އުއްމީދަކީ ދެ އަހަރު ތެރޭގައި ދުނިޔެއިން ކޮވިޑް- 19 ނައްތާލުން: ޑަބްލިޔުއެޗްއޯ

ދެއަހަރަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކޮވިޑް- 19 ބަލިލަމަޑުކަން ދުނިޔެއިން ނައްތާލެވޭނެކަމުގެ އުއްމީދު އެބައޮތް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. މިއީ ފާއިތުވި 21 ވަނަ ގަރުނުގެ ކުރީކޮޅު ދުނިޔެއަށް ފެތުރުނު ބަލިމަޑުކަން، ސްޕެނިޝް ފްލޫ ނައްތާލެވުނު މުއްދަތަށް ވުރެ ކުރު މުއްދަތެކެވެ. އެ ބަލިމަޑުކަން ދުނިޔޭގައި ފެތުރިފައިވަނީ ފެބުރުއަރީ 1918 އިން އެޕްރީލް 1920 އަށެވެ.

"އަހަރުމެން އުއްމީދުކުރަނީ ދެ އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭަގައި މި ބަލިމަޑުކަން ނިމިގެން ދާނެކަމަށް." ޖެނީވާގައި ހުންނަ ޑަބްލިޔުއެޗްއޯގެ މައި އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން ސެކްރެޓަރީ ޖެެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިއެެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަން ހާސިލުކުރެވޭނީ ދުނިޔެ އެކަތިގަނޑަކަށް ވެގެން ވެކްސިނެއް ހޯދައިގެންނެވެ.

ޓެޑްރޯސް ގަބޫލުކުރައްވާ ގޮތުގައި ސްޕެނިޝް ފްލޫ ފެތުރުނު ދުވަސްވަރަށް ވުރެ ދުނިޔެ މިހާރު އޮތީ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ހާލަތެއްގައެވެ. ދުނިޔެ ބަވަނަވެފައި ވުމާއި، ގާތްވެފައި ވުމާއި، ގުޅުންތައް އިތުރުވެފައި ފަސޭހަވުމުގެ ސަބަބުން ވިދުވަރެއްހާ ހަލުވިކޮށް ދުނިޔެއަށް ފެތުރުމުގެ ފުރުސަތު ނޮވެލް ކޮރޯނާ ވައިރަހަށް ލިބިގެން ދިޔައެވެ.

"އެހެންނަމަވެސް، ހަމަ މިއާއެކު، މިއަދު ވައިރަސް ހުއްޓުވާނެ ޓެކްނޮލޮޖީއާއި އިލްމު އަހަރުމެންނަށް ލިބިފައިވޭ. އެހެންކަމުން، ބަވަނަވުމާއި، ގާތްވުމާއި، ގުޅުންތަކުން އަހަރުމެންނަށް ގެއްލުން ލިބުނުއިރު، ޓެކްނޮލޮޖީއާއި އިލްމުގެ ފައިދާ އަހަރުމެންނަށް އެބައޮތް." ގެބްރަޔޭސަސް ވިދާޅުވިއެވެ.

"ވީއިރު، އަހަރުމެންގެ އުއްމީދަކީ ދެ އަހަރަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ބަލިމަޑުކަން ނިންމާލުން. (އެކަމުގެ) ތަޅުދަނޑިއަކީ ލިބެން ހުރި ވަސީލަތްތައް އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުންކުރުމާއެކު، އިތުރު ވަސީލަތެއް ލިބޭނެކަމަށް އުއްމީދުކުރުން. އެއީ ވެކްސިން." ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

ފާއިތުވި ޑިސެންބަރު މަހު ޗައިނާއިން ފެތުރެން ފެށި ކޮވިޑް- 19 ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރި މިހާތަނަށް 22.75 މިލިއަން މީހުންނަށް އެ ބަލި ޖެހި 8 ލައްކަ މީހުން ވަނީ މަރުވެފައެވެ.

1918 ވަނަ އަހަރު ދުނިޔެއަށް ފެތުރިގެން ދިޔަ ސްޕެނިޝް ފްލޫ 500 މިލިއަނެއްހާ މީހުންނަށް ޖެހި، 50 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.