(28 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބްރެނަން އިރުކޮޅެއް ވާންދެން އެ މީހުންނާ ދިމާއަށް ބަލަން ހުރެފައި ބުނެލިއެވެ. "މިހާރު ތިޔަ ބޭކަލުންނާއި، ބޭކަނބަލުން ތިޔަ ތިއްބެވީ އަޅުގަނޑު މަޢާފްކުރައްވާށޭ ނުވަތަ އެހެންވެސް އެފަދަ އެއްޗެކޭ ނަންގަނޭތޯކަން ޔަގީން- އެކަމަކު އަޅުގަނޑު އެކަހަލަ އެއްވެސް އެއްޗެކޭ ބުނާކަށް ނެތިން- ސަބަބަކީ ދެންމެ ލެވުނު ވަޔަކީ އަޅުގަނޑު ލީ ވަޔަކަށް ނުވާތީ- އެއީ އަޅުގަނޑުގެ ހަށިގަނޑުގައި އުޅޭ އެހެން މީހަކު ކުރި ކަމެއް-"
ޑޭވިޑް ރުޅިއައިސްގެން ތެދުވެއްޖެއެވެ. "އަޅުގަނޑު ދެކޮޅުހަދަން- އެއީ އެއްވެސް ތާކުންތާކުޖެހޭ..."
"މީގެ ފަހުން އެކަހަލަ ވާހަކަ ދައްކަވައިގެން ނުވާނެ-" ފަނޑިޔާރު ވިލިއަމްސް ބުނެލިއެވެ.
އޭރު ލިބޭނޭ ގެއްލުމެއް ވިއްޔާ އޮތީ ލިބި ނިމިފައެވެ.
ބްރެނަން ޑޭވިޑާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ. އަދި ޖޫރީއާ ދިމާއަށް އެނބުރި ހުރެ ބުނެލިއެވެ. "މިއީ ވަރަށް ޙައިރާންވާ ކަހަލަ މައްސަލައެއް- މި ކަހަލަ މައްސަލައެއްގެ ވާހަކަ ނުވެސް އިވޭތާ އެތައް އަހަރެއް ވެދާނެ-" އޭނާ އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "އެއީ އަޅުގަނޑު ކުރި ކަމެއް ނޫން- ޝައިޠާނާ އަޅުގަނޑު ލައްވާ ކުރުވި ކަމެއް..."
ޑޭވިޑް އަނެއްކާވެސް ތެދުވެއްޖެއެވެ. "އަޅުގަނޑު ދެކޮޅުހަދަން- އެއީ..."
"ސަރުކާރުގެ ވަކީލު ކުރިއަށް ގެންދަވާ-" ފަނޑިޔާރު ވިލިއަމްސް ބުނެލިއެވެ.
ޑޭވިޑް ގޮނޑިމައްޗަށް ވެއްޓިގެންފިއެވެ.
ބްރެނަން ޖޫރީއާ ކައިރިއަށް ޖެހިލިއެވެ. "މި މައްސަލައިގައި އޭޝްލީ ކުށްވެރިވާ ކަމަށް ސާބިތުކޮށްދޭނަމޭ އަޅުގަނޑު އޮންނާނީ ނަންގަނެފައި- ޑެނިސް ޓިބްލްއާއި، ރިޗަރޑް މެލްޓަންއާއި، ޑެޕިއުޓީ ސެމިއުލް ބްލޭކް މަރައިލީ އޭޝްލީ ކަމާ މެދަކު އެއްވެސް ޝައްކެއް ނެތް- މި ދައްކަނީ ތިން މީހުންގެ ވާހަކަ އިނގޭތޯ-؟ ތިން އިންސާނުންގެ ވާހަކަ- ދިފާޢުގައި ވާހަކަދައްކަވާ ވަކީލު ކިތަންމެ ބާރަކަށް ވިދާޅުވިޔަސް..." އޭނާ އޭޝްލީއާ ދިމާއަށް އަތުން އިޝާރާތްކޮށްލިއެވެ. "އަޅުގަނޑުމެންނަށް ފެންނަން މި ތާނގައި އިނީ އެންމެ މީހެއް- އެ މީހުން މަރައިލި މީހަކީ އެއީ- މިސްޓަރ ސިންގަރ ވިދާޅުވަނީ ކީކޭތޯ-؟ މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއޭ އެހެންނޫންތޯ-؟ މުޅި ދުނިޔެއަށް މަޝްހޫރު ޑަކްޓަރުން އަޅުގަނޑު މި ތަނަށް ގެންނާނަން- އެ މީހުން ހުވާ މަތީ ތިބެގެން ހެކިބަސްދޭނެ- އަދި މިސްޓަރ ސިންގަރ އެ ވިދާޅުވާ ބައްޔަކީ ނުވެސް ހައްދަވާ ބައްޔެކޭ ބުނާނެ- އެކަމަކު ފުރަތަމަ އަޅުގަނޑު ވާހަކަދައްކާނީ އޭޝްލީއާ މި ޤަތުލުތަކާ ގުޅުން ހުރި ކަމަށް ސާބިތުކޮށްދޭން-"
ބްރެނަން ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑު ފުރަތަމަ ގެންނަން ބޭނުންވަނީ ސްޕެޝަލް އޭޖެންޓް ވިންސެންޓް ޖޯރޑަން-"
އިސްކޮޅުން ކުރު، ތަލަވެފައި ހުރި މީހަކު ހެކިބަސްދޭ ކޮށިގަނޑަށް އަތުވެއްޖެއެވެ.
