ހުވަފެން - 20

(22 އޯގަސްޓް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ އަޑެއް ނާހާނެއެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. އޭނާއަށް އެ އުޅެނީ ކިހިނެއް ވެގެން ހެއްޔެވެ؟ ދެކޮޅުހަދަން ދައްކާނޭ އެތައް ވާހަކައެއް އޭނާގެ ސިކުނޑިއަށް އައެވެ. އެކަމަކު އެންމެ ޖުމްލައެއްގެ ސަބަބުން އެ ހުރިހައި ވާހަކައެއް ފޮރުވިގެން ދިޔައީއެވެ. އެ ޖުމްލައަކީ މިއީ ކަލޭ އަދާކުރަންޖެހޭ ދަރަންޏެއް... މިއެވެ.

އޭނާ ވާހަކަދައްކަން އުޅުނެވެ. "ޑޮކްޓަރ ޕެޓަރސަން..."

"ޑޭވިޑް- އާނއެކޭ ނުވަތަ ނޫނެކޭ ބުނޭ-"

ތޭރަވަނަ ބާބު

ޑޭވިޑް ގެއަށް އައިއިރު ސަންޑްރާ އޭނާގެ އިންތިޒާރުގައި އިނެވެ.

ޑޭވިޑް އޭނާގެ ކޮނޑަށް އަތްވައްޓައިލިއެވެ. އެ ވަގުތު އޭނާގެ ހިތުގައި ހިނގަމުން ދިޔައެވެ. ސަންޑްރާ ހާދަހާ ރީއްޗެވެ. މާބަނޑު މީހުން ރީއްޗެއް ނޫނޭ ބުނީ ކާކު ހެއްޔެވެ؟

ސަންޑްރާ އުފާވެރި ރާގަކަށް ބުނެލިއެވެ. "ކުޑަމީހާ މިއަދުވެސް ތޮޅިލި- ފައިން ދެ ފަހަރަކު ޖަހައިލި-" އޭނާ ޑޭވިޑްގެ އަތް ގެންގޮސް ބަނޑުގައި ޖައްސައިލިއެވެ. "އެބަ އެނގޭތަ-؟ ޖަހާތަ-؟"

އިރުކޮޅަކު އަތްޖައްސައިލައިގެން ހުރެފައި ޑޭވިޑް ބުނެލިއެވެ. "ނުޖަހާ- އަހަންނަކަށް އެނގޭ ވަރެއް ނުވޭ-"

"މިއަދު ކްރޮވްދަރ ގުޅި-"

"ކޮން ކްރޮވްދަރއެއް-؟"

"އެއްކަލަ ގެ ވިއްކަން އައި އޭޖެންޓު- އޭނާ ބުނީ ހުރިހާ ލިޔުމެއް މިހާރު ހުރީ ތައްޔާރަށޭ-"

ޑޭވިޑްގެ ހިތުގައި މީހަކު ބާރަށް ވިކައިގަތީއޭ ހީކުރެވުނެވެ. "އެހެންތަ-؟"

"އަހަރެން ޑޭވިޑަށް އެއްޗެއް ދައްކާލާނަން-" ސަންޑްރާ ބުނެލިއެވެ. "ނުދާތި-"

ސަންޑްރާ ބަދިގެއާ ދިމާއަށް ދިޔަ ތަން އޭނާ ބަލަން ހުއްޓެވެ. ހިތަށްއެރިއެވެ. ހަދާނީ ކިހިނެއް ހެއްޔެވެ؟ މިއަދު ކޮންމެވެސް ގޮތަކަށް ނިންމަން ޖެހޭނެއެވެ.

