ޝާފިޔާގެ އެދުރު އަށި: ތީމް ބޭނުންކޮށްގެން ކިޔަވައިދިނުން

މިފަހަރުގެ ލިޔުންކޮޅު އަމާޒުކޮށްލެވިފައި މިވަނީ ދިވެހިރާއްޖޭގެ ގައުމީ މަންހަޖުގެ ބައިތައް ކިޔަވައިދިނުމަށް ބޭނުންތެރި ކިޔަވައިދިނުމުގެ ގޮތެއް ކަމަށްވާ  ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމާ ގުޅޭގޮތުންނެވެ. އިގިރޭސިބަހުގައި ތީމް ބޭނުންކުރަނީ ބައިވަރު ބައިތަކެއް އެއްކޮށްލެވި ގުޅުވައިލެވިފައިވާ އެކައްޗެއް ގޮތަށް ވަކި އަމާޒެއް ކަނޑައަޅައިގެން ކަމެއް ކުރުމަށެވެ. މިސާލަކަށް ޢާއްމު ދިރިއުޅުމުގައި ވެސް، ހަފުލާއެއްގައި ހުރިހާކަމެއް އެއްތީމަކަށް ގުޅުވައިގެން ރާވާލެވޭއިރު، މުޅި ހަފުލާގެ ހުރިހާ ރަސްމިއްޔާތުތައް އެއް ޚިޔާލަކާ ގުޅުވައިގެން ކުރިޔަށް ގެންދެވެއެވެ. މިގޮތުން އެއީ ވަކި ތީމަކަށް ރޭވިފައިވާ ހަފުލާއެކޭ ބުނެވިދާނެއެވެ. މިސާލަކަށް ދިވެހި ސަގާފަތް ތީމެއް ގޮތުގައި އިޚްތިޔާރު ކުރާނަމަ، ސަގާފީ ހެދުން، ސަގާފީ ކާނާ، ސާގާފީ ކުލަތައް، ސަގާފީ މިޔުޒިކް، އަދި މިނޫނަސް މުޅި ހަފުލާގެ ހުރިހާ ކަމެއް އެއް ޚިޔާލަކާއި ގުޅުވައިގެން ކަންކަން ރޭވެއެވެ. އެންމެ ތިލަކޮށް މާނަކުރާނަމަ ތީމެއް ބޭނުން ކުރުމަކީ ތަފާތު ބައިތަކެއް އެއްކޮށްލައިގެން އެކައްޗެއް ގޮތަށް ގުޅުވާލުމެވެ. ގައުމީ މަންހަޖުގައިވާ މުހިންމު ގާބިލިއްޔަތުތައް  ދަރިވަރުންގެ ކިޔަބައިގައި އަށަގެންނެވުމަށް ޓަކައި މިބާވަތުގެ ކިޔަވައިދިނުމުގެ ގޮތްތަށް ބޭނުންކުރުން މުހިންމެވެ. ސަބަބަކީ ގައުމީ މަންހަޖުގެ ގާބިލިއްޔަތުތަކަކީ ވަކި މާއްދާއަކަށް ނިސްބަތްކޮށް ކަނޑައޅިފައިވާ ގާބިލިއްޔަތުތަކެއް ނޫނެވެ. ވަކިވަކި މާއްދާތަކެއްގޮތަށް ކިޔަވައިދީގެން މިގާބިލިއްޔަތުތައް ހާސިލުކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ދަރިވަރުންގެ އުނގެނުން ވާންޖެހޭނީ ދެމެހެއްޓެނިވި ތަރައްގީއަށް އެހީތެރިވެދޭ ގޮތަށް ކިޔަވައިދިނުން ރޭވޭ ގޮތްތަކަކަށެވެ. މާނައަކީ ތަފާތު މާއްދާތަކުގެ މުގައްރަރުގެ ބައިތައް ވަކިވަކިކޮށްލެވިފައި ހުއްޓަސް ސިކުނޑީގައި އުނގެނުން ހިނގަނީ ކޮންމެ މާއްދާއެއްގައި ހުންނަ ބައިތައް ވަކިވަކިނެއް ނޫނެވެ. ހަމަ މިގޮތަށް ދަރިވަރުންނަށް އެނގޭ މަޢުލޫމާތެއް ދިރިއުޅުމުގައި ބޭނުންކުރާއިރު އެކަން ކުރެވެނީ ވެސް ކޮންމެ މާއްދާއެއްގައި ކިޔަވާ އެއްޗެއް ވަކިވަކިންނެއް ނޫނެވެ. މި ބީދައިން ވިސްނާއިރު، އުނގެނުމަކީ، ތަފާތު ނަންތަކެއް ދެވި، ތަފާތު  މާއްދާތަކެއް ހިމެނޭ ކަމަކަށް ވިޔަސް  އެއީ ގުޅި ލާމެހިގެން ސިކުނޑީގައި ހިނގާ ކަމެކެވެ. ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ދިވެހިރާއްޖޭގެ ސްކޫލުތަކުގައި އަދި އެހާ އާންމުކޮށް ފެންނަ ކަމެއް ނޫނެވެ. މިއަދުގެ ލިޔުންކޮޅުގައި މި ބަލައިލަނީ ތީމް-ބޭސްޑް ލާރނިން/ޓީޗިން ނުވަތަ ތީމް ބޭނުންކޮށްގެން ކިޔަވާދިނުމުގެ ޢިލުމީ ވިސްނުމަށާއި އެގޮތް ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ގެންގުޅެވިދާނެ ބައެއް އުކުޅުތަކާއި އަދި ސަމާލުވެވިދާނެ ކަންކަމަށެވެ.

