ހުވަފެން - 10

(10 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ޗިކާގޯގައި ކީއްކުރަނީ-؟"

"މިހާރަކު އަޅުގަނޑަކަށް ހުރިހައި ވާހަކައެއް ނަމެއް ނުގަނެވޭނެ- ސެން ހޯޒޭއަށް ދާން މަތިންދާ ބޯޓު ޓިކެޓެއް އަޅުގަނޑު ބޭނުން- އަޅުގަނޑުގެ އަތަކު ފައިސާއެއް ނެތް-"

"މަޑުކޮށްލާ-" ބައްޕަގެ އަޑު ދެން އިވުނީ ދެ ތިން މިނިޓެއް ފަހުންނެވެ. އޯހޭއަރ އިން މިއަދު ދިހަ ގަޑި ސާޅީހުގައި އެމެރިކަން އެއަރލައިންގެ ބޯޓެއް ފުރާނެ- ފްލައިޓް ނަންބަރަކީ 407- ޗެކް-އިން ކައުންޓަރުގައި ޓިކެޓެއް އޮންނާނެ- އަހަރެން ސެން ހޯޒޭ އެއަރޕޯޓަށް ދާނަން- އެ ތަނުން..."

"ނޫން-" މިހާރު އެހެރަ ޙާލަތުގައި ބައްޕައަށް ފެންނާކަށް އޭނާ ބޭނުމެއް ނުވެއެވެ. "އަޅުގަނޑު ފުރަތަމަ... ފުރަތަމަ ދާނީ ހެދުން ބަދަލުކުރަން ގެއަށް-"

"އެންމެ ރަނގަޅު- އަހަރެން މިރޭ ކާން ދާން ދަރިފުޅު ބަލައި ދާނަން- ހުރިހައި ވާހަކައެއް އަހަންނަށް ކިޔައިދޭން ވާނެ-"

"ޝުކުރިއްޔާ ބައްޕާ- ޝުކުރިއްޔާ-"

މަތިންދާ ބޯޓުގެ ގޮނޑިއެއްގައި އިން އިރު އޭނާ ވިސްނަމުން ދިޔައީ ޑެނިސް ޓިބްލްއާ މެދުގައެވެ. އޭނާ ކަންތައްކުރީ މަޢާފް ކުރެވޭ ކަހަލަ ގޮތަކަށް ނޫނެވެ. ސިފައިންގެއަށް ނާންގައެއް ނުވާނެއެވެ. އޭނާގެ ހިތަށްއެރިއެވެ. މި ކަހަލަ ކަމެއް ކޮށްފައި ބޯދަމައިގަނެގެން ދިޔަދީގެން ވާކަށް ނޯންނާނެއެވެ. ކިތައް އަންހެން ކުދިންނަށް އޭނާ މި ބޮނޑި ދީފައި ވާނެ ބާވައެވެ؟

ގެއަށް ދެވުނީމާ އޭޝްލީއަށް ކުރެވުނީ ޖަލަކުން މިންޖުވީމާ ކުރެވޭ ކަހަލަ އިޙްސާސް ތަކެކެވެ. ލައިގެން ހުރި ކޫސަނި ހެދުން ބާލައި އެއްލައިލީ އެސްފިޔަ ޖަހައިލާ ހައި ހިނދުކޮޅެއްގެ ތެރޭގައެވެ. ބައްޕައާ ބައްދަލު ކުރުމުގެ ކުރިން އަދި އެއްފަހަރު ފެންވަރައިލަން އޭނާ ބޭނުންވިއެވެ. އަލަމާރިއާ ދިމާއަށް ހިނގައިގެންފައި އޭނާގެ ފިޔަވަޅު ކުއްލިއަކަށް ބިންމަތީގައި ތަތްލީ ކަހަލައެވެ.

ކުރިމަތީގައި ހުރި ތިރިމޭޒުމަތީގައި އެ އޮތީ ދެބައިކުޅަ އެއްބަޔަށް ބޮއިފައި އޮތް ސިނގިރޭޓެކެވެ.

