ކޭސްތައް އިތުރުވާކަމަށް އެންމެ ދުވަހެއްގެ ޢަދަދަށް ބަލައިގެން ނުބުނެވޭނެ: ޑރ. ނަޒްލާ

ކޮވިޑް 19 ގެ ކޭސްތައް އިތުރުވާކަމަށް އެންމެ ދުވަހެއްގެ ޢަދަދަށް ބަލައިގެން ވިދާޅެއް ނުވެވޭނެ ކަމަށް  ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

މެއި މަހުގެތެރޭގައި ވެސް ކުއްލިއަކަށް އަދަދުތައް މަތިވެފައި ކުއްލި އަކަށް ވަރަށް ބޮޑުތަނުން މަދުވެފައިވާކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. ކޭސްތައް އިތުރުވާކަމަށް އެންމެ ދުވަހަކުން ދެދުވަހުން ވިދާޅުވަން އެނގިވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. ޢަދަދަދު އިތުރުވާކަމަށް ބުނެބޭނީ ހަފުތާއެއްހާ ދުވަހު ބަލިޖެހޭ މީހުންގެ އިތުރުވުން ހުންނަ މިންގަނޑު މަތިވަމުން ދާނަމަ ކަމަށް ޑރ. ނަޒަލާ ފާހަގަ ކުރެއްވިއެވެ.  

ޑޮކްޓަރ ނަޒްލާ މިހެން ވިދާޅުވެފައި ވަނީ ބަލި ޖެހޭ މީހުންގެ ޢަދަދު ގިނަ ދުވަސް ތަކެއް ވާންދެން 30 އިން ދަށުގައި ހުރުމަށް ފަހު އިއްޔެ އެޢަދަދު 30 އަށް ވުރެ މަތިވެފައި ވަނިކޮށެވެ. ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވް ވި 33 މީހުންނާއެކު ރާއްޖޭއިން ޕޮޒިޓިވްވި މީހުންގެ އަދަދު 2468 އަށްވަނީ އަރައިފައެވެ. އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަނގްލަދޭޝްގެ 18 މީހުންނާއި އިންޑިއާގެ 3 މީހުންނެވެ. އިއްޔެ ބަލިން ރަނގަޅުވީ  19 މީހުނާއެކު ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނި 2049 އަށް އަރާފައެވެ.

ލޮކްޑައުންގައި އޮތް ހިފެހެއްޓުން ދޫކޮށްލެވި މިހާރު ވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައިކަން ފާހަގަ ކުރައްވައި، މިހާލަތުގައި ބޭރަށް ނުކުންނައިރުއާއި ރައްޓެހިންނާއި އާއިލާގެ މީހުންނާ ބައްދަލުކުރާއިރު ވެސް ނިއުނޯމަލްގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.  

"ބަލި ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ ކަމެއް އޭރުވެސް މިހާރުވެސް ކުރަމުން މިދަނީ. އެހެންނަވެސް މިމަސައްކަތުގައި އިތުރަށް ވެސް ވަރަށް ބޮޑު ރޯލެއް އެބައޮތް އާއްމުފަރާތްތަކާ މުއައްސަސާތަކާއި ތަފާތު ޚިދުމަތްދޭ ފަރާތްތަކާއި ހުރިހާ އެންމެންގެ ވެސް."  ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބަލި ކޮންޓްރޯލްކުރުމަށް ސަމާލުކަންދޭން ޖެހޭ މުހިންމު ހަތަރު ކަމެއް އޮންނަކަން ފާހަގަކުރައްވާ އެކަންކަން ޑރ. ނަޒްލާ ވަނީ އާންމުންގެ ސަމާލުކަމަށް ގެންނަވައިފައެވެ. އެއީ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި ގިނަގިނައިން އަތް ސާފުކުރުމާއި އެއްވެސް އަލާމާތެއް ހުރެއްޖެނަމަ، އެހެން ތަންތަނަށް ނުގޮސް ވީހާވެސް އަވަހަށް ފްލޫ ކްލިނިކަކަށް ގޮސް ޑޮކްޓަރަށް ދެއްކުމެވެ. މިކަންކަމަށް ސަމާލުކަންދީގެން އަބަދުވެސް ކުރާކަމެއްގެ ގޮތުގައި އާދައަކަށް ހަދައިފިނަމަ އަދަދު އިތުރުނުވެ ކޮންޓްރޯލް ކުރެވޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެގޮތަށް ކަންތައްތައް ނުކުރެވޭ ތަންތަނުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ އަދަދު އިތުރުވެފައި އެބަހުރިކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ.

"އެކަން އަޅުގަނޑުމެންނަށް އެބަފެނޭ ބޭރު ޤައުމުތަކުންވެސް އެހެންވީމާ ޚަބަރުތަކުން ހަމައެކަނި ނަމްބަރެއް ނޫން ބަލަން ވީ އެއިން ފިލާވަޅު ވެސް ލިބިގަންނަން ޖެހޭ." ޑރ. ނަޒްލާ ވިދާޅުވިއެވެ.  

ބަލި ކޮންޓްރޯލް ކުރެވި މިހާހިސާބަށްވެސް އާދެވުނީ ރައްޔިތުން ވަރަށް ބޮޑަށް އެއްބާރުލުންދީ  ވަރަށް ބޮޑު ޤުރުބާނީތަކެއް ވެގެން ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އަދިވެސް ކަނޑައެޅިފައިވާ އުޞޫލުތަކާއެއް ގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް ރައްޔިތުންގެ ކިބައިން ޑރ. ނަޒްލާ އެދިވަޑައިގެންނެވިއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.