ހުވަފެން - 24

(27 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން ތިޔަ ވާހަކަ އަޑުއަހާކަށް ބޭނުމެއް ނޫން-"

"އެންމެ ރަނގަޅު- ދެން ކުޑަކޮށް އަރާމުކޮށްލާ- މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އަހަރެން އަދި އަންނާނަން-"

އެ ތަން ބަލަހައްޓާ އަންހެނަކު އައިސް އޭޝްލީ ގޮވައިގެން ހިނގައްޖެއެވެ.

ޑޮކްޓަރ ސަލެމް ބުންޏެވެ. "ޑޭވިޑް- އޭނާ ކޮށިގަނޑަށް ނެރޭތި- ކޯޓުގައި އޭނާއާ ސުވާލުކުރުމަށް ވުރެ މޮޅު ގޮތެއް ނޯންނާނެ- އަހަރެމެންނަށް މި ފެނުނު މަންޒަރު ކޯޓުގައި ތިބޭ ޖޫރީންނަށް ފެނިއްޖެއްޔާ އެ މީހުން ގަބޫލު..."

"އަހަރެން ތިޔަ ކަމާ ވަރަށް ބޮޑަށް ވިސްނައިފިން-" ޑޭވިޑް ބުންޏެވެ. "އެކަމަކު ތިޔައީ އަހަންނަށް ކުރެވޭނޭ ކަމެއްހެންނެއް ހިއެއްނުވޭ-"

ޑޮކްޓަރ ސަލެމް އޭނާއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. "އެޔޯ-؟"

"ދައުލަތުގެ ފަރާތުން ދާނީ ބްރެނާން- އެއީ ހިޔަޅެއް- ކޯޓަށް އޭޝްލީ ގެންގޮސްފިއްޔާ އޭނާ އޭޝްލީގެ ސިކުނޑި ގޮއްވައިލާނެ- އެހެންވީމާ އެ ކަހަލަ ފުރުސަތެއް ދޭކަށް އަހަރެން ބޭނުމެއް ނޫން-"

ޝަރީޢަތް ފެށެން ދެ ދުވަހަށް ވެއްޖެއެވެ. ޑޭވިޑާއި، ސަންޑްރާއާ ދެ މީހުން ތިބީ ޖެސީ ކިލަރގެ ދެމަފިރިންނާ އެކީ ކާށެވެ. ރޭގަނޑުގެ ވަގުތެވެ.

"އަހަރެމެން މި ތިބެނީ ވިންޑްހެމް ހޮޓަލުގައި-" ޑޭވިޑް ބުންޏެވެ. "އެ ތާނގެ މެނޭޖަރު ޚާއްޞަ ގޮތަކުން އަހަންނަށް ކޮޓަރިއެއް ހުސްކޮށް ދިނީ- މުޅި ރަށް މިހާރު އޮތީ ފުރިފައި-"

"ތިޔަ ބަލަނީ އެއީ ރަނގަޅު ފާލެއް ނޫންކަމަށްނުން-؟" އެމިލީ ބުނެލިއެވެ. "މިއީ އަދި ފެށުން- ޝަރީޢަތް ފެށުނީމާ ވާނެ ވަރު ހިތަށް ގެނޭ-"

ޖެސީ ކިލަރ ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "އަހަންނަށް ކޮށްދެވޭނޭ ކަމެއް އޮތިއްޔާ ބުނާތި-"

ޑޭވިޑް ބޯހޫރައިލިއެވެ. "މިހާރު އެހެން މައްސަލައެއް އެބަ އޮތް- އަހަރެން މި ހުންނަނީ ދެ ފިކުރެއްގައި- އޭޝްލީ ކޯޓަށް ގެނެސް ސުވާލުކުރާނީ ބާވައޭ ނޫނީ ނުގެންނާނީ ބާވައޭ ހިތަށްއަރައިފައި-"

"ގެނައުމަކީ މާ ރައްކާތެރި ކަމަކަށް ނުވާނެ-" ޖެސީ ކިލަރ ބުނެލިއެވެ. "ގެނަޔަސް ނުގެނަޔަސް ސަލާމަތެއް ނޯންނާނެ- ބްރެނާންއަކީ ދޫކުރާނޭ މީހެއް ނޫން- ކަލޭ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އޭނާ ބަލާނީ އޭޝްލީއަކީ ނުބައި، އަނިޔާވެރި ޤާތިލެއްކަން ސާބިތު ކޮށްދެވޭތޯ- އޭޝްލީ ކޯޓަށް ނުގެނެސްފިނަމަ ޖޫރީން ދެކޭނީ ވެސް އެކަހަލަ ގޮތަކަށް- ގެނެސްފިއްޔާ ބްރެނާން އޭނާގެ ދުވަސް ދުއްވައިލާނެ-"

"ބްރެނާން ދުނިޔޭގެ ހުރިހައި ޑަކްޓަރުން ކޯޓަށް ގެންނާނެ- މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއަކީ ނުވެސް ހައްދަވާ ކަމަކަށް ހަދާނެ- ކަލޭގެ ކަމަކީ އެއީ އޮންނަ ކަމެއް ކަމަށް ސާބިތުކޮށްދިނުން-"

