ކޯވިޑާގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޑޮކްޓަރުންތަކެއް މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާޢީ ކޮމެޓީން ހާމަކޮށްފިއެވެ.
މިއަދު ބޭއްވި އިޖްތިމާއީ ކޮމެޓީގެ ބައްދަލު ވުމުގައި ނާއިބް މުޤައްރިރު މަޑަވެލީ ދާއިރާގެ މެމްބަރ ހުޞައިން ފިރުޝާން ވިދާޅުވީ ކޯވިޑްގެ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ޑޮކްޓަރުންތަކެއް މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވައިފައިވާ ކަމަށެވެ. އެހެން ކަމުން އަންނަ ހޮނިހިރު ދުވަހު އެ ޑޮކްޓަރުންނާ ބައްދަލު ކުރައްވައި މަޝްވަރާކުރެއްވުމަށް ނިންމެވިއެވެ.
މިޑޮކްޓަރުންގެ އިތުރުން ރާއްޖޭގައި ވޭތުވެދިޔަ 50 އަހަރު ހެލްތް މިނިސްޓަރުކަން ކުރެވި ބޭފުޅުންނާއި ވޭތުވެދިޔަ 50 އަހަރު ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްކަން ކުރެއްވި ބޭފުޅުންނާއި ހެލްތު ސެންޓަރުތަކާއި އައިޖީއެމްއެޗާއި ޑަބްލިޔޫއެޗްއޯ ގެ އިތުރުން ޞިއްޙީ ދާއިރާގެ އަމިއްލަ ޖަމްޢިއްޔާ ތަކާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން އެޗްޕީއޭ އާއި އެޗްއީއޯސީއާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ނިންމަވައިފައެވެ.
ކޮމެޓީގެ މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވީ އެޗްޕީއޭ އާއި އެޗްއީއޯސީއާ ބައްދަލުކުރެއްވުން ރަނގަޅު ވާނީ ޑޮކްޓަރުންނާއި އެނޫންވެސް ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުން ތައް ދެނެގަތުމަށް ފަހު ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވީ އެޗްޕީއޭ އާއި އެޗްއީއޯސީއާ ބައްދަލުކުރައްވައި މިހާރު އަޅައިފައިވާ ފިޔަވަޅުތަކާ ބެހޭ މަޢުލޫމާތު ހޯދަން ޖެހޭ ކަމަށެވެ.
ބައެއް މެމްބަރުން ވިދާޅުވީ މައްސަލަ ދިރާސާ ކުރާއިރު ކުރިން މަޖިލީހުގެ ކޮމެޓީތަކުން ނިންމައިފައިވާ ނިންމުންތަކަށް ރިޢާޔަތް ކުރަން ޖެހޭ ކަމަށެވެ. މިއަދުގެ ބައްދަލުވުން ނިންމާލީ އެޗްއީއޯސީގެ އެންމެ ފަހުގެ ނިންމުންތަކާއި މަޖިލީހުގެ ކޮމެޓީތަކުން ނިންމައިފައިވާ ނިމުންތަކާއި ލިސްޓްގައިވާ ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް އިދާރީ މުވައްޒަފުންނާ ޙަވާލު ކުރެއްވުމަށް ފަހުގައެވެ.
ކޯވިޑްގެ ފިޔަވަޅުތަކާ މަޝްވަރާ ކުރާއިރު އިޤްތިޞާދީ ގޮތުން ކުރާނެ އަސަރުވެސް ދެނެގަންނަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވަނީ ފާހަގަ ކުރައްވައިފައެވެ.