ސަންޑްރާ ބަދިގެއިން ނުކުމެގެން އައި އިރު އަތުގައި ހުރީ އެކި ޑިޒައިން ގެ ނޫކުލައިގެ ވޯލްޕޭޕަރެވެ. "ދަރިފުޅުގެ ކޮޓަރީގައި ޖަހާނީ ނޫކުލައިގެ ވޯލްޕޭޕަރު- ބޮޑުކޮޓަރީގައި ޖަހާނީ ހުދުކުލައާއި، ނޫކުލައިގެ ވޯލްޕޭޕަރު- ޑޭވިޑަށް ރީތީ ކޮން ނުލެއް- ގަދަނޫތަ-؟ މަޑުނޫތަ-؟"

ޑޭވިޑް ގަދަކަމުން ހިނިތުންވެލިއެވެ. "މަޑުނޫކުލަ މާ ރީތި-"

"އަހަންނަށް ވެސް ރީތީ މަޑުނޫކުލަ- އެކަމަކު ދޫލަ އޮންނާނީ ގަދަނޫކުލައިގައި- ވޯލްޕޭޕަރުގެ ކުލައާއި، ދޫލައިގެ ކުލަ ގުޅެން ޖެހޭނެތަ-؟"

އޮފީހުގެ ޙިއްސާދާރަކަށް ވެވުމަކީ ކުޑަ ކަމެއް ނޫނެވެ. ޑޭވިޑް ހުރީ މުޅިން އެހެން ޚިޔާލެއްގެ ތެރޭގައެވެ. އެއީ އަހަރެން މި ހުރިހައި ދުވަހު ކުރި މަސައްކަތުގެ ނަތީޖާއެވެ. އެކަން ދޫކޮށްލެވޭކަށް ނޯންނާނެއެވެ.

"ޑޭވިޑް- ވޯލްޕޭޕަރުގެ ކުލައާއި، ދޫލައިގެ ކުލަ ގުޅެން ޖެހޭނެތަ-؟"

ޑޭވިޑް ސަންޑްރާއާ ދިމާއަށް ބަލައިލިއެވެ. "ގުޅުނަސް ނުގުޅުނަސް އެންމެ ރަނގަޅު- އޭގައި އޮތީ ސަންޑްރާއަށް ފެންނަ ގޮތެއް-"

"އަހަރެން މިހިރީ ވަރަށް އުފަލުން- އަހަރެމެންގެ ގެ ވަރަށް ރީތިވާނެ-"

ޙިއްސާދާރަކަށް ނުވެވުނިއްޔާ އަހަންނަކަށް އެ ގެއެއް ނުގަނެވޭނެއެވެ.

ސަންޑްރާ ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. "މި ގޭގައި މިހިރަ ފަރުނީޗަރުން ބައެއް އެ ގެއަށް ގެންދަންވާނެ- އެކަމަކު އާފަރުނީޗަރު ވެސް ވަރަށް ގިނަ ޢަދަދަކަށް ހޯދަން ޖެހޭނެ-" އޭނާ ޑޭވިޑާ ދިމާއަށް ބަލައިލިއެވެ. "މި ހުރިހައި ކަމެއް އަހަރެމެންނަށް ކުރެވޭނެތަ-؟"

"އާނ-" ޑޭވިޑް މަޑުމަޑުން ބުނެލިއެވެ.

ސަންޑްރާ ޑޭވިޑް ކޮނޑުގައި އަތް އަޅައިލިއެވެ. "އެ ގެއަށް ބަދަލުވާ ދުވަހަކީ މުޅިން އާ ދިރިއުޅުމެއް ފަށާ ދުވަސް- އެހެންނުން-؟ ދަރިފުޅާއި، ކުންފުނީގެ ޙިއްސާއާއި، އާ ގެ މި ލިބެނީ އެކުއެކީގައި- އަހަރެން މިއަދު އެ ގެއަށް ދިޔައިން- އެއީ އެ ހިސާބުގައި ކުދިން ކުޅެން އޮންނަ ހުސްބިމާއި، އިސްކޫލާ ގެއާ ދެމެދު ހުންނަ ދުރުމިނެއް ބަލައިލަން ވެގެން- ކުޅޭ ބިން ވަރަށް ފުރިހަމަ- އެނބުރޭ އުނދޯލި ވެސް ހުރި- ހޮނިހިރުދުވަހު އަހަންނާ އެކީ އެ ތަން ބަލައިލަން ދާންވާނެ-"

އޭޝްލީގެ ޤަޟިއްޔާއާ ޙަވާލުވުމަކީ ކުންފުންޏަށް ފައިދާ ހުރި ކަމަކަށް ވާނެއޭ ކިންސެއިޑް ކައިރީ ބުނާނީއެވެ. އޭނާ ފަހަރެއްގައި ޤަބޫލުކޮށްފާނެއެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ.

