ހުވަފެން - 11

(11 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މާ ބޮޑު އެއްޗެއް އޮޅުމެއް ނުފިލި-" ބްލޭކް އިނީ ޝެރިފްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެގެންނެވެ. "ޑެނިސް ޓިބްލް މަސައްކަތް ކުރަނީ ގްލޯބަލްގައި- އޭނާއަކީ ކޮމްޕިއުޓަރުގެ ޢިލްމަށް ވަރަށް ކުޅަދާނަ މީހެކޭ އެންމެންވެސް ބުނޭ-"

"އެކަމަކު މަރުން ސަލާމަތް ވެވޭ ވަރުގެ ކުޅަދާނަ މީހަކަށް ނުވިތާ-؟"

"އޭނާ ހަމައެކަނި މަރައިލީއެއް ނޫން- އޮތީ ޅިޔައަޅައިފައި- އެ މަންޒަރު ފެނުނަސް މޭނުބައިކުރާ ގޮތްވޭ- ބުއްދި ސަލާމަތުން ހުރި މީހަކަށް އެ ކަހަލަ ކަމެއް ކުރާކަށް ނުކެރޭނެ-"

"ތަޙްޤީޤު ކުރިއަށް ގެންދެވޭ ކަހަލަ އެއްވެސް މަޢުލޫމާތެއް ނުލިބޭތަ-؟"

"އޭނާ މަރައިލަން ބޭނުންކުރީ ކޮންކަހަލަ ހަތިޔާރެއް ކަމެއް އަދިއެއް ނޭނގޭ- މުޅިން ޔަޤީންކުރަން އެނގޭނީ ލެބޯޓަރީ ރިޕޯޓް ލިބުނީމާ- ޝައްކުކުރެވެނީ ފުޅިބުރިއެއް ކަމަށް- ފުޅިބުރިއެއް މިހާރަކު ފެންނާކަށް ނެތް- ކުނިކަހާމީހާ އެ ކުނި ފިއްތާ މެޝިނަށް ލައިފި- އެކަމަކު މަރުވެފައި އޮތް މީހާގެ ބުރަކަށީގައި ކޮންމެވެސް ވަރަކަށް ފުޅިތޮށި އެބަހުރި- އޭގައި އިނގިލީގެ ނިޝާން ހުރުމަކީ އެކަށީގެންވާ ކަމެއް- އަވަށްޓެރިންނާ ވެސް އަހަރެން ވާހަކަދައްކައިފިން- ބޭނުން ހިފޭ ކަހަލަ އެއްވެސް މަޢުލޫމާތެއް ނުލިބުނު- އެއްވެސް މީހަކު އެ އެޕާޓްމަންޓަށް ވަން ތަން ނޫނީ ނުކުތް ތަން ދުށް މީހަކާ ދިމައެއް ނުވި- އާދަޔާ ޚިލާފު އަޑެއް އިވުނު މީހަކު ވެސް ހުރި ކަމަކަށް ނުވޭ- ޓިބްލްއަކީ ގިނަ ވަގުތު އެކަނި އުޅޭ މީހެއް ކަމަށް އެންމެން ވެސް ބުނޭ- އަވަށްޓެރިންނާ މާ ބޮޑު ގުޅުމެއް ބާއްވައިގެން އުޅޭ މީހެއް ކަމަކަށް ނުވޭ- އޭނާ މަރުވުމުގެ ކުރިން ޖިންސީގުޅުން ހިންގި ކަމުގެ ޢަލާމާތްތައް ފެންނާން ހުރި- ފެންނަން ހުރި ބައެއް ހެކިތަކުގެ އިތުރުން ތުންފަތުގައި ކާއްތާ ކުލަ އުނގުޅިފައި ހުރި ސިނގިރޭޓް ބުރިއެއް ފެނުނު- މުޅިން ކަށަވަރު ވާނީ ޑީއެންއޭ ޓެސްޓެއް ހަދައިގެން-"

"މި ޚަބަރަކީ ނޫސްތަކަށް ލިބުނު މުތަކަށް ވުރެ ވެސް އަގުބޮޑު ޚަބަރަކަށް ވާނެ- ސުރުޚީ އޮންނާނެ ގޮތް މިހާރުވެސް އަހަންނަށް އެބަ ޚިޔާލު ކުރެވޭ- ސިލިކޯން ވެލީއަށް މޮޔަ ޤާތިލަކު ވަދެއްޖެ-" ޝެރިފް ޑޮވްލިންގ މާނޭވާއެއް ލިއެވެ. "ވީހައި އަވަހަކަށް މި މައްސަލަ ނިންމޭތޯ މަސައްކަތް ކުރަން ވާނެ-"

"އަހަރެން މި ދަނީ ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސްއަށް-"

