީ ކީއްވެގެން ހެއްޔެވެ؟ އެއީ އަހަންނަށް ހެދުނު ނުބަޔަކުން އެއްވެސް ކުށެއް ނެތް އަންހެނަކު މަރުވީމައެވެ. އެއްވެސް މީހެއްގެ މަރުގެ ޒިންމާދާރަކަށް އޭގެ ފަހުން ދުވަހަކުވެސް ނުވާން އަހަރެން އޮތީ ހުވާކޮށްފައެވެ.
އޭޝްލީ ޕެޓަރސަން ދިފާޢުކުރުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.
ޑޭވިޑް އިންޓަރކޮމްގެ ގޮބަށް ފިތައިލިއެވެ. "ހޮލީ- އަހަންނާ މިހާރު ބައްދަލު ކުރައްވާތޯ މިސްޓަރ ކިންސެއިޑަށް ނަންގަނެލަދީ-"
"ލައްބަ-"
"ހިތްއަވަސްވެގެން ތިޔަ އުޅެނީ މާ ބޮޑަށް-" ޑޭވިޑް ވަނީމާ ޖޯސެފް ކިންސެއިޑް ބުނެލިއެވެ. "އަހަރެމެންގެ ބައްދަލުވުން ހަމަޖެހިފައި އޮތީ ފަހެއް ޖަހާ އިރަކަށްނުން-؟"
"ލައްބަ- އަޅުގަނޑު މި އައީ އެހެން ވާހަކައެއް ނަންގަނެލަންވެގެން-"
"އިށީނދޭ- ޑޭވިޑް-"
އޭނާ އިށީނދެއްޖެއެވެ.
"ސުއްޓާ ބޯނަންތަ-؟ ކިއުބާއިން ގެނައި ސުއްޓާ އެބަހުރި-"
"ނޫން- ޝުކުރިއްޔާ-"
"އާނ- ދައްކަން ތިޔަ އުޅެނީ ކޮން ވާހަކައެއް-؟"
"ޑޮކްޓަރ ޕެޓަރސަން ދެންމެ އަޅުގަނޑާ ބައްދަލު ކުރައްވަން ދުރުވި-"
ކިންސެއިޑް ބުންޏެވެ. "މިއަދު ހެނދުނު ޓީވީ ޚަބަރު އަހަރެންވެސް ބެލިން- އެއީ ވަރަށް ލަދުވެތި ކަމެއް- އޭނާ އައީ ކީއްކުރަން-؟"
"އޭނާ ބޭނުންވެލައްވަނީ އޭނާގެ ދަރިފުޅު ދިފާޢުކުރާ ވަކީލަކަށް އަޅުގަނޑު ހައްދަވަން-"
"ކަލެއަކީ ޖިނާޢީ ވަކީލެއް ނޫނީމެއްނުން-؟"
"އަޅުގަނޑު އެހެން ނަންގަތިން-"
"ރަނގަޅު-" ކިންސެއިޑް ހިނދުކޮޅަކު ވިސްނައިލަން ހުރެފައި ވާހަކަދައްކަން ފެށިއެވެ. "ޑޮކްޓަރ ޕެޓަރސަންއަށް މަސައްކަތެއްކޮށްދޭން ޖެހުމަކީ ރަނގަޅު ކަމެއް- އެއީ ވަރަށް ނުފޫޒު ހުރި، ބާރު ގަދަ މީހެއް- އޭނާގެ ފަރާތުން ވަރަށް ގިނަ ވިޔަފާރި ލިބުމަކީ އެކަށީގެންވާ ކަމެއް- ވަރަށް ގިނަ ޞިއްޙީ އިދާރާތަކާ އޭނާއާ ގުޅުން..."
