މުޞްޙަފް - 62

(9 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބިލްގީސް ދިޔައީ ޕާކުގެ ހަނި މަގުތަކުން ގޮނޑި ދުއްވަމުންނެވެ. ވިނަގަނޑުމަތީގައި ކުޑަކުދިން ކުޅެން އުޅެއެވެ. ކުއްޖަކު މަންމަގެ އަތުގައި ހިފައިގެން ހިނގާފައި ދާތަންވެސް އެބަފެނެއެވެ. ކޮންމެ ކުއްޖަކުވެސް މެހެމަލަށް ފެންނަނީ ތައިމޫރްގެ ސިފައިގައެވެ.

"މެޑަމް. ތައިމޫރް ކުރިއަކުން އެހެންނެއް ނޫން. އެއީ ވަރަށް ރަނގަޅު ކުއްޖެއް. ބޮޑާހޭކުމާއި ރުޅިގަދަވުން ފެށިގެން އުޅޭތާ އަދި ވާނީ އަހަރެއްހައި ދުވަސް. ސާހިބުވެސް އެކުއްޖާފުޅަކާ އަޅައެއް ނުލައްވާ. އިހަށް އެއީ ތުއްތު ކުއްޖެއް. މިހާރު އެހެރަ އަންނަނީ ބޮޑުވަމުން. ބުއްދިވެރިވެސް ވާން ފަށައިފި. ހުރިހައި ކަމެއް އެނގޭ ވަރު ވެއްޖެ. އެހެންވީމާ ކަންކަމާ ރުޅި އަންނަގޮތް ވަނީ."

"ބިލްގީސްގެ ސާހިބަށް ވެގެން އުޅެނީ ކީއް؟ އޭނާ އެ އުޅޭ ގޮތަކަށް އުޅެނީ ކީއްވެގެން؟"

"އަޅުގަނޑަކަށްވެސް ނޭނގޭ. ކުރީކޮޅު މެޑަމްގެ ކަންތައްތަކަށް ވަރަށް ސަމާލުކަން ދެއްވި. އެކްސިޑެންޓު ވީތާ ހަތަރު އަހަރު ވީތަނާ ސާހިބުގެ ޑިއުޓީ ކަރާޗީއަށް ބަދަލުކުރި. ކަރާޗީގައި އަހަރަކާއި ތިންމަހު ހުންނެވި އެތަނުން އެނބުރި ވަޑައިގަތް ފަހުން ބަދަލު ވެއްޖެ. އެނބުރި ވަޑައިގެންނެވިތާ މިހާރު ދޮޅު އަހަރު ވެއްޖެ. މިހާރަކަު މެޑަމްއަކާވެސް ތައިމޫރަކާވެސް އަޅައެއް ނުލައްވާ."

"ބަދަލުވާ ކަހަލަ ކަމަކަށް ކަރާޗީގައި ވީ ކީއް؟" މެހެމަލް އަހައިލިއެވެ.

"އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނޭނގޭ. އެކަމަކު..." އޭނާގެ އަޑުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ. "ސާހިބު ކަރާޗީއަށް ވަޑައިގަތުމުގެ ދެ ހަފުތާއެއްހައި ދުވަސް ކުރިން މެޑަމްގެ ގޭގެ މީހަކު އައި. އަޅުގަނޑު ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެމީހާޔާ ސާހިބާ ވަރަށް އަރައިރުންވި."

"ކާކު؟ ކާކު އައީ؟" އޭނާ ބިލްގީސްގެ މޫނަށް ބަލައިލިއެވެ.

"މެޑަގެ ތިމާގެ މީހަކު އެއްގޮތަކަށްވެސް ނާދޭ. އެ ދުވަހު ކުއްލިއަކަށް ގެއިން މީހަކު އައީމާ އަޅުގަނޑު އެކަން ހަނދާން ހުރީ. އެއީ މެޑަމްގެ ބޮޑުބޭބެގެ ދަރިއެއް."

"ކާކު؟ ފަވާ... ފަވާދް؟" އޭނާގެ ހިތް ބާރަށް ތެޅިގަތެވެ.

