ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން 17 އޭޕްރީލް 2020ވާ ހުކުރު ދުވަހުގެ ހަވީރު 6 އިން ފެށިގެން މާލެ ސަރަހައްދު ފިޔަވައި، ރާއްޖޭގެ އެއްވެސް ރަށަކުން އަނެއް ރަށަކަށް ދަތުރުކުރުން ހުއްޓައިލުމަށް ވަނީ އަންގާފައެވެ. ދަތުރުކުރުން ހުއްޓައިލެވޭ ހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށް ވެސް ވަނީ އަންގަވާފައެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ގޭބިސީ ފިޔަވައި އެހެން އެއްވެސް ތަނެއްގައި އެއްވެސް އުޅުންވެސް ވަނީ މަނާކޮށްފައެވެ. ވަކިން ޚާއްސަކޮށް ޕާޓީ ބޭއްވުމާއި، މާހެފުމާއި، ދަތުރުދިޔުމާއި ،މޫދަށް އެރުމާއި ކުޅިވަރު ކުޅުމާއި އަދި އިޖްތިމާއީ އެއްވެސް ހަރަކާތެއް ނުބެއްވުމަށްވެސް އަންގަވާފައިވެއެވެ.

އަދި ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތްތަކުން ދީފައިވާ އިރުޝާދަށް ތަބާވުމަށާއި، މާލެއާއި ރިސޯޓު، އަދި ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ މީހުން ކޯވިޑް-19އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެންގުމަށް ވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ އަންގާފައެވެ.

މި ފިޔަވަޅުތައް އެޅުއްވުމަށް އަންގަވާފައި މިވަނީ ބުދަ ދުވަހު މާލެއިން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. މިހާތަނަށް 8 ދިވެއްސަކަށް ބަލިޖެހިފައިވެއެވެ. ރާއްޖޭގައި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 23އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.