ހުވަފެން - 8

(8 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނޫނެކެވެ.

އެއްވެސް މީހަކު އެއްވެސް ސިފައެއްގައި ކަލެއަށް ބިރު ދެއްކި ހެއްޔެވެ؟

ނޫނެކެވެ.

ކަލެއަށް ގެއްލުމެއް ދީފާނޭ ކަމާ މެދު ޝައްކުކުރެވޭ އެއްވެސް މީހަކު އެބަހުރި ހެއްޔެވެ؟

ނޫނެކެވެ.

އެއީ ބޭކާރުކަމެކެވެ. އޭޝްލީގެ ހިތަށްއެރިއެވެ. ފުލުހުންނަށް އެންގުމުގެ ބޭނުމެއް ނެތެވެ. އެ މީހުން މި ހުރިހައި ސުވާލެއް ކުރާނެއެވެ. އަހަންނަށް މަލާމާތް ކުރާނެއެވެ.

އޭނާ އަވަސްއަވަހަށް ހެދުން ލައިފިއެވެ. އަވަހަށް އެޕާރޓްމަންޓުން ސަލާމަތްވާން ބޭނުންވާ ކަހަލައެވެ. އަވަހަށް ދާންވީއެވެ. އޭނާއަށް ނުފެންނަ ތަނަކަށް ދާންވީއެވެ. ފިލަންވީއެވެ.

މި ޚިޔާލުކުރެވުނު އިރު ވެސް އެއީ ވާނޭ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އަހަރެން ދިރިއުޅެނީ ކޮންތަނެއްގައިކަން އޭނާއަށް އެނގެއެވެ. މަސައްކަތްކުރަނީ ކޮންތަނެއްގައިކަން އޭނާއަށް އެނގެއެވެ. އޭނާއާ ބެހޭ ގޮތުން އަހަންނަށް އެނގެނީ ކޮންއެއްޗެއް ހެއްޔެވެ؟ އެކައްޗެއް ވެސް ނޭނގެއެވެ!

އެޕާރޓްމަންޓްގައި ބަޑިއެއް ބާއްވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެއީ ތަޅައިފޮޅުމާއި، އަނިޔާވެރިކަމަކީ އޭނާ ނުރުހޭ ކަންކަމަށް ވާތީއެވެ. އެކަމަކު ކޮންމެވެސް ކަހަލަ ޙިމާޔަތެއް ހޯދަން އެބަޖެހެއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އޭނާ ބަދިގެއަށް ގޮސް އަތަށް ހެޔޮވަރު ވަޅިއެއް ހިފައިގެން އައިސް އެނދުކައިރީގައި ހުރި ތިރިމޭޒުގެ ވަތްގަނޑަށް ލައިފިއެވެ.

އަލަމާރި ހޭވުނީ އަމިއްލައަކަށް ނޫން ބާވައެވެ؟ އެއީ ވެސް ވެދާނޭ ގޮތެކެވެ. ހައްތަހާވެސް ވަހުމެވެ. ނޫނީ ހައްތަހާވެސް ހަޤީޤަތެވެ.

* * *

ތިރީގައި ޢިމާރާތަށް ވަންނަން ހުންނަ މައިދޮރުގެ ކައިރީގައި ހުރި އޭނާގެ ޕޯސްޓު ފޮށީގައި ސިޓީއުރައެއް އޮތެވެ. ފޮނުވި ތަނެއްގެ އެޑްރެހަކަށް އޮތީ ބެޑްފޯޑް އޭރިއާ ހައި ސްކޫލް، ބެޑްފޯޑް، ޕެންސިލްވޭނިއާއެވެ.

ސިޓީއުރައިގެ ތެރޭގައި އޮތް ދަޢުވަތު އޭނާ ދެ ފަހަރު ކިޔައިފިއެވެ.

"އެއް ކުލާހު ކުދިން ދިހަ އަހަރަށް ފަހު ބައްދަލުވަނީ!

މުއްސަނދިން، ފަޤީރުން، ސަލާންޖަހާ މީހުން، ވަގުން. އެއް ކުލާހުގައި ކިޔަވަން އުޅުނު ރަޙްމަތްތެރިން މިހާރު އުޅޭނޭ ގޮތަކާ މެދު ވިސްނާލިން ހެއްޔެވެ؟ މިއީ އެ މީހުން އުޅޭ ގޮތް އޮޅުންފިލުވަން ލިބޭ ފުރުޞަތެކެވެ. ޖޫން 15 ގެ ހަފްތާ ބަންދުގައި އަހަރެމެން ކުޑަކުޑަ ޙަފްލާއެއް ރާވައިފީމެވެ. ކެއުމާއި، ނެށުމާއި، މިއުޒިކް އެކުލެވޭ މި ޙަފްލާގައި ބައިވެރިވުން އެދެމެވެ.

މި ދަޢުވަތާ އެކީ މި ވާ ޖަވާބު ކާޑު، މީގައި ވާ އެޑްރެހަށް ފޮނުވައިދޭށެވެ. އަންނާނޭކަން ނުވަތަ ނޫންކަން އަހަރެމެންނަށް އެނގޭނީ އޭރުންނެވެ. ހުރިހާ އެންމެން މި ތިބީ ކަލެއާ ބައްދަލުކުރާ ހިތުންނެވެ."

