ހުވަފެން - 1

މިއީ ސިޑްނީ ޝެލްޑަންގެ "ޓެލް މީ ޔުއަރ ޑްރީމްސް" ގެ އަވަސް ތަރުޖަމާއެކެވެ. ތަރުޖަމާގައި ބަލައިފައިވާނީ ބަހުން ބަހަށް ތަރުޖަމާ ކުރާކަށް ނޫނެވެ. އަދި އަޅުގަނޑުމެންގެ މުޖުތަމަޢާ އަޚްލާގީ ގޮތުން ނުގުޅޭ ބައެއް ތަންތަންކޮޅު އުނިކޮށްފައި ވާނެއެވެ.


ކޮންމެވެސް މީހަކު އޭނާގެ ފަހަތުން އަޅައިގަނެގެން އެބައުޅެއެވެ. އޭނާ ވަނީ ފަހަތުން އަޅައިގަނެގެން އައިސް ގަޔަށް އަތް ލައި، ފޭރި ހަދާ މީހުންގެ ވާހަކަ ކިޔާފައެވެ. އެކަމަކު އެއީ މުޅިން އެހެން ދުނިޔެއެއްގައި އުޅޭ ބައެކެވެ. މާ ނުލަފާ ބަޔަކު އުޅޭ ދުނިޔެއެއްގެ ބައެކެވެ. އެއީ ކާކުކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާއަށް އުނދަގޫކުރަން ނުވަތަ ގެއްލުމެއް ދޭން އުޅެނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ. ހާސްނުވެ އުޅެވޭތޯ އޭނާ ވަރަށް ހިތްވަރު ކުރެއެވެ. އެކަމަކު މިހާރަކަށް އައިސް ހަމަޖެހިގެން ނުއެއް ނިދެއެވެ. ނިދިއްޖެއްޔާ ބިރުވެރި ހުވަފެން ފެނެއެވެ. ކޮންމެ ދުވަހަކު ހޭލެވެނީ މިއީ އެންމެ ފަހު ދުވަސް ކަމުގެ އިޙްސާސާ އެކީގައެވެ. އެއީ އަހަންނަށް ހީވާ ގޮތެއް ކަމަށް ވެދާނެއެވެ. އޭޝްލީ ޕެޓަރސަންގެ ހިތަށްއެރިއެވެ. އަހަންނަށް މާ ބުރަކޮށް މަސައްކަތް ކުރެވެނީއެވެ. ޗުއްޓީ އެއް ނަގަން ވީއެވެ.