އޮފީހަށް ދާނީ ބާވައޭ ނުވަތަ ނުދާނީ ބާވައޭ ހިތާ ފިކުރު ކުރަން ގަޑިއެއް ހައިއިރު ވިއެވެ. އޭޝްލީގެ ސިކުނޑި މިހާރަކު ރަނގަޅަކަށް މަސައްކަތެއް ނުކުރެއެވެ. އަހަރެން ފެނުމާއެކު މިހިރީ ކޮންމެވެސް ގޮތެއް ވެފައިކަން އެންމެންނަށް ވެސް އެނގޭނެއެވެ. އޮފީހަށް ނުދިޔައިމާ އެއްވެސް މީހަކަށް ސުވާލު ކުރުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އެކަމަކު އޮފީހަށް ނައީ ކީއްވެގެންތޯ އޮޅުން ފިލުވަން އެންމެން އުޅޭނެއެވެ. މިހާރު ފުލުހުން ގޮސް އެންމެންނާ ސުވާލު ކުރާނެއެވެ. އަހަންނާ ސުވާލު ކޮށްފިއްޔާ ތެދު ބަހުން ޖަވާބު ދޭން ޖެހޭނެއެވެ. އެކަމަކު އެ މީހުން އަހަރެންގެ ވާހަކައެއް ޤަބޫލެއް ނުކުރާނެއެވެ. އެ މީހުން ދެކޭނީ ޑެނިސް ޓިބްލް މަރައިލީ އަހަރެން ކަމަށެވެ. އަހަރެންގެ ވާހަކަ އެ މީހުން ޤަބޫލު ކުރިޔަސް، ހުރިހާ ކަމެއް ބައްޕައަށް އެނގެއޭ ބުނެފިއްޔާ ޓިބްލް މަރައިލީ ބައްޕަ ކަމަށް ޝައްކުކުރަން ފަށާނެއެވެ.

ކުއްލިއަކަށް އޭނާގެ ހިތަށް އެރީ ޖިމް ކްލެއަރީގެ މަރެވެ. ފްލޮރެންސްގެ އަޑު އޭނާގެ ކަންފަތްދޮށުގައި ގުގުމައިލިއެވެ. "ގްރެޖުއޭޝަން ޕާޓީ އޮތް ރޭގެ ފަހު ދުވަހު ޖިމް ކްލެއަރީގެ މައިންބަފައިން އެނބުރި އައި އިރު އޭނާ އޮތީ މަރާލައިފައި- ވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ތެޅި ތެޅީނުން މަރާލައިފައި-"

އޭޝްލީ ލޯމަރައިލިއެވެ. މި ވަނީ ކިހިނެއް ހެއްޔެވެ؟ މި ވަނީ ކިހިނެއް ހެއްޔެވެ؟

ޑެޕިއުޓީ ސޭމް ބްލޭކް އެ ތަނަށް ވަން އިރު އެންމެން ވެސް ތިބީ އެކަކު އަނެކަކާ ވާހަކަ ދައްކާށެވެ. އެއްވެސް މީހަކު މަސައްކަތެއް ކުރާ ތަނެއް ނުފެނެއެވެ. އެ މީހުން ދައްކަނީ ކޮން ވާހަކައެއް ކަން ލަފާކުރުމަކީ ބްލޭކަށް އުނދަގޫ ކަމަކަށް ނުވިއެވެ. އޭނާ ޝޭން މިލަރގެ އޮފީހާ ދިމާއަށް ދިޔަ ތަން އޭޝްލީ ބަލަން އިނެވެ.

ބްލޭކް ވަނީމާ ޝޭން ތެދުވެއްޖެއެވެ. "ތިޔައީ ޑެޕިއުޓީ ބްލޭކްތޯ-؟"

"ލައްބަ-" ދެ މީހުން އަތާއަތްޖޯޑުކޮށް ސަލާން ކޮށްލިއެވެ.

"އިށީންނަވާ-"

ސޭމް ބްލޭކް އިށީނދެއްޖެއެވެ. "އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ޑެނިސް ޓިބްލްއަކީ މި ކުންފުނީގެ މުވައްޒަފެއް-"

"ލައްބަ- އެއީ މި ތާނގައި މަސައްކަތް ކުރާ އެންމެ ރަނގަޅު މީހުންގެ ތެރެއިން މީހެއް- އޭނާއަށް މެދުވެރިވީ ވަރަށް ދެރަ ގޮތެއް-"

"އޭނާ މި ތާނގައި މަސައްކަތް ކުރާތާ ތިން އަހަރު ވެއްޖެ- އެހެންނޫންތޯ-؟"

"ލައްބަ- އެހައި ދުވަސް ވެދާނެ- އޭނާއަށް ޙައްލު ނުކުރެވޭ ކަހަލަ މައްސަލައެއް ކޮމްޕިއުޓަރަކަށް ދިމައެއް ނުވާނެ-"

"އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ދެއްވިދާނެތޯ-؟"

