(6 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ކަލޭ ހަމަ ކުރެހުމަށް އެއްވެސް ކަހަލަ ސަމާލުކަމެއް ނުދެނީތަ-؟"
ޓޮނީ ހީނގަނެއެވެ. "ކުރެހުމޭ-؟ އެއީ ކާކު-؟"
އެލެޓް ޕީޓަރގެ ޙަޔާތަށް އަނދިރިވަނީ ހަމަ އެންމެ ވިލާގަނޑަކުންނެވެ. އޭނާއަކީ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހެކެވެ. އެ ބަލީގެ ނަމަކީ މެނިކް ޑިޕްރެޝަނެވެ. ތިމާގެ ބާރެއް ނެތްކަމާއި، ޤާބިލިއްޔަތެއް ނެތްކަމުގެ އިޙްސާސްކުރެވުނީމާ ސިކުނޑިއަށް އަންނަ ބަދަލަކުން އެހެން މީހުންނާ މުޅިން ދުރުގައި ހުންނަ ހިތްވަނީއެވެ. ނުވަތަ ތިމަން މިއީ އެހެން މީހަކާ އެއްވެސް ގުޅުމެއް ނެތް އެކަނިވެރިއެކޭ ހީވާ ގޮތް ވަނީއެވެ. އޭނާގެ މޫޑު އެކި ގޮތްގޮތަށް ބަދަލުވަނީ އަމިއްލަ އެއްވެސް އިޚްތިޔާރެއް އޮވެގެންނެއް ނޫނެވެ. ވަރަށް އުފާވެރި މޫޑެއްގައި ހުރެފައި އެކަނިވެރިކަން އިޙްސާސުކުރެވި، ސިކުނޑީގެ ހައިޖާނެއްގެ ތެރެއަށް ވަންނަން ޖެހެނީ ހަމަ ކުއްލިއަކަށެވެ. އަމިއްލަ ޙިއްސުތަކުގެ މައްޗަށް އޭނާގެ މާ ބޮޑު ބާރެއް ނުވަތަ އިޚްތިޔާރެއް ނޯވެއެވެ.
އެލެޓް އޭނާގެ މައްސަލަތަކުގެ ވާހަކަދައްކަނީ ހަމައެކަނި ޓޮނީގެ ގާތުގައެވެ. ޓޮނީއަކީ ކޮންމެ ކަމަކަށް ވެސް ޙައްލެއް ހޯދައިދޭ ކުއްޖެކެވެ. ގިނަ ފަހަރަށް އޭނާ ހުށަހަޅަނީ އެންމެ ޙައްލެކެވެ. "މަޖާކޮށްލަން ހިނގާ-!"
ޓޮނީ އެންމެ ގަޔާވެގެން ދައްކާ ވާހަކައަކީ އޭޝްލީ ޕެޓަރސަންގެ ވާހަކައެވެ. އޭނާ އިނީ އޭޝްލީއާއި، ޝޭން މިލަރ ވާހަކަދައްކާ ތަން ބަލާށެވެ.
"އެހެރަ ފީކަޅާ އަންހެނަކު ނިކަން ދެކިބަލަ-" ޓޮނީ ތުން އަނބުރައިލިއެވެ. "އެއީ އެންމެންގެ ރާނީ-"
އެލެޓް ބޯޖަހައިލިއެވެ. "އޭނާ އަބަދުވެސް ހުންނަނީ ރުޅިއައިސްފައި- ކޮންމެވެސް މީހަކު އޭނާއަށް ހޭން ދަސްކޮށްދޭނެ ނަމައޭ އަހަރެންގެ ހިތަށްއަރާ-"
ޓޮނީ ނޯއްދަމައިލިއެވެ. "ތިޔަ ނޫން އެހެން ކަންތައް ވެސް އޭނާއަށް ދަސްކޮށްދޭން އެބަޖެހޭ-"
ސެން ފްރެންސިސްކޯގައި ފަގީރުންނަށް ހިލޭސާބަހަށް ކާންދޭ ޖަމާޢަތަކަށް އެހީވާން ކޮންމެ ހަފްތާއަކު އެއް ރޭ އެލެޓް ދެއެވެ. އެ ތަނަށް ކާން އަންނަ މީހުންގެ ތެރޭގައި އުޅޭ މުސްކުޅި އަންހެނަކު ކޮންމެ ހަފްތާއަކު ވެސް އޭނާއަށް އިންތިޒާރުކުރެއެވެ. އެ މީހާ އިންނަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. ގޮނޑިން ނަގައިގެން މޭޒުދޮށަށް އެ މީހާ ގެންގޮސްދެނީ އެލެޓެވެ.