"އިސްކޫލު ވެސް ރަނގަޅު- އެ ތަން ހުންނަނީ އަހަރެމެންގެ ގެއާ ވަރަށް ކައިރީގައި- އެއީ މާ ބޮޑު ތަނެއް ނޫން- ބޮޑު ނޫންކަން މާ ރަނގަޅު-"

ޑޭވިޑަށް ސަންޑްރާ ދައްކާ ވާހަކަ އިވެއެވެ. އެކަމަކު އޭނާގެ ސިކުނޑީގައި އެނބުރެނީ މުޅިން އެހެން ޚިޔާލެކެވެ. ސަންޑްރާގެ ހިތުގައިޖެހޭ ކަމެއް އަހަންނަކަށް ނުކުރެވޭނެއެވެ. އޭނާގެ ހުވަފެން ފުނޑުފުނޑުކޮށްލާކަށް ނުކެރޭނެއެވެ. ހެނދުނު އޮފީހަށް ގޮސް ކިންސެއިޑާ ވާހަކަ ދައްކާނީއެވެ. އޭޝްލީގެ ޤަޟިއްޔާއާ ޙަވާލު ނުވާނަމޭ ބުނާނީއެވެ. ޑޮކްޓަރ ޕެޓަރސަން އެހެން ވަކީލަކު ހޯދަފާނެއެއްނޫން ހެއްޔެވެ؟

"އަވަހަށް ތައްޔާރުވަމާ ހިނގާ- ޖެސީ ކިލަރގެ ގެއަށް ދާން އޮތީ އަށެއް ޖަހާ އިރަކަށްނުން-؟"

މިއީ ޙަޤީޤަތް ހާމަކުރަންވީ ވަގުތެވެ. ޑޭވިޑް ހިތްވަރުކޮށްފައި ވާހަކަދައްކަން ފެށިއެވެ. "އަހަރެން ދައްކަން ވެފައި އޮތް ވާހަކައެއް އެބަ އޮތް-"

"ކޮން ވާހަކައެއް -؟"

"އަހަރެން މިއަދު ހެނދުނު އޭޝްލީއާ ބައްދަލުކުރަން ދިޔައިން-"

"އެހެންތަ-؟ އެ މީހުން މަރައިލީ ހަމަ އޭނާތަ-؟ އޭނާ ކުށްވެރިވޭތަ-؟"

"ތިޔަ ސުވާލުގެ ޖަވާބުގައި އާނއެކޭ ވެސް ބުނެވިދާނެ- ނޫނެކޭ ވެސް ބުނެވިދާނެ-"

"ތިޔަ ވާހަކަދައްކަނީ ވަކީލުންގެ ބަހުރުވައިން- އަހަންނަކަށް ތިޔަ ބަހުރުވައެއް ނޭނގޭ-"

"އެ މީހުން މަރައިލީ އޭނާ... އެކަމަކު އޭނާއަކީ ކުށްވެރިއެއް ނޫން-"

"ޑޭވިޑް-"

"އޭޝްލީއަށް ވަނީ ފާޑެއްގެ ބައްޔެއް ޖެހިފައި- އެ ބައްޔަށް ކިޔާ ނަމަކީ މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރ އޭ- އެ ބަލި ޖެހުނީމާ އެކި ފަހަރު އުޅޭނީ އެކި ގޮތަށް- މިޒާޖަށް އެކި ފަހަރު އެކި ބަދަލު އަންނާނެ- އެކަމަކު އޭނާއަކަށް އެ ކަމެއް ނޭނގޭނެ-"

ސަންޑްރާ ބުނެލިއެވެ. "ތިޔައީ ހާދަހާ ދެރަ ކަމެކޭ-"