"އަދި އެހެން ވާހަކައެއް ވެސް އެބަ އޮތް-"
ކިންސެއިޑް ސުވާލުގެ ނަޒަރަކުން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "ކޮން ވާހަކައެއް -؟"
"އޭނާގެ ދަރިފުޅާ ވާހަކަދައްކަން އަޅުގަނޑު އެއްބަސް ވެއްޖައިން-"
"އެހެންތަ-؟ އެއީ އެހައި ބޮޑު ކަމެއް ނޫނެއްނުން-؟ ވާހަކަދައްކައިލާ- އަހަރެމެން އޭނާއަށް ރަނގަޅު ވަކީލަކު ހޯދައިދީފާނަން-"
"އަޅުގަނޑު ވެސް ނިންމައިގެން ހުރީ ތިޔަ ގޮތަށް-"
"އެންމެ ރަނގަޅު- އޭނާޔާ ގުޅުން އުފެއްދުމަކީ މައްސަލައެއް ކަމަކަށް އަހަންނެއް ނުދެކެން- ކުރިއަށް ގެންދޭ-" އޭނާ ހިނިތުންވެލިއެވެ. "ފަހެއް ޖަހާ އިރު އަދި ބައްދަލުކުރާނީ-"
"ލައްބަ- ޝުކުރިއްޔާ-"
ޑޭވިޑް އެނބުރި އޭނާގެ އޮފީސް ކޮޓަރިއަށް އަތުވެއްޖެއެވެ. ޑޮކްޓަރ ޕެޓަރސަން އޭނާ އޭޝްލީގެ ވަކީލަކަށް ހަދަން އުޅެނީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށްއެރިއެވެ.
ބާރަވަނަ ބާބު
ސެންޓާ ކްލާރާ ކައުންޓީ ޖަލުގައި އިނދެގެން އޭޝްލީ ވިސްނަމުން ދިޔައެވެ. އޭނާ ޖަލަށްލާން ޖެހުނީ ކީއްވެގެން ކަމެއް އޭނާއަކަށް ނުވިސްނެއެވެ. އެހެން ނަމަވެސް ޖަލަށް ލީތީ ބައެއް ފަހަރަށް އުފާ ވެސް ވެއެވެ. އެއީ ޖަލުގެ ހަތަރު ފާރުން އެތެރޭގައި އިންނަ އިރު ހުރިހައި ނުރައްކަލަކުން ސަލާމަތްވެފައިވާ ކަމުގެ އިޙްސާސް ކުރެވޭތީއެވެ. ޖަލުގެ ފާރު ރަޖާގަނޑެއްހެން އޭނާގެ ގައިގައި އޮޅައިލެވިފައިވާ ހެން އޭނާއަށް ހީވެއެވެ. އޭގެ ސަބަބުން ހުރިހައި ނުރައްކަލަކުން އޭނާ ސަލާމަތްވެއެވެ. ވޭތުވެ ދިޔަ ތާނގައި ހިނގައިފައިވާ ބިރުވެރި ކަންތައްތައް އޭނާގެ ކުރިމަތީގައި ބައިސްކޯފު ފިލްމެއް ހެން ފެންނަމުން ދިޔައެވެ. މީހަކު އޭނާގެ ގެއަށް ވަގަށް ވަދެ، އޭނާ ބިރު ގެންނެވުން... ޗިކާގޯއަށް ކުރި ދަތުރު... ލޯގަނޑުގައި ހުރި ލިޔުން... މި ހުރިހާ ކަމެއް އޭނާގެ ހަނދާނަށް އެބަ އާދެއެވެ. މިހާރު ފުލުހުން އެ ދަނީ އޭނާއަށް ހުވަފެނުން ވެސް ފެނިފައި ނުވާ ކަހަލަ ނުބައި ކަންތައްތަކެއް އޭނާގެ ބޮލުގައި އަޅުވަމުންނެވެ. އޭނާއާ ދެކޮޅަށް މީހަކު ނުބައި ރޭވުމެއް ރާވަނީކަން އޭޝްލީއަށް ޔަޤީނެވެ. އެކަމަކު އެއީ ކާކުކަމެއް އެއްގޮތަކަށް ވެސް ނޭނގެއެވެ.