ޝޭން މިލަރ ބޯހޫރައިލިއެވެ. "އަޅުގަނޑަކަށް މާ ގިނަ މަޢުލޫމާތެއް ލިބިފައެއް ނެތް- އޭނާއަކީ އެކަނި އުޅޭ ހިތްވާ މީހެއް-"

"އޭނާ އެއްވެސް ކަހަލަ މަސްތުވާ އެއްޗެއް ބޭނުންކުރާ ކަމަށް ޝައްކު ކުރެއްވިފައި ވޭތޯ-؟"

"ނޫނޭ- އޭނާއަކީ އެކަހަލަ މީހެއް ނޫން- އެއީ ޞިއްޙަތަށް ވަރަށް ބަލައިގެން އުޅޭ މީހެއް-"

"އޭނާ ޖުވާކުޅޭތޯ-؟ އެއްވެސް މީހަކަށް ދަރާ އޮތް ކަން އެނގިލައްވާފައި އެބަ އޮތްތޯ-؟"

"ނޫން- އޭނާއަށް މި ތަނުން ވަރަށް ބޮޑު މުސާރަ އެއް ދޭ- އޭނާއަކީ ވަރަށް މުށްބާރު، ދަހިމީހެއް-"

"އަންހެނުން ކަންތައް ކިހިނެއްތޯ-؟ އޭނާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންތޯ-؟"

"އަންހެން ކުދިން ޓިބްލްއަކާ މާބޮޑަކަށް ގަޔައެއް ނުވޭ-" ޝޭން ވިސްނައިލިއެވެ. "އެކަމަކު މި ފަހަކަށް އައިސް އޭނާ މީހަކާ އިންނަން އުޅޭ ވާހަކަ މި ތާނގެ މީހުން ގާތު ކިޔަމުން ދިޔަ-"

"އެ ކުއްޖެއްގެ ނަމެއް އެނގިލައްވާ ތޯ-؟"

ޝޭން ބޯހޫރައިލިއެވެ. "ނޫން- އަޅުގަނޑަކަށް ނޭނގޭ-"

"މި ތާނގެ އެހެން މުވައްޒަފުންނާ އަޅުގަނޑު ސުވާލު ކުރިޔަސް އެންމެ ރަނގަޅުތޯ-؟"

"އެއްވެސް މައްސަލައެއް ނެތް- ދުރުވެ ސުވާލު ކުރައްވާ- އެކަމަކު އެ މީހުންނަށް ވެސް މި ހާދިސާގެ ސަބަބުން ވަރަށް އަސަރުކޮށްފައި ވާކަން ހަނދާން ކުރައްވާތި-"

ޑެނިސް ޓިބްލްގެ މުޅަމަސްގަނޑު ފެނުނުނަމަ އަދި މާ ބޮޑަށް އަސަރު ކުރީހެވެ. ސޭމް ބްލޭކްގެ ހިތަށްއެރިއެވެ.

ދެ މީހުން އެކީގައި ޝޭންގެ އޮފީހުން ނުކުމެއްޖެއެވެ.

ޝޭން މިލަރ ވަރަށް ބާރަށް ބުނެލިއެވެ. "ހުރިހާ އެންމެން އަޑުއަހާ- މި ހުންނެވީ ޑެޕިއުޓީ ބްލޭކް- އޭނާ ދުރުވީ މިތާނގެ މުވައްޒަފުންނާ ސުވާލު ކުރައްވަން-"

ހުރިހާ އެންމެން މަސައްކަތް ހުއްޓާލައިފައި ސަމާލު ވެއްޖެއެވެ.

ޑެޕިއުޓީ ބްލޭކް ބުންޏެވެ. "ޑެނިސް ޓިބްލްގެ މަރުގެ ހާދިސާ އޮންނާނީ ތިޔަ ހުރިހާ ބޭކަލުންނާއި، ބޭކަނބަލުންނަށް އެނގިލައްވާފައި ކަމަށް ހީކުރަން- އަޅުގަނޑު މި އުޅެނީ އޭނާ މަރައިލި މީހަކު ހޯދޭތޯ-؟ އޭނާ ދެކެ އެއްވެސް ކަމަކާ ރުޅި އައިސްފައި ހުރި މީހަކު އެއްވެސް ތަނެއްގައި އުޅޭކަން ތިޔައިން އެއްވެސް ބޭކަލަކަށް އެނގިލައްވާފައި އެބަ އޮތްތޯ-؟ މި ނަންގަތީ އޭނާ މަރައިލަން ބޭނުން ވެދާނޭ މީހަކު އުޅޭ ކަން އެނގިލައްވާފައި އެބަ އޮތްތޯއޭ-؟" އެއްވެސް މީހަކު ޖަވާބެއް ނުދެއެވެ. ބްލޭކް ވާހަކަ ކުރިއަށް ގެންދިޔައެވެ. "އޭނާ ކޮންމެވެސް މީހަކާ އިންނަން އުޅުނު ވާހަކަ އަޅުގަނޑަށް އޮތީ އަޑުއިވިފައި- އެ ކުއްޖެއްގެ ވާހަކަ ތިޔައިން އެއްވެސް ބޭކަލަކާ އޭނާ ދެއްކިތޯ-؟"