"އަހަރެންގެ މަސައްކަތަކަށް ހަދާނީ ތިޔަ ކަންތައް-" ޑޭވިޑް ބުންޏެވެ. "ޖެސީ- އަހަރެން އެންމެ ބޮޑަށް ހާސްވަނީ ކޮންކަމަކާކަން އެނގޭތަ-؟ އަހަރެން އެންމެ ބޮޑަށް ހާސްވަނީ މީޑިއާއަށް ނުކުންނަ ޖޯކާ ހެދި- ހަޖޫކިޔާވަރުން- އެންމެ ފަހުން ނުކުތް ޚަބަރުގައި އޮތީ ޝަރީޢަތް ހިންގާ ތަން ބަދަލުކުރަން އަހަރެން ފުރަތަމަކޮޅު މަސައްކަތް ކުރިއޭ- ފަހުން އެ ވާހަކަ ހުއްޓައިލީ އޭޝްލީ މީހަކު މަރާނުލާ ރަށެއް ނެތީމައޭ- ޖޮނީ ކާރސަން ޓީވީއަށް އަރައި ދެއްކި ވާހަކަ ހަނދާން އެބަހުރިތަ-؟ އޭނާވެސް ހިތްފުރެންދެން ޖޯކުޖެހި- ޓީވީގެ ހެއްވާ ޝޯވތަކުގައި އެންމެ ހޫނުކޮށް ދެކެވެނީ މި ޝަރީޢަތުގެ ވާހަކަ- އެހެން މީހުންނަށް މަލާމާތްކުރުން މިހާރު ވެފައި މި އޮންނަނީ ބައެއް މީހުންގެ އާމްދަނީގެ ވަސީލަތަކަށް-"

"ޑޭވިޑް-؟"

"ހޫނ..."

ޖެސީ ކިލަރ މަޑުމަޑުން ބުނެލިއެވެ. "ދުވަހެއް ދުވަހަކަށް ދާނީ ބާރުބޮޑުވަމުން-"

ކޯޓަށް ދާން އޮތް ދުވަހުގެ ކުރީ ރޭ ޑޭވިޑަކަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. އޭނާގެ ބޮލަށް ވަންނަ އިދިކޮޅު ޚިޔާލުތަކުން މިންޖެއް ނުވިއެވެ. އެރޭ ވަރަށް ދަންވާންދެން ހޭލާ އޮތުމަށް ފަހު އެންމެ ފަހުން ނިދުނު ވަގުތު މީހަކު ބުނާ އަޑު އޭނާއަށް އިވުނެވެ. އެންމެ ފަހުން ކަލޭ ދިފާޢުކުޅަ މީހާ މަރައިލީ ކަލެއެވެ. މި ފަހަރު ވާނީ ކިހިނެއް ހެއްޔެވެ؟

އޭނާއަށް ހޭލެވިއްޖެއެވެ. މުޅި މީހާ އޮތީ ދާހިއްލާ ފޯވެފައެވެ.

ސަންޑްރާ ލޯހުޅުވައިލިއެވެ. "ކިހިނެއްވީ-؟"

"ކަމެއް ނުވޭ... އަހަރެން މި ހާސްވަނީ އެއްވެސް ކަމަކާ ނުލާ- ޑޮކްޓަރ ޕެޓަރސަންއާ ގުޅައިފައި އަހަންނަކަށް މި ކަމެއް ނުވާނެއޭ ބުނެލީމާ ނިމުނީ- ހުރިހައި މައްސަލައެއް ޙައްލުވީ-"

ސަންޑްރާ އޭނާގެ އަތުގައި ހިފައިލައިފައި މަޑުމަޑުން ބުނެލިއެވެ. "އެހެން ވެއްޖެއްޔާ އެހެން ނުހެދީ ކީއްވެގެން-؟"

ޑޭވިޑް އެއްމިޔަކަނުން ހިނިތުންވެލިއެވެ. "ހޫނ... ތިޔައީ ރަނގަޅު ސުވާލެއް- އަހަންނަށް އެހެން ހެދޭކަށް ނެތް-"

"އެންމެ ރަނގަޅު- ދެން އަވަހަށް ނިދާ- ހެނދުނު ތެދުވާއިރު ތާޒާކަންމަތީ ހުރެވޭނީ އޭރުން-"

"ތިޔައީވެސް ރަނގަޅު ވާހަކައެއް-"

ޑޭވިޑް އެ ރޭ އެއްގޮތަކަށް ވެސް ނުނިދައެވެ.

ނޫސްވެރިންނާ ބެހޭ ގޮތުން ފަނޑިޔާރު ވިލިއަމްސް ބުނީ ހަމަ ތެދެކެވެ. އެ މީހުން ކޮޅުކޮޅުމައްޗަށް ދުވާއިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ދުނިޔޭގެ އެތަން މިތަނުން އަންނަ ނޫސްވެރިންގެ ސިލްސިލާއަކަށް ނިމުމެއް ނާދެއެވެ. ރީތި އަންހެންކުއްޖަކު އެތައް ބަޔަކު މަރައިފައި އެ މީހުންގެ ހަށިގަނޑަށް ކުދި އަނިޔާ ދީފައި ހުރި ވާހަކައަކީ އެކަކަށް ވެސް ދޫކޮށްލެވޭ ވަރުގެ ވާހަކައަކަށް ނުވިއެވެ.

