(15 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އެކަމަކު ހިތާވާ ހިތްވެއެއްނުން-؟ ދޯ-؟"
"ވެދާނެ-"
"އެހެން ވެއްޖެއްޔާ ގުޅާ-"
"އެއީ ރަނގަޅު ކަމަކަށް ވާނެ ހެންނެއް އަހަންނަކަށް ހިއެއް..."
"ގުޅާ-"
އެ ދެ މީހުން ބައްދަލުކުރީ ޑީ ޔަންގް މިއުޒިއަމުންނެވެ.
"މިދިޔަ ދުވަސްކޮޅު އަހަރެން ކަލޭގެ މަތިން ވަރަށް ބޮޑަށް ހަނދާން ކުރިން-" ރިޗަރޑް މެލްޓަން ބުންޏެވެ. "ކެބެކް ކިހިނެއް-؟"
"ރަނގަޅު-"
"އަހަންނަށް ވެސް ކަލެއާއެކީ ދެވުނުނަމަ ހާދަހާ ރަނގަޅޭ ހިތަށްއަރާ-"
ކޮންމެވެސް ދުވަހަކުން ދެ މީހުން އެކީގައި ދާނީއެވެ. އެލެޓްގެ ހިތަށްއެރިއެވެ. "ކުރެހުމުގެ ކަންތައް ދަނީ ކިހިނެއް-؟"
"ރަނގަޅު- އަހަރެންގެ ކުރެހުމެއް ވަރަށް މަޝްހޫރު މީހަކަށް ވިއްކާލައިފިން-"
"އެހެންތަ-؟" އޭނާ ވަރަށް އުފާވިއެވެ. އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަހަރެން ރިޗަރޑްގެ ކައިރީގައި ހުންނަ އިރު ވަރަށް އުފާވެރި އިޙްސާސްތަކެއް ކުރެވެއެވެ. އެހެން މީހެއްގެ ކައިރީގައި ހުރެވުނުނަމަ މިހާރު ހިތުގައި އޮތީހީ މުޅިން އެހެން ވާހަކައެކެވެ. ތާނކުންތާނކު ނުޖެހޭ ކުރެހުމެއް ގަތީ ކާކުހެއްޔޭ ހިތަށް އަރާނެއެވެ. މި ނޫނަސް މި ބާވަތުގެ ނުބައި އެތައް ޚިޔާލެއް ހިތަށް ވަންނާނެއެވެ. އެކަމަކު ރިޗަރޑާ ބެހޭގޮތުން އެކަހަލަ އެއްވެސް އެއްޗެކޭ ހިތަކަށް ނާރައެވެ.
މި ޚިޔާލުތަކުގެ ސަބަބުން އެލެޓަށް ވަރަށް ބޮޑު މިނިވަންކަމެއް ލިބުނުކަމުގެ އިޙްސާސް ކުރެވުނެވެ. ހީވަނީ އެތައް ދުވަހަކަށް ދިގުދެމިގެން ގޮސްފައިވާ ބައްޔަކަށް ފަރުވާއެއް ލިބުނު ހެންނެވެ.
ދެ މީހުން ކެއީ އެ ތާނގައި ތިބެގެންނެވެ.
"ގެންނާނީ ކޯޗެއް-؟" ރިޗަރޑް އަހައިލިއެވެ. "މި ތާނގައި ހުންނަ ރޯސްކުރި ގެރިމަސް ވަރަށް މީރުވާނެ-"
"އަހަރެން މަހެއް ނުކަން- ސެލަޑަކުން ފުދޭނެ-"
"އެންމެ ރަނގަޅު-"
އަންހެން ވެއިޓަރަކު އަތުވެއްޖެއެވެ. "ހަލޯ ރިޗަރޑް-"
"ހަލޯ ބާރނިސް-"
އެލެޓްގެ ހިތުގައި ހަސަދައިގެ އޮއިވަރު ހިނގައިގެންފިއެވެ. ޚުދު އޭނާ ވެސް ޙައިރާންވިއެވެ.
"އޯޑަރު ދޭން ވެއްޖެތަ-؟"
"އާނ- މިސް ޕީޓަރސްއަށް ގެންނާނީ ސެލަޑެއް- އަހަންނަށް ގެންނާނީ ރޯސްކުރި ގެރިމަހުގެ ސޭންޑްވިޗެއް-"
ވެއިޓަރު ބަލަމުން ދިޔައީ އެލެޓާ ދިމާއަށެވެ. އޭނާގެ ހިތުގައި ވެސް އަހަރެންގެ މައްޗަށް ހަސަދަވެރިކަން އުފެދުނީ ބާވައެވެ؟ އެލެޓްގެ ހިތަށްއެރިއެވެ. އޯޑަރު ނަގައިގެން ވެއިޓަރު ދިޔައީމާ އެލެޓް ބުނެލިއެވެ. "އެއީ ވަރަށް ރީތިކުއްޖެއް- އޭނާއަކީ ކުރީއްސުރެ ދަންނަ ކުއްޖަކީތަ-؟" ސުވާލު ދުލުން ބޭރު ވުމާއެކު އޭނާ ދެރަވެއްޖެއެވެ. އެހެން ނޭހުނު ނަމައޭ ހިތަށްއެރިއެވެ.