ކޯޓުގެ ކާތިބު ތެދުވެއްޖެއެވެ. "ފުރިހަމަ ނަން ވިދާޅުވޭ- ލިޔާނޭ ގޮތް ވެސް ވިދާޅުވާންވާނެ-"
"ސްޕެޝަލް އޭޖެންޓް ވިންސެންޓް ޖޯރޑަން- ޖޭ.. އޯ... އާރް... ޑީ... އޭ... އެން..."
ހުވާކުރުވާ ނިމެންދެން ބްރެނަން ހުރީއެވެ.
"ތިޔައީ އެފްބީއައި ނޫނީ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގައި މަސައްކަތްކުރައްވާ ބޭފުޅެއްތޯ-؟"
"އާދެ-"
"އެ ތާނގައި ކުރައްވާ މަސައްކަތަކީ ކޮބައިތޯ-؟"
"އަޅުގަނޑަކީ އިނގިލީގެ ނިޝާނާ ބެހޭ ބައިގެ ވެރިޔާ-"
"ތިޔަ ވަޒީފާގައި އުޅުއްވާތާ ކިހައި ދުވަހެއް ވެދާނެތޯ-؟"
"ފަނަރަ އަހަރު-"
"ފަނަރަ އަހަރު- އެހައި ދިގު މުއްދަތަކަށް ތިޔަ މަސައްކަތްކުރެއްވި އިރު ދެ މީހެއްގެ އިނގިލީގެ ނިޝާން އެއްގޮތްވެފައިވާތީ ދެކެވަޑައިގަތިންތޯ-؟"
"ނޫން- ނުދެކެން-"
"އެފްބީއައިގައި މިހާރު އިނގިލީގެ ނިޝާނުގެ ކިތައް ސެޓު އޮންނާނެތޯ-؟"
"އެންމެ ފަހުގެ ހިސާބުތަކަށް ބަލައި އިރު ދުއިސައްތަ ފަންސާސް މިލިއަން ސެޓު އޮންނާނެ- އަޅުގަނޑުމެންނަށް ކޮންމެ ދުވަހަކު ތިރީސް ހަތަރު ހާސް ކާޑު ލިބޭ-"
"އެއިން އެއްވެސް ކާޑެއް އަނެއް ކާޑަކާ ނުގުޅޭތޯ-؟"
"ނުގުޅޭ-"
"އިނގިލީގެ ނިޝާން ފާހަގަކުރައްވަނީ ކިހިނެއްތޯ-؟"
"ނިޝާން ބަލަން ތަފާތު ހަތް ވައްތަރެއްގެ ތައްގަނޑެއް އަޅުގަނޑުމެން ބޭނުންކުރަން- އިނގިލީގެ ނިޝާނަކީ ވިހެއުމުގެ ކުރިން އުފެދޭ އެއްޗެއް- އޭގެ ފަހުން އެއަކަށް ދުވަހަކުވެސް ބަދަލެއް ނާންނާނެ- ގަސްތުގައި ބަދަލެއް ގެނެސްގެން ނޫނީ ދެ ނިޝާނެއް އެއްގޮތެއް ނުކުރެވޭނެ-"
"އޭޝްލީގެ މައްޗަށް ތުހުމަތުކުރެވިގެން މި އުޅޭ ޤަތުލުގެ ހާދިސާތައް ހިނގި ތަންތަނުން ފެނުނު އިނގިލީގެ ނިޝާންތައް ތިޔަ އޮފީހަށް ފޮނުވިތޯ-؟"
"އާދެ- އެ ނިޝާންތައް އަޅުގަނޑަށް ލިބުނު-"
"އޭޝްލީ ޕެޓަރސަންގެ އިނގިލީގެ ނިޝާން ވެސް ލިބިވަޑައިގަތްތޯ-؟"
"އާދެ-"
"އެ ނިޝާންތައް ބެލީ ކާކުތޯ-؟"
"އަޅުގަނޑު-"
"ބެއްލެވީމާ ނުކުތް ނަތީޖާއަކީ ކޮބައިތޯ-؟"
"ޤަތުލުގެ ހާދިސާތައް ހިނގި ތަނުން ފެނުނު ނިޝާނާއި، އޭޝްލީގެ ނިޝާނާ މުޅިން އެއްގޮތް- އެއްވެސް ތަފާތެއް ނެތް-"
ކޯޓުގައި ތިބި މީހުން ވާހަކަދައްކަން ފަށައިފިއެވެ.
