(9 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އޭޝްލީ ލޯމަރައިލިއެވެ. އޭނާގެ ލޮލުގެކުރިމައްޗަށް ސިފަ ވެގެން ދިޔައީ އެއްކަލަ ރޭ ގެއިން ފިލައިގެން ޖިމްގެ ގެއަށް ދާން ނުކުތް މަންޒަރެވެ. އޭނާ ޚިޔާލު ބަދަލުކޮށްލައިފައި އެނބުރި ގެއަށް ދިޔައީއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އަހަރެން އެ ރޭ އެ ގެއަށް ދިޔަނަމަ ޖިމް މިހާރުވެސް ދުނިޔޭގައި ހުރީހެވެ. މި ހުރިހާ ދުވަހު އަހަރެން މި ހުންނަނީ ޖިމް ދެކެ ރުޅި އައިސްފައެވެ. އޭނާ މަރައިލީ ކާކު ބާވައެވެ؟ ކާކު...؟
އޭނާގެ ކަންފަތް ދަށުގައި ގުގުމައިގެން ދިޔައީ ބައްޕަގެ އަޑެވެ. "މިއަދުން ފެށިގެން އަހަރެންގެ ދަރިފުޅާ އެއްވެސް ގުޅުމެއް ބާއްވައިގެން ނުވާނެ! އަޑު އިވިއްޖެތަ-؟ ... މީގެ ފަހުން އަހަންނަށް ކަލޭ މި ހިސާބުން ފެނިއްޖެއްޔާ ކަލޭގެ ގައިގައި ހުރިއްޔާ ހުރި ކަށްޓެއް ފުނޑައިލާނަން!"
އޭނާ ތެދުވެއްޖެއެވެ. "ފްލޮރެންސް- އަހަރެން ދާންވެއްޖެ-"
އޭޝްލީ އެ ތަނުން ނުކުމެއްޖެއެވެ.
ސިފައިން...؟ ސިފައިން ބައްޕައާ ގުޅާނެކަން ޔަގީނެވެ. ބައްޕަ އަހަންނަށް އެ ވާހަކަ ނޭންގީ ކީއްވެގެން ބާވައެވެ؟
ފުރަތަމަ ފްލައިޓުން އޭނާ ކެލިފޯނިއާއަށް ދާން ފުރައިފިއެވެ. އޭނާއަށް ލޮލުފިޔައެއް ޖަހައިލެވުނީ ފަތިސްވީ ފަހުންނެވެ. ނިދުމާ އެކު ފެނުނީ ބިރުވެރި ހުވަފެނެކެވެ. އަނދިރީގައި ހުރި މީހަކު ހަޅޭއްލަވަމުން ޖިމްގެ ގައިގައި ވަޅިއަކުން ތަޅަނީއެވެ. ކުއްލިއަކަށް އެ މީހަކު ބޮކި އައްޔަށް ނުކުމެއްޖެއެވެ.
އެއީ އޭނާގެ ބައްޕައެވެ.
ފަސްވަނަ ބާބު
ވިދިގެން އައި ދެތިން މަސް ދުވަހަކީ އޭޝްލީގެ ސިކުނޑިއަށް ވަރަށް ބާރު ބޮޑުވެގެން ދިޔަ ދެތިން މަހެވެ. ލެއިން ތަތްތެޅިފައި އޮތް ޖިމް ކްލެއަރީގެ ހަށިގަނޑު އޭނާގެ ސިކުނޑިއަކުން ފިލުވައިލެވޭ ގޮތެއް ނުވިއެވެ. ޑޮކްޓަރ ސްޕީކްމަންއާ ބައްދަލުކުރަންވީއޭ ވެސް އެއް ފަހަރަކު ހިތަށްއެރިއެވެ. އެކަމަކު އެ ވާހަކަ އެއްވެސް މީހެއްގެ ގާތު ބުނުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫންކަން އޭޝްލީއަށް އެނގެއެވެ. ބައްޕަ އެކަހަލަ ނުބައި ކަމެއް ކޮށްފާނެއޭ ހިތަށް އެރީމާ ވެސް އޭނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. އެއީ ހިތަށްއަރުވައިގެން ނުވާނެ ވާހަކައެކޭ ހިތަށްއެރިއެވެ. އޭނާ އެ ކަންތައްތައް ހިތުން ފޮހެލައިފައި މަސައްކަތާއިގެން ކުރިއަށް ދެވޭތޯ އުޅުނެވެ. އެކަމަކު އެއްގޮތަކަށް ވެސް ކުރިއަށް ދާ ގޮތެއް ނުވިއެވެ. އޭނާ މަސައްކަތް ފަށައިފައި އޮތް ލޯގޯއާ ދިމާއަށް ބަލައިލިއެވެ.