ރިޗަރޑް ހިނިތުންވެލިއެވެ. "އަހަރެން ވަރަށް ގިނައިން މި ތަނަށް އަންނަން- ފުރަތަމަ އައި ދުވަހަކު އަހަރެންގެ އަތަކު މާގިނަ ފައިސާއެއް ނެތް- އަހަރެން ސޭންޑްވިޗަކަށް އޯޑަރު ކުރީމާ ބާރނިސް ގެނެސްދިނީ ވަރުގަދަ ކޭމެއް ވަރުގެ ސޭންޑްވިޗެއް- އެއީ ވަރަށް ރަނގަޅު ކުއްޖެއް-"
"ފެންނަ ފެނުމުގައި ވަރަށް ރަނގަޅު" އެލެޓް ބުނެލިއެވެ. އޭނާގެ ފައި މާ ފަލައެވެ.
ކާ އެއްޗެއްސަށް އޯޑަރު ކުރުމަށް ފަހު ދެ މީހުން ވާހަކަ ދައްކަމުން ދިޔައީ ކުރެހުންތެރިންނާ ބެހޭ ގޮތުންނެވެ. ވަގުތު ފާއިތު ވެގެން ދިޔަ ގޮތެއް ވެސް ނޭނގުނެވެ.
ކައި ނިމިގެން ދެ މީހުން ދިޔައީ އެކިއެކި ގެލަރީތަކުގައި ހުރި ކުރެހުންތައް ބަލާށެވެ.
ރިޗަރޑާ އެކީ ތަންތަނަށް ދެވުނީމާ އެލެޓްގެ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. އެހެން މީހުންނާ ބެހޭ ގޮތުން އޭނާގެ ހިތުގައި ހިނގާ ކަހަލަ ނުބައި ޚިޔާލުތަކެއް ރިޗަރޑާ ބެހޭ ގޮތުން އޭނާގެ ހިތަކު ނުހިނގައެވެ.
ޔުނިފޯމުގައި ހުރި ގާރޑަކު އެ ދެ މީހުންގެ ކައިރިއަށް އަތުވެއްޖެއެވެ. "ހަލޯ ރިޗަރޑް-"
"ހަލޯ ބްރަޔަން- މިއީ އަހަރެންގެ ރައްޓެއްސެއް- އެލެޓް ޕީޓަރސް- އެލެޓް- މިއީ ބްރަޔަން ހިލް-"
ބްރަޔަން އެލެޓާ ދިމާއަށް ބަލައިލިއެވެ. "މި ދާރުލްއާޘާރު ރަނގަޅުތަ-؟"
"އާނ- ވަރަށް ރަނގަޅު-"
"ރިޗަރޑް އަހަންނަށް ކުރަހަން ދަސްކޮށްދޭތާ ދުވަސްކޮޅެއް ވެއްޖެ-"
އެލެޓް ރިޗަރޑާ ދިމާއަށް ބަލައިލިއެވެ. "އެއީ ތެދެއްތަ-؟"
ރިޗަރޑް ބުނެލިއެވެ. "އަހަރެން ކުޑަކޮށް ކިޔައިލަދެނީ-"
"އެއީ ހުސް ދޮގު- ހަމައެކަނި ކުޑަކޮށް ކިޔައިލަދެނީއެއް ނޫން- އަހަންނަކީ ކުޑަ އިރުއްސުރެ ކުރަހާ ހިތްވާ މީހަކީން- އަހަރެން މި ތަނުން ވަޒީފާއެއް ހޯދީވެސް ކުރެހުމަށް ހުންނަ ޝައުގުވެރި ކަމެއްގެ ބޮޑުކަމުން- ރިޗަރޑް ވަރަށް ގިނައިން މި ތަނަށް އައިސް ކުރަހާ- އަހަންނަށް ރިޗަރޑްގެ ކުރެހުންތައް ފެނުނީމާ އޭނާ ކަހަލަ މޮޅު ކުރެހުންތެރިއަކަށް ވާ ހިތްވީ- އޭނާގެ އެހީއަށް އެދުނީ އެހެން ވެގެން- ރިޗަރޑްގެ ކުރެހުން ދެކެންތަ-؟"
"އާނ-" އެލެޓް ބުނެލިއެވެ. "ވަރަށް ރީތި-"
އެ ތަނުން ނުކުމެގެން އަންނަމުން އެލެޓް ބުނެލިއެވެ. "ރިޗަރޑް- އޭނާއަށް ދަސްކޮށްދޭކަން ވަރަށް ރަނގަޅު-"
"މީހުން ބޭނުން ކަންތައްތައް ކޮށްދިނުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެއް-" އޭނާ މިހެން ބުނި އިރު ބަލަން ހުރީ އެލެޓާ ދިމާއަށެވެ.