"ހިމޭންވޭ- ހިމޭންވޭ-" ފަނޑިޔާރުގެ އަޑުއިވުނެވެ.
އަޑުމަޑުވާންދެން ހުރެފައި ބްރެނަން އަނެއްކާވެސް ވާހަކަދައްކަން ފަށައިފިއެވެ. "ތިޔަ ވިދާޅުވީ އެ ނިޝާންތައް މުޅިން އެއްގޮތޭ- އެހެންނޫންތޯ-؟ ތިޔައީ ހަމަކަށަވަރު ވާހަކައެއްތޯ-؟ އެއްވެސް ކަހަލަ އޮޅުމެއް ނެތްތޯ-؟"
"އާދެ- އެއްވެސް އޮޅުމެއް ނެތް- ހުރިހާ ނިޝާނެއް ހުރީ ވަރަށް ސާފުކޮށް ފެންނާން-"
"އަޅުގަނޑު އަދި އެއްފަހަރު ދަންނަވައިލާނަން- ޤަތުލުގެ ޙާދިސާ ހިނގި ތާނގައި ހުރި ނިޝާނޭ ތިޔަ ވިދާޅުވަނީ ޑެނިސް ޓިބްލްއާއި، ރިޗަރޑް މެލްޓަންއާއި، ޑެޕިއުޓީ ބްލޭކާ ތިން މީހުން ޤަތުލުކުރެވުނު ތަނުން ފެނުނު ނިޝާނުގެ ވާހަކަ- އެހެންނޫންތޯ-؟"
"އާދެ-"
"އެ ތަންތަނުން ފެނިފައިވަނީ އޭޝްލީ ޕެޓަރސަންގެ އިނގިލީގެ ނިޝާން އެހެންނޫންތޯ-؟"
"އާދެ-"
"އޮޅުމެއް އަރައިފާނޭ އެއްވެސް ކަމެއް އޮތްތޯ-؟"
"ނޫން- އެއްވެސް ކަމެއް ނެތް-"
"ޝުކުރިއްޔާ އޭޖެންޓް ޖޯރޑަން-" ބްރެނަން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "ކުރިއަށް ގެންދަވާ-"
ޑޭވިޑް އިރުކޮޅަކު އިށީނދެގެން އިނދެފައި ކުއްލިއަކަށް ތެދުވެއްޖެއެވެ. މަޑުމަޑުން ގޮސް ހެކިބަސްދޭ މީހާގެ ކޮށިގަނޑުގެ ކައިރިއަށް ހުއްޓިއްޖެއެވެ. "އޭޖެންޓް ޖޯރޑަން- އިނގިލީގެ ނިޝާން ބައްލަވަމުން ގެންދަވާއިރު އެއިން އެއްވެސް ނިޝާނަކުން ބަޔަކު ނުވަތަ މީހަކު އެ ފޮހެލަން ނުވަތަ ހަލާކުކޮށްލަން މަސައްކަތްކޮށްފައި ހުންނާތީ އެއްވެސް ދުވަހަކު ފެނިވަޑައިގެންފައިވޭތޯ-؟"
"އާދެ- ބައެއް ފަހަރު ފެނޭ- އެކަމަކު ގިނަ ފަހަރަށް އެކަހަލަ ތަންތަން ރަނގަޅުކުރެވޭ- މި ޒަމާނުގެ ލޭޒަރ ހުނަރުގެ ބޭނުންކޮށްގެން މިހާރު އެ ކަހަލަ ކަންތައްތައް ރަނގަޅުކުރެވެން ހުރޭ-"
"އޭޝްލީ ޕެޓަރސަންގެ އިނގިލީގެ ނިޝާން ބެއްލެވިއިރު ތިޔަ ވިދާޅުވި ކަހަލަ ގޮތަކަށް ރަނގަޅު ކުރައްވަން ޖެހިވަޑައިގަތްތޯ-؟"
"ނޫން- ނުޖެހޭ-"
"އެއީ ކީއްވެގެންތޯ-؟"
"ކުރިންވެސް ދެންނެވިހެން އެ ހުރިހާ ނިޝާނެއް ވެސް ހުރީ ވަރަށް ސާފުކޮށް- އޮޅުމެއް އަރާ ކަހަލަ އެއްވެސް ކަމެއް ނެތް-"
"ތިޔަ ވިދާޅުވަނީ އެ ނިޝާނުގެ ވެރިން، ނިޝާން ފޮހެލަން ނޫނީ އޮޅުވައިލަން މަސައްކަތްކޮށްފައެއް ނެތޭތޯ-؟"
"އާދެ- އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނެތް-"
"ޝުކުރިއްޔާ- އިތުރު ސުވާލެއް ނެތް-" ޑޭވިޑް ޖޫރީއާ ދިމާއަށް ބަލައިލިއެވެ. "އޭޝްލީ ޕެޓަރސަން ކުށް ފޮރުވާކަށް އެއްވެސް މަސައްކަތެއް ނުކުރޭ- އެއީ ކީއްވެގެންތޯ-؟ އެއީ އޭނާ އެއްވެސް ކުށެއް ނުކުރާތީ- އެހެންވީމާ..."
