އެމްޑީޕީން އިދިކޮޅު ޕާޓީތަކުގެ ބޮލަށް އަރަން ފަށައިފި: ޑރ. ޚަލީލް

އެމްޑީޕީން އިދިކޮޅު ޕާޓީތަކުގެ ބޮލަށް އަރައިގަންނަ މަންޒަރު ފެންނަން ފަށައިފި ކަމަށް ޕީޕީއެމްގެ ސެކްރެޓަރީޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީގައި ރައީސް ނަޝީދު ވާދަކުރައްވާނެ ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އޭނާ ވަނީ އިދިކޮޅު ޕާޓީތަކާ ސުވާލެއްވެސް ކުރައްވައިފިއެވެ.

"އިދިކޮޅު ޕާޓީތައް އަދިވެސް ހަމަ އެމްޑީޕީގެ އަވައިގައި ޖެހިގެން ތިބެނީތަ؟ ބޮލަށް އަރާ މަންޒަރު މިދަނީ ފެންނަމުން،" ޑރ. ޚަލީލުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ކުރައްވައިފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއް ކެންޑިޑޭޓަކު ކަމަށެވެ. ކެންޑިޑޭޓު ކަނޑައަޅާނީ ޕާޓީތަކުގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

"ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ޕާޓީތަކުން ނެރޭނީ އެއްކެންޑިޑޭޓު. އެ ކެންޑިޑޭޓު ކަނޑައަޅާނީ ވަކިޕާޓީތަކުގެ ޕްރައިމަރީއަށްފަހު. އެމްޑީޕީގެ ޕްރައިމަރީގައި އިރާދަކުރެއްވިއްޔާ އަޅުގަނޑު ބައިވެރިވާނަން. އަދި އެ ޕްރައިމަރީގައި އަޅުގަނޑުގެ ކެންޕޭން މެނޭޖަރަކީ ހިތަދޫ އުތުރު އެމްޕީ އަސްލަމް،" ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ޚަލީލް ވިދާޅުވެފައިވަނީ މިއިން ދައްކުވައިދެނީ އެއްކެންޑިޑޭޓަކު ނެރުމަށް ދައްކާ ވާހަކަތަކުގައި އެމްޑީޕީ ލީޑަރޝިޕްގައި ވާދަވެރި ކަމެއްނެތްކަން ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.