"އަހަރެންގެ ކޮޓަރީގައި އުޅޭ އަނެއް މީހާ މިރޭ ނޫޅޭނެ- އޭނާ ވީ ޕާޓީއަކަށް ގޮސް- އަހަރެންގެ ކޮޓަރިއަށް ޖައްސައިލަން ވީއެއް ނުން-؟" ރިޗަރޑް ބުނެލިއެވެ. "އަހަރެންގެ ކޮޓަރީގައި ވަރަށް ރީތި ކުރެހުން ހުންނާނެ-"
އެލެޓް ރިޗަރޑްގެ އަތުގައި ހިފައިލިއެވެ. "އަދި ނުވޭ- ރިޗަރޑް-"
"އެންމެ ރަނގަޅު- މި އަންނަ ހަފްތާގެ ބަންދުގައި ބައްދަލުކުރާނީ-"
"އާނ-"
އެލެޓް އެ ކަމަށް ބޭނުންވެފައިވާ މިންވަރެއް ރިޗަރޑަކަށް ލަފާ ކޮށްލަންވެސް ނޭނގޭނެއެވެ.
* * *
އެރޭ އެލެޓް ނިދީ ވަރަށް ހަމަޖެހިގެންނެވެ. ނިދެމުން ދިޔަ އިރު އޭނާގެ ހިތަށްއެރިއެވެ. އަހަރެން މިނިވަންވީއެވެ. ރިޗަރޑް އަހަންނަށް މިނިވަންކަން ހޯދައިދިނީއެވެ. އެ ރޭ އޭނާއަށް ހުވަފެނުން ރިޗަރޑް ފެނުނެވެ.
ރިޗަރޑް މެލްޓަންއާ އެކީ އޭނާގެ ކޮޓަރީގައި އުޅޭ ގެރީ ގެއަށް އައީ މެންދަމުން އަލިވެ ދޭއް ޖެހި ތަނާއެވެ. އެޕާޓްމަންޓް އޮތީ އަނދިރިކޮށެވެ. އޭނާ ބޮޑުކޮޓަރީގެ ބޮކި ދިއްލައިލިއެވެ. "ރިޗަރޑް-"
އޭނާ ނިދާ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ބަލައިލިއެވެ. އެ ވަގުތު އޭނާއަށް ހޮޑުނުލެވުނީ ކިރިޔާއެވެ.
"ހަމަޖެހޭ ކޮއިފުޅާ-" އޭނާގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން ތުރުތުރު އަޅައަޅާ އިން ޒުވާނާއާ ދިމާއަށް ބަލައިލައިފައި ޑިޓެކްޓިވް ވިޓިއަރ ބުނެލިއެވެ. "އަލުން ވާހަކަ ފަށަމާ ހިނގާ- އޭނާ ދެކެ ރުޅި އަންނަ އެއްވެސް މީހަކު އުޅޭތަ-؟ ރުޅި އައިސްގެން މި ކަހަލަ ކަމެއް ކޮށްލާ ކަހަލަ މީހަކު އުޅޭތަ-؟"
ގެރީ ހިން ދިރުވައިލިއެވެ. "ނޫޅޭ- އެންމެންވެސް ރިޗަރޑް ދެކެ ލޯބި ވޭ-"
"ލޯބި ނުވާ އެކަކު އެބަ އުޅެއެއްނުން-؟ ކަލެއާ ރިޗަރޑާ ދެ މީހުން އެކީގައި އުޅޭތާ ކިހައި ދުވަހެއް ވެދާނެ-"
"ދެ އަހަރު-"
"ކަލޭމެން ދެ މީހުން އުޅެނީ ހިތާވެގެންތަ-؟"
ގެރީ ޗޮކެއް ކަނޑައިލިއެވެ. "އަހަރެމެން ދެ މީހުންނަކީ ދެ ރަޙްމަތްތެރިން- އަހަރެމެން އެކީގައި އުޅެނީ ފައިސާގެ ދަތިކަން އޮތީމާ-"
ޑިޓެކްޓިވް ވިޓިއަރ އެޕާޓްމަންޓް ތެރެއަށް ނަޒަރު ހިންގައިލިއެވެ. "މިއީ ވައްކަމުގެ ހާދިސާއެއް ނޫންކަން ޔަޤީން-" އޭނާ ބުނެލިއެވެ. "މީހަކު ވަގަށް ނަގާނޭ އެއްޗެއް މި ތާނކު ނެތް- ކަލޭގެ ރަޙްމަތްތެރިޔާ އުޅެނީ އެއްވެސް މީހަކާ ހިތާ ވެގެންތަ-؟"
"ނޫން... އާނ- އޭނާ ލޯބިވާ ކުއްޖަކު އުޅޭ- ދެ މީހުންގެ ދެމެދުގައި ވަރުގަދަ ގުޅުމެއް އުފެދުނު ކަމެއް ނޭނގޭ-"
"އެ ކުއްޖެއްގެ ނަން ކަލެއަށް އެނގޭތަ-؟"
"އާނ- އެލެޓް- އެލެޓް ޕީޓަރސް- އޭނާ މަސައްކަތް ކުރަނީ ކަޕަޗީނޯގައި-"
ޑިޓެކްޓިވް ވިޓިއަރއާއި، ޑިޓެކްޓިވް ރޭނޯލްޑްސް އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ.
