ދެތިން ފޮޅުވަތް : "ޔޫތު އެންޑް ޖެންޑަރ" މިނިސްޓްރީއެއް ބޭނުންވެފައި!

ރާއްޖޭގައި ޒުވާނުންގެ ޙަރަކާތްތައް ފެށި ޖަމްޢިއްޔާތައް އުފެދި ހިންގަން ފެށިއިރު އެޖަމްޢިއްޔާތަކުގެ މަސްއޫލޫވެރިން ގެ މަގާމުން ފެށިގެން ހިންގުމަށް ވެސް އާންމު ގޮތެއްގައި ޙަރަކާތްތެރިވެފައި ވަނީ ފިރިހެނުންނެވެ. ގިނަ ޖަމްޢިއްޔާތަކުގައި މެމްބަރުންގެ ގޮތުގައިވެސް ތިބެނީ ފިރިހެނުންނެވެ. އަންހެނުންގެ ޙަރަކާތްތަކަށް އޮންނަނީ އަންހެނުންގެ ކޮމެޓީތަކެވެ.

ރަށްރަށުގައި ޒުވާނުންގެ މަޒުކަޒުތައް ހެދި އެތަންތަނުގެ ޚިދުމަތް ހޯދާނީވެސް ޒުވާން ފިރިހެނުންނެވެ. އެއިން ތަނަކަށް އަންހެނަކު "ވައިވެސް އެޅިނުލާނެ" އެވެ. އެހެންކަމުން ޒުވާނުން އެބަސް ރައްދުވަނީ ހަމައެކަނި ފިރިހެނުންނަށް ކަމަށް ދެކެވޭ ދެކެވުން އަދިވެސް އެގޮތުގައި އޮތްކަން، ދާދިފަހުން ރައްޔިތުންގެ މަޖިލީހުގައި ޒުވާނުންގެ، ޒުވާން ވަޒީރު ދެއްކެވި ވާހަކަފުޅުންވެސް ފާހަގަ ކުރެވެއެވެ.

ޒުވާނުންގެ ވަޒީރު މަޚްލޫފު ވިދާޅުވި އެވުޒާރާއިން ރަށްރަށަށް ކުރާ ދަތުރުތަކުގައި ޒުވާނުންނާ ބައްދަލު ކުރަން ބޭނުންވާ ކަމަށް ކައުންސިލްތަކަށް ސިޓީ ފޮނުވާކަމަށެވެ. ނަމަވެސް ބައްދަލުވުން ތަކަށް އަންނަނީ ހުސް ފިރިހެނުންކަމަށެވެ. އެހެންވާތީ ސިޓީތަކުގައި އަންހެން ފިރިހެން ޒުވާނުންނާ ބައްދަލުކުރަން ބޭނުންވާކަމަށް ލިޔަން ފެށްޓެވި ކަމަށެވެ. އަދި އަންހެން ފިރިހެން ޒުވާނުންނަށް ލައުޑް ސްޕީކާރުން ގޮވުމުންވެސް ނުކުންނަނީ ހަމައެކަނި ފިރިހެނުން ކަމަށެވެ.

މައްސަލަ ޙައްލު ނުވެގެން އެންމެ ފަހުން އަންހެނުންނާ ބެހޭ ވުޒާރާއާ، ޒުވާނުންގެ ވަޒީރު މަޝްވަރާ ކުރެއްވިއެވެ. އެމަޝްވަރާތަކުން ހާމަވީ ޒުވާނުންގެ ވަޒީރަށް ކުރިމަތި ވެފައިވާ މައްސަލަ އަންހެނުންގެ ވުޒާރާ ނުވަތަ ޖެންޑަރ މިނިސްޓްރީއަށްވެސް ދިމާވާކަމެވެ. އަންހެނުންނާ ބެހޭ ވުޒާރާ ކަމަށް ވާތީ ރައްޔިތުންނާ ބައްދަލުކޮށްލަން ގޮވާލުމުން ނުކުންނަނީ ހުސް އަންހެނުންނެވެ. "ޒުވާނުން" ކަމަށް ދެކެވޭ ފިރިހެނުންނެއް ނުނުކުމެއެވެ. އެހެންކަމުން މިމައްސަލަ އަކީ މި ދެވުޒާރާއިން ކުރާ ކަންކަން ތަންފީޒު ކުރުމުގައި ކޮންމެވެސް އެއްބަޔަކު އިސްތިސްނާ ވެގެންދާކަމަކަށްވެސް ވަނީ ވެފައެވެ.

