ކޮވިޑް-19 ގެ ސިއްހީ ކުއްލި ހާލަތު ނިމުނުކަން ޑަބްލިޔުއެޗްއޯއިން އިއުލާންކޮށްފި

ކޮވިޑް-19 އަކީ މިހާރު ސިއްހީ ކުއްލި ހާލަތު ދަމަހައްޓަންޖެހޭ ވަރުގެ ނުރައްކާތެރި ބައްޔެއް ނޫންކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން ކަނޑައަޅައި އެކަން އާއްމުކޮށް އިއުލާންކޮށްފިއެވެ. ދެއަހަރެއްހާ ދުވަހަށް މުޅި ދުނިޔެ ހުއްޓުމަކަށް ގެނެސް، 6.9 މިލިއަން މީހުން މަރުވުމުގެ ސަބަބެއް ކަމުގައިވި ކޮވިޑް-19 އަކީ މި ގަރުނުގައި ދުނިޔެއަށް ފެތުރުނު އެންމެ ނުރައްކާތެރި ވަބާއެވެ.

ޑަބްލިޔުއެޗްއޯގެ އެމަޖެންސީ ކޮމިޓިން މިއަދު ބޭއްވި ބައްދަލުވުމުން ނިންމާފައި ވަނީ ކޮވިޑް-19 އަކީ ދުނިޔޭގެ އާއްމު ސިއްހަތަށް ނުރައްކަލެއްކަމުގައި ބަލައި ކުއްލި ހާލަތު ދަމަހައްޓަން ޖެހޭ ބައްޔަކަށް މިހާރު ނުވާކަމުގައެވެ. މިނިންމުން ނިންމާފައި ވަނީ ފާއިތުވި ތިން އަހަރު އެ ބަލީގެ ނުރައްކާތެރިކަން އެ ދަރަޖައިގައި ދެމެހެއްޓުމަށް ފަހުގައެވެ.

"އެހެންކަމުން މިހާރު ކޮވިޑް-19 އަކީ އާލަމީ ކުއްލި ހާލަތު (ދަމަހައްޓަން ޖެހޭ ފެންވަރު) ގެ ބައްޔެއް ނޫންކަން އަހަރެން މިއަދު އިއުލާން މިކުރަނީ ނުހަނު އުއްމީދާއެކު." ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޮސް އަދަނޯމް ގެބްރަޔޭސަސް ވިދާޅުވިއެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވީ ކުއްލި ހާލަތު އުވާލުމަކީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ކުޑަވުން ނޫންކަމުގައެވެ. އަދި އެ ބަލި އަދިވެސް ދުނިޔޭގެ އާބާދީގެ ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައެވެ.

ޑަބްލިޔުއެޗްއޯގެ އެމަޖެންސީ ކޮމިޓީން ކޮވިޑް-19 އަކީ އާއްމު ސިއްހަތަށް އެންމެ ނުރައްކާތެރި ދަރަޖައިގެ ބައްޔެއް ކަމަށް ފުރަތަމަ ކަނޑައެޅީ 30 ޖަނަވަރީ 2020 ގައެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަމުގެ ދަރަޖަ ދަށްކުރުމަކީ ދުނިޔޭން އެބައްޔާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ކާމިޔާބީގެ ރަމްޒެކެވެ.

"ކޮވިޑް-19 ވަނަ ދުނިޔެ ބަދަލުކޮށްލާފައި. އަދި އެބަލި ވަނީ އަހަރުމެން ބަދަލުކޮށްލާފައި. އެކަން ވާންވީވެސް އެހެން. ކޮވިޑް-19  ގެ ކުރިން އަހަރުމެން އުޅުނު ގޮތަށް އަހަރުމެން އެނބުރި ގޮސްފިނަމަ އަހަރުމެންނަކީ ފިލާވަޅު ލިބިގަތް ބަޔަކަށް ނުވާނެ." ގެބްރަޔޭސަސް ވިދާޅުވިއެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެތެރޭގައި ކޮވިޑް-19 ޖެހިގެން ދުނިޔޭގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. 2021 އަހަރުގެ ޖަނަވަރީ މަހު އެބަލީގައި ހަފުތާއަކު އެއް ލައްކަ މީހުން މަރުވިއިރު، 2023 އަހަރުގެ އެޕްރީލް މަހުގެ 3 ވަނަ ހަފުތާގައި މަރުވެފައި ވަނީ އެންމެ 3500 މީހުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.