އޭނާ ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ބަލައިލިއެވެ. ލޯގަނޑުން ފެންނަނީ ޢުމުރުން ތިރީހާ ގާތްވެފައިވާ އަންހެނެކެވެ. ލައިގެން ހުރީ ޢުމުރާ ގުޅޭ ކަހަލަ ރީތި ހެދުމެކެވެ. ރީތި ހަށިގަނޑެކެވެ. މުށިކުލައިގެ ރީތި ދެ ލޮލެވެ. އޭނާއަކީ މީހުން އަޅައިގަންނަ ކަހަލަ ފަރިކަމެއް ލިބިފައިވާ މީހެކެވެ. ކަޅުކުލަ ގަދަ އިސްތަށިގަނޑު ކޮނޑު މައްޗަށް ވެއްޓިފައި އޮތެވެ. އަހަރެންގެ ސިފަ އެހައި ރީއްޗެއް ނޫނެވެ. އޭޝްލީގެ ހިތަށްއެރިއެވެ. މާ ހިކީއެވެ. ތަންކޮޅެއް ގިނައިން ކާން ފަށަން ވީއެވެ. އޭނާ މަޑުމަޑުން ހިނގައިފައި ގޮސް ސައިހަދަން ބަދިގެއަށް ވަދެއްޖެއެވެ. ސައިހަދަމުން ދިޔަ އިރު މަސައްކަތް ކުރަމުން ދިޔައީ މި ފަހަކަށް އައިސް އޭނާއަށް ކުރިމަތިވަމުން އަންނަ ބިރުވެރި ކަންތައްތަކުގެ މަތިން ހަނދާން ނައްތައިލެވޭތޯއެވެ. އޭނާ ބޭނުންވަނީ މިހާރު އޭނާ އަޅަމުން އެ ދާ ބިސްގަނޑު ފިޔަވައި އެހެން އެއްވެސް ކަމެއް ސިކުނޑީގައި ނޯންނަ ގޮތް ހަދާށެވެ. އޭނާ ކޮފީ ހަދާ އެއްޗަށް ކަރަންޓު ދީފައި ޓޯސްޓަރަށް ޕާން ފޮއްޗެއް ވައްޓައިލިއެވެ. ދިހަ ވަރަކަށް މިނިޓުން ހުރިހާ އެއްޗެއް ތައްޔާރުވެ ނިމިއްޖެއެވެ. އޭޝްލީ މޭޒުމައްޗަށް ހުރިހާ އެއްޗެއް ނެގުމަށް ފަހު ގޮނޑިއެއް ކައިރިކޮށްގެން އިށީނދެއްޖެއެވެ. އޭނާ އުލެއް ނަގައިގެން ކާއެއްޗިއްސާ ދިމާއަށް ބަލައިލިއެވެ. ގެންފައިވާ ބިރެއްގެ ސަބަބުން މިހާރު ވަނީ ކާ ހިތް ކެނޑިފައެވެ.

މި ކަންތައްތައް ތަކުރާރުވިޔަ ދީގެން ނުވާނެއެވެ. އޭނާ ރުޅިވެރި ކަމާއެކު ހިތާހިތާ ކިޔައިލިއެވެ. އެއީ ކޮންމެ މީހަކަށް ވިޔަސް އަހަންނާ ކުޅުނަކަ ނުދޭނަމެވެ. އެއްގޮތަކަށް ވެސް އެހެން ވިޔަކަ ނުދޭނަމެވެ.

އޭޝްލީ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އޮފީހަށް ދާން ނުކުންނަ ގަޑި ޖެހުނީއެވެ. އޭނާ އެޕާޓްމެންޓްގެ އެކި ދިމަދިމާއަށް ނަޒަރު ހިންގައިލިއެވެ. ފެންނަން ހުރި އެއްޗެތިން ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބޭތޯ އުޅެނީ ކަހަލައެވެ. އެއީ ވަރަށް ރީތި އެޕާޓްމަންޓެކެވެ. ފަރުނީޗަރާއި، ހިފާ ގެންގުޅޭ ތަކެތި ހުރީ ވަކި ތަރުތީބެއްގެ މަތިން އަތުރާފައެވެ. ވަޔާ ކަމީނޯ ކޯޓްގައި ހުންނަ އެޕާޓްމަންޓުގައި ހުންނަނީ ނިދާކޮޓަރިއަކާއި، ކުޑަ ބަނޑަހަގެއަކާއި، ފާޚާނާއަކާއި، ބަދިގެއަކާއި، މެހްމާނުން މަތިހަދަން ހުންނަ ކޮޓަރިއެކެވެ. އޭނާ ކެލިފޯނިއާގެ ކަޕަޗީނޯގައި ދިރިއުޅޭތާ މިހާރު ތިން އަހަރު ވެއްޖެއެވެ. މީގެ ދެތިން ހަފުތާއެއްހައި ދުވަސް ކުރިއާ ހަމައަށް އޭޝްލީއަށް ކަށަވަރުވެފައި އޮތީ އޭނާ ދިރިއުޅޭ ތަނަކީ އަރާމު، އަމާން ތަނެއް ކަމަށެވެ. މިހާރު އެތަން ވެފައިވަނީ އެއްވެސް ބޭރުމީހަކަށް ވަދެ އޭނާއަށް ގެއްލުމެއް ނުދެވޭ ފަދަ ވަރުގަދަ ކިއްލާއަކަށެވެ. އޭޝްލީ މައި ދޮރާ ހަމަޔަށް ހިނގައިފައި ގޮސް ދޮރުގެ ތަޅު ހުރީ ރަނގަޅަށްތޯ ބަލައިލިއެވެ. މާދަމާ އިތުރު ތަންޑެއް ހަރު ކުރުވާނީއެވެ. އޭނާގެ ހިތަށްއެރިއެވެ. އޭނާ އެޕާޓްމެންޓްގެ ހުރިހާ ބޮތްކެއް ނިއްވާލާފައި ނުކުމެ މައިދޮރު ބޭރުން ތަޅުލައިފިއެވެ. އޭނާ ބޭސްމަންޓަށް (ގަރާޖަށް) ފޭބީ ލިފްޓުންނެވެ.