އޮފީހަށް ދިޔައިރު އޭޝްލީ ވިސްނަމުން ދިޔައީ އެ ދަޢުވަތު ކާޑާ މެދުގައެވެ. ހުރިހާ އެންމެން ތިބީ ކަލެއާ ބައްދަލުކުރާ ހިތުންނެވެ. ޖިމް ކްލެއަރީ ނޫން އެންމެންނެވެ. އޭނާގެ ހިތަށްއެރިއެވެ.

"އަހަރެން ބޭނުންވަނީ އޭޝްލީއާ އިންނަން- ޗިކާގޯގެ އެޖެންސީއަކުން އަހަންނަށް ވަޒީފާއެއްވެސް ލިބެން އެބަ އޮތް- ދެ މީހުން ފިލާނީ- މާދަމާ ހެނދުނު ރޭލު އިސްޓޭޝަނުން އަހަންނާ ބައްދަލުކުރާތި- ޗިކާގޯއަށް ދާ ރޭލު ފުރާނީ ހެނދުނު ހަތެއް ޖަހާ އިރު- އަހަންނާ އެކީ ދާނަންތަ-؟"

ޖިމް އާދޭތޯ ރޭލު އިސްޓޭޝަނުގައި އޭނާ އިންތިޒާރުކުރި ދުވަސް ހަނދާނަށް އަތުވެއްޖެއެވެ. އެ ދުވަހުގެ ހިތާމަޔާއި، ވޭން އިޙްސާސްކުރެވެން ފެށިއެވެ. އޭނާ ޖިމްގެ ވާހަކަ ޤަބޫލުކުރިއެވެ. އިތުބާރުކުރިއެވެ. ޖިމްގެ ހިތް ބަދަލުވީއެވެ. ރާވައިފައި އޮތް ރޭވުން ބަދަލުކޮށްލީއެވެ. އެކަމަކު އެ ވާހަކަ އޭޝްލީ ގާތު ބުނެވޭ ވަރުގެ ފިރިހެންވަންތަކަމެއް ޖިމްއަކަށް ލިބިފައެއް ނެތެވެ. ރޭލު އިސްޓޭޝަނުގައި އޭނާ އެކަނި ހުންނަންޖެހޭ ގޮތް ހެދީ އެހެންވެގެންނެވެ.

ދަޢުވަތު ކާޑު އެއްލައިލާނީއެވެ. އަހަންނެއް އެ ޙަފްލާއަކަށް ނުދާނަމެވެ.

އޭޝްލީ މެންދުރު ކެއީ ޝޭން މިލަރއާ އެކީ ޓީޖީއައި ފްރައިޑޭއިންނެވެ. ދެ މީހުން ތިބީ ވަކި ގޮޅިއެއްގައެވެ.

ޝޭން މިލަރ ޝައުޤުވެރިކަން ހާމަކޮށްދޭ ކަހަލަ ގޮތަކަށް އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެއީ ކީއްވެގެން-؟ އެ ކަހަލަ ޙަފްލާތައް ވަރަށް މަޖާވާނެ-"

ޖިމް ކްލެއަރީ އެ ތަނަށް ދާނެ ބާވައެވެ؟ އޭނާ މިހާރު އުޅޭނީ މީހަކާ އިނދެގެން ހެއްޔެވެ؟ ދަރިން ތިބޭނެ ހެއްޔެވެ؟ އަހަންނާ ބައްދަލުވީމާ އޭނާ ބުނާނީ ކީކޭ ހެއްޔެވެ؟ "މަޢާފުކުރާށެވެ. ރޭލު އިސްޓޭޝަނަށް ނާދެވުނީއެވެ. އިންނާނަމޭ ކިޔައިގެން ދޮގު ހެދުނީތީ މަޢާފް ކުރާށެވެ."

"އަހަންނެއް ނުދާނަން-"

އެހެން ނަމަވެސް އޭޝްލީއަކަށް އެ ދަޢުވަތު ސިކުނޑިން ފޮހެ، އެއްލައިލެވޭ ގޮތެއް ނުވިއެވެ. އެއް ކުލާހުގައި އުޅުނު ކުދިންނާ ބައްދަލުކޮށްލުމަކީ ރަނގަޅުކަމެކެވެ. އޭނާގެ ހިތަށްއެރިއެވެ. ކުލާހުގައި އުޅުނު ކުދިންގެ ތެރޭގައި އޭނާގެ ވަރަށް ގާތް ރައްޓެހިން ވެސް ހިމެނެއެވެ. ފްލޮރެންސް ޝިފަރއަކީ އޭގެ ތެރެއިން އެކެކެވެ. އޭނާ މިހާރު ހުންނާނީ ކިހިނެއް ބާވައެވެ؟ ބެޑްފޯޑް މިހާރު އޮންނާނީ ކިހައިވަރަކަށް ބަދަލުވެފައި ބާވައެވެ؟

އޭޝްލީ ޕެޓަރސަން އުޅެ ބޮޑުވީ ޕެންސިލްވޭނިއާގެ ބެޑްފޯޑްގައެވެ. އެއީ ޕިޓްސްބަރގްގެ އިރުން ދެ ގަޑިއެއްހާ އިރުގެ ރާސްތާގައި އޮންނަ ކުޑަކުޑަ އަވަށެކެވެ. އޭނާގެ ބައްޕައަކީ ކުރިން މެމޯރިއަލް ހޮސްޕިޓަލް އޮފް ބެޑްފޯޑް ކައުންޓީގެ އެންމެ އިސް މީހާއެވެ. ނުވަތަ މެނޭޖަރެވެ.