 ތީމް-ބޭސްޑް ޓީޗިން ނުވަތަ ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޢިލުމީ ވިސްނުން

ސިކުނޑީގެ ޚާއްޞަ ދިރާސާވެރިން ހާމަކުރައްވާ ގޮތުގައި، އުނގެނުން ހިނގަނީ ބައިވަރު ކަންތައްތަކެއް ގުޅި ލާމެހިގެން ސިކުނޑީގެ ތަފާތު ބައިތަކުގެ މަސައްކަތްތަކުގެ ތެރެއިން އެއް ކަމެއްގެ ގޮތުގައެވެ (ވިސްލީ އަދި ހޮޝް، 2002). މި ބޭފުޅުން އިޝާރާތްކުރައްވާ ގޮތުގައި ކިޔަވައިދިނުން ރޭވެން ޖެހޭނީ މުޅި ސިކުނޑިއަށް އަމާޒުކޮށްގެންނެވެ. މާނައަކީ، ސިކުނޑީގައި ކަންހިނގާ ގޮތަށް ބަލާއިރު ވިސްނުން (ތިންކިން)، ވަކިވަކި އިހުސާސްތައް ކުރެވުން (ފީލިންގސް) އަދި ހަށިގަނޑުގެ ތަފާތު ހަރަކާތްތަކުގެ މަސައްކަތް (މޫވްމެންޓްސް) ޚާއްޞަކުރެވެނީ ސިކުނޑީގެ ވަކިވަކި ބައިތަކަށް ކަމުގައި ވިޔަސް މި ކަންކަން ހިނގަނީ ވަކިވަކިންނެއް ނޫނެވެ. މިސާލަކަށް ވިސްނުން ހިނގާ ގޮތަށް ބަލާއިރު، ކުރެވޭ ހަރަކާތްތަކާއި، އަދި އެއާ ގުޅޭ ގޮތުން ހިނގާ ޚިޔާލުތައް އެ ވިސްނުމުގައި އިސްދައުރެއް އަދާ ކުރެއެވެ. ހަމަ މީބަދައިން ކަމަކާ ގުޅޭ އިހުސާސްތަކެއް ކުރެވޭއިރު، ހިނގާ ޚިޔާލުތަކާއި ކުރެވޭ ހަރަކާތްތައް ވާނީ ވަރަށް ބޮޑަށް ގުޅިފައެވެ. މީގެ މާނައަކީ ސިކުނޑީގެ ކަންކަން ހިނގަނީ އެއްބައި އަނެއްބައިގެ މަސައްކަތްތައް ވަރަށް ބޮޑަށް ގުޅި ލާމެހިގެން ކަމެވެ. ތީމް ބޭނުންކޮށްގެން ކިޔަވާދިނުމުގެ ޚިޔާލަކީ މި ވިސްނުމުގެ ތެރެއިން ވުޖޫދުވީ ކިޔަވައިދިނުމުގެ ފިލޯސަފީ އެކެވެ. މިގޮތުން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ދަރިވަރުންގެ ޢާއްމު ދިރިއުޅުމާއި ގުޅޭ މާނަހުރި ކަންތަކެއް ހިމަނައިގެން ކިޔަވާ މާއްދާތަކުގެ ތަފާތު ބައިތައް އެއްކޮށްލައިގެން ކިޔަވައިދިނުން ރޭވޭ ގޮތެއް ކަމެވެ. މި ގޮތަށް ކިޔަވައިދޭ އިރު މާއްދާތަކުގައި އެކުލެވޭ ބައިތައް (ކޮންޓެންޓް) ކިޔަވައިދޭނީ ވަކިވަކިންނެއް ނޫނެވެ. އެއާއި ޚިލާފަށް އެއްކޮށްލައިގެން އެއް ތީމެއްގެ ތެރެއިން ބައިތައް ގުޅުވައިލައިގެންނެވެ. ތީމް ބޭނުންކޮށްގެން ކިޔަވާދޭއިރު އެންމެ ޢާއްމުކޮށް ބޭނުންކުރާ ކިޔަވައިދިނުމުގެ ގޮތްތަކަކީ ޕްރޮޖެކްޓް ބޭނުންކުރުން، ޕްރޮބްލެމެއް  (މައްސަލައެއް) ގޮތަށް، އިންކުއަރީ (ހޯދައިބަލާ) ގޮތްތައް އަދ މިނޫނަސް އިންޓިގްރޭޓެޑް ޓީޗިން (ގިނަ މާއްދާތައް އެއްކޮށްގެން ކިޔަވައިދިނުން) ފަދަ ގޮތްތަކެވެ. މި ކިޔަވައިދިނުމުގެ ގޮތްތަކުގައި އެކުލެވޭ އެންމެ މުހިންމު ސިފަތަކަކީ ދަރިވަރުންގެ އުގެނުން ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ގޮތަށް، މާނަހުރި ކަންތައްތަކެއްގެ ތެރެއިން ދަރިވަރުންގެ  ރޯލް (ދައުރު) ބޮޑުވާނެހެން ކިޔަވައިދިނުން ރޭވުމެވެ.