ގަރާޖަކު އެއްވެސް މީހެއް ނެތެވެ. އޭނާގެ ކާރު އޮތީ ލިފްޓާ ވިއްސަކަށް ފޫޓު ދުރުގައެވެ. އޭނާ ވަށައިގެން ބަލައިލައިފައި ކާރާ ދިމާއަށް ދުއްވައިގެންފިއެވެ. އެ ދިޔަ ގޮތަށް ގޮސް ކާރަށް އަރައި، އެތެރެއިން ތަޅުލައިފިއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެއެވެ.

އޭނާ މިސްރާބު ޖެހީ އޮފީހަށެވެ. މޫސުމާ ބެހޭ އޮފީހުން ބުނާ ގޮތުގައި މިއަދު ވާރޭ ވެހޭނެއެވެ. އުޑުމަތި މިހާރުވެސް އޮތީ ބަނަކޮށެވެ. މޫސުމާ ބެހޭ އޮފީހުން ބުންޏަސް މިއަދަކު ވާރެއެއް ނުވެހޭނެއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. މާ ގިނަ އިރުތަކެއް ނުވެ އިރު ފެނިދާނެއެވެ. ވާރޭ ނުވެހިއްޖެއްޔާ އޭގެ މާނައަކީ ހުރިހާ ކަމެއް ރަނގަޅީއެވެ. ކުރިން ހީކުރެވުނު ހުރިހައި ހީއަކީ ކުށްހީއެވެ. ވަހުމެވެ.

ދިހަ މިނިޓް ވަންދެން ރަށުގެ އެންމެ ނަލަ ހިސާބުން ކާރު ދުއްވާފައި ދިޔަ އިރު އޭނާގެ ސިކުނޑިއަށް އަރާ ފައިބަމުން ދަނީ އެ ރަށަށް އައިސްފައިވާ އާދަޔާ ޚިލާފު ބަދަލެވެ. އަހަރުތަކެއް ކުރިން ބަޔަކަށް ފާހަގަ ވެސް ނުކުރެވި އޮތް ސެންޓާ ކްލާރާ ވެލީ އަކީ ސެން ފްރެންސިސްކޯގެ ދެކުނުން ފަންސާހަކަށް މޭލު ފޭގައި އޮންނަ ތަނެކެވެ. މިހާރު އެންމެން މި ވާހަކަ ދައްކާ ކޮމްޕިއުޓަރު އިންޤިލާބު ފެށުނީ އެ ތަނުންނެވެ. މިހާރު އެ ތަނަށް ޢާންމުކޮށް ކިޔައި އުޅޭ ނަމަކީ ސިލިކޯން ވެލީއެވެ.

އޭޝްލީއަކީ ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ކޯޕަރޭޝަންގެ މުވައްޒަފެކެވެ. އެއީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. ކުންފުނީގައި ދުއިސައްތަ އެއްހައި މީހުން މަސައްކަތް ކުރެއެވެ.