"މެޑަމް. އަޅުގަނޑު ހުރީ ބަދިގޭގައި. އަރައިރުންވީ ކޮން ކަމަކާ ކަމެއް އަޅުގަނޑަކަށް ނޭނގޭ. ކޯޓުގެ ވާހަކައާއި ސަރިއަތެއްގެ ވާހަކަވެސް ދައްކާ އަޑު އިވުނު. މެޑަމްގެ ނަން ކިޔާއަޑުވެސް އިވުނު. ފަހުން ސާހިބް ފަރިޝްތޭ މެޑަމަށް ގުޅުއްވައިގެން ގެންނެވީ. ފަރިޝްތޭ މެޑަމް އެއްޗެކޭ ވިދާޅުވި ކަމެއް ނޫން ކަމެއް އަޅުގަނޑަކަށް ނޭނގޭ. އެ އަޑެއް ނާހަން. މެޑަމްގެ ގެއިން އައި މީހާ އިރުކޮޅަކުން ހިނގައްޖެ. ދެން ސާހިބު ފަރިޝްތޭ މެޑަމްއާ ދިމާއަށް ވަރަށް އެއްޗެހި ކިޔުއްވި. އަޅުގަނޑު ކާން ހަދާފައި ފަރިޝްތޭ މެޑަމްއަށް ދަންނަވަން ކޮޓަރިއަށް ދިޔައިރު ހުންނެވީ ސާމާނު ފޮށްޓަށް އަޅުއްވަން. އޭރުވެސް ކީރިތި ކުރައްވާ. އަޅުގަނޑު ސުވާލުކުރީމާ ވިދާޅުވީ ވަޑައިގަންނަވަނީއޭ. ކޮން ތަނަކަށްތޯއޭ ދެންނެވީމާ ވިދާޅުވީ ނޭނގެއޭ. އަނެއް ދުވަހު ރަޝީދު ބުނީ ސާހިބު އަމިއްލަފުޅަށް އެދިވަޑައިގެން ކަރާޗީއަށް ބަދަލުވެވަޑައިގަންނަވަނީއޭ. ދެން ސާހިބު ފުރާވަޑައިގެންފި. ފަރިޝްތޭ މެޑަމް މަޑުކުރެއްވީ އެހެން ވެގެން."

މެހެމަލް ހިމޭނުން އަޑުއަހަން އިނީއެވެ. އޭނާގެ ޣައިރު ހާޒިރުގައި ހާދަހާ ގިނަ ކަންތައްތަކެއް ހިނގައިފިއެވެ. ހުމާޔޫން އޭނާޔާ ދެކޮޅުވެރި ކުރުވީ ފަވާދް ހެއްޔެވެ؟ ފަރިޝްތޭ ރުއީ އޭނާޔާ ދިމާއަށް އަނެއްކާ ކީކޭ ކިޔައިގެން ބާވައެވެ؟ އެއީ ވަރަށް ހިތްވަރުގަދަ ކުއްޖެކެވެ. އެހައި ފަސޭހައަކުން ނުއެއް ރޯނެއެވެ. ފަރިޝްތޭ ރުއިތަނެއް އޭނާ ނުދެކެއެވެ.

"ޔާ ﷲ!" އޭނާ ދެއަތުން ބޮލުގައި ހިފަހައްޓައިލިއެވެ.

އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ސުވާލު ކުރާނީ ކާކާ ހެއްޔެވެ؟ ފަރިޝްތޭ ނުއެއް ބުނާނެއެވެ. ހުމާޔޫންގެ އެއްވެސް އުއްމީދެއް ނެތެވެ. ތައިމޫރް އޭނާ ފެންނަ ހިސާބަކަށްވެސް ނާންނާނެއެވެ. އެހެންވީމާ... ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

"ކެތްތެރިކަމާއި ނަމާދުގެ އެހީތެރިކަން..."

އޭނާގެ ހިތުގެ އަޑިން ބުނެލީ އަޑު އިވުނެވެ.

ބިލްގީސް މިހާރު ވާހަކަ ދައްކަނީ ޕާކުން ދިމާވީ އޭނާގެ އެކުވެރިޔަކާއެވެ.

މެހެމަލް މުޞްޙަފް ނަގައިފިއެވެ. އޭނާ ގެއިން ނުކުންނަނީ އަބަދުވެސް އެ ފޮތް ހިފައިގެންނެވެ. ކިޔަވާތަނުގައި އޭނާ ފާހަގައެއް ލައިފައި އޮވެއެވެ. އެތަނުން ހުޅުވައިގެން ކިޔަވަން ފަށައިފިއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އެކަންކަން ފާޅުކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް އުނދަގޫވެ، ނުރުހުންވާނޭ ކަންކަމާމެދު ތިޔަބައިމީހުން ސުވާލުނުކުރާށެވެ." (އަލްމާއިދަތު ސޫރަތުގެ 101 ވަނަ އާޔާތުގެ ބައެއް)

އޭނާގެ ސިކުނޑިއަށް ކުޑަ ލޮޅުމެއް އެރިއެވެ. އެހެންނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި ސަމާލު ވެގެންފިއެވެ.

