ދެތިންފޮޅުވަތް: ތަރުބިއްޔަތުގައި ވެސް އިހުމާލު

ކުޑަދެކުދިންގެ ވީޑިއޯއިން ބެލެނިވެރިންނަށް މެސެޖެއް

މިދުވަސް ވަރަކީ އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި ކުޑަކުދިންނާމެދު ވޭވޭ އެކިވަރުގެ އިހުމާލުގެ ވާހަކައިގެ އަޑުގަދަވެ، އެފަދަ މައްސަލަތައް ފެންމަތިވަމުންދާ ދުވަސް ވަރެކެވެ. ޚާއްޞަ ގޮތެއްގައި އާއިލާގައި އެކުދިންގެ އެންމެ ގާތް، އިތުބާރުކުރެވޭ ފަދަ މަޤާމުތަކުގައި ތިބި މީހުންގެ ފަރާތުން ކުދިންނަށް ލިބެމުންދާ ތަފާތު ޖިންސީ ގޯނާ އާއި އަނިޔާތަކުގެ ވާހަކައެވެ.

އަނެއްކާ މިވަނީ އިޙްމާލުގެ މުޅިން ތަފާތު އާމައްސަލައެއް ފެންމަތި ވެފައެވެ. މި ފަހަރު ނުކުތީ ކުޑަކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖަކު ގައިގޯޅިވެ އެކުދިންގެ ޢުމުރާ ނުގުޅޭ ޢަމަލެއް ހިންގާ މަންޒަރު ދައްކުވައުދޭ ވީޑިއޯއެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ކުޑަކުޑަ ދެކުދިންގެ އެފަދަ ނޭދެވޭ ވީޑިއޯއެއް އާންމު ކުރުމަކީ އެކުދިންގެ ކަރާމާތް ގެއްލި އިތުރަށް ލިބިގެންދިޔަ އަނިޔާއެކެވެ. އެހެންކަމުން އެފަދަ ކަންކަން ސޯޝަލްމިޑީއާގައި އާއްމު ކުރުމުގެ ބަދަލުގައި ހުށަހަޅަން ޖެހޭނީ ކަމާބެހޭ ފަރާތްތަކަށް ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. ނަމަވެސް މިޚިޔާލާ ދެކޮޅު ބައެއް ފަރާތްތައް ބުނަނީ އެފަދަ ވީޑިއޯއެއް އާއްމުވުމަކީ އެހެން ބެލެނިވެރިންނަށް ވެސް ކުދިންނާމެދު އިޙްމާލު ނުވުމަށް ދެވެނު މެސެޖެއް ކަމަށެވެ.

މިދެކުދިންގެ ވީޑިއޯ އާއްމުވުމާ ގުޅިގެން ޖެންޑާ މިނިސްޓްރީއަށް ވެސް ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވާން ޖެހޭފަދަ ތުހުމަތުތަކެއް ކޮށްފައެވެ. އެ ވީޑީއޯ އަކީ އެމިނިސްޓްރީއަށް ޙިއްޞާކޮށްފައިވާ ވީޑިއޯ އެއްކަމަށް ބުނެ އެމިނިސްޓްރީގެ އިހުމާލުން ވީޑިއޯ އާއްމު ވެފައިވާކަމަށް ކުރެވޭ ތުހުމަތެވެ. ނަމަވެސް މި ތުހުމަތު ޖެންޑަރ މިނިސްޓްރީން ވަނީ ދޮގު ކުރައްވައިފައެވެ.

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް  ސޯޝަލް ސާރވިސް އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އާއްމުވި ވީޑިއޯ އެމިނިސްޓްރީއަށް ވެސް ލިބިފައި ވަނީ ސޯޝަލް މީޑިއާއިން ކަމަށެވެ. އެއްވެސް ފަރާތަކުން އެމިނިސްޓްރީއަށް ދައުރުވަމުން ދިޔަ ވީޑިއޯ ހިއްސާކޮށްފައި ނުވާކަމަށެވެ.