އޭޝްލީގެ ކާރު ސިލްވަރާޑޯ ސްޓްރީޓަށް ލަނބައިލި ވަގުތު އެއްކަލަ މީހާ އޭނާގެ ފަހަތުން އަންނަ ކަމުގެ އިޙްސާސް ކުރެވުނެވެ. އެއީ ކާކު ހެއްޔެވެ؟ ފަހަތުން އަޅައިގަނެގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ލޯގަނޑުން ފަހަތް ބަލައިލިއެވެ. އެއްވެސް ކަހަލަ އާދަޔާ ޚިލާފު ކަމެއް ފެންނާކަށް ނެތެވެ.

އެކަމަކު އާދަޔާ ޚިލާފު ކަމެއް ނެތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

އޭނާގެ ކުރިމަތިން ފެންނަން އެހެރީ ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ކޯޕަރޭޝަންގެ ޒަމާނީ ޢިމާރާތެވެ. އެތަނުގައި ގާޑަކަށް ހުރި މީހާއަށް އޭނާގެ ކާޑު ދައްކާލާފައި ކާރު ގެންގޮސް ޕާކުކުރަން ހަމަޖައްސައިފައި އޮންނަ ތަނަށް މަޑުކޮށްލައިފިއެވެ. އެ ހިސާބަށް ދެވުނީމާ ރައްކާތެރި ތަނަކަށް އާދެވިއްޖެ ކަމުގެ އިޙްސާސް ކުރެވުނެވެ.

އޭނާ ކާރުން ފޭބި ތަނާ ވާރޭ ވެހެން ފަށައިފިއެވެ.

ހެނދުނު ނުވައެއް ޖެހި އިރު ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސް ވަނީ ފުރިހަމައަށް މަސައްކަތް ފަށާފައެވެ. މައި ހޯލުގައި އަށް ގޮޅި ހަދާފައި ހުއްޓެވެ. އެއިން ކޮންމެ ގޮޅިއެއްގައި ކޮމްޕިއުޓަރު "ކައިގެން" ހުރި ޒުވާނަކު މަސައްކަތް ކުރަމުން ދިޔައެވެ. އެއް ބަޔަކު މަސައްކަތް ކުރަމުން ދިޔައީ ވެބްސައިޓް ޑިޒައިން ކުރުމުގައެވެ. އަނެއް ބަޔަކު އަވަދި ނެތި އުޅެނީ އާ ކުންފުނި ތަކަށް ލޯގޯ ހަދައި ދޭށެވެ. އަނެއް ބަޔަކު ތިބީ ކެސެޓް ރޯލާއި، ސީޑީގެ ކަވަރު ނުވަތަ މަޖައްލާތަކުގެ ބޭރުގަނޑާއި، އިޝްތިހާރު ހަދާށެވެ. މަސައްކަތް ކުރާ ބައި ހުރީ އެތައް ބަޔަކަށް ބަހާފައެވެ. އެއީ އިދާރީ ބަޔާއި، ވިޔަފާރި އާ ބެހޭ ބަޔާއި، އިޝްތިހާރުކޮށް މަސައްކަތް ހޯދުމުގެ ބަޔާއި، ފަންނީ އެހީ ދޭ ބައެވެ. އޮފީހުގެ މާޙައުލު އޮންނަނީ ވަރަށް ނުރަސްމީ ގޮތަކަށެވެ. ގިނަ މީހުން ތިބެނީ ޖީންސާއި، ޓީ-ޝަރޓް ލައިގެންނެވެ.

