މުޞްޙަފް - 72

(23 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖާހިލިއްޔަތުގެ ތެރެއިން އިސްލާމީ ހިދާޔަތުގެ ތެރެއަށް ވަނުމަށްފަހު އަހަރެމެން އެއްފަހަރު ތައުބާ ވަމުއެވެ. އޭގެ ފަހުން މުޅި އުމުރު ދުވަސް ހޭދަކުރަނީ ޞާލިޙް ޢަމަލު ކުޅައުމުގައެވެ. އެކަމަކު އިރުއިރުކޮޅާ ނުވަތަ ތަކުރާރުކޮށް ތައުބާ ވުމަކީ އަހަރެމެން ހަނދާން ނައްތާލައިފައިވާ ކަމެކެވެ. އެއް ވަޅުގަނޑުން ސަލާމަތް ވުމަށްފަހު އަހަރެމެން ހީކޮށްގެން ތިބެނީ ދެން ދުވަހަކުވެސް ވަޅުގަނޑަކާ ކުރިމަތި ނުވާނޭ ކަމަށެވެ. އަދި ކުރިމަތިވީ ނަމަވެސް އަހަރެމެން ގަބޫލު ކުރަނީ ސަލާމަތް ވެގެން ދެވިދާނޭ ކަމުގައެވެ. އަހަރެމެން އަބަދުވެސް ގަބޫލު ކޮށްގެން ތިބެނީ ނިޢުމަތަކީ އަހަރެމެން ކުރާ ހެޔޮކަމެއްގެ އިނާމުކަމުގައެވެ. މުސީބާތަކީ ކުރާ ނުބައި ކަމެއްގެ އަދަބު ކަމުގައެވެ. މި ދުނިޔޭގައި އިންސާނަކަށް އޭނާގެ އަމަލުތަކުގެ ޖަޒާ ލިބެނީ މަދު ފަހަރަކުއެވެ. ލިބުނަސް އެ ޖަޒާއެއް ވަނީ އޭނާއަށް ކުރިމަތި ކުރައްވާ އިމްތިޙާާނަކަށެވެ. ނިޢުމަތަކަށް ޝުކުރުވެރިވުމަކީ އިމްތިޙާނެކެވެ. މުސީބާތަކަށް ކެތްކުރުމަކީވެސް އިމްތިޙާނެކެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ އިމްތިޙާނަކާއެކު އިންސާނާގެ ދުލުން ބޭރުވާން ޖެހޭ ލަފުޒަކީ حطّة އެވެ. އެކަމަކު އެފަދަ ދަނޑިވަޅެއްގައިވެސް އަޅުގަނޑުމެން އެދެނީ ގޮދަނަށެވެ.

އިންސާނާގެ ދިރިއުޅުން އައު ފިޔަވައްސަކަށް އަނބުރައިލެއްވީމާ ޖެހެނީ ތައުބާ ވާށެވެ. މަޢާފަށް އެދޭށެވެ. އެކަމަކު އޭނާ އެދުނީ "ހުމާޔޫން" އަށާއި "ތައިމޫރް" އަށެވެ. حنطة حنطة އޭ ގޮވަން ފެށްޓީއެވެ. ގޮދަނަށް އެދުމަކީ ނުބައި ކަމެއް ނޫނެވެ. އެކަމަކު ފުރަތަމަ ޖެހެނީ މަޢާފަށް އެދޭށެވެ. އޭނާ އުޅުނީ ފުރަތަމަ ހަރުފަތަށް ނާރައި ދެވަނަ ހަރުފަތުގައި ފައި އަޅާށެވެ. އެހެން ހަދައިގެން ރާސްތާ ކަޑައްތު ކުރާނީ ކިހިނެއް ހެއްޔެވެ؟

މޭޒުމަތީގައި ބޯ އަޅައިގެން އޮވެ ރޮވުނީ ކިހައި އިރެއް ވާންދެން ކަމެއް މެހެމަލަކަށް ނޭނގެއެވެ. މިއަދު އޭނާގެ ހަނދާނަށް އަންނަނީ މިހައިތަނަށް ކުރެވިފައި ހުރި ހުރިހައި ފާފައެކެވެ. ހުރިހައި ކުށެކެވެ. އޭނާ އަނެއްކާވެސް ތައުބާ ވަނީއެވެ. "ރަނގަޅު" މީހަކަށް ވުމަށްފަހު ތަކުރާރުކޮށް ތައުބާ ވާކަށް އަހަރެމެން ހަނދާނެއް ނުހުރެއެވެ.