އިސްވެދިޔަ ގޮތަށް ކިޔަވައިދިނުން ރޭވުމަށް އިރުޝާދު ދެއްވަމުން، ކެނެޑާގެ މަޝްހޫރު ކިޔަވައިދިނުމުގެ ތަޖުރިބާކާރެއް ކަމަށްވާ ޑަޔާނާ މުމްފޯރޑް (2000) ހާމަކުރައްވަނީ ތީމަކީ ކިޔަވައިދިނުމަށް ބޭނުންކުރެވޭ މުހިންމު ވެހިކަލެއް ކަމަށެވެ. މިބައި އިތުރަށް   ތަފުސީލު ކުރައްވަމުން ފާހަގަކުރައްވާ ގޮތުގައި  ކިޔަވައިދިނުން ރާވާއިރު ތީމެއް ބޭނުން ކުރުމުން ދަރިވަރުން އުނގެނެން ޖެހޭ ބައިތަކާއި، ތަރައްގީ ކުރަންޖެހޭ ހުނަރުތަކާއި، ލިބިގަންނަން ޖެހޭ ސިފަތަކާއި، އަދި ދަރިވަރުންގެ ކިބައިގައި އަށަގަންނަވަންޖެހޭ އިހުސާސްތަކާއި އެތައް ކަމަކަށް އަމާޒުކޮށްގެން ކިޔަވައިދިނުން ރޭވެއެވެ(މުމްފޯރޑް، 2000). މީގެ އިތުރުން ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ދަރިވަރުންގެ ތަޖުރިބާތަކާއި، އިހުސާސްތަކާއި، ޝައުގުވެރިވާ ކަންކަމާއި ދިރިއުޅުމުގެ ތަފާތު ކަންތައްތަކާއި ފަސޭހައިން ގުޅުވައިލައިގެން ގެންދެވޭ، އަދި ހަމަ އެހެންމެ ކުދިންނަށް މާނަ ހުރި ގިނަ ބާވަތެއްގެ ހަރަކާތްތައް ހިމަނައިގެން ކިޔަވައިދިނުން ރާވާ ގޮތެކެވެ (ކެމެރަން، 2001). މި ބުނުންތަކާ މެދު ވިސްނާއިރު ދޭހަވަނީ، ތީމް ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވުމަކީ ދަރިވަރުންނަށް ނުހަނު ބޭނުންތެރި ގޮތެއްކަމެވެ. އޭގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުން އިތުރު ކުރެވި، އުނގެނުމަކީ ހަރަކާތްތެރި އަދި ޝައުގުވެރި ކަމަކަށް ބަދަލުކޮށްލެވިދާނެ ކަމެވެ. މިގޮތުން ތީމެއްގެ މައްޗަށް ބިނާކޮށްގެން ފިލާވަޅު ގެންދާއިރު، އެތީމް ގުޅިގެންދަނީ ކިޔަވައިދޭ ހުރިހާ މަޢުލޫމާތުތަކާއި ހުނަރުތަކާއި ސިފަތަކާ ވެސް މެއެވެ. މިހެންކަމުން ދަރިވަރުން މަޢުލޫމާތެއް ހަދާންކުރަން، ނުވަތަ ކަމެއް ކުރާގޮތް ވިސްނާއިރު ވެސް ހިތަށް ގެނެވޭނީ އެބައިތަކެއްގައި ގުޅުވާލެވިފައިވީ ތީމެވެ. މިގޮތުން، ތީމަކީ އުނގެނުމުގެ ވެހިކަލެއް ކަމުގައި މުމްފޯރޑް (2000) އިޝާރާތްކުރައްވަނީ މި މާނައާ ގުޅުވައިގެންނެވެ.  ތީމް ބޭނުންކޮށްގެން ކިޔަވައިދޭއިރު ސަމާލުވާންޖެހޭ އެންމެ މުހިންމު ނުކުތާތަކަކީ ކިޔަވައިދިނުމުގައި ބޭނުންކުރާ ހުރިހާ ރިސޯސްތައް/މެޓީރިއަލް، އުނގެނުމުގެ ހަރަކާތްތައް، ގޯލްތައް/މަގުސަދުތައް، އަދި ވަޒަންކުރުމުގެ ގޮތްތައް ވާނީ ހުރިހާ މާއްދާތަކެއްގެ އެއްބައި އަނެއް ބައި ގުޅުވާލެވިފައެވެ. ވަކި މާއްދާއަކަށް ވަކި ގޯލެއް ނުވަތަ ވަޒަންކުރުމުގެ ވަކި ގޮތެއް ކަނޑައެޅިފައި އޮންނަން ވެސް ނުޖެހެއެވެ. އަޅުގަޑުމެންގެ ސްކޫލުތަކުގައި ތީމް ބޭނުންކޮށްގެން ކިޔަވައިދޭއިރު މިދެންނެވި އެއްކޮލެވޭ އެއްކޮށްލުން މާނަކުރެވޭ ގޮތް ތަފާތުކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ކޮންމެ މާއްދާއެއްގައި ވަކިން ގޯލު/މަގުސަދު ކަނޑައަޅައި އެ ކަންކަން ހާސިލުވޭތޯ ބެލުމަކީ އެންމެ ބޮޑަށް މުދައްރިސު ސަމާލުވާ ކަންތައް ކަމުގައި ފާހަގަކުރެވެއެވެ. އެއާ ޚިލާފަށް ބަލަންވީ މައިގަނޑު ހުނަރުތަކާއި، ހަރުލައްވަންޖެހޭ ސިފަތަކާއި، އެނގެންޖެހޭ މަޢުލޫމާތުތައް އެކީ އެކައްޗަކަށް ގުޅުވާލެވި ދަރިވަރަށް އެނގިފައިވާ މިންވަރު ދެނެގަނެވޭތޯއެވެ.

ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމަށް ތައްޔާރުވުން

ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ ވަކި މަރުހަލާއަކަށް ކިޔަވައިދޭން ބޭނުންކުރާ ގޮތެއް ނޫނެވެ. ކޮންމެ މަރުހަލާއެއްގައި ކިޔަވައިދިނަސް ދުރާލައި ތައްޔާރުވުމަކީ ތީމް ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާއިރު ސަމާލުކަންދޭން ޖެހޭ ކަމެކެވެ. މިކަމުގައި ވިސްނަން ޖެހޭ މުހިންމު އެއް ކަމަކީ، ގިނަ ފަހަރަށް ތީމް ބޭނުންކޮށްގެން ކިޔަވައިދިނުން ރާވާއިރު އެކި ދުވަސްތަކުގައި އޮންނަ ހަރަކާތްތައް/އިވެންޓްތައް ތަފާތުވާނެއެވެ. މިހެންކަމުން މިގޮތަށް ކިޔަވައިދޭއިރު މުދައްރިސުންގެ މެދުގައި މަޝްވަރާކުރެވި، ހުރިހާ އެންމެ އެއް އަމާޒަކަށް ގޯލް ކަނޑައަޅައި ފަރުވާތެރިކަމާ އެކު ރާވައިގެން ފަރުމާކުރެވިގެން ނޫނީ ބޭނުންވާ މަގުސަދުތައް އެންމެ އެދެވޭގޮތުގައި ހާސިލުކުރަން ދަތިވާނެއެވެ. ކޮންމެ މާއްދާއެއް ވަކިން ކިޔަވައިދިނުމާއި ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ހިމެނޭ އެންމެ ބޮޑު ގޮންޖެހުމަކީ އެއީއެވެ. މުމްފޯރޑް (2000) ލިޔުއްވާފައިވާ ގޮތުގައި ތީމް ބޭނުންކޮށްގެން އުނގެނުން ރާވާއިރު މައިގަޑު ހަތަރު ހަރުފަތަކަށް މުދައްރިސުން ސަމާލުވުން މުހިންމެވެ. މި ހަތަރު ހަރުފަތުގެ ކުރު ޚުލާޞާއެއް ހޫލަ1 ގައި ދެވިފައި އެވަނީއެވެ. މި ހަރުފަތްތަކުގެ ތަފުސީލު މިސާލާއެކު ހޫލައަށް ފަހު ހިމަނައިލާނަމެވެ.