"ކަޕަޗީނޯ އޭ-؟"
"ޔާ ރައްބީ-" ރޭނޯލްޑްސްއަށް ބުނެލެވުނެވެ.
އޭގެ ތިރީސް މިނިޓް ފަހުން ޑިޓެކްޓިވް ވިޓިއަރ އިނީ ޝެރިފް ޑޮވްލިންގ އާ ފޯނުން ވާހަކަ ދައްކާށެވެ. "ޝެރިފް- މިހާރު ދިމާވެގެން އުޅޭ ކަންތައްތަކުގެ ގޮތުން ތިޔަ ހިސާބާ ގުޅޭ ކަހަލަ މަޢުލޫމާތެއް އޮވެދާނެތީ ގުޅައިލީ- މި ހިސާބުގައި މީހަކު މަރައިލައިފައި އޮއްވާ ފެނިއްޖެ- މަރައިލައިފައި އޮތީ ކަޕަޗީނޯގައި މަރައިލި މީހާ މަރައިލައިފައި އޮތް ގޮތަށް- ވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ތަޅައިގަތް ގަތީނުން- ޖިންސީ ގުނަވަނެއް ނެތް-"
"ޔާ ރައްބީ-"
"އަހަރެން ދާދި ދެންމެއަކު އެފްބީއައި މީހުންނާ ވާހަކަ ދެއްކިން- އެ މީހުން ބުނާ ގޮތުގައި ހަމަ މި ކަހަލަ ގޮތަކަށް މީގެ ކުރިން ތިން މީހަކު މަރައިލައިފައި ވޭ- ފުރަތަމަ މީހާ ބެޑްފޯޑްގައި- މީގެ ދިހަ ވަރަކަށް އަހަރު ކުރިން- ދެވަނަ މީހަކީ ޑެނިސް ޓިބްލް އޭ ކިޔާ މީހެއް- ތިން ވަނަ މީހާ ފެނުނީ ކެބެކް ސިޓީން- އަހަރެމެންނަށް ފެނިގެން މި އުޅެނީ ހަތަރު ވަނަ މީހާ-"
"ތިޔައީ ޙައިރާންވާ ކަހަލަ ކަމެއް- ޕެންސިލްވޭނިއާ... ކަޕަޗީނޯ... ކެބެކް ސިޓީ... ސެން ފްރެންސިސްކޯ... އެއްވެސް ގުޅުމެއް ފެންނާން އެބަ އޮތްތަ-؟"
"އަހަރެމެން މި އުޅެނީ އެ ކަހަލަ ކަމެއް ފެނޭތޯ- ކެބެކް ސިޓީއަށް ދެވޭނީ ޕާސްޕޯޓެއް އޮވެގެން- އެފްބީއައި މީހުން މިހާރު މަސައްކަތް ކުރަމުން ދަނީ ކްރިސްމަސް ތެރޭގައި ކެބެކް ސިޓީގައި އުޅުނު މީހަކު ކުރީގެ ޙާދިސާތައް ހިނގައިފައިވާ ރަށްރަށުގައި، އެ ޙާދިސާތައް ހިނގި ދުވަސްވަރު އުޅުނުތޯ ބަލަމުން-"
ނޫސްވެރިންނަށް މި މަރުގެ ޙާދިސާގެ ހިލަންވުމާ އެކު އެ ޚަބަރު ނޫސްތަކާއި، ރޭޑިއޯ އާއި، ޓީވީ ގެ ފަލަސުރުޚީއަށް ވެއްޖެއެވެ.
މީހުން މަރާ މީހަކު އަތުނުޖެހި މީހުން މަރަމުން ދަނީ...
މި ސުރުޚީ އެކި ބަސްބަހުން އެކި ނޫސްތަކުގައި ޖަހަން ފަށައިފިއެވެ.