އޭޝްލީ އޭނާގެ މޭޒާ ދިމާއަށް ގޮސްގޮސް ހުއްޓައި އިވުނީ ސުޕަވައިޒަރ ޝޭން މިލަރ ގޮވައިލި އަޑެވެ. "އޭޝްލީ- ކިހިނެއް-؟"

ޝޭން މިލަރއަކީ ޢުމުރުން ތިރީހުން މައްޗަށް ގޮސްފައިވާ މީހެކެވެ. މީހުން ގަޔާވާ ކަހަލަ ގޮތެއް ހުންނަ އިޚްލާޞްތެރި މީހެކެވެ. އޭޝްލީ އެ ތަނަށް ވަން ތާ ކުރީކޮޅު އޭނާޔާ ރައްޓެހި ވެވޭތޯ ޝޭން އުޅުނެވެ. އެކަމަކު އެއީ ކުރެވޭނޭ ކަމެއް ނޫންކަން އެނގުނީމާ ހުއްޓައިލީއެވެ. މިހާރު އޭނާއަކީ ރަނގަޅު ރަޙްމަތްތެރިއެކެވެ.

ޝޭން އޭނާގެ އަތުގައި އޮތް ޓައިމް މަޖައްލާ އޭޝްލީގެ އަތަށް ދިނެވެ. "މި ބަލައިފިންތަ-؟"

އޭޝްލީ އޭގެ ބޭރުގަނޑަށް ބަލައިލިއެވެ. ބޭރުގަނޑުގައި ޖަހާފައިވަނީ ބޯ ނުރަވެފައި ހުރި، ރީތި މީހެއްގެ ފޮޓޯއެކެވެ. ޢުމުރުން ފަންސާހަކަށް އަހަރު ވެދާނެއެވެ. ބޭރުގަނޑުގައި ބޮޑުއަކުރުން ލިޔެފައި އޮތެވެ. "ޑޮކްޓަރ ސްޓީވަން ޕެޓަރސަން: މިނީ ހާރޓް ސާރޖަރީގެ ބައްޕަ".

"އާނ- ބަލައިފިން-"

"މަޝްހޫރު މީހެއްގެ ދަރިއަކަށް ވެވުނީމާ ކުރެވެނީ ކޮންކަހަލަ އިޙްސާސް ތަކެއް-؟"

އޭޝްލީ ހިނިތުންވެލިއެވެ. "ވަރަށް އުފާ ވޭ"-

"އެއީ ވަރަށް މޮޅު މީހެއް-"

"ޝޭން ތިޔަ ހެން ބުންޏޭ އަހަރެން ބުނާނަން- އަހަރެން މެންދުރު ކާނީ ބައްޕައާ އެކީ-"

"ވަރަށް ރަނގަޅު- އަދި އެހެން ވާހަކައެއް އެބަ އޮތް-" ޝޭން އޭނާގެ އަތުގައި އޮތް ފޮޓޯއެއް ދައްކައިލިއެވެ. އެއީ މަޝްހޫރު ފިލްމީ ތަރިއެއްގެ ފޮޓޯއެކެވެ. އިޝްތިހާރެއްގައި ޖަހަން ތައްޔާރު ކުރަމުން ދާ ފޮޓޯއެކެވެ. "މި އުޅެނީ ކުޑަ މައްސަލައެއް ޖެހިގެން- ޑެސިރީ މިހާރު ކުރިއަށް ވުރެ މާ ފަލަ ވެއްޖެ- ފަސް ކިލޯ ބަރުވެއްޖެ- ފޮޓޯއިން ވެސް އެކަން އެބަ ފެނޭ- ލޮލުގެ ކައިރީގައި އެހެރަ ކަޅު ރޮނގު ނިކަން ބަލައިލަބަލަ- މޭކަޕް ކުރީމާ ވެސް އެހެރަ ލައްތަކެއް ނުފިލާ- މި ފޮޓޯ ރަނގަޅު ކުރެވިދާނެހެން ހީވޭތަ-؟"

އޭޝްލީ ފޮޓޯ އަތުލައިގެން ބަލައިލިއެވެ. "ފިލްޓަރެއް ލައިގެން ލޯ ރަނގަޅު ކުރެވިދާނެ- މޫނު ވެސް ތަންކޮޅެއް ހިކި ވައްތަރު ޖަހާ ކަހަލަ ގޮތަކަށް ބަދަލު ކުރެވިދާނެ- އެކަމަކު އޭރުން ފެންނާނީ ވަރަށް ހެއްވާ ގޮތަކަށް- ރީއްޗެއް ނުވާނެ-" އޭނާ އަނެއްކާވެސް ފޮޓޯއަށް ބަލައިލިއެވެ. "ބައެއް ތަންތަން ރަނގަޅު ކުރެވޭނީ އެއަރ ބްރަޝް ބޭނުންކޮށްގެން- އެހެން ނޫނީ ކްލޯން ކޮށްގެން-"