* * *

ދެ މީހުން އިށީނދެގެން ތިބީ ދި އޯކްސްގައި ހުރި ރެސްޓޯރަންޓެއްގެ އެއް ކަނުގައި ހުރި މޭޒެއްގެ ދޮށުގައެވެ. އޭޝްލީގެ ބައްޕަގެ މޫނުމަތިން ފިކުރު ބޮޑުވުމުގެ ޢަލާމާތްތައް ފެންނަން ހުއްޓެވެ. އޭނާ އިނީ ކަޅިވެސް ޖަހައިނުލައި އޭޝްލީއާ ދިމާއަށް ބަލާށެވެ. "ޗިކާގޯއަށް ދިޔައީ ކީއްކުރަން-؟"

"އަޅުގަ... އަޅުގަނޑަކަށް ނޭނގޭ-"

ޑޮކްޓަރ ޕެޓަރސަންގެ ނިތްކުރިއަށް ދެތިން ރުލެއް އެރިއެވެ. "ނޭނގެޔޭ-؟"

އޭޝްލީ ކުޑަކޮށް ޖެހިލުންވިއެވެ. ބައްޕައަށް ހުރިހައި ވާހަކައެއް ރަނގަޅަށް ކިޔައި ދޭންވީ ބާވައޭ ހިތަށްއެރިއެވެ. ފަހަރެއްގައި ބައްޕަގެ ފަރާތުން ރަނގަޅު ލަފައެއް ލިބުމަކީ އެކަށިގެންވާ ކަމެކެވެ.

އޭނާ ވާހަކަ ދެއްކީ ވަރަށް ފަރުވާތެރިކަމާ އެކުގައެވެ. "ޑެނިސް ޓިބްލް ކޮންމެވެސް ކަމަކާ މަޝްވަރާ ކޮށްލަން އޭނާގެ އެޕާޓްމަންޓަށް އައިސް ދޭށޭ ބުނީމާ..."

"ޑެނިސް ޓިބްލް އޭ-؟ އެ ހަރުފަ...؟" އޭޝްލީ އޮތީ އޭނާގެ އޮފީހުގައި މަސައްކަތްކުރާ އެންމެންނާ ބައްޕަޔާ ބައްދަލު ކުރުވައިފައެވެ. "އޭނާ ބުނާ ކަންތައްތައް ކޮށްދެނީ ކީއްކުރަން-؟"

އޭޝްލީއަށް މި ކުރެވުނީ ރަނގަޅު ކަމެއް ނޫނޭ ހިތަށް އަރަން ފަށައިފިއެވެ. އޭނާއަށް މައްސަލައެއް ދިމާވެއްޖެ ނަމަ ބައްޕަ ހަމައިން ނައްޓައިލާކަން އޭނާއަށް އެނގެއެވެ. ޚާއްޞަކޮށް ފިރިހެނެއްގެ މައްސަލައެއް ވެއްޖެއްޔާ ބައްޕަގެ ގާތަށް އަންނަ ރުޅި ވަކިން ގަދަވެއެވެ.

"މީގެ ފަހުން އަހަންނަށް ކަލޭ މި ހިސާބުން ފެނިއްޖެއްޔާ ކަލޭގެ ގައިގައި ހުރިއްޔާ ހުރި ކަށްޓެއް ފުނޑައިލާނަން-"

"އެއީ އެހައި ބޮޑު ވާހަކައެއް ނޫން-" އޭޝްލީ ބުނެލިއެވެ.

"އަހަރެން ހުރިހާ ވާހަކައެއް އަޑުއަހަން ބޭނުން-"

އޭޝްލީ އަނގައިން ނުބުނެ އިރުކޮޅަކު އިނދެފައި ވާހަކަދައްކަން ފެށިއެވެ. "އަޅުގަނޑު ޑެނިސް ޓިބްލްގެ އެޕާޓްމަންޓަށް ގޮސް އޭނާ ދިން ވައިން ތަށްޓެއް ބުއިން- ދެން..."