އެ އަންހެންމީހާ ބުންޏެވެ. "ދަރިފުޅާ-! އަހަރެންގެ ދަރިއެއް ހުރި ނަމަ އެ ދަރިއެއްގެ ކިބައިގައި ކަލޭގެ ސޫރަ ހުރުން އަހަރެން ބޭނުންވީސް-"
އެލެޓް އެ މީހާގެ އަތަށް މަޑުމަޑުން ފިތައިލިއެވެ. "ޝުކުރިއްޔާ-" އޭނާގެ ދުލުން ނުކުތީ މި ޖުމްލައެވެ. އެހެން ނަމަވެސް އެ ވަގުތު ހިތަށްއެރިއެވެ. ކަލޭގެ ދަރިއެއް ހުރި ނަމަ އެ ދަރިއަކު ހީވާނީ ހަމަ ކަލޭ ކަހަލަ އޫރެއް ހެންނެވެ! މިހެން ހިތަށް އެރީމާ އެލެޓްގެ ހިތަށް ބިރުވެރި އިޙްސާސުތަކެއް ވަދެގެންދިޔައެވެ. އެއީ އޭނާގެ އެތެރެހަށީގައި އޮތް އެހެން މީހެއްގެ ޚިޔާލެވެ. މިއީ އަލަކަށް ވީ ކަމެއް ނޫނެވެ. ވަރަށް ގިނައިން ދިމާވާ ކަމެކެވެ.
އެއް ދުވަހަކު އޭނާގެ ރައްޓެއްސެއް ކަމަށްވާ ބެޓީ ހާރޑީއާ އެކީ ބާޒާރުކޮށްލަން ދިޔައެވެ. ދެ މީހުން އެކީގައި ގޮސް ފިހާރައަކަށް ވަން ތަނުން ވަރަށް ރީތި ހެދުމެއް ފެނިއްޖެއެވެ. އެ ވަގުތު ބެޓީ ބުނެލިއެވެ. "ހާދަހާ ރީތި ހެދުމެކޭ ދޯ-؟"
"އާނ- ވަރަށް ޗާލު-" މިހެން ބުނި ނަމަވެސް އޭނާގެ ހިތުގައި އޮތީ އެހެން އެއްޗެކެވެ. ތިޔައީ މިހައި ތަނަށް އަހަންނަށް ފެނުނު އެންމެ ހުތުރު ހެދުމެވެ. ކަލެއާ ވަރަށް ގުޅޭނެއެވެ.
އެއް ރެއަކު އޭނާގެ އަވަށްޓެރިއެއް ކަމަށްވާ ރޮނަލްޑާ އެކީ ރެސްޓޯރަންޓަކަށް ކާންދިޔައެވެ. ކައި ނިމިގެން ރޮނަލްޑް ބުންޏެވެ. "އަހަރެން ވަރަށް އުފާވެއްޖެ- ތަންކޮޅެއް ގިނަގިނައިން މި ގޮތަށް ދެ މީހުން އެކީ ކާން ދާ ކަހަލަ ގޮތަކަށް ހަމަޖައްސަމާ-؟"
އޭނާ ލަދުރަކި ގޮތަކަށް ހިނިތުންވެލިއެވެ. "އާނ- އަހަރެން ވެސް ބޭނުން-" ދެން ހިތަށްއެރިއެވެ. ދުވަހަކު ވެސް ތިޔަ ކަމެއް ނުވާނެއެވެ. މި މޮޔަ ހޯނުގެ ހިތް އޮންނަނީ ހާދަހާ މަތީގައެވެ.
އެލެޓް ވަރަށް ދެރަވިއެވެ. ހިތަށްއެރިއެވެ. އަހަންނަށް މި ވަނީ ކީއްހެއްޔެވެ؟
އެ ސުވާލުގެ ޖަވާބެއް އޭނާއަކަށް ނުލިބެއެވެ.