ޖިމް ކްލެއަރީއާއި، ޖީން ކްލައުޑީ ޕޭރެންޓްގެ ނަން ކޯޓުގައި ކިޔައިގެން ނުވާނޭ ކަމަށް މިކީ ބްރެނާންއަށް ފަނޑިޔާރު އޮތީ އަންގައިފައެވެ. އެއީ އޭނާ ހިތްހަމަޖެހޭ ކަމަކަށް ނުވިއެވެ. އެހެން ނަމަވެސް ނޫސްވެރިން އެ ކަމުގެ ޙައްލު ވެސް ހޯދައިދީފިއެވެ. ޓީވީ ޝޯވތަކުގަޔާއި، ނޫސްތަކުގައި މަރައިލި އެންމެންގެ ވާހަކަ އޮތެވެ. ބްރެނާން ހުރީ އެ ކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ.

ޑޭވިޑް ކޯޓަށް ދިޔައިރު ނޫސްވެރިންގެ ފައުޖު އޮތީ ކޯޓުދޮށަށް ޖަމާވެފައެވެ. އޭނާ ފެނުމާއެކު އެންމެން އެކީ ސުވާލުކުރަން ފަށައިފިއެވެ.

"މިސްޓަރ ސިންގަރ- އަދިވެސް އުޅުއްވަނީ ކިންސެއިޑް، ޓަރނަރ، ރޯޒް އެންޑް ރިޕްލީގައިތޯ...؟"

"މިސްޓަރ ސިންގަރ- މި ފަރާތަށް ބައްލަވާ..."

"މި މައްސަލައާ ޙަވާލުވެލެއްވީތީ ވަޒީފާއިން ވަކިކުރެއްވި ވާހަކަ އެއީ ތެދެއްތޯ...؟"

"ހެލެން ވުޑްމަންގެ މައްސަލަ ކޯޓަށް ގެންނެވީ މިސްޓަރ ސިންގަރތޯ...؟"

"އެ މީހުން މަރައިލި ސަބަބެއް އޭޝްލީ ޕެޓަރސަންއެއް ނުބުނޭތޯ...؟"

"އޭޝްލީ ކޯޓަށް ގެންނަވާނަންތޯ...؟ މި ނަންގަތީ އޭނާއާ ސުވާލުކުރައްވާނަންތޯ...؟"

"އަހަރެން ބުނާނޭ އެއްވެސް ވާހަކައެއް ނެތް-" ޑޭވިޑް ވަރަށް ބާރަށް ބުނެލިއެވެ.

މިކީ ބްރެނާން އައުމާއެކު ނޫސްވެރިން އޭނާވެސް ވަށާލައިފިއެވެ.

"މިސްޓަރ ބްރެނާން- މި މައްސަލަ ނިމޭނީ ކިހިނެއްތޯ...؟"

"މީގެ ކުރިން ދުވަހަކުވެސް އެކަކުގެ ހަށިގަނޑުގައި ދެ ތިން މީހުން އުޅޭ މައްސަލައަކާ ކުރިމަތި ލެއްވިންތޯ...؟"

ބްރެނާން ހިނިތުންވެލިއެވެ. "ނޫން- މިއީ ފުރަތަމަ ފަހަރު- އަޅުގަނޑު މި ހުންނަނީ މި މައްސަލައިގެ ތެރެއަށް ނުވަދެވިގެން ލަސްވެފައި..." ނޫސްވެރިންގެ ތެރެއަށް ހުނުންގަނޑެއް ވެރިވެގެން ދިޔައެވެ. އޭނާ ބޭނުންވާ ގޮތަކީ ވެސް އެއީއެވެ. "އަޅުގަނޑު ކުރިމަތިލާންޖެހޭ މީހުން ގިނަވީ ވަރަކަށް މި ކުޅިވަރުގެ ފޯރިގަދަވާނެ-" އަނެއްކާ ވެސް ހުނުންގަނޑެއް ވެރިވިއެވެ. "އަޅުގަނޑަކަށް މިތާ މާ ގިނަ އިރަކު ނުހުރެވޭނެ- އެ މީހުން މިހާރު އިންތިޒާރުގައި ތިބޭނެ-"

ޝަރީޢަތުގެ މަޖްލިސް ފެށިއްޖެއެވެ. ފަނޑިޔާރަކަށް އިނީ ވިލިއަމްސްއެވެ. ކޯޓުގެ ޢާންމު އުސޫލު އޮންނަ ގޮތުން ފުރަތަމަ އޮންނަނީ ޖޫރީން ހޮވުމެވެ. ޖޫރީންގެ މަސައްކަތަކީ ޝަރީޢަތް ހިނގާ ގޮތް ބަލައިފައި، ހެކިންނާއި، ވަކީލުންގެ ވާހަކަ އަޑުއަހާފައި ވަކި ޙުކުމެއްގެ މައްޗަށް ބުރަވުމެވެ. ޖޫރީން ހޮވުމަކީ ދެ ފަރާތުގެ ވަކީލުން ކުރާ ކަމެކެވެ. މި ކަމަށްޓަކައި ފުރަތަމަ އޮންނަނީ ޖޫރީންނާ ސުވާލުކުރުމެވެ. ސުވާލުކުރާ އިރު ސީދާ ސުވާލުކުރުމަކީ ތަޖުރިބާކާރު ވަކީލުން ކުރާ ކަމެއް ނޫނެވެ. އެ މީހުން ކުރާނީ ވަރަށް އާދައިގެ ސުވާލެވެ. އެ ސުވާލުތަކުގެ ސަބަބުން ޖޫރީން އެ މީހުންގެ ޚިޔާލު ފާޅުކުރާ ގޮތް ވާނީ އޭރުން ކަމަށް ވާތީއެވެ.