އޭޝްލީއަށް ނޭވާލާން އުނދަގޫވާން ފަށައިފިއެވެ. މިއީ ވާހަކަދައްކަން ވީ ވަގުތެވެ. ޓިބްލް އޭނާއާ މެދު ކަންތައް ކުރި ގޮތް ބްލޭކަށް ކިޔައިދޭންވީ ވަގުތަކީ މިއީއެވެ. އެ ވަގުތު ކުއްލިއަކަށް އޭނާގެ ކުރިމަތީގައި ސިފަވެގެން ދިޔައީ އެ ވާހަކަ ބައްޕަ ގާތު ބުނީމާ، ބައްޕަގެ މޫނަށް އެރި ކުލަވަރެވެ. ފުލުހުން ކުށްވެރިކުރާނީ އޭނާގެ ބައްޕަކަން ޔަގީނެވެ.

އޭނާގެ ބައްޕައަކަށް މީހަކު މަރައެއް ނުލެވޭނެއެވެ.

އެއީ ޑަކްޓަރެކެވެ.

އެއީ ސަރޖަނެކެވެ. ފަޅާމީހެކެވެ.

ޑެނިސް ޓިބްލް އޮތީ ފަޅާލައިފައެވެ. ޅިޔައަޅައިފައެވެ.

ޑެޕިއުޓީ ބްލޭކް ވާހަކަ ކުރިއަށް ގެންދިޔައެވެ. "...ހުކުރުދުވަހު ޓިބްލް އޮފީސް ނިންމައިފައި ދިޔަ ފަހުން ތިޔައިން އެއްވެސް ބޭކަލަކާ އޭނާޔާ ބައްދަލު ވިތޯ-؟"

ޓޮނީ ޕްރެސްކޮޓްގެ ހިތަށްއެރިއެވެ. ދާށެވެ. ރާނީއެވެ. ދާށެވެ. ގޮސް ހުރިހާ ވާހަކައެއް ކިޔައި ދޭށެވެ. ޓިބްލްގެ އެޕާޓްމަންޓަށް ދިޔަ ވާހަކަ ބުނާށެވެ. ކަލޭ އަނގައިން ނުބުނެ ތިޔަ އިނީ ކީއްވެފައި ހެއްޔެވެ؟

ޑެޕިއުޓީ ބްލޭކް އިރުކޮޅަކު އަނގައިން ނުބުނެ ހުއްޓެވެ. އޭނާ ނުރުހުނުކަން އެ ތާނގައި ތިބި މީހުންނަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ. "އެއްވެސް ބޭކަލަކަށް ފަހުން ކަމެއް ހަނދުމަފުޅު ވެއްޖެ ނަމަ އަޅުގަނޑާ ގުޅުއްވާތި- މިލަރ އަތްޕުޅުގައި އަޅުގަނޑުގެ ފޯނު ނަންބަރު އޮންނާނެ- ޝުކުރިއްޔާ-"

އޭނާ ޝޭންއާ އެކީ ނުކުންނަން ދިޔަ އިރު އެންމެން ބަލަން ތިއްބެވެ.

އޭޝްލީއަށް ހަމަނޭވާއެއް ލެވުނީ ދެނެވެ.

ޑެޕިއުޓީ ބްލޭކް ކުއްލިއަކަށް ޝޭންއާ ސުވާލު ކޮށްލިއެވެ. "ޓިބްލްއާ ވަކި ޚާއްޞަ ރައްޓެހި ކަމެއް އޮންނަ މީހަކު މި ތާނގައި އުޅޭތޯ-؟"

"ނޫން- އެ ކަހަލަ މީހަކު ނޫޅޭ-" ޝޭން ބުނެލިއެވެ. "ޑެނިސްއާ އެއްވެސް މީހަކާ ތިޔަ ހީކުރައްވާ ކަހަލަ ގާތް ގުޅުމެއް އޮންނަ ހެންނެއް އަޅުގަނޑަކަށް ހިއެއް ނުވޭ- އެކަމަކު މި ތާނގެ މުވައްޒަފަކާ އޭނާ އަޅައިގަނެގެން އުޅޭ- އެކަމަކު އެ ކުއްޖާ އޭނާޔަކާ ގުޅުމެއް ނުބާއްވާ-"

ޑެޕިއުޓީ ބްލޭކް ހުއްޓިއްޖެއެވެ. "ތިޔަ ބުނުއްވާ ކުއްޖަކު މިހާރު މި ތާނގައި އެބަ އުޅޭތޯ-؟"

"ލައްބަ- އެކަމަކު..."