ޝޭން މިލަރ ހުރީ އޭނާއާ ދިމާއަށް ބަލާށެވެ. "އޭޝްލީ- ޙާލު ރަނގަޅުތަ-؟"
އޭނާ ގަދަކަމުން ހިނިތުންވެލިއެވެ. "އާނ- ރަނގަޅު-"
"އޭޝްލީގެ ރަޙްމަތްތެރިޔާގެ ވާހަކަ އިވުނީމާ އަހަރެން ވަރަށް ދެރަވި-"
"މައްސަލައެއް ނެތް- މަޑުމަޑުން ގޮސް ހަމަޖެހިދާނެ-"
"މިރޭ ކާން ދަމާ-؟"
"އަދި އަހަރެން މުޅިން ހަމަޔަކަށް ނޭޅޭ- މި އަންނަ ހަފްތާގައި ދިޔައިއްޔާ ކިހިނެއް-؟"
"މައްސަލައެއް ނެތް- އަހަރެންގެ ފަރާތުން އެއްވެސް ކަމެއް..."
"އެއްވެސް މީހަކަށް ކޮށްދެވޭނޭ ކަމެއް ނެތް-"
ޓޮނީ އެލެޓާ ދިމާއަށް ބުނެލިއެވެ. "އެއްކަލަ ރާނީ އެ އުޅެނީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި- އެހެން ގަނަތެޅުނަދީ-"
"އޭނާ އުޅޭ ޙާލު ފެނުނީމާ އަހަރެން ވަރަށް ދެރަވޭ- އެ އުޅެނީ ވަރަށް ބޮޑު ހަމަނުޖެހުން ގަނޑެއްގެ ތެރޭގައެއްނުން-؟"
"އުޅުނަ ދީ- އަހަރެމެންނަކާ ބެހޭ ކަމެއް ނޫނެއްނުން-؟ މައްސަލައެއް ކުރިމަތިނުވާ މީހަކު އުޅޭތަ-؟ އެންމެންވެސް މި އުޅެނީ މައްސަލަތަކުގެ ތެރޭގައި- ނޫންތަ-؟"
ހުކުރު ދުވަހު ހަވީރު އޭޝްލީ އޮފީސް ނިންމާފައި ގެއަށް ދާން ނުކުންނަން ދަނިކޮށް ޑެނިސް ޓިބްލް އައިސް އޭނާ ހުއްޓުވައިފިއެވެ. "ކަނބުލޯ- އަހަންނަށް ކަމެއް ކޮށްދީފާނަންތަ-؟"
"ޑެނިސް- އަހަރެން..."
"އޭތް- ހަމަޖެހިލާ-" އޭނާ އޭޝްލީގެ އަތުގައި ހިފައިލިއެވެ. "އަހަރެން މި އުޅެނީ އަންހެނެއްގެ ލަފައެއް ހޯދަންވެގެން-"
"ޑެނިސް- އަހަންނަކަށް މިހާރަކު..."
"އަހަރެން އަންހެން ކުއްޖަކު ދެކެ ލޯބިވެއްޖައިން- އަހަރެން ބޭނުންވަނީ އެ ކުއްޖާޔާ އިންނަން- އެކަމަކު އެއީ ފަސޭހަ ގޮތަކަށް އޮތް ކަމެއް ނޫން- އަހަންނަކާ އެހީއެއް ނުވާނަންތަ-؟"
އޭޝްލީ ޖެހިލުންވިއެވެ. ޑެނިސް ޓިބްލް ދެކެ އޭނާ ވަރަށް ބޮޑަށް ރުޅިއާދެއެވެ. އެކަމަކު އޭނާއަށް އެހީވުމަކުން ލިބޭނޭ ގެއްލުމެއް އޭނާއަކަށް ނުވިސްނެއެވެ. "މާދަމާ ތިޔަ ކަމާ އުޅުން ކިހިނެއް ވާނެ-؟"
"އަހަރެން ބޭނުންވަނީ މިހާރު ވާހަކަދައްކަން- ލަސްކޮށްފިއްޔާ މާ ބޮޑަށް ލަސްވެދާނެ-"
އޭޝްލީ މާނޭވާއެއް ލިއެވެ. "އެންމެ ރަނގަޅު-"
"ކަލޭގެ އެޕާޓްމަންޓަށް ހިނގާ-"
އޭނާ ބޯ ހޫރައިލިއެވެ. "ނޫން-" އެ ތަނަށް އޭނާ ހިނގައްޖެއްޔާ ނެރޭކަށް އެހައި ފަސޭހައެއް ނުވާނެއެވެ.
