މުޞްޙަފް - 20

(19 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މެހެމަލްގެ ހިތަށް އެރިއެވެ. މިތާގައި އޮވެގެން ކަމަކު ނުދާނެއެވެ. ތިރިއަށް ދެވޭނޭ ގޮތެއް ހޯދާންވީއެވެ.

"وَ شَعْرِى نُوْرًا وَ بَشَرِى نُوْرًا" (އަދި މިއަޅާގެ އިސްތަށީގައްޔާއި ހަމުގައި ނޫރެއް ލައްވައިފާނދޭވެ.)

އެތެރެއަށް ވަންނާން ހުރި ދޮރު ހުރީ ލައްޕައިފައެވެ. އެ ދޮރު ހުޅުވައިފިއްޔާ ބޭރަށް އަޑު އިވޭނެއެވެ. އޭނާ ކަންބޮޑުވެފައި ހުރެގެން ކޮޅަށް ތެދުވެއްޖެއެވެ. އެ ވަގުތު ލައްޕައިފައި ހުރި އަލަމާރީގެ އަތްގަނޑުގައި އޮތް އެއްޗެއް އޭނާގެ ލޮލުގައި އަޅައިގެންފިއެވެ. އޭނާ އެ އެއްޗެއް ނަގައިފިއެވެ. އެއީ ކަޅު ކުލައިގެ ޖިލްބާބެކެވެ.

ހަނދުވަރުގެ އަލީގައި ރަނގަޅަށް ބަލައިލެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

"وَ جْعَلْ فِى نَفْسِى نُوْرًا" (އަދި މިއަޅާގެ ނަފުސުގައި ނޫރެއް ލައްވައިފާނދޭވެ.)

ބޭރުގައި ހުރި ކުއްޖާ އަދިވެސް ދުޢާ ކުރަނީއެވެ.

އޭނާ ޖިލްބާބް ނިއުޅުވައިލިއެވެ. އެތެރޭގައި ޢަބާޔާއަކާއި އަޅި ކުލައިގެ ބުރުގާއެއްވެސް އޮތެވެ. އޭނާ އިތުރު އެއްވެސް ވިސްނުމަކާ ނުލައި އެ ހެދުން އަޅާން ފަށައިފިއެވެ. އޭނާ އެ ވަގުތު ހުރީ ފިރިހެން ކުރުތާއަކާއި ހަރުވާޅަކާ ލައިގެން ހުސްފަޔާ ކަމުގައި އިހުސާސް ކުރެވުނީ އެ ވަގުތުއެވެ. ޢަބާޔާއަކީ އެ ވަގުތު ލިބުނު ޣަނީމާއެކެވެ.

"وَ اَعْظِمْ لِى نُوْرًا" (އަދި މިއަޅާއަށްޓަކައި ނޫރު އިތުރު ކުރައްވައިފާނދޭވެ.)

ބުރުގާއިން ކިރިޔާ މޫނު ނިވައި ކުރެވުނީއެވެ. އެއީ އާދަވެގެން ލައި އުޅޭ އެއްޗަކަށް ނުވާތީ އެހައި ފަސޭހައެއް ނުވިއެވެ. ދެން އޮތީ ކޮންމެވެސް ގޮތަކުން ތިރިއަށް ފައިބައި މަގުމައްޗަށް ނުކުތުމެވެ. ގެއަށް ދާނޭ މަގު އޭނާއަށް އެނގެއެވެ.

"الَّلــــهُمَّ اَعْطِنِى نُوْرًا" (ހައްދަވައި ބޮޑުކުރެއްވި ކަލާނކޮ. މިއަޅާއަށް ނޫރެއް ދެއްވައިފާނދޭވެ.)

އެ ކުއްޖާ ދުޢާ ކުރިއަށް ގެންދިޔައެވެ. މެހެމަލް ޢަބާޔާގެ ގޮށް އެޅުވުމަށް ފަހު ބުރުގާ ރީތިކޮށްލިއެވެ. އެޔާއެކު ކުއްލިއަކަށް މުޅި ތަނަށް ހިމޭންކަން ވެރިވެއްޖެއެވެ.