ހޫލަ 1. ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ހަރުފަތްތައް

  1. ތީމެއް ކަނޑައެޅުން: މި ހަރުފަތުގައި ކުރެވޭނެ މަސައްކަތަކީ، އެއްކޮށްގެން ކިޔަވައިދޭ މާއްދާތަކުގެ މުދައްރިސުންގެ ބައްދަލުވުން ބާއްވައި ކޮންމެ މާއްދާއެއްގައި ހިމަނަން ޖެހޭ ބައިތަކާއި، ހާސިލުކުރަން ކަނޑައެޅިފައިވާ ގޯލްތަކާއި، ކަންތައްތައް ރަނގަޅަށް މަޝްވަރާ ކުރެވި ދަރިވަރުންގެ ޢުމުރާއި މިޒާޖާއި ޝައުގުވެރިކަމާ ގުޅޭނެ ފަދަ ތީމެއް ކަނޑައެޅުމެވެ. މިގޮތުން ތީމް ކަނޑައަޅާއިރު، އެދުވަސްވަރަކާއި ގުޅޭ ގައުމީ ނުވަތަ ބައިނަލް އަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ދުވަސްތަކާއި ގުޅޭގޮތަށް ވެސް ތީމު ނެގެއެވެ. ހަމައެގޮތަށް ދަރިވަރުންނާ ގުޅޭ ތަފާތު ބޮޑު އިވެންޓެއް ނުވަތަ ހަރަކާތެއް ރޭވޭފަދަ ތީމެއް ވެސް ނެގިދާނެއެވެ. މިސާލަކަށް ދިވެހިކާނާ، ދިވެހި ހެދުން، ގައުމީ ދުވަސް، ކުޑަކުދިންގެ ދުވަސް، ޢީދުފާހަގަކުރުން މިފަދަ ކޮންމެ މައުޟޫޢެއް ވެސް ތީމަކަށް ހެދިދާނެއެވެ. އަދި އޭގެ އިތުރުން އާދައިގެ މުހިންމު ބައެއް ތަކެތި ވެސް ތީމު ގޮތަށް ނެގިދާނެއެވެ. މިސާލަކަށް، ގަސް، ފަތް، ދޫނި، އަތިރިމަތި، ރުއް، ފަދަ ކޮންމެ ބާވަތެއްގެ ތީމެއް ވެސް ދަރިވަރުންގެ ޢުމުރާއި ގުޅޭ ގޮތަކަށް ތީމެއް ގޮތުގައި ބޭނުން ކުރެވިދާނެއެވެ. ޢަމަލީކޮށް މި ކަން ކުރެވޭ ގޮތަށް ބަލާއިރު ކޮންމެ ހަފުތާއަކު ކޯރޑިނޭޝަން ބައްދަލުވުމުގައި ތީމު ކަނޑައަޅައި ފިލާވަޅު ރޭވިދާނެއެވެ. މި ބައްދަލުވުމުގައި ތީމް ބޭނުންކޮށްގެން ކިޔަވައިދިނުން ގެންދާނެ ގޮތުގެ ހުރިހާ ތަފުސީލެއް ލިޔެ، ތަންފީޒީ މަރުހަލައިގައި ކުރާނެ ކަންތައްތައް ތަފުސީލުކޮށް، ވަކިވަކިން ބޭނުންވާނެ މެޓީރިއަލްތަކާއި، ކުރަންޖެހޭ ކަންތައްތަކާއި، ހޯދަންޖެހޭ ވަސީލަތްތަކާއި، ބެލެނިވެރިންނަށް އަންގަންޖެހޭ ކަމެއް ވާނަމަ އެކަންކަމާއި އަދި ދަރިވަރުންނަށް ދޭންޖެހޭ އިރުޝާދެއްވާ ނަމަ އެ އިރުޝާދުތަކާއި ހުރިހާ ތަފުސީލުތައް ހިމަނައިގެން ހަފުތާގެ ކިޔަވައިދިނުން ރޭވެއެވެ. އާންމު ގޮތެއްގައި މިއީ ވަރަށް ތަފުސީލާ އެކު ކޮލެބޮރޭޓިވް (ގިނަ މުދައްރިސުން ބައިވެރިވެގެން) ލިޔެވިފައި އޮންނަ ލެސަން ޕްލޭންއެކެވެ.
  2. ދުރާލާ ތައްޔާރުވުން: ކޯރޑިނޭޝަން ބައްދަލުވުމުގައި ލިޔެފައިވާ ތަފުސީލުތަކަށް ބަލައި ބޭނުންވާނެ ހުރިހާ އެއްޗެއް ހޯދައި، އަންގަންޖެހޭ އެންގުންތައް އަންގަންޖެހޭ ފަރާތްތަކަށް އަންގައި ކިޔަވާދިނުމަށް ބޭނުންވާނެ ހުރިހާ ވަސީލަތްތައް (އަސްލުތަކެތި، ލިޔުންތައް، ޓެކްނޮލޮޖީގެ ވަސީލަތްތައް އަދި އެހެނިހެން) ހަމަކޮށް ކުލާސްތެރެ ހުންނަން ވާގޮތް، ދަރިވަރުންގެ ކަންކަން ރާވާހިންގާނެ ގޮތް އަދި މިނޫނަސް ބޭނުންވެދާނެ ހުރިހާކަމަކަށް ކުރިޔާލައި ތައްޔާރުވުން ހިމެނެއެވެ.
  3. ރޭވިގޮތަށް ތަންފީޒު ކުރުން: މި ހަރުފަތަކީ ކިޔަވައިދިނުމުގެ ޢަމަލީ މަސައްކަތްތައް ހިނގާ ހަރުފަތެވެ. ކުރިން އިސްވެދިޔަ ދެ ހަރުފަތުގެ މަސައްކަތް ރަނގަޅަށް ގެންދެވިފައިވާނަމަ މިހަރުފަތަކީ ފަސޭހަކަމާ އެކު ކުރެވޭނެ ކަމެކެވެ. ދަރިވަރުންގެ އުނުގެނުމުގެ ހުރިހާ ހަރަކާތެއް ރޭވިފައިވާ ގޮތަށް، ތަންފީޒުކުރާއިރު އެންމެ ބޮޑަށް ސަމާލުވާން ޖެހޭނީ އުގެނުމަށް ފަހިވާ ގޮތަށް ވަޒަންކުރުމާއެކު، ހުރިހާ ދަރިވަރުންގެ ބައިވެރިވުން ހިމެނޭފަދަ ގޮތަކަށް ކަންތައް ތަންފީޒު ކުރުމަށެވެ.
  4. ކިޔަވައިދިނުން ގެންދެވުނު ގޮތް ވަޒަންކުރުން: މި ހަރުފަތަކީ ތީމް ބޭނުންކޮށްގެން ކިޔަވައިދިނުން ރޭވުނު އިރު ހާސިލު ކުރަން ބޭނުންވި ގޯލްތައް ހާސިލުވި މިންވަރާއި، ދަރިވަރުންގެ ބައިވެރިވުމާއި، ޝައުގުވެރިކަން ހިފެހެއްޓުނު ގޮތާއި، ކިޔަވައިދިނުމުގައި ރޭވި ހުރިހާ ކަމެއް ކުރެވުނު ފެންވަރު ބަލައި ރިވެލި ކޮށްލަން މުދައްރިސުންނަށް ލިބޭ ފުރުޞަތެކެވެ. ހަމައެއާއެކު، ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅު ކުރާނެ ކަންކަން ލިޔެ ހާސިލުކުރެވުނު ކާމިޔާބީތައް ފާހަގަކުރުންވެސް މިހަރުފަތުގައި ހިމެނެއެވެ.