"އެހެން ވެއްޖެއްޔާ އަހަރެންގެ ކޮޓަރިއަށް ދެވިދާނެތަ-؟"
އޭޝްލީ ޖެހިލުންވެ ހުރެ ޖަވާބު ދިނެވެ. "އެންމެ ރަނގަޅު-" އަހަރެން ބޭނުންވީމާ ނުކުމެގެން އާދެވޭނީ ޓިބްލްގެ ކޮޓަރިއަށް ދިޔައީމައެވެ. އޭނާ ހިތާވެގެން އެ އުޅޭ ކުއްޖަކު ލިބުނީމާ އަހަރެންގެ ފަހަތުން ދުވުން ހުއްޓައިލާނެ ކަންނޭނގެއެވެ.
* * *
ޓޮނީ އެލެޓާ ދިމާއަށް ބުނެލިއެވެ. "ނިކަން ބަލައިބަލަ- އެއްކަލަ ރާނީ މި ތާނގައި އުޅޭ ވަގު ބުޅަލުގެ ގެއަށް ދަނީ- އެ މަންޖެ އެހައި މޮޔަވެދާނެ އެކޭ އަހަރެންގެ ހިތަކަށް ވެސް ނާރާ- އޭނާގެ ސިކުނޑި އޮންނަނީ ކޮން ތާނކު-؟"
"އޭނާ އެ އުޅޭނީ ޓިބްލްއަށް އެހީވާން- އެއީ އެހައި ބޮޑު ކަ..."
"އެލެޓް- ކަލޭ ބޮޑުވާނީ ކޮން ދުވަހަކު-؟ އެ ސޮރު އެ އުޅެނީ ރާނީގެ ގަޔަށް އަރަން ވެގެން-"
ޑެނިސް ޓިބްލްގެ އެޕާޓްމަންޓަކީ ބިރުވެރި ހޮހަޅައެއް ކަހަލަ ތަނެކެވެ. މުޅި ފާރު ފުރިފައި އޮތީ ބިރުވެރި ފިލްމުގެ ޕޯސްޓަރުންނާއި، އޮރިޔާން ފޮޓޯއިންނާއި، މިނިކާ ޖަނަވާރުގެ ފޮޓޯއިންނެވެ. މޭޒުމަތީގައި ހުރީ ލަކުޑިން ހަދައިފައި ހުރި ކުދިކުދި އޮރިޔާން ބުދެވެ.
މިއީ މޮޔައަކު އުޅޭ ތަނެކެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އަވަހަށް މި ތަނުން ނުކުމެގެން ރައްކާވާންވީއެވެ.
"މި ތަނަށް އައީތީ އަހަރެން ވަރަށް އުފާކޮށްފިން- އަހަރެން..."
"ޑެނިސް- އަހަންނަކަށް މާ ގިނަ އިރަކު ނުހުރެވޭނެ-" އޭޝްލީ ބުނެލިއެވެ. "ކަލޭ ތިޔަ ހިތާވެގެން އުޅޭ ކުއްޖެއްގެ ވާހަކަ އަވަހަށް ކިޔައިދީ-"
"އެއީ ވަރަށް ރީތި ކުއްޖެއް-" އޭނާ އޭޝްލީއަށް ސިނގިރޭޓެއް ދިއްކޮށްލިއެވެ. "ސިނގިރޭޓެއް ބޭނުންތަ-؟"
"އަހަރެން ސިނގިރޭޓެއް ނުބޮން-" އޭނާ ޓިބްލް ސިނގިރޭޓް ރޯކޮށްލި ތަން ބަލަން އިނީއެވެ.