"އަޅުގަނޑު އެ ކުއްޖާޔާ ވާހަކަ ދައްކާލަން ބޭނުން-"

"އެންމެ ރަނގަޅު- އަޅުގަނޑުގެ އޮފީހަށް ދުރުވޭ-" ދެ މީހުން އެކީގައި ގޮސް އަނެއްކާވެސް އެތެރެއަށް ވަދެގެން ހިނގައިގެންފިއެވެ. އެ މީހުން އަންނަ ތަން އޭޝްލީއަށް ފެނެއެވެ. އަންނަނީ އޭނާގެ ގޮޅިއާ ދިމާއަށެވެ. އޭނާގެ މޫނަށް ރަތްކުލަ އަރަމުންދާ ކަމުގައި އިޙްސާސް ކުރެވުނެވެ.

"އޭޝްލީ- ޑެޕިއުޓީ ބްލޭކް އޭޝްލީއާ ވާހަކަ ދައްކަވައިލައްވަން ބޭނުންވޭ-"

އޭނާއަށް އެނގުނީތާއެވެ! އޭނާ އެ އުޅެނީ ޓިބްލްގެ އެޕާޓްމަންޓަށް ދިޔަ ރޭގެ ވާހަކަ އަހާށެވެ. އަހަރެން ވާހަކަދައްކަން ވާނީ ވަރަށް ބޮޑަށް ވިސްނައިގެން، ފަރުވާތެރިކަމާ އެކީގައެވެ. އޭޝްލީގެ ހިތަށްއެރިއެވެ.

ބްލޭކް ހުރީ އޭޝްލީގެ މޫނަށް ބަލާށެވެ. "މިސް ޕެޓަރސަން- އެއްވެސް މައްސަލައެއް އެބަ އޮތްތޯ-؟"

އޭޝްލީގެ އަޑު ނުކުތް ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. "ނޫން- އެއްވެސް މައްސަލައެއް ނެތް-" އޭނާ އެ މީހުންނާ އެކީ ޝޭން މިލަރގެ އޮފީހަށް ހިނގައްޖެއެވެ.

"އިށީންނަވާ-" ދެ މީހުން ވެސް އިށީނދެއްޖެއެވެ. "އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި ޑެނިސް ޓިބްލްގެ އުނދަގޫ ކޮންމެވެސް ވަރަކަށް ޖެހޭ- އެއީ ތެދެއްތޯ-؟"

"ލައްބަ-" ވިސްނައިގެން ވާހަކަ ދައްކާށެވެ.

"އޭނާޔާ އެކީ ތަންތަނަށް ދުރުވެ އުޅުއްވަމުތޯ-؟"

އޭނާގެ ގެއަށް ދިއުމަކީ، އޭނާޔާ އެކީ ތަންތަނަށް ދިއުން ކަމަކަށް ނުވާނެއެވެ. "ނޫން-"

"އޭނާ އިންނަން އުޅުނު ކުއްޖެއްގެ ވާހަކަ ދުވަހަކު ވެސް ދެއްކިތޯ-؟"

އޭނާ ވިސްނަން ފަށައިފިއެވެ. އަހަރެންގެ ވާހަކަ އަނެއްކާ ރެކޯޑެއް ނުކުރޭ ބާވައެވެ؟ ޓިބްލްގެ އެޕާޓްމަންޓަށް ދިޔަ ކަން އޭނާއަށް އެނގިފައި އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭނާގެ އިނގިލީގެ ނިޝާން އެ ތަނުން ފެނުނީ ކަމަށް ވެދާނެއެވެ. ޓިބްލް ކަންތައް ކުރި ގޮތް މިހާރު ކިޔައިދޭންވީއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އެކަމަކު އަހަރެން އެ ވާހަކަތައް ކިޔައި ދީފިއްޔާ އެ މީހުން ޝައްކު ކުރާނީ ބައްޕައަށެވެ. އެންމެ ފަހުން ޖިމް ކްލެއަރީގެ މަރު ވެސް މި ދެމެދަށް ވަދެ، ބޮޑު މައްސަލަގަނޑަކަށް ވެދާނެއެވެ. އެ މީހުންނަށް އަނެއްކާ ޖިމް ކްލެއަރީގެ ވާހަކަ އެނގޭ ބާވައެވެ؟ އެކަމަކު ބެޑްފޯޑްގެ ފުލުސް އޮފީހުން އެ ވާހަކަ ކަޕަޗީނޯ ފުލުސް އޮފީހަށް އެންގުމުގެ ބޭނުމެއް ނޯންނާނެއެވެ. އެކަމަކު... ފަހަރެއްގައި އެ ކަން އެނގިފައި އޮވެދާނެ އެއް ނޫން ހެއްޔެވެ؟

ޑެޕިއުޓީ ބްލޭކް އިނީ އޭޝްލީގެ މޫނަށް ބަލާށެވެ. "މިސް ޕެޓަރސަން-؟"

"ލައްބަ- މަޢާފްކުރައްވާ- ޓިބްލް މަރުވި ވާހަކަ އިވުނީމާ އަޅުގަނޑު މި އިންނަނީ ވަރަށް ބޮޑަށް ދެ..."