ޖޫރީން ހޮވުމުގައި މިކީ ބްރެނާންއާއި، ޑޭވިޑް ސިންގަރގެ ޚިޔާލު ތަފާތެވެ. ބްރެނާން ބޭނުންވަނީ ހުސް ފިރިހެނުން ހޮވާށެވެ. އޭޝްލީގެ ޢަމަލުތަކުގެ ސަބަބުން ފޫހިވެފައި ނުވަތަ ރުޅިއައިސްފައި ތިބޭ ކަހަލަ މީހުންނެވެ. ޑޭވިޑްގެ ޚިޔާލު ހުރީ މިޔާ ދިމާ އިދިކޮޅަށެވެ.

"މިސްޓަރ ހެރިސް- އަޅުގަނޑަށް ނަން ކިޔުނީ ރަނގަޅަށްތޯ-؟ އަޅުގަނޑުގެ ނަމަކީ ޑޭވިޑް ސިންގަރ- އަޅުގަނޑަކީ އޭޝްލީ ޕެޓަރސަންގެ ވަކީލު- މިސްޓަރ ހެރިސް- މީގެ ކުރިން ދުވަހަކުވެސް ޖޫރީންގެ ތެރޭގައި ޚިދުމަތް ކުރެއްވިންތޯ-؟"

"ނޫން-"

"މި ތަނަށް ދުރުވެ، މި ބުރަ އުފުއްލަވަން ތައްޔާރަށް ހުންނެވީތީ އަޅުގަނޑު ޝުކުރުވެރިވަން-"

"މިއީ ވަރަށް ފޫހިފިލާ ޝަރީޢަތަކަށް ވާނެކަން އަޅުގަނޑަށް ޔަޤީން- މިއީ ވަރަށް ބޮޑު މައްސަލައެއް ނޫންތޯ-؟"

"ލައްބަ- މިއީ ވަރަށް ބޮޑު މައްސަލައެއް-"

"އަޅުގަނޑު ހުރީ މި ކަހަލަ ދަނޑިވަޅަކަށް ބަލަބަލައި-"

"އެހެންތޯ-؟"

"ލައްބަ-"

"މަސައްކަތްކުރައްވަނީ ކޮންތާނކުތޯ-؟"

"ޔުނައިޓެޑް ސްޓީލްސްގައި-"

"އެ ތާނގައި މަސައްކަތްކުރާ އެހެން މީހުން ގާތު މި މައްސަލައިގެ ވާހަކަ ދައްކަވަންތޯ-؟"

"ލައްބަ- އަޅުގަނޑުމެން ވަރަށް ގިނައިން މި ވާހަކަދައްކަން-"

ޑޭވިޑް ބުނެލިއެވެ. "އަޅުގަނޑަށް އެނގޭ- އެއީ އެކަން ވާނެ ވެސް ގޮތް- ދުނިޔޭގެ އެންމެން މިހާރު ދައްކާ ވާހަކައަކީ މިއީ ވިއްޔާ- ޢާންމު ޚިޔާލު ހުންނަނީ ކިހިނެއްތޯ-؟ ޔުނައިޓެޑް ސްޓީލްސްގައި މަސައްކަތްކުރާ މީހުން ދެކޭގޮތުގައި އޭޝްލީ ޕެޓަރސަން ކުށްވެރިވޭތޯ-؟"

"ލައްބަ- އެ މީހުން ދެކެނީ ކުށްވެރިވާ ކަމަށް-"

"ހެރިސް ދެކެލައްވާ ގޮތަކީ ކޮބައިތޯ-؟"

"ފެންނަން ހުރި ހެކިތަކަށް ބަލައިއިރު އަޅުގަނޑަށް ވެސް ބުރަވެވެނީ ކުށްވެރިވާ ކަމަށް-"

"އެކަމަކު ތިޔަ ހުންނެވީ މި ތާނގައި ދެކެވޭ ވާހަކަ އައްސަވަން ތައްޔާރަށް- އެހެންނޫންތޯ-؟"

"ލައްބަ-"

"އެންމެ ގިނައިން ކިޔުއްވަނީ ކޮންކަހަލަ ލިޔުމެއްތޯ-؟"

"އަޅުގަނޑަކީ އެހައި ގިނައިން ފޮތް ކިޔާ މީހަކީމެއް ނޫން- އަޅުގަނޑު ކުރާ ހިތްވާ ކަމަކީ ދަތުރު ދިއުމާއި، ކެޔޮޅުކަމު ދިޔުމާއި، ޝިކާރަކުރުން-"

"އެހެންތޯ-؟ އެހެން ވެއްޖެއްޔާ އުޅުއްވާ ހިތްވަނީ މުޅިން ބޭރުގައި- އެހެންނޫންތޯ-؟ ރޭގަނޑު ބޭރުގައި އުޅުއްވާ އިރު އުޑުގެ ތަރިތައް ފެނިލެއްވީމާ މި ދުނިޔެއިން ބޭރުގައި އެހެން ބަޔަކު އުޅޭފާނެއޭ ހީކުރައްވަންތޯ-؟"

"ތިޔަ ބުނުއްވީ ޖައްވީ އުޅަނދާއި، ގޮތް ނޭނގޭ މަޚްލޫޤުންގެ ވާހަކަތޯ-؟ ނޫން- އަޅުގަނޑު އެކަހަލަ ވާހަކައެއް ޤަބޫލެއް ނުކުރަން-"

ޑޭވިޑް ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ބަލައިލިއެވެ. "ރަނގަޅު- އަޅުގަނޑު ހެރިސް ހޮވައިފިން-"

އަނެއްކާވެސް އެހެން ޖޫރަރއެކެވެ.