ވާހަކަ ދައްކަމުން ދިޔަ އިރު އޭޝްލީ އިނީ ބައްޕަގެ މޫނުމައްޗަށް އަންނަ ބަދަލުތަކަށް ވަރަށް ރަނގަޅަށް ބަލާށެވެ. ބައްޕަގެ ލޮލުން ފެންނަން ހުރި ރުޅިވެރިކަމުގެ އަސަރުތައް ފެނުނީމާ އޭނާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. ވާހަކަ އެ ހިސާބުން ހުއްޓައިލަން އޭނާ އުޅުނެވެ.

"ހުއްޓާ ނުލާ-" ބައްޕަ ހަރުކަށި ރާގަކަށް ބުނެލިއެވެ. "ހުރިހާ ވާހަކައެއް އަހަން އަހަރެން ބޭނުން..."

އެރޭ އޭޝްލީގެ ލޮލަކަށް އެއްގޮތަކަށް ވެސް ނިންޖެއް ނައެވެ. ސިކުނޑި ހުހެއް ނުވެއެވެ. ޚިޔާލު ކޮށްކޮށް އެނދުގައި އޮތީއެވެ.

ޑެނިސް ޓިބްލް އަހަންނާ މެދު ޢަމަލުކުރި ގޮތް ބަޔަކަށް އެނގިއްޖެއްޔާ ވަރަށް ބޮޑު ބަދުނާމަކަށް ވާނެއެވެ. އޮފީސް ތެރޭގައި އެންމެން އެ ވާހަކަ ދައްކާނެއެވެ. އެހެން ކުއްޖަކަށް މިހެން ހެދިޔަ ދީގެން ނުވާނެއެވެ. ފުލުހުންނަށް އަންގަން ވީއެވެ.

ޑެނިސް ހުންނަނީ އޭނާޔާ ހެދި ހޭބަލި ވެފައޭ، ވިސްނައިގެން އުޅޭށޭ ވަރަށް ގިނަ މީހުން ބުނެއެވެ. އެކަމަކު އޭނާ އެއިން އެއްވެސް ވާހަކައެއް ނާހައެވެ. އެކަމަކު މިހާރު އޭނާއަށް އެބަ ވިސްނެއެވެ. އެހެން އެއްވެސް ފިރިހެނަކާ އޭނާ ވާހަކަ ދައްކާ ތަން ދެކޭކަށް ޑެނިސް ބޭނުމެއް ނުވާނެއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އޭނާ ކުރެން ރައްޓެހިވާން އަހައެވެ. އަބަދު ހުންނަނީ ބޯކޮޅު ބަލަބަލައެވެ.

އަހަރެންގެ ފަހަތުން އަޅައިގަނެގެން އުޅޭ މީހާ މި އެނގުނީއެއް ނޫންހެއްޔެވެ؟ އޭޝްލީގެ ހިތަށްއެރިއެވެ.

ހެނދުނު އަށް ގަޑި ބައި ވެއްޖެއެވެ. އޭޝްލީ އޮފީހަށް ދާން ތައްޔާރު ވަނީއެވެ. ކުއްލިއަކަށް ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އޭނާ އަތްގަނޑު ނެގިއެވެ. "ހަލޯ-"

{އޭޝްލީ- ޝޭން ވާހަކަދައްކަނީ- ޚަބަރު އެހިންތަ-؟"

"ކޮން ޚަބަރެއް-؟"

"ޓީވީން އެހެރަގެން ކިޔަނީއެއްނުން-؟ ޑެނިސް ޓިބްލް މަރާލައިފައި އޮއްވާ ފެނިއްޖެ-"

ދުނިޔެ ނުއަތަށް ބުރެއް އެޅި ކަހަލައެވެ. "ޔާ ރައްބީ- ކިހިނެއްވީ-؟ ކޮން އިރަކު-؟"