"އަޅުގަނޑަށް އެނގޭ- ޓިބްލް އިންނަން އުޅުނު ކުއްޖާގެ ވާހަކަ ދެއްކިތޯ-؟"

"ލައްބަ- އެކަމަކު އެ ކުއްޖެއްގެ ނަމެއް ނުބުނޭ-" އެއީ ތެދެކެވެ.

"ޓިބްލްގެ އެޕާޓްމަންޓަށް ދުވަހަކު ވެސް ދުރުވިންތޯ-؟"

އޭޝްލީ ފުންނޭވާއެއް ލިއެވެ. ނޫނެކޭ ބުނެފިއްޔާ ސުވާލުކުރުން ހުއްޓައިލުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އިނގިލީގެ ނިޝާން ފެނިއްޖެއްޔާ... "ލައްބަ- ދިޔައިން-"

"އޭނާގެ އެޕާޓްމަންޓަށް ދުރުވިންތޯ-؟"

"ލައްބަ-"

ބްލޭކް މިހާރު އިނީ ވަރަށް ވިސްނުންތެރިކަމާ އެކު ބަލާށެވެ. "ދެންމެ ބުނުއްވީމެއް ނޫންތޯ އޭނާޔާ އެކީ އެއްވެސް ތަނަކަށް ނުދުރުވަމޭ-"

އޭޝްލީގެ ސިކުނޑި ވަރަށް ހަލުވިކޮށް މަސައްކަތްކުރަން ފަށައިފިއެވެ. "ލައްބަ- އެއީ ތެދެއް- އޭނާޔާ އެކީ ތިޔަ ހީކުރައްވާ ކަހަލަ ގޮތަކަށް އަޅުގަނޑެއް ބޭރަކަށް ނުދަން- އަޅުގަނޑު އޭނާގެ އެޕާޓްމަންޓަށް ދިޔައީ އޭނާ ހަނދާން ނެތި އޮފީހުގައި ބަހައްޓައިފައި ދިޔަ ލިޔުންތަކެއް ދޭން ވެގެން-"

"އެއީ ކޮން ދުވަހަކު-؟"

އޭނާ ބެދެނީއެވެ. "އެއީ... އެއީ މީގެ ހަފްތާއެއްހައި ދުވަސް ކުރިން-"

"އެ ނޫން ދުވަހަކު އެ ތަނަށް ދުރުވިންތޯ-؟"

"ނޫން ނުދަން-"

އެ މީހުންނަށް އޭނާގެ އިނގިލީގެ ނިޝާން ފެނިފައި އޮވެއްޖެ ނަމަ މުޅިން ބޭޒާރު ވީއެވެ.

ޑެޕިއުޓީ ބްލޭކް ބަލަން އިނީއެވެ. އޭނާ ބަލައި ވަރުން އޭޝްލީ ކުޑަކޮށް ބިރުގަންނަ ގޮތް ވެސް ވިއެވެ. ހުރިހާ ވާހަކައެއް  ތެދަށް ކިޔައިދޭން އޭނާ ބޭނުންވެއެވެ. ކޮންމެވެސް މީހަކު ވައްކަންކުރަން ވަދެފައި ޑެނިސް ޓިބްލް މަރައިލީ ކަމަށް ވެދާނެއެވެ. ތިން ހާސް މޭލު ދުރުގައި ޖިމް ކްލެއަރީ މަރައިލީ ވެސް އެހެން ކަމަށް ވެދާނެއެވެ. އެކަމަކު އެ ވާހަކަ ޤަބޫލުކުރާނީ އިއްތިފާޤުން ކަންތައްތައް ހިނގާ ކަމަށް ޤަބޫލުކުރާ މީހެކެވެ. ފުލޯކު ވާހަކައަށް އިތުބާރުކުރާ މީހެކެވެ.

މި ހުރިހާ ކަމެއް މި ދިމާ ވަނީ ބައްޕައާ ހެދިއެވެ.