ބެޑްފޯޑަކީ ދިރިއުޅެން ވަރަށް ހިތްގައިމު ތަނެކެވެ. އެ އަވަށުގައި ދަތުރު ދާނޭ ޕާކުތައް ހުރެއެވެ. މަސްބާނަން ދާނޭ ކޯރު ހުރެއެވެ. އިޖްތިމާޢީ ޙަރަކާތްތައް އޮންނަނީ މުޅި އަހަރު ދުވަހަށް ދެމިގެން ގޮސްފައެވެ. ބެޑްފޯޑްގެ ބިގް ވެލީއަށް ދިއުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެ ތާނގައި ކްރިސްޓިއަނުންގެ އާބާދީއެއް އޮވެއެވެ.

ބެޑްފޯޑްގައި ހޭދަކުރެވުނު އުފާވެރި ދުވަސްތަކުގެ މަތިން ހަނދާން ވީމާ އޭނާއަށް ހިނިތުންވެލެވުނެވެ. ޚަބަރު ބަލައިލަން ދާންވީއެވެ. އޭނާގެ ހިތަށްއެރިއެވެ. ޖިމް ކްލެއަރީއަކަށް އެ ތަނަކަށް އަންނާކަށް ނުކެރޭނެއެވެ.

އޭޝްލީ ނިންމި ގޮތް އެންމެ ފުރަތަމަ ހާމަކުރީ ޝޭން މިލަރއަށެވެ. "އަހަރެން ދާނީ ހަފްތާއަކަށް- އާދީއްތަ ދުވަހު އެނބުރި އަންނާނަން-" އޭނާ ބުންޏެވެ.

"ވަރަށް ރަނގަޅު- އެނބުރި އަންނަ ގަޑި އަންގައިލާތި- އަހަރެން އެއަރޕޯޓަށް ދާނަން-"

"ޝުކުރިއްޔާ- ޝޭން-"

މެންދުރު ކައިނިމިގެން އައިސް އޭޝްލީ އޭނާގެ ކޮމްޕިއުޓަރު ޖައްސައިލިއެވެ. ކުއްލިއަކަށް މޮނީޓަރުން ފެންނަން ފެށީ އެ ގޮތް މި ގޮތަށް ދުވެދުވެ ހުރި ތިކިތަކެކެވެ. އިރުކޮޅަކުން އެ ތިކިތައް އެއްވެ، ތަޞްވީރެއްގެ ސިފަ ޖެހެން ފަށައިފިއެވެ. އޭނާ ޙައިރާންވެފައި ބަލަން އިނީއެވެ. ސިފަ ޖެހެމުންދާ ތަޞްވީރަކީ އޭނާގެ ތަޞްވީރެވެ. އެ ތަޞްވީރު ފުރިހަމަވުމާއެކު ސްކްރީނުގެ މަތީ ކަނުން ބޮޑު ވަޅިއެއް ފެނިއްޖެއެވެ. އެ ވަޅި މަޑުމަޑުން އައިސް އޭނާގެ ތަޞްވީރުގެ މެޔަށް ވަދެއްޖެއެވެ.

އޭޝްލީ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.

މޮނީޓަރު ނިއްވައިލައިފައި ކުއްލިއަކަށް ތެދުވެއްޖެއެވެ.

ޝޭން މިލަރ ދުވެފައި އަތުވެއްޖެއެވެ. "އޭޝްލީ- ކިހިނެއްވީ-؟"

އޭނާ ތުރުތުރު އަޅަނީއެވެ. "ސްކްރީން... ސްކްރީނުގައި..."

ޝޭން މިލަރ މޮނީޓަރު ޖައްސައިލިއެވެ. ފެންނާން ހުރީ ފަށުވި ބޯޅައެއްގެ ފަހަތުން ދުވެދުވެ އޮތް ޅަ ބުޅަލެކެވެ.

ޝޭން ޙައިރާންވެފައި އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "ކޮން..."

"މިހާރު ހިނގައްޖެ... ހިނގައްޖެ-" އޭޝްލީގެ އަޑެއް ރަނގަޅަކަށް ނުނުކުމެއެވެ.