އިސްވެދިޔަ ހަރުފަތްތަކުގައި ދެވިފައިވާ ތަފުސީލުތައް ކުލާސްރޫމުގައި ބޭނުންކުރާނެ ގޮތްތަކުގެ ތަފާތު މިސާލުތައް ޔޫޓުޔިބުގައި ވަރަށް ގިނައިން ދެވިފައިވެއެވެ.  މިފަދަ މިސާލެއް ބައްލަވާލެއްވުމަށް ދެވިފައިވާ ވީޑިއޯ އަށް ފިއްތަވާލައްވާށެވެ.

ތީމް ބޭނުންކޮށްގެން ކިޔަވައިދޭއިރު މުދައްރިސުންގެ ދައުރު

ތީމް ބޭނުންކޮށްގެން ކިޔަވައިދޭއިރު މުދައްރިސުގެ ރޯލުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކޯރޑިނޭޓްކުރުމާއި (ހުރިހަކަމެއް ފަސޭހަކަމާ އެކު ގެންދިއުމަށް އެކި މުދައްރިސުންގެ މެދުގައި ރަނގަޅަށް މުވާސަލާތުކުރުން) އަދި ފެސިލިޓޭޓް ކުރުމެވެ. (ކަންކަން ގެންދަންވާ ގޮތާ މެދު ދަރިވަރުންނަށް އިރުޝާދުދީ މަގުދެއްކުމެވެ.) ހަމަ މިއާއެކު ދިމާވެދާނެ ދަތިތަކާއި އުނދަގޫތަކާ މެދު ދުރާލައި ވިސްނައި ހޭލުންތެރިވެ، ބަދަލުގައި ކުރެވިދާނެ ކަންތައްތަކަށް ވެސް ކުރިޔާލާއި ތައްޔާރުވެ ސަމާލުވެ ހުރުން ވެސް މުދައްރިސުގެ ރޯލުގެ ތެރޭގައި ހިމެނެއެވެ. މިގޮތަށް ކިޔަވައިދިނުން ގެންދާއިރު ގިނަ ފަހަރަށް ތަފާތު އިވެންޓް/ހަރަކާތްތައް އެކި ދުވަހު ތަފާތުވުމުން މުދައްރިސުން ކުރަންޖެހޭ މަސައްކަތްތައް ވެސް އެކި ދުވަހު ތަފާތުވެއެވެ. ނަމަވެސް އުސޫލެއްގެ ގޮތުން އެންމެ މުހިންމު ދެ ރޯލަކީ ކުރިން ވެސް ދެންނެވުނު ފަދައިން ކޯރޑިނޭޓް ކުރުމާއި ފެސިލިޓޭޓް ކުރުމެވެ.

ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމުން ދަރިވަރުންނަށް ލިބޭނެ ފައިދާތައް

ތީމް ބޭނުންކޮށްގެން ކިޔަވައިދޭނަމަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު، ހަރަކާތްތެރި، ޝައުގުވެރި އަދި އެންމެން ބައިވެރިވެގެން ކަންތައްތައް ކުރެވޭ މާހައުލަކަށް ބަދަލުވެއެވެ. ހަމަ މިއާއެކު، އުނގެނުމަކީ މަޖުބޫރުވެގެން ކުރާކަމެއްގެ ބަދަލުގައި އޭގައި އެކުލެވޭ އުނގެނުމުގެ ތަޖުރިބާތައް ދަރިވަރުންނަށް މާނަހުރި ދިރިއުޅުމުގެ ކަންކަމާ ގުޅޭ އަދި އެހާމެ މަޖާ، ޢަމަލީކަންތައްތަކަށް ބަދަލުވެއެވެ. ހަމަ މިބީދައިން، ދަރިވަރުގެ އުނގެނުމުގައި އެންމެން އެއްކޮށް ކުރާ މަސައްކަތެއް ކަމުގެ އިހުސާސް ބޮޑުވެ އުނގެނުމަށް އޮންނަ ފޯރިއާއި ޝައުގުވެރިކަން ބޮޑުވުން ހިމެނެއެވެ. ތީމު ބޭނުންކޮށްގެން ކިޔަވައިދޭއިރު މުދައްރިސުގެ އިތުރުން ބެލެނިވެރިންނަށް ވެސް ދަރިންގެ އުނގެނުމުގައި ބައިވެރިވުމުގެ ފުރުސަތުތައް އިތުރުވެ، ދަރިވަރުގެ ސްކޫލުގެ މާހައުލާއި ގޭގެ މާހައުލު ގުޅުން ރަނގަޅުވެއެވެ. މީގެ މިސާލަކީ، ތީމް ބޭނުންކޮށްގެން ކިޔަވައިދޭއިރު، ވަރަށް ގިނަ ފަހަރަށް މަހެއްގެ ތެރޭގައި އެއްދުވަހަކީ ކޮންމެސް އިވެންޓެއް ނުވަތަ ބޮޑު ހަރަކާތެއް ގޮތަށް ރޭވޭ ދުވަހަކަށް ހެދިދާނެއެވެ. އަދި އެކަމުގެ ސަބަބުން މުދައްރިސުންނާއި، ދަރިވަރުން އަދި ބެލެނިވެރިން އެކަމުގައި އެއްކޮށް ބައިވެރިވުމަށް ފުރުސަތު ދެވެއެވެ. މިފަދަ ކަންކަމަކީ ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާތައް ދެމެހެއްޓެނިވި ގޮތަކަށް ގެންދިޔުމަށާއި އެކުދިންގެ ދުޅަހެޔޮ ކުރިއެރުމަށް އެހީތެރިވެދޭނެ ކަންކަމެވެ.