ޑެޕިއުޓީ ބްލޭކް ބުންޏެވެ. "އަޅުގަނޑު މި އުޅެނީ ވަރަށް ބޮޑު ކުށެއް ކޮށްގެން އުޅޭ މީހަކު ހޯދަން ވެގެން- ހާދިސާ ހިނގި ގޮތަށް ބަލައި އިރު އެއްވެސް ސަބަބެއް ފެންނާކަށް ނެތް- އަޅުގަނޑު މި މަސައްކަތުގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެ- ދުވަހަކު ވެސް ސަބަބެއް ނެތި ކުށެއް ކުރި މީހަކާ ދިމައެއް ނުވޭ- ކޮންމެ ކަމަކަށް ވެސް ސަބަބެއް އޮންނާނެ-" އޭޝްލީ އަނގަޔަކުން ނުބުނެއެވެ. "ޑެނިސް ޓިބްލް އެއްވެސް ކަހަލަ މަސްތުވާ އެއްޗެއްގެ ބޭނުންކުރާކަން އެނގިލައްވާފައި އެބަ އޮތްތޯ-؟"

"ނޫން- ނެތް- އޭނާއަކީ އެ ކަހަލަ ކަމެއް ކުރާ މީހެއް ނޫންކަން އަޅުގަނޑަށް ޔަޤީން-"

"އެހެން ވެއްޖެއްޔާ މި ޖެހުނީ ކޮންތާނކުތޯ-؟ އޭނާ މަސްތުވާ އެއްޗެއްގެ ބޭނުމެއް ނުކުރޭ- އޭނާގެ ގެއަކުން ވައްކަމެއް ކޮށްފައެއް ނެތް- އޭނާ އެއްވެސް މީހަކަށް ދަރައެއް ނެތް- އެހެންވީމާ ދެން އޮތް ގޮތަކީ ލޯބީގެ ކުޅިގަނޑަކަށް ވުން- އެހެންނޫންތޯ-؟ ލޯބީގެ މައްސަލައެއްގައި މީހަކު ފިލުވައިލި ހަސަދައަކަށް ވުން-"

ނޫނީ ދަރިފުޅު ސަލާމަތް ކުރަން އުޅޭ ބައްޕައެއްގެ ޙަރަކާތަކަށް ވުމެވެ. އޭޝްލީގެ ހިތަށްއެރިއެވެ.

"އަޅުގަނޑު ވެސް މި ހުންނަނީ ޙައިރާންވެފައި-"

ބްލޭކް އޭނާއާ ދިމާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އަހަންނަކަށް ކަލޭ ދައްކާ ވާހަކައެއް ޤަބޫލެއް ނުކުރެވެއޭ ބުނާ ކަހަލައެވެ.

ބްލޭކް ތެދުވެއްޖެއެވެ. ޖީބުން އެޑްރެސް ކާޑެއް ނަގައިފައި އޭޝްލީގެ އަތަށް ދީފިއެވެ. "މި މައްސަލަ ޙައްލު ކުރަން އެހީއަކަށް ވެދާނޭ ކަމެއް އެނގި ލައްވައިފިއްޔާ އަޅުގަނޑާ ގުޅުއްވާތި-"

"ލައްބަ-"

އޭނާ ނުކުމެގެން ދިޔަ ތަން އޭޝްލީ ބަލަން އިނެވެ. ހުރިހާ ކަމެއް ނިމުނީއެވެ. ބައްޕަ ބޭޒާރުވީއެވެ.

އޭޝްލީ އެ ދުވަހު ހަވީރު ގެއަށް އައިއިރު އޭނާގެ އާންސަރިންގ މެޝިނުގައި މެސެޖެއް އޮތެވެ. "ލޯބިގަނޑާ- ރޭ ވަރަށް މަޖާ- މިހާރު މި ހުންނަނީ ހުވަފެން ބަލަބަލައި- ކުރިން ބުނެފައި އޮތް ގޮތަށް މިރޭ ވެސް އަންނާނެ ކަމަށް ހީކުރަން- ހަމަ އެ ގަޑީގައި އެ ތަނަށް-"

އޭޝްލީ އަޑުއަހަން ހުރީއެވެ. އިވޭ އަޑަށް ޔަޤީން ކުރަން ނޭނގޭ ކަހަލަ ގޮތަކަށެވެ. އަހަރެން މޮޔަވަނީއެވެ. އޭނާގެ ހިތަށްއެރިއެވެ. މިއީ ބައްޕައަކާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫނެވެ. މި ހުރިހާ ކަމެއް މި ކުރަނީ ކޮންމެވެސް އެހެން މީހެކެވެ. އެއީ ކާކު ހެއްޔެވެ؟ އެ އުޅެނީ ކީއްވެގެން ހެއްޔެވެ؟

ފަސް ދުވަސް ފަހުން ކްރެޑިޓް ކާޑު ކުންފުނިން އޭޝްލީގެ ކާޑު ބޭނުން ކުރެވިފައި ހުރި ގޮތުގެ ރިޕޯޓެއް ލިބުނެވެ.

މޮޑް ޑްރެސް ޝޮޕް ނަމަކަށް ކިޔާ ތަނަކަށް 450 ޑޮލަރު ޚަރަދުކޮށްފައި އޮތެވެ.

ސާރކަސް ކްލަބަށް 300 ޑޮލަރު ޚަރަދުކޮށްފައި އޮތެވެ.