"އެއްޗެއް ބޯންވީއެއްނުން-؟"
"އަހަރެން ރަލެއް ނުބޮން-"
އޭނާ ހީނގަތެވެ. "ސިނގިރޭޓެއް ނުބޮއި- ރަލެއް ނުބޮއި- ދެން އޮތީ އެންމެ ކަމެއް ނުން-؟"
އޭޝްލީ ރުޅިވެރި ރާގަކަށް ބުނެލިއެވެ. "ޑެނިސް- ކަލޭ..."
"އޭތް- އެއީ ހަމަ މަޖަލަކަށް ބުނެލި އެއްޗެއް-" އޭނާ މޭޒުމަތީގައި ހުރި ފުޅިއަކުން ތަށްޓަކަށް ވައިން ފޮދެއް އަޅައިލިއެވެ. "ކުޑަ ވައިންފޮދެއް ބޯލާ- މި އަކުން މާ ބޮޑު ގެއްލުމެއް ނުލިބޭނެއެއްނުން-؟"
އޭޝްލީ އެ ތަށި އަތުލައިގެން އެތި ފޮދެއް ބޯލިއެވެ. "ދެން ތިޔަ ރީތި ކުއްޖާގެ ވާހަކަ ކިޔައިދީ-"
ޑެނިސް ޓިބްލް މަޑުމަޑުން އައިސް އޭޝްލީއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. "އަހަރެން ދުވަހަކު ވެސް އެހައި ރީތި ކުއްޖަކު ނުދެކެން- އެއީ ހަމަ ކަލޭ ކަހަލަ އަސަރުގަދަ..."
"ހުއްޓާލާ- އެހެން ނޫނީ އަހަރެން ދަނީ-"
"އަހަރެން ކަލެޔާ ދިމާއަށް ހުތުރު އެއްޗެކޭ ނުކިޔަމެއްނުން-؟ ތަޢުރީފު ކުރަނީއެއްނުން-؟ އެ ކުއްޖާ އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ- އެކަމަކު އޭނާގެ މައިންބަފައިންނަކަށް އަހަރެން ކަމަކު ނުދޭ- އެއީ އެހައި ވިސްނުން ރަނގަޅު ބައެއް ނޫން-"
އޭޝްލީ އަނގަޔަކުން ނުބުނެއެވެ.
"އަހަރެން ބާރުއަޅައިފިއްޔާ ހަމަ މިހާރު ވެސް އެ ކުއްޖާ އަހަންނާ އިނދެގެން އަތުވެދާނެ- އެކަމަކު އޭރުން ޖެހޭނީ ޢާއިލާއާ މުޅިން ވަކިވާން- އޭނާ އުޅެނީ މައިންބަފައިންނާ ވަރަށް ގާތްކޮށް- އަހަންނާ އިނދެފިއްޔާ އެ މީހުން އޭނާ އެއްލައިލާނެ- ދަރިއެއް ނޫންކަމަށް ހަދާނެ- އެހެން ވެއްޖެއްޔާ ކޮންމެވެސް އެއް ދުވަހަކުން އޭނާ އަހަރެން ކުށްވެރިކުރަން ފަށާނެ- އެއީ އަހަރެންގެ މައްސަލައަކީ-"
އޭޝްލީ އަނެއްކާވެސް ވައިން ފޮދެއް ބޯލިއެވެ. "އެހެން ވެއް..."
އޭގެ ފަހުން ވީ ގޮތެއް އޭޝްލީއަކަށް ނޭނގުނެވެ.