ފަނޑިޔާރު ވިލިއަމްސް، ޑޭވިޑްގެ ވާހަކަ މެދުކަނޑައިލިއެވެ. "ހުއްޓަވައިލައްވާ- މުލްޒިމް ކުށްވެރިވޭތޯ ނުވަތަ ނޫންތޯ ނިންމާނީ ފަހުން- އެކަމަށް ވަގުތު އަރުވާނަން-"
ޑޭވިޑް އިށީނދެއްޖެއެވެ.
ފަނޑިޔާރު ވިލިއަމްސް އޭޖެންޓް ޖޯރޑަންއާ ދިމާއަށް ބަލައިލިއެވެ. "ދެން ވަޑައިގަތަސް އެންމެ ރަނގަޅު-"
އޭނާ ތެދުވެގެން ގޮސް ޝަރީޢަތް ހިނގާ މީހުން ތިބެން ހުންނަ ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
ބްރެނަން ބުނެލިއެވެ. "ދެވަނަ ހެއްކެއްގެ ގޮތުގައި އަޅުގަނޑު ގެންނަން ބޭނުމީ ސްޓެންލީ ކްލާރކް-"
ބޯދިގުކޮށްފައި ހުރި ޒުވާނަކު އައިސް ކޮށިގަނޑުގައި އިށީނދެއްޖެއެވެ.
ހުވާކުރުވާ ނިމުނީމާ ބްރެނަން ވާހަކަދައްކަން ފަށައިފިއެވެ. "މިސްޓަރ ކްލާރކް- ކުރައްވާ މަސައްކަތަކީ ކޮބައިތޯ-؟"
"އަޅުގަނޑު މަސައްކަތްކުރަނީ ނޭޝަނަލް ބަޔޯޓެކް ލެބޯޓަރީގައި- އަޅުގަނޑަކީ ޑިއޮކްސިރައިބޯނިއުކްލިކް އެސިޑްގެ މަސައްކަތްކުރާ މީހަކީން-"
"ތިޔަ ކިޔުއްވީ ޑީއެންއޭއަށް ކިޔާ ދިގު ނަން- އެހެންނޫންތޯ-؟"
"އާދެ-"
"އެ ތާނގައި މަސައްކަތް ކުރައްވާތާ ކިހައިދުވަހެއް ވެދާނެތޯ-؟"
"ހަތް އަހަރު-"
"އެ ތާނގައި އަދާކުރައްވާ ވަޒީފާއަކީ ކޮބައިތޯ-؟"
"އަޅުގަނޑަކީ ސުޕަވައިޒަރަކީން-"
"އެހެންވީމާ ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ޑީއެންއޭ ޓެސްޓް ހެދުމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ލިބިވަޑައިގެންފައި ހުންނާނެ- އެހެންނޫންތޯ-؟"
"އާދެ- އަޅުގަނޑު އެ މަސައްކަތް ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެ-"
ބްރެނަން ޖޫރީއާ ދިމާއަށް ބަލައިލިއެވެ. "ޑީއެންއޭގެ މުހިންމުކަން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް އޮޅިފައެއް ނޯންނާނެ-" އޭނާ އަޑުއަހަން ތިބި މީހުންނާ ދިމާއަށް އިޝާރާތްކޮށްލިއެވެ. "މި ކޯޓުގައި މިހާރު މި ތިބަ މީހުންގެ ތެރެއިން ހައެއްކަ މީހުންގެ ޑީއެންއޭ އެއްގޮތްވުމަކީ އެކަށީގެންވާ ކަމެއްތޯ-؟"
"ނޫން- ޑީއެންއޭ ޕްރޮފައިލް ނަގައިގެން ބަލައިފިނަމަ އެއްގޮތްވާނީ އެންމެ ގިނަ ވިޔަސް ކޮންމެ ފައްސަތޭކަ ބިލިއަނަކުން އެންމެ ދެ މީހެއްގެ ޑީއެންއޭ- އެހެން ނޫނީ މުޅިން ތަފާތުވާނެ-"