"ކޯންޗެއް ދިޔައީ-؟"

އޭނާ ބޯ ހޫރައިލިއެވެ. "އެއްވެސް އެއްޗެއް ނޫން- މިހާރަކަށް އައިސް އަހަރެންގެ ސިކުނޑި އެހައި ހުހެއް ނޫން- ޝޭން- މަޢާފްކުރޭ-"

"ޑޮކްޓަރ ސްޕީކްމަންއާ ބައްދަލުކޮށްލަން ވީއެއްނުން-؟"

އޭޝްލީ މީގެ ކުރިން ވެސް ޑޮކްޓަރ ސްޕީކްމަންއާ ބައްދަލު ކުރިއެވެ. އެއީ ކުންފުނީގެ މުވައްޒަފަކަށް ނަފްސާނީ މައްސަލައެއް ކުރިމަތިވެއްޖެނަމަ، މަޝްވަރާކުރަން ވަޒީފާ ދީފައި ހުންނަ ނަފްސާނީ މާހިރެކެވެ. އެއީ ބޭސްވެރިއެއް ނޫނެވެ. އެހެން ނަމަވެސް ވަރަށް ވިސްނުން ތޫނު، ހިތްހެޔޮ މީހެކެވެ. އެ ކަހަލަ މީހަކާ ވާހަކަ ދައްކާލެވުނީމާ ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެއެވެ.

"އާނ- ބައްދަލުކޮށްލާނަން-" އޭޝްލީ ބުނެލިއެވެ.

ޑޮކްޓަރ ބެން ސްޕީކްމަންއަކީ ޢުމުރުން ފަންސާހުން މައްޗަށް ގޮސްފައިވާ މީހެކެވެ. ޒުވާން ދުވަސްވަރު އަބުރުވެރި އުޅުމެއް އުޅެފައިވާ ރަނގަޅު މީހެކެވެ. އޭނާގެ އޮފީސް ހުންނަނީ ޢިމާރާތުގެ އެންމެ ފުލުގައެވެ.

"އަހަންނަށް ރޭ ވަރަށް ބިރުވެރި ހުވަފެނެއް ފެނުނު-" އޭޝްލީ ބުނެލިއެވެ. އޭނާ ލޯ މަރައިލައިފައި އެ ހުވަފެން ސިފަކުރެވޭތޯ މަސައްކަތް ކުރިއެވެ. "އަހަރެން ދިޔައީ ދުވަމުން- މާ ފޮޅި ފަރިވެފައިވާ ބޮޑު ބަގީޗާއެއްގެ ތެރޭގައި... އެ މީހުންގެ މޫނު ހުރީ ވަރަށް ހުތުރު ސިފައަކަށް... އެ މީހުން ދިޔައީ އަހަންނާ ދިމާއަށް ހަޅޭއްލަވަމުން... އެ މީހުން ކިޔާ އެއްޗެއް އަހަންނަކަށް އޮޅުމެއްނުފިލާ- އަހަރެން ދިޔައީ ކޮންމެވެސް އެއްޗަކާ ދިމާއަށް ދުވަމުން... އެއީ ކޮންއެއްޗެއް ކަމެއް އަހަންނަކަށް ނޭނގޭ..." އޭނާ ވާހަކަދެއްކުން ހުއްޓާލައިފައި ލޯހުޅުވައިލިއެވެ.

"ކޮންމެވެސް އެއްޗަކަށް ބިރުން ފިލަން ދުވުނީތަ-؟ އެއްވެސް އެއްޗެއް ނޫނީ އެއްވެސް މީހަކު ފަހަތުން އައިތަ-؟"

"ނޭނގޭ- އަހަންނަށް ހީވަނީ ކޮންމެވެސް މީހަކު ފަހަތުން އައިހެން- މިއީ މޮޔަ ވާހަކައަކަށް ވެދާނެ- އެކަމަކު އަހަންނަށް ހީވަނީ ކޮންމެވެސް މީހަކު އަހަރެން މަރައިލަން އެބަ އުޅޭ ހެން-"

ޑޮކްޓަރ ސްޕީކްމަން ކުޑައިރުކޮޅެއް ވާންދެން އޭނާއާ ދިމާއަށް ބަލަން ހުރެފައި އަހައިލިއެވެ. "އެއީ ކާކުހެން ހީވަނީ-؟"

"އަހަންނަކަށް އެއީ ކާކުކަމެއް ނޭނގޭ-"

"އެއްވެސް މީހަކު ފަހަތުން އައި ތަން ފެނުނުތަ-؟"

"ނޫން-"

"ގޭގައި އުޅެނީ އެކަނިތަ-؟"

"އާނ-"

"އެއްވެސް މީހަކާ ރައްޓެހިތަ-؟ މި އެހީ ލޯބީގެ ގުޅުމެއް އެއްވެސް މީހަކާ އޮވޭ ހެއްޔޭ-؟"

"މިހާރަކު ނޯވޭ-"

"އެހެންވީމާ އެކަނި އުޅޭތާ ލައްކަ ދުވަސްވެއްޖެ- ބައެއް ފަހަރަށް ފިރިހެނަކާ ނުލާ މާ ގިނަ ދުވަހު އުޅުން އަންހެނުންނަށް ދަތިވޭ- ބައެއް ކަހަލަ ޖިސްމާނީ މައްސަލަތައް މެދުވެރިވޭ-"