އޭނާއަށް ހޭލެވުނީ ވަރަށް ލަސްލަހުންނެވެ. ހޭލެވެމުން ދިޔަ އިރު ވެސް ކޮންމެވެސް ނުބައެއް ހިނގައިފި ކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. އޭނާއަށް ބާރުގަދަ އަމަލުވާ އެއްޗެއް ދީފައި ހުރިކަން އެނގުނެވެ. ލޯ ހުޅުވައިލެވުނީ ވެސް ލައްކަ މަސައްކަތުންނެވެ. އޭނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނާ އޮތީ ހޮޓަލެއްގެ ކޮޓަރިއެއްގައި ހުރި އެނދެއްގައެވެ. މުޅިން ބަރަހަނާ ޙާލުގައެވެ. އޭނާ މަޑުމަޑުން ތެދުވެ އިށީނދެއްޖެއެވެ. އޭރު ބޮލުގައި ވަރަށް ބޮޑަށް ރިއްސައެވެ. އޭނާ އޮތީ ކޮން ހޮޓަލެއްގައި ކަމެއް، އެ ހޮޓަލަކަށް އާދެވުނީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނދު ކައިރީގައި ހުރި ތިރިމޭޒެއްގެ މަތީގައި ހޮޓަލުގެ މެނޫ އޮތެވެ. އޭނާ އެ މެނޫ ނަގައިފައި ހޮޓަލުގެ ނަމަށް ބަލައިލިއެވެ. "ދަ ޗިކާގޯ ލޫޕް ހޮޓެލް" އޭނާ އަނެއްކާވެސް އެ ނަން ކިޔައިލިއެވެ. ވަރަށް ބޮޑަށް ޙައިރާންވިއެވެ. އަހަރެން ޗިކާގޯއަށް އައީ ކީއްކުރަން ހެއްޔެވެ؟ މި ތާނގައި އުޅޭތާ ކިހައި އިރެއް ވެއްޖެ ހެއްޔެވެ؟ އަހަރެން ޑެނިސް ޓިބްލްގެ އެޕާޓްމަންޓަށް ދިޔައީ ހުކުރު ދުވަހުއެވެ. މިއަދު މިއީ ކޮން ދުވަހެއް ބާވައެވެ؟
އޭނާ ފޯނުގެ އަތްގަނޑު ނަގައިފައި ރިސެޕްޝަނަށް ގުޅައިލިއެވެ.
"ކިހިނެއް ވީތޯ-؟"
އޭޝްލީއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ. "މިއަދު... މިއަދު މިއީ ކޮން ދުވަހެއް-؟"
"މިއަދަކީ ސަތާރަ..."
"މި އަހަނީ ހުކުރު ހަތް ދުވަހުން ކޮން ދުވަހެއް ހެއްޔޭ-؟"
"ހޯމަ- ކިހި..."
އޭނާ ފޯނު ބާއްވައިފިއެވެ. ހޯމަ ދުވަސް... އޭނާއަށް ދެ ރޭ ދެ ދުވާ ގެއްލިގެން ހިނގައްޖެއެވެ. އޭނާ އެނދުގައި އިށީނދެގެން އިނދެ ހަނދާން ވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ދިޔައީ ޑެނިސް ޓިބްލްގެ އެޕާޓްމަންޓަށެވެ. އެ ތަނުން ވައިން ބުއީއެވެ. އޭގެ ފަހުން ވީ ގޮތެއް ނޭނގުނެވެ.
ވައިން ތަށްޓަށް އަޅައިފައި ހުރި އެއްޗެއްގެ ސަބަބުން އޭނާގެ ހަނދާން ވަގުތީ ގޮތުން ނެތުނީއެވެ. އެކަހަލަ ބޭސް ބޭނުންކުރާ ވާހަކަ އޭނާ އޮތީ ނޫހަކުން ކިޔައިފައެވެ. އެއަށް ޢާންމުކޮށް ކިޔައި އުޅެނީ "ޑޭޓް ރޭޕް ޑްރަގް" އެވެ. މާނައަކީ ރައްޓެހިވާ ކުއްޖާގެ ޢިއްފަތްތެރިކަން ނަގައިލަން ބޭނުންކުރާ ބޭހެވެ. ޑެނިސް ޓިބްލް އޭނާއަށް ދިނީ އެ ބޭހެވެ. އޭނާގެ ލަފާ ހޯދާށޭ ކިޔައިގެން ދެއްކި ވާހަކައަކީ ޖެހި މަޅިއެކެވެ. ބޮޑު މޮޔައެކޭ އެއްގޮތަށް އޭނާ އެ މަޅީގައި ޖެހުނީއެވެ. އެއަރޕޯޓަށް ގޮސް، ބޯޓަކަށް އަރައިގެން، ޗިކާގޯއަށް އައިސް ޓިބްލްއާ އެކު މި ހޮޓަލަށް ވަން ހަނދާނެއް އޭނާއަކަށް ނުވެއެވެ. ހަމައެކަނި މިއެއް ނޫނެވެ. މި ކޮޓަރި ތެރޭގައި ހިނގި ކަމެއް ވެސް އޭނާގެ ހަނދާނަކަށް ނާދެއެވެ.