"މިއީ ފާލުބަލާ ފޮތެއް ނޫނެވެ. އެހެންވީމާ ފާލުބެލުމާ ގުޅޭ ކަހަލަ ސުވާލު ކުރުމަކީ މަނާ ކުރެއްވިގެންވާ ކަމެކެވެ."

އޭނާ މަޑުމަޑުން ކިޔަވާން ފަށައިފިއެވެ.

ވިދިގެން އޮތް އާޔަތަކީ މުޅީން އެހެން ވާހަކައެއް އޮތް އާޔަތެކެވެ. އޭނާގެ ވިސްނުމާ ދުރަށް މުޅީން އެހެން ދިމާއަކަށް މިސްރާބުވެފައި އޮތް އާޔަތެކެވެ. އޭނާގެ ސިކުނޑިއަށް ހަމަޖެހުން ވެރިވެއްޖެއެވެ. ކަންތައް ހިނގައި ދިޔައީ ކޮންމެ ގޮތަކަށް ކަމުގައި ވިޔަސް އޭނާއަށް އޮތީ ކެތްކުރުމެވެ. ކޮންމެވެސް ދުވަހަކުން ހުރިހައި ކަމެއް ބޭޒާރުވާނެއެވެ. އެކަމާ ކަންބޮޑުވާނޭ ކަމެއް ނެތެވެ.

މެހެމަލް މަޑުމަޑުން ކިޔަވަމުން ދިޔައެވެ.

* * *

މެންދަމުން އަލިވެ ދޭއް ޖަހައިފިއެވެ. ހުމާޔޫން އަދިވެސް ގެއަކަށް ނާދެއެވެ. އޭނާ ކަންބޮޑުވެފައި ފެންޑާގައި އިނެވެ. އިރުއިރުކޮޅާ ފާރުގައި އޮތް ގަޑިއަށް ބަލައިލެވެއެވެ. ދެން ބަލައިލެވެނީ ދޮރާ ދިމާއަށެވެ. ގަޑީގެ ކަށި ހިނގަމުން ދިޔައެވެ. އެކަމަކު ދޮރެއް ނުހުޅުވެއެވެ. ބޭރުގައި އޮތީ ހަމަހިމޭންކަމެވެ.

އޭނާގެ ހިތުގައި އެކި ކަހަލަ ވަސްވާސް އުފެދެން ފަށައިފިއެވެ. ހުމާޔޫން އަނެއްކާ ރަނގަޅު ބާވައެވެ؟ އަންނަނިކޮށް ކާރު ހަލާކުވީ ނޫންބާވައެވެ؟ ކޮންމެވެސް މުސީބާތެއް ލައިގަތީކީ ނޫންބާވައެވެ؟ އެއްވެސް އިޚްތިޔާރަކާ ނުލައި އޭނާއަށް ހެޔޮ ދުޢާ ކުރެވޭން ފަށްޓައިފިއެވެ.

އެވަގުތު ކާރުގެ ބަރުގޮނުގެ އަޑު އިވިއްޖެއެވެ. ދެން އިވުނީ ދޮރާށި ހުޅުވި އަޑެވެ. އޭނާ ބަލަހައްޓައިގެން އިނީއެވެ.

އެ އިވެނީ ފިޔަވަޅުގެ އަޑެވެ. ދެން... ދޮރު ހުޅުވައިފައި ހުމާޔޫން ވަދެއްޖެއެވެ. އަތުގައި ތޮތްޕާއި ދަނޑިބުރި އޮތެވެ. ހުރީ ޔުނިފޯމުގައެވެ. ދޮރު ލައްޕައި ތަޅުލުމަށް ފަހު އެނބުރި ދެތިން ފިޔަވަޅެއް ކުރިއަށް އެޅިތަނާ މެހެމަލް ފެނިފައި ހުއްޓިއްޖެއެވެ. މޫނުމައްޗަށް ނުރުހުމުގެ އަސަރާ އެކުލެވިފައިވާ ހައިރާންކަމެއް ވެރިވިއެވެ.

"މިތާގައި ކީއްކުރަނީ؟"

"އައްސަލާމް ޢަލައިކުމް... ހުމާޔޫންގެ އިންތިޒާރުގައި އިނީ. މާ ލަސްވެއްޖެއެއްނު؟" މެހެމަލް މަޑުމަޑުން ބުނެލިއެވެ.