ޢުމުރާ ނުގުޅޭ ޢަމަލެއް ކުޑަ ދެކުއްޖަކު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑީއޯ އާއްމުކުރި ފަރާތެއް ދެނެގަތުމުގެ މަސައްކަތް ފުލުހުން ވެސް މިހާރު ވަނީ ފަށްޓަވައިފައެވެ. މުޖުތަމަޢުގައި ހިނގާ ނޭދެވޭ ކަންކަން ވީޑިއޯކޮށް ސޯޝަލް  މީޑިއާގައި އާންމުކުރުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ޢުމުރާ ނުގުޅޭ ޢަމަލެއް އެދެކުދިން ހިންގީ އެއީ ކޮންކަމެއްކަން އެކުދިންނަށް އެނގިގެން ނޫންކަން އަޅުގަނޑުމެންގެ ތެރެއިން ހަމަ ބުއްދިހުރި ހަމަ ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ކުޑަކުދިންނަކީ އެކުދިންގެ ވަށައިގެންވާ މާހައުލުގައިވާ ކަންކަމާއި ފެންނަ ކަންކަން ކޮޕީކޮށްލާ ހިތްވާނެ ބައެކެވެ. އެހެންކަމުން އެފަދަ ކަންކަން އަޅުގަނޑުގެ ޅަދަރިން އުޅޭ މާހައުލުން ފެންނަނަމަ އޭގެ ނޭދެވޭ އަސަރު އެކުދިންނަށް ކުރާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިވީޑިއޯ އާންމު ވުމާއެކު ގިނަ ބަޔަކު ވަނި އެއްބަޔަކު އަނެއް ބަޔަކަށް މި ވީޑިއޯ ޙިއްސާ ކޮށްފައެވެ. އެހެންކަމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެވީޑިއޯ ވަނީ ވައިރަލް ވެފައެވެ. ކުޑަދެކުދިންގެ ވީޑީއޯ ސޯޝަލް މީޑިއާއަށް ފުރަތަމަ ދޫކޮށްލި މީހާ އެކޭ އެއްފަދައިން އަޅުގަނޑުމެންގެ ގިނަ ބަޔަކު ވަނީ "މަޖަލަކަށް" ހަދައި ކުޑަ ދެކުދިންގެ ކަރާމާތަށް އަރައިގަނެފައެވެ. މިއީ އަޅުގަނޑުމެން މަޖަލަކަށް ހަދައިގެން އުޅޭވަރަށްވުރެ މާ ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ.

ދެކުދިންގެ ވީޑިއޯ އާއްމު ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރ އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަޙްމަދު އުޝާމް ވިދާޅުވީ، ރަނގަޅު ކަންތަކާއި ގޯސްކަންތައް ވަކިނުވާ ޢުމުރުގެ ކުޑަކުދިންގެ ވިޑީއޯއެއް ނަގައި އާއްމުކުރުމަކީ ވަރަށް ދެރަކަމެކެވެ. އަދި އެއީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުން މަނާކޮށްފައިވާ ޢަމަލެއްކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވައިފައެވެ. 

ޢުމުރާ އެކަށީގެން ނުވާ ކަމެއް ކުރާ މަންޒަރު ކުޑަދެކުދިން ގެ ފާރަތުން ފެނުމަކީ އަޅުގަނޑުމެން އެކަމާމެދު އިންތިހާއަށް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. އެފަދަ ޢަމަލުތައް އެކުދިންގެ ފަރާތުން ފެނިގެން ދަނީ ކީވެގެންތޯ ރަނގަޅަށް ވިސްނާ ދެނެގަންނަންޖެހެއެވެ. އަޅުގަނޑުމެންޅަދަރިންނަށް އެކުދިން އުޅޭ މާހައުލުން ފެންނަން ނުޖެހޭ އެފަދަ މަންޒަރުތަކެއް ފެންނަނީތޯއެވެ؟ އުޅެންޖެހޭ ދަތި ޙާލުގެ ސަބަބުން އެއްކޮޓަރިއެއްގައި މައިންބަފައިންނާއި ބޮޑުވަމުން އަންނަ ކުދިންނާއި އަދި ކުދި ޅަދަރިންއެކު އުޅެން ޖެހުމުން މައިން ބަފައިންގެ ފަރާތުންވެސް އެފަދަ ކަންކަން ކުދިންނަށް ފެނުމަކީ ދުރުގައި ވާކަމެއް ނޫނެވެ. މިއީވެސް ދިމާވެދާނެ ޙާލަތެއްކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހެއެވެ. މިކަމުގެ ތެދު ޙަޤީޤަތް އެންމެ ބޮޑަށް އިޙްސާސް ކުރެވޭނީ އެފަދަ ދަތިޙާލުގައި އުޅެންޖެހިފައިވާ އާޢިލާތަކަށެވެ.

