ކޮވިޑް- 19 ދަނީ 'އޭގެ ދުވެލި ބާރުކުރަމުން': ޑަބްލިޔުއެޗްއޯގެ އިންޒާރު

ފާއިތުވި ޑިސެންބަރު މަހުއްސުރެ ދުނިޔޭގެ ކަންކޮޅުތަކުގައި ބާރަށް ފެތުރެމުންދާ ނޮވެލް ކޮރޯނާ ވައިރަސް (ކޮވިޑް- 19) ދަނީ ދުވަހެއް ދުވަހަކަށް އެ ފެތުރޭ ސްޕީޑް ހަލުވިކުރަމުން ކަަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

އިއްޔެ ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގަބްރަޔޭސުސް ވިދާޅުވީ "މި ބަލިމަޑުކަން ދަނީ ދުވެލި ބާރުކުރަމުން" ކަމުގައެެވެ.

"ފުރަތަމަ މީހާއަށް ބަލިޖެހުުނުކަން އެނގުނު ހިސާބުން ފެށިގެން 1 ލައްކަ މީހުންނަށް ޖެހެން 67 ދުވަަސް ނެގި. ދެ ލައްކަ ހަމަވާން 11 ދުވަސް ނެގިއިރު، ތިން ލައްކަ ހަމަވާން ނެގީ އެންމެ 4 ދުވަސް." ގަބްރަޔޭސުސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެނާ ވިދާޅުވީ، މި ވަބާގެ ދުވެލި މައިތިރިކުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމުގައެވެ.

އޭނާ ވަނީ ގައުމުތަކުން މި ވައިރަހަށް ޓެސްޓުކުރުމާއި 'ކޮންޓްރެކްޓް ޓްރޭސިންގ' އިތުރަށް ވަރުގަދަކުރުމަށް ގޮވައިލައްވާފައެެވެ.

"އެންމެ މުހިއްމީ އަަހަރުމެން ކުރާ މަސައްކަތް. ދިފާއުކޮށްގެން އެކަނި ފުޓުބޯޅަ މެެޗަކުން މޮޅު ނުވެވޭނެ. ހަމަލާވެސް ދޭންޖެހޭނެ." ފުޓުބޯޅަ ކުޅުންތެރިން ބައިވެރިވާ 'ކިކް އައުޓް ކޮރޯނާ ވައިރަސް' ކެމްޕޭން ފެއްޓުމަށްް ފީފާގެ ރައީސު ގިޔާއީ އިންފަންޓީނޯއާއެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިރެކްޓަރ ޖެެނެރަލް ގަބްރަޔޭސުސް ވިދާޅުވިއެވެ.

ކޮވިޑް- 19 ފެތުރޭ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާއިރު 173 ގައުމެއްގެ 3 ލައްކަ 79 ހާހަށްވުރެ ގިނަ މީހުންނަށް މިހާރު މި ބަލި ވަނީ ޖެހިފައެވެ. އަދި މި ބަލީގައި 16 ހާސް ފައްސަތޭކައަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަނެއްކޮޅުން މި ބަލި ޖެހިފައި ރަނގަޅުވި މީހުންވެސް 1 ލައްކައަށްވުރެ ގިނައެވެ.

މި ވަބާ ފެށުނު ގައުމު ކަމުގައިވާ ޗައިނާގައި ބަލި މައިތިރިވެފައި ވީ ނަަމަވެސް އިޓަލީ، އެމެރިކާ، ސްޕޭން، ޖަރުމަނު އަދި އީރާން ފަދަ ގައުުމުތަކުގައި މި ވަބާ ދަނީ އަދިވެސް ފެތުރެމުންނެވެ. މިހާރު އެންެމެ ބޮޑަށް މި ބަލި ފެތުރިފައިވާ އިޓަލީގައި 63 ހާހަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވާއިރު، 6 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ސްޕޭންގައި 35 ހާހަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު، 2 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.