އަމިއްލައަށް ޤުރްއާން ނުކިޔެވޭފަދަ މަރުހަލާތަކެއް ދިރިއުޅުމުގައި ކުރިމަތިވެއެވެ. އެފަދަ މަރުހަލާތަކުގައި އެހެން މީހަކު ކިޔަވާ އަޑު އަހާން ވާނެއެވެ. ކީރިތި ޤުރްއާނުގެ އަޑު އިވުނީމާ ލޮލުން ކަރުނަ އަންނާން ވާނެއެވެ. ބައެއް ފަހަރަށް ޤުރްއާނުގެ އަޑު އަހާނީ އުފާވާށެވެ. އަނެއް ބައި ފަހަރު އަޑު އަހާނީ ރޯށެވެ.

މި ވަގުތު އޭނާ ބޭނުންވަނީ ރޯށެވެ. ޤުރްއާން އަޑު އަހާން އިނދެގެން ރޯށެވެ. ޤުރްއާނުގެ ކެސެޓުތައް ހުރީ މޭޒުމަތީގައެވެ. ޓޭޕްރިކޯޑަރުވެސް އެބަހުއްޓެވެ. އޭނާ ކެސެޓެއް ނަގައި ލެއްވުމަށް ފަހު ފިތަކަށް އޮބައިލިއެވެ. މިވަގުތު މާނަ ދެނެގަންނާކަށްވެސް އަދި ފަހުމުކުރާކަށްވެސް އޭނާ ބޭނުމެއް ނުވެއެވެ. ބޭނުމީ އަޑު އަހާން އިނދެ ރޯށެވެ.

އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އިވެނީ ޤާރީ ޞުހައިބްގެ އަޑެވެ. ޟުޙާ ސޫރަތެވެ.

"والضُّحى" (ދުވާލުގެ ކުރީކޮޅު ގަންދެއްވަމެވެ.)

އޭނާ ހިމޭންކަމާއެކު އަޑުއަހަން އިނެވެ. އޭނާގެ ހަނދާނަށް އަންނަނީ މި ގޭގެ ވެރިއެއްގެ ގޮތުގައި އޭނާ ހޭދަކުރި ރޯޝަން ދުވަސްތަކެވެ.

"އަދި ރޭގަނޑު އަނދިރިކަން ފެތުރި، ހިމޭންވާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ."

އޭނާގެ ހަނދާނަށް އަންނަނީ ހުމާޔޫން އޭނާ ވަރިކުރި ރެއެވެ. އޭނާ ހަމަ މި ކޮޓަރީގައި އިނދެގެން ފަންގިފިލައަށް ބަލަމުން ދިޔަ ރެއެވެ.

"ކަލޭގެފާނު ވެރިރަސްކަލާނގެ، ކަލޭގެފާނު ދޫކޮށެއް ނުލައްވަތެވެ. އަދި ނުރުހުންވެވޮޑިއެއް ނުގަންނަވަތެވެ."

އޭނާގެ ލޮލުން އަދިވެސް ކަރުނަ ފައިބަނީއެވެ. އޭނާގެ ސިކުނޑީގައި ހިނގާ ކަންތައްތަކަށް ދާންދެން އެކަލާނގެ ދެނެވޮޑިގެންވެއެވެ.

"އަދި ކަލޭގެފާނަށްޓަކައި، ދުނިޔެއަށްވުރެ، އާޚިރަތް ހެޔޮކަން ބޮޑުކަން ކަށަވަރެވެ." (ފެށުމަށްވުރެ ނިމުން ހެޔޮކަން ބޮޑެވެ.)

އޭނާ އެސްފިޔަ ތަޅުވައިލިއެވެ. އޭނާގެ ނިމުން ނުވަތަ އޭނާއަށް މެދުވެރިވާން އުޅޭ ހާލަތު ހަމަ ހަގީގަތުގައިވެސް ރަނގަޅުވާނެ ހެއްޔެވެ؟

"އަދި ނިކަންހުރެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ކަލޭގެފާނަށް ދެއްވާނެކަން ކަށަވަރެވެ. ދެން ކަލޭގެފާނު ރުހިވަޑައިގަންނަވާނެތެވެ."