"އޭނާގެ ހަށިގަނޑުގައި އިތުރު ދެ މީހަކު ނޫނީ ދެ ޝަޚްސިއްޔަތަކު އުޅޭ- އަހަރެން އެ ދެ މީހުން ދެއްކި ވާހަކަ އަޑު އެހިން-"

"އަޑު އެހީމޭ-؟"

"އާނ- މިއީ ހަމަ ޙަޤީޤަތެއް- އޭޝްލީ މަކަރު ހެދީއެއް ނޫން- ނޫނީ އެހެން މީހަކަށް ހެދިގެން އުޅުނީއެއް ނޫންކަން އަހަންނަށް ކަށަވަރު-"

"އެ މީހުން މަރައިލެވުނު ކަމެއް ވެސް..."

"އޭނާއަކަށް ނޭނގޭ-"

"އެހެން ވެއްޖެއްޔާ އޭނާ ކުށްވެރިވާނެތަ-؟"

"އެ ކަން އެނގޭނީ ކޯޓަށް ދިޔައީމާ- ޖެސީ ކިލަރއާ ވާހަކަދައްކާކަށް އޭޝްލީގެ ބައްޕައެއް ބޭނުމެއް ނުވޭ- އެހެންވީމާ އަހަންނަށް ޖެހޭނީ އެހެން ވަކީލަކު ހޯދަން-"

"ޖެސީއަށް ވުރެ ވަކިން މޮޅު ވަކީލަކު ހޯދާނީ ކޮންތާނކުން-؟ އޭނާ ޖެސީއާ ވާހަކަދައްކަން ބޭނުން ނުވަނީ ކީއްވެގެން-؟"

ޑޭވިޑް ކުޑަކޮށް ޖެހިލުންވެ ހުރެ ޖަވާބުދިނެވެ. "އޭނާ ބޭނުންވަނީ އަހަރެން އެ މައްސަލަ އާއިގެން ކުރިއަށް ދާން-"

"އެ ކަމެއް ނުވާނެ އޭ ޑޭވިޑް އޮތީ އޭނާ ގާތު ބުނެފައެއް ނުން-؟"

"އާނ-"

"ދެނޯ-؟"

"އެ ވާހަކަ އަޑުއަހާކަށް އޭނާ ބޭނުމެއް ނުވޭ-"

"އޭނާ ބުނީ ކީކޭ-؟"

ޑޭވިޑް ބޯހޫރައިލިއެވެ. "އަޅާނުލާ- އެ ވާހަކަ ހުއްޓާލަމާ ހިނގާ-"

"އޭނާ ބުނީ ކީކޭ-؟"

ޑޭވިޑް ވާހަކަ ދެއްކީ ލަސްލަހުންނެވެ. "އޭނާ ބުނީ އަހަރެންގެ މަންމަގެ ފުރާނަ އޭނާގެ އަތްމައްޗަށް ދޫކޮށްލީ ވަރަށް ބޮޑަށް އިތުބާރުކޮށްފައެއް ނޫންހޭ... އެ ދުވަހު ތިމަން މަންމަ ސަލާމަތްކޮށް ދިނީމެއް ނޫންހޭ... މިއަދު ތިމަންގެ ދަރިފުޅުގެ ފުރާނަ އަހަރެންގެ އަތްމައްޗަށް މި ދޫކުރަނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައޭ... އެހެންވީމާ އޭނާގެ ފުރާނަ ސަލާމަތް ކޮށްދޭށޭ-"

ސަންޑްރާ ހުރީ ސީދާ ޑޭވިޑްގެ މޫނަށް ބަލާށެވެ. "އެ ކަން ކުރެވޭނެހެން ހީވޭތަ-؟"

"ނޭނގޭ- އަހަރެން މި ޤަޟިއްޔާއާ ޙަވާލުވުމަކީ ކިންސެއިޑް ރުހޭ ކަމެއް ނޫން- ޙަވާލު ވެއްޖެއްޔާ ޙިއްސާދާރަކަށް ވާން ލިބިފައި އޮތް ފުރުސަތު ގެއްލުމަކީ އެކަށީގެންވާ ކަމެއް-"

"އޯހ-"

އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ.

ފުރަތަމަ ވާހަކަދެއްކީ ޑޭވިޑެވެ. "ދެ ގޮތެއް އެބަ އޮތް- އެއް ގޮތަކީ ޑޮކްޓަރ ޕެޓަރސަން ގާތު ނޫނެކޭ ބުނެފައި ކުންފުނީގެ ޙިއްސާދާރަކަށް ވުން- އަނެއް ގޮތަކީ މުސާރަ ނުލިބޭ ޗުއްޓީއެއް ނަގައިގެން އޭޝްލީގެ މައްސަލައާ ޙަވާލުވުން- އޭގެ ފަހުން ވާނޭ ގޮތެއް ބަލަން ހުންނާނީ-"

ސަންޑްރާ ހިމޭންކަމާ އެކު އަޑުއަހަން ހުއްޓެވެ.

"އޭޝްލީ ދިފާޢުކުރަން މާކުޅަދާނަ، މާމޮޅު މީހުން އެބަތިބި- އެކަމަކު އޭނާގެ ބައްޕައެއް އެ ގޮތެއް ބޭނުމެއް ނުވޭ- އަހަރެން ނޫން މީހަކާ ޤަބޫލެއް ނުވޭ- އެއީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގޭ- އަހަރެން އާނއެކޭ ބުނެފިއްޔާ ޙިއްސާދާރަކަށް ނުވެވޭނެ- ގަންނަން މި އުޅޭ ގެއެއް ނުގަނެވޭނެ- ރޭވި ހުރިހައި ރޭވުމެއް ފެނަށް ވެގެން ހިނގައިދާނެ- ސަންޑްރާ- އަހަރެމެންގެ ހުރިހައި ހުވަފެނެއް ބިލާހަށްވެ ތިބި ތާނގައި ތިބެން ޖެހިދާނެ-"

ސަންޑްރާ ބުނެލިއެވެ. "އަހަރެމެން އިނުމުގެ ކުރިން ޑޭވިޑް ޑޮކްޓަރ ޕެޓަރސަންގެ ވާހަކަ އަހަންނަށް ކިޔައިދިނީމެއްނުން-؟ އޭނާއަކީ މުޅި ދުނިޔޭގައި އެންމެ އަވަދިނެތި އުޅޭ ޑަކްޓަރުންގެ ތެރޭގައި ހިމެނޭ ޑަކްޓަރެއް- އެކަމަކު އޭނާ ވަގުތު ހޯދައިގެން ފަގީރު ޒުވާނަކަށް އެހީވީ- ޑޭވިޑް- އެއީ ޑޭވިޑްގެ ހިޔަންޏެއް- އޭނާގެ ވާހަކަ ނުދައްކާ ދުވަހެއް އައި ހެންނެއް ހިއެއް ނުވޭ- ފިރިހެން ކުއްޖަކު ލިބިއްޖެއްޔާ ތިމަން ބޭނުންވަނީ އެ ކުއްޖަކު ބޮޑުވެގެން ޑޮކްޓަރ ޕެޓަރސަން ކަހަލަ ރަނގަޅު މީހަކަށް ވާށޭ ބުނަމެއްނުން-؟"

ޑޭވިޑް ބޯޖަހައިލިއެވެ.

"ޖަވާބެއް ދޭން ޖެހެނީ ކޮން ދުވަހަކު-؟"

"މާދަމާ ހެނދުނު ކިންސެއިޑާ ބައްދަލުކުރަންޖެހޭނެ-"

ސަންޑްރާ ޑޭވިޑްގެ އަތުގައި ހިފައިލިއެވެ. "މާގިނަ ވިސްނުމެއް ވިސްނާނެ ކަމެއް ނެތް- ޑޭވިޑްގެ މަންމަގެ ފުރާނަ ސަލާމަތްކޮށްދިނީ ޑޮކްޓަރ ޕެޓަރސަން- އެހެންވީމާ އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށްދީ-" އޭނާ ކޮޓަރިތެރެއަށް ބަލައިލައިފައި ހިނިތުންވެލިއެވެ. "ނޫކުލައިގެ ވޯލްޕޭޕަރު ޖަހައިލީމާ މި ގެ ވެސް ވަކި ހުތުރެއް ނުވާނެ-"