ތީމް ބޭނުންކޮށްގެން ކިޔަވައިދިނުމަކީ އަޅުގަޑުމެން މުދައްރިސުން އަދި އެހާ ބޮޑަށް އަހުލުވެރި ފަރިތަ ގޮތްތަކެއް ނޫންކަމުން މިގޮތަށް ކިޔަވައިދިނުމުގައި ދިވެހިރާއްޖޭގައި ހުރެދާނެ ގޮންޖެހުންތަކަކާއި ދަތިތަކަކީ ދިރާސާކުރުން މުހިންމު މައުޟޫޢެކެވެ. ގަބޫލުކުރަން ޖެހޭ ހަޤީޤަތަކީ، މިހާރުގެ ދިވެހިރާއްޖޭގެ ކަރިކިއުލަމުގައި ކަނޑައެޅިފައިވާ ގާބިލިއްޔަތުތައް ހާސިލުވާނީ މިވާހަކަ ކޮޅުގައި އިޝާރާތް ކުރެވިފައި މިވާ ތީމް ބޭނުންކޮށްގެން ކިޔަވައިދިނުން ފަދަ އުސޫލުތަކާއި އަދި ކިޔަވައިދިނުމުގެ ފަހުގެ ފިލޯސަފީތައް ތަންފީޒުކޮށްގެންނެވެ. މިފަދަ ކިޔަވައިދިނުމުގެ ގޮތްތަކަށް އަޅުގަޑުމެންގެ މުދައްރިސުން ފަރިތަވެ، އަހުލުވެރިވާ މިންވަރަކުން މިހާރުގެ ކަރިކިއުލަމަކީ ތަންފީޒު ކުރަންފަސޭހަ އެއްޗަކަށް ހެދިދާނެއެވެ. މުދައްރިސުންގެ އެންމެ ބޮޑު އެއްޝަކުވާއަކީ މިހާރުގެ މަންހަޖުގައިވާ ގާބިލިއްޔަތުތައް ހާސިލުވިތޯ ނޫންތޯ ކަށަވަރު ކުރާނީ ކިހިނެއްކަން ސާފުކޮށް އެނގެން ނެތުމެވެ. މިކަން މިގޮތަށް ދިމާވާ އެއް ސަބަބކީ، ޢާއްމުކޮށް މި ކިޔަވައިދޭ ޓްރެޑިޝަނަލް (ގަދީމީ) ކިޔަވައިދިނުމުގެ ގޮތްތައް ބޭނުންކޮށްގެން ކަނޑައެޅިފައިވާ ގާބިލިއްޔަތުތައް ހާސިލުކުރަން ދަތިވުމެވެ. އަޅުގަނޑު އުއްމީދު ކުރަނީ، މިއަދުގެ ވާހަކަ ކޮޅުގައި ވެސް ހިމަނާލެވުނު ޚިޔާލުތަކާ މެދު ފުންކޮށްވިސްނާ މިފަދަ ގޮތްތައް ކިޔަވައިދިނުމުގައި ތަންފީޒުކުރުމުގެ ޝައުގުވެރިކަން ހުންނަ ބަޔަކަށް މުދައްރިސުންވުމެވެ.