މެހެމަލް އިސް އުފުލައިލިއެވެ.

ﷲ އޭނާގެ ކަންތައްތަކަށް ބައްލަވައިވޮޑިގެންވާ ވަރު ހާދަހާ ބޮޑެވެ. އޭނާއަށް މިހާރުވެސް ތަސައްލީ ދެއްވަނީއެވެ. ހަމަ ހަގީގަތުގައިވެސް ﷲ ކޯފާވެވޮޑިގެން ނުވަނީ ހެއްޔެވެ؟ އޭނާ ދޫކޮށެއް ނުލައްވާ ހެއްޔެވެ؟

"ކަލޭގެފާނު ޔަތީމަކު ކަމުގައިވަނިކޮށް އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގެން ނުވޭހެއްޔެވެ؟ ދެން އެކަލާނގެ، ކަލޭގެފާނަށް ހިޔާވަހިކަން ދެއްވިއެވެ."

އޭނާގެ އަނގަ ހުޅުވުނެވެ. މި... ހުރިހައި ވާހަކައެއް... މިހައި ފާޅުކަންބޮޑުކޮށް، މިހައި ސާފުކޮށް... މިއީ ސީދާ އޭނާގެ ވާހަކައެވެ. އޭނާއަކީ ﷲ ސީދާ އޭނާޔާ ވާހަކަފުޅުދައްކަވާ ވަރުގެ ގާބިލު މީހަކު ހެއްޔެވެ؟

"އަދި ކަލޭގެފާނު ޙައިރާންވެވަޑައިގެންވަނިކޮށް، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނަށް މަގުދެއްކެވިއެވެ."

އޭނާ އަޑުއަހަމުން ގެންދިޔައެވެ. އެއީ ތެދެވެ. ކަންތައް ވީ ހަމަ އެހެންނެވެ.

"އަދި ފަޤީރަކު ކަމުގައި ކަލޭގެފާނުވާތީ، އެކަލާނގެ ކަލޭގެފާނު ދެކެވޮޑިގަތެވެ. ދެން އެކަލާނގެ ކަލޭގެފާނު މުއްސަނދިކުރެއްވިއެވެ."

އޭނާގެ ކަރުނައަކަށް ހުއްޓުމެއް ނާދެއެވެ. ހަށިގަނޑުގައި ކުޑަކުޑަ ތުރުތުރެއްވެސް އެކުލެވިއްޖެއެވެ.

"ދަންނާށެވެ! ފަހެ، ކަލޭގެފާނު، ޔަތީމްކުއްޖާ ނިކަމެތިކޮށް ނުލައްވާށެވެ! އަދި ދަންނާށެވެ! ފަހެ، ކަމަކަށްއެދި އަންނަ މީހާޔަށް، ކަލޭގެފާނު އަޑުލައި ނަހައްދަވާށެވެ! އަދި ދަންނާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ ދެއްވި ނިޢުމަތުގެ ވާހަކައިން، ފަހެ، ކަލޭގެފާނު ވާހަކަ ދައްކަވައި އުޅުއްވާށެވެ!"

ޟުޙާ ސޫރަތް ނިމިއްޖެއެވެ. ސޫރަތުގެ އެގާރަ އާޔަތުގައި އެވަނީ އޭނާގެ ޙަޔާތުގެ ވާހަކަ ބަޔާންކޮށް ދެއްވައިފައެވެ. ހީވަނީ ހަމަ ދާދި ދެންމެއަކު ބާވައިލެއްވީހެންނެވެ. ސީދާ އޭނާއަށްޓަކައެވެ.

އޭނާ ލޯމަރައިލިއެވެ. ބޭނުންވަނީ އިރުކޮޅަކު ފިކުރުކޮށް ވިސްނައިލާށެވެ.

އޭގެ ފަހުން ފަރިޝްތޭއާ ވާހަކަ ދައްކާށެވެ.

ބާވީސް

ބާރަށް ގުގުރާލައިފިއެވެ.