ޖެސީ ކިލަރއަކީ އެމެރިކާގައި ތިބި އެންމެ މޮޅު ޖިނާޢީ ވަކީލުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ މަޢުސޫމްކަމުގެ އަސަރެވެ. ހިތްހެޔޮ، މަޑުމައިތިރި މީހެއް ފާޑު ޖަހައެވެ. އޭނާ ޙަވާލުވި ޤަޟިއްޔާތަކުގެ ތެރެއިން މަދު ޤަޟިއްޔާއެއް ނޫނީ ނިމިފައި އޮތީ އޭނާގެ ކޮޅަށެވެ. އޭނާއަކީ ވަރަށް ހަނދާންގަދަ މީހެކެވެ.

ހޫނުމޫސުމުގެ ޗުއްޓީގައި ދަތުރުދިއުމުގެ ބަދަލުގައި އޭނާ ކުރާ ކަމަކީ ޤާނޫނު ކިޔަވައިދިނުމެވެ. ޑޭވިޑަކީ ވެސް އެއްދުވަސްވަރެއްގައި އޭނާގެ ގާތަށް ކިޔަވަން ދިޔަ މީހެކެވެ. ކިޔަވައި ނިމިގެން ޑޭވިޑް އެންމެ ފުރަތަމަ ވަނީ ޖެސީ ކިލަރގެ ޤާނޫނީ އިދާރާއަށެވެ. އެއީ ޖެސީގެ އެދުމުގެ މަތިންނެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި އޭނާ އެ އިދާރާގެ ޙިއްސާދާރަކަށް ވިއެވެ. ޖިނާޢީ މައްސަލަތަކުގެ ތެރޭގައި އުޅުމަކީ ޑޭވިޑް ކުރާ ހިތްވާ ކަމެކެވެ. ޑޭވިޑް ޖެސީ މިލަރގެ އިދާރާއިން ވަކިވެގެން ކިންސެއިޑް، ޓަރނަރ، ރޯޒް އެންޑް ރިޕްލީއާ ގުޅުނީ އޭގެ ތިން އަހަރު ފަހުންނެވެ.

އޭގެ ފަހުން ވޭތުވެގެން މި ދިޔަ އަހަރުތަކުގެ ތެރޭގައި ޑޭވިޑާއި، ޖެސީ މިލަރއާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުމަކަށް ހީނަރުކަމެއް ނާދެއެވެ. ހަފްތާއަކު އެއްފަހަރު އެ ދެ މީހުން އަނބިންނާ އެކީ ބައްދަލުކޮށް ކާން ގޮސް ހަދައެވެ.

ޖެސީ މިލަރއަށް ރީތީ އިސްކޮޅުން ދިގު އަންހެންކުދިންނެވެ. މުށިކުލައިގެ އިސްތަށިގަނޑެއް އޮތުމަކީ ވެސް ޝަރުޠެކެވެ. އެމިލީ ދެކެ އޭނާއަށް ލޯބިވެވުނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެމިލީއަކީ އޭނާއަށް ރީތި އަންހެނުންނާ ދިމާ އިދިކޮޅު ސިފަތަކެއް ލިބިފައިވާ މީހެކެވެ. ދެ މީހުންގެ މިޒާޖު ވެސް ތަފާތެވެ. އެކަމަކު ދެމަފިރިންގެ ދޭތެރޭ މައްސަލައެއް ނުޖެހެއެވެ. މުޅިން ހަމަޖެހިގެން ދިރިއުޅެމުން ދަނީއެވެ. އެއީ ލޯބީގެ ނަތީޖާއެވެ. އެކަކު އަނެކަކު ދެކެ ލޯބިވާތީ ހަމަޖެހިގެން އުޅެވެނީއެވެ.