އެ ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ފޯރިއަށް ހުރި މީހާ އައިސް ބުންޏެވެ. "މީހަކު އެބަހުރި-"
އެ މީހާ އޭނާ ގޮވައިގެން ޒިޔާރަތްކުރަން އަންނަ މީހުންނާ ވާހަކަދައްކަން ޚާއްޞަކޮށްފައިވާ ކޮޓަރިއަށް ހިނގައްޖެއެވެ. އެ ތާނގައި އޭނާއާ ބައްދަލުކުރަން އައިސް ހުރީ އޭނާގެ ބައްޕައެވެ.
އޭނާގެ ލޮލުން ފެންނަނީ ހިތާމައިގެ އަސަރެވެ. "ދަރިފުޅާ... ބައްޕައަކަށް..."
އޭޝްލީ ބުނެލިއެވެ. "އެ މީހުން ބުނާ ކަންތައްތަކެއް އަޅުގަނޑެއް ނުކުރަން-"
"އާނ- ބައްޕައަށް އެ ކަން އެނގޭ- މިއީ ކޮންމެވެސް މީހަކު ކުޅޭ ކުޅިގަނޑެއްކަން ވެސް ބައްޕައަށް އެނގޭ- އެކަމަކު ދެރަނުވޭ ދަރިފުޅާ- ބައްޕަ ހުރިހައި ކަމެއް ހަމަޖައްސައިދޭނަން-"
އޭޝްލީ އޭނާގެ ބައްޕަގެ މޫނަށް ބަލައިލިއެވެ. އެ ހުރިހައި ކަމެއް ކުރީ ބައްޕައޭ އޭނާގެ ހިތަށް އެރީ ކީއްވެގެން ބާވައެވެ؟
"ހާސްނުވާތި- ބައްޕަ ދަރިފުޅު މި ތަނުން ނެރޭނަން- މިހާރު ވަކީލަކު ވެސް ހޯދައިފިން- އެއީ ޑޭވިޑް ސިންގަރ އޭ ނަމަކަށް ކިޔާ މީހެއް- މި ރަށުގައި ބައްޕައަށް ފެންނަން ހުރި އެންމެ މޮޅު ވަކީލަކީ އޭނާ- އޭނާ ދަރިފުޅާ ވާހަކަދައްކަން އަންނާނެ- ހުރިހައި ވާހަކައެއް އޭނާއަށް ކިޔައިދީ-"
އޭޝްލީ ބައްޕައާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "ބައްޕާ- އޭނާ ގާތު ދައްކާނޭ ވާހަކައެއް އަޅުގަނޑަކަށް ނޭނގޭ- މި އުޅެނީ ކިހިނެއް ވެގެން ކަމެއް ވެސް އަޅުގަނޑަކަށް ނުވިސްނޭ-"
"ދަރިފުޅާ- ހުރިހައި ކަމެއް އަހަރެމެން އެންމެން ވެގެން އޮޅުންފިލުވާނީ- އެއްވެސް މީހަކަށް ބައްޕަ ދުނިޔޭގައި ހުއްޓާ ދަރިފުޅަށް ގެއްލުމެއް ދޭކަށް ނުކެރޭނެ- އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރާކަށް ނުކެރޭނެ- މި ދުނިޔޭގައި ބައްޕަގެ މީހަކަށް ހުރީ ހަމައެކަނި ދަރިފުޅު- ދަރިފުޅުގެ އަގު އެހެން ހުރިހާ އެއްޗަކަށް ވުރެ ބޮޑު-"
"އަޅުގަނޑުގެ ވެސް ހުރިހައި މީހަކީ ބައްޕަ-" އޭޝްލީ މަޑުމަޑުން ބުނެލިއެވެ.
އޭޝްލީގެ ބައްޕަ އެއްގަޑިއިރު ވާންދެން ވާހަކަދައްކަން ހުއްޓެވެ. ބައްޕަ ދިއުމާއެކު އޭނާގެ ދުނިޔެ އަނެއްކާވެސް ޖަލުގެ ގޮޅިއަކަށް ކުޑަވެގެން ހިނގައްޖެއެވެ. އޭނާ އެނދުގައި އޮށޯވެގެން އޮތެވެ. އެއްވެސް ކަމަކާ ވިސްނާކަށް އޭނާ ބޭނުމެއް ނުވެއެވެ.