"ފުލުހުން ބުނާގޮތުން ވެއްޖެއްޔާ ވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ތެޅި ތެޅީނުން މަރައިލީ-"

ހަވަނަ ބާބު

ޑެޕިއުޓީ ސޭމް ބްލޭކް މިހާރު ހުރި މަޤާމަށް އައިސްފައިވަނީ ވަރަށް ދަތި، އުނދަގޫ މަރުހަލާތަކެއް ކަޑައްތު ކުރުމަށް ފަހުގައެވެ. އޭނާ އިނދެގެން އުޅެނީ ޝެރިފްގެ ކޮއްކޮ ސެރީނާ ޑޮވްލިންގ އާއެވެ. (ޝެރިފަކީ ރަށުގެ އަމަން ބެލެހެއްޓުމާ ޙަވާލުވެ ހުންނަ މީހާއެވެ.) ސެރީނާއަކީ ދޫނުބައި، ނުލަފާ އަންހެނެކެވެ. އޭނާގެ ޒީލަގަދަ މިޒާޖު ދަނެގެން، އޭނާޔާއެކީ ހިފަހައްޓައިލެވޭ މީހަކަށް ސެރީނާއަށް ފެނުނު ހަމައެކަނި މީހަކީ ސޭމް ބްލޭކެވެ. އޭނާއަކީ އިސްކޮޅުން ކުރު، މަޑުމައިތިރި، ރުޅިމަޑު، ކެތްތެރި މީހެކެވެ. ސެރީނާގެ ރުޅި ކިތަންމެ ގަދަވެގެން ދިޔަޔަސް އޭނާ ފަރުވާލެއް ނުބަހައްޓައެވެ. ކެތްތެރި ކަމާއެކު ކިޔާހައި އެއްޗެއް އަޑުއަހަން ހުންނަނީއެވެ. ސެރީނާގެ ރުޅިގަނޑު މައިތިރިވީމާ މަޑުމައިތިރި ކަމާއެކު ވާހަކަދައްކަނީއެވެ.

ބްލޭކް ޝެރިފްގެ އޮފީހަށް ވަނީ ޝެރިފް މެޓް ޑޮވްލިންގއަކީ އޭނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ކަމަށް ވާތީއެވެ. އެ ދެ މީހުން އުޅުނީ އެއް ސްކޫލެއްގައެވެ. އުޅެ، ބޮޑުވީ އެކީގައެވެ. ބްލޭކަކީ ފުލުހުންގެ މަސައްކަތަށް ވަރަށް ޝައުގުވެރިވާ މީހެކެވެ. އަދި އެ މަސައްކަތް ފިސާރި ރަނގަޅަށް ދަންނަ ވެސް މީހެކެވެ. އޭނާއަކީ ވިސްނުންތޫނު، ކަންތައްތައް ހޯދައި ގަތުމުގައި ކުޅަދާނަ މީހެކެވެ. ވުމާއެކު އޭނާ ވެފައިވަނީ ރަށުގައި ހުރި އެންމެ ރަނގަޅު ޑިޓެކްޓިވް ކަމަށެވެ. (ޑިޓެކްޓިވުންނަކީ ތަޙްޤީޤީ މަސައްކަތް ކުރާ މީހުންނެވެ.)

* * *

އެ ދުވަހުގެ ހެނދުނު ސޭމް ބްލޭކާއި، ޝެރިފް ޑޮވްލިންގ ތިބީ ކޮފީ ބޯށެވެ.