ބްރެނަން ބޯޖަހައިލިއެވެ. "ފައްސަތޭކަ ބިލިއަނުން އެންމެ ދެ މީހުން- ކުށެއް ހިނގާ ތަނަކުން ޑީއެންއޭ ނަންގަވަނީ ކިހިނެއްތޯ-؟"
"ވަރަށް ގިނަ ގޮތްގޮތް ހުރޭ- ކުޅުންވެސް ނަގަން- ލެޔާއި، އިސްތަށްޓާއި، ދަތާއި، ބޯން މެރޯވއާއި، މި ނޫނަސް އިންސާނެއްގެ ހަށިގަނޑުން ނުކުންނަ ދިޔައާއި، ފެނުން ވެސް ނަގަން-"
"ތިޔައިން އެއްޗަކުން ޑީއެންއޭ ނަގައިގެން ގުޅޭތޯ ބެލިދާނެތޯ-؟"
"އާދެ-"
"ޑެނިސް ޓިބްލްއާއި، ރިޗަރޑް މެލްޓަންއާއި، ސެމިއުލް ބްލޭކްގެ ޑީއެންއޭ ޓެސްޓް ހެދީ ކާކުތޯ-؟"
"އަޅުގަނޑު-"
"ޓެސްޓް ހެއްދެވިއިރު އޭޝްލީ ޕެޓަރސަންގެ އިސްތަށި ބެއްލެވިންތޯ-؟"
"އާދެ-"
"އެ ބެއްލެވި ބެއްލުވުމުގެ ނަތީޖާ ފެނިވަޑައިގަތީ ކިހިނެއްތޯ-؟"
"އެ ތަންތަނުން ފެނުނު އެއްޗަކާއި، އަޅުގަނޑަށް ލިބުނު އިސްތަށީގެ ޑީއެންއޭ މުޅިން އެއް ގޮތް-"
މި ފަހަރު އެހުންތެރިންގެ އަޑު ކުރިއަށްވުރެ ގަދަވެގެން ދިޔައެވެ.
ފަނޑިޔާރު ވިލިއަމްސް މުގުރުން މޭޒުމަތީގައި ޖައްސަވައިލެއްވިއެވެ. "އަޑުމަޑުކުރޭ- އެހެން ނޫނީ ކޯޓު ހުސްކުރަން ޖެހިދާނެ-"
އަޑުމަޑުވާންދެން ބްރެނަން މަޑުކުރިއެވެ. "މިސްޓަރ ކްލާރކް- ތިޔަ ވިދާޅުވަނީ ޤަތުލުގެ ހާދިސާތައް ހިނގި ތަނުން ނެންގެވި ޑީއެންއޭއާއި، އޭޝްލީގެ ޑީއެންއޭއާ މުޅިން އެއްގޮތޭތޯ-؟"
"އާދެ- މުޅިން އެއްގޮތް-"
ބްރެނަން އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. އެއަށް ފަހު އަނެއްކާވެސް ކްލާރކާ ދިމާއަށް އެނބުރިއްޖެއެވެ. "އެއްވެސް ކަހަލަ އޮޅުމެއް އަރައިފައި ނޫނީ ކުށެއް ޖެހިފައެއް ނޯންނާނެތޯ-؟ މީގެ ކުރިން ވަރަށް މަޝްހޫރު ޤަޟިއްޔާއެއްގައި ޑީއެންއޭ ހަލާކުވެގެން ނުވަތަ އޮޅިގެން ނުބައި ނަތީޖާ ނުކުމެފައި އޮތްކަން އަޅުގަނޑުމެން އެންމެންނަށް ވެސް އެނގޭ- މި ފަހަރުވެސް އެކަހަލަ ކަމެއް މެދުވެރިވެގެން ޑީއެންއޭ ނުބައިވުމަކީ..."
"ނޫން- ނޫން- މި ފަހަރަކު އެ ކަހަލަ އެއްވެސް އޮޅުމެއް ނެތް- ޑީއެންއޭ ގެންގުޅެފައިވަނީ ވަރަށް ރަނގަޅަށް ބަންދުކުރެވިގެން ރައްކާތެރިކަމާއެކީ-"
"އެހެންވީމާ އެ ތިން މީހުން ވެސް މަރައިލީ އޭޝްލީ ކަމާ..."
ޑޭވިޑް ތެދުވެއްޖެއެވެ. "އަޅުގަނޑު ދެކޮޅުހަދަން- ދައުލަތުގެ ވަކީލު އެ މަސައްކަތްކުރައްވަނީ ހެކިބަސްދޭ މީހާ ވަކި އަތަކަށް ބުރަވާ ގޮތް ހައްދަވަން އަދި..."