ބޭރަކުން މިހާރު އެއްވެސް އަޑެއް ނީވެއެވެ. އެ ކުއްޖާ ކުރި ދުޢާ ނިމުނީ ކަމުގައި ވެދާނެއެވެ.

އޭނާ ބިރުގެންފިއެވެ. އެހެންވީމާ އަވަސްއަވަހަށް ގޮސް ދޮރު ހުޅުވާން އުޅުނެވެ. އެ ވަގުތު އެ ކުއްޖާ އެތެރެއަށް ވަދެއްޖެއެވެ.

"އައްސަލާމް ޢަލައިކުމް... ކާކު؟" އެ އަޑަށް އޭނާގެ ހަރަކާތް ހުއްޓިއްޖެއެވެ. ދޮރާ ދިމާއަށް ދިޔަ އަތް ފަހަތަށް ދަމައިގެންފިއެވެ. އޭނާ ފުން ނޭވައެއް ލިއެވެ.

އެ ކުއްޖާ ހުރީ ޕާކިސްތާނު ހެދުމެއް ލައިގެން ދޯޕައްޓާއެއް އަޅައިގެންނެވެ. އަތުގައި ފޮތެއް އޮތެވެ. މޫނުމަތީން ފެންނަނީ ސުވާލު އުފެދިފައި ހުރިކަމުގެ އަސަރެވެ.

މެހެމަލްގެ ހިތް ތެޅޭން ފަށައިފިއެވެ. އޭނާ އެހެރީ ރަނގަޅަށް ހިފިފައެވެ. ދެން ވާނީ ކިހިނެއް ބާވައެވެ؟

"އަހަ... އަހަރެން އައީ މީހަކު މާ ރީތިކޮށް ކިޔަވާ އަޑު އިވިގެން."

"އެއީ އަހަރެން. އަހަރެން ކިޔެވީއެއް ނޫން. އެއީ ނޫރު ދުޢާ. އަހަރެންގެ އަޑު ތިރިއަށްވެސް އިވޭތަ؟" އެ ކުއްޖާ އަހައިލިއެވެ. މެހެމަލްގެ ސިކުނޑި ބާރަށް މަސައްކަތް ކުރަމުން ދިޔައެވެ. ސަލާމަތް ވާން އޮތް ގޮތަކީ މި ކުއްޖާ ވާހަކައިގައި ޖައްސައިފައި އަވަހަށް ރައްކާވުމެވެ. މަގުމައްޗަށް ނުކުމެވުމާއެކު އޭނާ ސަލާމަތްވީއެވެ.

"ރީތި އަޑެއް ވެއްޖެއްޔާ ކިތަންމެ ދުރަކަށްވެސް ފޯރާނެ. އަހަރެން އައީ މީހަކު ކިޔަވަނީ ކަމަށް ހިތައި. އެއީ ދުޢާއެއް ކަމެއް ނޭނގޭ."

"އަދި ނަމެއް ނުބުނަމެއްނު؟ ކޮން ނަމެއް ކިޔަނީ؟"

އެ ކުއްޖާ ދެ ފިޔަވަޅެއްވަރު ކުރިއަށް ޖެހިލީމާ ހަނދުވަރުގެ އަލި މޫނަށް އެޅިފައި ރަނގަޅަށް މޫނު ފެންނަ ގޮތް ވެއްޖެއެވެ. އެއީ ދޮން ކުއްޖެކެވެ. ތުންފަތް ވަރަށް ރަތެވެ. ރީތި ވިދުވަރު ގަދަ ދެ ލޮލެވެ. އެ ކުއްޖާ ރަނގަޅަށް ފެނުނީމާ މެހެމަލް ކުޑަކޮށް ސިހޭ ގޮތް ވިއެވެ. އެ ކުއްޖާ މީގެ ކުރިން ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް ވާން ފަށައިފިއެވެ. ފެނުނީވެސް ވަރަށް ކައިރިންނެވެ. މާ ގިނަ ދުވަހެއްވެސް ވާނެ ހެންނެއް ހިއެއް ނުވެއެވެ. އެ ކުއްޖާގެ ދެ ލޮލަކީ ހަމަ ގައިމުވެސް އޭނާ ދެކެފައިވާ ދެ ލޮލޭ ހިތަށް އެރިއެވެ. އެކަމަކު ޔަގީން ކުރެވޭ ވަރެއް ނުވިއެވެ.