ޝެރިފް ޑޮވްލިންގ ބުންޏެވެ. "އަހަރެންގެ ކޮއްކޮ ކަލެޔާ ވަރަށް ގިނައިން އަރައިރުންވާ ވާހަކަ އަޑުއެހިން- އަޑުފަށްގަނޑު ގަދަވެގެން، އެ ކަމާ ނުފޮރުއްޕާން ވެގެން އަވަށްޓެރިން ވަރަށް ގިނައިން އަހަންނަށް ފޯނުކުރޭ- ސެރީނާއަކީ ހަޅޭއްލެވުމުގެ ޗެމްޕިއަން-"

ސޭމް ބުނެލިއެވެ. "މެޓް- އަހަރެން އޭނާ މައިތިރިކުރަން ދަންނަން-"

"އަހަންނާ އެކީ އޭނާ ނޫޅޭތީ އަހަރެން ހުންނަނީ ވަރަށް އުފަލުން- އޭނާއަށް އެހެރަ ވާ ގޮތެއް އަހަންނަކަށް އެއްގޮތަކަށް ވެސް ވިސްނައި ގަންނާކަށް ނޭނގޭ- އޭނާގެ ރުޅިގަނޑު..."

އެ މީހުންގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ އޮފީހުގެ މުވައްޒަފަކު އައިސް ގޮވައިލީމައެވެ. "ޝެރިފް- ދެންމެ 911 އަށް މީހަކު ގުޅި- ސަނީވޭލް އެވެނިއުގައި މީހަކު މަރާލައިފައި އޮއްވާ ފެނިއްޖެ-" (911 އަކީ އެމެރިކާގައި ފުލުހުންނާ ގުޅަން އޮންނަ އިމަރޖެންސީ ނަންބަރެވެ.)

ޝެރިފް ޑޮވްލިންގ ސޭމް ބްލޭކާ ދިމާއަށް ބަލައިލިއެވެ.

ބްލޭކް ބޯޖަހައިލިއެވެ. "އަހަރެން ހަމަ މިހާރު އެ ތަނަށް މި ދަނީ-"

ފަނަރަ ވަރަކަށް މިނިޓް ފަހުން ފެންނަނީ ސޭމް ބްލޭކް ޑެނިސް ޓިބްލްގެ އެޕާޓްމަންޓަށް ވަންނަ ތަނެވެ. އޭރު ސިފައިންގެމީހަކު އެ ޢިމާރާތް ބަލަހައްޓާ މީހާއާ ދިމާއަށް ދާ ތަން ފެނެއެވެ.

"އޭނާ އޮތީ ކޮން ތާނކު-؟" ބްލޭކް އަހައިލިއެވެ.

ސިފައިންގެމީހާ އެއްފަރާތުގައި ހުރި ކޮޓަރިއަކާ ދިމާއަށް ބޮލުން އިޝާރާތް ކޮށްލިއެވެ. "އެ ތާނގައި-" އޭނާގެ މޫނަށް ހުރީ ރީނދޫކުލަ އަރައިފައެވެ. ފެނުނު މަންޒަރަކުން ވަރަށް ބޮޑަށް އަސަރުކޮށްފައި ހުރިކަން އެނގެއެވެ.

ބްލޭކް މަޑުމަޑުން ހިނގައިފައި ގޮސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. އެކަމަކު ލިބުނު ކުއްލި ސިހުމެއްގައި މަޑުކޮށްލެވުނެވެ. އެނދުމަތީގައި އެ އޮތީ ކޮށައި ކުދިކޮށްފައި އޮތް މީހެއްގެ މުޅަމަސްގަނޑެވެ. މުޅި ކޮޓަރިތެރެ އޮތީ ލެއިން ފެވިފައެވެ. ލޭ އަންނަނީ ކޮންތަނަކުންކަން އެނގުނީ އެނދާ ކައިރިއަށް ޖެހިލީމައެވެ. ފުޅިބުރިއަކުން އެ މީހާގެ ބުރަކަށްޓައް އެތައް ޙަމަލާއެއް ދީފައި ހުއްޓެވެ. ޖިންސީ ގުނަވަން އޮތީ ބުރިކޮށްލާފައެވެ.