ވަރަށް ކުދިކުދި ކަންތައްތަކާ ވެސް އެލެޓް ބައެއް ފަހަރަށް ވަރަށް ބޮޑަށް ރުޅިއާދެއެވެ. އެއް ދުވަހަކު އޮފީހުން ގެއަށް ދިޔަ މަގުމަތީގައި އޭނާގެ ކާރުގެ ކުރިމަތިން ކާރެއް ހުރަސްކޮށްފިއެވެ. އޭނާ ދަތްކުނޑި ވިކައިލިއެވެ. "ހަރާން ބަކަރި- އަތުޖެހިއްޖެއްޔާ މަރާލާނަން!" އެ މީހާ މަޢާފްކުރާށޭ ބުނާ ކަހަލަ ގޮތަކަށް އަތުން އިޝާރާތެއް ކޮށްލިއެވެ. އެލެޓް ފަރިގޮތަކަށް ހިނިތުންވެލިއެވެ. އެކަމަކު ރުޅިގަނޑު މައިތިރިއެއް ނުވެއެވެ.
އުޑުމަތީގައި ކަޅުވިލާ ބޯވީމާ އެލެޓްގެ ސިކުނޑީގައި މުޅިން ތަފާތު މަންޒަރުތަކެއް ސިފަވާން ފަށައެވެ. މަގުމަތީގައި ހިނގަހިނގާ ތިބި މީހުންގެ ހިތް ކުއްލިއަކަށް ހުއްޓެން ފަށަނީއެވެ. ނޫނީ ދުއްވާ އެއްޗެތީގައި ޖެހި މީހުން މަރުވެ، ޗިސްވަމުން ދަނީއެވެ. އޭނާގެ ސިކުނޑިއަށް އެ މަންޒަރުތައް ބައިސްކޯފު ފިލްމެއްހެން ފެންނަމުން ދެއެވެ. ޙަޤީޤަތެކޭ އެއްފަދައިންނެވެ.
މަންޒަރު ނިމުމާ އެކު އޭނާގެ ހިތަށް ލަދުވެތިކަން ވެރިވެދެއެވެ.
* * *
މިއީ ކުރިން އޭނާގެ ކިބައިން ފެންނަ ކަހަލަ ކަންތައްތަކެއް ނޫނެވެ. އިހަށް އޭނާއަކީ މުޅިން ތަފާތު ކުއްޖެކެވެ. އޭނާއަކީ މީހުންނަށް އެހީތެރިވެދޭ ހިތްވާ، އިޚްލާޞްތެރިއެކެވެ. މީހުންގެ ޙާލާ މެދު ހަމްދަރްދީވާ ހިތްހެޔޮ ކުއްޖެކެވެ. އޭނާގެ އުފާވެރިކަން ނެތިގެން ދިޔައީ ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ވަން ޚިޔާލަކުންނެވެ. އަނދިރިކަން އައިސް އޭނާ ކާލަފާނެކަމުގެ ޚިޔާލެވެ. އެ އަނދިރިކަމުގެ ތެރެއަށް ވަދެގެން ގޮސް މުޅިން ގެއްލިދާނޭކަމުގެ ބިރުވެރި ޚިޔާލެވެ.
ކޮންމެ އާދީއްތަ ދުވަހަކު އެލެޓް ފައްޅިއަށް ދެއެވެ. އެ ތާނގައި ގެދޮރު ނެތް މީހުންނަށް ހިލޭ ކާންދިނުމާއި، ކިޔަވައިދިނުމުގެ ޕްރޮގްރާމެއް ހިންގައެވެ. އުނގަންނައިދޭ ކަންތައްތަކުގެ ތެރޭގައި ކުރެހުން ވެސް ހިމެނެއެވެ. އެލެޓް ގިނައިން އުޅެނީ ނާސަރީ ކުލާސްތަކުގައެވެ. އެ ކުދިންނަށް ކުރަހަން ދަސްކޮށްދިނުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ.
އާދީއްތަ ދުވަހަކު ފައްޅީގައި ފައިސާ ހޯދުމުގެ ޕްރޮގްރާމެއް ހިންގުނެވެ. އެލެޓް އައީ އޭނާގެ ކުރެހުންތަކެއް ހިފައިގެންނެވެ. އެއީ އެ ވިއްކައިގެން ފައިސާ ހޯދާށެވެ. އެ ކުރެހުން ފެނިފައި ފައްޅީގެ އިސްމީހެއް ކަމަށްވާ ފްރޭންކް ސެލްވަޖިއޯ ބުންޏެވެ.