"މެހެމަލް... އަހަރެންގެ ނަމަކީ މެހެމަލް." އޭނާއަށް އިޚްތިޔާރަކާ ނުލައި ބުނެވިއްޖެއެވެ. "އަހަންނަށް މިތަނަށް އާދެވުނީ މަގު އޮޅިގެން."

"އެހެން ދޯ؟ ދަނާލަށް އަލަށް އައި ކުއްޖެއް ދޯ؟"

އޭނާއަށް އުއްމީދުގެ އަލިކޮޅެއް ފެނިއްޖެއެވެ. މިއީ އަންހެން ކުދިންގެ ދަނާލެއްތާއެވެ.

"އާނ... އަހަރެން އައީ އިއްޔެ ހަވީރު. އާ ކުއްޖަކީން. މިހިރީ މައްޗަށް އެރިފައި. އެކަމަކު ތިރިއަށް ފައިބާނޭ ގޮތެއް ނޭނގުނު."

"ކޮޓަރި ހުންނަނީ ތިންވަނަ ބުރީގައެއްނު؟ ތިރިއަށް ދަނީ ކީއްކުރަން؟ ދަމު ނަމާދު ކުރަން ތެދުވީ ދޯ؟" އޭނާގެ ވާހަކަޔަކު ސުވާލުގެ ރާގެއް ނެތެވެ. "އަހަރެންވެސް މި ދަނީ ދަމު ނަމާދު ކުރަން ތިރިއަށް. މައި މާލަމަށް. އަހަންނާ އެކީގައި ހިނގާ."

އެ ކުއްޖާ ދޮރު ހުޅުވައިލުމަށް ފަހު ކުރިއަށް ދެތިން ފިޔަވަޅު އަޅައިފައި އެނބުރި ބަލައިލިއެވެ.

"އަހަރެންގެ ނަމަކީ ފަރިޝްތޭ... އާދޭ." އޭނާ ހިނގައިގަތީމާ މެހެމަލް ފަހަތުން ހިނގައިގެންފިއެވެ. ކުރިމަތީގައި އޮތީ ސަންގުމަރުމަރުހިލަ ޖަހައިފައި އޮތް ދިގު ހަނި މަގެކެވެ. ވައަތް ފަރާތުގައި ހުރީ ކުޑަދޮރު އަރުވައިފައެވެ. އެ ކުޑަދޮރުތަކުން އެތެރެއަށް އެޅިފައި ހުރި ހަނދުވަރުގެ އަލީގައި ތަޅުންގަނޑު އޮތީ ދިއްލިފައެވެ. ފަރިޝްތޭ ހިނގަމުން ދިޔައީ އާދައިގެ ވަރަކަށްވުރެ ތަންކޮޅެއް ބާރަށެވެ.

މެހެމަލްވެސް ހުސް ފަޔާ ފަހަތުން ހިނގަމުން ދިޔައެވެ. ދަށުން ލައިގެން ހުރި ފިރިހެން ހަރުވާޅުގެ ފައިކުރި ބައެއް ފަހަރަށް ހާސާވެއެވެ. އެކަމަކު ޢަބާޔާގެ ސަބަބުން އެހައި ބޮޑަކަށް ފާޅެއް ނުވެއެވެ.