އެ މަންޒަރު ފެނުނީމާ ބްލޭކްގެ އަނގައިގައި ލޭރަހަލިއެވެ. "މި ކަހަލަ ކަމެއް ކުރަން ކެރޭނީ ކޮން އިންސާނަކަށް-!" އޭނާއަށް ބާރަށް ބުނެލެވުނެވެ. އެއްވެސް ކަހަލަ ހަތިޔާރެއް ކޮޓަރިތެރެއަކުން ފެންނާކަށް ނެތެވެ. އެކަމަކު އެ މީހުން ކަނޑައަޅައިފައި އޮތީ މުޅި ގެ ވަރަށް ރަނގަޅަށް ފާސްކޮށް ބަލާށެވެ.

ބްލޭކް ދެން ދިޔައީ ޢިމާރާތް ބަލަހައްޓާ މީހާ ހުރި ތަނަށް އޭނާޔާ ސުވާލު ކުރާށެވެ. "މަރުވެފައި އޮތް މީހާއަކީ ކަލޭ ދަންނަ މީހެއްތަ-؟"

"ލައްބަ- މިއީ އޭނާގެ އެޕާޓްމަންޓް-"

"އޭނާގެ ނަމަކީ ކޮބާ-؟"

"ޓިބްލް- ޑެނިސް ޓިބްލް-"

ބްލޭކް އޭނާގެ ޖީބުފޮތުގައި ނަން ނޯޓުކޮށްލިއެވެ. "މި އެޕާޓްމަންޓްގައި އޭނާ އުޅޭތާ ކިހައި ދުވަހެއް ވެދާނެ-؟"

"ގާތްގަނޑަކަށް ތިން އަހަރު ވެދާނެ-"

"އޭނާއާ ބެހޭ އެއްވެސް އެހެން ކަމެއް އެނގޭތަ-؟"

"މާ ގިނަ ކަންތައްތަކެއް އަޅުގަނޑަކަށް ނޭނގޭ- ޓިބްލްއަކީ އޭނާގެ އެއްވެސް ކަމަކާ ބެހޭ ގޮތުން އެހެން މީހުންނާ ވާހަކަ ދައްކާ އުޅޭ މީހެއް ކަމަކަށް އަޅުގަނޑަކަށް ފާހަގަކުރެވިފައެއް ނެތް- އޭނާއަކީ ގަވާއިދުން ކުލިދައްކާ މީހެއް- އެންމެ ދުވަހެއް ވެސް ލަހެއް ނުވާނެ- ދޭތެރެ ދޭތެރެއިން އަންހެނުން ގޮވައިގެން އައިސް ވަންނަ ތަން އަޅުގަނޑު ދެކެން- އަޅުގަނޑަށް ހީވަނީ އެއީ ހުސް ކަސްބީ އަންހެނުން ހެން-"

"އޭނާ މަސައްކަތްކުރަނީ ކޮންތަނެއްގައި ކަން އެނގޭތަ-؟"

"ލައްބަ- ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ކޯޕަރޭޝަނުގައި- އަޅުގަނޑު އަހައިފައި އޮންނަ ގޮތުގައި އޭނާއަކީ ކޮމްޕިއުޓަރގެ މަސައްކަތަށް އެ ކުންފުނީގައި ހުރި އެންމެ މޮޅު މީހާ-"

ބްލޭކް އެ މަޢުލޫމާތު ނޯޓުކޮށްލިއެވެ. "އޭނާ މަރާލައިފައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ ކާކަށް-؟"

"ކޮޓަރި ސާފުކުރާ އަންހެނަކަށް- މާރިއާ- އިއްޔެއަކީ ބަންދުދުވަހަކަށް ވާތީ މާރިއާއެއް ނާދޭ- އޭނާ އައީ މިއަދު ހެނދުނު..."

"މާރިއާ ކޮބާ-؟ އަހަރެން އޭނާއާ ވާހަކަދައްކަން ބޭނުން-"

"އަޅުގަނޑު އޭނާއަށް ގޮވައިލާނަން-"

މާރިއާއަކީ ޢުމުރުން ސާޅީހަކަށް އަހަރު ވެފައިވާ ގައިގެ ކުލަ ކަޅު އަންހެނެކެވެ. ބްރެޒީލް މީހެކެވެ. އޭނާ ހުރީ ވަރަށް ބިރުގެންފައެވެ.