"އެ ކަހަލަ ކަމެއް ނުކުރައްވާން ދައުލަތުގެ ވަކީލަށް އަޅުގަނޑު އަންގަން-"
ޑޭވިޑް އިށީނދެއްޖެއެވެ.
"ޝުކުރިއްޔާ މިސްޓަރ ކްލާރކް-" ބްރެނަން ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އިތުރު ސުވާލެއް ނެތް-"
ފަނޑިޔާރު ވިލިއަމްސް ބުންޏެވެ. "މިސްޓަރ ސިންގަރ- އެއްވެސް ސުވާލެއް ކުރައްވަން ބޭނުންތޯ-؟"
"ނޫން- އަޅުގަނޑުގެ ސުވާލެއް ނެތް-"
ޖޫރަރއިން ތިބީ ޑޭވިޑާ ދިމާއަށް ބަލާށެވެ.
ބްރެނަން ޖޫރީއާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "ދިފާޢީ ވަކީލު އެއްވެސް ސުވާލެއް ނުކުރެއްވީތީ އަޅުގަނޑު މި ހުންނަނީ ޙައިރާންވެފައި- އެއްވެސް ކުށެއް ނެތް ތިން އާދަމުގެ ދަރިން ރަޙުމެއް ނެތި މަރައިލެވުނީ- އެ މީހުން މަރައިލީ އޭޝްލީ ކަމާމެދު އެއްވެސް އޮޅުމެއް ނެތި..."
ޑޭވިޑް ފުންމައިގެން ތެދުވެއްޖެއެވެ. "މިސްޓަރ ބްރެނަން- ތިޔަ ވަޑައިގެންނެވެނީ ހުދޫދުން ބޭރަށް- ތިޔަހެން ނުހައްދަވާށޭ އަޅުގަނޑު މީގެ ކުރިންވެސް ދަންނަވައިފިން-" ފަނޑިޔާރު ވިލިއަމްސް ބުނެލިއެވެ.
"މަޢާފްކުރައްވާ- ޢިއްޒަތްތެރި ފަނޑިޔާރު- އަޅުގަނޑުގެ އިތުރު ސުވާލެއް ނެތް-"
އޭޝްލީ ބިރުގެންފައި ޑޭވިޑާ ދިމާއަށް ބަލައިލިއެވެ.
ޑޭވިޑް މަޑުމަޑުން ބުނެލިއެވެ. "ހާސްނުވޭ- އަހަރެމެންގެ ދަނޑިވަޅު އަދި އަންނާނެ-"
މެންދުރު ފަހުން ވެސް އޮތީ ހެކިންނާ ސުވާލުކުރުމެވެ.
"ޑިޓެކްޓިވް ލައިޓްމޭން- ޑެނިސް ޓިބްލްގެ އެޕާޓްމަންޓަށް ލައިޓްމޭން ގެންދިޔައީ ޢިމާރާތް ބަލަހައްޓާ މީހާތޯ-؟"
"އާދެ-"
"އެ ތަނުން ފެނިވަޑައިގަތް ކަންތައްތައް ވިދާޅުވެދެއްވަފާނަންތޯ-؟"
"އެ ތަން އޮތީ ދަންނަވަން ވެސް އުނދަގޫ ކަހަލަ ގޮތަކަށް- މުޅި ތާނގައި އޮތީ ލޭ-"
"މަރައިލައިފައި އޮތް މީހާ އޮތީ ކޮންކަހަލަ ޙާލަތެއްގައިތޯ-؟"
"އޭނާ މަރައިލައިފައި އޮތީ ވަޅިއަކުން ޙަމަލާދީގެން- އެތައް ތަނަކަށް ވަޅިހަރައިފައި ހުރި- ޖިންސީ ގުނަވަން އޮތީ ބުރިކޮށްލައިފައި-"
ބްރެނަން ޖޫރީއާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ބިރުގެންފައި ހުރިކަމުގެ އަސަރުތަކެވެ. "ވަޅިއަކުން... ތަޅައި މަރައިލައިފައި... ޖިންސީ ގުނަވަން ބުރިކޮށްލައިފައި... އެ ތަނުން އެއްވެސް ހެއްކެއް ފެނިވަޑައިގަތްތޯ-؟"
"އާދެ- މަރުވުމުގެ ކުރިން މަރުވި މީހާ ޖިންސީގުޅުމެއް ހިންގިކަމުގެ ޢަލާމާތް ފެނުނު- އަދި އިނގިލީގެ ނިޝާން ވެސް ފެނުނު-"
"އެ ވަގުތު މީހަކު ހައްޔަރު ނުކުރެއްވީ ކީއްވެގެންތޯ-؟"
"އެ ތަނުން ފެނުނު އިނގިލީގެ ނިޝާނާ ގުޅޭ ނިޝާނެއް އަޅުގަނޑުމެންގެ އެއްވެސް ފައިލަކުން ނުފެނުނު- އެހެންވީމާ ގުޅޭ ނިޝާނެއް ލިބެންދެން އަޅުގަނޑުމެން ތިބީ-"
"އެންމެ ފަހުން އޭޝްލީގެ އިނގިލީގެ ނިޝާނާއި، ޑީއެންޭ ޓެސްޓް ގެ ނަތީޖާ ލިބިވަޑައިގަތުމާ އެކު މައްސަލަ ޙައްލުވީ- އެހެންނޫންތޯ-؟"
"އާދެ- މައްސަލަ އެ ހިސާބުން މުޅިން ޙައްލުވީ-"
ޑޮކްޓަރ ޕެޓަރސަން ކޮންމެ ދުވަހަކު ޝަރީޢަތް އަޑުއަހަން އާދެއެވެ. އޭނާ އިށީންނަނީ އަޑުއަހަން ތިބޭ މީހުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިބަރިން، އޭޝްލީ އިންނަ ގޮނޑީގެ ފުރަގަހުން ހުންނަ ގޮނޑިއެއްގައެވެ. އޭނާ ކޯޓަށް ވަންނަ ވަގުތާއި، ނުކުންނަ ވަގުތު ނޫސްވެރިން އޭނާއާ ސުވާލުކުރެއެވެ.