މަގު ނިމުނު ތަނުން ފެށެނީ ސިޑިއެކެވެ. އެއީވެސް ސަންގުމަރުމަރުހިލަ ޖަހައިފައިވާ ފުޅާ ސިޑިއެކެވެ. އެ ސިޑިން ފޭބެނީ ދެވަނަ ބުރިއަށެވެ. އޭނާ ފަރިޝްތޭގެ ފަހަތުން ފައިބަމުން ދިޔައެވެ. ސިޑީގެ ފިނިކަން އިހުސާސް ކުރެވެނީ އޭނާ ހުސްފަޔާ ހުރުމުގެ ސަބަބުންނެވެ.

އެންމެ ތިރިއަށް ފޭބިއިރު ފުރަތަމަ ފެނުނީ ބޮޑު ފެންޑާއެކެވެ. މެދުގައި ހުދުކުލައިގެ ތަނބެއް ހުއްޓެވެ. ތަނބު ފަހަނައަޅައި ދެވުނީމާ ކުރިމަތީން ފެންނާން އޮތީ ބޮޑު މާލަމެކެވެ. އެތަނަށްވެސް ފެތުރިފައި އޮތީ ފަނޑު އަލިކަމެކެވެ. އޭގެ ފަހުން އަނެއްކާވެސް ފެނުނީ ތިރިއަށް ފައިބާން ހުރި ބޮޑު ސިޑިއެކެވެ. ފަރިޝްތޭ އެ ސިޑިއާ ދިމާއަށް ހިނގައިގަތީމާ މެހެމަލް ބިރުގެންފިއެވެ. އެ ސިޑިން ފައިބަނީ ވަރަށް ތިރިއަށެވެ. ހަނދުވަރުގެ އަލީގައި ފެންނަނީ ހައެއްކަ ހަރުފަތެވެ. އެންމެ ތިރީގައި ހުރީ ކޮން އެއްޗެއް ކަމެއްވެސް ނޭނގެއެވެ.

އޭނާ ޖެހިލުން ވެފައި ހުރެގެން ފަރިޝްތޭގެ ފަހަތުން ފައިބަމުން ދިޔައެވެ. އެންމެ ތިރިއަށް ފޭބުނީމާ މި ފޭބުނީ ދޫލައެއްގެ މައްޗަށްކަން އެނގުނެވެ. އެއީ ވަރަށް ބޮޑު ކޮޓަރިއެކެވެ. ކޮޓަރި ފެށެނީ ކޮން ތަނަކުން ކަމެއް ނިމެނީ ކިހައި ހިސާބަކަށްކަމެއް ނޭނގޭހައި ބޮޑެވެ. އޭނާ ގެންދިޔައީ އަނދިރީގެ ތެރޭގައި އެއްޗެއް ފެނޭތޯ މަސައްކަތް ކުރަމުންނެވެ.

ފަރިޝްތޭ ފާރުގައި އަތް ކާއްތައިލުމާއެކު ސުވިޗުތަކެއް ޖެހުނު އަޑު އިވުނެވެ. އެޔާއެކު މުޅިތަން ދިއްލި އަލިވެއްޖެއެވެ.

އެއީ ވަރަށް ބޮޑު މާލަމެކެވެ.

"ވުޟޫކުރާތަން ހުންނަނީ އެ ދިމާގައި." ފަރިޝްތޭ އޭނާގެ ދޯޕައްޓާގައި އުނަގަނޑާ ދިމާއިން ގޮށެއް ޖަހައިލަމުން އެއް ފަރާތަކަށް އިޝާރާތް ކޮށްލިއެވެ.

އޭނާ އެ ދިމާއަށް ހިނގައިގެންފިއެވެ. އެތާގައިވެސް މާ ބޮޑު އަލިކަމެއް ނެތެވެ.

މިހާރު އޭނާގެ ހަނދާނަކު ފަވާދެއްވެސް އެސްޕީއެއްވެސް ނެތެވެ.