"މިސްޓަރ އެލަން- ހުސްވަގުތު ކުރައްވަނީ ކޮންކަމެއްތޯ-؟"

"އަޅުގަނޑު ކުރާ ކަމަކީ ފޮތްކިއުމާއި، ޓީވީބެލުން-"

"އަޅުގަނޑުވެސް ކުރާކަމަކީ ތިޔައީ- ޓީވީން ބައްލަވަނީ ކޮންކަހަލަ ޕްރޮގްރާމެއްތޯ-؟"

"ހުކުރުވިލޭރޭ ވަރަށް ރަނގަޅު ޕްރޮގްރާމް ދައްކާ- އެހެންވީމާ ރަނގަޅު ޕްރޮގްރާމެއް ފާހަގަކުރާކަށް ފަސޭހައެއް ނޫން- ގިނަ ޗެނަލްތަކުން ރަނގަޅު ޕްރޮގްރާމެއް އަންނަނީ އެއްގަޑިއެއްގައި-"

"ތިޔައީ ރަނގަޅު ވާހަކައެއް- އެއީ ވަރަށް ދެރަކަމެއް- ދުވަހަކުވެސް އެކްސް ފައިލްސް ބައްލަވަންތޯ-؟"

"ލައްބަ- އެއީ އަޅުގަނޑުގެ ކުދިންނަށް ވެސް މާ ކަމުދާ ސިލްސިލާއެއް-"

"ސަބްރީނާ ދަ ޓީންއޭޖް ވިޗް ބައްލަވަންތޯ-؟"

"ލައްބަ- އެ ވެސް ބަލަން- އެއީ ވެސް ވަރަށް ރަނގަޅު އެއްޗެއް-"

"ކިއުއްވަނީ ކޮންކަހަލަ ފޮތެއްތޯ-؟"

"އޭން ރައިސްއާއި، ސްޓެފަން ކިންގގެ ފޮތްތައް..."

މިއީވެސް ރަނގަޅު މީހެކެވެ.

* * *

މި ފަހަރު އެހެން ޖޫރަރއެކެވެ.

"މިސްޓަރ މޭޔަރ- ޓީވީން ބައްލަވަނީ ކޮން ޕްރޮގްރާމްތަކެއްތޯ-؟"

"ސިކްސްޓީ މިނިޓްސްއާއި، ނިވްސް އަވަރއާއި، ޑޮކިއުމެންޓްރީ ފިލްމު..."

"ކިއުއްވަނީ ކޮންކަހަލަ ފޮތެއްތޯ-؟"

"ގިނައިން ކިޔަނީ ތާރީޚުފޮތާއި، ސިޔާސީ މައްސަލަތަކާ ބެހޭ ފޮތް-"

"ޝުކުރިއްޔާ-"

މިއީ ކަމުދާ މީހެއް ނޫނެވެ.

ފަނޑިޔާރު ޓެސާ ވިލިއަމްސް މި ހުރިހާ ވާހަކައެއް އަޑުއަހަން އިނެވެ. އޭނާގެ މޫނުމައްޗަކުން އެ ވާހަކަތަކާ ރުހޭ ކަމެއް ނުވަތަ ނުރުހޭ ކަމެއްވެސް އެނގޭކަށް ނެތެވެ. އެހެން ނަމަވެސް އޭނާ އިނީ ނުރުހިފައިކަން ޑޭވިޑަށް އިޙްސާސް ކުރެވެއެވެ. އޭނާގެ މޫނަށް ބަލައިލެވޭ ކޮންމެ ފަހަރަކު އެހެން ހިތަށްއަރައެވެ.

އެންމެ ފަހުން ހުރިހާ ޖޫރީން ހޮވައި ނިމިއްޖެއެވެ. އެއީ ހަތް ފިރިހެނުންނާއި، ފަސް އަންހެނުންނެވެ. ބްރެނާން ޑޭވިޑާ ދިމާއަށް ބަލައިލައިފައި ވިހަގޮތަކަށް ހިނިތުންވެލިއެވެ. ހީވަނީ ޅިޔަ އަޅައިލާނަމޭ ބުނާހެންނެވެ.

ސޯޅަވަނަ ބާބު

ޝަރީޢަތް ފެށެން އޮތް ދުވަހުގެ ވަރަށް ހެނދުނާ ޑޭވިޑް އޭޝްލީއާ ބައްދަލުކުރަން އޭނާ ބަންދުކޮށްފައި އިން ތަނަށް ދިޔައެވެ. އޭޝްލީ އޭރު އިނީ ވަރަށް ބޮޑަށް ހާސްވެފައެވެ.