"މިއީ ހާދަހާ ރީތި ކުރެހުންތަކެކޭ- މި އެއްޗެތި ވިއްކަންވީ އާރޓް ގެލަރީއަކަށް-"
އެލެޓް ލަދުން އިސްޖަހައިލިއެވެ. "ނޫނޭ- ތިޔައީ އެހައި ރީތި ކުރެހުމެއް ނޫން- އަޅުގަނޑު ކުރަހަނީ ފޫހިފިލުވައިލަން- ފައިސާ ހޯދާކަށް ނޫން-"
އެ ތަނަށް ވަރަށް ގިނަ މީހުން އައެވެ. އެކި މީހުންގެނައީ އެކި އެއްޗިއްސެވެ. ކޭކާއި، ޖޭމާއި، މާޖަހާ ވަށްޓާއި، ލަކުޑި ބުދާ މިހެން ގޮސް އެތައް ބާވަތެއް ހުއްޓެވެ. އައި މީހުން ދިޔައީ އެކި މޭޒުކައިރިއަށް ގޮސް ތަކެތި ބަލައި، ވިޔަފާރިކުރަމުންނެވެ. އެ މީހުން ގަންނަ ގިނަ އެއްޗިއްސަކީ އޭގެ އަނެއް ދުވަހު މުޅިން ބޭނުން ކެނޑިގެން އެއްލައިލަންޖެހޭ ކަހަލަ އެއްޗިއްސެވެ.
"މިއީ ޚައިރާތަށް ކުރެވޭ ހޭދައެއް-" އެ ތަނުން އަންހެނަކު އޭނާގެ ފިރިމީހާއާ ދިމާއަށް ބުނިއަޑު އެލެޓަށް އިވުނެވެ.
އެލެޓް އޭނާގެނައި ކުރެހުންތަކާ ދިމާއަށް ބަލައިލިއެވެ. އޭނާގެ ކުރެހުންތަކުގައި ގިނައިން ހުންނަނީ ގަދަ ކުލަކުލައެވެ. އޭނާގެ ހިތަށް ކުއްލިއަކަށް ވަނީ ތިމާގެ ނުކުޅެދޭކަމުގެ ޚިޔާލެވެ. "ދަރިޔާ- ކަލޭ ތިޔަ ކުލައަށް ކުރާ ޚަރަދަކީ ހުސް އިސްރާފު-"
އޭނާގެ ސްޓޯލަށް ފިރިހެނަކު އަތުވެއްޖެއެވެ. "މި އެއްޗެތި ކުރެހީ ކަލޭތަ-؟" އެ މީހާ އަހައިލިއެވެ.
ނޫނެކެވެ. މޮޔަޔާއެވެ. މައިކަލް އެންޖެލޯ މަތިން ފައިބައިގެން އައިސް ކުރަހައިދީފައި ދިޔައީއެވެ.
"ކަލޭގެ ކިބައިގައި ކުރެހުމުގެ ހުނަރު ވަރަށް ބޮޑަށް އެބަހުރި-"
"ޝުކުރިއްޔާ-" ހުނަރަކީ ކޮން އެއްޗެއްކަން ކަލެއަށް އެނގެނީ ކިހިނެއް ހެއްޔެވެ؟
ޒުވާން އަންހެންކުއްޖަކާއި، ފިރިހެންކުއްޖަކު އައިސް އޭނާގެ ސްޓޯލް ކައިރިއަށް ހުއްޓިއްޖެއެވެ. "ބަލައިބަލަ- އެހެރަ ކުރެހުމުގެ ކުލަތައް ކިހައި ރީތި- އެ ގަންނަންވާނެ- ކަލޭގެ ކުރެހުން ވަރަށް ރީތި-"
ވަރަށް ގިނަ މީހުން އޭނާގެ ސްޓޯލަށް ކުރެހުން ގަންނަން އައިސް އޭނާއަށް ތަޢުރީފުކޮށް ވާހަކަދެއްކިއެވެ. އެ މީހުން ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރަން އެލެޓް ބޭނުންވިއެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އެއްކަލަ އަނދިރި ފަރުދާ ވެއްޓެނީއެވެ. އޭނާގެ ހިތަށްއަރައެވެ. އެ ހުރިހާ އެންމެން ވެސް އެ ތިބެނީ އޮޅުމެއްގެ ތެރޭގައެވެ.