"ޑޮކްޓަރ ޕެޓަރސަން- ޝަރީޢަތް ދަނީ ކިހިނެއްތޯ-؟"
"ރަނގަޅަށް-"
"ކިހިނެއް ވާނޭހެން ހީފުޅުވޭތޯ-؟"
"އަހަރެންގެ ދަރިފުޅުގެ އެއްވެސް ކުށެއް ނެތްކަމަށް ސާބިތުވާނެ-"
އެއްދުވަހަކު ހަވީރު ޑޭވިޑާއި، ސަންޑްރާއާ ދެ މީހުން ހޮޓަލަށް އައިއިރު އެ މީހުންނަށް ލިބިފައި އޮތް މެސެޖެއް އޮތެވެ. ބޭންކުން މިސްޓަރ ވޮންގއާ ގުޅުއްވުން އެދެމެވެ.
ދެ މީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. "އަނެއްކާވެސް ލާރި ދައްކަން ޖެހުނީބާ-؟" ސަންޑްރާ އަހައިލިއެވެ.
"އާނ- ވަގުތު ފާއިތުވެގެންދަނީ ހީވެސްނުކުރާހައި އަވަހަށް-" ޑޭވިޑް އިރުކޮޅަކު ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓެވެ. "މި ޝަރީޢަތް ވަރަށް އަވަހަށް ނިމިދާނެ- މި މަހު ދެއްކޭ ވަރަށް ބޭންކު އެކައުންޓުގައި ފައިސާ ހުންނާނެ-"
ސަންޑްރާ އޭނާއާ ދިމާއަށް ބަލައިލިއެވެ. "ޑޭވިޑް- އަހަރެމެންނަށް ހުރިހާ ފައިސާއެއް ނުދެއްކިއްޖެއްޔާ އަތުގައި ހުރިއްޔާ ހުރި އެއްޗެއް ގެއްލޭނީތަ-؟"
"އާނ- އެކަމަކު ހާސްނުވޭ- ފިކުރުބޮޑުނުކުރޭ- ރަނގަޅު މީހުންނަށް އަބަދުވެސް މެދުވެރިވާނީ ރަނގަޅު ގޮތް-"
އޭނާގެ ހިތަށް ކުއްލިއަކަށް އައީ ހެލަން ވުޑްމަންގެ ނަމެވެ.
* * *
މިހާރު ހެކިންގެ ކޮށިގަނޑުގައި އިނީ ބްރަޔަން ހިލްއެވެ. ހުވާކުރުވާ ނިމިއްޖެއެވެ. މިކީ ބްރެނަން އޭނާއާ ދިމާއަށް ބަލައިލައިފައި ގާތް ގޮތަކަށް ހިނިތުންވެލިއެވެ.