"އަހަރެން އަވަހަށް އަޔަސް، ލަހުން އަޔަސް އަހަންނަށް އިންތިޒާރު ކުރާނެ ކަމެއް ނެތް."

ހުމާޔޫންގެ ވާހަކަ އޭނާ އަޑުއެހީ ކެތްތެރިކަމާ އެކީގައެވެ. އަނެއްކާވެސް މަޑުމަޑުން ބުނެލިއެވެ. "މާ ލަސްވީމާ ކޮންމެވެސް ކަމެއްވީ ކަމަށް ހިތައި ކަންބޮޑުވެގެން..."

"އަހަރެން މަރެއް ނުވޭ. ކުރަން ޖެހޭ ކަންތައްތައް މަދެއް ނޫން. މީގެ ފަހުން އަހަރެން އަންނައިރު މިތާގައި އިންދާ ފެނިއްޖެއްޔާ ދެން ގެއަކަށް ނާންނާނަން. މެހެމަލް. ﷲ އަށްޓަކައި... އަހަރެން އުޅޭ ގޮތަކަށް އުޅެން ދޫކޮށްލާ." ހުމާޔޫން ބާރަށް ހިނގާފައި ސިޑިން އަރައިގެން ހިނގައްޖެއެވެ.

މެހެމަލް ކެތްތެރިކަމާއެކު ކަރުނަ އެތެރެއަށް ހިންދައިލިއެވެ. ލޮލުގެ ކުރިމަތީން ހުމާޔޫން އޮބައިލުމާއެކު އޭނާ ކޮޓަރިއާ ދިމާއަށް ގޮނޑި ދުއްވައިލިއެވެ.

އޭނާއަކީ މީގެ ކުރީން ނުލާހިކު ލޯބިން އެކީގައި އުޅުނު އަނބިމީހާކަން ހުމާޔޫނަށް އަދި ހަނދާން ވާނެއެވެ. އެކަން އިހުސާސް ކުރެވުނީމާ އެނބުރި އަންނާނެއެވެ. އޭނާއަށް ޔަގީނެވެ. އެ ޔަގީންކަމުގެ އެހީގައި އޭނާ ހިތުގައި އުފެދުނު ވޭން މައިތިރިކޮށްލިއެވެ.

* * *

މިއަދު އަނެއްކާވެސް މެހެމަލް ބިލްގީސާއެކު ބޭރަށް ނުކުމެއްޖެއެވެ. މޫސުން ވަރަށް ހިތްފަސޭހަ ވެފައި ރަނގަޅެވެ. އެކަމަކު މޫސުމުގެ ރަނގަޅުކަމުގެ ސަބަބުން އޭނާގެ ނުކުޅެދުންތެރިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ބިލްގީސް ގެންދިޔައީ ހުއްޓާނުލައި އަނގަތަޅަމުންނެވެ. އެކަމަކު އޭނާއަކަށް އެއިން އެއްވެސް ވާހަކައެއް ނީވެއެވެ. ހަމަޖެހިލައިގެން އިނދެ އޭނާ ގެންދިޔައީ ވަށައިގެން ފެންނަ މަންޒަރުތައް ބަލަމުންނެވެ. އެ ހިމޭންކަމާއި މަޑުމައިތިރިކަން މަޑުމަޑުން ގޮސް އޭނާގެ ޝަޚްސިއްޔަތުގެ ބަޔަކަށް ވެގެން ދަނީއެވެ.

"ބިލްގީސް. އަހަރެންގެ ގެއަށްދާ މަގު ދަންނަމުތަ؟" ކުއްލިއަކަށް ކުރެވުނު ޚިޔާލަކާއެކު މެހެމަލް އަހައިލިއެވެ.

"ނުދަންނަން. އަޅުގަނޑު ދުވަހަކުވެސް އެގެއަކަށް ނުދަން."

"އެހެންތަ؟ އަހަރެން ދަންނަން. އަހަރެން ގޮވައިގެން އެ ގެއަށް ހިނގާ."

"ހިނގާފައިތޯ؟" ބިލްގީސް ހައިރާން ވެފައި އަހައިލިއެވެ.