މެހެމަލް ކުޑަދޮރުން ބޭރު ބަލައިލިއެވެ. އިރުއޮއްސެން އުޅެނީއެވެ. ދެން އޭނާ ބަލައިލީ ކޮޓަރީގެ ދޮރާ ދިމާއަށެވެ. ދޮރު ހުރީ ލައްޕައިފައެވެ. ބޭރުން ފިޔަވަޅުގެ އަޑު އިވެއެވެ. މީގެ ދެތިން މިނިޓެއް ކުރީން ފަރިޝްތޭ ގެއަށް ވަންތަން އޭނާއަށް ވަނީ ފެނިފައެވެ. އޭނާ ގެއަށް ވަންތާ މާ ގިނަ އިރެއް ނުވެ ހުމާޔޫންގެ ކާރު އައިސް އެތެރެއަށް ވަދެއްޖެއެވެ. އެކަމަކު ދެތިން މިނިޓުވެސް ނުވަނީސް ހުމާޔޫން ކަރުދާސްތަކެއް ހިފައިގެން އަނެއްކާވެސް ބޭރަށް ހިނގައްޖެއެވެ. ކާރު އެ ނުކުތީ ހަމަ ދެންމެއަކުއެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލީ އަޑު އިވުނީ ދޮރުވާނު ދޮރާށި ލެއްޕިތަން އޭނާ ބަލަހައްޓައިގެން އިންދައެވެ.

"މެހެމަލް." ފަރިޝްތޭ އޭނާގެ އާދައިގެ މަތީން ވަރަށް މަޑުމައިތިރި ރާގަކަށް ގޮވައިލިއެވެ. އަދި ދޮރު ހުޅުވައިލިއެވެ. މިހާރު އިހަށް ގޮވައިލާހެން އެހައި ގިނައިން ފަރިޝްތޭ ސަލާން ގޮވައެއް ނޫޅެއެވެ. މެހެމަލަށް ފާހަގަ ކުރެވުނީ މިހާރުއެވެ.

މެހެމަލް އެނބުރި ބަލައިލިއެވެ.

ފަރިޝްތޭ އެތެރެއަށް ފިޔަވަޅެއް އެޅިއެވެ. އޭނާގެ ބިއްލޫރި ދެލޮލުން ވިދުވަރެއް ފާޅުވިއެވެ. ފިޔާތޮށި ކުލައިގެ ހެދުމެއް ލައިގެން އެހެރަ އަންހެން ކުއްޖާއަކީ ކާކު ހެއްޔެވެ؟ މިހާރު ހީވަނީ ބީރައްޓެއްސަކު ފެންނަނީ ހެންނެވެ.

"ކިހިނެއް؟" އޭނާ ހިނިތުންވެލާފައި އެތެރެއަށް ވަދެގެން އަތުވެއްޖެއެވެ. "މެހެމަލް އަހަރެން އެބަ ހޯދައޭ ބިލްގީސް ބުނި."

އޭނާ މޭޒުމަތީގައި ހުރި ސާމާނު ތަރުތީބު ކޮށްލިއެވެ. އެއީވެސް އޭނާގެ އާދައެކެވެ.

"އާނ. ދައްތަ ވީތަނެއް ނޭނގުނީމާ އަހައިލީ." މެހެމަލް ބަލައިވެސް ނުލައި ބުނެލިއެވެ.

އޭނާއަށް އަދިވެސް ތައިމޫރްގެ ވާހަކަ ގަބޫލު ކުރާކަށް ފަސޭހައެއް ނުވެއެވެ. ފަރިޝްތޭ އެހެންނެއް ނުހަދާނެއެވެ. އެއްގޮތަކަށްވެސް އެކަހަލަ ކަމެއް ނުކުރާނެއެވެ. ތައިމޫރަށް އޮޅުމެއް އެރީކަމުގައި ވެދާނެއެވެ.

"އަހަރެން މި އައީ ރައްޓެއްސަކާ އެކީގައި ބާޒާރަށް ގޮސްފައި." ފަރިޝްތޭ މަޑުމަޑުން ބުނެލިއެވެ.

އޭނާ އެހެދީ ދޮގެއް ނޫނެވެ. އަދި މުޅީން ތެދެއްވެސް ނޫނެވެ.

"ދައްތަ ކުރިއަށް ވިސްނާފައި އޮތީ ކިހިނެއް؟ އަހަރެން ދިޔައީމާ ދައްތަ ހަދާނީ ކިހިނެއް؟"

"ހަދާނެ ގޮތަކާމެދު ވިސްނާނީ. ފަހުން ބަލަމާ އުޅޭ ދޯ؟" ފަރިޝްތޭ މޭޒުމަތީގައި ހުރި މާ ވަށިގަނޑު ރަނގަޅުކޮށްލިއެވެ. އޭނާގެ ޖަވާބުގައި ދޮގެއްވެސް ނެތެވެ. އަދި މުޅީން ތެދަކަށްވެސް ނުބުނެއެވެ.