"މިސްޓަރ ހިލް- ކުރައްވާ މަސައްކަތަކީ ކޮބައިތޯ-؟"
"އަޅުގަނޑަކީ ސެން ފްރެންސިސްކޯގައި ހުންނަ ޑީ ޔަންގް މިއުޒިއަމްގައި ފޯރިއަށް ހުންނަ މީހަކީން-"
"އެއީ ވަރަށް ހިތްޕުޅުހަމަޖެހޭ ވަޒީފާއެއް- އެހެންނޫންތޯ-؟"
"އާދެ- ކުރެހުމަށް ނުވަތަ އެފަދަ ހުނަރަކަށް ލޯބިކުރާ މީހަކަށް ހިތްހަމަޖެހުން ލިބޭ ކަހަލަ ވަޒީފާއެއް- އަޅުގަނޑަކީ ކުރާނޭ ކަމެއް ނެތިފައި ހުންނަ ކުރެހުންތެރިއަކީން-"
"އެ ތާނގައި އުޅުއްވާތާ ކިހައި ދުވަހެއް ވެދާނެތޯ-؟"
"ހަތަރު އަހަރު-"
"އެއް ބަޔަކު ވަރަށް ގިނައިން އެ ތަނަށް ޒިޔާރަތްކުރާތީ ފެނިވަޑައިގެންފައިވޭތޯ-؟ މި ދެންނެވީ މީހުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެ ތަނަށް އާދޭތޯއޭ-؟"
"އާދެ- ބައެއް މީހުން އެއް ފަހަރަށް ވުރެ ގިނަ ފަހަރު އާދޭ-"
"އެހެން ވެއްޖެއްޔާ ގިނަ ދުވަސްވީމާ އެހެން އަންނަ މީހުން ފާހަގަކުރައްވަން އެނގިވަޑައިގަންނަވާނެ- އެހެންނޫންތޯ-؟ މި ދެންނެވީ އެ މީހުން ތިބޭނީ ދެކެފަރިތަ ބަޔަކަށް ވެފައޭ-؟"
"އާދެ-"
"އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުގައި އެ ތަނަށް ވަދެ، އެ ތާނގައި ހުންނަ ބައެއް ފޮޓޯ ނުވަތަ ކުރެހުން ނަކަލުކުރުމުގެ ހުއްދަ ކުރެހުންތެރިންނަށް އޮވޭ- އެއީ ތެދެއްތޯ-؟"
"އާދެ-"
"މި ދެންނެވިހެން ކުރެހުން ނަކަލުކުރަން އަންނަ އެއްވެސް ކުރެހުންތެރިއަކާ ދުވަހަކުވެސް ބައްދަލުވިތޯ-؟"
"އާދެ- އެހެން އަންނަ ބައެއް މީހުންނާ ރައްޓެހިވެސްވޭ-"
"ރިޗަރޑް މެލްޓަންއޭ ކިޔާ މީހަކާ ދުވަހަކުވެސް ބައްދަލުވިތޯ-؟"
ބްރަޔަން ހިލް ފުންނޭވާއެއްލިއެވެ. "އާދެ- އޭނާއަކީ ވަރަށް މޮޅު ކުރެހުންތެރިއެއް-"
"ކުރަހަން ދަސްކޮށްދެއްވާށޭ އޭނާ ގާތު ވިދާޅުވިންތޯ-؟"
"އާދެ-"
ޑޭވިޑް ތެދުވެއްޖެއެވެ. "ޢިއްޒަތްތެރި ފަނޑިޔާރު- މި ތާނގައި މިހާރު މި ދެކެވޭ ވާހަކައަކީ އަޑުއަހައިލަން ރަނގަޅު، ފޫހިފިލާ ކަހަލަ ވާހަކަތަކެއްކަން ޔަޤީން- އެކަމަކު އެ ވާހަކަތަކާ، މި ޤަޟިއްޔާއާ ހުރި ގުޅުމެއް އަޅުގަނޑަކަށް ނުފެނޭ- މިސްޓަރ ބްރެނަން..."
"މިއީ ހައްތަހާވެސް ޤަޟިއްޔާއާ ގުޅުން ހުރި ވާހަކަ- ޢިއްޒަތްތެރި ފަނޑިޔާރު- އަޅުގަނޑު މި ކުރާ ކަމަކީ މި އިންނެވި މިސްޓަރ ހިލްއަށް އޭޝްލީއާއި، އޭނާއާއެކު އުޅުނު މީހަކު ވަރަށް ރަނގަޅަށް ފާހަގަކުރައްވަން އެނގިވަޑައިގަންނަވާ ކަމަށް ސާބިތުކުރުން-"
"ކުރިއަށް ގެންދަވާ-"
ބްރެނަން ހިލްއާ ދިމާއަށް ބަލައިލިއެވެ. "އޭނާ ކުރަހަން ދަސްކޮށްދެއްވިތޯ-؟"
"އާދެ- ވަގުތު ލިބޭ ވަރަކުން ދަސްކޮށްދިން-"
"މިސްޓަރ މެލްޓަން މިއުޒިއަމަށް ގޮސް އުޅުނު ދުވަސްވަރު އޭނާއާ އެކީ ޒުވާން އަންހެންކުއްޖަކު އުޅެނިކޮށް ދެކެވަޑައިގަތިންތޯ-؟"
(ނުނިމޭ)
ހާދަ ކުރު ބަޔެކޭ ވ.ރީތި