ޑޭވިޑްގެ ދެމަފިރިން ޖެސީގެ ގެއަށް ދިޔައީމާ ދޮރުމަތިން ބައްދަލުކުރީ ޚުދު ޖެސީ މިލަރއެވެ. "އަވަހަށް ވަދޭ- މިއަދަކީ ވަރަށް ބޮޑު ދުވަހެއްނުން ދޯ-؟ ޙިއްސާދާރަކަށް ވުމާއި، އާގެއެއް ގަތުމާ މި ދިމާވީ އެއް ދުވަހަކަށް ނުން-؟"

ޑޭވިޑާއ، ސަންޑްރާ އެކަކު އަނެކަކާ ދިމާއަށް ބަލައިލިއެވެ.

"އެމިލީ ބަދިގޭގައި އެބަ އުޅޭ- މިއަދު ފާހަގަކުރަން ޚާއްޞަ ކެއުމެއް ތައްޔާރުކުރަނީ-" އޭނާ ޑޭވިޑްގެ މޫނަށް ބަލައިލިއެވެ. "ކިހިނެއްވީ-؟ އަނެއްކާ އަހަންނަށް ނޭނގޭ މާ ބޮޑު ސިއްރެއް އޮތީތަ-؟"

ޑޭވިޑް ބުނެލިއެވެ. "ނޫނޭ- އެކަހަލަ ކަމެއް އޮތީއެއް ނޫން- އެކަމަކު ކުޑަކުޑަ މައްސަލައެއް ދިމާވީ-"

"ހޫނ- ވަދޭ- ވަދޭ-" އޭނާ ސަންޑްރާއާ ދިމާއަށް ބަލައިލިއެވެ.

ސަންޑްރާ ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. "އަހަރެން އެމިލީއަށް އަތްގާތްކޮށްދޭން ބަދިގެއަށް ވަދެލާނަން-"

"ޑޭވިޑް- އިށީނދޭ- ހާދަހާ ކަންބޮޑުވެފައި ހުރިހެން ހީވެއޭ-"

"އަހަރެން މި އުޅެނީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި-" ޑޭވިޑް އެއްބަސްވިއެވެ.

"މައްސަލައަކީ އަލަށް ގަންނަން އުޅޭ ގެތަ-؟ ނޫނީ ޙިއްސާދާރަކަށް ވުންތަ-؟"

"ދެ ކަންތައް ވެސް ހިމެނޭ-"

"ދެ ކަމޭ-؟"

"އޭޝްލީ ޕެޓަރސަންގެ މައްސަލަ ދޯ-؟ އާނ- އެނގޭ-" އޭނާ ކުއްލިއަކަށް އެ ވާހަކަ ހުއްޓައިލިއެވެ. "ހޫނ... ކަލޭ އިސްކޫލުގައި އުޅުނު ދުވަސްވަރު ޑޮކްޓަރ ޕެޓަރސަން ކަލޭގެ މަންމަގެ ފުރާނަ ސަލާމަތްކޮށްދިން ވާހަކަ ބުނި ހަނދާނެއް އެބަވޭ-"

"އާނ- އޭނާ ބޭނުންވަނީ އޭނާގެ ދަރިފުޅުގެ މައްސަލަ އަހަންނާ ޙަވާލުކުރަން- ކަލެއާ ޙަވާލުކުރުވޭތޯ އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރިން- އެކަމަކު އަހަރެން ނޫން މީހަކު އޭނާއަކަށް ކަމަކުނުދޭ-"

ކިލަރ ނިތްކުރި އަރުވައިލިއެވެ. "ކަލޭ މިހާރު ޖިނާޢީ މައްސަލަތަކާ ޙަވާލުނުވާ ކަމެއް އޭނާއަކަށް ނޭނގޭތަ-؟"

"އަހަރެން އެ ވާހަކަ ބުނިން- އެންމެ ޙައިރާންވާންޖެހޭ ކަމަކީ ތިޔައީ- އަހަންނަށް ވުރެ މާ ރަނގަޅަށް މި ކަންތައް ކުރެވޭނޭ މީހުން އެބަ ތިބި-"