ލުއީސް ރެސްޓޯރަންޓަށް 250 ޑޮލަރު ޚަރަދުކޮށްފައި އޮތެވެ.

އެއިން އެއްވެސް ތަނަކީ އޭނާ ދަންނަ ތަނެއް ނޫނެވެ.

ހަތްވަނަ ބާބު

ޑެނިސް ޓިބްލްގެ މަރުގެ ތަޙްޤީޤު ހިނގަމުންދާ ގޮތް އޭޝްލީ ދިޔައީ ބަލަމުންނެވެ. ނޫސްނޫހުންނާއި، ޓީވީންނެވެ. ޚަބަރުތަކުން އެނގޭ ގޮތުގައި ފުލުހުންނަކަށް އެއްވެސް މަޢުލޫމާތެއް ލިބޭ ގޮތެއް ނުވެއެވެ. ކުރިއަށް ދާން އޮތް މަގު މުޅިން ބަންދުވެއްޖެއެވެ.

އެ ކަންތައް މުޅިން ނިމުނީއެވެ. އޭޝްލީގެ ހިތަށްއެރިއެވެ. ހާސްވާނޭ ކަމެއް ނެތެވެ.

އެ ދުވަހު ހަވީރު ޑެޕިއުޓީ ސޭމް ބްލޭކް އޭނާގެ އެޕާޓްމަންޓަށް އަތުވެއްޖެއެވެ. އޭނާ ފެނުމާ އެކު އޭޝްލީގެ އަނގައިން ކުޅު ހިކިއްޖެއެވެ.

"އަޅުގަނޑަށް މި އާދެވުނީ މާ ދަތި ނޫން ވަގުތެއްގައި ކަމަށް ހީކުރަން-" ބްލޭކް ބުނެލިއެވެ. "އަޅުގަނޑު މި ދަނީ ގެއަށް ދާން- މި ގެއަށް ވަދެލައިފައި ދާނީއޭ ހިތާ އައީ-"

އޭޝްލީ ތުންފަތުގައި ދޫ ކާއްތައިލިއެވެ. "ވަންނަވާ-"

ބްލޭކް އެޕާޓްމަންޓަށް ވަދެއްޖެއެވެ. "މިއީ ވަރަށް ރީތި ތަނެއް-"

"ޝުކުރިއްޔާ-"

"މި ކަހަލަ ފަރުނީޗަރު ޑެނިސް ޓިބްލްއަކަށް ކަމު ނުދާނެކަން އަޅުގަނޑަށް ޔަޤީން-"

އޭޝްލީގެ ހިތް ތެޅެން ފަށައިފިއެވެ. "އަޅުގަނޑަކަށް ތިޔަ ކަމެއް ނޭނގޭ- އޭނާ ދުވަހަކު ވެސް މި ތަނަކަށް ނާދޭ-"

"އެހެންތޯ-؟ އަޅުގަނޑު ހީކުރީ އައިސްފައި އޮވެދާނެ ކަމަށް-"

"ނޫން- އޭނާޔާ އަޅުގަނޑަކާ ގުޅުމެއް ނޯވެއޭ ކުރިން ވެސް އޮންނާނީ ނަންގަނެފައި-"

"ލައްބަ- އަޅުގަނޑު އިށީނަސް އެންމެ ރަނގަޅުތޯ-؟

"އިށީންނަވާ-"

"މިސް ޕެޓަރސަން- މި މައްސަލަ އަޅުގަނޑަށް ވަރަށް ބޮޑު އަރަތަކަށް ވެއްޖެ- މިއީ އެއްވެސް ސަބަބެއް ނެތި ހިނގައިފައި އޮތް ކަމެއް- ކުރިން ވެސް ނަންގަތީމެއް ނޫންތޯ ސަބަބެއް ނެތި އެއްވެސް ކަމެއް ނުހިނގާނެ އޭ- އަޅުގަނޑު ގްލޯބަލް ކޮމްޕިއުޓަރ ގްރެފިކްސްގައި މަސައްކަތްކުރާ އެތައް ބަޔަކާ ވާހަކަދައްކައިފިން- އެއިން އެކަކަށް ވެސް ޑެނިސް ޓިބްލް އެހައި ރަނގަޅަކަށް ނޭނގޭ-"

އޭޝްލީ އަޑުއަހަން އިނީއެވެ. ދޭން އުޅޭ ޙަމަލާއަށް ތައްޔާރު ވެގެންނެވެ.

"އެންމެން ވެސް ބުނާ ގޮތުގައި އޭނާ އެންމެ ގާތް ކަމަށް ވަނީ އޭޝްލީއާ-"

އޭނާއަށް ކަމެއް އެނގުނީ ބާވައެވެ؟ ނޫނީ ކަމެއް އެނގޭތޯ އުޅެނީ ބާވައެވެ؟

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.