އަޅުގަނޑުމެންގެ މައިންބަފައިންގެ އިހުމާލާއި ނުވަތަ ވެވޭ "ކަނު ލޯތްބެއްގެ" ސަބަބުން ދިމާވާނެ މައްސަލަތައް މަދެއް ނުވާނެއެވެ. ގޯހާއި ރަނގަޅު ދެނެގަންނަން ނޭނގޭ ވަރު ތުއްތު ކުދިންނަށް ބޭނުން ޓީވީން ޗެނަލަކާއި ނެޓް ހުޅުވާލުމެވެ. އެކުދިންބަލަނީ ކުރަނީ ކޮންކަމެއް ކަމެއްކަން ގިނަ ފަހަރަށް އަޅުގަނޑުމެން މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ބަލައެއް ނުލެވެއެވެ. ކުއްޖާ ބޭނުން ޗެނަލެއް ބަލަންވީއެވެ. ގިނަ ފަހަރަށް މަންމައާއި ބައްޕަ އުޅޭނީ މަސައްކަތުގައެވެ. ގޭގައި ހުންނާނީ ގެންގުޅޭ މީހަކު ނުވަތަ މަސައްކަތު މީހާއެވެ. ކުއްޖާއަށް ބޭނުން ޗެނަލަކަށް ވަދެވުމުގެ އިތުރުން އޭނާވެސް ގިނަ ފަހަރަށް ލިބޭ ހުސްގަޑީގައި އޭނާގެ ފޯނުން ނުވަތަ ޗެނަލަކުން ވެސް ބަލާނީ ގޭތެރޭގައި ހުންނަ ތުއްތު ކުއްޖާއަށް އެކަށީގެންނުވާ މަންޒަރުތައް ދައްކުވައިދޭ ޗެނަލްތަކާއި ވީޑިއޯތަކާއި މަންޒަރުތަކެވެ. މައިން ބަފައިންނަށް އެކަމުގެ ހިލަމެއްވެސް ނުވެ ހިނގައިދާނެއެވެ.