"މާރިއާ- އޭނާ މަރާލައިފައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ ކަލެއަށްތަ-؟"

"އޭނާ މަރައިލީ އަޅުގަނޑެއް ނޫން- ހުވާކޮށްފައި މި ނަންގަންނަނީ-" އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައެވެ. "ވަކީލަކު ހޯދަން އަޅުގަނޑަށް ޖެހޭނެތޯ-؟"

"ނޫނޭ- ވަކީލަކު ހޯދާކަށް ނުޖެހޭނެ- އެ ތާނގައި ހިނގި ކަންތައްތައް އަހަންނަށް ކިޔައިދިނީމާ ނިމުނީ-"

"އެއްވެސް ކަމެއް ނުހިނގާ- މި ނަންގަތީ... އެހެން ދުވަސްދުވަހެކޭ އެއްގޮތަށް އަޅުގަނޑު އައީ އެޕާޓްމަންޓް ސާފުކުރަން- އަޅުގަނޑު ހީކުރީ އޭނާ ނޫޅޭނެ ކަމަށް- އޮފީހަށް ހިނގައިދާނެ ކަމަށް- އޭނާ ކޮންމެ ދުވަހަކު ވެސް ހެނދުނު ހަތެއް ޖަހާ އިރު ތެދުވެގެން ހިނގައިދާނެ- އަޅުގަނޑު ފުރަތަމަ ކުނިކަހައި ސާފުކުރީ ފެންޑާ- ދެން..."

"ސާފުކުރުމުގެ ކުރިން ފެންޑާ އޮތް ގޮތް ހަނދާން އެބަހުރިތަ-؟"

"ކީކޭތޯ-؟"

"އެއްވެސް އެއްޗެއް ހުރި ތަން ނޫން އެހެން ތަނެއްގައި ބެހެއްޓިންތަ-؟ އެއްވެސް އެއްޗެއް މި ތަނުން ބޭރަށް ނެރުނިންތަ-؟"

"ލައްބަ- ތެޅިފައި އޮތް ވައިން ފުޅިއެއް ބިންމަތީގައި އޮތް- އެ ފުޅީގެ ބޭރުގައި ހުރި އެއްޗަކުން އަތުގައި ތަތްލާ ކަހަލަ ގޮތެއް ހުރި- އަޅުގަނޑު..."

"އެ ފުޅިއަށް ހެދީ ކިހިނެއް-؟" ބްލޭކް އަވަސްއަވަހަށް އަހައިލިއެވެ.

"އަޅުގަނޑު ކުނި ފިއްތާ މެޝިނަށް ފުޅި ލައިފިން-"

"ދެން ކުރީ ކޮން ކަމެއް-؟"

"ދެން އަޅިކެނޑި ސާފުކޮށްފައި..."

"އޭގައި ސިނގިރޭޓް ބުރި ހުރިތަ-؟"

މާރިއާ ވިސްނައިލިއެވެ. "އެންމެ ސިނގިރޭޓް ބުރިއެއް އޮތް- އަޅުގަނޑު އެ ސިނގިރޭޓް ބުރި ލީ ބަދިގޭގައި ހުރި ކުނި ވަށިގަނޑަށް-"

"ހިނގާ ދައްކަން-" އޭނާ މާރިއާ ގޮވައިގެން ބަދިގެއާ ދިމާއަށް ހިނގައިގެންފިއެވެ. ބަދިގެއަށް ވަދެފައި އެ ތާނގައި ހުރި ކުނިވަށިގަނޑަކާ ދިމާއަށް މާރިއާ އިޝާރާތް ކޮށްލިއެވެ. އެ ވަށިގަނޑުގެ އެތެރޭގައި ސިނގިރޭޓް ބުރިއެއް އޮތެވެ. އޭގައި ތުންފަތުގައި ކާއްތާ ކުލަ ހޭކިފައި ހުއްޓެވެ. ބްލޭކް ވަރަށް ފަރުވާތެރިކަމާ އެކު އެ ސިނގިރޭޓް ބުރި ނަގައި ސިޓީއުރައަކަށް ލައިފިއެވެ.