ބައެއް ޓީވީ ޗެނަލްތަކުން ނަފްސާނީ ޢިލްމުގެ މާހިރުންނާ ސުވާލުކޮށްގެން މިއީ ކޮންކަހަލަ މީހަކު ހިންގާ ޢަމަލުތަކެއްތޯ ބެލުމުގެ މަސައްކަތް ވެސް ކުރަން ފަށައިފިއެވެ.
"މީހުން މަރައިފައިވާ ގޮތަށް ބަލައި އިރު އެންމެންވެސް ތިބީ އެއް ޙާލަތެއްގައި... ޖިންސީ ގުނަވަނެއް ނެތް... އެހެންވީމާ ބުނެވޭނީ މިއީ އެއްޖިންސުގެ ގުޅުން ހިންގާ މީހެއްގެ ޢަމަލަކަށް ވުން ގާތޭ..."
"ބުނެވެން އޮތީ މިއީ އެ ހުރިހާ ފިރިހެނުންނާ ހިތާވެގެން އުޅުނު މީހެއްގެ ކަމެކޭ..."
"އަހަރެން ދެކޭ ގޮތުގައި މިއީ ނުފޫޒުގަދަ މަންމައެއްގެ ބާރުގެ ދަށުގައި އުޅެން ޖެހިފައިވާ މީހަކު ކޮށްގެން އުޅޭ ކަމެކޭ..."
ހޮނިހިރު ދުވަހު ހެނދުނު ޑިޓެކްޓިވް ވިޓިއަރ ސެން ފްރެންސިސްކޯއަށް ޑެޕިއުޓީ ބްލޭކަށް ފޯނުން ގުޅިއެވެ.
"ޑެޕިއުޓީ- އަހަރެން މި ގުޅައިލީ އިތުރު މަޢުލޫމާތު ލިބުނީމާ-"
"އަވަހަށް ކިޔައިދީ-"
"އަހަންނާ ދެންމެ އެފްބީއައި އިން ގުޅި- ޕޭރެންޓް މަރައިލި އިރު ކެބެކް ސިޓީގައި އުޅުނު އެމެރިކާ މީހަކު އުޅޭ ރަށެއްގެ ގޮތުގައި ފާހަގަކޮށްފައި ކަޕަޗީނޯ އެބަ އޮތް-"
"ތިޔައީ ވަރަށް ބޭނުންތެރި މަޢުލޫމާތެއް- އެ މީހެއްގެ ނަމަކީ ކޮބާ-؟"
"ޕެޓަރސަން- އޭޝްލީ ޕެޓަރސަން-"
ޑެޕިއުޓީ ސޭމް ބްލޭކް އޭޝްލީގެ އެޕާޓްމަންޓަށް ދިޔައީ އެ ދުވަހުގެ ހަވީރު ހައެއް ޖެހި އިރުއެވެ. ދޮރުގެ ރަނގަބީލު ޖަހައިލީމާ އެތެރެއިން އަހައިލި އަޑުއިވުނެވެ. "ކާކު-؟"
"ޑެޕިއުޓީ ބްލޭކް- މިސް ޕެޓަރސަން- އަޅުގަނޑު މި އައީ ދެ ތިން ސުވާލެއް ކޮށްލަން ޖެހިގެން-"
އިރުކޮޅެއް ވެފައި ދޮރު ހުޅުވިއްޖެއެވެ.
"އަޅުގަނޑު އެތެރެއަށް ވަނަސް އެންމެ ރަނގަޅުތޯ-؟"
"ވަންނަވާ-" އެ އައީ ބައްޕައާ ބެހޭ ގޮތުން ސުވާލު ކުރަން ހެއްޔެވެ؟ އަހަރެން ޖަވާބު ދޭން ޖެހޭނީ ވަރަށް ވިސްނައިގެންނެވެ. ބްލޭކް އިށީންނަން ގޮނޑިއެއް ދައްކާފައި އޭނާ އަހައިލިއެވެ. "ކިހިނެއްވީތޯ-؟ ކުރައްވަން އުޅުއްވާ ސުވާލަކީ ކޮބައިތޯ-؟"
"ދެ ތިން ސުވާލެއް އެބަ އޮތް-"
އޭޝްލީ އިށީނދެއްޖެއެވެ. "ކޮން ސުވާލެއްތޯ؟ އަޅުގަނޑަކީ ޝައްކުކުރެވޭ މީހަކަށް ވަނީތޯ-؟"
ބްލޭކް ހިނިތުންވެލިއެވެ. "ނޫން އެ ކަހަލަ ކަމެއް ނޫން- އަޅުގަނޑު މި އުޅެނީ ހަމަ އާދައިގެ ބުރަކަށް ނުކުމެ- އަޅުގަނޑުމެން މި އުޅެނީ މަރުގެ ޙާދިސާއެއްގެ ތަޙްޤީޤުގެ ތެރޭގައި-"