"ޝުކުރިއްޔާ- ހޮނިހިރު ދުވަހުގެ ރޭގެ ކަންތައް އޮތީ ރަނގަޅަށްތަ-؟"

"އާނ"-

ޝޭން ފޮޓޯއާ ދިމާއަށް ކަޅިއެއް އެއްލާފައި ބުންޏެވެ. "މި އެހައި އަވަސް ނުކުރިޔަސް އެންމެ ރަނގަޅު- އެ މީހުން އުޅުނީ މިދިޔަ މަހަށް ބޭނުން ވެގެން"-

އޭޝްލީ ހިނިތުންވެލިއެވެ. "ދެން އާ ކަމަކަށް އޮތީ ކޮން ކަމެއް-؟"

އޭނާ މަސައްކަތް ފަށައިފިއެވެ. އޭޝްލީއަކީ އިޝްތިހާރާއި، ގްރެފިކް ޑިޒައިންގެ ކުޅަދާނަ ހުނަރުވެރިއެކެވެ.

ބައިގަޑިއެއްހައި އިރު ފަހުން އޭޝްލީ ފޮޓޯއެއްގެ މަސައްކަތް ކުރަމުން ދިޔަ އިރު ކޮންމެވެސް މީހަކު އޭނާއާ ދިމާއަށް ބަލާ ކަމުގައި އިޙްސާސް ކުރެވުނެވެ. އިސް އުފުލައި ބަލައިލި އިރު އެއީ ޑެނިސް ޓިބްލްއެވެ.

"ކިހިނެއް ކަނބުލޯ-؟"

އޭނާގެ އަޑު އިވުނީމާ އޭޝްލީގެ ގައިން ހީބިހި ނަގާ ގޮތް ވެއެވެ. ޓިބްލްއަކީ ކުންފުނީގެ ކޮމްޕިއުޓަރ މާހިރެވެ. އޭނާގެ ވަނަމަކަށް ވެފައި އޮންނަނީ އެއްޗެތި ހަދާ މީހާއެވެ. ކޮމްޕިއުޓަރަކަށް މައްސަލައެއް ޖެހުމާއެކު ކޮންމެ މީހަކު ވެސް ގޮވާނީ ޓިބްލްއަށެވެ. އޭނާގެ ޢުމުރަކީ ތިރީސް ނުވަތަ ބައްތިރީހެވެ. ބަލާ ބެލުމަށް ހުތުރު، ތަލަ މީހެކެވެ. އަޚްލާޤީ ރަނގަޅު ސިފައެއް އޭނާގެ ކިބައިގައި ވަރަށް މަދެވެ. އޭނާ އުޅެނީ އޭޝްލީއާ އަޅައިގަނެގެންނޭ މުޅި އޮފީސް ތެރޭގައި ކިޔައި އުޅެއެވެ.

"އެއްވެސް އެހީއެއް ބޭނުންތަ-؟"

"ނޫން- ޝުކުރިއްޔާ-"

"ހޮނިހިރު ދުވަހުގެ ރޭ ކޮންމެވެސް ތަނަކަށް ކާން ދަމާ-؟"

"އަހަރެން މި އުޅެނީ ވަރަށް އަވަދި ނެތި-"

"އަނެއްކާ ވެސް ވެރިމީހާއާ އެކީ ދަނީތަ-؟"

އޭޝްލީ ރުޅިވެރި ކަމާއެކު އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެއީ ކަލެއަކާ ބެހޭ..."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.