"މެހެމަލް މިއަދު ކީއްކުރީ؟" ފަރިޝްތޭ އަހައިލިއެވެ.

"މާބޮޑު ކަމެއް ނުކުރަން."

ދެމީހުންވެސް ހިމޭން ވެއްޖެއެވެ. އަމިއްލަ ވިސްނުމެއްގެ ތެރެއަށް ވަނީ ކަހަލައެވެ.

ހަގީގަތް ދެނެގަންނާން އޭނާއަށް އޮތީ އެންމެ ގޮތެކެވެ. އޭނާ ގަސްތުކުރީ އެ ގޮތް ޚިޔާރު ކުރާށެވެ.

"ދައްތާ. އެ ހަށިގަނޑު ބޭއްވީ ކޮން ގޮނޑިއެއްގައި؟"

"ކޮން ހަށިގަނޑެއް؟" ފަރިޝްތޭ މެހެމަލާ ދިމާއަށް ބަލައިލިއެވެ.

"ޤުރްއާނުގައި ވަކި ހަށިގަނޑެއްގެ ވާހަކައެއް އޮވެއެއްނު؟ އެ ހަށިގަނޑު ކޮންމެވެސް ގޮނޑިއެއްގައި ބޭއްވި ވާހަކަ... ހަނދާންވެއްޖެތަ؟ އެއީ ކޮން ގޮނޑިއެއް؟" އޭނާ ވާހަކަ ދެއްކި ގޮތުން ހީވަނީ ހަނދާން ނެތިގެން އުޅެނީހެންނެވެ.

ފަރިޝްތޭ އިރުކޮޅަކު ވިސްނައިލުމަށް ފަހު ބޯ ހޫރައިލިއެވެ. "ހަނދާނެއް ނުވި."

މެހެމަލަށް ހުރިހައި ސުވާލެއްގެ ޖަވާބު ލިބިއްޖެއެވެ. ފަރިޝްތޭ މިހާރު ޤުރްއާން ހަނދާން ނެތިއްޖެއެވެ. ޤުރްއާން ގަވާއިދުން ކިޔަވާނަމަ ހަނދާން ހުންނާނެއެވެ. އޭނާ ޤުރްއާން ކިޔެވުން ހުއްޓައިލައިފިއެވެ. ޤުރްއާން ކިޔެވުން ހުއްޓައިލުމާއެކު ޤުރްއާން އެމީހާ ދޫކޮށްލާނެއެވެ. ހަނދާން ނެތެން ފަށާނެއެވެ. އެއީ ﷲ ގެ ފޮތުގެ ސުންނަތެވެ. އެކަމަކަށް ބަދަލެއް ނާންނާނެއެވެ.

"އެއީ ސުލައިމާން ޢަލައިހިއްސަލާމްގެ ގޮނޑިކޮޅު."

"އެހެންތަ؟" ފަރިޝްތޭ މޭޒު ފޮހެލިއެވެ.

"ދައްތާ. ދައްތަ އެހެން ހެދީ ކީއްވެގެން؟" މެހެމަލް ވަރަށް ހިތާމަވެރި ރާގަކަށް އަހައިލިއެވެ. ކުޅިވަރު ނުކުޅެ ހަގީގަތާ ކުރިމަތިލުމުގެ ވަގުތު ޖެހިއްޖެއެވެ.

"ކޮން ކަމެއް؟" ފަރިޝްތޭ އޭނާޔާ ދިމާއަށް ބަލައިލިއެވެ. އޭނާގެ މޫނުމަތީން އާދަޔާ ޚިލާފު އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.

"މިގޭގައި މިހިނގާ ކަންތައްތައް. ހުރިހައި ކަމެއް ދެނެގަންނާން އަހަރެން ބޭނުން."

"ކޮން ކަމެއް؟" ފަރިޝްތޭގެ މޫނުމަތީން އަދިވެސް އާދަޔާ ޚިލާފު ކުލަވަރެއް ނުފެނެއެވެ.

"ހުރިހައި ކަމެއް."

(ނުނިމޭ)

4 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.