މި ތަނުން އަވަހަށް ނުކުންނަންވީއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އޭނާއަށް ހީވަނީ މި ހުރެވެނީ ނުތާހިރާ ހެންނެވެ. އޭނާގެ ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ހަމައަކަށް މަސައްކަތެއް ނުކުރެއޭ ވެސް ހީވެއެވެ. އޭނާ އަނެއްކާ އަހަންނަށް ކީއްކުރީ ހެއްޔެވެ؟ އެ ކަމާ ވިސްނާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ މަޑުމަޑުން ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. މާގަނޑު ދަށުގައި ހުރެގެން ހޫނުފެން ގަޔަށް އޮއްސަމުން ދަނީއެވެ. ހަށިގަނޑުގައި ހުރި ހުރިހާ މިލައެއް މުޅިން ފިލުވައިލަން މަސައްކަތް ކުރަނީއެވެ. އޭނާގެ ހަށިގަނޑަށް މެދުވެރިވީ ޙާލަތު ވެސް ދޮވެވޭތޯ ގަދަ އަޅަނީއެވެ. ބަލިވެ އިނދެއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޓިބްލްގެ ދަރިއަކަށް ބަލިވެއިނުމުގެ ޚިޔާލު ކުރެވުމުން ހޮޑުނުލެވުނީ ކިރިޔާއެވެ. އޭނާ ފާޚާނާއިން ނުކުމެ ގައިހިއްކާލިއެވެ. ކޮޓަރީގައި ހުރި އަލަމާރި ހުޅުވައި ބަލައިލިއެވެ. އޭނާގެ ހެދުމެއް ނެތެވެ. އަލަމާރީގައި އޮތީ ކަޅުކުލައިގެ މިނީ ސްކަރޓަކާއި، ގަޔަށް ބާރު ޓޮޕަކާއި، ފުންނާބު އުސް ފައިވާނެކެވެ. އެއީ އޭނާ އަޅަން ބޭނުންވާ ހެދުމެއް ނޫނެވެ. އެކަމަކު ކުރާނޭ ކަމެއް ނެތެވެ. ހެދުންއަޅައި ނިމިގެން ލޯގަނޑުން ބަލައިލިއެވެ. ހީވަނީ ކަސްބީ އަންހެނެއް ހެންނެވެ.
އޭޝްލީ ދެން ބަލައިލީ އޭނާގެ އަތްދަބަހަށެވެ. އޮތީ އެންމެ ސާޅީސް ޑޮލަރެވެ. އެކަމަކު ޗެކް ފޮތާއި، ކްރެޑިޓް ކާޑު އޮތެވެ. އެ ކަމަށް ޓަކައި އޭނާ ޝުކުރުކުރިއެވެ.
އޭނާ ކޮޓަރިން ނުކުމެއްޖެއެވެ. ކޮރިޑޯ އޮތީ މުޅިން ހުހަށެވެ. އޭނާ ތިރިއަށް ފައިބައިގެން އައިސް ކައުންޓަރު ކައިރީގައި ހުރި މީހާގެ އަތަށް އޭނާގެ ކްރެޑިޓް ކާޑު ދީފައި ޗެކް-އައުޓް ކުރަން ބޭނުން ވާހަކަ ބުނެފިއެވެ.
"ހާދަ އަވަހަކަށް ދަނީ-" އެ މީހާ ހީނލިއެވެ. "މި ތާނގައި ހޭދަކުރި ވަގުތުކޮޅު ވަރަށް މަޖާތަ-؟"
އޭޝްލީ ކަޅިއަޅައިލިއެވެ. އޭނާ އެ ބުނީ ކީކޭ ބާވައޭ އޭޝްލީގެ ހިތަށްއެރިއެވެ. އެ ކަން އޮޅުންފިލުވަން އިތުރު ސުވާލެއް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ޑެނިސް ޓިބްލް ދިޔައީ ކޮންއިރަކު ހެއްޔޭ އަހާފާނަމޭ ވެސް ހިތަށްއެރިއެވެ. އެކަމަކު އަހާކަށް ނުކެރުނެވެ.