"އަހަންނަކަށް ދެން ކެތެއް ނުކުރެވޭނެ- އަހަރެންގެ ހާލުގެ މައްޗަށް އަހަރެން ދޫކޮށްލާށޭ އެ މީހުން ގާތު ބުނޭ-"

"އޭޝްލީ- ހާސްނުވޭ- ހުރިހައި ކަމެއް ހަމައަކަށް އެޅިދާނެ- އަހަރެމެން ކެރިގެން ކުރިމަތިލާނީ- ކާމިޔާބު ލިބޭނެކަން އަހަންނަށް ޔަޤީން-"

"މި ކަހަލަ ކަމެއްގެ ތެރޭގައި އުޅުމުގެ އުނދަގޫ ޑޭވިޑަކަށް އިޙްސާސެއް ނުކުރެވޭނެ- އަހަންނަށް ހީކުރެވެނީ އުނދުނެއްގެ ތެރޭގައި އުޅެވެނީއޭ-"

"ތިޔަ އުނދުނުން ލަހެއްނުވެ ނުކުމެވިދާނެ- މިއަދު މި އަޅަނީ ފުރަތަމަ ފިޔަވަޅު-"

އޭނާ ތުރުތުރުއަޅަނީއެވެ. "އަހަރެން ބިރުގަންނަނީ- ހިތަށްއަރަނީ އެ މީހުން އަހަންނަށް ވަރަށް ނުބައި ގޮތެއް ހަދާފާނެއޭ-"

"އަހަރެން އެ މީހުން އެއްވެސް ކަމެއް ކުރިޔަކަ ނުދޭނަން-" ޑޭވިޑް ޔަޤީންކަމާއެކު ބުނެލިއެވެ. "އަހަންނަށް އިތުބާރުކުރޭ- އަހަރެން ދައްކާ ވާހަކަ ޤަބޫލުކުރޭ- ހިނގައިދިޔަ އެއްވެސް ކަމަކަށް އޭޝްލީ ޒިންމާވާން ނުޖެހޭކަން ހަނދާންކުރާތި- އޭޝްލީ އެއްވެސް ކުށެއް ނުކުރޭ- ނުބައިކަމެއް ނުކުރޭ- މި ވާހަކަ ހަނދާން ނައްތައިނުލާތި-"

އޭޝްލީ ފުންނޭވާއެއްލިއެވެ. "އެންމެ ރަނގަޅު- އަހަންނަކަށް އެއްވެސް ކަމެއް ނުވާނެ- އަހަންނަކަށް އެއްވެސް ކަމެއް ނުވާނެ- އަހަންނަކަށް އެއްވެސް ކަމެއް ނުވާނެ-"

ޑޮކްޓަރ ސްޓީވަން ޕެޓަރސަން އިނީ އަޑުއަހާ މީހުންގެ ގޮނޑިބަރިން ގޮނޑިއެއްގައި އިށީނދެގެންނެވެ. އޭނާ ކޯޓަށް ވަދެގެން އައި އިރު ނޫސްވެރިން ކުރި ސުވާލުތަކަށް އޭނާ ދިނީ އެންމެ ޖަވާބެކެވެ. "އަހަރެންގެ ދަރިފުޅުގެ ކުށެއް ނެތް-"

ޖެސީ ކިލަރގެ ދެމަފިރިން ތިބީ ވަރަށް ފަހަތުގައެވެ. އެ މީހުން އައީ ޑޭވިޑަށް ހިތްވަރުދިނުމުގެ ބޭނުމުގައެވެ.

ދައުލަތުގެ ފަރާތުން ދަޢުވާކުރާ މީހުން ތިބޭ މޭޒުދޮށުގައި ތިބީ މިކީ ބްރެނާންއާއި، އޭނާގެ ދެ ބައިވެރިން ކަމަށްވާ ސޫޒަން ފްރީމަންއާއި، އެލީނާ ޓަކަރއެވެ.

ސަންޑްރާއާއި، އޭޝްލީއާ ދެ މީހުން ތިބީ ދަޢުވާ ލިބިގަންނަ މީހުންނަށް ޚާއްޞަކޮށްފައިވާ މޭޒުގައެވެ. ޑޭވިޑް އިނީ އެ ދެ މީހުންގެ ދޭތެރޭ މެދުގައި ހުރި ގޮނޑިއެއްގައެވެ. ނިމިގެން ދިޔަ ހަފްތާގެ ތެރޭގައި ސަންޑްރާއާއި، އޭޝްލީއާ ދެ މީހުން އޮތީ ބައްދަލުވެފައެވެ.

"ޑޭވިޑް- އޭޝްލީއާ ދިމާއަށް ހަމަ ބަލައިލުމާއެކު އޭނާގެ ކުށެއް ނެތްކަން އެނގޭނެ-"

"ސަންޑްރާ- ކޯޓުގައި ބަލަނީ މޫނަކަށް ނޫން- ލިބިފައި ހުރި ހެކިތަކަށް- އޭނާއާ ދެކޮޅަށް ލިބިފައި ހުރި ހެކިތައް ފެނުނީމާ ތިޔަހެންނެއް ނުބުނާނެ- އެ ހެކިތަކަށް ބަލައިއިރު އެ މީހުން މަރައިލީ އޭޝްލީކަން ރަނގަޅަށް އެނގޭ- އެކަމަކު މީހަކު މަރައިލުމާއި، ކުށްވެރިވުމާ އެއީ މުޅިން ދެ ކަމެއް- މިއަދު އަހަރެން ކުރަންޖެހޭ ކަމަކީ އެ ޖޫރީއަށް އެ ކަން ކަށަވަރުކޮށްދިނުން-"

ފަނޑިޔާރު ވިލިއަމްސް ކޯޓަށް ވަދެއްޖެއެވެ. ކޯޓުގެ ކާތިބު އިޢުލާންކުރިއެވެ. "ހުރިހާ ބޭފުޅުން ތެދުވެވަޑައިގަންނަވާ-! މިއަދުގެ ކޯޓު ފެށުނީ- ފަނޑިޔާރަކަށް އިންނަވާނީ ޓެސާ ވިލިއަމްސް-"