"އާނ. އެއީ މާ ދުރެއް ނޫން. ގެއިން މި ޕާކާ ހަމައަށް މިއޮތް ރާސްތާއަކަށްވުރެ ދުރެއް ނުވާނެ. އަހަރެން ކުރިން ގޭގައި ހުރެފައި މިސްކިތަށް ބައެއް ފަހަރު ހިނގާފައިވެސް އަންނަން." އޭނާގެ ހަނދާނަށް ކުއްލިއަކަށް އައީ ވަސީމާއި އޭނާ ދެވަން ގޭމީހުން ނިންމީމާ ރޮމުންރޮމުން ނުކުމެގެން އައި ދުވަހަށެވެ. އެ ދުވަހު އޭނާޔާ ހުމާޔޫނާ ދިމާވީ މަގުމަތިންނެވެ. ހުމާޔޫނަކީ މަގުމެދަށް ދޫކޮށްލާފައި ދާނޭ މީހެއް ނޫނޭ ބުނީ އެ ދުވަހުއެވެ. އެކަމަކު މިހާރު...

"އެންމެ ރަނގަޅު. ހިންގަވާ. ދާންވާ ގޮތް މެޑަމް ވިދާޅުވޭ." ބިލްގީސްގެ އަޑާއެކު އޭނާ ޚިޔާލީ ދުނިޔެއިން ނުކުމެ ބިލްގީސަށް މަގު ކިޔައިދޭން ފަށައިފިއެވެ. މިހާރު ހިނގަމުން އެދާ މަގުން ގޮސް ކުޑަކުޑަ ބްރިޖެއް ހުރަސް ކޮށްފައި ނުކުމެވެނީ އާޣާ ހައުސް ހުންނަ މަގަށެވެ. ބްރިޖު ހުރަސް ކުރުމަށް ފަހު ހިނގާފައި ވިއްސަކަށް މިނިޓުން ގެއަށް ދެވޭނެއެވެ.

މިއަދު އެ ވިހި މިނިޓުވެސް ވެފައި މިވަނީ ގަރުނަކަށެވެ. އެމަގަށް ނުކުމެވުމާއެކު އޭނާ އަނެއްކާވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިއްޖެއެވެ. މިއީ ކިހިނެއް ވެގެން ވީކަމެއް ހެއްޔެވެ؟ އެމީހުން މިހާރުވެސް އިހަށް އުޅުނުހައި އަރާމު ދިރިއުޅުމެއް އުޅޭނެ ބާވައެވެ؟ އެއިން އެކަކުވެސް އޭނާގެ މަތީން ހަނދާންކުރި ބާވައެވެ؟ ހަސްފަތާލަށް ދިިޔަ ހެއްޔެވެ؟ ފަވާދް ގޮސް ހުމާޔޫން ގާތު ބުނީ ކީކޭ ހެއްޔެވެ؟ އެވާހަކަޔާ ގުޅިގެން ފަރިޝްތޭ ރުއީ ކީއްވެގެން ހެއްޔެވެ؟ ހަނދާންވޭތޯ މަސައްކަތް ކުރުމާއެކުވެސް އެކަހަލަ ވާހަކައެއް އޭނާގެ ހަނދާނަކަށް ނައެވެ. އޭނާގެ ވިސްނުމުގެ ބާރުވެސް ދެރަވަނީ ކަމުގައި ވެދާނެއެވެ.

"މެޑަމްގެ ގެއަކީ މިއީތޯ؟ ހާދަހާ ރީތި ގެއެކޭ!"

އޭނާ ސިއްސައިގެން ދިޔައީ ބިލްގީސްގެ އަޑަށެވެ. އޭނާވެސް އެ އާލީޝާން ގެއާ ދިމާއަށް ބަލާން ފަށައިފިއެވެ. ގެއަކަށް މާބޮޑު ބަދަލެއް އައި ހެންނެއް ހިއެއް ނުވެއެވެ. އެކަމަކު ދޮރާށި ހުރީ ބަދަލު ކޮށްފައެވެ. މިހާރު ހުރީ ކުރިއަށްވުރެ މާ ރީތި ދޮރާށްޓެކެވެ.

މިއީ މެހެމަލް އޭނާގެ ހަޔާތުގެ އެކާވީސް އަހަރު ވޭތުކުރި ގެއެވެ. އެއް ރެއަކު އޭނާ އެ ގެއިން ނެރެލެވުނީއެވެ. ކާވެނިކޮށްގެން ފިރިމީހާއާއެކު ދިޔައީއޭ ބުނި ނަމަވެސް އޭނާ ގެއިން ނެރެ އެއްލައިލެވުނީއެވެ.

"ބިލްގީސް. ރަނގަބީލު ޖަހާ."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.