"އެއްވެސް މީހެއްގެ މަރާ ބެހޭ ގޮތުން އަޅުގަނޑަކަށް އެއްވެސް އެއްޗެއް ނޭނގޭ-" އޭނާ އަވަސްއަވަހަށް ބުނެލިއެވެ. ޖަވާބު ދެވުނީ އަނެއްކާ މާ އަވަހަކަށް ނޫން ބާވައެވެ؟
"ވަރަށް ފަހުން ކެބެކް ސިޓީއަށް ދުރުވީމެއް ނޫންތޯ-؟"
"ލައްބަ-"
"ޖީން ކްލައުޑީ ޕޭރެންޓޭ ނަމަކަށް ކިޔާ މީހަކު ދެނެލައްވަންތޯ-؟"
"ޖީން ކްލައުޑީ ޕޭރެންޓް-؟" އޭޝްލީ ވިސްނައިލިއެވެ. "ނޫން- އަޅުގަނޑު ތިޔަ ނަމެއްވެސް އަޑެއް ނާހަން- އެއީ ކާކުތޯ-؟"
"އޭނާއަކީ ކެބެކް ސިޓީގައި ގަހަނާ ފިހާރައެއް ހިންގާ މީހެއް-"
އޭޝްލީ ބޯހޫރައިލިއެވެ. "އަޅުގަނޑު ކެބެކް ސިޓީއަކުން ގަހަނާއެއް ނުގަންނަން-"
"ޑެނިސް ޓިބްލްއާ އެކީ މަސައްކަތް ކުރެއްވީމެއް ނޫންތޯ-؟"
އޭޝްލީގެ ހިތަށް އަނެއްކާވެސް ބިރުވެރިކަން ވަންނަން ފަށައިފިއެވެ. މިއީ ބައްޕަގެ މައްޗަށް ޝައްކުކޮށްގެން ކުރާ ސުވާލުތަކެއްކަން ޔަޤީނެވެ. އޭނާ ފަރުވާތެރިކަމާ އެކު ބުނެލިއެވެ. "އަޅުގަނޑު އޭނާޔާ އެއްކަކު މަސައްކަތެއް ނުކުރަން- އޭނާ ވެސް މަސައްކަތްކުރަނީ އަޅުގަނޑު މަސައްކަތްކުރާ ކުންފުނީގައި-"
"ލައްބަ- މިސް ޕެޓަރސަން- ސެން ފްރެންސިސްކޯއަށް ވަރަށް ގިނައިން ދުރުވަން- އެހެންނޫންތޯ-؟"
މިއީ އަނެއްކާ ކީއްވެގެން ކުރި ސުވާލެއް ބާވައޭ އޭނާގެ ހިތަށްއެރިއެވެ. "ދޭތެރެދޭތެރެއިން ދަން-"
"އެ ތަނުން ރިޗަރޑް މެލްޓަންއޭ ނަމަކަށް ކިޔާ ކުރެހުންތެރިއަކާ ބައްދަލު ވިތޯ-؟"
"ނޫން- ތިޔަ ނަން ކިޔާ މީހެއް އަޅުގަނޑެއް ނުދަންނަން-"
ބްލޭކް އޭޝްލީއާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން މޫނުމަތިން އެނގެއެވެ. "މިސް ޕެޓަރސަން- އަޅުގަނޑާ އެކީ ފުލުސް އޮފީހަށް ދުރުވެ، ޕޮލީގްރާފް ޓެސްޓެއް ހެއްދެވުމާ މެދު އެއްވެސް އިޢުތިރާޟެއް އެބައޮތްތޯ-؟ ބޭނުންވެލައްވަންޏާ ވަކީލަކު ގެންނެ..."
(ޕޮލީގްރާފް ޓެސްޓަކީ ދޮގު ހަދާތޯ ބަލަން ވަކި ކަހަލަ މެޝިނެއްގެ ބޭނުން ކޮށްގެން ހަދާ ޓެސްޓެކެވެ.)
"ވަކީލަކު ގެންނާކަށް އަޅުގަނޑު ބޭނުމެއް ނޫން- ތިޔަ ބުނުއްވާ ޓެސްޓެއް ހަދަން އަޅުގަނޑު މިހުރީ ތައްޔާރަށް-"
ޕޮލީގްރާފް ޓެސްޓް ހަދަން ހުރި މީހާގެ ނަމަކީ ކީތު ރޮސަންއެވެ. އެއީ އެމެރިކާގައި އެ ކަމަށް އެންމެ މޮޅު ކަމަށް ކިޔާ މީހުންގެ ތެރެއިން އެކެކެވެ.