ޒުވާނުންގެ ވަޒީރު ވިދާޅުވީ ފިރިހެނުން އައިސް އެމީހުން ދައްކަނީ ފުޓްސަލް ދަނޑުގެ ވާހަކަ ކަމަށެވެ. އެހެންވާތީ އަންހެނުންނަށް ބޭނުންވާ ކުޅިވަރު ފެސިލިޓީ ނުލިބި ދާކަމަށެވެ.

ޔޫތު މިނިސްޓްރީ ނުވަތަ ޒުވާނުންގެ ވުޒާރާ ވީމާ އެއީ ފިރިހެނުންނާ ބެހޭ ވުޒާރާއެވެ. އެވުޒާރާއިން ކުރާނީ ފިރިހެނުންނާ ގުޅުން ހުރި ކަންކަމަށް ދެކެވޭ ދެކެވުމެވެ. ޖެންޑަރ މިނިސްޓްރީއޭ ބުނުމުން އެއީ އަންހެނުންނާ ބެހޭ ވުޒާރާއެވެ. ޖެންޑަރއޭ ބުނުމުން އެ ނިސްބަތް ކުރެވެނީ އަންހެނުންނަށެވެ. އެހެންކަމުން އެ ވުޒާރާއިން ކުރާނީ އަންހެނުންނާ ގުޅުން ހުރި ކަންކަންކަމަށް ދެކެވޭ ދެކެވުމެވެ. ޖެންޑަރ މިބަސް ދިވެހި މުޖުތަމަޢަށް އެނގި އާންމުވެގެން ދިޔައީވެސް އަންހެނުންނަށް ޙައްޤުތައް ހޯދައިދިނުމުގެ ވާހަކަ ތަކާއި ހަމަހަމަކަން ހޯދައި ދިނުމުގެ ޙަރަކާތްތަކާ ގުޅިގެންކަމަށް ވުމެވެ.

މިދެވުޒާރާގެ މަސައްކަތުގައި ޖިންސުގެ ތަފާތު އޮންނަކަމަށް ދެކެވޭ ދެކެވުން، ނުވަތަ ޤަބޫލުކުރާ ޤަބޫލުކުރުމަށް ހައްލެއް ހޯދަން ޖެހެއެވެ. ޖެންޑާ މިނިސްޓްރީ ނުވަތަ އަންހެނުންނާ ބެހޭ ވުޒާރާއިން ކުރާ ކަންކަން ފިރިހެނުންނާވެސް ގުޅޭކަން ޤަބޫލުކޮށް ދައްކުވައިދޭން ޖެހެއެވެ. "ޖެންޑަރ" އޭ ބުނުމުން އެއީ ހަމައެކަނި އަންހެނުން ނޫން ކަމެވެ. ދެޖިންސްކަމެވެ. ނުވިތާކަށް މުޅި އާއިލާ ނުވަތަ "ފެމިލީ" ވެސް އެ ވުޒާރާގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެވެ. އަންހެނެއް ފިރިހެނެއް ކުޑަކުއްޖެއް މުސްކުޅިއެއް އިސްތިސްނާވުމެއް ނެތި ކަމެވެ. ޔޫތު މިނިސްޓްރީ ނުވަތަ ޒުވާނުންނާބެހޭ ވުޒާރާއިން ކުރާ ކަންކަންވެސް ހުރިހާ ޒުވާންނުންނަށްވެސް އަމާޒުވާކަމެވެ. ވަކި އަންހެނެއް ފިރިހެނެއް ތަފާތު ކުރުމެއްނެތި ކަމެވެ.

"ޒުވާނުންނޭ" ބުނުމުން ފިރިހެނުން ކަމަށް ބަލައި "ޖެންޑަރ" އޭ ބުނުމުން އަންހެނުން ކަމަށް ދެކި އެ ދެ ވުޒާރާއިން ދޭ ޚިދުމަތްތައް ރައްޔިތުންގެ ތެރެއިން، އެ ޚިދުމަތް ނުވަތަ ޙައްޤު ލިބެން ޖެހޭ ބަޔަކަށް ނުލިބި، ޙައްޤުތަކެއް ގެއްލޭނަމަ  "ޔޫތު އެންޑް ޖެންޑަރ" މިނިސްޓްރީއަށް ނަން ބަދަލުކޮށްގެން ވިއަސް މި ދެބައިމީހުންނަށް "ޔޫތު އެންޑް ޖެންޑަރ" ގެ ޚިދުމަތް ދެވޭކަން ކަށަވަރު ކުރަން އެބަޖެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.