އެ ތަނުން ނުކުމެގެން އަނެއްކާ ވެސް އައީ ފެންޑާއަށެވެ. "މާރިއާ- ސާފުކުރަން އުޅުނު އިރު އެއްވެސް އެއްޗެއް މަދު ކަމަށް ފާހަގަކުރެވުނުތަ-؟ އަގުބޮޑު އެއްޗެއް ގެއްލިފައިވާ ހެން ހީވޭތަ-؟"

އޭނާ ވަށައިގެން ހޯދާލިއެވެ. "އަޅުގަނޑަކަށް ހިއެއް ނުވޭ- ޓިބްލްއަކީ އެހެރަ ވައްތަރުގެ ބުދު އެއްކުރަން ވަރަށް ޝައުގުވެރިކަން ހުންނަ މީހެއް- އެ ތަކެއްޗަށް ވަރަށް ގިނަ ފައިސާ ޚަރަދުކުރޭ- އެއިން އެއްޗެއް މަދުހެންނެއް އަޅުގަނޑަކަށް ހިއެއްނުވޭ-"

އެހެން ވެއްޖެއްޔާ އޭނާ މަރައިލީއަކީ ވައްކަން ކުރަން އުޅުނު މީހެއް ނޫނެވެ. ބްލޭކްގެ ހިތަށްއެރިއެވެ. މަސްތުވާތަކެތީގެ މައްސަލައަކަށް ވެދާނެ ބާވައެވެ؟ ނުވަތަ ބަދަލުހިފުމަކަށް ވެދާނެ ހެއްޔެވެ؟ ލޯބިވެރިޔާ ބޭވަފާތެރިވީމާ ބަދަލުހިފަން ކުރި ކަމެއް ހެއްޔެވެ؟

"މާރިއާ- މި ތަން ސާފުކޮށް ނިމިގެން ދެން ކުރީ ކޮން ކަމެއް-؟"

"އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް މި ތަން ސާފުކޮށް ނިމިގެން އަޅުގަނޑު..." އޭނާގެ އަޑު ތުރުތުރު އަޅަން ފަށައިފިއެވެ. "އަޅުގަނޑު ދިޔައީ ނިދާކޮޓަރި ސާފުކުރަން - އެ ތަނުން އަޅުގަނޑަށް ފެނުނީ... ޓިބްލް..." އޭނާ ބްލޭކްގެ މޫނަށް ބަލައިލިއެވެ. "އަޅުގަނޑު ހުވާކޮށްފައި މި ނަންގަންނަނީ އެ ކަން ކުރީއަކީ އަޅުގަނޑެއް ނޫން-"

އެ ވަގުތު ކޮރޯނަރއާއި، އޭނާގެ އެހީތެރިޔާ ބޭނުންވާ ސާމާނު ހިފައިގެން އައިސް ވަދެއްޖެއެވެ. (ކޮރޯނަރއަކީ މީހަކު މަރުވީމާ މައްޔިތާގެ ހަށިގަނޑު މުޢާއިނާކޮށް މަރުގެ ސަބަބު ހޯދަން ކަނޑައަޅާފައި ހުންނަ މީހެކެވެ. ޢާންމު ގޮތެއްގައި ކޮރޯނަރުންނަށް ތިބެނީ ޑަކްޓަރުކަން ކިޔަވައިގެން ނުވަތަ ޤާނޫނު ކިޔަވައިގެން ތިބޭ މީހުންނެވެ.)

އޭގެ ތިން ގަޑިއިރު ފަހެވެ. ޑެޕިއުޓީ ސޭމް ބްލޭކް އިނީ ޝެރިފްގެ އޮފީހުގައެވެ.

"ސޭމް- އެއްވެސް ކަމެއް އޮޅުންފިލިތަ-؟"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.