ކުރެހުމުގެ ވިޔަފާރިކުރާ މީހަކު އަތުވެއްޖެއެވެ. "މި ކުރެހުންތައް ވަރަށް ރީތި- ކަލޭގެ ހުނަރު ވިއްކޭތޯ މަސައްކަތްކުރަން ވީއެއްނުން-؟"
"އަހަންނަކީ ހަމައެކަނި ފޫހިފިލުވަން ކުރަހާ މީހަކީން-" އެލެޓް ބުނެލިއެވެ. އެ ވާހަކަ ކުރިއަށް ގެންދާކަށް އޭނާ ބޭނުމެއް ނުވިއެވެ.
އެ ދުވަހުގެ އިރު އޮއްސުނުއިރު އެލެޓް ގެނައި ހުރިހާ ކުރެހުމެއް ވިކި ހުސްވެއްޖެއެވެ. އޭނާ ލިބުނު ފައިސާ ސިޓީއުރައަކަށް ލައިފައި ފްރޭންކް ސެލްވަޖިއޯގެ އަތަށް ދީފިއެވެ.
އޭނާ ފައިސާ އަތުލާފައި ބުންޏެވެ. "ޝުކުރިއްޔާ- އެލެޓް- ކަލެއަށް ގުދުރަތުން ކުރެހުމުގެ ހުނަރު ދެއްވާފައި އެބަހުރި- އެ ހުނަރުގެ ބޭނުންކޮށްގެން މީހުންނަށް އެހީވެދީ-"
މަންމާއެވެ! އަޑުއިވުނު ހެއްޔެވެ؟
އެލެޓް ސެން ފްރެންސިސްކޯގައި އުޅޭއިރު އެ ތާނގެ މި ޒަމާނުގެ ކުރެހުމުގެ ދާރުލްއާޘާރު (މިއުޒިއަމް އޮފް މޮޑަރން އާރޓްސް) ގައި ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. އަދި ޑީ ޔަންގް މިއުޒިއަމްގައި ވެސް އެތައް ވަގުތެއް ހޭދަކުރެއެވެ. ބޭނުމަކީ އެމެރިކާގެ ކުރެހުން ދަސްކުރުމެވެ.
ގިނަ ޒުވާން ކުރެހުންތެރިން ތިބީ ދާރުލްއާޘާރުގެ ފާރުގައި އެލުވައިފައި ހުރި ކުރެހުންތައް ބަލައިގެން ނަކަލުކުރާށެވެ. އެ ތަނުން ޒުވާނަކު އެލެޓްގެ ލޮލުގައި އަޅައިގަތެވެ. އޭނާގެ ޢުމުރުން ވާނީ އަށާވީހަކަށް އަހަރެވެ. ހަށިގަނޑު ރަނގަޅު، މޫނުމަތިން ވިސްނުންތޫނުކަން ފައުޅުވާ ރީތި ޒުވާނެކެވެ. އޭނާ ވެސް ހުރީ މަޝްހޫރު ކުރެހުންތެރިއެއްގެ ކުރެހުމެއް ނަކަލުކުރާށެވެ. އޭނާގެ ނަކަލުކުރުން ވަރަށް މޮޅެވެ. އެލެޓް ބަލަން ހުރިކަން އެނގުނީމާ އޭނާ ބުނެލިއެވެ. "ހަލޯ-"
އޭނާގެ އަޑުގައި ކުޑަ ހޫނުކަމެއް ހުއްޓެވެ. ކުލައަކީ މަޑު ރީނދޫކުލައެވެ.
"ހަލޯ-" އެލެޓް ލަދުރަކިކަމާއެކު ބުނެލިއެވެ.
އެ ޒުވާނާ އޭނާ ނަކަލުކުރަން ހުރި ކުރެހުމާ ދިމާއަށް ބޮލުން އިޝާރާތްކޮށްފައި އަހައިލިއެވެ. "ކިހިނެއް-؟"
"ތިޔައީ ވަރަށް މޮޅު ކުރެހުމެއް-" އޭނާ ހުރީ އެއްކަލަ އެތެރެހަށީގައި އޮންނަ މީހާ ވާހަކަ ދައްކާތޯ ބަލާށެވެ. އެކަމަކު މި ފަހަރަކު އެ އަޑެއް ނީވުނެވެ. އޭނާ ޙައިރާންވިއެވެ.
(ނުނިމޭ)
Sikudeege unksh varah ragalhah ebaegay Aynasge 6 vana hissun visnaa goh ragalhu noonee..