އޭނާ ބުނަން އެ އުޅެނީ އަހަރެން ފިރިހެނަކާ އެކީ... އޭނާއަކަށް މުޅި ޖުމްލަ އެކީ ހިތަށް އަރުވާކަށް ނުކެރުނެވެ. ބައްޕަގެ އަޑު މިހާރު ވެސް އޭނާގެ ކަންފަތުގައި ހަރުލައިފައި އެބަހުއްޓެވެ. "ތިޔަ ކަހަލަ އެއްޗެއް މީގެ ފަހުން ކިޔައިގެން ނުވާނެ- މީހުން ބުނާނީ ކަލެއަކީ އަނގަ ނުބައި، ނުލަފާ ކުއްޖެކޭ- ރަނގަޅު ކުދިން ތިޔަ ކަހަލަ ބަސްބަހެއް ބޭނުމެއް ނުކުރާނެ- ތިޔައީ ކޮންތާނކުން ދަސްކުރި ބަހުރުވައެއް-؟"

"އޭޝްލީ- އަހަންނަށް ހީވަނީ މާ ބުރަކޮށް މަސައްކަތް ކުރެވެނީހެން- މާ ބޮޑު ފިކުރެއް ކުރާނޭ ކަމެއް ނެތް- ތިޔައީ ވަރުބަލިވީމާ ވާ ގޮތެއް- ކުޑަކޮށް އަރާމު ކޮށްލާ- ޗުއްޓީއެއް ނަގާ-"

"އަހަރެން ބަލާނަން-"

އޭނާ އެނބުރި އައިއިރު ޝޭން މިލަރ އޭނާގެ އިންތިޒާރުގައި ހުއްޓެވެ. "ޑޮކްޓަރު ބުނީ ކީކޭ-؟"

އޭޝްލީ ގަދަކަމުން ހިނިތުންވެލިއެވެ. "އޭނާ ބުނީ އެއްވެސް މައްސަލައެއް ނެތޭ- އަހަރެން މާ ބުރަކޮށް މަސައްކަތްކުރަނީއޭ-"

"އެހެންތަ-؟ ތިޔަ ކަންތައް ކޮންމެވެސް ގޮތަކަށް ހަމަޖައްސަމާ ހިނގާ-" ޝޭން ބުންޏެވެ. "އެންމެ ފުރަތަމަ މިއަދު ބާކީ އޮތް ބައި ޗުއްޓީއަށް ހަދައިލާ-" އޭނާގެ އަޑުގައި އިޚްލާޞްތެރިކަން އެކުލެވިފައި ހުއްޓެވެ.

"ޝުކުރިއްޔާ-" އޭޝްލީ ހިނިތުންވެލިއެވެ. ޝޭންއަކީ ވަރަށް ރަނގަޅު މީހެކެވެ. ރަނގަޅު ރަޙްމަތްތެރިއެކެވެ.

އެ މީހަކީ ޝޭންއަކަށް ނުވާނެއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. ޝޭން އަހަންނަކަށް ގެއްލުމެއް ނުދޭނެއެވެ.

ވިދިގެން އައި ހަފްތާގައި އޭޝްލީގެ ހިތުގައި ދެވަނަ އެހެން ކަމެއް ނެތެވެ. ތާ އަބަދު ވިސްނަމުން ދިޔައީ ޕާޓީއާ މެދުގައެވެ. އެ ތަނަށް ދިއުމަކީ ރަނގަޅު ކަމެއް ބާވައެވެ؟ ޖިމް ކްލެއަރީ އަތުވެއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އެ ދުވަހު އަހަރެންގެ ހިތުގައި ޖެހުނު ވަރު، އަހަރެންގެ ހިތަށް ކުރި އަސަރު އޭނާއަށް އިޙްސާސް ކުރެވޭނެ ބާވައެވެ؟ އޭނާ އެއިން ކަމަކާ މެދު އެއްވެސް ފަރުވާލެއް ބަހައްޓާނެ ބާވައެވެ؟ އަހަރެން ފެނުނީމާ އޭނާއަށް އެނގޭނެ ބާވައެވެ؟

ބެޑްފޯޑަށް ފުރަން އޮތް ދުވަހުގެ ކުރީ ރޭ އޭނާއަކަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. ދަތުރު ހުއްޓައިލަފާނަމޭ ވެސް ބައެއް ފަހަރަށް ހިތަށް އަރައެވެ. އެއީ މޮޔަކަމެކެވެ. ވެ ދިޔަ ކަންތައް ވެ ދިޔައީއެވެ.

އެއަރޕޯޓަށް ގޮސް ޓިކެޓް ނެގި ވަގުތު އޭނާ ޙައިރާންވިއެވެ. "މިއީ އަހަރެން ނޯޓު ކުރުވި ޓިކެޓެއް ނޫން- އަހަރެން ބޭނުންވަނީ އާދައިގެ ޓޫރިސްޓެއްގެ ގޮތުގައި ދަތުރުކުރަން- މިއީ އެއްވަނަ ދަރަޖައިގެ ޓިކެޓެއް-"

"ލައްބަ- މިއަދު އެއްވަނަ ދަރަޖައިގެ ޓިކެޓަކަށް ބަދަލުކުރާށޭ ބުނުއްވީމެއް ނޫންތޯ-؟"

"ކީކޭ-؟" އޭނާ ކައުންޓަރުގައި އިން ކުއްޖާއާ ދިމާއަށް ކަޅިއަޅައިލިއެވެ.

