ފަގީރު ގައުމުތަކަށް ކޮވިޑް- 19 ގެ 120 މިލިއަން އަވަސް ޓެސްޓް ކިޓް ދޭން ވަނީ ނިންމާފައި: ޑަބްލިޔުއެޗްއޯ

ކޮވިޑް- 19 ގެ ޓެސްޓް އަވަހަށް ހެދޭ ރެޕިޑް ޓެސްޓް ކިޓްތައް އުފައްދާ ކުންފުނިތަކުން އެތަންތަނުގެ އުފެއްދުންތަކުގެ ފަސްބައިކުޅަ އެއްބައި ފަގީރު ގައުމުތަކަށް ޚާއްސަކުރާނެ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ. ފަގީރު ގައުމުތަކަށް ވަނީ ބޭނުންވާ ވަރަށް ކޮވިޑް- 19 އަށް ޓެސްޓްކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ބޭނުންޖެހިފައިވާ ފަރާތްތަކަށް ހިލޭ އެހީ ފޯރުކޮށްދޭ ބައެއް ޖަމާއަތްތަކާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ޓެސްޓް ކިޓް އުފައްދާ ދެ ކުންފުންޏަކުން ވަނީ ފަގީރު އަދި މެދު މިނުގެ އާމްދަނީ ލިބޭ ގައުމުތަކަށް 120 މިލިއަން ކިޓް ޚާއްސަކުރުމަށް އެއްބަސްވެފައެެވެ. އެހެންނަމަވެސް، މިކަަމަށް ބޭނުންވާ ފައިސާ އެ ކުންފުނިތަކަށް ހަމައަށް ލިބިފައި ނުވެއެވެ.

އެންޓިޖެންއިން ވައިރަސް ދެނެގަންނަ، އަވަހަށް ނަތީޖާ ލިބޭ ޓެސްޓް ކިޓެއްގެ އަަގަކީ 5 އެމެރިކާ ޑޮލަރެވެ. އެހެންކަަމުން، މި ޕްރޮގްރާމަށް 600 މިލިއަން ޑޮލަރު ބޭނުންވެއެވެ. އެހެންނަމަވެސް ޑަބްލިޔުއެޗްއޯއިން ގަސްތުކުރަނީ މަހެއްހާ ދުވަހުގެ ތެރޭގައި މި ޕްރޮގްރާމް ފަށައި، ޕީސީއާރް ޓެސްޓް ކިޓް ބޭނުންކުރާނެ ފެންވަރު ނެތް ފަގީރު ގައުމުތަކަށް މިކިޓްތައް ފޯރުކޮށްދޭށެވެ.

މަތީ ފެންވަރުގެ ޖެނެޓިކް ޓެސްޓެއް ކަމުގައިވާ ޕީސީއާރް ޓެސްޓެކޭ އެއް ފެންވަަރުގެ ނަތީޖާއެެއް ނުލިބުނު ނަމަވެސް، އަގުހެޔޮ އެންޓިޖެން ޓެސްޓް ކިޓުންވެސް އިތުބާރު ކުރެވޭ ނަތީޖާއެެއް، ޕީސީއާރް ޓެސްޓަށްވުރެ މާ އަވަހަށް ލިބެއެވެ.

"މި ޓެސްޓުތަކުން އެތައް ގަޑިއިރެއް ނުވަަތަ ދުވަހެއްގެ ބަދަލުގައި 15-30 މިނިޓްގެ ތެރޭގައި، މާ ކުޑަ ޚަރަަދަކުން، މަތީ ފެންވަރުގެ މެޝިނަރީ ބޭނުންނުކޮށް އިތުބާރުހުރި ނަތީޖާ ލިބިދޭ." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި ކޮވިޑް- 19 ޓެސްޓް ކިޓް އުފައްދާ ދެ ކުންފުނި ކަމުގައިވާ، އެބަޓްއާއި އެސްޑީ ބަޔޯސެންސާއިން ވަނީ އަވަސް ނަތީޖާ ލިބިދޭ، ބޭނުންކުރަން ފަސޭހަ 120 މިލިއަން ޓެސްޓް ކިޓް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި އުފެއްދުމަށް ބިލް އެންޑް މިލިންޑާ ގޭޓްސް ފައުންޑޭޝަނާއެކު އެއްބަސްވުމަކަށް އައިސްފައެެވެ.

ބޮޑެތި ވަބާތަކާ ދެކޮޅަށް މަސައްކަތްކުރާ ގްލޯބަލް ފަންޑުގެ އެގްޒެކަޓިވް ޑިރެކްޓަރ ޕީޓަރ ސޭންޑްސް ވިދާޅުވި ގޮތުގައި ތަރައްގީ ވެފައިވާ ގައުމުތަކުގައި އާބާދީގެ ކޮންމެ އެއް ލައްކަ މީހަކަށް ދުވާލަކު އެވްރެޖްކޮށް ދުވާލަކު 292 ޓެސްޓް ހަދަމުންދާއިރު، ފަގީރު ގައުމުތަކުގައި އާބާދީގެ ކޮންމެ އެއް ލައްކަ މީހަކަށް ދުވާލަކު އެވްރެޖްކޮށް ހެދެނީ 14 ޓެސްޓެވެ.

މި ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޓެސްޓް ކިޓް ދިނުމަށް ހަމަޖެހިފައި ވަނީ އެފްރިކާގެ 20 ގައުމަކަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.