"މެހެމަލް." ހުޅުވިފައި ހުރި ދޮރުން ބޯދީ ބަލައިލުމަށް ފަހު ފަރިޝްތޭ ބުނެލިއެވެ. "ބިސްމި ކިޔައިފައި ވުޟޫ ކޮށްލާ."

މެހެމަލް ބޯ ޖަހައިލުމަށް ފަހު ވުޟޫ ކުރާން ފަށައިފިއެވެ.

ފަރިޝްތޭ އޭނާގެ އިންތިޒާރުގައި ދޮރުމަތީގައި ހުއްޓެވެ. ވުޟޫ ކޮށްގެން ނުކުމެ އޭނާއާއެކު ނަމާދަށް ހުއްޓިއްޖެއެވެ. އެމީހުން އެ ކުރަނީ ދަމު ނަމާދެވެ. ހަށަން ބަންނާން އަތް އުފުލައިލުމާއެކު އިއްޔެ ހަވީރުން ފެށިގެން ހިނގައި ދިޔަ ކަންތައްތައް އޭނާގެ ހަނދާނަށް އަންނާން ފަށައިފިއެވެ. އެ ވަގުތު ހިތަށާއި މެޔަށް ތަދުވާހެން ހީވިއެވެ.

މަކަރުވެރިކަމާއި އިތުބާރު ނަގައިލުމާއި މޮޔަ ހެއްދި ކަމުގެ އިހުސާސް ކުރެވުނީމާ ވަރަށް ބޮޑަށް ހިތަށް އަސަރު ކޮށްފިއެވެ. ފަވާދް އޭނާއަށް ނުދީ އޮތީ ކޮން ދެރައެއް ހެއްޔެވެ؟

ނަމާދުން އަވަދިވެ ސަލާން ދީ ދުޢާއަށް އަތް އުފުލައިލުމާއެކު ދިރުއުޅުމުގެ ހުރިހައި މަހްރޫމީއެއްގެ ހަނދާން ކުރެވޭން ފަށައިފިއެވެ.

"އަހަރެން އެދި ދަންނަވާނީ ކޮން ކަމަކަށް ހެއްޔެވެ؟ ކޮން އެއްޗަކަށް ހެއްޔެވެ؟ އެދުމުގެ ފިހުރިސްތު ވަރަށް ދިގެވެ. އަހަރެން އެދޭ އެއްވެސް އެއްޗެއް މިހައި ތަނަކަށް ލިބިފައެއް ނެތެވެ. އެދޭ އެއްވެސް ކަމެއް ވެފައެއް ނެތެވެ. ރަނގަޅު ދިރިއުޅުމަކަށްޓަކައި އިންސާނަކަށް ބޭނުންވާ އެއްވެސް އެއްޗެއް އަހަންނަކަށް ނުލިބެއެވެ. އެހެން މީސްމީހުން ޖަމާކޮށްގެން އެ ގެންގުޅޭ ކަހަލަ އެއްވެސް އެއްޗެއް އަހަންނަކަށް ނުލިބެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އެހެން މީހުންނަށް ލިބިފައިވާ އެއްޗެހި އަހަންނަށް ލިބިފައި ނެތީ ކީއްވެގެން ހެއްޔެވެ؟"

އެއިން އެއްވެސް ސުވާލެއްގެ ޖަވާބެއް އޭނާގެ ހިތަކުން ނުދިނެވެ. އަޑެއް ނީވުނެވެ. އިހުސާސެއް ނުކުރެވުނެވެ. އޭނާ މޫނުގައި ފިރުމައިލުމަށް ފަހު އިސް އުފުލައި ބަލައިލިއެވެ.

މާލަމުގައި އޭނާގެ ކުރިމަތީން ފެންނާން ހުރީ ބޮޑު އިސްޓޭޖެކެވެ. އިސްޓޭޖުގައި ކުޑަ މޭޒަކާއި ގޮނޑިއެއް ހުއްޓެވެ. އެއް ފަރާތުގައި ޕޯޑިއަމެއް ހުއްޓެވެ. އެއީ ދަރުސް ދޭން ހަދައިފައި ހުރި ތަނެއް ކަމަށް ވެދާނެއެވެ.