"އަޅުގަނޑު ޓިކެޓް ބަދަލުކުރީ މިއަދު ފޯނުކުރައްވައިފައި އެއްވަނަ ދަރަޖައިގެ ޓިކެޓަކަށް ބަދަލުކުރާށޭ ބުނުއްވީމާ-" އޭނާ އޭޝްލީއަށް ކަރުދާސްކޮޅެއް ދައްކައިލިއެވެ. "މިއީ ކަމަނާގެ ކްރެޑިޓް ކާޑު ނަންބަރެއް ނޫންތޯ-؟"

އޭނާ އެ ކަރުދާސްކޮޅަށް ބަލައިލައިފައި މަޑުމަޑުން ބުނެލިއެވެ. "އާނ- ތިޔައީ އަހަރެންގެ ކްރެޑިޓް ކާޑުގެ ނަންބަރު-"

އެކަމަކު އޭނާ އެއަރޕޯޓަކަށް ފޯނެއް ނުކުރެއެވެ.

އޭޝްލީ، ބެޑްފޯޑަށް ގޮސް ހުރީ ބެޑްފޯޑް ސްޕްރިންގްސް ރިސޯޓް ހޮޓަލުގައެވެ. ޕާޓީ އޮތީ އެ ދުވަހުގެ ހަވީރު ހައެއް ޖަހާއިރުއެވެ. އެހެންވީމާ އޭނާ ނިންމީ ރަށުތެރެ ބަލައިލަން ބުރެއްޖަހައިލާށެވެ. އޭނާ ހޮޓަލުގެ ކުރިމަތިން ކުލީކާރެއް ހުއްޓުވައިގެން އަރައިފިއެވެ.

"ދާންވީ ކޮންތާނކަށްތޯ-؟"

"ރަށުތެރޭގައި ބުރެއްޖަހައިލާ-"

ޢާންމު ގޮތެއްގައި އެހެން ރަށެއްގައި އުޅެފައި އަންނަ މީހުންނަށް، އަމިއްލަ އަވަށް ފެންނަނީ ވަރަށް ކުޑަ ތަނެއްގެ ގޮތުގައެވެ. އެކަމަކު އޭޝްލީއަށް ފެނުނު ގޮތުގައި ބެޑްފޯޑް ވަނީ އޭނާ ޅައިރު އޮތް ވަރަށްވުރެ މާ ބޮޑުކޮށެވެ. ކާރު ދަތުރުކުރަމުން ދިޔަ މަގުމަތިން ފެނުނު ތަންތަނަކީ އޭނާއަކަށް އާ ތަންތަނެއް ނޫނެވެ. ފެނުނު ތަންތަނުގެ ތެރޭގައި އޭނާގެ ބައްޕަ މަސައްކަތްކުރި ހަސްފަތާލު ވެސް ހިމެނެއެވެ. ބައްޕަ މަޝްހޫރުވެގެން ދިޔައީ އެ ތަނުގެ ސަބަބުންނެވެ.

ހަސްފަތާލު ފެނުނީމާ އަނެއްކާ ވެސް އޭނާގެ ހިތަށް އައީ ބައްޕައާއި، މަންމަގެ ހޫނު އަރައިރުންތަކެވެ. އެ އަރައިރުން ހިނގަނީ މުޅިން ވެސް އެއް ކަމަކާ ހެދިއެވެ. އެއީ ކޮން ކަމެއް ކަމެއް މިހާރަކު ހަނދާނެއް ނެތެވެ.

އޭޝްލީ އެނބުރި ހޮޓަލަށް އައީ ހަވީރު ފަހެއް ޖެހި އިރުއެވެ. ޕާޓީއަށް ދާން ލާނޭ ރަނގަޅު ހެދުމެއް ޚިޔާރުކުރެވުނީ ތިން ފަހަރު ހެދުން ބަދަލުކޮށްގެންނެވެ. އޭނާ އެންމެ ފަހުން ލީ ކަޅުކުލައިގެ ހެދުމެކެވެ.

އޭނާ ބެޑްފޯޑް އޭރިއާ ހައި ސްކޫލްގެ ހޯލަށް ވަނުމާއެކު އޭނާ ވަށައިލީ އެކީގައި ކިޔަވަން އުޅުނު ކުދިންނެވެ. މުޅި ހޯލު އޮތީ ކުލަ ބޮތްކާއި، ބާވަތްބާވަތުގެ ކަރުދާހުން ޒީނަތްތެރި ކުރެވިފައެވެ. އައިސް ތިބި ހުރިހާ ކުދިން ފެނުމާއެކީ ވަކިކުރާކަށް ނޭނގެއެވެ. ބައެއް ކުދިންނަށް ވަނީ ވަރަށް ބޮޑެތި ބަދަލު އައިސްފައެވެ. މިހާރަކު އެއީ ކުދިންނެއް ނޫނެވެ. އެއީ ބޮޑެތި މީހުންނެވެ. އޭޝްލީ ބަލަމުން ދިޔައީ އެންމެ މީހަކު ފެނޭތޯއެވެ. އެއީ ޖިމް ކްލެއަރީއެވެ. އޭނާ ހުންނާނީ ބަދަލުވެފައި ހެއްޔެވެ؟ އަންނާނީ އަނބިމީހާ ގޮވައިގެން ހެއްޔެވެ؟ މި ކަހަލަ އެތައް ސުވާލެއް އޭނާގެ ހިތަށްއަރައި، ފައިބަމުން ދިޔައެވެ.