އޭޝްލީ އިނީ ގޮނޑިއެއްގައި އިށީނދެގެންނެވެ. ރޮސަން ސާޅީސް ފަސް މިނިޓެއް ހައި އިރު ވާންދެން އޭޝްލީއާ ވާހަކަދެއްކިއެވެ. އެއީ އޭނާޔާ ބެހޭ މަޢުލޫމާތު ހޯދުމުގެ ބޭނުމުގަޔާއި، ސިކުނޑީގެ ޙާލަތު ހުރި ވަރެއް ބެލުމުގެ ބޭނުމުގައެވެ. މިހާރު އެހެރީ ސުވާލު ކުރަން ތައްޔާރު ވެފައެވެ.
"ތިޔަ އިންނެވީ އަރާމުކޮށްތޯ-؟"
"ލައްބަ-"
"ފަށަމާ ހިންގަވާ-" އޭނާ ގޮބަކަށް ފިތައިލިއެވެ. "ކޮން ނަމެއްތޯ ކިޔަނީ-"
"އޭޝްލީ ޕެޓަރސަން-"
ރޮސަން ދިޔައީ އޭޝްލީގެ މޫނަށާއި، ޕޮލީގްރާފުން ނުކުންނަ ކަރުދާސްގަނޑަށް ބަލަމުންނެވެ.
"ޢުމުރުން ކިހައި ދުވަހެއް ވެއްޖެތޯ-؟"
"އަށާވީސް އަހަރު-"
"ދިރި އުޅުއްވަނީ ކޮންތާނކު ތޯ-؟"
"10964 ވިއާ ކަމީނޯ، ކަޕަޗީނޯގައި-"
"ވަޒީފާއެއް އަދާ ކުރައްވަންތޯ-؟"
"ލައްބަ-"
"މުސްކުޅި މިއުޒިކް އަޑުއައްސަވާ ހިތްވޭތޯ-؟"
"ލައްބަ-"
"ރިޗަރޑް މެލްޓަން ދެނެލައްވަންތޯ-؟"
"ނޫން-"
ގްރާފަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
"މަސައްކަތްކުރައްވަނީ ކޮންތާނކުތޯ-؟"
"ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ކޯޕަރޭޝަނުގައި-"
"އެ ތާނގައި މަސައްކަތް ކުރައްވާ ހިތް ވޭތޯ-؟"
"ލައްބަ-"
"ހަފްތާއަކު ފަސް ދުވަހު މަސައްކަތް ކުރައްވަންތޯ-؟"
"ލައްބަ-"
"ޖީން ކްލައުޑީ ޕޭރެންޓާ ދުވަހަކުވެސް ބައްދަލު ވިތޯ-؟"
"ނޫން-"
ގްރާފަކަށް އަދިވެސް ބަދަލެއް ނާދެއެވެ.
"މިއަދު ހެނދުނު ނާސްތާ ކުރެއްވިންތޯ-؟"
"ލައްބަ-"
"ޑެނިސް ޓިބްލް މަރައިލީ އޭޝްލީތޯ-؟"
"ނޫން-"
ބައި ގަޑިއިރު ވާންދެން ސުވާލުކުރުން އޮތެވެ. ތިން ފަހަރު ފަށްކުރެވުނެވެ.
ސުވާލުކޮށް މުޅިން ނިމުނީމާ ރޮސަން ގްރާފް ހިފައިގެން ސޭމް ބްލޭކްގެ އޮފީހަށް ގޮސް އޭނާގެ އަތަށް ދީފައި ބުންޏެވެ. "މުޅިން ސާފު- ދޮގު ހަދާނީ އޭ ބުނާނޭ ޖާގައެއް ނެތް- ކަލޭމެން ތިޔަ ޝައްކުކުރަނީ ނުބައި މީހަކަށް-"
އޭޝްލީ ފުލުސް އޮފީހުން ނުކުމެގެން އައީ ހިތްހަމަޖެހިގެންނެވެ. މި ހިސާބުން މި ނިމުނީއެވެ. ޝުކުރު ހުއްޓެވެ. ބައްޕައާ ބެހޭ ސުވާލެއް ކޮށްފާނެތީ އޭނާ ހުރީ ވަރަށް ބިރުންނެވެ. އެކަމަކު އެހެންނެއް ނުވިއެވެ. ބައްޕައާ އެއިން އެއްވެސް ކަމަކާ ގުޅުވާކަށް އެކަކަށް ވެސް ނޭނގޭނެއެވެ.
އޭނާ ކާރު ޕާކުކޮށްފައި ލިފްޓުން މައްޗަށް އަރައިފިއެވެ. އެޕާޓްމަންޓަށް ވަދެ އެތެރެއިން ވަރަށް ރަނގަޅަށް ދޮރު ތަޅުލައިފިއެވެ. އޭނާ ހުރީ ވަރުބަލިވެފައެވެ. ހޫނުފެނުން ފެން ވަރައިލީމާ ރަނގަޅު ވެދާނެއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އޭނާ މަޑުމަޑުން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އެންމެ ފުރަތަމަ ވެސް ފެނުނީ ފާޚާނާގައި ހުންނަ މޫނުބަލާލޯގަނޑެވެ. އެ ވަގުތު އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ. އެ ލޯގަނޑުގައި ތުންފަތުގައި އުނގުޅާ ރަތްކުލައިން ލިޔެފައި އޮތެވެ.