ކޭޝިއަރު އޭނާގެ ކްރެޑިޓް ކާޑު މެޝިނަށް ލައްވައިފިއެވެ. ދެ ތިން ފަހަރަކު ކާޑު ލައްވައިފައި ބުންޏެވެ. "މަޢާފްކުރޭ- ބޭނުންކުރަން ތިޔަ އުޅޭ ޢަދަދަކަށް މި ކާޑަކުން ފައިސާއެއް ބޭނުމެއް ނުކުރެވޭނެ-"
އޭޝްލީގެ އަނގަ ހުޅުވުނެވެ. "އެހެންނެއް ނުވާނެ- ކަލެއަށް ކޮންމެވެސް ނުބައެއް ހެދެނީއެއް ނޫންތަ-؟"
އެ މީހާ ފަރުވާކުޑަ ގޮތަކަށް އަހައިލިއެވެ. "އެހެން ކްރެޑިޓް ކާޑެއް ނެތްތަ-؟"
"ނެތް- ތިޔަ... މި ތަނަށް ޗެކް ޤަބޫލުކުރޭތަ-؟"
އޭނާގެ މޫނުމަތީގައި ހުރި ފަރުވާކުޑަ ކަމުގެ ކުލަވަރު ބޮޑުވެގެން ދިޔައެވެ. "އާނ- އައިޑީ އެއް އޮތިއްޔާ ޤަބޫލުކޮށްފާނަން-"
"އަހަރެން ފޯނެއް ކޮށްލަން ބޭނުން-"
"އެ ދިމާ ކަނުގައި އެހެރީ ފޯނު ބޫތެއް-"
"ސެން ފްރެންސިސްކޯ މެމޯރިއަލް ހޮސްޕިޓަލް..."
"ޑޮކްޓަރ ސްޓީވަން ޕެޓަރސަންއާ ގުޅިދާނެ ތޯ-؟"
"މަޑުކޮށްލައްވާ-"
"ޑޮކްޓަރ ޕެޓަރސަންގެ އޮފީސް..."
"ސާރާ ތަ-؟ މިއީ އޭޝްލީ- އަހަރެން ބައްޕައާ ގުޅާލަން ބޭނުން-"
"އޭޝްލީ- ވަރަށް ދެރަ- ބައްޕަ މިހާރު ހުންނެވީ އޮޕަރޭޝަން ތިއޭޓަރުގައި- އެ ތަ..."
އޭޝްލީ ވަރަށް ބާރަށް ފޯނު އަތްގަނޑުގައި ހިފަހައްޓައިލިއެވެ. "އެ ތަނުން ނުކުންނަވާނެ އިރެއް އެނގޭތަ-؟"
"ވަކި އިރެއް ބުނާކަށް ނޭނގޭ- މިއަދު އަދި އެހެން އޮޕަރޭޝަނެއް ވެސް އެބަ އޮތް- އެއީ..."
އޭޝްލީ ހާސްވާން ފަށައިފިއެވެ. "އަހަރެން ބައްޕައާ ވާހަކަދައްކައިލަން ބޭނުން- ވަރަށް މުހިންމު ކަމަކު- ބައްޕައަށް އަންގައިލަދީފާނަންތަ-؟ ނަންގަނޭ ވަގުތެއް ލިބިލެއްވިހައި އަވަހަކަށް އަހަންނާ ގުޅާށޭ-" އޭނާ ފޯނު ބޫތުގައި ޖަހައިފައި އޮތް ނަންބަރު ސާރާއަށް ދީފިއެވެ. "ބައްޕަ ގުޅުއްވަންދެން އަހަރެން މި ތާނގައި ހުންނާނަން-"
"ހަމަ މިހާރު މި ނަންގަންނަނީ-"
އޭނާ ހޮޓަލުގެ ލޮބީގައި އިށީނދެގެން އިންނަތާ ގަޑިއެއްހައި އިރު ވެއްޖެއެވެ. އެ ތަނަށް ވަދެ ނުކުމެވާ މީހުން ދަނީ އޭނާއާ ދިމާއަށް ބަލަމުންނެވެ. ލައިގެން އިން ހެދުމުގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ. ބައެއް މީހުން ހީނ ވެސް ހަދައެވެ. އޭނާއަށް އިޙްސާސް ކުރެވެމުން ދިޔައީ އޮރިޔާމުން ހުރެވެނީ ކަމުގައެވެ.
ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ފޯނުގެ ރަނގަބީލުގެ އަޑަށެވެ. އޭނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ފޯނު ނަގައިފިއެވެ. "ހަލޯ..."
"އޭޝްލީ ތަ-؟" އެއީ އޭނާގެ ބައްޕަގެ އަޑެވެ.
"ލައްބަ- އަޅުގަނޑު..."
"ކިހިނެއްވީ-؟"
"އަޅުގަނޑު މިހިރީ ޗިކާގޯގައި- މި ތަ..."
(ނުނިމޭ)