ދެން އޮތީ މައިންބަފައިން ކުދިން ގޮވައިގެން ބަލާ އެކުދިންގެ ޢުމުރާ ނުގުޅޭ މަންޒަރުތައް ދައްކުވައިދޭ ޗެނަލްތަކާއި ވީޑިއޯ ތަކާއި ފޮޓޯތަކުގެ ވާހަކައެވެ. ގިނަ މައިންބަފައިން މިފަދަ ކަންކަން ކުރަނީ މާބޮޑު ފިކުރެއްނެތި ނުކުމެދާނެ ގޯސް ނަތީޖާއަކަށް ވިސްނާލުމަކާ ނުލައެވެ. ތުއްތު ކުދިންގެ ވާހަކަތަކުން ވެސް މިފަދަ ކަންބޮޑުވުންތައް ދޭހަވެއެވެ. އެކުދިންގެ ޢުމުރާ ނުގުޅޭބަސް ނުވަތަ ވާހަކަ އެއް ކުއްޖަކު އަނެއް ކުއްޖަކަށް ބޭނުން ކުރުމެވެ. އެއްދުވަހު އަޅުގަނޑުގެ ދަރިފުޅު ދެއްކި ވާހަކަ އަކުންވެސް އަޅުގަނޑު ހުރީ ހަމަ ހައިރާންވެފައެވެ. "ގާރލްފްރެންޑޭ، ކިސް" އޭ ކުލާހުގައި ކުދިން ކިޔާ ވާހަކަ އެވެ. މިދެންނެވީ އަދި ފުރަތަމަ ގްރޭޑްގައި އުޅޭ ޢުމުރުން ހައަހަރާއި ހަތް އަހަރާ ދެމެދުގެ ޢުމުރުފުރާގެ ކުދިންގެ ވާހަކައެވެ. މިފަދަ ވާހަކަ ތަކުންވެސް ކުދިންނަށް ފެންނަ މަންޒަރުތަކުން ނޭދެވޭ އަސަރުކުރާކަން އެނގެއެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވާއިރު އަޅުގަނޑުމެން ދީން ވަނީ އަޅުގަނޑުމެންނަށް ދަރިން ތަރުބިއްޔަތު ކޮށްދޭންވީ ރަނގަޅު އުޞޫލުތަކާއި އެކުދިންނަށްޓަކައި ކޮންމެހެން އަދާކޮށްދެން ޖެހޭ ޙައްޤުތަކެއް އަންގައި ދީފައެވެ. އެންމެ ފުރަތަ ކަމަކަށް އެދަރިން އުފަން ވުމުގެ މާކުރިން އެދަރިންނަށްޓަކައި ރަނގަޅު މަންމައެއް ހޯދައި ދިނުމަކީ ފިރިހެނާގެ މައްޗަށް ލާޒިމު ކަމެކެވެ. ހަމަ އެހެންމެ އަންހެންމީހާވެސް އިޚްތިޔާރު ކުރަންޖެހެނީ ދަރިންނަށްޓަކައި ރަނގަޅު ބައްޕައަކަށް ވެވޭނެ، ރަނގަޅު ފިރިއެކެވެ. އެއަށްފަހު އެދަރިންނަށް ޓަކައި ދަރިން އުފަން ވުމުގެ ކުރިންނާއި އުފަން ވުމަށްފަހު ވެސް އަދާ ކޮށްދެންޖެހޭ ޙައްޤުތަކާއި ޒިންމާތަކެއް މައިންބަފައިންގެ މައްޗަށް ވެއެވެ. ހަމަ އެހެންމެ ޤާނޫނުތަކުން ވެސް އަޅުގަނޑުމެންގެ މައްޗަށް ވަނީ އެކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުން ލާޒިމްކޮށްފައެވެ.

ޢުމުރާ ނުގުޅޭ ޢަމަލެއް ކުޑަ ދެކުއްޖަކު ހިންގާ މަންޒަރު ދައްކުވައިދޭ ވީޑީއޯ އަކީ ޅަދަރިންގެ ތަރުބިއްޔަތުގެ ޒިންމާ ނަގައިގެން ތިބި އަޅުގަނޑުމެންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން އެބައި މީހުންގެ ޒިންމާއަށް އިހުމާލުވެފައިވާ ކަން ދައްކުވައިދޭ ވީޑިއޯއެކެވެ. މިފަދަ އިހުމާލުވުން ނައްތާލައިގެން ނޫނީ އަޅުގަނޑުމެންނަށް ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާނެ ހަރުދަނާ ދަރިންނެއް ތަރުބިއްޔަތެއް ނުކުރެވޭނެއެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނަށްވާއިރު އަޅުގަނޑުމެންގެ ދަރިންނަށް ވެސް ދޭންޖެހޭނީ އިސްލާމީ ތަރުބިއްޔަތެވެ. އެހެންކަމުން ދަރިން ތަރުބިއްޔަތުގެ ކުރުމުގެ "ބޮޑު ޒިންމާ" އުފުލަން ފެށުމުގެ ކުރިން އިސްލާމްދީނުގައި ދަރިން ތަރުބިއްޔަތު ކުރަން އަންގާފައިވާ ގޮތް ދެނެގަނެ އެކަމަށް ބެލެނިވެރިން އަހުލުވެރިވާނެ ޖެހެއެވެ. އަޅުގަނޑުމެންގެ ތެރޭގައި އާންމުވެ ފެތުރެމުންދާ އިޖްތިމާޢީ ބަލިމަޑުކަމަށް އޮތް "ވެކްސިނަކީ" އިސްލާމީ ތަރުބިއްޔަތުން ދަރިން ތަރުބިއްޔަތު ކުރުމެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.