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

3 ޚިޔާލު

  1. އަހުމަދު ތިޔަ ވިދާޅުވިހެން... ވަކި ވަކި މާއްދާތައް ވަކިކޮށްލައިގެން ކިޔަވައިދޭ ސަގާފަތް ހަގީގަތުގައިވެސް ބަދަލު ކުރަން އެބަޖެހެއެވެ. އަޅުގަޑުމެންގެ ސްކޫލުތަކުގެ ހުރިހާ ބޭފުޅުންގެ ވިސްނުން ވެސް މިގޮތަށް ބަދަލުވަނިކޮށް އެކަން ތަންފީޒު ކުރުން ފަސޭހަވެގެން ދާނެ ކަމަށް ފެނެއެވެ. މުދައްރިސުންގެ ޕީޑީ އަކީ މިފަދަ ކަންކަމާއި ގުޅޭ އެކްޝަންރިސާރޗް ތަކުގައި ބައިވެރިވެގެން މިވިސްނުމަށް ހޭލުންތެރިވެ، ޢަމަލީކޮށް ކަންތައްތަކެއް ކޮށްގެން އެފަދަ ކިޔަވައިދިނުމުގެ ފިލޯސަފީގެ ފައިދާތަކާއި، މުދައްރިސުންގެ ކުރިއެރުމަށްވެސް އަދި ހަމައެހެންމެ ދަރިވަަރުންގެ އުނގެނުމަށް ހުރި ބޭނުންތެރިކަން ފެންނަން ފެށުމުން ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލު ކުރެވިދާނެއެވެ. އަޅުގަޑުގެ ވިސްނުމުގައި، މިނިސްޓްރީއިން ސްކޫލު ރިސާރޗް ބާވާތުގެ ޕީޑީ ހިންގަން ރާވައިފިނަމަ ވަރަށް ބޮޑު ހެޔޮ ބަދަލުތައް ފެންނާނެއެވެ. ކޮމެންޓް ކިޔަލާފައި ހަމަ އަޅުގަޑުގެ ވެސް ޚިޔާލު ހުށަހަޅައިލާ ހިތްވީއެވެ. ޝުކުރިއްޔާ 🙂

  2. ވިދާޅުވެފައިވާ ފަދައިން ތީމެއްގައި ކިޔަވައިދިނުން ދިވެހިރާއްޖޭގައި ގެންދެވިދާނޭ ގޮތްތަކާމެދު ދިރާސާކުރާން ޖެހެއެވެ. ޕްރީސްކޫލުން ފެށީގެން 12 އާހަމައަށް ވަކި ވަކި ވަކިމާއްދާ ވަކި ވަކި ވަކި މުދައްރިސުން ކިޔަވައިދިނުން ދިވެހިރާއްޖޭގައި ވަނީ މިހާރު ސަގާފީކަމަކަށް ވެފައެވެ. މިސަޤާފަތުގައި ހިފަހައްޓައިގެން ތިބެ ތީމެޓިކް ނުވަތަ އޮޓަމެޓިކް އެޕްރޯޗެއްގައި ކިޔަވައިދޭންވެސް ދަތި ވެދާނެއެވެ. ރާއްޖޭގެ ސްކޫލް ތަޢުލީމް 1980ގެ އަހަރުތަކުގައި ޢާންމުވެގެންއައި އިރު ޕްރީ ސްކޫލާއި ޕްރައިމްރީގައި ހުރިހައި މާއްދާއެއް ކިޔަވައިދިނީ އެންމެ މުދައްރިސެކެވެ. އެއް މުދައްރިސަކު ހުރިހައި މާއްދާއެއް ކިޔަވައިދޭނަމަ ތީމެޓިކުކޮށް އޮޓަމެޓިކުކޮށް ކިޔަވައިދޭން ފަސޭހަވާނެކަމަށް ފެނެއެވެ. މުޅި ނިޒާމު މިވަނީ އެފުށް މިފުށަށް ޖެހިފައެވެ. ހެޔޮފުށަށް ޖަހައިގެން ނިޒާމު ރަނގަޅަށް ހިންގާން ޑޮކްޓަރ ޝާފިޔާފަދަ ބޭބޭފުޅުންގެ ފިކުރާއި ޚިޔާލު މި ޤަުމަށް އެބަ ބޭނުންވެއެވެ. ނަމަވެސް ސުވާލަކީ އެފަދަ ފިކުރެއް ދޭނީ ކޮން ފޯރަމެއްގައިތޯއެވެ. އެ ފިކުރު ބަލައި ގަންނާނީ ކޮން ބަޔަކުތޯއެވެ. އެ ފިކުރު ތަންފީޒުކުރާނެ ބަޔަކު ވާނެ ބާވައެވެ.
    މުދައްރިސުން ތިބީ ބައިބައި ވެފައެވެ. ޕްރިންސިޕަލުން ތިބީ ބަިބައި ވެފައެވެ. މައިންބަފައިން ތިބީ ހިނގާނޭ ރަނގަޅުމަގު ބޭނުންވެފައެވެ. ގައުމު އޮތީ ޚަރަދުކުޑަ ތަޢުލީމީ ނިޒާމަކަށް ގޮވަގޮވައެވެ. ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުވޭނޭ ތަޢުލީމީ ނިޒާމަކަށް ގޮވަގޮވައެވެ. އަވަށްޓެރީންނާއި ހުޅަނގުން ބޭނުންވަނީ ދިވެހި ތަޢުލީމީ ނިޒާމު އެމީހުންގެ އަޅުވެތިކަމުގައި ދާއިމަށް ބޭއްވުމަށެވެ. އެމީޖުންނަށް ޖިޒީދީދީ އޮންނަ ނިޒާމެއްގެ ގޮތުގައި ބޭއްވުމަށެވެ.
    ވީމާ ވިސްނަމާ ހިނގާށެވެ. އަޅާނޭ ފިޔަވަޅެކެވެ. ފިޔަވަޅު ތަކެކެވެ. ސީދާ މަގަށެވެ. ޚަރަދު ބަރަދު ކުޑަ ބިނާކުރަނިވި އުފެއްދުންތެރި ނިޒާމަކަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.