"އޭޝްލީ- އަހަރެން އެނގިއްޖެތަ-؟ ޓްރެންޓް ވޯޓަރސަން- ކަލޭ ހަމަ މިހާރު ވެސް އެހައި ރީތި-"

"ޝުކުރިއްޔާ ޓްރެންޓް- ކަލޭ ވެސް ހަމަ އެހައި ރީތި-"

"މިއީ އަހަރެންގެ އަންހެނުން..."

* * *

"އޭޝްލީ- ތިޔައީ ހަމަ އޭޝްލީ ތަ-؟"

"އާނ- ތިޔައީ..."

"އާރޓް- އާރޓް ޑެވީސް- އަހަރެން ހަނދާން އެބަހުރިތަ-؟"

"އާނ- ކަށަވަރެއްނުން-" އޭނާ ހުރީ ވަރަށް ހުތުރު ސިފައަކަށެވެ. ހީވަނީ ވަރަށް ބޮޑު ބައްޔެއްގައި އުޅޭ ހެންނެވެ. "ކިހިނެއް-؟"

"ރަނގަޅު- އަހަރެން ބޭނުންވީ އިންޖިނޭރަކަށް ވާންކަން ކަލެއަށް އެނގޭނެ- އެކަމަކު އެ ކަމެއް ނުވި-"

"އަހަރެން ވަރަށް ހިތާމަ ކުރަން..."

"ކީއް ކުރާނީ-؟ އެކަމަކު މިހާރު މިހިރީ މެކޭނިކަކަށް ވެފައި- މިއީ ވެސް ކޮންމެވެސް ވަރެއްތާ-؟"

"އޭޝްލީ- އަހަރެން އެނގޭތަ-؟ ލެނީ ހޮލަންޑް- ކަލޭ ހަމަ އަދިވެސް އެހައި ރީތި-"

"ޝުކުރިއްޔާ ލެނީ-" ލެނީ މިހާރު ކުރިއަށް ވުރެ ފަލައެވެ. ކަނާތުގެ ކުޑަވާއިނގިލީގައި އަނގޮޓިއެއް އޮތެވެ.

"އަހަރެން މި އުޅޭނީ ބިން ގަނެ، ވިއްކުމުގެ ވިޔަފާރީގައި- ވަރަށް ވިޔަފާރި ރަނގަޅު- ކަލޭ މީހަކާ އިނދެފިންތަ-؟"

އޭޝްލީ ކުޑަކޮށް ޖެހިލުންވިއެވެ. "ނޫނޭ- އަދިއެއް ނީންނަން-"

"ނިކީ ބްރެންޓް ހަނދާން އެބަހުރިތަ-؟ އަހަރެން މި އުޅެނީ އޭނާޔާ އިނދެގެން- އެއްމާބަނޑު ދެ ކުދިން މިހާރު ލިބިއްޖެ-"

"އެހެންތަ-؟"

ދިހަ އަހަރު ދުވަހުގެ ތެރޭގައި މީހުންނަށް ހާދަހާ ބޮޑެތި ބަދަލު އާދެއެވެ. ބައެއް މީހުން ފަލަވީއެވެ. އަނެއް ބަޔަކު ހިކުނީއެވެ. ބައެއް މީހުން މުއްސަނދިވީއެވެ. އަނެއް ބަޔަކު ފަގީރުވީއެވެ. ބައެއް މީހުން މީހުންނާ އިނދެފިއެވެ. އަނެއް ބަޔަކު އަދިވެސް ތިބީ ހުސްހަށިބައި ޙާލަތުގައެވެ. އެއް ބަޔަކަށް ދަރިން ލިބިއްޖެއެވެ. އަނެއް ބަޔަކަށް ދަރިންނެއް ނުލިބެއެވެ...

ދަން ހުސްވަމުން ދިޔަ ވަރަކަށް ޕާޓީގެ ފޯރި ދިޔައީ ގަދަވަމުންނެވެ. މިއުޒިކާއި، ލަވަޔާއި، ކެއުމުގެ ފޯރި ދިޔައީ ހިފަމުންނެވެ. އޭޝްލީ ދިޔައީ ރަޙްމަތްތެރިންނާ ވާހަކަ ދައްކަމުން އެ މީހުންގެ ދިރިއުޅުމާ ބެހޭ މަޢުލޫމާތު ހޯދަމުންނެވެ. އެކަމަކު ސިކުނޑީގައި އޮތީ ޖިމް ކްލެއަރީއެވެ. އަދިވެސް އޭނާއެއް ނާދެއެވެ. އޭނާއެއް ނާންނާނެއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އަހަރެން އަންނާނެކަން އޭނާއަށް އެނގޭނެއެވެ. އަހަންނާ ބައްދަލުކުރާކަށް އޭނާއަކަށް ނުކެރޭނެއެވެ.

