މިދިޔަ އަހަރު އެސްޓީއޯގެ ސާފު ފައިދާ އެތައް ގުނައެއް އިތުރުވެ، 303 މިލިއަން ރުފިޔާއަރާ ކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި 2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 14 މިލިއަން ރުފިޔާއެވެ. މިދިޔަ 2019 ވަނަ އަހަރަކީ އެސްޓީއޯގެ ތާރީޚުގައިވެސް މާލީގޮތުން އެންމެ ކާމިޔާބު އެއްއަހަރުކަމަށް އެ ކުންފުނިން ހާމަކުރައްވައެވެ. ކުންފުނީގެ ޖުމްލަ ފައިދާ އޭގެކުރީ އަހަރާ އަޅާބަލާއިރު 13 އިންސައްތަ އިތުރުވެފައިވާއިރު، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރުވެފައެވެ. މުޅި އެސްޓީއޯ ގްރޫޕްގެ ފައިދާވެސް ވަނީ 2018 ވަނަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ނިމިދިޔަ އަހަރު އެސްޓީއޯ ގްރޫޕް ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެސްޓީއޯ އަހަރީ އާންމު ޖަލްސާ މިމަހު 30 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބޭއްވުމަށް ވަނީ ހަމަޖައްސަވައިފައެވެ. އަހަރީ އާއްމު ޖަލްސާ ބާއްވަން ހަމަޖައްސަވައިފައި ވަނީ މައިކްރޯސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.
އެސްޓީއޯ އަހަރީ އާއްމު ޖަލްސާގައި ފާސްކުރަން ހުށަހަޅާ ކަންކަމުގެ ތެރޭގައި މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅުން ހިމެނެއެވެ. އަދި މިއަހަރުގެ އޮޑިޓަރުންގެ ގޮތުގައި ޕްރައިސްވޯޓަރހައުސް ކޫޕަރސް ޢައްޔަންކުރުމަށްވެސް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅުއްވަން ވަނީ ނިންމައިފައެވެ.
ޑިރެކްޓަރުންގެ ބޯޑުގައި ސަރުކާރު ތަމްސީލްކުރައްވާ ޑިރެކްޓަރުންނަށް، އަހަރީ އާންމު ޖަލްސާގައި، ބަދަލެއް ނުގެންނަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އެކުންފުންޏަށް އަންގަވާފައިވާކަމަށް ވެސް އެސްޓީއޯ އިން ހާމަކުރައްވައެވެ. ޕަބްލިކް ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ދެ ބޭފުޅުންނާ އިންޓަވިއުކޮށް، އިވެލުއޭޓްކުރުމަށްފަހު ހ.މޮސްކޯގޭ އާމިނަތު ރުޝްމާ އިންތިޙާބްކުރުމަށް އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
އަހަރީ އާންމު ޖަލްސާގައި، 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ އަދި 2019 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ ހިސާބުތައް ފާސްކުރުމަށް ވެސް ވަނީ އެޖެންޑާކުރެވިފައެވެ.