ފަނޑިޔާރު ވިލިއަމްސް ބުންޏެވެ. "އިށީންނަވާ- މިއަދު އޮތް މައްސަލައަކީ އޭޝްލީ ޕެޓަރސަންގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާގެ މައްސަލަ- ފަށަމާ ހިންގަވާ-" ފަނޑިޔާރު ވިލިއަމްސް ބްރެނާންއާ ދިމާއަށް ބަލައިލިއެވެ. "ޝަރީޢަތް ހުޅުވުމުގެ ގޮތުން ދައުލަތުގެ ފަރާތުން އެއްވެސް އެއްޗެކޭ ވިދާޅުވާން އެބައޮތްތޯ-؟"

މިކީ ބްރެނަން ތެދުވެއްޖެއެވެ. "އާދެ-" އޭނާ ޖޫރީއާ ދިމާއަށް ބަލައިލައިފައި އެ މީހުން ތިބި ދިމާއަށް ހިނގައިގެންފިއެވެ. "ޢިއްޒަތްތެރި ޖޫރީއަށް އެނގިވަޑައިގަންނަވާނޭ ފަދައިން މިއަދު ދައުލަތުގެ ފަރާތުން މި ދަޢުވާކުރަނީ ތިން މީހަކު މަރައިފައިވާ އަންހެނެއްގެ މައްޗަށް- މީހުން މަރާ މީހުން އެތައް ބަޔަކަށް ބަހައިލެވިދާނެ-" އޭނާ އޭޝްލީއާ ދިމާއަށް ބޮލުން އިޝާރާތްކޮށްލިއެވެ. "މި އަންހެންމީހާއަކީ ފެންނަ ފެނުމުގައި މަޢުޞޫމް، ބަލިކަށި އަންހެނެއް- އެކަމަކު އޭނާ އެ މީހުން މަރައިފައިވަނީ ތަޞައްރަފުފުދޭ ހެޔޮޙާލުގައި، ހަމަހޭގައި ހުރެގެން ގަސްތުގައި ކަމަށް އަޅުގަނޑު މި ކޯޓުގައި ސާބިތުކޮށްދޭނަން- އޭނާ މީހުން މަރަން އުޅެނީ އެކި ފަހަރު އެކި ނަމުގައި- މި މީހުން މަރައިފައިވަނީ ވެސް ކޮންމެވެސް އެހެން ނަމެއްގައި- އޭގެ ބޭނުމަކީ ފުލުހުންނަށް ނުވަތަ އެ ނޫން ވެސް ކަމާ ބެހޭ މީހެއްގެ އަތުނުޖެހުން- އޭނާ ހުރިހައި ކަމެއް ވެސް ކޮށްފައިވަނީ ރާވައިގެން ވިސްނުންތެރިކަމާއެކު- މި ކުރަނީ ކީއްކަން ފިސާރި ރަނގަޅަށް އެނގިގެން- ޝަރީޢަތް ފެށިގެން ހިނގަމުން ދިޔަދިޔަހެން އޭނާގެ ކުށް ސާބިތުވާނޭ ހެކި އަޅުގަނޑު ދައްކާނަން- ޝުކުރިއްޔާ-"

އޭނާ ގޮސް އިށީނދެއްޖެއެވެ.

ފަނޑިޔާރު ވިލިއަމްސް ދެން ބަލައިލީ ޑޭވިޑާ ދިމާއަށެވެ. "ދަޢުވާ ލިބިގަންނަ ފަރާތުން ވާހަކައެއް ދައްކަވަން އެބައޮތްތޯ-؟"

"އާދެ-" ޑޭވިޑް ތެދުވެ، ޖޫރީއާ ދިމާއަށް އެނބުރިލިއެވެ. "ބޭކަލުންނާއި، ބޭކަނބަލުންނޭ- އަޅުގަނޑަކީ މި މައްސަލައިގައި އޭޝްލީ ޕެޓަރސަންގެ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރަން އައިސް ހުރި މީހާ- އޭޝްލީގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާގައި ބަޔާންކޮށްފައި އެވާ ޤަތުލުގެ ހާދިސާތަކަކީ އޭޝްލީ ޒިންމާވާންޖެހޭ ހާދިސާތަކެއް ނޫންކަމަށް އަޅުގަނޑު މި ކޯޓުގައި ސާބިތުކޮށްދޭނަން- އޭޝްލީ އެ މީހުން މަރަންޖެހޭ އެއްވެސް ސަބަބެއް ނެތް- އެއީ އޭނާއަށް އެނގިގެން ހިނގައިފައިވާ ހާދިސާތަކެއް ވެސް ނޫން- އަޅުގަނޑުގެ މުވައްކިލަކީ ކުށްވެރިއެއް ނޫން- އަނިޔާ ލިބިފައިވާ މީހެއް- ނުކުރާ ކަމެއްގައި ބެދިފައިވާ މީހެއް- އޭނާއަށް ވަނީ ސިކުނޑީގެ ބައްޔެއް ޖެހިފައި- އެއީ އެމްޕީޑީ ނުވަތަ މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއޭ ކިޔާ ބައްޔެއް- ޝަރީޢަތް ކުރިއަށް ދިޔަދިޔަހެން އެ ބައްޔާ ބެހޭ ތަފްޞީލު އަޅުގަނޑު އަރުވަމުން ގެންދާނަން-"