މި ހުރިހާ ކަމެއް ވަރަށް އަވަހަށް ނިމިދާނެއެވެ. މިއީ ހުވަފެނެކެވެ... މިއީ ހުވަފެނެކެވެ... މިއީ ހުވަފެނެކެވެ...
އޭނާއަށް ނިދިއްޖެއެވެ.
އޭނާއަށް ހޭލެވުނީ ފޯރިއަށް ހުރި މީހާ ގޮވާ އަޑަށެވެ. "މީހަކު އައިސް އެބަހުރި-"
އެ މީހާ އޭނާ ގޮވައިގެން ބައްދަލުކުރާ ކޮޓަރިއަށް ހިނގައްޖެއެވެ. އެ ތާނގައި ހުރީ ޝޭން މިލަރއެވެ.
އޭޝްލީ ވަނީމާ ޝޭން މިލަރ ތެދުވެއްޖެއެވެ.
އޭޝްލީގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. "ޝޭން-" ޝޭން މިލަރ ފެނުނީމާ މިއިން ދުވަހަކު ނުވާހައި ބޮޑަށް އޭނާ އުފާވިއެވެ. ޝޭން އައިސް އޭނާ ސަލާމަތްކޮށްގެން ގެންދާނެއޭ އޭނާގެ ހިތަށް އެތައް ފަހަރަކު އެރިއެވެ.
"ޝޭން- އަހަރެން ވަރަށް އުފާވެއްޖެ-"
"އަހަރެން ވެސް ވަރަށް އުފާވެއްޖެ-" ޝޭން މިލަރ ލަސްލަހުން ބުނެލިއެވެ. އޭނާ އެ ކޮޓަރީގެ ވަށައިގެން ހޯދައިލިއެވެ. "އަހަންނަށް ޚަބަރު ލިބުނީމާ ޤަބޫލެއް ވެސް ނުކުރެވުނު- ކިހިނެއްވީ- އޭޝްލީ- އެ ކަހަލަ ކަމެއް ކުރީ ކީއްވެގެން-؟"
އޭޝްލީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ހިނގައްޖެއެވެ. "ކުރީ ކީއްވެގެން ހެއްޔޭ-؟ އަހަރެން އެ ކަހަލަ ކަމެއް ކުރާނޭ ހެން ހީ..."
"އަޅާނުލާ-" ޝޭން މިލަރ އަވަސްއަވަހަށް ބުނެލިއެވެ. "އިތުރު ވާހަކަ ނުދައްކާ- ވަކީލު ނޫން މީހަކާ ވާހަކަދެއްކުމަކީ ރަނގަޅު ކަމަކަށް ނުވާނެ-"
އޭޝްލީ ބަލަން ހުރީއެވެ. އޭނާއަކީ ކުށްވެރިއެއް ކަމަށް ޝޭން މިލަރ ޤަބޫލު ކުރަނީއެވެ. "މި ތަނަށް އައީ ކީއްކުރަން-؟"
"މި ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން- އެކަމަކު... ކަންތައް ދިމާވީ ގޮތުން ކުންފުނީގެ ވަޒީފާއިން އޭޝްލީ ވަކިކޮށްފި- މި ކަހަލަ ކަންތައްގަނޑެއްގެ ތެރެއަށް ވަންނާކަށް އަހަރެމެން ބޭނުމެއް ނޫން- އޭޝްލީ މަސައްކަތްކުރަނީ ގްލޯބަލް ގައޭ ނޫސްތަކުގައި ޖަހާ، ޓީވީން ގޮވާ ހެދުމަކީ ކުންފުނީގެ އަގުވެއްޓޭ ކަމެއް- އޭޝްލީއަށް ވިސްނޭނޭ ކަމަށް ހީކުރަން- މިއީ އެއްގޮތަކަށް ވެސް ޒާތީ ނުރުހުމެއް އޮވެގެން ކުރި ކަމެއް ނޫން-"
(ނުނިމޭ)