"ކަލޭ ކުރިން ޖިނާޢީ މައްސަލަތަކާ ޙާވާލުވެ އުޅުނުކަން އޭނާއަށް އެނގޭތަ-؟"

"އާނ-"

ކިލަރ ފަރުވާތެރިކަމާ އެކު ބުނެލިއެވެ. "އޭނާ އޭނާގެ ދަރިފުޅުދެކެ ވަރަށް ލޯބިވޭތަ-؟"

ހާދަހާ ހެއްވާ ސުވާލެކެވެ. ޑޭވިޑްގެ ހިތަށްއެރިއެވެ. "ދުނިޔޭގެ ހުރިހައި އެއްޗަކަށް ވުރެ ބޮޑަށް ލޯބިވޭ-"

"އެންމެ ރަނގަޅު- މި މައްސަލައާ ކަލޭ ޙަވާލުވެއްޖެއްޔާ ވާނީ..."

"އަހަރެން މި މައްސަލައާ ޙަވާލުވާކަށް ކިންސެއިޑެއް ބޭނުމެއް ނުވޭ- އެހެންވީމާ ޙަވާލުވެއްޖެއްޔާ ޙިއްސާދާރަކަށް ނުވެވޭނެއޭ އަހަރެންގެ ހިތް އެބަ ބުނޭ-"

"ހޫނ... ގޭގެ މައްސަލަ ނުކުންނަނީ އެހެންވީމާ ދޯ-؟"

ޑޭވިޑް ރުޅިއައިސްފައި ބުނެލިއެވެ. "އެ ހިސާބުން ނުކުންނަނީ ހަމައެކަނި ގޭގެ މައްސަލައެއް ނޫން- އަހަރެންގެ މުޅި ދިރިއުޅުމުގެ މައްސަލަ- އެހެންވީމާ އެ މައްސަލައާ ޙަވާލުވުމަކީ އަހަންނަށް ކުރެވޭނޭ އެންމެ މޮޔަކަންތައް-"

"ތިޔަ ރުޅިއަންނަނީ ކޮން ކަމަކާ-؟"

ޑޭވިޑް ފުންނޭވާއެއް ލިއެވެ. "މި ރުޅި އަންނަނީ އެ ކަމާ ޙަވާލުވެވޭތީ-"

ކިލަރ ހިނިތުންވެލިއެވެ. "އަހަންނަށް އެނގޭ-"

ޑޭވިޑް ނިތްކުރީގައި އަތްކާއްތާލިއެވެ. "އަހަރެން އެހީނުވެ، އެހެން މީހަކު ކޯޓަށް ގޮސް އެ ކުއްޖާ ކުށްވެރިވާ ގޮތް ވެއްޖެއްޔާ... އަހަންނަށް އެއްވެސް ކަމެއް ކޮށްނުދެވުނީތީ އެ ކަމުގެ ބުރައާއި، ހިތާމަ މުޅި ޢުމުރު ދުވަހަށް އޮންނާނެ-"

"އަހަންނަށް އެނގޭ- ސަންޑްރާ ބުނީ ކީކޭ-؟"

ޑޭވިޑް ހިނިތުންވެލިއެވެ. "ކަލެއަށް ސަންޑްރާގެ ގޮތް ރަނގަޅަށް އެނގޭނެ-"

"އޭނާ ބުނީ ޙަވާލުވާށޭ ދޯ-؟"

"އާނ-"

ކިލަރ ބުނެލިއެވެ. "ޑޭވިޑް- އަހަންނަށް ކޮށްދެވެން އޮތް ހުރިހައި ކަމެއް ކޮށްދޭނަން-"

ޑޭވިޑް ހިންދިރުވައިލިއެވެ. "ނޫން- މިއީ އަހަރެންގެ މައްސަލައެއް- އެހެންވީމާ މަސައްކަތްކުރާނީ ވެސް އެކަނި-"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.