އޭނާ ފަނޑިޔާރު ވިލިއަމްސްއާ ދިމާއަށް ބަލައިލައިފައި ޔަޤީންކަމާއެކު ބުނެލިއެވެ. "އެމްޕީޑީއަކީ ޞިއްޙީ ދާއިރާގައި ހޯދި، ސާބިތުކުރެވިފައިވާ ކަމެއް- މީހެއްގެ ހަށިގަނޑުގައި އެހެން ޝަޚްސިއްޔަތުތަކެއް އުޅުމަކީ އެކަށީގެންވާ ކަމެއް- ވެފައި ހުރި ކަމެއް- ވަމުންދާ ކަމެއް- އެ ޝަޚްސިއްޔަތުތަކުގެ ބާރު އެ މީހެއްގެ ހަށިގަނޑަށް ފޯރުވާކަމީވެސް ހޯދިފައިވާ ޙަޤީޤަތެއް- އެމްޕީޑީގެ ތާރީޚު ވަރަށް ދިގު- އެމެރިކާގެ މިނިވަންދުވަހުގެ ޤަރާރުގައި ސޮއިކުރައްވައިފައިވާ ބޭކަލެއް ކަމަށްވާ މަޝްހޫރު ޑަކްޓަރު ބެންޖަމިން ރަޝް ވަނީ އޭނާގެ ތަޤްރީރުތަކުގައި އެމްޕީޑީގެ މައްޗަށް ވާހަކަދައްކަވައިފައި- ނަވާރަވަނަ ޤަރުނުގެ ތެރޭގައި ވެސް އެމްޕީޑީގެ އެތައް ހާދިސާއެއް ހިނގައިފައި އެބަހުރި-"

ބްރެނަން އިނީ ޑޭވިޑްގެ ވާހަކަ ކަނުލައި އަހާށެވެ. އޭނާގެ ތުންފަތްމަތިން ކުރީގެ ވިހަހިނިތުންވުން ފިލައިގެންނެއް ނުދެއެވެ.

"އޭޝްލީގެ މައްޗަށް ތުހުމަތުކުރެވިގެން އުޅޭ ޤަތުލުތަކަކީ އޭނާގެ ހަށިގަނޑުގައި އުޅޭ އެހެން ޝަޚްސިއްޔަތެއްގެ ހަރަކާތެއް ކަމަށް އަޅުގަނޑު ސާބިތުކޮށްދޭނަން- އޭޝްލީ އެއިން މީހަކު މަރައިލަންޖެހޭ ސަބަބެއް ނެތް- ހަމަ އެންމެ ސަބަބެއްވެސް ނެތް- މަރުގެ ހާދިސާތަކަކީ އޭނާގެ އެއްވެސް ބާރެއް ފޯރުވޭ ގޮތަކަށް ހިނގައިފައިވާ ހާދިސާތަކެއް ނޫން- އެހެންވީމާ އެއިން އެއްވެސް ހާދިސާއަކީ އޭނާ ޒިންމާވާންޖެހޭ ހާދިސާއެއް ކަމަކަށް ނުބެލެވޭނެ- އަޅުގަނޑު ގަސްތުކޮށްފައިވަނީ ޝަރީޢަތް ކުރިއަށް ދިޔަދިޔަހެން އެމްޕީޑީއާ ބެހޭ ތަޖުރިބާކާރު ޑަކްޓަރުން މި ކޯޓަށް ގެނެސް އެ މީހުންގެ ބަޔާން ތިޔަ ޢިއްޒަތްތެރިންނަށް އިއްވަން- އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެމްޕީޑީއަކީ ރަނގަޅު ފަރުވާދީގެން ފަސޭހަކުރެވޭ ބައްޔެއް-"

އޭނާ ޖޫރީންގެ މޫނަށް ބަލައިލިއެވެ. "އޭޝްލީއަށް ކުރެވުނު ކަންތައްތަކަކީ އޭނާގެ އެއްވެސް އިޚްތިޔާރެއް އޮވެގެން ކުރެވުނު ކަންތައްތަކެއް ނޫން- އެހެންވީމާ އިންޞާފުގެ ނަމުގައި އަޅުގަނޑު އެދެނީ އެއިން އެއްވެސް ކަމެއްގެ ޒިންމާ އޭނާގެ ބޮލުގައި ނާޅުއްވަން- މި ކުށުން އޭނާ ބަރީއަކޮށްދެއްވަން-"

ޑޭވިޑް ވާހަކަ ނިންމައިފައި އިށީނދެއްޖެއެވެ.

ފަނޑިޔާރު ވިލިއަމްސް ބްރެނަންއާ ދިމާއަށް ބަލައިލިއެވެ. "ތިޔަ ހުންނެވީ ކުރިއަށް ގެންދަވަން ތައްޔާރަށްތޯ-؟"

ބްރެނަން ތެދުވެއްޖެއެވެ. "އާދެ-" އޭނާ، އޭނާގެ ބައިވެރިންނާ ދިމާއަށް ބަލައިލައިފައި ހިނިތުންވެލިއެވެ. އެއަށްފަހު ޖޫރީއާ ކުރިމަތިވާ ގޮތަށް، ވަރަށް ކައިރިއަށް ގޮސް ހުއްޓިއްޖެއެވެ. އަދި ވަރަށް ބާރަށް ވައެއްލައިފިއެވެ. އެމީހުން އޭނާއާ ދިމާއަށް ބަލަން ފަށައިފިއެވެ. އެ މީހުންގެ މޫނުމަތިން ފެންނަނީ ޙައިރާންކަމުގެ އަސަރެވެ.

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.