"ކަލޭ މަރުވާނެ!"
ނުވަވަނަ ބާބު
އޭނާ ތުރުތުރު އަޅަނީއެވެ. ތިންވަނަ ފަހަރު ވެސް އޭނާއަށް ޖެހުނީ ނުބައި ނަންބަރެކެވެ. އޭނާ ހަތަރުވަނަ ފަހަރު ޖަހައިލިއެވެ. ދޭއް... ނުވައެއް... ނުވައެއް... ދޭއް... އެކެއް... ސުމެއް... އެކެއް... ފޯނު ރަނގަބީލުވާން ފަށައިފިއެވެ.
"ޝެރިފްގެ އޮފީސް-"
"ޑެޕިއުޓީ ބްލޭކަށް ގޮވައިލަދެއްވާ- އަވަހަށް-"
"ޑެޕިއުޓީ ބްލޭކް ގެއަށް ދުރުވެއްޖެ- އެހެން މީހަ..."
"ނޫން- އޭނާ ދުރުވީމާ ނަންގަނެދެއްވާ އަޅުގަނޑާ ގުޅުއްވާށޭ- މިއީ އޭޝްލީ ޕެޓަރސަން- އޭނާއާ އަޅުގަނޑު ކޮންމެހެން ވެސް ގުޅަން ބޭނުން-"
"މަޑުކޮށްލައްވާ- ބްލޭކާ ކޮންމެވެސް ގޮތަކުން ގުޅޭތޯ އަޅުގަނޑު އެބަ ބަލަން-"
ޑެޕިއުޓީ ބްލޭކް ކެތްތެރިކަމާ އެކު އަޑުއަހަން ހުރީއެވެ. އޭނާގެ އަންހެނުން ސެރީނާ އަޑުގެ ކޮޅަށް ހަޅޭއްލަވަމުން ދަނީއެވެ.
"އަހަރެންގެ ބޭބެ ކަލޭ ލައްވައި ގެރިއެއްހެން މަސައްކަތް ކުރުވާ- އެކަމަކު އަހަރެމެންނަށް ރަނގަޅު ދިރިއުޅުމެއް އުޅެވޭ ވަރުގެ މުސާރައެއް ދޭކަށް ނުކެރޭ- މުސާރަ ބޮޑުކޮށްދޭށޭ ކަލޭ ނުބުނަނީ ކީއްވެގެން-؟"
ދެ މީހުން ތިބީ ރޭގަނޑު ކާށެވެ. "އަލުވިތަށި މި ކޮޅަށް ޖައްސައިލަ ދީފާނަންތަ-؟"
ސެރީނާ އަލުވިތަށި ނަގައި އޭނާގެ ފިރިމީހާގެ ކުރިމައްޗަށް ޖަހައިފިއެވެ. "އެ މީހުންނަކަށް ކަލޭގެ މަސައްކަތެއް ފާހަގައެއް ނުކުރެވޭ-"
"އާނ- ތިޔަ ބުނީ ރަނގަޅަށް- އަދި ރިހަފޮދެއް ގެނެސް ދީފާނަން-"
"އަހަރެން މި ދައްކާ ވާހަކަ ކަލެއަށް އަޑު އެބަ އިވޭތަ-؟" ސެރީނާ ހަޅޭއްލަވައިގަތެވެ.
"އާނ- އެބަ އިވޭ- ކާ އެއްޗެތި ވަރަށް މީރު-"
"ކަލޭ އަރައިރުން ނުވަނީސް، އަހަރެން ކަލެއާ އަރައިރުން ވާނެ ގޮތެއް އަހަންނަކަށް ނުވިސްނޭ-"
އޭނާ އަނގަޔަށް ކާ އެއްޗެތި ލަމުން ބުނެލިއެވެ. "އަހަރެން އަރައިރުން ނުވަނީ ކަލޭދެކެ ލޯބިވާތީ-"
ފޯނު ރަނގަބީލުވާން ފަށައިފިއެވެ. "އަންނާނަން- އޭނާ ތެދުވެގެން ގޮސް ފޯނު ނަގައިފިއެވެ. ހަލޯ... އާނ... ގުޅައިދީ... މިސް ޕެޓަރސަން-؟" އޭނާ ގިސްލާ އަޑު ބްލޭކަށް އިވެއެވެ.
"ވަރަށް ބިރުވެރިކަމެއް ހިނގައިފި- މި ގެއަށް ދުރުވެ ދެއްވިދާނެތޯ-؟"
(ނުނިމޭ)