ވަރަށް ރީތި، ފަރި އަންހެނަކު އައިސް އޭނާއާ ވާހަކަދައްކަން ފަށައިފިއެވެ. "އޭޝްލީ- އަހަރެން މިހިރީ އޭޝްލީއާ ދިމާވާނެ ކަމަށް އުންމީދުކޮށްގެން-" އެއީ ފްލޮރެންސް ޝިފަރއެވެ. އޭނާއާ ބައްދަލުވީމާ އޭޝްލީ ވަރަށް ބޮޑަށް އުފާވިއެވެ. ފްލޮރެންސަކީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. ދެ މީހުން ގޮސް އެއް ކަނެއްގައި ހުރި މޭޒެއްގެ ދޮށުގައި އިށީނދެއްޖެއެވެ.

"ފްލޮރެންސް- ކަލޭ ވަރަށް ރީތި-" އޭޝްލީ ބުނެލިއެވެ.

"ކަލޭ ވެސް ވަރަށް ރީތި- އަހަންނަށް މި އާދެވުނީ މާ ލަހުން- ދަރިފުޅު ކުޑަކޮށް ބަލިވެ އުޅޭތީ އަވަހަށް ނާދެވުނީ- އަހަރެން މިހިރީ މީހަކާ އިނދެ، ވަރިވެފައި- މިހާރު މި އުޅޭނީ މީހަކާ ރައްޓެހިވެގެން- ކަލޭ އެއްވެސް މީހަކާ ރައްޓެއްސެއް ނުވަންތަ-؟ މީހަކާ ނީންނަންތަ-؟ ގްރެޖުއޭޝަން ޕާޓީއަށް ފަހު ކަލޭ ދިޔަ ތަނެއް އަހަންނަކަށް ނޭނގުނު- އަހަރެން ވަރަށް ހޯދިން-"

"އަހަރެން ދިޔައީ ލަންޑަނަށް-" އޭޝްލީ ބުނެލިއެވެ. "ބައްޕަ އަހަރެން ލަންޑަނުގެ ކޮލެޖަކަށް ވެއްދީ- އަހަރެމެން ފުރީ ގްރެޖުއޭޝަން އޮތް ދުވަހުގެ ފަހު ދުވަހު ހެނދުނު-"

"އަހަރެން އެ ދުވަހު ކަލޭ ފެނޭތޯ މަސައްކަތް ކުރިން- ސިފައިން ހީކުރީ އަހަންނަށް ކަލޭ އުޅޭ ތަނެއް އެނގޭނެ ކަމަށް- އެ މީހުން ކަލޭ ހޯދަން އުޅުނީ ކަލެޔާ ޖިމް ކްލެއަރީއާ ދެ މީހުން ރައްޓެހިވެގެން އުޅޭކަން އެނގިފައި އޮތީމާ-"

އޭޝްލީ ލަސް ރާގަކަށް އަހައިލިއެވެ. "ކޮން ސިފައިންނެއް-؟"

"ޤަތުލުގެ މައްސަލަ ތަޙްޤީޤު ކުރަން އުޅުނު ސިފައިން-"

ގައިގައި ހުރި ހުރިހާ ލެއެއް މޫނަށް ޖަމާވީހެން އޭޝްލީއަށް ހީވިއެވެ. "ކޮން... ޤަތުލެއް-؟"

ފްލޮރެންސް ޙައިރާންވެފައި އޭނާއާ ދިމާއަށް ބަލައިލިއެވެ. "ޔާ ރައްބީ- ކަލެއަކަށް އެނގިފައެއް ނެތްތަ-؟"

"ކޮން ކަމެއް-؟" އޭޝްލީ ތަންކޮޅެއް ބާރަށް އަހައިލިއެވެ. "ކީކޭ ތިޔަ ކިޔަނީ-؟"

"ގްރެޖުއޭޝަން ޕާޓީ އޮތް ރޭގެ ފަހު ދުވަހު ޖިމް ކްލެއަރީގެ މައިންބަފައިން އެނބުރި އައިއިރު އޭނާ އޮތީ މަރާލައިފައި- ވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ތެޅި ތެޅީނުން މަރާލައިފައި-"

ހޯލް އެނބުރެން ފަށައިފިއެވެ. އޭޝްލީ މޭޒުގެ ކައިރީގައި ވަރަށް ބާރަށް ހިފަހައްޓާލިއެވެ. ފްލޮރެންސް އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ.

"މަޢާފް ކުރޭ އޭޝްލީ- އަހަރެން ހީކުރީ ކަލޭ އޮންނާނީ ނޫހުން އެ ވާހަކަ ކިޔައިފައި ކަމަށް... ނޫނޭ... ރަށުގައި ނެތިއްޔާ ނުއެއް ފެންނާނެތާ ދޯ-؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.