ގޮނޑީގެ ފުރަގަހުން ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ބޯޑެއްގައި އަރަބި އަކުރުން ކޮންމެވެސް އެއްޗެކޭ ލިޔެފައި އޮތެވެ. ތިރީގައި އޭގެ ތަރުޖަމާ ލިޔެފައި އޮތެވެ. ތަރުޖަމާ ކިޔައިލެވުމާއެކު އޭނާގެ އެތެރެހަށީގައި ފިނީގެ ރާޅެއް ދައުރުކުރިހެން ހީވިއެވެ.

"اللَّهގެ ފަޟްލުވަންތަ ކަމާއި، އެކަލާނގެ ރަޙްމަތަށްޓަކައި ފަހެ، އެއުރެން އުފާކުރާހުށިކަމެވެ! އެއުރެން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ." (ޔޫނުސް ސޫރަތުގެ 58 ވަނަ އާޔަތް)

މެހެމަލް ދިޔައީ ސިއްސައިގެންނެވެ.

"މެހެމަލް. ތިޔަ ބަލަނީ ކޮން އެއްޗެއް؟" ފަރިޝްތޭ އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލުމަށް ފަހު ސުވާލު ކޮށްލިއެވެ.

"މިއީ ހާދަހާ ވަރުގަދަ އިއްތިފާގެކޭ. އެތާގައި ލިޔެފައި އެ އޮތީ ދެންމެ އަހަރެންގެ ހިތަށް އެރި ވާހަކަޔާ ގުޅޭ ވާހަކައެއް."

"އެއީ އިއްތިފާގެއް ނޫން. އެ ބޯޑު އެ ފާރުގައި ހަރުކޮށްފައި އެހެރީ މެހެމަލް މިއަދު މިތަނަށް އައިސް އެ ބޮޑުގައި އޮތް އެއްޗެއް ކިޔާނެތީ."

"އެކަމަކު އަހަރެންގެ ހިތަށް އަރާނޭ އެއްޗެއް އެ ބޯޑު ހަރުކުރި މީހާއަކަށް ނޭނގޭނެއެއްނު؟"

"ބޯޑު ހަރުކުރި މީހާއަކަށް ނޭނގޭނެ. އެކަމަކު އެ އާޔަތް ބާވައިލެއްވި ފަރާތް ދެނެވޮޑިގެންވާނެއެއްނު؟"

"ކީކޭ؟"

"މި ބުނަނީ މެހެމަލްގެ ހިތަށް ކޮން އިރަކު އަރާނީ ކީކޭކަން ޤުރްއާން ބާވައިލެއްވި ފަރާތް ދެނެވޮޑިގެން ވެއޭ. އެ ބޯޑުގައި އެ އޮތީ މެހެމަލްގެ ސިކުނޑީގައި އޮތް ވާހަކައިގެ ޖަވާބު."

"ނޫން." މެހެމަލް ބޯ ހޫރައިލިއެވެ. "އެ ވާހަކަޔަކާ އަހަރެންގެ ވިސްނުމަކާ އެއްވެސް ގުޅުމެއް ނެތް. އަހަރެން ވަރަށް ގިނަ ކަންތައްތަކާ ވިސްނަން."

"މިސާލަކަށް ކޮން ކަމަކާ؟" އޭނާ ވާހަކަ ދައްކަމުން ދިޔައީ މަޑުމައިތިރިކަމާއެކުއެވެ.

"މިސާލަކަށް އެއްވެސް ކުށެއް ނެތް މީހަކަށް ކުއްލިއަކަށް ބޮޑެތި މުސީބާތާ ކުރިމަތިލާން ޖެހެނީ ކީއްވެގެން ހެއްޔޭ އަހަރެންގެ ހިތަށް އަރާ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.