ރިޔާސީ ކޮމިޝަންގެ ޤާނޫނާއި ރައިސުލް ޖުމްހޫރިއްޔާ އުފައްދަވައިފައިވާ ދެކޮމިޝަން ވެސް އުވާލަން މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. ރައީސް ނަޝީދު ވިދާޅުވީ އެޤާނޫނާއި ދެކިމިޝަން އޮތުމުގެ ބޭނުމެއް އޮތްކަމަށް މިހާރު ދެކެވަޑައި ނުގަންނަވާކަމަށެވެ.
ރާއްޖޭގައި ހިނގާފައިވާ ބޮޑެތިމަރުތަކާއި ގެއްލުވައިލައިފައިވާ މީހުންގެ މައްސަލަތަށް ބެލުމަށް އުފައްދައިފައިވާ ކޮމިޝަނާއި ކޮރްޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަށް ޤާނޫނުގައި ބުނާ މަސައްކަތް ކުރެވުނުކަމަށް ޤަބޫލުފުޅު ނުކުރެއްވޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ރައީސް އުފައްދައިފައިވާ ދެކޮމިޝަން އޮތުމުން ކުރެވެނީ ބޭކާރު ޚަރަދުތަކެއްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެއް ގޮތަކީ ޤާނޫނުވެސް އުވާލުން އަދި ދެ ކޮމިޝަންވެސް އުވާލުން. އަޅުގަނޑު ހިތަކަށް ނުވަދޭ މިދެ ކޮމިޝަން އޮތުމުގެ ބޭނުމެއް އޮތް ކަމަކަށް. އަޅުގަނޑުގެ ބުއްދިއަކީ އެ ތަންތަނަށް (ކޮމިޝަންތަކަށް) ބޭކާރު ބޭނުން ނެތް ޚަރަދު ޚާއްޞަ ކޮށް ކޮވިޑްގެ ދަތީގައި ކުރުމުގެ އެއްވެސް ބޭނުމެއްނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވީ، އަޑީ ދައުލަތުގެ ޙަޤީޤަތް ހޯދުމަށް ގޮވައިލައި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސަށް ފަހު ވާހަކަ ދައްކަވަމުންނެވެ. ޖާބިރުގެ ކުއްލި މައްސަލަ ހުށަހެޅުއްވުމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ ކޮމިޝަނުން އެކުލަވާލި ޑޮކްޓަރ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ރިޕޯރޓާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ އެ ރިޕޯޓު ހިއްސާ ކުރައްވައިފައި ވާނެ ކަމަށެވެ. އަދި މަޖިލިހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އެ ރިޕޯޓު ދިރާސާ ކުރުމަށްފަހު ރިޕޯޓެއް އެކުލަވާލާ މުއައްސަސާ ތަކަށް ސިޓީ ފޮނުވާފައި ވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އޭގެ ނަތީޖާއެއް ނުފެންނަ ކަމަށެވެ. ތަޙްޤީޤެއްވެސް ކުރިއަށް ދާތަން ނުފެންނަ ކަމަށެވެ. ނަތީޖާ ނެރުމަށް ހަވާލު ކުރެވިފައި ވަނީ ވަޒީރުންނާ ކަމަށް ވާއިރު، ވަޒީރުން މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ.